21 Aug 2017

ނުވަ މަސް

By: Mariyam Yasma

* އޯގަސްޓް 17 ވަނަ ދުވަހުގެ ބަޔާ ގުޅޭ ...

ޒާކިން ޖަވާބެއް ނުދީ ގޮސް އަހަންނަށް ފުރަގަސްދީގެން ހުއްޓި، އެތާހުރި އެނދުގެ ދަގަނޑު ފަޑީގައި ދެއަތް ވިއްދާލި އެވެ. މަޑު މުށިކުލައަކަށް ދާ ގަމީހުގެ އަތް، ކޮނޑާއި އުޅަބޮށްޓާއި ދެމެދަށް ވަކިން ބޮޑަށް ބާރުވެފައިވާކަން ފާހަގަވެ އެވެ. ބައިމަތި ފުޅާވެފައި ތިރިއަށް ހިމަވަމުން އައިސް ވީ ބަށްޓަން ޖެހިފައިވާ ހަށިގަނޑެކެވެ. ކަޅުކުލަގަދަ އިސްތަށިގަނޑު ކުރުކޮށް ކޮށާލައިފައި އޮތްއިރު ދެ އަރިމަތިންނާއި ފުރަގަހުން ބޮޑަށް ތުނިކޮށްލައިފަ އެވެ.

ހިމޭންކަމުގައި ހޭދަވެގެން ދިޔަ މަދު ސިކުންތުކޮޅު ޤަރުނެއްހާ ދިގެވެ. އަހަރެންގެ ހިތުގެ އަޑު ބާރު ކަމުން ޒާކިންއަށް އިވޭނެ ކަމަށް ހީކުރެވުނެވެ. ބަލަހައްޓައިގެން ހުއްޓާ އޭނަ އެނބުރުނެވެ.

"ބުނީމެއްނު ނަރުސްކަން ކިޔަވައިގެން ހުއްޓަސް ވަޒީފާ އަދައެއް ނުކުރާނަމޭ." ޒާކިން ދެއަތް ނެގި ތަނުގައި ބުރަކަށި ޖައްސާލައިގެން ލެނގިލަމުން ހަށަން ބަނދެލި އެވެ. އެއަޑުގައި ހުރީ ކުށްވެރިކުރާ ރާގެކެވެ.

"މީހުންނަކީ ބަދަލުވާ ބައެއް." ހިނދުކޮޅަކަށްވެސް މަޑުޖެހި ނުލައި އަހަރެން ރައްދު ދިނީމެވެ.

އަހަރެން އެހެން ބުނީ ކޮން މާނައެއްގައިކަން ޒާކިންއަށް އެނގުނެވެ. އެމޫނުގެ ކުލަ ފަނޑުވި އެވެ. އަހަރެން ދެވަނަ ފަހަރަށް ވާހަކަދެއްކީ އޭނަ އިތުރު އެއްޗެއް ނުބުނީމަ އެވެ. ހަމަޖެހިލަމުން އަހަރެން ޔުނީފޯމްގެ ކުރިމަތީ ދެޖީބަށް އަތް ޖަހާލީމެވެ.

"ޒާކިން އެއްފަހަރުވެސް ނުބުނޭ ޑޮކްޓަރުކަން ކިޔަވައިގެން ހުރި ވާހަކައެއް." އަހަރެންވެސް ޒާކިން ބުނި ރާގުގައި ބުނެލީމެވެ. އާންމުކޮށް ވާހަކަދައްކާ ގޮތާ ޚިލާފަށް ކުރު ނަމުގެ ބަދަލުގައި ފުރިހަމަ ނަން ބޭނުން ކުރުމުން އޭނަ ބުމަ އަރުވައިލި އެވެ. އަހަރެންނަށް ރަނގަޅީވެސް އޭނައަށް ފާހަގަ ވުމެވެ. އަހަރެމެންގެ މެދުގައި މިހާރު ކުރިން އޮތް ގުޅުމެއް ނެތެވެ.

"ނާހަމެއްނު." ޒާކިންގެ މޫނުގައި އެއްވެސް އަސަރެއް ނުވެ އެވެ. އޭނަ ހުރީ ހަމަޖެހިފަ އެވެ. އޭނަ އެހެން ބުނުމުން އަހަރެން ހަނދާންކޮށްދިނީމެވެ. އަހަރެމެން އެކުގައި އުޅުނުއިރު އޭނަގެ ޒާތީ ވާހަކަ ޒާކިން އެއްގޮތަކަށް ވެސް ނުދައްކަ އެވެ. އާއިލާގެ ވާހަކަ ފަށާއިރަށް ވެސް މޫޑު ގޯސް ވެދާނެ އެވެ. އެހެންވެ އަހަރެން އެފަދަ ވާހަކަ ދެއްކުން ހުއްޓާލީ އެވެ. އަހަރެންނަށް މުހިންމު ވީ ޒާކިންގެ ހިތްހަމަ ޖެހުމެވެ. އޭނަ އުފަލުގައި ހުރުމެވެ. އޭނަ އަމިއްލައަށް ބޭނުންވި ދުވަހަކުން ހަޔާތުގެ ހުރިހާ ސިއްރެއް ކިޔައިދޭނެ ކަމަށް ހުރީ އުންމީދުކޮށްގެންނެވެ. އެކަމަކު މިއަދު އަހަރެމެންނަށް އާދެވިފައި ހުރި ހިސާބުން މިހާރު އެއީ ސުވާލު އުފެދޭ ކަމެކެވެ.

