14 Dec 2017

ސިއްރުސިއްރުން

By: Mariyam Yasma

* ޑިސެމްބަރު 11 ވަނަ ދުވަހުގެ ބަޔާ ގުޅޭ ...

ގޭގައި މީހަކު ނެތަސް އަހަރުމެން ތިބީ ފިސާރި ހުޝިޔާރު ވެގެންނެވެ. ފުރަތަމަ ވެސް ކޮޓަރީގެ ދޮރު ތަޅުލީމެވެ.

***

"އައި ކެން ގެޓް ޔޫ އެބޯޝަން ޕިލްސް." ޝާދްގެ ސަމާލުކަން ލިބުމުން އަލްޔާ އިތުރަށް ހާމަކޮށްލި އެވެ.

ޝާދް ތަކުރާރުކޮށް އެސްފިޔަ ޖަހައިލި ގޮތުން ހީވީ ލޯ ކުރިމަތިން ފެންނަމުންދިޔަ މަންޒަރާއި އަޑު ޔަޤީން ނުކުރެވިގެން އުޅޭހެންނެވެ. ދެން އަނެއްކާ ވެސް މޫނު ފޮރުވައިލީ ދެއަތްތިލަ ތެރޭގަ އެވެ. ދުރުގައި އީވާން ވެސް ހުރީ އަނގައިން ބަހެއް ބޭރު ނުކުރެވިފަ އެވެ. އޭނަ ނޭވާ ލާން ހަނދާން ވީ ވެސް އަލްޔާ ދެވަނަ ފަހަރަށް ވާހަކަދެއްކީމަ އެވެ.

"ޝާދް އަހަންނަށް އިނގޭ ޝާދް ތިހުރީ ބިރުންކަން. އަހަންނަށް ވިސްނޭ. ޝާދް ހަމައެކަނި ކުރަން ޖެހޭނީ ކުޑަ ހިތްވަރެއް." އަލްޔާ ޝާދްގެ ކޮނޑުގައި ހިފާލައިގެން އިނދެ އިތުރަށް ކިޔައިދިނެވެ.

އެއަޑުގައި އޯގާތެރި ކަމާއި އަޅާލުން ވި އެވެ.

"އެލީ ވެއިޓް... ޝާދް އަދި ޑިސައިޑް ވެސް ނުކުރޭ..... އަމް... ބޭބީ އަށް ހަދާނެ ގޮތެއް." އީވާން ދުރުގައި ހުރެފައި ކައިރިއަށް އައިސް ހުއްޓުނެވެ.

ޝާދްގެ ބަނޑުގައިވާ ދަރިފުޅަށް މުޚާތަބު ކުރާނެ ގޮތެއް ނޭނގިގެން އުޅެފައި "ބޭބީ" އޭ ބުނެލީ އުދަނގޫ ގޮތަކަށެވެ.

"އީވާން މޮޔަވީތަ؟ ޝީޒް އޮންލީ ސެވެންޓީން. އެބޯޓް ކުރުން ނޫން އިތުރު ކޮން ގޮތެއް އޮތީ؟ ސެވެންޓީން އިޔާސްގަ އޭނަ ކިހިނެތް މަންމައަކަށް ވާނީ؟ އެއިރުން ޝާދްގެ ދިރިއުޅުން ބަރުބާދުވީއެއްނު. ކިޔެވުމަށް ވާނީ ކިހިނެތް؟ މުސްތަޤްބަލަށް ވާނީ ކިހިނެތް؟ އޭނަގެ ދިރިއުޅުން މުޅިން ބަދަލުވާނެ އެއްނު. ބުނުމުގެ ކުރިން ވިސްނާލަބަލަ. މިކަހަލަ ކަންކަން ނުކުރެވޭނެ އެމޯޝަންގަ ބެހިގެނެއް." އަލްޔާ އިސްއުފުލާލައިފައި އީވާންއާ ހަތަރުކަޅި ހަމަކޮށްގެން ހުރެ ރައްދުދިނެވެ.

