11 Jan 2018

ސިއްރުސިއްރުން

By: Mariyam Yasma

* ޖެނުއަރީ 8 ވަނަ ދުވަހުގެ ބަޔާ ގުޅޭ ...

"އީވާން. މާފުކުރޭ. ތަންކޮޅެއް ބިޒީކޮށް އުޅުނީމަ ލަސްވީ. މިއޮތީ އަލްޔާ އައިސް ހަވާލުކޮށްފަ ދިޔަ އެއްޗެއް. ވަރަށް ބާރު އަޅާފަ ބުނީ އީވާން ނޫން މީހަކާ ހަވާލު ނުކުރުމަށް." ރަމީޒްބެގެ އަޑު އަހާފައި އީވާން ބަލައިލިއިރު ހުރީ ފޮށިގަނޑެއް ހިފަހައްޓައިގެންނެވެ. އީވާން އޭގައި ހިފި އެވެ.

އަލްޔާ ނާންނާނެކަން ޔަޤީންވުމުން އީވާން ދިޔައީ ގެއަށެވެ. ފޮށިގަނޑު ކަނޑާލިއިރު އެންމެ މަތީގައި އޮތީ ފަތް ޖަހާލައިފައި އޮތް ނޯޓެކެވެ. އެނޯޓް އެއްފަރާތެއްގައި ބާއްވާފައި އެތެރޭ ހުރި އެއްޗެއް ބަލައިލި އެވެ. އީވާންއަށް ފެނުނީ ޑައިރީ ލިޔާ ކަހަލަ ހަ ފޮތެވެ.

ތެޅިތެޅި އޮތް ހިތަކާއެކު އީވާން ނޯޓް ނިއުޅައިލި އެވެ.

"އީވާން މި ނޯޓް ކިޔަމުންދާ ނަމަ އޭގެ މާނައަކީ އަހަރެން އިންނާނީ މިހާރު ލަންކާއަށް ދަތުރު ކުރަމުންދާ ބޯޓެއްގައި ކަމެވެ. އީވާންގެ ހިތުގައި ބައިވަރު ސުވާލުތައް ހުންނާނެ ކަމާ މެދު ޝައްކެއް ނުކުރަމެވެ. އަހަރެންގެ ޑައިރީތައް ކިޔައިލުމުން ހުރިހާ ސުވާލެއްގެ ޖަވާބު ލިބިދާނެ އެވެ. އަހަރެން ކަހަލަ މީހަކު އީވާން ކަހަލަ މާތް މީހަކާއި އެކަށީގެން ނުވާކަން އެއިރުން ޤަބޫލު ކުރެވިދާނެ އެވެ. ފަހުން އިސްލާހު ވާން ހިތު އަޅައިގެން ކަންކަން ނުކުރަންވީ ކީއްވެކަން އަހަރެންނަށް އެނގިއްޖެ އެވެ. އެއީ ފަހުން ކިތަންމެ ރަނގަޅަށް އުޅުނަސް މާޒީގެ ހިޔަނި މީހާ ދޫކޮށެއްނުލާނެ އެވެ. އެކަމަކު އަހަރެން ޔަޤީންކަން ދެމެވެ. އަހަންނަކީ މިއަދު ކުރީގެ އަލްޔާއެއް ނޫނެވެ. އަދި އަހަރެން ބަދަލުކޮށްލީ އީވާންގެ ލޯތްބެވެ. އީވާން އަހަރެންގެ ބަދަލާއިމެދު އުފާކުރާނެކަން އެނގެ އެވެ. އަދި އަހަރެން އެދެނީ އީވާންއަށް ފާގަތި މުސްތަޤްބަލަކަށެވެ."

ކިޔައިނިމުމާއެކު ނޯޓްކޮޅު ދޫވެގެން ވެއްޓުނީ ތިރިއަށެވެ. އިސާހިތަކު ލޮލަށް ކަރުނަތައް ބޮނޑިވެގެން އައެވެ. ކުރިއަށްވުރެ ހިތް އަވަސްވެގެން އައެވެ. ފުސްވެފައިވާ ދެލޯ އޭނަ ދެން ހުއްޓައިލީ ޑައިރީ ތަކަށެވެ.

