11 Nov 2017

ފާޑުކިޔުންތަކާ އެކު ވެސް ނަހުލާ ހައްދުން މައްޗަށް!

ފާޑުކިޔުންތަކާ އެކު ވެސް ނަހުލާ ހައްދުން މައްޗަށް!

By: Ahmed Nadym

ފާތުމަތު ނަހުލާ ބީހިލީމާ ދެން އެ ފިލްމެއް ދިވެހި ސިނަމާގައި ރަންގަނޑަކަށް ބަދަލުވީ އެވެ. މިއީ މަޝްހޫރު ޑައިރެކްޓަރު، ރައިޓަރު އަދި މިހާރު ފިލްމުތައް އަމިއްލަ އަށް ޕްރޮޑިއުސް ވެސް ކުރަމުން އަންނަ ނަހުލާގެ ހުނަރުވެރިކަމާ މެދު ގަބޫލުކުރެވި، އެއްބަސްވެވިފައި އޮތް ގޮތެވެ. އޭނާގެ އާ ފިލްމު، ބޮސްގެ ޝޯތައް އޮލިމްޕަހުގައި ދައްކަމުން އަންނައިރު މިހުރިހާ ކުލައެއް އެ އެބަ ފެނެ އެވެ. ފަހަރުގައި ފާޑުކިޔުންތައް ގަބޫލުކުރަން ނަހުލާ އަށް އުނދަގޫވެގެން އުޅޭ ސަބަބަކީ އެއީ ކަމަށް ވެސް ވެދާނެ އެވެ.

ނަމަވެސް އައިޝަތު ރިޝްމީ ލައްވައި ޑައިރެކްޓްކޮށް، ނަހުލާ މިފަހަރު ގެނެސްދިން "ބޮސް" އަށް "ނަހޫ-އިސްޓައިލް" ގެ ބޮސްދިނުމެއް ނުލިބުނެވެ. ނަމަވެސް ނަހުލާ ބުނަނީ ޑައިރެކްޓަރު އަބްދުލް ފައްތާހު ގެނެސްދިން "ރިކޯޑް ބްރޭކިން މޫވީ" ގެ ހުރިހާ ރިކޯޑެއް ބޮސްދިނުމަކުން ބިންދާލެވިއްޖެ ކަމަށާއި "މި ފިލްމަށް ވުރެ އެ ފިލްމު މޮޅޭ" ބުނާނެ އެކަކު ވެސް ނުވާނެ ކަމަށެވެ.

"އެކަކު ބުނެފާނެ. އެކަމަކު 10 މީހުން ނުބުނާނެ ހައްދަށް ވުރެން (ބޮސް) ކަޑަވާނެއެކޭ. ބަޔަކު މީހުން ޖެއްސުމަށް އެހެން ބުނެފާނެ. އެކަމަކު މީހުން ބުނެޔޭ ހައްދަށް ވުރެން މި ފިލްމު ކަޑައޭ. އެހެނެއް ނުބުނެވޭނެ. ސޮއިކޮށްފައި މި ބުނަނީ،" ނަހުލާގެ މި ޔަގީންކަން ވެސް ބަންދުކޮށްލީ ބޮސްދިނުމަކުންނެވެ.

ނަހުލާ މިގޮތަށް ވާހަކަ ދެއްކީ، ބޮސް ބެލި ބައެއް މީހުންނާ ސުވާލުކޮށް ހިޔާލު ހޯދާލުމުން އެންމެން ވެސް ފައްތާހުގެ ފިލްމާ، ބޮސް އަޅާކިޔާވަރު ބޮޑުވެގެންނާއި ބޮސް އަށް ވުރެ ހިތްހަމަޖެހޭ ފިލްމެއްގެ ގޮތުގައި ބައެއް ބެލުންތެރިން "ހައްދު" ސިފަކުރުމުން ނަހުލާގެ ބަހެއް ހޯދާލަން ގުޅާލުމުންނެވެ.

"ބަޔަކު މީހުން (އެގޮތަށް) މި ފިލްމު ހަޑިއޭ ބުންޏަސް އެ ވާހަކައެއް ގަބޫލެއް ނުކުރާނަން. ކޮލިޓީ އާއި އެކްޓިން އަށް ބެލިޔަސް ހައްދަށް ވުރެ ރަނގަޅުވާނެ،" ނަހުލާ ބުންޏެވެ.

