19 Oct 2017

ނުވަ މަސް

By: Mariyam Yasma

* އޮކްޓޫބަރު 16 ވަނަ ދުވަހުގެ ބަޔާ ގުޅޭ ...

ޒާކިންގެ ނަޒަރު އަހަރެންގެ މޫނުން ވަކިނުކޮށްލައި ހުރެގެން އެ އިނގިލި ގެންގޮސް ލީ އަނގައަށެވެ.

"ސޯ ޔަމީ." ޒާކިން އެ އިނގިލި ލޮވެލާފައި އެއްލޯ މަރައިލި އެވެ.

ރަކިވެގެން އަހަރެންނަށް ތުންފަތުގައި ދަތް އަޅައިލެވުނެވެ. އެސްފިޔަތައް ތިރިކޮށްލަން ބޭނުން ވި ނަމަވެސް އެމޫނުން ނަޒަރު ވަކިކޮށްލާ ހިތެއް ނުވި އެވެ. ޚުދު ޒާކިން ވެސް ހުރީ އަހަރެންނާ ކައިރިވާން ބޭނުންވެފައިކަން އެނގުނެވެ. ގަރުނެއްހާ ދިގުމިނަށް ދެމިގެންދިޔަ ހިމޭން ކަމަށްފަހު ޒާކިން ފުން ނޭވާއެއް ދޫކޮށްލި އެވެ. އަހަރެން ހައިރާންކޮށްލައިފައި އޭނަ ޖެހުނީ ފަހަތަށެވެ. ފުރަގަސްދީގައި ގޮސް އުނދުން ކައިރީ ހުއްޓުމުން ދެއަތްތިލައަށް ނަޒަރެއް ދެވުނެވެ. އެ ދެއަތުން ފިނި ދަލެއް ހިއްލާލައިފައި ވި އެވެ.

ކައްކާ ނިމެންދެން އަހަރެން ދެން އިނީ ހިމޭނުންނެވެ. ޒާކިން ތައްޓަކަށް ޕާސްތާ އަޅާފައި ގެނެސް އަހަރެންގެ ކުރިމަތީ ބެހެއްޓި އެވެ.

"ޒެކް ވެސް ނުކަމެއްނު." ޒާކިން ދިއްކޮށްލި އުލުގައި ހިފަމުން އަހަރެން ހަނދާންކޮށްދިނީމެވެ.

އޭނަ ވަކި އެއްޗެއް ނުބުނެ އިތުރު ތައްޓަކަށް ކާ އެއްޗެހި އަޅައިގެން އައިސް އިށީނެވެ.

ކައިނިމިގެން ނިކުމެ އަހަރެން އިނީ ސިޓިންރޫމް ސޯފާގަ އެވެ. ވެހޭ ވާރޭގެ އަޑު މެދުކެނޑުމެއްނެތި އިވެމުންދިޔައިރު އެހާ ހީކަރުވަ އެވެ. ރަޖާތެރޭ ދެފައި ފޮރުވާލައިގެން އިނދެފައި ޓީވީ ހުޅުވާލީމެވެ. ޒާކިން ބަދިގެއިން ނިކުތީ ކޮށާފައި ހުރި މޭވާކޮޅެއް ތައްޓަކަށް އަޅައިގެންނެވެ. އޭނަ އައިސް ކައިރިވުމުން ދެފައި ކުރުކޮށްލީ އިށީންނަން ސޯފާގެ ކޮޅުން ތަން ދިނުމުގެ ގޮތުންނެވެ. މޭޒުމަތީ ތަށި ބަހައްޓާފައި ޒާކިން އިށީނދެލި އެވެ. އޭނާ އަހަރެންގެ ދެފައިތިލައިގައި ހިފާލައިފައި ނަގައި އުނގުމަތީ ބާއްވައިލުމުން ބޭރަށް ލައިލައި ހުރި ނޭވާ ކަރުތެރޭ ތާށިވާގޮތް ވި އެވެ. ފައިތިލައިގައި ޒާކިން ހިފަހައްޓައިގެން ހުރި ހިސާބުން އާދަޔާ ޚިލާފެއް ކަރަންޓެއް އުފެދިގެން މުޅި ހަށިގަނޑަށް ސިގްނަލް ފޯރުވަން ފަށައިފި އެވެ. އަދި ލަސްލަހުން ފައިމޮޑެދޭން ފެށުމުން ވަކިން އަރާމުވި އެވެ.

