16 Jan 2018

ލޯތްބާއެކު، އީމް ނިޒާމްގެ "ހޭޓާސް" އަށް!

މިއީ ސެލެބްރިޓީންނަށް އަމާޒުކޮށް އާންމުން ކޮށްފައި ހުންނަ ކޮމެންޓްތަކާއި ސުވާލުތަކާއި ފާޑުކިޔުންތަކަށް އެ މީހުން ނިކަން ލޯބިން ރައްދު ދޭ ގޮތް ދައްކައިދޭ ސެގްމެންޓެކެވެ. ތަންދޮރު ނުބަލައި ޖަޖުކޮށް ޖެއްސުންކޮށްލެވުނު މީހާ ދެކެ ލޯބިވާން ތައްޔާރު ހެއްޔެވެ؟

By: Ahmed Nadym

މިއީ އޮންލައިންގެ ހަލަބޮލިކަމާއި ސޯޝަލް މީޑިއާގެ އަރާރުންތަކާއި ކިޔުންތެރިންގެ ރުޅިގަދަ ކޮމެންޓް ސެކްޝަނުން އުފެދިގެން ދިރިގެން އައި ވީޑިއޯ ސެގްމަންޓެކެވެ. ސީޒަނަލް ސިލްސިލާ އަކަށް ބަހާލައިގެން ކޮންމެ އަންގާރަ ދުވަހަކު ގެނެސްދިނުމަށް ހަމަޖެހިފައިވާ ސެގްމަންޓެކެވެ.

މި ސެގްމަންޓްގައި ސެލެބްރިޓީން ފެނިގެންދާނީ އެމީހުންނަށް އަމާޒުކޮށް އާންމުން އެކި ސިފަސިފައިގައި ކޮށްފައި ހުންނަ ކޮމެންޓްތަކަށާއި ސުވާލުތަކަށާއި ފާޑުކިޔުންތަކަށް ނިކަން ލޯބިން ރައްދު ދޭ ގޮތެވެ. މިއީ ސީދާ ކިޔުންތެރިންނާއި އެމީހުން އެންމެ ރުޅި އަންނަ ސެލެބްރިޓީން ނުވަތަ އެންމެ ފޫހިވާ ކަމަށް ބުނާ މީހުންނާ ހިތާއި ހިތުގެ ގުޅުމަކުން ގުޅުވާލަދޭނެ ސެގްމަންޓެކެވެ. ތަންދޮރު ބަލައިނުލައި ޖަޖުކޮށް ޖެއްސުންކޮށްލެވުނު މީހާ ދެކެ ފަހަރުގައި މި ސެގްމަންޓުގެ ސަބަބުން ލޯބިވެސް ވެވިދާނެ އެވެ.

އެގޮތުން އަހަރެމެންގެ ފުރަތަމަ ހޮވުމަކީ އީމާން ނިޒާމް ނުވަތަ އެންމެން ވެސް އޭނާ ދަންނަ ނަމުން ނަމަ އީމް ނިޒާމް އެވެ. މިއީ މަޖަލަކަށް ރިކޯޑްކޮށްލި ލަވައަކާ އެކު "އެކްސިޑެންޓަކުން" ލަވަކިޔުންތެރިޔަކަށް ބަދަލުވެގެން ދިޔަ "ދިވެހި ސެންސޭޝަނެކެވެ." އެއަށް ފަހު ހުރިހާ ދިވެހިން އެ އަޑަކާއި މޫނަކާ މެދު ފާޑަކަށް "އޮބްސެސްޑް" ވީއޭ ވެސް ބުނެވިދާނެ އެވެ.

އެއްބަޔަކަށް ހިޓެކެވެ. އަނެއް ބަޔަކަށް ބޮޑުވެގެންވީ ފްލޮޕެކެވެ. އެކަމަކު މިހެން ކިޔާފައި އަދި މީހަކު ޖަޖުނުކުރަމާ ހިނގާށެވެ.

ސެލެބްރިޓީން

Popular