ޝާދް އޭރު ވެސް އިނީ މޫނު ފޮރުވައިލި ގޮތަށެވެ. އިނގިލިތައް ދޭތެރެއިން ވެސް ކަރުނައިގެ އަސަރު ފައުޅުވަމުން ދިޔަ އެވެ. އީވާން އަނގަ ހުޅުވައިލީ ރައްދު ދޭން ބޭނުންވެފައިވާ ގޮތަކަށެވެ. އެކަމަކު ވާހަކަދެއްކުމުގެ ބަދަލުގައި އަނގަ ލައްޕައިލި އެވެ. ބޮލުގެ އިސްތަށިގަނޑު ތެރޭ އެއް އަތް ހިންގާލައިފައި އަނެއްކާ ވެސް ގޮސް ހުއްޓުނީ ކުރިން ހުރި ތަނުގަ އެވެ.

"ޝާދް ބުނެބަލަ! އާޔޫ ވިތު މީ؟" ކުޑައިރުކޮޅެއް ފަހުން އަލްޔާ އެހި އެވެ.

މޫނުން އަތް ނެގިއިރު ޝާދްގެ ދެލޯ ހުރީ ރަތްވެފަ އެވެ. ފަނޑު އަލީ ގައި ވެސް އެމޫނު ފެނުނީ ކުލަ އޮއްސިފައި ވަނިކޮށެވެ. އީވާންގެ ހިތުގައި ރިހިލި އެވެ. ޝާދް އަކީ އެއްވެސް އިރެއްގައި މާ އުފާވެރިކޮށް އުޅުނު ކުއްޖެއް ނޫނެވެ. އެކަމަކު މިހާ ބޮޑަށް މިލާފައި ހުއްޓާ އޭނައަށް މިފެނުނީ އަލަށެވެ. އެކުވެރިޔާއަށްޓަކައި އޭނަ ނުކުރާނެ ކަމެއް ނެތެވެ. ދެރައީ މިއުދަނގޫ ދަނޑިވަޅުގައި ކޮށްދެވޭނެ ކަމެއް ވެސް ނެތީމަ އެވެ.

"އަހަންނަކަށް ނޭނގެ އަލްޔާ. އަހަރެން ވަރަށް ބިރުގަނޭ..." ކުރެހިފައިވާ އަޑުން ޝާދް ވާހަކަދެއްކި އެވެ.

ތެމިފައިވާ ކޯތާފަތްމައްޗަށް އަނެއްކާ ވެސް ފައިބަން ފެށީ ތާޒާ ކަރުނަތަކެވެ. އަލްޔާ ކައިރިވެލައިފައި ޝާދްގެ ކޮނޑުގައި ހިފާ ގެނެސް ގަޔާއި ލައްކޮށްލި އެވެ.

އީވާންއަށް އަތުން ބާރުކޮށްލެވުނީ ލެނގިލައިގެން ހުރި ގޮނޑީގެ އަތްގަނޑަށެވެ. އޭނައަށް އެމަންޒަރު ބަލަން ނުކުޅެދިގެން އަނެއް ފަރާތަށް އެނބުރުނެވެ.

އަލްޔާ ވަރަށް ކިޔައިގެން ޝާދް އޭނައާއެކު މައްޗަށް ދިޔަ އެވެ. އަލްޔާ އެނބުރި އައީ ޝާދްގެ ފަރާތުން އޭނައަށް ލިބުނު މައުލޫމާތެއް ވިއްޔާ ހޯދައިގެންނެވެ. އީވާން އޭރު ސޯފާގައި އިނެވެ. ކަކޫމަތީ ދެއުޅަބޮށި ވިއްދާލައިގެން ދެއަތްތިލަ ތެރޭ މޫނު ފޮރުވާލައިގެންނެވެ. އަލްޔާގެ ފިޔަވަޅުގެ އަޑު އިވުނު ނަމަ ވެސް އިސްއުފުލައެއް ނުލަ އެވެ.