ހަމަޖެހިލަން މަސައްކަތް ކުރަމުން އަހަރެން ނަޒަރު ހުއްޓައިލީ ޓީވީ އަށެވެ. އަމިއްލަ ނަފްސް ކޮންޓްރޯލް ކުރަން މަސައްކަތް ކުރަމުން މޭވާތަށިން އާފަލު ފޮއްޗެއް ނަގައި ކާން ފެށީމެވެ.

ހިމޭން ކަމުގައި ދެމީހުން ޓީވީ ބަލަން ތިއްބާ މަންޒަރު ބަދަލުވި އެވެ. އަހަރެންގެ ހަށިގަނޑުގައިވާ ހުރިހާ ލެޔެއް މޫނަށް ޖަމާވި އެވެ. ރިމޯޓް ހޯދާލިއިރު އޮތީ މޭޒުމަތީގަ އެވެ. އެ ނަގަން އުޅެނިކޮށް ވެއްޓުނީ އަދި ތިރިއަށެވެ. އަވަސް އަވަހަށް ފައިތިރިކޮށްލައިފައި ގުދުވެވުނީ ޒާކިންއާ ދެމީހުން އެކުއެކީގަ އެވެ. ރިމޯޓް ނެގީ ޒާކިން އެވެ. ބަނޑާ ހެދި އަހަރެންނަށް އަތެއް ނުފޯރި އެވެ. އެ ނަގައިގެން ޒާކިން އެނބުރުނުއިރު އަހަރެންނަށް އިނދެވުނީ އެ މޫނަށް ބަލާށެވެ. ޒާކިންގެ ނަޒަރު ހުއްޓުނީ އަހަރެންގެ ތުންފަތަށެވެ. ދެން ލޮލަށެވެ. އެލޮލުން އަހަރެން ބޭނުންވާ ގޮތް އޭނަ ދެނެގަތެވެ.

އިތުރަށް އެންމެ ސިކުންތެއް ވެސް ޒާކިން ބޭކާރެއް ނުކުރެ އެވެ. އަހަރެންގެ ލޯމެރުނެވެ. ޒާކިންގެ އެއް އަތުން ހިފެހެއްޓީ އަހަރެންގެ ކަނދުރާގަ އެވެ. އަނެއް އަތްތިލަ ބުރަކަށީގައި ހަރަކާތްތެރި ވާން ފެށި އެވެ.

"ގޯޑް!.... އައި މިސްޑް ޔޫ...." މޫނު ދުރުކޮށްނުލާ އިނދެގެން ޒާކިން ބުނެލި އެވެ. ކަނދުރާއިން އަތް ވަކިކޮށްލައިފައި އަހަރެން ލައިގެން އިން ޓީޝާޓްގެ ތިރީކަނުގައި ހިފާ މައްޗަށް ހިއްލައިލި އެވެ. ޒާކިންއަށް ފަސޭހަ ވާނެހެން އަހަރެން ދެއަތް އުފުލައިލީމެވެ. ޓީޝާޓް ތިރިއަށް ދޫކޮށްލައިފައި އަހަރެންގެ ދެ ފައި ސޯފާއަށް ނެގި އެވެ. ޒާކިން އަހަރެން ސޯފާގައި ބޭއްވި އެވެ. އޭނާގެ ބަރު އަހަރެންގެ ހަށިގަނޑަށް ނުވާނެހެން ސޯފާގައި އެއް އަތް ވިއްދާލި އެވެ. އެވަގުތުކޮޅު ދުވަހަކު ވެސް ނުނިމޭނެ ނަމައޭ ހިތަށް އެރި އެވެ. ޖަޒުބާތުގައި ޖެހި ތަކުރާރުކޮށް އެ ނަން ކިޔާލެވުނެވެ.

