7 Dec 2017

ސިއްރުސިއްރުން

By: Mariyam Yasma

* ޑިސެމްބަރު 4 ވަނަ ދުވަހުގެ ބަޔާ ގުޅޭ ...

ބައްޕަމެން ފުރަން ތައްޔާރު ވަމުން ދިޔައިރު އީވާން އިނީ ލެޕްޓޮޕް ހުޅުވައިގެން މޭޒު ދޮށުގަ އެވެ. ފޯނު ވައިބްރޭޓް ވެގެން ބެލިއިރު މެސެޖެއް އިނެވެ. އީވާން މެސެޖް ހުޅުވާލި އެވެ. އަލްޔާ ސުވާލުކޮށްފައި އިނީ ބަންދުގައި ދަނީ ކޮންތާކަށްތޯ އެވެ. އީވާން މެސެޖް ލިޔަން ފެށިތަނާ ދޮރު ހުޅުވައިލި އަޑު އިވުނެވެ. އެތެރެއަށް ވަނީ ނިހާން އެވެ.

"އީވާން ބައްޕަ އެބަ ގޮވާ." އެނދު ކައިރީ ތިރީގައި ބަހައްޓާފައި ހުރި ދަބަސް ނަގަމުން ނިހާން ބުނެލި އެވެ.

އެއްފަހަރު ނިހާންއަށް އަނެއް ފަހަރު ފޯނަށް ބަލައިލުމަށްފަހު އީވާން ތެދުވި އެވެ. ފަހުން ޖަވާބު ފޮނުވަން ވެގެން ފޯނު ބޭއްވީ ލެޕްޓޮޕް ކައިރީގަ އެވެ. ދެމީހުން ނިކުތްއިރު ފާއިޒުމެން ތިބީ ސިޓިންރޫމްގަ އެވެ. ފާއިޒު ފޯނެއްގައި ހުރެފައި އީވާންއަށް އަތުން ހަނާ އަޅައިލި އެވެ. ކައިރިއަށް ގޮސް ހުއްޓުމުން އެއް އިނގިލި އުފުލާލައިލީ ތިރިކޮށްލި އެވެ. ބައްޕަ ބުނި އެއްޗެއް އީވާންއަށް ވިސްނުނެވެ. އިންތިޒާރުގައި ހުއްޓާ ފާއިޒު އިރުކޮޅަކުން ފޯނު ބާއްވާފައި އެނބުރުނެވެ.

"ރަމީޒްބެ ދެންމެ ގުޅި. ޗުއްޓީ ތެރޭގަ އީވާންގެ އެހީ ބޭނުން ވާ ވާހަކަ ބުނީ." ބައްޕަގެ ވާހަކަ އެހިސާބަށް ދިޔައިރަށް އީވާންއަށް ބުމަ އުފުލައިލެވުނެވެ.

"އެތާ މަސައްކަތް ކުރާ ކުއްޖާގެ އާއިލާ މީހަކު ބަލިވެގެން ކުއްލިއަކަށް ފުރާ ވާހަކަ ބުނީ. އަދި ބުނި އީވާން އެއްބަސްވެއްޖެއްޔާ ކެއުމަކަށް ވެސް ފައިސާއެއް ނުގަނާނަމޭ. ބައްޕަ ބުނެފިން އާއެކޭ. މައްސަލައެއް ނެތެއްނު؟ އީވާންއަށް ވެސް އެނގޭނެ ބައްޕަމެން މިދުވަސްކޮޅު މިއުޅެނީ ދަތިކޮށް ކަން. އެފައިސާ ވެސް ސަލާމަތް ކުރެވިއްޔާ އެއީ ވަރަށް ބޮޑު އެއްޗަކަށް ވާނެ." ފާއިޒު އިތުރު ތަފްޞީލު ދިނެވެ.