***

ޖެހިގެން އައި ދުވަހު ޚަބަރުތަކުގެ ސުރުހީއަށް އަރާފައި އޮތީ ފިޒާން އާއި އޭނަގެ ބައިވެރިން ހައްޔަރުކުރި ވާހަކަ އެވެ. ޒުވާން އަންހެންކުދިންނާއި ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު އެމީހުންގެ ބަރަހަނާ ފޮޓޯތަކާއި ވީޑިއޯ ނަގައި ބްލެކްމެއިލް ކޮށްގެން ދެން ބޭނުން ކުރަނީ ހަށިވިއްކުމަށެވެ. ފިޒާން އާއި މުޒައްމިލް އަދި އިތުރު މީހަކު ވެގެން އިސްކޮށް ހިންގާ ވިޔަފާރީގެ ތެރޭގައި މަސައްކަތް ކުރާ ގިނަ އަންހެން ކުދިން ހެކި ބަސް ނަގަން ގެންދިޔަ އެވެ. ޝައުފާ އާއި ޝާދް ވެސް މެ އެވެ. ޝާދް ހައްލާލައިގެން އުޅުނީ މުޒައްމިލް އެވެ. އެކަމަކު ޝައުފާ ދިޔަ ހިސާބަށް ޝާދް ނުދަނީސް އެމީހުންގެ ވިޔަފާރި ވުޖޫދުން ނެތުނީ ނަސީބެވެ.

ހައްޔަރު ކުރިއިރު ގެއިން ވެސް ހުރީ ހެކިތައް ފެންނާށެވެ. ސޯޝަލް މީޑިއާގައި އެވާހަކަ ހޫނުވި އެވެ. ފިޒާންގެ ހުކުމް އަވަސް ކުރުމަށް ގިނަ ބަޔަކު ގޮވާލި އެވެ. މައިންބަފައިންގެ ލޮލުގައި އަނދުން އަޅުވާފައި ފުރާވަރު ބައެއް ކުދިން އުޅޭ ގޮތް ފަޅާއެރި އެވެ. ދެވޭ މިނިވަންކަމާއި ކުރެވޭ އިތުބާރުގެ ނާޖާއިޒް ބޭނުން ހިފައިގެން ސިއްރުން ކޮށް އުޅޭ ކަންކަމަށް އާންމުންގެ ހޭލުންތެރިކަން އިތުރުވި އެވެ.

* ހަ އަހަރު ފަސް *

އެރައިވަލް އިން ނިކުތްތަނާ އީވާންއަށް ބައްޕަ ފެނުނެވެ. އެ މޫނުގައި ވި ހިނިތުންވުން ދެކެފައި މެއަށް ބާރުވެގެން އައެވެ. ބައްޕަ އެހާ އުފާވެފައި ހުއްޓާ މީގެ ކުރިން ދުށް ހަނދާނެއް ނެތެވެ. ކާރުގައި ގެއަށް ދިޔަ މަގުމަތީގައި އޭނާގެ ލޮލުގައި އަޅައިގަތީ ޝާކިރުގެ ގެއަށް ވަދެ ނިކުމެވަމުން ދިޔަ ގިނަ އަދަދެއްގެ މީހުންތަކެވެ.

"އެގޭގައި ހާދަ މީހުން ގިނައޭ." އީވާންއަށް އަމިއްލަ ނަފްސު ނުހުއްޓުވެނީސް އަނގައިން އެ ބަސްތައް ނިކުތެވެ.

"ޝާކިރު ނިޔާވެގެން އެއުޅެނީ." ބައްޕަ ޖަވާބުދިނީ މޮޅިވެރި އަޑަކުންނެވެ.

އީވާންގެ މެއަށް ވީ ތޫނު ތަދެކެވެ. ކުއްލިއަކަށް ސިކުނޑި ވަށައިލީ އަލްޔާގެ ހަނދާނެވެ. ހަ އަހަރަށް ފަހު ބައްޕަގެ ފުރާނަ ނެތް މަސްގަނޑު ދެކެން އަލްޔާ އަތުވެދާނެ ކަމާއިމެދު ސުވާލު އުފެދުނެވެ.

