23 Sep 2017

އިސްމާއީލް ވަޖީހާއި ޝިރާނީގެ ޖޯޑު ބަލެއް ނުވާނެ

އިސްމާއީލް ވަޖީހާއި ޝިރާނީގެ ޖޯޑު ބަލެއް ނުވާނެ

By: Ahmed Adhushan

ދިވެހި ސިނަމާގެ އެންމެ ލޯބި ޖޯޑުތަކުގެ ލިސްޓެއް ނަގާ ނަމަ ކުރީގެ މަޝްހޫރު ދެ ތަރިން ކަމަށްވާ އިސްމާއީލް ވަޖީހާއި އައިޝަތު ޝިރާނީގެ ނަން ލިސްޓްގެ ކުރިއަށް އަންނާނެ އެވެ.

ނުވަދިހައިގެ އަހަރުތަކުގައި އެންމެ ގިނައިން އެކުގައި ފެނިފައި ވާނެ ދެ ތަރިންނަކީ ވެސް މިއީ އެވެ. އެކުގައި ވަރަށް ގިނަ ވީޑިއޯ ލަވަތަކާއި ފިލްމްތަކާއި ޑްރާމާ ވެސް އިސްމާއީލާއި ޝިރާނީ ކުޅެފައިވެ އެވެ.

ދެ ތަރިން މިހާރު ފިލްމީ ދާއިރާ އިން ނުފެނުނަސް ކުރީގެ ތަރިންގެ ތެރެއިން ބެލުންތެރިން އަދިވެސް ސްކްރީނުން އެންމެ ބަލައިލާ ހިތްވާ ޖޯޑަކަށް އިސްމާއީލާއި ޝިރާނީގެ ޖޯޑު ހަމަ ޔަގީނުން ވެސް ވާނެ އެވެ. އެކަމަކު އެއި ދެން ވާނެ ކަމެއް ކަމަކަށް ނުބެލެވެ އެވެ.

އިސްމާއީލާއި ޝިރާނީގެ "ދެ ފުރާނަ އެކުވެފައިވާ" ލަވަ.

ޝިރާނީ މިހާރު ހުރީ ދެން އެނބުރި އެއްގޮތަކަށް ވެސް ނާންނަ ގޮތަށް ފިލްމީ ދާއިރާ ދޫކޮށްލައިފަ އެވެ. އިސްމާއީލް އާއިލާއާ އެކު ދިރިއުޅެނީ ސިންގަޕޫރުގަ އެވެ. އެކަމަކު އޭނާ ހުރީ ރަސްމީކޮށް އެކްޓް ކުރުން ހުއްޓާލައިގެންނެއް ނޫނެވެ. އިންޑަސްޓްރީއާ އެތައް ސަތޭކަ މޭލެއް ދުރުގައި އުޅެން ޖެހިފައިވާތީ ފިލްމީ މަސައްކަތް ކުރެވެން ނެތީ އެވެ.

އެކަމަކު މި އަހަރު ޑާކް ރެއިން އެންޓަޓައިންމަންޓުން ގެނެސް ދިން ފިލްމް "މީ ލޯތްބަކީ" ގެ ހާއްސަ ފެނިލުމަކުން އިސްމާއީލް ވަނީ އޭނާގެ ހަނދާންތައް ބެލުންތެރިންނަށް އާކޮށް ދީފަ އެވެ.

އެހެން ވިޔަސް މިހިރަ ފޮޓޯތަކުން ކިޔައިދޭ ވާހަކަތައް ގިނަ ދޯ އެވެ؟ މިދިޔަ ހަފުތާގެ ތެރޭގައި އޮފީސް ދަތުރެއްގައި މާލެ އަށް ކުރި ދަތުރުގައި އިސްމާއީލަށް އެންމެ ހާއްސަ އެއް ކަމަކަށްވީ އޭނާ އެންމެ ގަޔާވި ކޯ-ސްޓާރު ޝިރާނީއާ މާލޭން ބައްދަލުވުމެވެ. ދެ މީހުން އެކުގައި ނަގާފައިވާ ދެ ފޮޓޯއެއް ފޭސްބުކްގައި ހިއްސާ ކުރަމުން އިސްމާއީލް ވަޖީހު ވަނީ ޝިރާނީއާ ބައްދަލުވުމުން ލިބުނު އުފާ ހިއްސާކޮށްފަ އެވެ.