"ކިހިނެއް ހާލު؟" އަހަރެންގެ ވާހަކަ ނިމުމުން ޒާކިން އެހި އެވެ.

މިފަހަރު އެއަޑުގައި އޯގާތެރިކަމެއްވި އެވެ. ހަތަރުކަޅި ހަމަކޮށްގެން ނުހުންނަން ވެގެން އަހަރެން ތިރި ބަލަން ފެށީމެވެ. ރަނގަޅޭ ބުނެ ޖަވާބު ދިނީ އެހެން ހުރެފަ އެވެ.

"އަދިވެސް ކޮންމެ ދުވަހަކު ހޮޑު ލެވޭތަ؟" ޒާކިން އަނެއް ސުވާލު ކުރި އެވެ.

އަހަރެންނަށް ސިހިފައި ބަލައިލެވުނެވެ. ޒާކިން އެކަންކަން އޮޅުންފިލުވަނީ ކީއްކުރަން ހެއްޔެވެ؟

"ތިގޮތަށް ވާހަކަދައްކާނެ ކަމެއް ނެތް!" ރުންކުރުވެފައި އަހަރެންނަށް ބުނެލެވުނެވެ. "ކޮން ގޮތަކަށް؟" ޒާކިން ބުމަ އަރުވައިލި އެވެ.

"މާ އަޅައިލާ ކަމަށް ހެދިގެން." ފަސްޖެހުމެއްނެތި އަހަރެން ޖަވާބުދިނީމެވެ. އެވަގުތު ބަލަން ހުރީ ވެސް ސީދާ މޫނަށެވެ.

އެއަޑު އަހާފައި ޒާކިން ހިމޭނުން އިރުކޮޅަކު ބަލަން ހުއްޓެވެ. ދެން ހަށަން މޮހާލައިފައި އެއް އަތް ޖީބަށް ޖަހާލައިފި އެވެ. އަނެއް އަތުން ކަނދުރާމަތީ ފިރުމައިލި އެވެ. ބަލަހައްޓައިގެން ހުންނަން އުދަނގޫ ވެގެން އަހަރެން އަނެއްކާ ވެސް މޫނު އަނބުރާލީ ދުރަށެވެ.

"އައި ޑޫ ކެއަރ ފޯ ޔޫ.....އިޓްސް ނޯ ސީކްރެޓް." ޒާކިން އިއްވައިލި އެވެ.

ބުނި ބަހުގެ ތެދުކަން ޒާކިންގެ އަޑުން ޔަޤީންކޮށްދިނެވެ. އަހަރެންނަށް އެކަން ނޭނގެނީއެއް ނޫނެވެ. އެކަމަކު އެހާ ފަސޭހައިން ބުނެލުމުން އަސަރު ކުރި އެވެ. އަހަރެންގެ ހިތަށް ކަށްޓެއް ހަރައިލެވުނު ކަހަލަ އެވެ. ލޮލަށް ކަރުނަ ގިނަވާން ފެށުމުން ތުންފަތުގައި ދަތް އަޅައިލަން މަޖުބޫރުވި އެވެ. ޒާކިން ކުރިމަތީ އަމިއްލަ ބަލިކަށިކަން ދައްކާކަށް އަހަރެން މިހާރު ބޭނުމެއް ނުވެ އެވެ. އެދުވަސް ފަހަނަ އަޅައި ހިނގައްޖެ އެވެ.

"ދައްކަން އިތުރު ވާހަކައެއް ނެތިއްޔާ އަހަރެން ދަނީ." އަހަރެން ދާން ހިނގައިގަތީމެވެ.

"އައިމް ނޮޓް ޑަން." ޒާކިން ހުރިތަނުން ދުރަށް ޖެހިލައި އަހަރެންނާއި ދޮރާ ދެމެދު ހުރަހަކަށް ވާނެހެން ހުއްޓުނެވެ.

އެކަމަކު އަހަރެމެންގެ މެދުގައި ފުދޭވަރަކަށް ދުރުމިން ހުއްޓެވެ. އޭނަ އިތުރަށް ވެސް ހުރަސް އަޅާނެކަން އެނގުމުން އަހަރެން އެހިޔާލު ދޫކޮށްލީމެވެ. ހިތްހަމަނުޖެހިފައި ހުރިމީހަކު ފަދައިން ބުމަ ކައިރިކޮށްލީމެވެ. ޒާކިން ދެން އެހީ ޑޮކްޓަރަށް ދައްކަން ފަށައިފިންތޯ އެވެ. އަހަރެންގެ ކުލަވަރު ބަދަލުވީ އެސުވާލުންނެވެ. ޖަވާބު ނުދެވިގެން އަނެއްކާ ވެސް ދަތް އަޅާލެވުނީ ތުންފަތުގަ އެވެ. އެހަރަކާތުން ޒާކިން ދެނެގެންފި އެވެ. އޭނަ އަބަދުވެސް އަހަރެންގެ ކުލަވަރުން ހިތުގެ ހާލު ދެނެގަނެ އެވެ.