ބަނޑާ ހަމައިން އޭނާގެ ހަރަކާތްތަކަށް ހުއްޓުމެއް އައެވެ. މެރިފައިވާ އަހަރެންގެ ދެލޯ ހުޅުވުނީ ކުއްލިއަކަށެވެ. ކަނދުރާ ތެދުކޮށްލައިފައި އެ މޫނަށް ބަލައިލެވުނެވެ. ޒާކިން އޭރު މަޑުމަޑުން ބޯ ހޫރަމުން ފައިލާކޮޅުގައި އިށީންނަނީ އެވެ. ސޯފާގެ ލެނގޭބައިގެ އެހީގައި އަހަރެން ވެސް ތެދުވެ އިށީނދެލީމެވެ.

"ކިހިނެއްވީ؟" ޒާކިންގެ އިސްޖެހިފައިވާ މޫނުގައި ހިފައި މަގަތަށް އަނބުރާލަމުން އަހަރެން އެހީމެވެ.

"ވީ ކޭންޓް... އައި ކޭންޓް....." ޒާކިން ހުއްޓަ ހުއްޓާފައި ބުނެލި އެވެ.

އޭނާ އަހަރެންނާ ހަތަރުކަޅި ހަމައެއް ނުކުރި އެވެ. ތިރީގައި އޮތް ޓީޝާޓް ނަގައި އަހަރެން އަތަށް ދިނީ ވެސް އެހެން އިނދެފަ އެވެ. އަހަރެންގެ ހިތަށް ވީ ތޫނު ތަދެކެވެ. އިސާހިތަކު ލޮލަށް ކަރުނަ ޖަމާވާން ފެށި އެވެ. ހިތާމަވެރިކަން ރުޅީގެ ސިފަ އިޚުތިޔާރު ކުރާކަށް ގިނަ އިރެއް ނުނަގަ އެވެ.

"ތިއުޅެނީ ނަތާޝާއާ މެރީ ކުރަންދޯ؟" ޓީޝާޓް ބޮލަށް މަހަމުން ރުންކުރު އަޑަކުން އަހަރެންނަށް އަހައިލެވުނެވެ.

ޒާކިން ސިހިފައި އެސްފިޔަތައް އުފުލައިލި އެވެ.

"އަހަންނަށް އިނގޭ ޒެކްގެ މައިންބަފައިން މިހާރު ބޭނުންވަނީ ނަތާޝާއާ ޒެކް އަލުން ގުޅެންކަން." ހަށަން ބަނދެލާފައި ފަހަތަށް ޖެހިލައި ސޯފާގައި ލެނގިލަމުން އަހަރެން ތަފްޞީލު ދިނީމެވެ.

"ކާކު ބުނި ވާހަކައެއް؟" ޒާކިން އޮޅުންފިލުވަން ބޭނުންވި އެވެ.

"ބުނި މީހެއް މުހިންމެއް ނޫން. އަހަރެން މި ކުރާ ސުވާލުގެ ޖަވާބު ދެވިދާނެތަ ޒާކިންއަށް؟ އާ ޔޫ ގޯއިން ޓު މެރީ ހާ އޯ ނޮޓް؟" އަހަރެންގެ އަޑު ކުރިއަށްވުރެ ބާރުވި އެވެ.

ޒާކިން ހިޔާރު ކުރީ ހިމޭންކަމެވެ. އެލޮލުގައި ރިހުމެއް ވި އެވެ.

"އޭނަ ވެސް ޒާކިންއަށް ބޭވަފާތެރިވީ. އެކަމަކު އޭނަ ވީމަ އޯކޭ. އަހަރެން ވީމަ ޒެކްގެ ދިރިއުޅުމަށް އަނބުރާ ގެންދަން ކަމުނުދަނީ. ކިހާ ހެއްވާ ކަމެއް މިދެން؟" ރުޅިގަނޑު އިތުރަށް ފޮރުވާކަށް ވެސް އަހަރެން ބޭނުމެއް ނުވި އެވެ.