އަލްޔާ އިރުކޮޅަކު އީވާން އިސްއުފުލައިލާތޯ ބަލަން ހުއްޓެވެ.

"ކެން އައި ގެޓް ޔޫ ސަމްތިން؟" އަލްޔާ ވާހަކަދެއްކި އެވެ.

އީވާން އިސްއުފުލާލައިފައި ބޯ ހޫރުވައިލީ ދެފަރާތަށެވެ. ދެއަތް ތިރިކޮށްލައިފައި ފައިމަތީ ބާއްވަމުން އޭނަ ފަހަތަށް ޖެހިލައި ސޯފާގައި ލެނގިލި އެވެ.

"އަހަރެން އަންނާނަން ފެންފުޅިއެއް ހިފައިގެން. ވަރަށް ކަރުހިއްކައިގެންފި،" އަލްޔާ ހިނގައިގަތީ ބަދިގެއާ ދިމާއަށެވެ.

އިރުކޮޅަކުން އެނބުރި އައިއިރު އަތުގައި ފެންތައްޓެއް ހުއްޓެވެ. އަލްޔާ ފެންތަށިން ކޯވަރެއް ބޯލައިފައި އީވާންއާ ކުރިމަތި ވާގޮތަށް ހުރި ސޯފާގައި އށީންދެލި އެވެ. އެމޫނުގައި ހާސްކަމެއް ނެތެވެ.

"ޝާދް އެފިރިހެންކުއްޖާގެ ވާހަކަ ދެއްކިތަ؟" އީވާން ފެށި އެވެ.

"ކާކުކަމެއް ނުބުނޭ. އެކަމަކު އޭނައަށް އަންގައިފި ކަމަށް ވަނީ." އަލްޔާ ކިޔައިދިނެވެ.

ފެންތަށީގެ ބާކީބައި ދަމާލައިފައި އަލްޔާ ބެހެއްޓީ ކުރިމަތީ ހުރި މޭޒުމަތީގަ އެވެ. ދެން ހަށަން ބަނދެލައިގެން ސޯފާގައި ހަމަޖެހިލައިފި އެވެ. އީވާން ސުވާލުގެ ލޮލަކުން ބަލަން އިނުމުން އިތުރު ތަފްޞީލު ދޭން އޭނަ ތައްޔާރުވެލި އެވެ.

"ޝާދް ކިޔައިދިން ގޮތުން އެމީހުން އަދި ވަކިގޮތެއް ނުނިންމާ. މިބުނީ އެފަދަ ވާހަކައެއް ދެއްކޭވަރެއް އަދި ނުވޭ. އެކަމަކު އަހަންނަށް ޔަޤީން އޭނަ ވެސް ލަފާ ދޭނީ އަހަރެން މިބުނި ގޮތަށްކަން." އަލްޔާގެ އަޑުގައި ޔަޤީންކަން ވި އެވެ.

އީވާން އިސްޖަހައިލާފައި ބަލަން ފެށީ ތިރިއަށެވެ. އަލްޔާ ވެސް އިތުރު ވާހަކައެއް ނުދައްކާ އީވާންގެ ހަރަކާތްތަކަށް ބަލަން މަޑުކޮށްލި އެވެ.

"އަހަރެން ވާހަކައެއް އަހައިލަންތަ؟ އެފިރިހެންކުއްޖާގެ މަޤާމުގައި އީވާން ހުރިނަމަ ޝާދްއަށް ލަފާދޭނީ ކހިނެތް؟" އަލްޔާ ސުވާލުކުރި އަޑަށް އީވާން ބަލައިލި އެވެ.

ބުނެވުނު ބަހުގެ ގޯސްކަން އަލްޔާއަށް އިހްސާސްވީ އެމޫނުގެ ކުލަ ފެނުނީމަ އެވެ.