"ކީއްވެ ނުދައްކާ ލަސް ކުރަނީ؟ ތީ އެއްގޮތަކަށް ވެސް ރަނގަޅު ކަމެއް ނޫން. އިޓްސް ފޯ ޔޫ އެން........ބޭބީ." " ޒާކިން ދެފިޔަވަޅެއްވަރު އަޅާލައިފައި އައިސް ދާދި ގާތަށް ހުއްޓިއްޖެ އެވެ.

ނުކެރިގެން އުޅޭފަދަ ގޮތަކަށް އަތް ނަގައިފައި، ތިރިކޮށްލައިފައި، އެންމެފަހުން އަހަރެންގެ ދެކޮނޑުގައި ހިފަހައްޓައިލަން އުޅުނެވެ. އަހަރެންނަށް ކެތްކުރެވުނީ އެހިސާބަށެވެ.

"ޑޯންޓް!" ދެދަތްޕިލަ ޖައްސާ ބާރުކޮށްލަމުން އަހަރެން ބުނެލީމެވެ.

ލޮލުން ފައުޅުވަމުން ދިޔަ ރުޅިއާ އެކުވެސް ލޮލުން ކަރުނަ ތިއްކެއް ފޭދިގެން ދިޔަ އެވެ. އަހަރެންނަށް ވީ ގޮތް ފެނުމުން ޒާކިން ދެއަތް އުފުލާލައިފައި ފަހަތަށް ޖެހުނެވެ. އޭނަގެ ނަޒަރު ހިނދުކޮޅަކަށްވެސް އަހަރެންގެ މޫނަކުން ނުނެއްޓެ އެވެ. ކޯތާފަތް ފުހެލައިފައި އަހަރެން ދިޔައީ ނިކުންނަން ވެގެންނެވެ. ޒާކިން ހުރިގޮތަށް ހުރީ އެވެ.

"އަހަންނަށް ވަރަށް ރަނގަޅު ކުރިއަށް އޮތް ތާގައި މިތާތެރެއިން އަހަރެންނާ ބައްދަލު ނުކުރިއްޔާ." އެނބުރި ގޮސް ރިސެޕްޝަނުގައި ހުރެގެން އަހަރެން ޒާކިންއަށް މެސެޖް ކޮށްލީމެވެ.

***

ޑިއުޓީ ނިންމާފައި ދިޔައިރު އެހެން ހުރިހާ ދުވަހަކަށްވުރެ ވަރުބަލިހެން ހީވި އެވެ. އެނދަށް އެރި ގޮތަށް އަހަރެން އޮތީ ލޯމަރާލައިގެންނެވެ. އިރުކޮޅަކުން ދޮންތަ ކޮޓަރި ތެރެއަށް ބޯ ދިއްކޮށްލާފައި ކާން ދާން އެނދުނެވެ. އެކަމަކު އަހަރެން އޮތް ގޮތަށް އޮތީ އެވެ. ޖަވާބު ނުދިނުމުން ދޮންތަ ނިކުތެވެ.

ނިދަން އޮއްވައި ލޮލުން އަންނަން ފެށީ ކަރުނަ އެވެ. އަހަރެން އުޑުތިލަ މައްޗަށް އޮވެ، ދެއަތް މުށްކަވާލައިފައި ގެނެސް ހިތާ ދިމާލުގައި ޖައްސާ ބާރުކޮށްލެވުނެވެ. ޒާކިން ފެނުމުން ހުރިހާ ޒަޚަމްތައް ތާޒާ ވެއްޖެ އެވެ. ކޮންމެ ދުވަހަކު އޭނަގެ ކުރިމައްޗަށް ދާން ޖެހޭ ތާކު ވަޒީފާ އަދާކުރާނީ ދެން ކިހިނެއް ހެއްޔެވެ؟

ތެދުވެގެން ގޮސް ދޮރު ތަޅުލާފައި އަހަރެން އައިސް އެނދަށް އެރީ ލެޕްޓޮޕް ހިފައިގެންނެވެ. އުނގުމަތީ ލެޕްޓޮޕް ބަހައްޓައިގެން ހުޅުވައިލީމެވެ. ޑީ ޑްރައިވްގެ ފޯލްޑާތައް ހާވާލައިފައި އަހަރެން ހުޅުވީ "ވެޑިން ޕިކްސް" ގެ ނަމުގައި އިން ފޯލްޑާ އެކެވެ. އެއާއެކު ސްކްރީން ފުރާލީ އަހަރެންނާއި ޒެކްގެ ފޮޓޯތަކުންނެވެ.