"އަހަރެން ބުނީ ބޮޑީއަކަށް ނޫނޭ ފިލްމު ހިނގަނީ، އެއޮތީ އެކަން ދައްކާފައި. އަހަރެންގެ ފިލްމު އެ އޮތީ އެޑްވާންސްކޮށް ވެސް ހައްދަށް ވުރެ މައްޗަށް ހިނގާފައި،" މިހާރު ވިއްކަމުން ދަނީ 17 ވަނަ ޝޯގެ ޓިކެޓް ކަމަށް ބުނެ ވާހަކަ ދައްކަމުން ބުރާސްފަތި ދުވަހު ނަހުލާ ބުންޏެވެ.

ނަހުލާގެ އަމާޒަކީ މަދުވެގެން އޮލިމްޕަހުގައި "ބޮސް" ގެ 25 ޝޯ ހައުސްފުލްކޮށް ދެއްކުމެވެ. މި ހަފުތާ ބަންދާ ދިމާކޮށް 10 އަތޮޅެއްގައި ވެސް ނަހުލާގެ ފިލްމު އަންނަނީ ދައްކަމުންނެވެ.

"ހައްދަށް ވުރެ ނަމަ ކަޑަ ނަމަ ޓިކެޓް ކައުންޓަރަށް މިވަރަށް ބާރެއް ބޮޑެއް ނުވާނެ. ބެލި މީހުންގެ ތި ކޮމެންޓްތައް އަހަރެން ގަބޫލެއް ނުކުރާނަން،" ނަހުލާ ބުންޏެވެ.

ނަމަވެސް "ބޮސް" އަށް ދިޔަ ބައެއް މީހުން ބުނެފައި ވަނީ އެމީހުން އުއްމީދުކުރިވަރުގެ ފިލްމެއް ނުބެލުނު ކަމަށާއި ފައްތާހު ގެނެސްދިން "ހައްދު ވެސް މިއަށް ވުރެ ރަނގަޅު" ކަމަށެވެ.

"އަހަރެން މި ބުނަނީ ހައްދު ވެސް މާ މޮޅެކޭ ނޫން. އެކަމަކު ބޮސްގެ ހުރިހާ ކަމަކާ އަޅާބަލާއިރު ހައްދު އެއަށް ވުރެ ރަނގަޅޭ،" ގަވާއިދުން ދިވެހި ފިލްމަށް ދާ މީހަކު ބޮސްގެ ތަޖުރިބާ ކިޔައިދިނެވެ.

އެހެން މީހަކު ބުނީ އޭނާގެ އާއިލާ އިން 23 މީހަކު "ބޮސް" އަށް ދިޔަ ކަމަށާއި އެންމެން ވެސް ދެއްކީ "ހައްދު މިއަށް ވުރެ ރަނގަޅު" ވާހަކަ ކަމަށެވެ. އޭގެ ތެރޭގައި ގިނައީ އަންހެނުންނެވެ.

"ބޮސް" އާއި "ހައްދު" ގެ އަޅާކިޔުންތައް އިތުރުވެފައިވާއިރު މި ފިލްމުގެ ޕްރިމިއާގެ ކުރިން ނަހުލާ އާއި ފައްތާހާ ދެމެދު ބަދަލުކުރެވުނު ބަހުގެ ވާދަވެރި ހަމަލާތައް ފާހަގަކޮށްލެވެ އެވެ. "ހައްދު" ގެ ރިކޯޑްތައް މުގުރާލަން ނަހުލާ އަށް އުނދަގޫވާނެ ކަމަށް ބުނެ ފައްތާހު ވަނީ އެފަހަރު ނަހުލާ އަށް ޗެލެންޖުކޮށްފަ އެވެ.

މި ވާދަވެރިކަމެއްގެ ތެރެއިން ދެމިގަތުމަށް ނަހުލާ މަސައްކަތްކުރަމުން އަންނައިރު ވަރަށް ގިނަ ބަޔަކަށް ހީވެފައި އޮތް އަނެއް ކުށްހީއަކީ "ބޮސް" ގެ ޑައިރެކްޓަރަކީ ވެސް ނަހުލާ ކަމެވެ. ނަހުލާ ބުނަނީ ސެޓުގައި ރިޝްމީއާ އެކު އެގޮތަށް އުޅުނަސް ފިލްމުގެ ޑައިރެކްޓަރަކީ ސީދާ ރިޝްމީ ކަމަށެވެ.

"އަހަރެންގެ ފިލްމަކަށް ވެގެންނޭ މީހުން ފިލްމު ބަލަން ދިޔައީ، އެހެން ވެސް ބުނެވޭކަށް ނެތް،" ނަހުލާ ބުންޏެވެ.

ފާތިމަތު ނަހުލާ ދިވެހި ޑައިރެކްޓަރުން

Popular