21 Nov 2017

ގަސްތަކާނުލާ

ގަސްތަކާނުލާ

* ނޮވެމްބަރު 18 ވަނަ ދުވަހުގެ ބަޔާ ގުޅޭ ...

އިއާންފެރީއަށް ދިޔައިރު އީމާއެއް ނެތެވެ. މާލެ ދާން ފެރީއަކަށް އެރުމުގެ ކުރިން އެންމެ ފުރަތަމަވެސް އެއްވެސް ދިމާލަކުން އީމާ ފެނޭތޯ ހޯދިއެވެ. ހޯދާހޯދާ ނެތްކަން ކަށަވަރުވުމުން އެންމެ އަވަހަށް ފުރަން އޮތް ފެރީއަށް އިއާންވެސް އަރައިފިއެވެ.

ޢާއްމު ސްޕީޑުގައި ދުއްވާފައި ދިޔަ ފެރީގައި އިން އިއާންއަށްޓަކައި އެ ފެރީ އެއީ ދުނިޔޭގެ އެންމެ މަޑުން ދުވާ ފެރީއެވެ. ދުރުދުރުން ފެންނަން އޮތް މާލެއާއި ދިމާލަށް އިރުއިރުކޮޅާ އިއާންއަށް ބަލާލެވެއެވެ. އީމާއާއި ހަމައަށް ނުފޯރައިގެންނެވެ.

މަޖްބޫރު ޙާލަތަށް ކެތްކޮށްގެން އިން އިއާންއަށް އިނީ ޙަޔާތުގައިވެސް ލިބުނު އެންމެ ބޮޑު ނުތަނަވަސްކަން ލިބިފައެވެ. ހިތާއި ސިކުނޑީގައި ހިނގަމުންދާ ޚިޔާލުތައް ތަރުތީބުކުރަންވެސް އިއާންއަށް އުނދަގޫވެއެވެ. އަވަސް އަވަހަށް އިންގޮތް ބަދަލުކޮށްލެވެއެވެ.

ޝިއުނާ އިނީ އޭނަގެ ދަރިއަކަށް ބަލިވެއެވެ. ކަންފަތްކައިރީގައި ހުއްޓާނުލާ މީހަކު އެބަސް ތަކުރާރުވާހެން އިއާންއަށް ހީވެއެވެ. އިއާން އޭނަގެ އަމިއްލަ ވިސްނުންތަކުގެ ތެރެއަށް ގެނބުނެވެ.

ބައްޕަގެ ހަގީގީ ރުޅި އަދި މިވީހާ ދުވަހު ފެނިފައި ނެތްނަމަވެސް މިފަހަރު ފެންނާނެއެވެ. އޭނައަށް ލޯބީގެ ގޮތުން ގުޅިގެން އުޅެވުނީ ބައްޕަގެ ކޮއްކޮގެ މަރުގެ ޒިންމާ ނަގަންޖެހޭމީހާގެ ދަރިފުޅާއެވެ. ޝިއުނާއަކީ ކާކުގެ ދަރިއެއްކަން ކުރިން އެނގުނު ނަމަ އޭނަ އެ ގުޅުން ނުފަށާނެއެވެ. އެކަމަކު ޝިއުނާގެ އާދަޔާ ޚިލާފު ރީތިކަމުގެ ސަބަބުން ޝިއުނާއާއި އޭނައާ ދެމެދުގައި ގާތްކަން އުފެދެން ނެގީ އެންމެ ހަފްތާއެއްހާ ދުވަހެވެ. އޭގެ ފަހުން ކިތަންމެ ގިނަ އަންހެންކުދިންނަކާ އޭނަ ވާހަކަ ދެއްކިނަމަވެސް އޭނަގެ ހިތް ޝިއުނާއަކާއި ވަތްކެއް ނުވެއެވެ. އޭނަ ނޫން މީހަކާ ޝިއުނާ ވާހަކަ ދައްކަންވެސް އޭނައަކަށް ނުރުހެވުނެވެ. ޝިއުނާގެ ހުރިހާ ސިފައެއް، ހުރިހާ ކަމެއްވެސް އޭނައަށް ވަރަށްބޮޑަށްވެސް ކަމުދިޔައެވެ. އޭނަގެ ކައިވެނި ކުރެވޭނީ ހަމައެކަނި ޝީއުނާއާއި ކަމަށް އޭނައަށް ގަބޫލުކުރެވުނީ މީގެ އަހަރުތަކެއް ކުރިންނެވެ.