އިސްމާއީލާއި ޝިރާނީގެ އެކުގައި ކުޅުނު ފެވަރިޓް ލަވަ.

އޭނާގެ ޕޯސްޓް ނިންމާލަމުން ބުނެފައި ވަނީ ދެ މީހުން އެކުގައި ކުޅުނު ލަވަތަކުގެ ތެރެއިން އެންމެ ރީތި އެއް ލަވަ ކަމަށްވާ "ބުނެބަލަ ލަދު ގަނެފާ އެރޭ" ރިމެކިންއެއް ހަދާލަން ރަނގަޅު "ދޯ" ކަމަށެވެ. އިސްމާއީލްގެ މި ޕޯސްޓަށް ޝިރާނީ ވެސް ކޮމެންޓް ކޮށްފައިވެ އެވެ.

އޭނާ ބުނީ އިސްމާއީލާ ބައްދަލުވީ ޒަމާންގަނޑެއް ފަހުން ކަމަށާއި އެކަމާ ވަރަށް އުފާވި ކަމަށެވެ.

"ޔާ ބުނެބަލަ އިޒް ވަން އޮފް އަވާ ފެވަރިޓް ސޮންގް ދޯ؟" ކޮމެންޓްގައި ޝިރާނީ ބުންޏެވެ.

އިސްމާއިލްގެ ފޭސްބުކް ޕޯސްޓް.

ކޮންމެއަސް އަހަރުތަކެއް ފަހުން އިސްމާއީލާއި ޝީރާނީ އެއް ފްރޭމަކުން ފެނިލި އިރު، ބެލުންތެރިން މި ޖޯޑުގެ ކުރީގެ ހަނދާންތައް މާ ބޮޑަށް ވެސް އާކޮށް ދޭނެ އެވެ. އެގޮތުން ދެ މީހުންގެ އެންމެ ހިޓް ލަވަތަކުގެ ތެރޭގައި ހިމެނޭ "ދެ ފުރާނަ އެކުވެފައިވާ"، "އިޝާރާތްކޮށް ބަލާލާނޭ" އަދި "ކަންޒު ދޮންކަމަނަ" ފަދަ ލަވަތަކުގެ ހަނދާންތައް އިސްމާއީލާއިު ޝިރާނީގެ މި ފޮޓޯތަކުން ގެނުވައި ދެ އެވެ.

އިސްމާއީލާއި ޝިރާނީގެ "ކަންޒު ދޮންކަމަނަ" ލަވަ

އަހަރުތަކެއް ފާއިތިުވެގެން ދިޔަ ނަމަވެސް ދެ މީހުންމަށް މާ ބޮޑު ބަދަލެއް ވެސް އައިސްފައި ހުރި ކަމަކަށް ނުދައްކަ އެވެ. ތަފާތަކީ ޝިރާނީ މިހާރު ބުރުގާ އަޅާގައި ހުރުމެވެ. އިސްމާއިލް މިހާރު ވެސް އެހާ ފިޓްކޮށް، ޒުވާންކޮށެވެ.

މި ދެ ތަރިން އެކުގައިކޮށްފައިވާ މަސައްކަތްތަކަށް ބަލާ އިރު ފިލްމްތަކުގެ ތެރެއިން "ކުލުނު" އާއި "ރިހުން" ފާހަގަކޮށްލެވެ އެވެ. ޑްރާމާތަކުގެ ތެރޭގައި "ކައްތިރި" ކަހަލަ ޑްރާމާތައް ހިމެނެ އެވެ.

ސިންގަޕޫރު ދިވެހި ފިލްމް އިންޑަސްޓްރީ އައިޝަތު ޝިރާނީ

Popular