ބައްޕަ ފަދައިން ދޮން މަންމަ ވެސް އުފަލާއެކު އޭނައަށް މަރުހަބާ ކި އެވެ. އެމްބީބީއެސް ކޯސް ފުރިހަމަ ކުރުމުން އެކަން ފާހަގަ ކުރުމަށް ކޭކެއް ވެސް އަޅާފައި ހުއްޓެވެ. ބައްޕަ ކިޔައިދިން ގޮތުން ވިއްޔާ ދޮންމަންމަ ކޭކު އަޅާ ކޯހެއް ހަދައިގެން ކުރަނީ މިހާރު އެމަސައްކަތެވެ. އީވާން އެކަން ހަނދާންވި އެވެ. ފަސް އަހަރު ވަންދެން މާލެ ނައިސް ބޭރުގައި ހުއްޓެއް ކަމަކު ދޭތެރެއަކުން ބައްޕަމެންގެ ޚަބަރު ބެލި އެވެ.

ކޮޓަރިއަށް ވަދެ ފޮށި ބަހައްޓާފައި އީވާންއަށް ދެވުނީ އެނދާއި ދިމާއަށެވެ. ކުރިއާ ޚިލާފަށް ކޮޓަރި ވެސް މިހާރު ހުރީ މުޅިން ބަދަލުވެފަ އެވެ. މިހާރު އެއީ ހަމައެކަނި އޭނައަށް ހާއްސަކޮށްފައިވާ ކޮޓަރި އެކެވެ. ބަންކް ބެޑުގެ ބަދަލުގައި ހުރީ ކިންގް ސައިޒްގެ އެންމެ އެނދެ ކެވެ. ބަދަލުނުވެ ހުރީ ހަމައެކަނި އޭނަ ފޮތް ބެހެއްޓި ސަރަހައްދެވެ.

އުއްޑުން އެނދަށް ވެއްޓިގަނެގެން އޮވެ ދެލޯ މަރައި ބާރުކޮށްލެވުނެވެ. ވަގުތު ކޮންމެ ޒަޚަމެއް ވެސް ފަސޭހަ ކޮށްލައޭ ބުނާ އަޑު އޭނަ ވެސް އަހަ އެވެ. ކޮންމެފަދަ ހަނދާނެއް ވެސް ހިތުން ފިލުވާލައޭ ވެސް ކިޔާ އަޑު އިވެ އެވެ. އެކަމަކު ފަސް އަހަރު ފަހުން ވެސް މާލެ އެރުމާއެކު ކަންތައް ވީ އޭނަ ބިރުން އުޅުނު ފަދައިންނެވެ. ފުރަތަމަ ވެސް އަލްޔާ އެވެ. އެހަނދާން ތަކެވެ. ހައިރާންވާން ޖެހުނު ކަމަކީ އެތައް ދުވަހެއް ފަހުން ވެސް ހިތުގައި ލީ ޒަޚަމަށް ބަދަލެއް ނައިސް ހުރި ކަމެވެ.

"އީވާން ތައްޔާރުވެލައިގެން ނިކުންނަންވީއެއްނު ޝާކިރުބެ މޫނު ދެކެލަން ދާން. ކަށުނަމާދަށް ވެސް ދާންޖެހޭނެ އެއްނު." އިރުކޮޅެއް ފަހުން ބައްޕަ އައިސް ދޮރު ހުޅުވައިލި އެވެ.

ގައިގައި އޮތް ޓީޝާޓް ބޮލުން ވަކިކޮށްލައިފައި އީވާން ފާޚާނާއަށް ވަނެވެ. މޫނު ދޮންނަ ތަށި ކުރިމައްޗަށް ހުއްޓިފައި އަމިއްލަ ސޫރައަށް ބަލައިލެވުނެވެ. ތުނިކޮށް ހުރި ތުނބުޅި މަތިމަހާއި ކުރުކޮށް ކޮށާލެވިފައިވާ އިސްތަށިގަނޑުން ބޮޑު ބަދަލެއް ދައްކަ އެވެ. ކުރިއަށްވުރެ ދެމިލައި ބާމަތި ވެސް ފުޅާވެލައިފަ އެވެ. ހިތުގައި އުފެދުނު ސުވާލަކީ އަލްޔާއަށް އޭނަ ފެނިއްޖެ ނަމަ ފާހަގަ ވެދާނެ ބާވަ އެވެ.