ޝިއުނާއާއި އޭނަގެ ގުޅުން މަންމަމެނަށް ސިއްރުކޮށްގެން އުޅުނީވެސް އޭނަގެ މާސްޓަރސް ނިމިގެން އައިސް ކައިވެނިކުރަން ބޭނުން ވާ ވާހަކަ ބުނުމަށް ގަސްދުކޮށްގެންނެވެ. އޭރަށް ބައްޕަވެސް ދެކޮޅު ނުހަދާނެ ކަމަށް ނިންމައިގެންނެވެ. ދެކޮޅު ހަދައިފިނަމަ ދެން ކަންތައްކުރާނެގޮތް ވެސް ރާވައިގެންނެވެ. ބައްޕައާއި ދެކޮޅަށްވިޔަސް ޝިއުނާއާއި ނޫން މީހަކާ ކައިވެނި ނުކުރުމަށް އޭނަ ހުރީ ޢަޒުމް ކަނޑައަޅައިގެންނެވެ.

އެކަމަކު އެވަގުތަށްވުރެ ކުރިން އައީ އެހެން ވަގުތެކެވެ. ޑްރާމާއަކަށް ހޯދި ބައިވެރިއެއްފަދައިން އޭނަގެ ޙަޔާތަށް ތަޢާރަފްވި އީމާއާއި ރުހެވުނީ އެއްވެސް އިޚްތިޔާރެއް ނެތިއެވެ. ދުވަހަކުވެސް ވަކިނުވާނެއޭ ހީވި ޝިއުނާގެ ހަނދާންތަކުގެ މައްޗަށް ގަދަކުރީ އީމާގެ ހަނދާންތަކެވެ. ދިވެހި އާއްމު އަންހެންކުދިންނާއި ޚިލާފަށް ބޯކޮށައިގެން ހުންނަ އެ ރީތި އަންހެންކުއްޖާގެ ކިބައިގައި ހުރި ޖާދުލެއްގެ ސަބަބުން ފުރަތަމަ ފަހަރުވެސް އޭނަގެ ހިތަށް ލޮޅުން އައެވެ. ނަމަވެސް އެއީ އޭނައަށް ހީވި ހީއެއްކަމަށް ހަދާފައި ހުއްޓާ، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އޭނަގެ ހިތް ޝިއުނާއާއި ދުރުވެ އީމާގެ ފަހަތުން ދާން ފެށިއެވެ. ކޯހަށް ފުރަންވީއިރު އޭނަގެ އަމިއްލަ ހިތަކީ އީމާއާ ވަކިން ދާން ބޭނުންނުވި ހިތެކެވެ.

އޭނަ ވިސްނާފައި ގޮތެއް ނިންމީ އީމާއަށްޓަކައެވެ. ހައެއްކައަހަރުވަންދެން ރައްޓެހިވެގެން އުޅުނު ޝިއުނާ ދޫކޮށްލީ އީމާއަށް ވަފާތެރިވާން ގަސްތުކޮށްގެންނެވެ. ޝިއުނާއާއި އޭނަގެ ކައިވެންޏަކީ ދުވަހަކު ކުރެވިދާނެހެން ވެސް ހީނުވާ ކައިވެންޏެއްކަން އެނގޭތީއެވެ.

އެކަމަކު އެއީ ގޯސްނިންމުމެއްކަން އެދުވަހު އެނގުނު ނަމައެވެ. ތަގުދީރު އޭނައާ މިހާ ނުލަފާ ކުޅިގަނޑެއް ކުޅެފާނެއޭ އޭނަ ހިތަށްވެސް ނައަރައެވެ.