"މީ ހަމަ އަހަރެން ހިތަށްއެރި ސުވާލެއް. ނޮޓް ދެޓް އީވާން އެފިރިހެންކުއްޖާ ހުރި މަޤާމަށް ދުވަހަކު ވެސް ދާނެއޭ..." އަލްޔާ އަވަހަށް ރަނގަޅުކޮށްލި އެވެ.

އީވާން ޖަވާބުދޭން އުޅެފައި އިސްޖަހައިލި ގޮތަށް ދެއިނގިލިން ބާރުކޮށްލީ ލޮލުގެ މެދުން ނޭފަތު ކުރީގަ އެވެ.

"ސޮރީ އީވާން. އީވާން ބޭނުން ނެތިއްޔާ ޖަވާބު ނުދިނަސް އޯކޭ." އަލްޔާހުސްތަށި ހިފައިގެން ތެދުވި އެވެ.

އޭނަ ބޭނުންވީ އެވާހަކަ ހުއްޓައިލާށެވެ. އީވާންގެ ހިތާއިހިތުން އޭނައާ ދޭތެރޭ ދެކޭނެ ގޮތަކާއިމެދު ކަންބޮޑު ވުމުން ޖަވާބު ހޯދުމުގެ ހިޔާލު ދޫކޮށްލި އެވެ. އީވާން ޖަވާބު ދިނީ އޭނަ ފަސްދިން ފަހުންނެވެ. އެއަޑަށް ދެފައި ބިމުގައި ތައްލާ ގޮތް ވި އެވެ. އެނބުރި ބަލައިލެވުނީ ޔަޤީން ނުކުރެވިފަ އެވެ.

"އަހަރެން ލަފައެއް ނުދޭނަން ޝާދްގެ ދަރިފުޅު އެބޯޓްކޮށްލާފަ މަރާލާކަށް. އެއްފާފައިގެ މައްޗަށް އަނެއް ފާފަ ނުކުރާނަން އަހަރެން ލަފާ ދޭނީ." އީވާން ހިމޭން އަޑަކުން ޖަވާބުދިނެވެ.

އޭނަ އެނބުރުނުއިރު އަލްޔާ ބަލަހައްޓައިގެން ހުއްޓެވެ.

"ތިބުނަނީ ޒިންމާ ނަގަން ތައްޔާރޭތަ؟ އަހަރެން އޮޅުންފިލުވަން ބޭނުން އީވާން ޒިންމާ ނަގާނީ ކިހިނެތް ކަން؟" އަލްޔާ އެހުރިތާ ހުރެގެން ސުވާލު ކުރި އެވެ.

އެ މޫނުގައި ޝައުޤުވެރިކަމެވެ.

"އަލްޔާ ބުނީ ތެދެއް. ޝާދްގެ ދިރިއުޅުން ވަރަށް ބޮޑަށް ބަދަލުވާނެ. އެދިރިއުޅުން އަލުން ނޯމަލް ނުވާނެ ބޭބީ ބާއްވަން ނިންމައިފިއްޔާ. މީގަ ހަޤީޤަތަކީ އޭނަ އެގޮތް ޑިޒާވް ކުރާކަން. އެވަރުގެ ކަމެއް ކުރުމުގެ ކުރިން ވިސްނާލަން ޖެހޭނެ ދެން ކުރިމަތިވެދާނެ ކަންކަމަށް. އޭރު ނުވިސްނާފަ ދެން މިހިސާބުން ބަދަލެއް ނުކުރެވޭނެ. އެފަދަ ކަމެއް ކުރަން ނިންމާ ހިސާބަކީ ދިރިއުޅުން ބަދަލުވާ ހިސާބު. ދެން އޮތީ އަހަރެން ކަންތައް ކުރާނެ ގޮތް. ޤާނޫނީ ގޮތުން ކައިވެނި ކުރެވޭ އުމުރަށް ދިއުމުން އަހަރެން ކައިވެނި ކުރާނީ. އެއީ އަހަރެންގެ ކަންތައް ކުރާނެ ގޮތަކީ." އީވާން ކިޔައިދިނެވެ.