ހަތް މަސް ކުރިން އަހަރެންނާއި ޒާކިން ފުރަތަމަ ބައްދަލު ވީ ލަންކާއިންނެވެ. ކޯސް ނިންމާފައި އަހަރެން ގޮސް ހުރީ ލަންކާގައި ދިރިއުޅޭ ތުއްތަ ކައިރީގަ އެވެ. ތުއްތައާ އާޒިމްބެގެ ދެވަނަ ދަރިފުޅު ވިހަން ތައްޔާރު ވެފައިވާއިރު ދޮށްޓަށް ތިން އަހަރުގެ ކުއްޖަކު ހުރެ އެވެ. އަހަރެންގެ ޒިންމާ އަކަށް އޮންނަނީ ތުއްތު އާކިފް ބެލުމެވެ. ޒާކިން ހުރީ ތުއްތަމެންގެ ގެއާއި ކުރިމައްޗަށް ވާ ގޮތަށް ހުންނަ އޭނަގެ އެކުވެރިއެއްގެ ގޭގަ އެވެ. އަހަރެމެންގެ ގުޅުން ބަދަހި ވީ އެގޮތުންނެވެ.

ދޮރުފަތުގައި ޓަކި ޖަހަން ފެށުމުން އަހަރެންނަށް ހޭވެރިކަންވި އެވެ. އަވަހަށް ލެޕްޓޮޕް ލައްޕާލައިފައި ގޮސް ހުޅުވިއިރު ދޮންތަ އެވެ.

"ނުވެސް ކަނީތަ؟....." ދޮންތަ ސުވާލު ކުރި އެވެ.

އެމޫނުގައި ހުރީ ކަންބޮޑުވުމެވެ. ޒާކިން އަހަރެން ދޫކޮށްލި ފަހުން ދޮންތަ ހުންނާނީ އަހަރެންނަށް ކިރިޔާ ވެސް ކަމެއް ދިމާވޭތޯ ބަލަ ބަލަ އެވެ.

"ކޯއްޗެއް ކާން ހުރީ؟" އަހަރެންގެ ބޭނުމަކީ ދޮންތަ ހިތްހަމަޖެއްސުމެވެ.

ކާން ހުރި އެއްޗެހީގެ ވާހަކަ ބުނުމުން އަހަރެން ޝައުޤުވެރިކަން ފައުޅު ކުރީމެވެ. އިރުކޮޅަކުން ނިކުމެ ކާން ތިބިއިރު އަހަރެންގެ މޫނަށް ދޮންތަ ބެލި އެވެ. ވާހަކައެއް ދައްކަން ބޭނުންވެފައި އިންހެން ހީވެއޭ ބުނެލި ގޮތުން އަހަރެން ކޮށިނޭރީ ކިރިޔާ އެވެ. ބަސްބުނުމަކާ ނުލާ ދޮންތައަށް އަހަރެންގެ އިހްސާސްތައް އެނގެނީ ކިހިނެއް ހެއްޔެވެ؟ އަހަރެން ޖަވާބުދިނީ މަޑުމަޑުން ދެފަރާތަށް ބޯ ހޫރުވައިލާފަ އެވެ. ނަސީބަކުން ދޮންތަ އިތުރަށް ބާރެއް ނާޅަ އެވެ. ކިތަންމެ ނުބުނަން އުޅެފައި ވެސް ވަކި ހިސާބަކުން އަހަރެން ހަތިޔާރު ބަހައްޓާނެކަން އެނގޭތީ ދޫކޮށްލީ އެވެ.

ތެދަށް ބުނަންޏާ ދައްތައަކަށްވުރެ ބޮޑަށް ދޮންތައަކީ އަހަރެންގެ އެކުވެރި އެކެވެ. ލަންކާގައި ތުއްތު ކައިރީ އުޅުނުއިރު ވެސް އަހަރެން ކޮންމެ ކަމަކު ގުޅައިގެން މަޝްވަރާ ކުރަނީ ދޮންތައާ އެވެ. ޒާކިންއާ އަހަރެންގެ ގުޅުމުގެ ވާހަކަ ވެސް ފުރަތަމަ ހިއްސާ ކުރީ ދޮންތައާ އެވެ. ހިތުގެ އަޑު އެހުމަށް ލަފާ ދިނީ ދޮންތަ އެވެ.

ދެދުވަސް ފަހުން ހެނދުނު ޑިއުޓީއަށް ދާން ޖެހުނު ދުވަހެކެވެ. ފަތިހުއްސުރެ ވާރޭ ވެހެނީ އެވެ. އަހަރެން ހުރީ ހީކަރުވާފަ އެވެ. ފިނިދެކެ އަހަރެން ފޫހިވެ އެވެ. ވާރޭ ވެހެންޏާ ބޭރަށް ނިކުންނަ ހިތެއް ނުވެ އެވެ. އެކަމަކު މިއަދު މަޖުބޫރެވެ. ވާރޭ ބަހަނާ އަކަށް ހަދާފައި ޑިއުޓީ ދޫކޮށްލެވޭކަށް ނެތެވެ.