"ބޭބީ އައިމް ޓޮކްސިކް ފޯ ޔޫ." ޒާކިންގެ އަޑުގައި ހާސް އަސަރު ވި އެވެ.

އަހަރެންނަށް ލިބުނު ހައިރާންކަމުގައި ބަލަން އިނދެވުނެވެ. ޒާކިން އެ ބުނި ވާހަކަ މާނަ ކުރަންވީ ގޮތެއް ނޭނގުނެވެ.

"އަހަންނަށް މިހާރު ވިސްނިއްޖެ. ތެދުވެރި ލޯބީގައި ޝައްކުކުރާނެ ޖާގައެއް ނޯންނާނެ. އެންމެ މުހިންމީ އިތުބާރު. އަހަރެންނަށް މިހާރު މުހިންމެއް ނޫން ކިއާގެ ބަނޑުގައި އޮތީ ކާކުގެ ކުއްޖެއް ކަމެއް. އިޓް ޑަޒް ނޮޓް މެޓަ އެނީމޯ. އެދަރިފުޅު އުފަން ވުމުން ބައްޕައެއްގެ ފަރާތުން ދޭންޖެހޭ ހުރިހާ އެއްޗެއް ދޭން އަހަރެން މިހުރީ ތައްޔާރަށް. އެކަމަކު އަހަރެން ކަހަލަ މީހަކާ ކިއާ އެކަށީގެނެއް ނުވޭ. ޚުދު އަހަރެންނަށް ވެސް އަހަރެންގެ ނަފްސްގެ މައްޗަށް އިތުބާރެއް ނެތް. މާދަން ނޫންކަމެއް ނޭނގެ ކިއާ ދެރަކޮށްލާފަ ދޫކޮށްލާނީ. ޔޫ ޑިޒާވް މަޗް ބެޓާ. ނާވީ ކަހަލަ މީހަކާ ކިއާ ގުޅެން ޖެހޭނީ. އަހަންނަށް ޔަޤީން އޭނަ ކިއާ އުފަލުގަ ގެންގުޅޭނެ. އަހަރެން ކުރި ކުށުގެ ސަޒާއަކީ މީ." ޒާކިންގެ ވާހަކަތައް އަހާފައި އަހަރެންނަށް އަތް އަޅައިލެވުނީ އަނގަމަތީގަ އެވެ. އޭނަގެ ސިކުނޑިއަށް އެފަދަ ވިސްނުމެއް އައީ ކޮންއިރަކު ހެއްޔެވެ؟

ވާހަކަ ނުދެއްކިގެން މަޑުމަޑުން ދެފަރާތަށް ބޯހޫރަން ފެށިތަނާ ލޮލުން ކަރުނައިގެ ސައިލާބު އޮހިގަތެވެ. ޒާކިން ތެދުވުމުން އެއަތުގައި ހިފާ ބާރުކޮށްލީމެވެ. އޭނަ ހުއްޓި ހުރީ ދުރު ބަލަހައްޓައިގެންނެވެ.

"ކިއާ ޕްލީޒް. ނާވީއާ ކައިވެނި ކުރަން އެއްބަސް ވޭ. އެއްމަސް ފަހުން ކިއާ އަހަރެންގެ ފަރާތުން މުޅިން މިނިވަން ވާނެ." ޒާކިންގެ ފަހު ބަހަކީ އެއީ އެވެ.