ބައްޕަ ކުރި ސުވާލަށް ޖަވާބު ދޭންވެގެން އަނގަ ހުޅުވާލައިފައި ވެސް އީވާން ލައްޕައިލީ އެވެ. ބައްޕަ ގޮތް ނިމުމުން އިތުރަށް އޭނަ ބުނާނެ އެއްޗެއް އޮތް ކަމުގައެއް ނުދެކުނެވެ. ވޮލެޓް ހުޅުވާލައިފައި ނެގި އެއް ހާސް ރުފިޔާ ހަވާލު ކުރުމަށްފަހު ފާއިޒު ދެން އެނބުރުނީ އަންހެނުންނާއި ދޮންދަރިފުޅާ ދިމާއަށެވެ. ކާރު އައިސް ބަރުގޮނު އަޅައިލި އަޑާއެކު ތިންމީހުން ދޮރުން ނިކުންނަން ބެހެއްޓި އެވެ.

ދޮރު ތަޅުލައިފައި އެނބުރި ދިޔައިރު ފޯނު ރިންގް ވަނީ އެވެ. ބަންޑުން އޮތް ފޯނު ނަގައި ބެލިއިރު ރަމީޒްބެ އެވެ. އީވާން ފޯނަށް ޖަވާބުދިނެވެ. ބައްޕަ ގޮތް ނިންމާފައި އެންގިއަސް އީވާން ދެކޭ ގޮތް ބަލަން ރަމީޒްބެ ބޭނުންވި އެވެ. އީވާން އެއްބަސްވީ ހިތުން ރުހުމުންނެވެ. އޭނަގެ އެހީއަށް ބޭނުންވި ދުވަހު ރަމީޒްބެއަށް އެހީ ވުމަކުން ގޯހެއް ނެތެވެ.

އަލްޔާގެ މެސެޖް މަތިން ހަނދާން ވުމުން އީވާން ނިންމީ ގުޅާލުމަށެވެ. ފޯނު ކަންފަތުގައި ޖަހައިގެން ގޮސް ކުޑަދޮރު ކައިރީ ހުއްޓާ އަލްޔާ ނެގި އެވެ.

"ހައި." އަލްޔާގެ އަޑުގައި އުފާވެރިކަން ވި އެވެ.

"ޖަވާބުދޭން ވެގެން މިގުޅީ." އީވާން ކުޑަދޮރަށް ލެނގިލި އެވެ.

އަލްޔާގެ އަޑު ޖެހުމުން ނާރު ތަކުގައި ފޮނި ފޮނި އިހްސާސެއް ދުވެލި އެވެ.

"އަޑު އަހަން މިހުރީ." އަލްޔާ ޝައުޤުވެރިކަން ދެއްކި އެވެ.

އީވާން ދޫކޮށްލީ ފުން ނޭވާ އެކެވެ. ކުރިއަށް އޮތް ބަންދު އެކަނި ގޭގައި ހޭދަކުރާ ވާހަކަ ބުނެލީ ނިތުގައި އަތް ހާކައިލަމުންނެވެ. އެކޮޅުން ޖަވާބެއް ނުލިބި އިރުކޮޅެއް ވި އެވެ. ދެން ވާހަކަދެއްކިއިރު އަލްޔާގެ އަޑުގައި ޖޯޝު ވި އެވެ.

"އެކަނިވާނެތީ ތިހާ ކަންބޮޑު ވަންޏާ އަހަރެން ދީފާނަން ތީގެ ސޮލިއުޝަން. އައި ކެން ބީ ޔޯ ކޮމްޕެނީ. އަހަރެން ވެސް ބަންދުގައި އެއްވެސް ތާކަށް ނުދަން." އަލްޔާގެ ޖަވާބު އިވިގެން އީވާންއަށް ހަށިގަނޑު ތެދުކޮށްލެވުނެވެ.

އެޖަވާބުން އޭނަ އަށް ވެސް އުފާވެރިކަން ގެނުވި އެވެ. އެކަމަކު އެމޫނު ބަނަވާން ނެގީ ސިކުންތުކޮޅެކެވެ. "އަސްލުވެސް ތިހެން ތިބުނީ އެއްވެސް ކަމެއް ރާވާފައި ނެތީމަތަ؟... އަހަރެން ހިތްހަމަޖައްސަން ވެގެން އެލީގެ ދަތުރު ކެންސަލް ކުރަން ނިންމައިފިއްޔާ އެވާނީ އަހަރެންނަށް ޑިސްއެޕޮއިންޓްމެންޓަކަށް..." އީވާން ސީރިއަސް އަޑަކުން ހާމަކުރި އެވެ.