އެހާ ކުޑަ ތަންކޮޅަކަށް ކުޑަ ހިފައިގެން އައި ކަމަށްޓަކައި ވެސް ފިނީގެ އަސަރު ކުރި އެވެ. ވަދެގެން ދިޔައިރު ކިނބިހި އެޅެން ފެށި އެވެ. އަހަރެން ކަންބޮޑުވި އެވެ. ދަބަސް ތެރޭގައި ޓިޝޫ ޕެކެޓެއް އޮތީ ނަސީބެވެ. އެކަމަކު ކިބިހި އެޅުން އިތުރުވެއްޖެއްޔާ އެއަކުން ނުފުދޭނެ އެވެ.

"ރޯގާ ޖެހުނީތަ؟" އަހަރެން ގޮސް ރިސެޕްޝަން ކައިރިއަށް ހުއްޓުނުތަނާ ނައުޝާން އެހި އެވެ.

އޭނައަށް ފެނުނީ އަހަރެން ނޭފަތުގައި ޓިޝޫ އަޅައި ނިވާކޮށްގެން ކިބިއްސެއް އެޅިތަނެވެ. ފިނީގެ އަސަރު ކުރީއޭ ބުނެ އަހަރެން އޮޅުންފިލުވައިދިނީމެވެ. ނައުޝާން މަޑުމަޑުން ބޯ ޖަހައިލި އެވެ. ހުސްވެފައި ހުރި އެނދުތަކަށް ބަލިމީހުން ގެނައުމުން މަސައްކަތް އިތުރު ވި އެވެ. ކިބިހި އެޅޭތީ އަހަރެން ހުރީ އުދަނގޫވެފަ އެވެ. އިރުކޮޅަކުން ނޭފަތުން ފެނަށް ވެސް ފައިބަން ފެށި އެވެ. ރަނގަޅަށް ވެސް ރޯގާ ޖެހިއްޖެ އެވެ.

ވޯޑު ރައުންޑަށް ޑޮކްޓަރުން އަންނަ ގަޑި ކައިރިވި އެވެ. އެންމެ ކުރިން އައީ ނާވީ އެވެ. އޭނަ ހުއްޓުނީ ރިސެޕްޝަނުގެ އަނެއް ފަރާތުގައި އަހަރެންގެ ކުރިމަތީގަ އެވެ. ފާއިތުވި ދެދުވަހު ވެސް އަހަރެމެން ދެމީހުން މެސެޖުން ކޮންމެވެސް ވަރަކަށް ވާހަކަދެއްކީމެވެ. މުޅިން ވެސް ދެމީހުން ޝައުޤުވެރިވާ ކަންތައްތަކުގެ ވާހަކަ އެވެ.

"މުޅި މޫނު ތިހުރީ ރަތްވެފައެއްނު. ކިހިނެއްވީ؟" ނާވީ ސުވާލު ކުރި އެވެ.

އަހަރެން ބަލާލިއިރު ނާވީގެ ލޮލުގައި ކަންބޮޑުވުން ވި އެވެ. އޭނަ އެހުރީ އަހަންނާމެދު ކަންބޮޑުވެފަ އެވެ.

"މޫސުމީ ރޯގާ." ލުއި ހިނިތުންވުމެއް ވެރިކޮށްލަމުން އަހަރެން ބުނެލީމެވެ.

ނާވީ ލަފާދިނީ އިނގުރު ސައިތައްޓެއް ކަހަލަ އެއްޗެއް ބުއިމަށެވެ. އިތުރަށް ވެސް އޭނަ އަހަރެންނަށް ބައެއް މައުލޫމާތު ދިނެވެ. އަހަރެން އެގޮތަށް ކަންތައް ކުރާނެ ވާހަކަ ބުނުމުން ނާވީ ހިތްހަމަޖެހުނެވެ. ޒާކިން އަންނަތަން ފެނުނީ ނާވީ ދިޔަ ފަހުންނެވެ. ވަގުތުން އަހަރެންގެ ކުލައަށް ބަދަލު އައެވެ. ނައުޝާން އެކަން ފާހަގަ ކުރި އެވެ. ޒާކިންއާ އަހަރެންގެ އޮތް ގުޅުމުގެ ވާހަކަ ބުނިފަހުން އޭނަ މިހާރު ޒާކިންގެ ހިތްގައިމު ކަމުގެ ވާހަކަދެއްކުން ހުއްޓާލައިފި އެވެ.

ވޯޑު ރައުންޑް ނިންމާފައި ނިކުންނަންދެން އަހަރެމެންގެ މެދުގައި ދެކެވުނީ މުޅިން ވެސް މަސައްކަތާ ބެހޭ ވާހަކަ އެވެ. އެކަމަކު ޒާކިންގެ ދެލޯ ބުނަމުން ދިޔައީ އޭނަ އެހެން ވާހަކަތައް ވެސް ދައްކަން ބޭނުންވެފައި ހުރި ކަމެވެ. އެއްފަހަރު އޭނަ އަހަރެންނަށް ބަލަހައްޓައިގެން ހުއްޓާ ފެނުނެވެ. އަހަރެންނަށް ލޯ ހިންގައިލެވުނީ ކައިރީގައި ތިބި މީހުންނަށެވެ. އެއިން އެކަކަށްވެސް ޒާކިންގެ އެތޫނު ނަޒަރު ފާހަގަވިބާވައެވެ؟ ހިއެއް ނުވެ އެވެ. އަހަރެން އަމިއްލަ ހިތް ހަމަޖައްސައިދޭން ވެގެން އެގޮތަށް ނިންމީމެވެ.