ރޮއި ރޮއި އިންދާ ޒާކިން އަހަރެންގެ އަތް ނައްޓުވާލައިފައި ފެނުނީ ގޮސް ނިކުތްތަނެވެ. އަހަރެންނަކަށް ހަރަކާތެއް ނުކުރެވުނެވެ. ކުޑަމިނުން ނުވެސް ނުތެދުވެވުނެވެ. ކުޑައިރުކޮޅެއްގެ ތެރޭގައި ދޮންތަބޭ ހަރުކޮށް އައިސް ގެއަށް ވަނެވެ. ސޯފާގައި ބޯ އަޅައިގެން އަހަރެން އޮތީ ތެދުވަން ބޭނުން ނުވެފަ އެވެ. ގެއަށް ވަނީ ދޮންތަބޭކަން އަހަރެންނަށް އެނގުނީ ނަމުން ގޮވައިލީމަ އެވެ.

"ޒާކިން ދެންމެ ގުޅީމަ މިއައީ. ބުނީ ކިއާރާއަށް އަހަރެމެންގެ ބޭނުން ޖެހިދާނެއޭ. ކީއްވެ އޭނަ އެހެން އެބުނީ؟ ކަމެއް ގޯސްވީތަ؟" ދޮންތަބޭ ކުރިއަށްވުރެ ކައިރިވެލައިފައި އަހަރެންގެ ކޮނޑުގައި ހިފައިލި އެވެ.

އަހަރެން ބޯ ހިއްލައިލީ ދެނެވެ. ކަރުނުން ފުރިފައިވާ މޫނު ފެނުމާއެކު ދޮންތަބޭގެ ކުލަ ވެސް ބަދަލު ވި އެވެ.

***

ނައުޝާންއަށް އެވާހަކަތައް ކިޔައިދިނުމުން އޭނަގެ ވިސްނުން އަދި ހުރީ ތަފާތު ކޮށެވެ. އެއީ ޒާކިން ނަތާޝާއާ ގުޅެން ޖެއްސި ޑްރާމާއެއް ކަމުގައި އޭނަ ލަފާދިނެވެ. އެހެންނޫން ނަމަ ހަމަ ކުއްލިއަކަށް ޒާކިން އެހާ ބޮޑަށް ބަދަލު ވާންވީ ކީއްވެ ހެއްޔެވެ؟ ޒާކިންގެ މަޤްސަދަކީ ރީތި ގޮތުގައި އަހަރެންގެ ފުށުން ސަލާމަތް ވުމެވެ. ކުރީގެ ލޯބިވެރިޔާ އަނބުރާ ލިބުމުން އޭނަ އެހުރީ އެ ލޯބި ހާސިލް ކުރަން ކެތްމަދުވެފަ އެވެ. ނަތާޝާ ބޭވަފާތެރިވިއޭ ކިޔައިގެން ޒާކިން ދެއްކި ވާހަކައާ މެދުގައި ވެސް ސުވާލު އުފެދުނެވެ. ބޭވަފާތެރިވީ ނަމަ ޒާކިން މިހާ އަވަހަށް ރުހިގެން ވާހަކަ ދައްކަފާނެ ހެއްޔެވެ؟

އެރެއަށްފަހު ޒާކިން ކުރިއަށްވުރެ ވެސް ދުރެވެ. ހަމައެކަނި އެއީ އެކުގައި މަސައްކަތް ކުރާ މީހެކެވެ. ކުރިންހެން ހާލު އަހުވާލު އޮޅުންފިލުވަން ގުޅުމާއި އަޅާލާކަން އެނގުން ހުއްޓާލައިފި އެވެ. އެކަމަކު ދޭން ޖެހޭ ޚަރަދު ބަރާބަރަށް ދެ އެވެ. އިތުރަށް ދެން އޮތީ ވެސް އެންމެ މަހެކެވެ. ނުވަ މަހާއި ނުވަދުވަސް ފަހުން އަހަރެން ވިހެއުމުން ޒާކިންއާއި އަހަރެންގެ މެދުގައި އޮތް ހުރިހާ ގުޅުމެއް ކެނޑޭނެ އެވެ. ޒާކިން ބުނިހެން އަހަރެން މުޅިން މިނިވަން ވާނެ އެވެ.