އަލްޔާގެ އަޑު އައީ ދަމާލައިފައި "ނޯ" އޭ ބުނެލުމަކުންނެވެ.

"އެންމެ ރަނގަޅު. ޤަބޫލުކޮށްފިން. ތިވާހަކަ ވެސް. އަދި އެލީގެ އޯފާ ވެސް." އީވާން އަނެއްކާ ހިނިތުންވެލި އެވެ.

***

ހަވީރު ފޫހިވެގެން އީވާން ނިކުތީ ބޭރަށެވެ. ރަމީޒުބެ ކޮފީޝޮޕަށް ގޮސް ކަންކަން އޮޅުންފިލުވާލަން ގަސްތުކޮށްގެން އެދިމާއަށް ދިޔަ އެވެ. ރަމީޒްބެ އުޅެނީ އެކަނިމާއެކަންޏެވެ. ބަދިގޭގައި ކައްކާއެއް އުޅެނީ ނަސީބޭ ހިތަށްއެރި އެވެ. އޯޑަރުތައް ނަގަމުން ބަދިގެއިން އެއެއްޗެހި ގެނެސް ދިނުމުގެ އިތުރަށް ފައިސާ ކަނޑަނީ ވެސް ރަމީޒްބެ އެވެ. ޑިއުޓީ ހެނދުނު ފަށާ ގޮތަށް އިނަސް އީވާންއަށް ބަލާކަށް ނުހުރެވުނެވެ. ރަމީޒްބެ އެކަން ފާހަގަކުރުމުން އޭނަ ޖަވާބުދިނީ ކުރާނެ ކަމެއް ނެތި ހުރުމަށްވުރެ އެގޮތް ރަނގަޅު ކަމުގަ އެވެ. ރަމީޒްބެ ވޭޓަރެއްގެ ދައުރު އަދާކުރަން ފޮނުވާފައި އީވާން އިށީނދެލީ ކައުންޓަރު ދޮށުގަ އެވެ.

އިރުއޮއްސޭ ވަގުތަށް ތަން ބަންދުކޮށްފައި ނިކުމެވުނީ އެއްވެފައިވާ ކުދިންތަކެއްގެ ކުރިމައްޗަށެވެ. އެމީހުން ވަރަށް ސިއްރުން އެއްޗެއް ބަހަނިކޮށް ފެނުނެވެ. އީވާން އަށް ފާހަގަވީ އެތަނުން އެންމެ މޫނެކެވެ. އެއީ މުޒައްމިލް އެވެ. އީވާން ދަމުން އަދި އެއްފަހަރު ފަސްއެނބުރި ބަލައިލި އެވެ. މުޒައްމިލްގެ ލޮލުގައި އޭނަ އަޅައިގަތީ އެވަގުތު އެވެ. އީވާން އަވަހަށް ފުރަގަސްދީފައި ހިނގުން ބާރުކޮށްލި އެވެ.

ގެއަށް ދިއުމުގެ ކުރިން އީވާން ކައިރިކުރީ މިސްކިތާ އެވެ. ވުޟޫކޮށްގެން އެރިއިރު ނަމާދު ކުރަން ހަށަން ބަނދެފި އެވެ. ފަހަތު ސަފުގައި ހުރެ ނަމާދުކޮށްގެން ގެއަށް ދިޔައިރު ގެ އޮތީ އަނދިރިކޮށެވެ. ވަދެ ލައިޓް ދިއްލާފައި އީވާން އިށީނދެލީ ސިޓިންރޫމް ސޯފާގަ އެވެ. އެއިރު ފޯނުގައި ބައްޕަގެ ދެ މިސްކޯލު އިނެވެ. އީވާން ހަމަޖެހިލައިގެން ބައްޕައަށް ގުޅާފައި ވާހަކަދެއްކި އެވެ. ދުރުގައި ހުރުމުން ބައްޕަގެ އަޑުގައި ކުރިއަށްވުރެ އޯގާތެރިކަންވި ކަމުގައި ފާހަގަވި އެވެ. އީވާންގެ ހިތަށް ފިނިވެލި އެވެ. ފޯނު ބޭއްވުމުގެ ކުރިން ބައްޕަ ތަކުރާރުކޮށް ބުނީ ދޮރު ތަޅުލައިގެން އުޅުމަށެވެ. އަދި ގަޑިން ގަޑިއަށް ކައިގެން ހުރުމަށެވެ.