މާބޮޑަށް ބުރަވެގެން މަސައްކަތުގައި އުޅުމުން ބަނޑަށް އެއްޗެއް ލާނެ ވަގުތެއް ނުލިބުނެވެ. ބަނޑުހައިކަން އުދަނގޫކުރަން ފެށި ހިސާބުން އަނގައަށް ކުޅުގިނަ ވާންފެށި އެވެ. ދެން ވާނެ ގޮތް އަހަރެންނަށް އެނގުނެވެ. ކަންބޮޑުވެގެން ހޯދައިލިއިރު ނައުޝާން ހުރީ ކުއްޖަކަށް ބޭސްދޭން ގޮހެވެ. ފާޚާނާއަށް ދާ ވާހަކަ މެސެޖް ކޮށްލައިފައި އަހަރެން އަވަހަށް މިސްރާބު ޖެހީ އެބައިގައި ހުންނަ ޑޮކްޓަރުންގެ ކޮޓަރިއާ ދިމާއަށެވެ.

ހޮޑު ލެވުމުން ކުރިއަށްވުރެ ފަސޭހަ ވި އެވެ. ބޮލުގައި ހިފާފައި ހުރި ރިހުން ކެނޑި މޭބޮޑުކުރާ ގޮތް ނެތިއްޖެ އެވެ. ފާޚާނާއިން އަހަރެންނަށް ނިކުމެވުނީ ނުހާގެ ކުރިމައްޗަށެވެ. އަހަރެން ކަންބޮޑުވި އެވެ. މީގެ ކުރިން ވެސް އެއްދުވަހަކު ހަމަ އެގޮތަށް ނުހާ ކުރިމައްޗަށް ނިކުމެވިއްޖެ އެވެ. އެދުވަހު ވެސް އޭނަ އަހަރެންނަށް ބެލީ ފާޑަކަށެވެ. ނުހާ އަހަރެންގެ ބަލީގެ ސަބަބު ނުހޯދާނެ ކަމަށް ނިންމައިފިއްޔާ އަހަރެން ވާނީ މޮޔައަކަށެވެ. މުޅި ހޮސްޕިޓަލުން ވެސް ނުހާ ގުނާލެވޭނީ މީހުންގެ ވާހަކަދެއްކުމުގައި ލިސްޓްގެ ކުރީގަ އެވެ. ޓްރެއިނިންގައި އުޅުނު ދުވަސްވަރު ކުއްޖަކު އޭނައަށް "ގޮސިޕް ގާރލް" އޭ ކިޔާ ނަން ވެސް ދިނެވެ.

***

އަހަންނާއި ޒާކިންގެ މެދުގައި ދެކެވުނު ވާހަކައިގެ ތަފްޞީލު ނައުޝާންއަށް ދިނީ ބްރޭގް ގަޑީގަ އެވެ. ނައުޝާން ޝައުޤުވެރިވެފައި އަޑު އެހިއެވެ.

"ތެދަށް ބުނަންޏާ އަހަރެން ހީކުރީ ތިހެންނެއް ނޫން. އަހަރެން ހީކުރީ އޭނަ ބުނާނީ ކިއާ ކައިރީ މިތަނުން ވަކިވާށޭ ކަމަށް." ނައުޝާންގެ ހިތުގައި އޮތް ގޮތަށް ބުނެލި އެވެ.

އެވާހަކައިން އަހަރެންނަށް ވިސްނާލަން މަޖުބޫރުވި އެވެ. ފަހަރެއްގައި ޒާކިން އަހަރެން ގެންދިޔައީ އެގޮތަށް ވާހަކަދައްކަން ކަމަށް ވެސް ވެދާނެ އެވެ. އެކަމަކު ކޮންމެވެސް އެއްޗެއް ހިތަށް އަރައިގެން ނަމަވެސް އެވާހަކަ ބުނަން ނުކެރުނީ އެވެ. އެހިޔާލެއްގައި އިންދާ އަހަރެން ހަނދާންވީ މިއަދު އަހަރެން ފެނިގެން ބަލަން ހުރި ގޮތެވެ. އިތުރު ވާހަކަތަކެއް ބުނަން ބޭނުންވެގެން އުޅޭ ކަމުގައި ޒާކިން ލޯ ހެކި ދިނެވެ. އާއެކެވެ. އޭނަ ބުނަން ބޭނުންވެގެން އެއުޅެނީ އެވާހަކަ އެވެ.