ޒާރާ އާއި އަޔާޒްގެ ކައިވެނީގެ ދުވަސް އައިސް ޖެހުނުއިރު އަހަރެން އިނީ ކިރިޔާ ނުވިހަ އެވެ. އެދުވަހު ހެނދުނު ވެސް ކުޑަކޮށް ބަނޑުގައި ރިއްސައިލި އެވެ. އެކަމަކު އެރޭ ވީއިރު ނަސީބަކުން ރަނގަޅެވެ. ޕާޓީއަށް އަހަރެން ދިޔައީ ހަމައެކަނި އަޔާޒްމެން ދެމަފިރިންނަށް ޓަކަ އެވެ. އެދެމީހުންނަށްޓަކައި ނޫންނަމަ އަހަރެން ހުރީހީ ގޭގަ އެވެ. ޕާޓީ ތެރެއިން ޒާކިންއާއި ނަތާޝާ ފެންނާނެކަމަށް ކުރިއްސުރެ އަހަރެން ހުރީ ތައްޔާރު ވެގެންނެވެ. ކަންތައް ވީ ވެސް އެހެންނެވެ.

ޒާރާ ތައްޔާރު ކޮށްގެން ސިޑިން ތިރިއަށް ފޭބިއިރު ނަތާޝާ ހުރީ އޭނަގެ އެއްފަރާތުގަ އެވެ. އަނެއް ފަރާތުގައި ހަފީޒާ އެވެ. އަހަރެންގެ ހިތް ހަސަދައިން ފުރުނެވެ. އެދިމާއަށް ނުބަލަން ވެގެން ފޯނު ނަގައިގެން ހާކާކަމަށް ހެދުނީމެވެ. ނާވީ ތަންކޮޅެއް ކުރީގައި ކޮށްފައި އޮތް މެސެޖަކަށް ޖަވާބު ފޮނުވަމުން ޕާޓީގެ ވާހަކަ ލިޔެލީމެވެ. ބޭނުންވީ ނާވީ އެތަނަށް ގެންނާށެވެ. ޒާކިންއަށް މީހުން ވަންޏާ އަހަންނަށް ވެސް ވާނެ އެވެ. އެކަމަކު ނަސީބު އަހަރެންގެ އަތަކު ނުހިފި އެވެ. ނާވީ އެރޭ އުޅުނީ ޑިއުޓީގަ އެވެ. ކުރިން ބުނި ނަމަ ޑިއުޓީ ބަދަލުކޮށްލެވުނީސް ކަމުގައި އޭނަ ބުންޏެވެ.

ނާވީ ނުބުންޏަސް އޭނަގެ ހިތަށް ވެސް ކޮންމެވެސް އެއްޗެއް އަރާނެ އެވެ. އެހާ ގާތްކޮށް އުޅެފައި ކޮއްކޮގެ ކައިވެންޏަށް ދައުވަތެއް ނުދެ އެވެ. އަހަރެން ނިންމީ ފަހުން ބައްދަލުވުމުން މަޢާފަށް އެދުމަށެވެ. ނާވީއަށް ވިސްނޭނެ އެވެ.

މެހުމާނުންތައް އައިސް ހޯލް ފުރާލުމުން އަހަރެންނަށް އެކަނިވެރިކަން އިހްސާސް ވާން ފެށި އެވެ. ކޮންމެ މީހަކުވެސް އުޅެނީ ކޮންމެވެސް ކަމެއްގަ އެވެ. ނޫނީ ކޮންމެވެސް މީހަކާ ބައްދަލު ކުރުމުގަ އެވެ. މޭޒެއްގެ ދޮށުގައި އަހަރެން އިންދާ ނަތާޝާ އައެވެ.

"އަޔާ ދައްތަ މާ އެކަނިވެފަ އިންދާ ފެނިގެން މިއައީ. ކާން އެއްޗެއް ގެނެސްދެންތަ؟" ނަތާޝާ އޯގާތެރި އަޑަކުން ސުވާލު ކުރި އެވެ.