ޝިއުނާ އެއިނީ ބަލިވެއެވެ. ޝިއުނާ ބުނާގޮތުން ނަމަ އެއީ އޭނަގެ ދަރިއެކެވެ. ނޭނގެއެވެ. ހަގީގަތް ޖެހޭނީ ބަލާށެވެ. އެކަމަކު ޝިއުނާ އެ ބުނަނީ އެއީ ތެދަކަށް ވަންޏާ ނަހަލާލަށް ވިހަން ޝިއުނާ ދޫކުރެވޭނީ ކިހިނެއް ހެއްޔެވެ. އެކަމަކު ބައްޕަމެންކައިރީ ޝިއުނާގެ ވާހަކަ އޭނަ ދައްކާނީ ކޮން ދުލަކުން ހެއްޔެވެ؟ ހަމަޖެހިފައި އޮތް ކައިވެނި ރޫޅާލާފައި ޝިއުނާއާ އިންނަން ބޭނުންވާ ސަބަބު އޭނަ ބުނާނީ ކޮން ގޮތަކަށް ހެއްޔެވެ؟ އެހާ ބޮޑު ފާފައަކަށް އޭނަގެ މަންމަ އާއި ބައްޕަ އޭނައަކަށް މަޢާފެއް ނުދޭނެއެވެ. މާތްކަލާކޯއެވެ. މިއީ އޭނަބެދިދާނެ މަޅިއެއްކަމަށް ދުވަހަކުވެސް އޭނަ ހީނުކުރެއެވެ.

އެއްކޮޅުން އޭނައަށް އީމާ ލިބުމުގެ ކުރިން ގެއްލޭނެއެވެ. އަނެއްކޮޅުން ބޮޑު މަޅިއަކުން ބާރު މިނުގައި އޭނަ ބަނދެވޭނެއެވެ. އެކަކަށް ކުރެވޭނެ އެއްކަމެއްވެސް ނޯންނާނެއެވެ.

މިހިސާބަށް ވިސްނުންތައް ގިނަވެގެން ގޮސް އިއާންގެ ލޭވެސް އަވަސްވާން ފަށައިފިއެވެ. ބަލާލިއިރު ނަސީބަކުން ފެރީ މާލެ ބަނދަރަށް ކައިރި ކުރަނީއެވެ.

ފެރީއިން ފައިބައިގެން އިއާން ހިނގައިގަތީ ތެޅެމުން ފޮޅެމުން އޭނަގެ ސައިކަލާ ދިމާލަށެވެ. އެހެންނަމަވެސް އޭނަގެ ލޯ މުޅި ސަރަޙައްދު ހޯދިއެވެ. އެއްވެސް ދިމާލަކުން އިއާންއަކަށް އީމާ ނުފެނުނެވެ. ސައިކަލަށް އަރައި ދުއްވާލިވަގުތު އަތުގައި އޮތް ފޯން ވައިބްރޭޓްވާން ފެށިއެވެ. އެއީ މަންމަގެ ކޯލެކެވެ. ސައިކަލް މަޑުޖައްސާލާފައި ފޯނަށް ބަލަހައްޓައިގެން އިއާންއަށް އިނދެވުނެވެ. މިވަގުތު މަންމަ އެ ގުޅަނީ ކޮން ވާހަކައެއްދައްކަންކަން އިއާންއަށް އެނގެއެވެ.

މަންމަމެނާއި ޝިއުނާއާ ބައްދަލުވީ ބާވައެވެ. ވާހަކަ ދެއްކީ ބާވައެވެ. އެހެންވެއްޖެ ނަމަ ހުރިހާ އެއްޗެއްވެސް މިހާރު މަންމަމެނަށް އެނގޭނެތާއެވެ. ދެން ހަދާނީވެސް ކިހިނެއްހެއްޔެވެ؟

އިއާން ސައިކަލަށް އެރީ އީމާގެއަށް ދާންކަމަށް ވިޔަސް މަންމަގެ ކޯލް އައި ވަގުތު އިއާންގެ ޚިޔާލު ބަދަލުވެއްޖެއެވެ. އީމާ ހޯދުމަށްވުރެ ކުރިން ޝިއުނާ އެ ދެއްކި ވާހަކައިގެ ހަގީގަތް ހޯދަން އޭނަ ޖެހޭނެކަން އިއާންގެ ހަވަނަ ހިއްސު އޭނައަށް ބުނެދިނެވެ. މަންމަމެނާ ބައްދަލުވާންވާއިރަށް އޭނަގެ އަމިއްލަ ސަލާމަތް ހޯދަންޖެހޭނެއެވެ.