ޓީވީ ބަލަން އޮވެފައި ގެއިން ނިކުތީ އަނެއްކާ ވެސް ނަމާދު ވަގުތަށެވެ. އައިސް ގެއަށް ވަންނަން ކައިރިވީއިރު ޝާދް ދޮރު ކައިރީ ހުއްޓެވެ. އީވާންގެ މޫނުމައްޗަށް ހައިރާންކަމާއި އުފާވެރިކަން ވެރިވެގެން އައެވެ.

"ޝާދް. ކިހާއިރެއްވެއްޖެ މިތާ ހުންނަތާ؟" އީވާން ޖީބުން ތަޅުދަނޑި ނަގައިގެން ހުޅުވަމުން އެހި އެވެ.

"ފަސްވަރަކަށް މިނިޓް ވީ." ޝާދް ހިނިތުންވެލި އެވެ.

ދެމީހުން އެކީ ވަދެފައި ޝާދް ގޮސް ހުއްޓުނީ ސިޓިންރޫމް ސޯފާތައް ކައިރިއަށެވެ. އަތުގައި އޮތް ކަރުދާސް ކޮތަޅު މޭޒުމަތީ ބަހައްޓާފައި އެތާ ހުރި ސޯފާގައި އިށީނދެލި އެވެ. އީވާން ޖައްސައިލީ ސޯފާގެ އަނެއް ކޮޅުގަ އެވެ. ޝާދް ކޮތަޅުން ތަށި ބަރިއެއް ނަގައި މަތި ނަގަން ފެށުމާއެކު ކާއެއްޗެހީގެ ވަސް ތަނުގައި ހިފައިލި އެވެ.

"ޝާދް އަޅެ ކީއްކުރަން ބުރަ އުފުލީ؟ ރަމީޒްބެމެން ތަނުން ކެއުން ހަމަޖައްސާފައޭ އޮތީ." އީވާން ވާހަކަދެއްކީ ހިނިއައިސްފައި އިނދެގެންނެވެ.

"މީ އަހަރެން ހިލޭ ދޭ އެއްޗެއް ނޫން. މަސައްކަތެއް ޖައްސަން ވެގެން. ބަކަރި ވެސް ކާންދީ ފަލަކޮށްފައެއްނު ކަތިލަނީ." ޝާދް ޖަވާބުދިނީ އެއަށްވުރެ ބޮޑަށް ހިނިތުންވެލަމުންނެވެ.

އީވާން ބާރަށް ހީގަތެވެ.

ޝާދް އެދުނީ އެވާހަކަ ދެއްކުމުގެ ކުރީން ކެއުމަށެވެ. އީވާން އެއްބަސްވި އެވެ. ދެޒުވާނުން ކާން ތިއްބާ އީވާންގެ ފޯނު ރިންގް ވާން ފެށި އެވެ. ސްކްރީނަށް އަރާފައިވާ ނަން ފެނިފައި އީވާންއަށް ބަލައިލެވުނީ ޝާދްގެ މޫނަށެވެ. ޝާދް ބުމަ އަރުވައިލި އެވެ. އީވާން ކުޑަކޮށް ކަރުކެހިލާފައި ފޯނު ނަގައިފި އެވެ.

"ކައިފިންތަ؟" އަލްޔާ ފުރަތަމަ ވެސް އަހައިލި އެވެ.

"ކާން މިއިނީ." އީވާން ޖަވާބުދިނެވެ.