އިތުރަށް އެންމެ ސިކުންތަކަށް ވެސް ވިސްނަން ނުހަދާ އަހަރެން ފޯނު ނަގާފައި މެސެޖް ލިޔަން ފެށީމެވެ. ނައުޝާން ސުވާލު ކުރުމުން އަހަރެން ޖަވާބެއް ނުދެމެވެ. އަހަރެންގެ ހުރިހާ ސަމާލުކަމެއް ހުރީ މެސެޖަށެވެ. އޭގައި އަހަރެން ލިއުނީ އެތަނުން ވަކިވާށޭ ބުނަން ބައްދަލުކޮށްފައި އެވާހަކަ ނުބުނީ ކީއްވެތޯ އެވެ. އަދި ޒާކިން އެދުނަސް އަހަރެން އެކަން ނުކުރާނެ ކަމުގައި ލިޔެލީމެވެ.

އަހަރެން އިސްއުފުލާލައިފައި، ކުރީ ކީއްކަން ބުނުމުން ނައުޝާން ހިނިއައިސްފައި ބޮނޑުވައި އިނގިލި ކޮޅަށް ޖަހައިލި އެވެ. ކުޑައިރުކޮޅެއް ފަހުން އަހަރެމެން ދެމީހުން ނިކުންނަން ވެގެން ދޮރާ ދިމާއަށް ދަނިކޮށް ނުހާ ވަނެވެ. އޭނައާއެކު އޭނަ އެންމެ ގާތްކޮށް އުޅޭ އިތުރު ނަރުހަކު ހުއްޓެވެ. އެދެމީހުންގެ ނަޒަރު ހުރީ އަހަރެންނަށެވެ. ހީވަނީ އަހަރެންގެ ވާހަކަ ދައްކަނިކޮށް އަހަރެން ފެނިގެން ބަލާހެންނެވެ. އަހަރެން އަޅައެއްނުލަމެވެ.

"ޗީ ދެން ވަރަށް ޔަކް ދޯ މެރީނުކޮށް ޕްރެގްވީމަ." އަހަރެމެން ފަސްދިން ވަގުތު ނުހާގެ އެކުވެރިޔާ ބުނި އެއްޗެއް އަހާފައި ދެފައި ބިމުގައި ތަތްލި އެވެ.

މެއަށް ހީވީ ހޫނު ފެންއެއްޗެއް އޮއްސައިލެވުނު ހެންނެވެ. އަހަރެން ހުއްޓުނުކަން އެނގިގެން ނައުޝާން އެނބުރި ބަލައިލި އެވެ. އަހަރެން ހުއްޓުނީ ކީއްވެކަމެއް އޭނައަކަށް އޭރު ނޭނގެ އެވެ.

"މީހުން ބުނެއެއްނު މަޑުން ހުންނަ ގުރާ ބާރަށް ދައިގަންނާނެއޭ. މާ ރަނގަޅު މީހެއްކަމަށް ދެއްކިގެން އުޅެނީ އެހެންމީހުންގެ ލޯމައްޗަށް. އަޑިއަޑިން އެހެރީ އުޅޭ ވައްތަރު. ނާސި އަންހެނާ." ނުހާ އެކުވެރިޔާގެ ވާހަކައަށް ބާރުދީފައި ބުނެލި އެވެ.

ނައުޝާންއަށް އެމީހުންގެ ވާހަކަ އިވުމުން ދެބުމަ ގޮށްޖެހުނެވެ. އަހަރެންނަށް ވީ ގޮތާއި އެމީހުންނާއި ގުޅުމެއް ވާކަން އޭނަ ދެނެގެންފި އެވެ.

"ކަލޭމެން ތިވާހަކަދައްކަނީ އަހަރެމެންނާތަ؟" ނައުޝާން އެނބުރި ނުހާމެންގެ ސަމާލުކަން ހޯދަމުން ސުވާލު ކުރި އެވެ.

ނައުޝާން ފަދައިން އަހަރެން ވެސް އެމީހުން ދޭ ޖަވާބެއް އަހައިލަން އެދިމާއަށް އެނބުރުނީމެވެ. ނުހާ އާއި އޭނަގެ އެކުވެރިޔާ ނުލަފާ ހީލުމަކާއެކު އެކަކު އަނެކަކަށް ބަލާލި އެވެ. ދެން ކުރިއަށް ޖެހިލީ ނުހާ އެވެ.

"ނައުޝާންގެ އެކުވެރިޔާ ކައިރީ އަހާބަލަ މޯނިން ސިކްނެސް ޖެހިގެން އުޅެނީ ކީއްވެތޯ؟" ނުހާ އަހަރެމެން ދެމީހުންގެ މެދުން ނަޒަރު ބަދަލުކޮށްލި އެވެ.