މިނެޓެއް ވެސް ލަސްނުކޮށް ޝިއުނާއަށް ގުޅިއެވެ. ދެވަނަ ރިންގާއެކު ޝިއުނާ ފޯން ނެގިއެވެ. ޝިއުނާ އިނީ ފެރީގައެވެ. ފެރީއިން ފައިބައިގެން ޓެކްސީއެއްގައި ދާންވީތަން ބުނެފައި އިއާން ފޯން ބޭއްވިއެވެ.

ދެން ގުޅީ އީމާއަށެވެ. އީމާގެ ފޯން އޮތީ ނިއްވާފައެވެ. އިއާންއަށް މިވަގުތު އޮތް އެންމެ މުހިއްމު ކަމަކީ ޝިއުނާއާ ބައްދަލުކޮށް ވާހަކަ ދައްކައި ހަގީގަތް ހޯދުންކަމަށް އިއާން އަމިއްލައަށްވެސް ނިންމިއެވެ. ޝިއުނާ އަދި އެހެން ބުންޏަސް އެއީ އޭނަގެ ދަރިއެއްތޯ ޝިއުނާ ޔަގީންކޮށްދޭންޖެހޭނެއެވެ.

އީމާއާ ބައްދަލުކުރާނީ އޭގެ ފަހުންނެވެ.

***

މަންމަ އާއި ބައްޕައާ ކުރިމަތިލާނެ ހިތްވަރު ނުލިބިގެން ރައްޓެހިންނާއެކު އެކިތަންތަނުގައި އުޅެފައި އިއާން އެރޭ ގެއަށް ދިޔައިރު ދިހައެއް ޖަހާ ބޮޑުވެއްޖެއެވެ. ސިޓިންރޫމް ދޮރު ހުޅުވާލިއިރު އެއްވެސް މީހަކު އެތަނުގައި ނެތުމުން އިއާންއަށް ސިހުމެއް ލިބުނެވެ. އެއީ އޭނަ ހީކުރި ގޮތެއް ނޫނެވެ. މަޑުމަޑުން ހިނގާލާފައި ގޮސް އިއާން ވަނީ އޭނަގެ އަމިއްލަ ކޮޓަރިއަށެވެ.

މާޔޫސްވެ މިލާފައި ހުރި މޫނަކާއެކު އެނދުގައި އިށީނދެލިއެވެ. ފޯނާއި އަތުކުރީގައި އޮތް ގަޑި ނަގާ ސައިޑްކަބަޑް މަތީ ބޭއްވިއެވެ. ވައަތްފަރާތަށް އަނބުރާލި މޫނު ގޮސް ކޮނޑުގައި ޖެހުމުން އެނދުގައި ދެއަތްވިދެލައިގެން އިނދެއްޖެއެވެ. ކޮޓަރީގެ ފާރުގައި ހުރި ގަޑީގެ ކަށީގެ އަޑު ނޫން އަޑެއް ނީވެއެވެ. އެގޮތަށް އިރުގަނޑަކު އިނެވެ.

އިއާން ތެދުވެއްޖެއެވެ. މަޑުމަޑުން ހިނގާފައި ގޮސް އިއާން ހުއްޓުނީ މަންމަ އާއި ބައްޕަގެ ކޮޓަރި ކުރިމައްޗަށެވެ. ބައްޕަ ގެއަކު ނެތްކަން އިއާންއަށް އެނގެއެވެ. އެކޮޓަރީގައި މިވަގުތު ހުރީ އިއާންއާއި ޝިއުނާގެ ގުޅުމުގެ ހުރިހާ އެއްޗެއް އެނގޭ މަންމައެވެ. ދެތިންފަހަރު ޓަކިޖެހުމުން ވެސް އެތެރެއިން އެއްވެސް ޚަބަރެއް ނުވުމުން އިއާން ދޮރު ހުޅުވާލިއެވެ.

އަލަމާރި ހުޅުވައިގެން ކޮންމެވެސް ކަމެއް ކުރަން، ދޮރަށް ފުރަގަސްދީގެން ހުރި މަންމަ އިއާންއަށް ފެނުނެވެ. މަންމަ ކައިރިއަށްދާން އިއާންގެ ފިޔަވަޅުތައް ނެގެމުން ދިޔައިރު އޭނަގެ ކުށް ކިތަންމެހާވެސް ރަނގަޅަކަށް އިއާންއަށް އެނގެއެވެ. މަންމަ އާއި ތިއްތަ ވިލިނގިލިން އައީ ޝިއުނާ ހުއްޓުވައިގެން ހުރިހާ ވާހަކައެއްވެސް ޝިއުނާ ކައިރިން އަހާ އޮޅުންފިލުވައިގެންނެވެ. އެރޭ ބައްދަލުވުމުން އެވާހަކަ ޝިއުނާ ބުންޏެވެ.