އަލްޔާއަށް ކުރެވުނު ކަމަކީ ތަކުރާރުކޮށް ދެތިން ފަހަރު އެސްފިޔަ ޖަހައިލުމެވެ.

"ދެން ޝާދް ބޭބީ އެބޯޓް ކުރަން ނިންމައިފިއްޔާ އޭނައަށް އެހީއެއް ނުވާނަންތަ؟" އަލްޔާ އަނެއް ސުވާލު ކުރި އެވެ.

"އެކަމަށް އެހީއެއް ނުވާނަން. އެކަމަކު ޝާދްގެ ދަތި ވަގުތުގައި ޝާދްއަށް އެހީވާނަން. ދެޓްސް އިޓް." އީވާން ތެދުވެފައި އެތަނުން ދާންވެގެން ހިނގައިގަތެވެ.

އޭނަ ގޮސް މައްޗަށް އަރައިގެން ގެއްލޭން ދެން އަލްޔާ ހުރީ ބަލާށެވެ. ބަދިގެއާ ދިމާއަށް އެނބުރުނީ އޭގެ ފަހުންނެވެ.

އީވާން ބައްޕަގެ ކޮޓަރީގައި އޮތުމުން އަލްޔާ ގޮސް އޮތީ އީވާންގެ ކޮޓަރީގަ އެވެ. ޝާދް ފަދައިން އޭނަ ވެސް ކަމަކީ މުޅި ރޭ ދެފަރާތަށް ފުރޮޅުމެވެ. އަނެއްކޮޅުން އީވާން ވެސް ކޮޓަރި ތެރޭ އޮތީ ލޮލަށް ނިދި ނައިސްފަ އެވެ.

ފަތިސް ދަމަށް އެޅުމުން އީވާން ތެދުވެ ނަމާދު ކުރަން ތައްޔާރުވި އެވެ. ބަންޤި ގޮވީ ވުޟޫކޮށްގެން ނިކުމެ ފޮތެއް ހުޅުވާލައިގެން އިންދަ އެވެ. ގަޑި ބަލާލައިފައި ތިރިއަށް ދިޔައިރު ބަދިގެ ދިއްލާފައި ހުއްޓާ ފެނުނެވެ. އީވާން ދިގު ފިޔަވަޅުތަކެއްގައި ގޮސް ދޮރާއި ގާތްވެލި އެވެ. ބޯދިއްކޮށްލިއިރު އަލްޔާ ހުރީ ދޮރާއި ފުރަގަސްދީގެން އުނދުން ކައިރީގަ އެވެ. އީވާން ދޮރު ކަނީގައި މަޑުމަޑުން ޖަހާލައިފައި ސަމާލުކަމަށް ގެނަ އެވެ.

"ހައި!" ލޮލުގައި ވި ވަރުބަލި ކަމާއި އެކު ވެސް އަލްޔާ ފުޅާ ހިނިތުންވުމެއް ވެރިކޮށްލި އެވެ.

"މިދަނީ މިސްކިތަށް ގޮސްލަން. ދޮރު ތަޅުލާތި އަހަރެން ނިކުތީމަ." އީވާން އެހެން ބުނެފައި ޖަވާބަކަށް އިންތިޒާރެއް ނުކުރެ އެވެ.

އަލްޔާއަށް ކިރިޔާ ހަތަރުކަޅި ވީއިރަށް ފުރަގަސްދީފައި ހިނގައިގެންފި އެވެ. އެއަމަލުން އަލްޔާގެ ހިތަށް ތަދުވި އެވެ.

"އީވާން ވެސް ބަލައިގެން އުޅޭތި. ފަތިސް ގަޑީގަ ޕާޓޭން ވަރަށް އެކްޓިވްވާނެ." އަލްޔާ ފަހަތުގައި ހުރެގެން ވާހަކަދެއްކި އަޑު އައެވެ.