"އެހެންތަ؟ އަހަރެން އަދި އީވާންއަށް ޑިނަ ގެންދަން ކަމަށް. އައި މޭޑް ޕާސްތާ." އަލްޔާގެ އަޑުގައި ވި އުފާވެރިކަން އޮބުނެވެ.

"އެހެންތަ؟ ޝާދް ވެސް ޕާސްތާ ގެނެސްގެން މިއުޅެނީ." އީވާން ޝާދް އިން ދިމާއަށް މޫނު އަނބުރައިލި އެވެ.

ޝާދް ހިނިތުންވެލައިފައި ނަޒަރު ހުއްޓައިލީ ޓީވީ އަށެވެ. އެކަމަކު އޭނަގެ ކަންފަތް ހުރީ އީވާން އަށެވެ. ފޯނު ހަމަ ބޭއްވުމާއިއެކު ގުޅީ ކާކުތޯ އެހި އެވެ. އީވާންއަށް ދޮގު ހަދާކަށް ނުކެރުނެވެ. އަލްޔާގެ ނަން އިވުމާއެކު ޝާދް ހިނިތުންވެލި އެވެ.

"ދެން ބުނެބަލަ ތިބުނަން އުޅޭ އެއްޗެއް!" ޝާދް ތަށިތައް ދޮވެފައި އެނބުރި އައުމުން އީވާން އެހި އެވެ.

ޝާދް އިށީނދެލީ ސޯފާގެ އަނެއްކޮޅުގަ އެވެ. ދެއަތް ދެއަތާއި ގުޅުވާލައިގެން އިސްޖެހިފައި އިރުކޮޅެއް ވަންދެން އިނެވެ. އީވާން އިނީ އިންތިޒާރުގަ އެވެ. ޝާދް އަނގައިން ނުބުނުމުން ކައިރިއަށް ޖެހިލި އެވެ. ޝާދްއަށް ކަމެއް ވެއްޖެ ކަމުގައި ހިތް ބުނެލި އެވެ. އީވާން އެކުވެރިޔާގެ ކޮނޑުގައި ހިފައިލި އެވެ. ޝާދް އެދިމާއަށް މޫނު އަނބުރާލައިފައި އެސްފިޔަތައް އުފުލައިލި އެވެ. އީވާންގެ މެއަށް ތޫނު ތަދެއް ވެލި އެވެ. ޝާދްގެ އެސްފިޔަތައް ވަނީ ތެމިފަ އެވެ. އެލޮލުގައި ހުސް ކަރުނަ އެވެ.

"އަހަރެންނަށް ވަރަށް ބޮޑު ކުށެއް ކުރެވިއްޖެ." ޝާދްގެ ތުރުތުރު އަޅާ އަޑުން ހާމަކޮށްލި އެވެ.

އީވާންއަށް ޝާދްގެ ކޮނޑަށް ބާރުކޮށްލެވުނެވެ. ބާރު ބާރަށް ހިތް ތެޅެން ފެށި އެވެ. އަޑު އަހަން އިންދާ ޝާދް ދެން ބުނި ވާހަކައަކުން ފުންމައިގެން ތެދުވެވުނެވެ. ފައިދަށުން ބިންގަނޑު ދެމިގަތް ނަމަވެސް އެހާ ބިރެއް ނުގަންނާނެ އެވެ.

***

ބޭނުންވި ގޮތަށް ޕްލޭން ނުދިއުމުން އަލްޔާ އިނީ މޫޑު ހަރާބުވެފަ އެވެ. އީވާންއަށް ގެންދަން ތައްޓަށް އަޅައި ބަންދުކުރި ޕާސްތާ ފްރިޖަށް ލައިފައި ގޮސް އެނދަށް ވެއްޓިގަނެގެން އޮތެވެ. ޝައުފާ ގުޅީ އެތާ އޮއްވަ އެވެ. މަންމަގެ ހާލު ކުރިއަށްވުރެ ރަނގަޅު ވެލުމުން މާލެ އަންނަ ވާހަކަ ޝައުފާ ބުންޏެވެ. އަލްޔާ ހިނިތުންވެލި އެވެ. އެކުވެރިޔާއަށްޓަކައި އޭނަ އުފާކުރި އެވެ.