"މަންމާ..." މަންމަގެ ފުރަގަހަށް ހުއްޓި އިއާން ގޮވާލިއެވެ. މަޑުމަޑުންނެވެ.

އާލިޔާ އެއްވެސް ޖަވާބެއް ނުދެއެވެ. ހީވާގޮތުން އަލަމާރިން ކޮންމެވެސް އެއްޗެއްހޯދަނީއެވެ.

"މަންމާ...." މިފަހަރު މަންމަގެ ކޮނޑުގައި އިއާން އަތް ޖައްސާލިއެވެ. ހަމަވަގުތުން އާލިޔާ ދުރަށް ޖެހުނެވެ.

"މޮމް ޕްލީޒް" އިއާންގެ ރަސްމީގޮތުގައި އިއާންއަށް ބުނެވުނެވެ. އާދޭހުން ފޯވެފައި ހުރި އަޑަކުންނެވެ.

"ކޯޗެއް ޕްލީޒް އިއާން؟ ކޯޗެއް؟ އެބައޮތްތަ ދެން އިއާން ތި ޕްލީޒް އަކުން ކުރާނެ ކަމެއް؟" ކުއްލިއަކަށް އިއާންއާ ދިމާލަށް އެނބުރިފައި އާލިޔާ ވަރަށް ބާރަށް ބުނެލިއެވެ. ހިފެހެއްޓުމެއްނެތި ލޮލުން ފައިބާ ކަރުނައާއި ރުޅިއާއެކު އާލިޔާއަށް އޭނަގެ ދަރިފުޅާ ދިމާލަށް ހަޅޭއްލަވައިގަނެވުނެވެ. އިއާންއަކަށް އެކައްޗެއްވެސް ނުބުނެވުނެވެ.

"ކިހާވަރަކަށް އިއާންއަށް ނަސޭޙަތް ދެމުން އައީ؟ މުޅި ޢާއިލާ ބަދުނާމުކޮށްފައި ނޫނީ އިއާން ނޭވާ ވެސް ނުލީމެއްނު؟" އާލިޔާ ހުރީ އިންތިހާއަށް ރުޅި އައިސްފައެވެ. ހިތްދަތިވެގެން ގޮސް ފަޅައިގެންދާވަރު ވެފައެވެ.

"މޮމް...އައި... ސޯ ސޮރީ މޮމް." އިއާންއަކަށް އޭނަގެ ދިފާޢުގައި ދައްކާނެ މާ ގިނަ ވާހަކައެއް ނެތެވެ. މަންމައަށް އޭނަގެ ސަބަބުން ލިބިފައި ހުރި ހިތްދަތިކަމުގެ ވޭނުން ލުޔެއް ދިނުމުގެ ގަސްތުގައި މަންމަގެ އަތުގައި ހިފަން އިއާން ކުރިއަށް ޖެހިލިއެވެ. ނަމަވެސް އާލިޔާ މިފަހަރުވެސް ޖެހުނީ ދުރަށެވެ.

"ދޭ މިގެއިން އިއާން، އިތުރަށް އިއާންގެ ފަރާތުން ލިބޭނެ ދެރައެއް ނެތް." އިއާންއަށް ފުރަގަސްދެމުން އާލިޔާ ބުނެލިއެވެ.

"މޮމް ޕްލީޒް..." އިއާން މަންމަގެ ކުރިމައްޗަށް ދިޔައެވެ. މަންމަ ކިޔާ އެއްވެސް އެއްޗަކަށް އިންކާރު ކުރެވެން ނެތްއިރުވެސް މަންމަގެ ރުހުން ހޯދުމަށް އިއާން މަސައްކަތް ކުރިއެވެ.