އެވަގުތު ހިތް އެދުނީ ލޯ އަޅައިލުމަށެވެ. ކުރިމަތިން ދުރަށް ދާށޭ ބުނެ އެތިވަރު ގޮވާލުމަށެވެ. އެކަމަކު މާހައުލު އެކަމަކަށް ތަނެއް ނުދެ އެވެ.

"ވޭޓަރުން އެތިބީނު. އެއްޗެއް ބޭނުންވަންޏާ އެމީހުން ކައިރީ ބުނެފާނަން." އަހަރެންގެ ޖަވާބުން ނަތާޝާ ކުޑަކޮށް ރަކިވި އެވެ.

އޭނަ އަނެއްކާވެސް ހީލައިފައި ގޮސް ހުއްޓުނީ ހަފީޒާ ކައިރިއަށެވެ. އަހަރެން އަޅައެއްނުލަމެވެ. ނަތާޝާ ހިތްހަމަނުޖެހުނިއްޔާ އަހަރެންނަށް ކީއް ހެއްޔެވެ؟

ފިނިއެއްޗެއް ބޯލާއިރަށް އަހަރެން ހުރީ ފާޚާނާއަށް ދާން ޖެހިފަ އެވެ. ދުވަސްކައިރި ވީ ވަރަކަށް ފާޚާނާއަށް ދާންޖެހޭލެއް ގިނަ އެވެ. ކިރިޔާ ލަސްވެލިއަސް އޮންނަނީ ކޮންޓްރޯލުން ނައްޓާފަ އެވެ. ސިޑިން އަރައިގެން ގޮސް އަހަރެން ވަނީ ޒާރާގެ ކޮޓަރި އަށެވެ. ފާޚާނާ ކޮށްލައިގެން ނިކުތްއިރު ކޮޓަރި ތެރެއިން ޒާކިން ފެނުމުން ސިހުމެއް ލިބުނެވެ.

"އެވްރީތިން އޯކޭ؟" އެ މޫނުގައި ހާސްކަމެއްވި އެވެ.

"ހޫ އާ ޔޫ؟" އަހަރެން މޫނު އަނބުރާލީ އަނެއްފަރާތަށެވެ.

"ވާއު..." ޒާކިން ބުނެލި އަޑު އިވުނެވެ.

އޭނަ ހިތްހަމަނުޖެހުނުކަން އެނގުމުން އަހަންނަށް ލިބުނީ އަޖައިބެއްފަދަ ހަމަޖެހުމެކެވެ. މިހާރު ދެން ކޮންމެހެން އަޅައިލާ ކަމަށް ހެދޭނެ ކަމެއް ނެތެވެ.

"ކިއާރާ!" އަހަރެން ހިނގައިގަތުމުން ޒާކިން އަހަރެން ކުރިބެއްދި އެވެ.

"ވަޓް ދަ ހެލް ޒާކިން؟ ތި ކޮން ސަކަރާތެއް. ކީއްކުރަން އަހަރެން ފަހަތުން ތިއައީ؟ ކޮންމެހެން އަހަންނަށް އަޅައިލާ ކަމަށް ހެދޭނެ ކަމެއް ނެތް. ދޭ އެނަތާޝާ ކައިރިއަށް. ބޭނުންވާ ގޮތް ވެފައެއްނު މިހާރު ތިއޮތީ." އަތް މުށްކަވާލައިފައި ޒާކިންގެ މޭގައި ޖަހަމުން އަހަރެން އެތިވަރު ގޮވައިގަތީމެވެ.