ޝައުފާ ފޯނު ބޭއްވުމުން އިރުގަނޑެއް ވަންދެން ހިމޭނުން އޮވެފައި، ދެން ގުޅީ އީވާން އަށެވެ. ރިންގް ވޭވޭ ގޮސް ކެނޑުނު އިރު ވެސް ޖަވާބެއް ނުދިނެވެ. އަލްޔާއަށް އެނދުން ތެދުވެވުނެވެ. ދެވަނަ ފަހަރަށް ޑައިލް ކޮށްގެން ހުރެ ކޮޓަރިތެރޭ ދެކޮޅަށް ހިނގަން ފެށި އެވެ. އީވާން ފޯނު ނުނެގުމުން ހިތަށް ފާޑު ފާޑު އެއްޗެހި އަރަން ފެށި އެވެ. އެންމެ ފަހުން ކެތް ނުވެގެން ކޮޓަރިން ނިކުމެއްޖެ އެވެ. ފައިވާން ހަރުން ބޫޓެއް ނަގައި ފައިކޮށްޕާލައިގެން ގޮސް ދޮރު ހުޅުވާ އަޅާފައި ނިކުތެވެ. ފަހަތުން ރިޒްނާ ގޮވި އަޑު އިވުނަސް ޖަވާބު ދިނުން މުހިންމު ކަމަކަށް ނުދެކުނެވެ.

އެގެއާ ހަމައަށް ދެވުނުއިރު މީހާ ހުރީ ކުޑަކޮށް ދާ ހިއްލާލައިފަ އެވެ. އެކަމަކު ދެއަތް އޮތީ ފިނިވެފަ އެވެ. އަލްޔާ ދެއަތްތިލަ ޖިންސްގެ ކުރިމަތީގައި ކާއްތާލައިފައި ތަޅުގައި ހިފައިލި އެވެ. ދޮރު ހުރީ ތަޅުލައިފަ އެވެ. އަލްޔާއަކަށް ނުހުރެވުނެވެ. އޭނަ ބެލް ޖަހައިފި އެވެ. ކެތްމަދުވެފައިވާ މީހަކު ފަދައިން ދެކޮޅަށް ހިނގާލައިފައި ދެވަނަ ފަހަރަށް ބެލް ޖެހި އެވެ. އެވަގުތު އީވާން ކުއްލިއަކަށް ދޮރު ހުޅުވާލުމުން ސިހިފައި ފަހަތަށް ޖެހިލެވިއްޖެ އެވެ.

ކުރިމަތިން އަލްޔާ ފެނުމުން އީވާންއަށް ވެސް ލިބުނީ ސިހުމެކެވެ.

"ހައި." އަލްޔާ އަމިއްލަ ނަފްސް ހަމައަކަށް އަޅުވާލަން މަސައްކަތް ކުރި އެވެ.

ގަދަކަމުން އޭނަ ހިނިތުންވުމެއް ވެރިކޮށްލި އެވެ. އީވާން އޭގެ ޖަވާބުދީފައި އިތުރަށް ވާހަކަދެއްކުމުގެ ކުރިން ފަހަތަށް ބަލައިލާފައި އަނެއްކާ ކުރިމަތިލި އެވެ. އިތުރަށް ނުބުންޏަސް ޝާދް ވީ އެތެރޭގައިކަން އަލްޔާއަށް އެނގުނެވެ.

"އަހަރެން އެތެރެއަށް ވަންނަންތަ؟" އަލްޔާ އަވަސް އަވަހަށް އަހައިލި އެވެ.

އީވާން ފަހަތަށް ޖެހިލާފައި ތަން ދެއްކި އެވެ. އަލްޔާ ދެކޮޅު ހޯދަމުން ގޮސް ހުއްޓުނީ ސޯފާތައް ކައިރީގަ އެވެ. އީވާން ދޮރު ލައްޕާފައި އައިސް ކައިރިއަށް ހުއްޓުނެވެ.