"ހުއްޓާލާ އިއާން، މަންމަ ނުކިޔާތި މީގެ ފަހުން، ކައިވެނީގެ ބޭރުން އިއާންގެ ފުރަތަމަ ކުއްޖާ ދުނިޔެއަށް އަންނާނީ، އެކަން ހިތަށް އަރާތަ އެބަ؟ ކިހާވަރެއްގެ ކަމެއްކަން އެބަ ވިސްނޭތަ؟ އެހިސާބުން ތިއީ މި މަންމަގެ ދަރިއެއް ނޫން." އާލިޔާގެ ރުޅިއާ އެއްވަރަށް ހިތްދަތިކަން ވެސް އެހާ ބޮޑެވެ. އޭނަގެ ފިރިހެންދަރިފުޅު ދުވަހަކުވެސް ޒިނޭކޮށްފާނެ ކަމަކަށް އާލިޔާ ހީކޮށްފައެއްވެސް ނެތެވެ. އިއާންގެ ކައިވެނި ނުކުރެވެނީސް އިއާންއަށް ދަރިއެއް ލިބުމަކީ ދެކެންޖެހިދާނެ ދުވަހެއް ކަމަށް އޭނަ ހީނުކުރެއެވެ.

"ވަރަށް ބޮޑެތި ދޮގާއި މަކަރު ހަދައިގެން އިއާން މަންމަމެނަށް އޮޅުވާލައިފީމު، އީމާއަކީ ވެސް މީހެއްގެ ދަރިއެއް، އަންހެންކުދިންނަކީ ފިރިހެނުން މުނިފޫހިފިލުވާ އެއްޗަކަށް ހަދަން ދަސްކޮށްދޭ މާހައުލެއްގައެއްނޫން އިއާން ބޮޑުވީ، ދެން ކިހިނެއް ތިކަހަލަ މީހަކަށްވީ؟ ހެޔޮވާނެތަ އީމާއަށް އެހެން ހަދަން، ދެފަރާތުގެ މުޅި ޢާއިލާ އަނދިރީގައި ބައިތިއްބާފައި އިއާން ތި ދުވީ އެހެން އަންހެންކުއްޖެއްގެ ފަހަތުން، އެވެސް ޝިއުނާ، އެ ނޫން އަންހެން ކުއްޖެއްވެސް އިއާންއަށް ހަމަ ނުވީތަ؟ ކޮންކަހަލަ އަނިޔާއެއް އިއާން ތިދިނީ މި އެންމެނަށް، އަހަރެމެންގެ ކަރުގައި ލޭރަހަލައްވާލި މީހާގެ ދަރިއަކާ އިއާން މިއޮއް ހުރިހާ އަހަރަކު ރައްޓެހިވެގެން ތި އުޅުނީ، ފުރަތަމަ މާމަ ދަރިވެސް އޭނަގެ ފަރާތުން އެ އަންނަނީ ކައިވެނީގެ ބޭރުން، ތިހާ ގޮތްކުޑަ ދަރިއަކު އެއްވެސް މީހަކަށް ނުދެއްވުމަށް ދުޢާ ކުރާނަން، ދާން އުޅޭ މިތަނުން." ގަދަ ރުޅީގައި އާލިޔާ ދުރަށް ހިނގައިގަތެވެ. އަދި އިއާން ބަލަހައްޓައިގެން ހުއްޓާ ގޮސް ފާހާނާއަށް މަންމަ ވަދެއްޖެއެވެ.

އިއާން އަކީ ދުވަހަކުވެސް މަންމަގެ އަޑުލުމެއް ނަފްރަތެއް ނުލިބި ބޮޑުވި ރަންދަރިއެކެވެ. މިރޭ މަންމަ ކޮޓަރިން ނުކުމެގެން ދިޔައީ އިސްޖެހި ކަރުނަ ފައިބާފައިބާ ހުރި ލޮލަކާއެކުގައެވެ. މަޖަލާ އުފަލުގައި ހޭދަކުރި ޒުވާން ޢުމުރުގެ ދިފާޢުގައި ދައްކާނެ އެއްވެސް ވާހަކައެއް އިއާންގެ ނެތެވެ. ފިކުރެއްނެތި ހޭދަކުރި މަޖާ ދުވަސްތައް އިއާންގެ ކަރުބުޑުގައި ހިތިރަހަ ލައްވައިފިއެވެ. -- ނުނިމޭ --

ދިގު ވާހަކަ

Popular