12 Jan 2018

މޯލްޑިވިއަން އައިޑޮލްގެ ގަދަ ފަހެއް ކޮބާ؟

މޯލްޑިވިއަން އައިޑޮލްގެ ގަދަ ފަހެއް ކޮބާ؟

By: Aishath Maahaa

މޯލްޑިވިއަން އައިޑޮލްގެ ސްޓޭޖުން ފައިބައިގެން ދަމުން ހުރިހާ ބައިވެރިންވެސް ވައުދެއްވި އެވެ. އެއީ ލިބުނު ފޭނުންނަށް ވަފާތެރިކަންމަތީ ތިބެ އެ ފޭނުން އުފާކޮށްދިނުމެވެ. އަމިއްލަ ލަވަތަކެއް ނުވަތަ އަލްބަމެއް ގެނެސްދީ މިއުޒިކީ ދުނިޔެއިން ނުގެއްލި އެ ފޭނުންގެ ލޯމަތީ އެނބުރޭނެ ކަމަށް ދެއްކި ވާހަކަތަކެވެ.

ނަމަވެސް ތިން ވަނަ ސީޒަނަށް ޕަބްލިކް ސާވިސް މީޑިއާ ތައްޔާރުވަމުން އަންނަ އިރު އެއިން މަދު ފަންނާނެއް ނޫނީ ނުފެނެ ނުވެ އެވެ. ގިނަ ފަންނާނުން ގެއްލިއްޖެ އެވެ. ހަމައެކަނި ދެ ސީޒަންގެ ގަދަ ފަހެއް ކޮބައިތޯ ބަލައިލާނަމެވެ.

ފުރަތަމަ ސީޒަންގެ ގަދަ ފަހެއްގައި ހިމެނުނީ ލައިޝާ ޖުނައިދު، ޝަލަބީ އިބްރާހީމް، މުހައްމަދު އިޝާން، އަބްދުﷲ ފާލިހް އަދި މުހައްމަދު ޒަލީފް އެވެ. ލައިޝާ އަމިއްލަ އަލްބަމެއްގެ މަސައްކަތް ފަށައި މި އަހަރުގެ މެދުތެރޭގައި ނެރުމަށް މަސައްކަތް ކުރަމުން އެބަދެ އެވެ. ޝަލަބީ ވެސް އަލްބަމެއްގެ މަސައްކަތް ފަށައިގެން ކުރިއަށް އެބަގެންދެ އެވެ. އެ ސީޒަންގެ އެންމެ ކާމިޔާބު އަދި އެންމެ އަޑުގަދައީ ޝަލަބީ އެވެ. އިޝާން ވެސް އަލްބަމެއްގެ މަސައްކަތް ފަށައިގެން އުޅޭތާ ދުވަސްގަނޑެއް ވެއްޖެ އެވެ. އިޝާން ބުނަނީ ރަނގަޅު ކޮލިޓީއެއްގައި އަލްބަމް ނެރުމަށް މަސައްކަތް ކުރާތީ ލަސްވަނީ ކަމަށެވެ.

އިޝާންވެސް އެންމެ ބޮޑު ސަމާލުކަމެއް ދީގެން ގިނަ ވަގުތު ހުސްކޮށްލާފައި ވަނީ ރިސޯޓު މިއުޒިކަށެވެ. ޒަލީފް އަދި ފާލިހުގެ މިސްރާބު ވެސް ބަހައްޓާފައި ހުރީ ރިސޯޓް މިއުޒިކާ ދިމާލަށެވެ. ނަމަވެސް ފާލިހު މިދުވަސްވަރު އުޅެނީ ކުޑަކޮށް މަޑުޖައްސާލައިގެންނެވެ.

ދެވަނަ ސީޒަންގެ ގަދަ ފަހެއްގެ ތެރޭގައި މި ހިމެނެނީ މުހައްމަދު ތަސްނީމް (ބޮބް)، ހަމޫދު އަހްމަދު، ޝަމްވީލް މުހައްމަދު، އަބްދުﷲ ހިޝާން އަދި އިބްރާހީމް ވަހީދު (ބޮޑުބެ) އެވެ. މި ސީޒަންގައި ވެސް އެންމެ އަޑުގަދަ ތަރިއަކީ ދެވަނަ ރަނަރަޕް ހަމޫދެވެ. ބޮބްގެ އަމިއްލަ ތިން ލަވަ ނެރުނު ނަމަވެސް ބޮބަށްވުރެ ހަމޫދުގެ އަޑު ގަދަ އެވެ. އެއީ ދެ ފިލްމަކަށް ހަމޫދު ކިޔާފައިވާ ދެ ލަވަޔާ އެކުގަ އެވެ. އޭގެ ތެރެއިން ވެސް އެންމެ މަގުބޫލީ "ބޮސް" ފިލްމަށް އޭނާ ކިޔާފައިވާ "މިހިތް އެދޭ ގޮތް ނުވަނީ" އެ ލަވަ އެވެ. އަމިއްލަ ލަވަތަކެއްގެ މަސައްކަތް ކުރަމުން ބޮބް އަންނަނީ ރިސޯޓްތައް އަދި ލޯކަލް ގެސްޓު ހައުސްތަކުގައި ވެސް ޝޯ ދެމުންނެވެ.

ދެވަނަ ސީޒަންގައި އެންމެ ގަދައަށް ވިދާލި އެއް ތަރިއަކީ ޝަމްވީލެވެ. މި ދުވަސްވަރު ވަޒީފާގެ ސަބަބުން މިއުޒިކާ ކުޑަކޮށް ދުރު ނަމަވެސް އަމިއްލަ ލަވައެއްގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ. ޝަމްވީލް ބުނީ ލަވައިގެ ވީޑިއޯ އަދި ރާގުގެ މަސައްކަތް ނިންމާލާފައި މި އަހަރުގެ މެދުތެރެއަށް ލަވަ ނިންމާލެވޭނެ ކަމަށެވެ. ދެވަނަ ސީޒަންގެ ގަދަ ފަހެއްގައި ހިމެނުނު ހިޝާން މިހާރު ހުރީ ހިތާނީ ސީޒަންގެ ޝޯތަކަށް ފަހު ކުޑަ ޗުއްޓީއެއްގަ އެވެ. ހިޝާން ބުނީ ހިޝާންގެ އާ ލަވައެއް ނީވުނު ކަމުގައި ވިޔަސް ކަވަ ލަވައެއް މި މަހުގެ ތެރޭގައި އަޑުއިވޭނެ ކަމަށެވެ. ހަބޭސް ފިއުޝަން ބޭންޑާ އެކު ބޮޑުބެ އަންނަނީ ފިޔަޖަހަމުންނެވެ. އަމިއްލަ މަދަހަ އަލްބަމެއް މިހާރު ނެރެފައިވާއިރު ލަވަ އަލްބަމެއްގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ.

Popular