ގޭގެ ދޮރާއި ހަމައިން ރުއިމުގެ އަޑު ކަންފަތުގައި ޖެހުނެވެ. ނޭފަތުގައި ހުދު ކާފޫރުގެ ވަހެވެ. ކަފުން ކޮށްފައި އޮތް ޝާކިރުގެ ހަށިގަނޑު ބާއްވާފައި އޮތީ ސިޓިންރޫމްގައި ހުރި ބޮޑު މޭޒެއްގެ މަތީގަ އެވެ. ވަށައިގެން ޖަހާފައިވާ ގޮނޑިތަކުގައި ގޮނޑިއެއްގައި ޝާކިރުގެ ހުވަފަތް އަނބިމީހާ ރިޒްނާ އިނީ ކަރުނަ އޮއްސާށެވެ. ކައިރީގައި މަންމައަށް ހިތްވަރުދޭން ޖުމާ ވެސް އިނީ ފެންކަޅިވެފަ އެވެ. ނިހާން އެދެމައިން ކައިރީ ހުރެފައި ފާއިޒުމެން ފެނިގެން އައެވެ.

ނިހާން އާއި ޖުމާގެ ކައިވެންޏަށް މިހާރު އަހަރެއް ވެއްޖެ އެވެ.

ބައްޕަގެ ފަހަތުން ގޮސް ޝާކިރުގެ ހަށިގަނޑު ކައިރިއަށް ހުއްޓުނުއިރު އީވާންގެ ހިތް ތެޅެން ފެށި އެވެ. ރޫހު މަރުވެފައިވާ އެ މޫނަށް ބަލަހައްޓައިގެން ހުރެވުނީ ހުއްޓިފަ އެވެ. އޭރު އެސްފިޔަތަކުގެ ފުރަގަހުގައި ކަރުނަ ހަރަކާތް ކުރަން ފެށި އެވެ. ހަށަމަށް އަރުވާފައިވާ ދެއަތް މަތީ އަތް ބާއްވާލައިފައި ހިތާއި ހިތުން އޭނަ ދުޢާ ކުރި އެވެ. ޝާކިރުބޭގެ ކަށްވަޅު އަލި ކުރައްވައި ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވުމަށް އެދި އެވެ. އެއަށްފަހު ފަހަތުގައި ތިބި މީހުންނަށް ފުރުސަތު ދީފައި ބައްޕައާއެކު ގޮސް ނިހާން ކައިރިއަށް ހުއްޓިއްޖެ އެވެ.

މަޑުކުރަނީ ކާކު އަންނަންދެންތޯ އެހިއިރު ނިހާން ޖަވާބުގައި "އަލްޔާ" އޭ ބުނި އަޑު އީވާންއަށް ރަނގަޅަށް އިވުނެވެ. އޭނައަށް ރޭކާލިއިރު ގައިން ހީބިހި ނަގައިފި އެވެ. އެސޫރަ އަލުން ފެނުމުން ވާނެ ގޮތެއް އަދި ހިޔާލަށް ވެސް ނުގެނެވެ އެވެ.

"އީވާން ބޭނުމިއްޔާ ދޭ ގެއަށް ގޮސް ރެސްޓްކޮށްލަން. ވަކިގޮތެއް ހަމަޖެހުނީމަ ބައްޕަ ގުޅާފަ އަންގާނަން." ފާއިޒު އީވާންއާ ދިމާއަށް އެނބުރިފައި ކޮނޑުގައި ހިފައިލި އެވެ.

އީވާން އެގޭގެ މައިދޮރުން ނިކުމެ މަޑު ހިނގުމެއްގައި ގޮސް މަގުމައްޗަށް ނިކުތުމާއެކު ހުއްޓެވުނެވެ. އިއްތިފާޤުން ޓެކްސީއެއް އެތަނަށް މަޑުކޮށްލީ އެވަގުތު އެވެ. އީވާންއަށް ފުރަތަމަ ފެނުނީ ކާރުގެ ދޮރުފަތް ހުޅުވާލައިފައި ނެރުނު ފަ އެވެ. ކަޅު އިސްޓާކީނަކުން ނިވާކުރެވިފައިވާ ފަ އެކެވެ. އެމީހަކު ކާރުން ނިކުމެ ހަމަ އިސްކޮޅަށް ތެދުވުމާއެކު އޭނަގެ ނަޒަރު ފައިން ފެށިގެން ބޮލަށް ދަތުރު ކޮށްލި އެވެ.

ފައިގެ ތަނބި ކަށްޓާއި ހަމައަށް ހުރި ފުޅާ އަބަޔާ ހެދުމުގައި ހުރި ކުއްޖާގެ ބޮލާއި މޭމަތި ވެސް ހުރީ ކަޅު ޝޯލްއަކުން ނިވާ ކުރެވިފަ އެވެ. ފެންނަން އޮތީ ދެ އަތްތިލަ އާއި އަލްޔާގެ އެރީތި މޫނެވެ. އެވަގުތު އީވާން ލައިލައި ހުރި ނޭވާ ވެސް ކަރުތެރޭގައި ތާށިވި އެވެ.