އީވާން ބޯ ޖަހައިލީ ކުރިއަށް ހިނގަ ހިނގާ ހުރެފަ އެވެ. ދެން އިވުނީ ނިކުމެ ދޮރުލެއްޕި އަޑެވެ. އަލްޔާ ފުން ނޭވައެއް ދޫކޮށްލި އެވެ. ދެން އަނެއްކާ ވެސް އެނބުރުނީ އުނދުނާއި ދިމާއަށެވެ. އޭނަ ބަދިގެއަށް އައީ ޝާދް ބަނޑުހައި ވެގެން ބުނީމަ އެވެ. އޭނައަށް ހޭލެވުނީ ޝާދް ނިކުންނަން އުޅެނިކޮށެވެ. އަނބުރައިގަނެގެން ވެއްޓެން އުޅެނިކޮށް އޭނައަށް ހިފެހެއްޓުނީ ކިރިޔާ އެވެ. ޝާދް ބޭނުންވާ ގޮތް އެނގުމުން އެނދުގައި އޮންނަން އަމުރުކޮށްފައި އައީ އެވެ.

ޝާދްއަށް ކެވުނީ އެތިކޮޅެކެވެ. ދެން ދުވީ ފާޚާނާއާ ދިމާއަށެވެ. އަލްޔާ ތަށި ބަހައްޓާފައި ފަހަތުން ދިޔަ އެވެ. ހުޅުވާ އަޅާފައިވާ ދޮރުން އެތެރެ ބަލައިލިއިރު ޝާދް އިނީ މުށިގަނޑު މަތީ ދެކަކޫ ޖަހައިގެން ފާޚާނާ ތަށި ތެރެއަށް ބޯ އަރިކޮށްލައިގެންނެވެ. އަލްޔާ ގޮސް ޝާދްގެ ކައިރިއަށް ގުދުވެފައި ނިތުގައި ހިފެހެއްޓި އެވެ. އަނެއް އަތުން ކޮނޑުގައި ހިފާ ބާރުކޮށްލި އެވެ.

ޝާދްގެ ހޮޑު މައިތިރި ވުމުން ފެން ދީފައި ގެނެސް އެނދުގައި ބޭއްވުމާއެކު ބިއްދޮށަށް އެނބުރި ނިދައިފި އެވެ. ވަރުބަލި ވެގެން ދެމުނީ އެވެ. ހުސްތަށި ހިފައިގެން ބޭރަށް ނިކުމެފައި އަލްޔާއަށް ދޫކޮށްލެވުނީ ފުން ނޭވަ އެކެވެ. ޝާދްގެ ކުރިމަތީ ކިތަންމެ ގަޓު ގައި އޭނަ ހުއްޓަސް އެތެރެ އެތެރެއިން އޭނަ ހުރީ ބިރުގެންފަ އެވެ. ދުވެ ފިލަން ބޭނުންވެފަ އެވެ. ނުވަ މަސް ވަންދެން ޝާދް އެވޭނުގައި ކެތް ކުރާނީ ކިހިނެތް ކަމާއިމެދު ވިސްނުނެވެ. އީވާން ކޮންމެ ގޮތަކަށް ދެކުނަސް ކަމާއި ކުރިމަތިލާން ހުރީ ޝާދް އެވެ. މައިންބަފައިންގެ އެހީ ޝާދްއަށް ނުލިބޭނެކަން އެންމެ ރަނގަޅަށް އެނގެނީ ވެސް އީވާން އަށެވެ. ވީއިރު އީވާން އެދަރިފުޅު ބަނޑުގައި ބާއްވަން ބާރު އަޅަނީ ކޮންގޮތަކަށް ވިސްނާފައި ބާވައެވެ؟

އީވާން އެނބުރި އައިއިރު އަލްޔާ އިނީ ނިކުމެ ސޯފާގަ އެވެ. އީވާން ހުއްޓިފައި ޝާދް ކޮބައިތޯ އެހި އެވެ. އަލްޔާ ޖަވާބުދިނެވެ. އީވާން މަޑުމަޑުން ބޯޖަހާލައިފައި އެއްފަރާތެއްގައި އިށީނދެލި އެވެ.