އެވަގުތު ނައުޝާން ބަލައިލީ އަހަރެންނަށެވެ. އެމޫނުގައި ސުވާލު މާކުތައް ވި އެވެ. އަހަރެން ބަނޑު ބޮޑުތޯ ނައުޝާން އެހީ ޔަޤީން ނުވެފައި ހުރި ރާގެއްގަ އެވެ. އެވަގުތު އަހަރެން ޖަވާބު ނުދީ ހުރުމުން ނައުޝާންއަށް އޭގެ ޖަވާބު ލިބުނެވެ. އޭނަގެ އެކުވެރިއެއްގެ ގޮތުގައި ހުރެ އެވަރު ބޮޑުކަމެއް ސިއްރު ކުރީތީ ލޮލުން ޝަކުވާ ފައުޅުވާން ހުއްޓެވެ. އެކަމަކު ނައުޝާން ވާހަކަދެއްކީ އިދިކޮޅަށެވެ. އޭނަ ލުއި ހިނިތުންވުމަކާއެކު މަރުހަބާ ކިޔައިލީ އެފަދަ ޚަބަރަކަށް ރައްދުދޭން ޖެހޭ ގޮތަކީ އެއީކަން ޤަބޫލު ކުރާފަދަ ގޮތަކަށެވެ.

"އަޖައިބެއް. މީހަކާއި ނީނދެ ބަނޑުބޮޑުވީމަ ވެސް މަރުހަބާއޯ. މީ ޔޫރަޕްތަ؟" ނުހާގެ އެކުވެރިޔާ ނައުޝާންއަށް މަލާމާތް ކޮށްލި އެވެ.

ނައުޝާން ޖަވާބުދިނީ އަހަރެން އުޅެނީ ކައިވެންޏެއް ކޮށްގެންނޭ ކިޔައިފަ އެވެ. ނުހާގެ ކިބައިގައި އެވާހަކައަށް ޖަވާބުވި އެވެ. އޭނަ އުޅެނީ އަހަރެންގެ ގެއާއި ޖެހިގެން ދެވަނައަށް ހުންނަ ގޭގަ އެވެ. އަހަރެމެންގެ މާ ގާތް ގުޅުމެއް ނެތަސް އަހަރެންގެ ފިރިއަކު ގެއަށް އައިސް އުޅޭނަމަ ފެނުނީހެވެ. ނުހާ ރައްދު ދިނީ އެހެން ބުނެފަ އެވެ. އަހަރެންގެ ފިރިއަކު އުޅޭނަމަ ދޮންތަގެ ފިރިމީހާ ނޫން ފިރިހެނަކު ގެއިން ނުފެންނަނީ ކީއްވެތޯ އެހި އެވެ. އެމޫނުގައި ކާމިޔާބުގެ ހިނިތުންވުމެއް ވި އެވެ.

ޖަވާބުދޭން ވެގެން ނައުޝާން ބަލައިލީ އަހަރެންނަށެވެ. ޒާކިންގެ ނަން އެވާހަކައިގެ ތެރެއަށް ގެނައުމަކީ އަހަރެން ބޭނުންވާނެ ފަހު ކަންތައްކަން ނައުޝާން ދެނެގަތެވެ. ފުރަތަމަ އޭނަ، އަހަރެން ކައިވެނި ކުރި ވާހަކަ ބުނީތީ ވެސް އަހަރެން ހިތްހަމަނުޖެހުނެވެ. އެކަމަކު އެއީ އެހާލަތުގައި ނުބުނެ ހުރެވޭ ފަދަ ވާހަކައަކަށް ނުވެ އެވެ.

"ކިއާގެ ފިރިމީހާ ގެއިން ނުފެންނަނީ ކީއްވެކަން އަހަރެން ބުނަންތަ؟ އެއީ އޭނަ ހަތްފޫޓް އަޑީގަ ފަސްގަނޑުތެރޭ އޮތީމަ." ނައުޝާން ހުރެލައިފައި ބޮޑު ދޮގެއް ހަދައިލި އެވެ.

އެއަޑު އަހާފައި އަހަރެން ވެސް ދިޔައީ ސިއްސައިގެންނެވެ. ނުހާއާއި އޭނަގެ އެކުވެރިޔާ ކަންބޮޑުވެފައި އަނގަމަތީ އަތް އެޅިތަން ފެނުނު ގޮތުން އެވާހަކަ ދޮގު ކުރާކަށް އަހަރެން ވެސް ބޭނުމެއް ނުވި އެވެ. އެވީގޮތުން އެމީހުން ދެން އަހަރެންގެ ކައިވެންޏާއި ފިރިމީހާގެ ވާހަކަ ދެއްކުން ހުއްޓައިލާނެ އެވެ. ނައުޝާން ދާން ހިނގާށޭ ބުނެ އަހަރެންގެ އަތުގައި ހިފައިގެން އެނބުރުނެވެ. ދޮރާ ދިމާއަށް ބަލާލުމާއެކު އަހަރެން ސިއްސައިގެން ދިޔަ އެވެ. ތަޅުގައި ހިފައި ދޮރު ހުޅުވާލައިގެން ޒާކިން ހުއްޓެވެ. އެމޫނުގެ ކުލަވަރުން އެނގެނީ ނައުޝާން ފަހުން ބުނި ވާހަކަ އޭނައަށް އިވިއްޖެ ކަމެވެ. ނައުޝާން އެވަގުތު ހަމައެކަނި އަހަރެންނަށް އިވޭ ވަރަށް "އޫޕްސް...ޑެޑް މޭން ވޯކިން" އޭ ކިޔައިލި އެވެ. --ނުނިމޭ--

ދިގު ވާހަކަ

Popular