ޑްރައިވަރު ޑިކީތެރެއިން ނެގި ފޮއްޓާ ހަވާލުވުމުގެ ބަދަލުގައި އަލްޔާ ދުވީ ގެއާ ދިމާއަށެވެ. އީވާން އެހުރި ގޮތަށް ހުއްޓާ އޭނަ ފަސްދީ ދިޔަ އެވެ. ދެން ކުއްލިއަކަށް ހުއްޓުނުހެން ހީވި އެވެ. ޔަޤީނުން ވެސް އަލްޔާގެ ދުވުމުގެ އަޑު ކެނޑުނެވެ.

އެވީގޮތެއް އޮޅުން ފިލުވުމުގެ ޝައުޤުގައި އީވާން އެދިމާއަށް އެނބުރުނެވެ. އޭނައަށް ފެނުނީ އަލްޔާގެ ބޮޑުކޮށްލެވިފައިވާ ދެލޮލެވެ. އެލޮލުގައި ސުވާލު މާކުތަކެވެ.

"އީވާން.....؟" އަލްޔާ ސުވާލުކޮށްލީ ޔަޤީން ނުކުރެވިގެން އުޅޭފަދަ ރާގެއްގަ އެވެ.

ޖަވާބު ދިނުމުގެ ގޮތުން އީވާން ބޯޖަހައިލުމުން ކުއްލިއަކަށް އަނގަމަތީ އަތް އަޅައިލި އެވެ. ދެން ހީވީ އޭނައާ ވާހަކަދައްކަން ކައިރިއަށް އަންނަން އުޅުނު ހެންނެވެ. ކުރިއަށް ފިޔަވަޅެއް ވެސް ނެގި އެވެ. ދެން ކުއްލިއަކަށް އެނބުރިފައި ދުވީ ގެއާ ދިމާއަށެވެ.

***

ބައްޕަ ވަޅުލާފައި އައިސް ގެއަށް ވަންއިރު ވެރިވެފައި އޮތީ މަރުފަދަ ހިމޭންކަމެވެ. ގޭތެރޭގައި އުޅުނުހާ މީހުން ހުސްވެ އޭނަ އާއި ދޮންމަންމަ އެކަނިވީ އެވެ. ހިތްވަރުކޮށްފައި ދޮންމަންމަ އަށް ކާންދޭން އޭނާ އުޅުނެވެ. ކާމިޔާބު ނުވާނެކަން އެނގުމުން ނިދަން ބާއްވާފައި އައީ ކޮޓަރިއަށެވެ. ލޮލުގައި ހުރި ކަރުނަތައް އަނެއްކާ ވެސް ފައިބަން ދޫކޮށްލައިފައި އެނދުގައި އޮށޯވެލި އެވެ. އެކަމަކު އެތާ އޮވެވުނީ އިރުކޮޅެއް ވާންދެނެވެ. ހީވަނީ ނޭވާ ހާސްވާ ހެންނެވެ.

އަލްޔާއަށް އުދަނގޫ ވެގެން ގޮސް ކުޑަދޮރު ކައިރިއަށް ހުއްޓި ފޮތިގަނޑު ކަހައިލި އެވެ. ދުރު ބަލަން ހުރިއިރު ސިކުނޑީގައި ވީ ބައްޕަގެ ހިޔާލުތަކެވެ. އެކިފަހަރު މަތިން ގުޅާފައި އޭނަ ދެކެން ބޭނުން ވާކަމަށް ބުނި ހަނދާނެވެ. އެންމެފަހުން އޭނައަށް މިއާދެވުނީ ބައްޕަ އޭނައާ ވަކިވީމަ އެވެ. ކޮންފަދަ ބޮޑު ބަދު ނަސީބެއް ހެއްޔެވެ؟ އަލްޔާއަށް ލޯ މަރައިލެވުނެވެ.