"އަހަރެން ޖެހޭނެ ހެނދުނު ޑިއުޓީއަށް ދާން. ރަމީޒްބެ ކައިރީ ބުނެގެން ސަލާން ނަގަން ވީ ކަންނޭނގެ. އެކަމަކު ފުރަތަމަ ދުވަހު ވެސް ނުދިޔައީމަ ހީކޮށްފާނެ ދާން ބޭނުން ނުވެގެން މަކަރުހެދީއޭ." އީވާން ވާހަކަދައްކަން ފެށި އެވެ.

"އަހަންނަށް ހިއެއް ނުވޭ ރަމީޒްބެ އެގޮތަށް ހީކުރާނެހެނެއް. އިންފެކްޓް އެކަކުވެސް ހިއެއް ނުކުރާނެ. އީވާންގެ ރަނގަޅުކަން އެންމެނަށް އެނގޭ." އަލްޔާ ޖުމްލަ ނިންމައިލީ ތުންފަތަށް ވެރިކޮށްލި ހިނިތުންވުމަކުންނެވެ.

އީވާން ހިމޭން ކަމާއެކު ބަލަން އިނީ އެއްވެސް ޖަވާބެއް ނުދީ އެވެ.

"އެހެންވެތަ އަލްޔާއަށް އަހަރެން ކަމުދަނީ؟" އީވާން ޖެހިލުމެއްނެތި އަހައިލި އެވެ.

އަލްޔާގެ މެއަށް ފިނިވެގެން ދިޔަ އެވެ. އީވާންގެ އަޑުގައި އަސަރެއް ނުވާ ފަދައިން އެމޫނުގެ ކުލަ ވެސް މާނަ ކުރާނެ ގޮތެއް އޭނައަކަށް ނޭނގުނެވެ. ހިންދިރުވާލައިފައި އޭނަ ނިންމީ ހިތުގައި އޮތް ގޮތަށް ބުނާށެވެ. އީވާންގެ ކުރިމަތީ އިންނައިރު ތެދު ބުނަން ހިތް މަޖުބޫރު ކުރަނީ ކީއްވެ ކަމެއް އޭނައަކަށް ނޭނގެ އެވެ.

"ތެދެއް ތިބުނީ. އީވާންގެ ޑީސެންޓް ކަމުން އަހަރެންނަށް އީވާން ކަމުދިޔައީ. އީވާން ފެނުނީމަ އަހަރެންގެ އުންމީދު އާލާ ވޭ. ދުނިޔެއަކީ ހުސް ސޮޕްއިލް ވެފައިވާ މީހުން އުޅޭ ތަނެއް ނޫންކަން ޤަބޫލު ކުރެވޭ." އަލްޔާ ދެއްކި ވާހަކައިގެ އަޑު މަޑުކަމުން އީވާން އަށް ވެސް ސާފުވީ ކިރިޔާ އެވެ.

ފަތިހުގައި ހިމޭންކަމުގައި ނޫންނަމަ ފަހުމް ނުވީހެވެ.

"ކޮންކަމަކަށް އުންމީދު އާލާވާ ވާހަކައެއް ތިބުނީ؟" އީވާން ކުރީ އަލްޔާ އެންމެ ބޭނުން ނުވާ ސުވާލެވެ.

އެސްފިޔަ ޖަހައިނުލައި އީވާންގެ މޫނަށް ބަލަން އިންއިރު އޭނަގެ ކުރިމަތީ އޮތީ ދެގޮތެވެ. ދޮގު ހަދާފައި އޮއްބައިލުމެވެ. ނޫނީ ހަޤީޤަތް ބުނެފައި އީވާން އެއަށް އިންސާފު ކުރަން ދޫކޮށްލުމެވެ. -- ނުނިމޭ --

ދިގު ވާހަކަ ވާހަކަ ސިއްރުސިއްރުން

Popular