ޒާކިން ރެކޭކަށް ވެސް ނޫޅުނެވެ. ބަލަން ހުރީ އެވެ. އިރުކޮޅަކުން ދެއަތް އުފުލާލައިފައި ފަހަތަށް ޖެހިލައި އަނެއްފަރާތަށް އެނބުރުނެވެ. އަހަރެން ހިނގައިގަތީ ޒާކިން ތިރިއަށް ފައިބާހާ އިރުކޮށްފަ އެވެ. ބަނޑުގައި ރިހުމެއް އުފެދުނީ ސިޑިން ފައިބަންފެށި ތަނާ އެވެ. އަހަރެން އެ ވޭނަށް ކެތްކުރަން މަސައްކަތް ކުރީމެވެ. މެދާކަށް ހަމައަށް ފޭބުނުފަހުން ކެތްތެރިކަން ކޮޅުންލައިގެން ތިރީގައި ފާޑަކަށް އިށީނދެވުނެވެ. ހިތުގެ ތެޅުން އަވަސްވެގެން ދިއުމާއެކު ދާހިއްލަން ފެށި އެވެ. ދުރުގައި ތިބި މަންމަމެނަށް އަހަރެން ފެނިގެން އެންމެ ފުރަތަމަ ދުވަމުން އައީ މަންމަ އެވެ. އިސާހިތަކު ޕާޓީ ތެރޭ އޮތް އުފާވެރި ހުނުމުގެ އަޑު ކެނޑިއްޖެ އެވެ.

އެންމެންގެ ސަމާލުކަން ހުއްޓުނީ އަހަރެންނަށެވެ.

"މަންމާ....." އަހަރެންނަށް ވާހަކަ ދައްކަން ދަތިވި އެވެ.

"ޒާކިން! ކިއާރާ ބަނޑުގައި ރިއްސަނީ؟" މަންމަ އެނބުރިފައި އަހަރެމެންނާ ދިމާއަށް އައި ޒާކިންއަށް ގޮވައިލި އެވެ.

ސިކުންތުކޮޅެއްގެ ތެރޭގައި ޒާކިން އައިސް އަހަރެންގެ ކައިރިއަށް ތިރިވި އެވެ. އަޔާޒްމެން ދެމަފިރިންނާއި ޒާކިން މަންމަގެ އިތުރުން ދޮންތަބޭމެން ވެސް އަތުވެއްޖެ އެވެ. ޒާކިން ބައްޕަ ފޯނު ނަގައިގެން އެމްބިއުލާންސަށް ގުޅާފައި ވާހަކަދެއްކި އަޑު އިވުނެވެ.

"ކިއާރާ ޓޯކް ޓު މީ!" ޒާކިން އަހަރެންގެ އަތުގައި ހިފާފައި ފިއްތައިލި އެވެ.

އަހަރެން އިސްއުފުލައިލީމެވެ. ކަރުނައިން ފުސްވެފައިވާ ލޮލަށް ފެނުނީ ޒާކިންގެ ކަންބޮޑުވެފައިވާ މޫނެވެ.

"ދެންމެތަ ރިއްސަން ފެށީ؟" ޒާކިން އޮޅުންފިލުވަން ބޭނުންވި އެވެ.

"ހެނދުނުވެސް." އަހަރެންނަށް ބުނެވުނެވެ.

ޒާކިން އަހަރެންގެ ބަނޑުގައި އަތްލައިފައި ރިހުން އަންނަ ގޮތް ބެލި އެވެ. އެމޫނުން އެނގުނީ ވަގުތު ޖެހެމުން އަންނަކަމެވެ. އޭނަ އަހަންނަށް އެންގީ ފުންކޮށް ނޭވާ ލުމަށެވެ. އަހަރެން ބޯޖަހައިލީމެވެ. އެވަގުތު ޒާކިން ބުނި ކޮންމެ ކަމެއް ކުރަން އެއްބަސްވެވުނީހެވެ. އެމްބިއުލާންސް އައި ވާހަކަ ޒާކިން ބައްޕަ އައިސް ބުންޏެވެ. ޒާކިން ލަހެއް ނުކުރެ އެވެ. އަހަރެންގެ އުނަގަނޑުގައި އެއަތް ވަށާލައި ކޮޅަށް ނަގައިގެން ހިނގައިގެންފި އެވެ. ދެންތިބި މީހުން އެކުގައި ދިޔަ އެވެ. -- ނުނިމޭ --

ދިގު ވާހަކަ

Popular