އިރުގަނޑެއް ފަހުން ގޭގެ ބެލްޖެހި އަޑު އައެވެ. އަލްޔާ އެނބުރި ބަލައިލީ ހައިރާންވެފައިވާ ނަޒަރަކުންނެވެ. ގެއަށް އަންނާނީ ކާކުބާއޭ ހިތަށް އަރައިގެން ހުރެ ގޮސް ދޮރުމައްޗަށް ހުއްޓުނެވެ. އައި ނައިތަނެއް ނޭނގި އީވާން ހަނދާން ވުމުން ހިތް ތެޅިގަތެވެ. އަވަސް އަވަހަށް ދޮރު ހުޅުވައިލީ ކުރިމަތީ އީވާން ހުރެދާނެ ކަމަށް އުންމީދުކޮށްގެންނެވެ. އެމޫނު ބަނަވީ ޖުމާ ފެނިފަ އެވެ.

ޖުމާ ހުރީ ދަބަހެއް ވެސް ހިފައިގެންނެވެ. ކުރިއަށް އޮތް ހަފްތާ މަންމައާ އެކު އެގޭގައި ހޭދަކުރަން އައި ވާހަކަ ބުންޏެވެ. އަލްޔާ ބޯޖަހާލައިފައި ޖުމާ ވަންނަން ތަންދެއްކި އެވެ.

"އެނގޭ ދޯ އީވާން އައިސް އުޅޭކަން؟" އިރުއޮއްސޭހާއިރު ދެމީހުން އެކީ ބަދިގޭގައި އުޅެމުން ޖުމާ އެހި އެވެ.

އަލްޔާ ބޯޖަހާލައިފައި ވަކި އެއްޗެއް ނުބުނެ އެވެ. ދެން އަނެއްކާ ވެސް ވާހަކަދެއްކީ ޖުމާ އެވެ.

"އޭނަ އެއައީ ޑޮކްޓަރުކަން ކިޔަވައިގެން. މިކޮޅުގަ ވޯކްކޮށްފަ ސްޕެޝިއަލިޓީ ހަދަން ވެސް ދާނެ އަދި." ޖުމާ އިތުރަށް އޮޅުންފިލުވައިދިނެވެ.

ޖުމާ ނިކުމެގެން ދިޔައީ މަންމަ ކޮޓަރިއާ ދިމާއަށެވެ. އަލްޔާ ފުން ނޭވައެއް ދޫކޮށްލައިފައި ގޮސް އިށީންދެލީ ސިޓިންރޫމް ސޯފާގަ އެވެ. ފާރުކައިރީ ބަހައްޓާފައި ހުރި ފޮށިގަނޑު ލޮލުގައި އަޅައިގަތީ ކިތަންމެ އިރެއް ފަހުންނެވެ. ޖުމާ ކައިރީ ސުވާލު ކުރުމުން ބުނީ އީވާން ގެނެސް ބަހައްޓާފައި ދިޔަ އެއްޗެއް ކަމަށެވެ. އެގަޑި އަލްޔާ އުޅުނީ ފެންވަރަން ވަދެ ކަމަށްވެ އެވެ. ޖުމާ ވެސް ހުރީ ހަނދާންނެތިފަ އެވެ.

އަލްޔާ ފޮށިގަނޑު ހިފައިގެން ވަދެ ބެލިއިރު އެއީ ޑައިރީ ތަކެވެ. އިތުރު އެއްޗެއް އޮތްހެން ހީވެގެން ބެލިއިރު ފާޑެއްގެ ފޮތެކެވެ. އޭގައި އޮތީ އޭނަގެ ނަމެވެ. އަލްޔާ ހަނދާންވި އެވެ. އެއީ އީވާންއަށް ހަދައިދިން ހޯމްވޯކް އެކެވެ. އިސާހިތަކު އަލްޔާގެ މެއަށް ބާރުވެގެން އައެވެ. ލޮލަށް ކަރުނަ ގިނަވެ ފައިބަން ތައްޔާރުވި އެވެ. އެހާ ދުވަސްވީ އެއްޗެއް އީވާން ރައްކާކޮށްފައި ބޭއްވުމުގެ މާނައަކީ ކޮބައި ހެއްޔެވެ؟ އީވާންގެ ލޯތްބަކީ ހަމަ އެހާ ދުވަސްވީ އިހްސާސެއް ހެއްޔެވެ؟