"ޝާދް ދިޔައީތަ؟" އަލްޔާ އަނެއް ސުވާލު ކުރި އެވެ.

"ވެއްޖެ އަހަރެންގެ ކޮޓަރީގަ. ނިދަނީ.... ޝީޒް ހޭވިން އެ ސިޗުއޭޝަން." އީވާން ދެ ޖުމްލަ ދޭތެރޭ ދުރުމިނެއް ބެހެއްޓި އެވެ.

ވާހަކަދެއްކިއިރު ބޮލުގައި އަތް ހާކާލައިފައި އަނެއްފަހަރު ދެލޯ ދެމެދުން ނޭފަތުގައި ހިފަހައްޓައިލި ގޮތުން ކަންބޮޑުވުން ހާމަކޮށްދިނެވެ.

އަލްޔާ އިތުރު ސުވާލުތައް ކުރަން ބޭނުންވި އެވެ. އެކަމަކު ފަސްޖެހުނެވެ. އޭނަ އެދުނީ ކަރު ހިއްކުން ފިލުވާލުމަށްޓަކައި ފެންތައްޓަކަށެވެ. އީވާން ބޯޖަހާލައިފައި ބަދިގެއާ ދިމާއަށް ދިޔަ އެވެ. އޭނަ ގޮސް ފްރިޖުން ފެންފުޅިއެއް ނަގައިގެން ހުއްޓާ އަލްޔާ ފަހަތުން ވަނެވެ. އީވާން ތައްޓަކަށް ފެން އަޅާފައި ދިނުމުން އަލްޔާ އޭގައި ހިފި އެވެ. ބަދިގޭ ކައުންޓަރުގައި ލެނގިލައިގެން އީވާން ހުރީ އަލްޔާއަށް ބަލާށެވެ. އެކަމަކު ސިކުނޑީގައި ވީ ޝާދްއާ މެދު ކަންބޮޑުވުމެވެ.

"ޝާދް މިކޮޅުގަ ނިދީމަ މަންމަ އޭނަ ގެއަށް ނުގޮސްގެން ނުހޯދާނެތަ؟" ފެންތަށި ތުނބުން ނައްޓާލައިފައި އަލްޔާ އެހި އެވެ.

މެދާހަމައަށް ދުއްވާލައިފައި ހުރި ފެންތަށީގައި އޭނަ ހުރީ ދެއަތުން ބާރަށް ހިފަހައްޓާލައިގެންނެވެ. އީވާން ތުންފަތުގައި ދަތް އަޅައިލިތަން ފެނިގެން ޝައުޤުވެރިކަން އިތުރުވި އެވެ.

"ޝާދްގެ ގޭގަ ކަންތައްތައް ވަރަށް އެހެން ކަހަލަ ވާނެ. އޭނަ ކުރިން ވެސް... މިބުނީ ބައްޕަމެން އުޅޭއިރު އައިސް މަޑުކުރާނެ." އީވާން އޮޅުންފިލުވައިދިނެވެ.

"އެކަމަކު މިހާރު ތިދެމީހުން އެކަނި މަޑުކުރީމަ މީހުން ކިޔާނެ އެއްޗެހި އެނގޭތަ؟" އަލްޔާ ޖެހިލުމެއްނެތި އަހައިލި އެވެ.

"އަހަރެން މަޑުކޮށްފާނަން ތިދެމީހުންނާއެކު. އަހަރެން މީ އަންހެންކުއްޖެއް. ބައްޕަ ވެސް އޯކޭވާނެ ޝާދް މިގޭގައި ހުރިއްޔާ." އަލްޔާ އީވާން ޖަވާބު ދޭނެ ފުރުސަތެއް ނުދީ އިތުރަށް ވާހަކަދެއްކި އެވެ.

ޖަވާބުދޭން އީވާން ހުޅުވައިލި އަނގަ ލައްޕައިލީ އަޑު ނުނިކުތީމަ އެވެ. -- ނުނިމޭ --

Popular