***

ފުރުމުގެ ކުރީން އީވާންއާ ބައްދަލުވާން އަލްޔާގެ ހިތް އެދުނެވެ. އެގެއަށް އޭނަ ދިޔައީ ދެދުވަސް ފަހުން ފުރަން އޮތް ރޭ ރޭގަނޑެވެ. ފްލައިޓް އޮތީ މެންދަމު ދޭއް ޖަހާއިރެވެ. ދޮރު ހުޅުވަން އައީ އީވާން އެވެ. ގޭގައި އިތުރު މީހަކު ނެތެވެ. އީވާން ތަން ދެއްކުމުން އަލްޔާ ގޮސް ސޯފާގައި އިށީނދެލި އެވެ. ފުރާ ވާހަކަ ބުނުމުން އީވާން ބޯޖަހާލި އެވެ. ނިޔާމަ ދަތުރަކަށް އެދުނެވެ. ދައްކަން ހުރި ކިތަންމެ ވާހަކައެއް ހުއްޓަސް އެކަކަށް ވެސް ފަށާނެ ގޮތެއްނޭނގުނެވެ. އަލްޔާ އެންމެފަހުން ދާން ތެދުވިތަނާ އީވާން ގޮވި އެވެ.

"އަހަރެން އެ ޑައިރީތަކެއް ނުކިޔަން." އީވާން ބުނެލި އެވެ.

"ކީއްވެ؟" އަލްޔާ ބަލަންފެށީ ހައިރާންވެފަ އެވެ.

"އައި ޑޯން ނީޑް ޓު. އަހަރެންގެ ފަރުވާލެއް ނެތް ކޮންމެފަދަ ޕާސްޓެއް އޮތަސް. އަހަރެން ހަމައެކަނި ބޭނުމީ އެލީ. ނަތިން މޯ." އީވާން ކުރިއަށް ފިޔަވަޅެއް އަޅައިލިއިރު ލޮލުގައި ކަރުނަ ވިދަ އެވެ.

"އީވާން އެކީނަމަ އަޅެ. އަހަރެން މީ ވަރަށް ގޯސްކޮށް އުޅުނު ކުއްޖެއް... އައި ޑޯން ޑިޒާވް ޔޫ." އަލްޔާ އުޅުނީ ވިސްނަދޭށެވެ.

"އެލީއަކަށް ނޫން އިނގޭނީ. އަހަންނަށް އިނގޭނީ އަހަރެންގެ ދިރިއުޅުން ބައްޓަން ކުރާނެ ގޮތެއް. ފިލައިގެން ދިއުމުގެ ކުރިން އެއްފަހަރު ވެސް އަހަރެން ބޭނުންވާ ގޮތް އަހައިލި ނަމަ." އީވާންގެ އަޑުގައި ހުސް ޝަކުވާ އެވެ.

"ވެލް...ވީކަމެއް ވީ. އެއީ ޕާސްޓް. ލައިކް އައި ސެޑް ޕާސްޓް އަހަންނަށް މުހިންމެއް ނޫން. އަހަރެން ބޭނުމީ އަހަރެންގެ މިހާރު އެލީއާ އެކު ވާން. އަހަރެންގެ މުސްތަޤްބަލް އެލީއާއެކު ބިނާކުރަން." އީވާން އަނެއްކާ ވެސް ކުރިއަށް ޖެހިލާފައި އަލްޔާގެ އަތުގައި ހިފައިލި އެވެ.

އިސްޖަހައިލި ގޮތަށް އަލްޔާ ދެފަރާތަށް ބޯ ހުރަން ފެށި އެވެ. ތަކުރާރުކޮށް ސޮރީއޭ ކިޔަމުން ދިޔައިރު ލޮލުން ކަރުނަ ފޭދިގެން އަންނަނީ އެވެ.

"ސޮރީއޭ ނުކިޔާ. އަހަންނާ އިންނާނަމޭ ބުނޭ." އީވާން އެ އަތަށް ފިތައިލި އެވެ.

އަލްޔާ ސިހިފައި އިސްއުފުލައިލި އިރު އީވާން ހުރީ ހިނިތުންވެފަ އެވެ. ތުންފަތަށް ވެރިވި ހިނިތުންވުމާ އެކު އަލްޔާ މަޑުމަޑުން ބޯޖަހައިލި އެވެ. އީވާން އެވަގުތު އޭނަގެ އަތަށް ކުއްލިއެއް ޖަހާފައި ގެންގޮސް މޭގައި ޖައްސައިލި އެވެ. އެ ދެއަތުން އަލްޔާ ވަށައިލީ ދުވަހަކުވެސް ވަކިވުމެއް ނެތް ފަދައިންނެވެ. -- ނިމުނީ --

Popular