16 Jan 2018

ފެނިލާފައި ގެއްލުނަސް ރިޝްފާ މަގުބޫލު

ފިލްމު ޝޫޓިންތަކަށް ރަށުން ބޭރަށް ދިއުމަކީ ރިޝްފާ އެހާ ބޭނުންވާ ކަމެއް ނޫން. އޭނާ ބުނަނީ ފިލްމީ މަސައްކަތް ކުރަނީ ވަގުތު ލިބޭ ވަރަކުން ކަމަށާއި އަމިއްލަ އަގު ހިފަހައްޓަން ވެސް ޖެހޭ ކަމަށް.

ފިލްމު ޝޫޓިންތަކަށް ރަށުން ބޭރަށް ދިއުމަކީ ރިޝްފާ އެހާ ބޭނުންވާ ކަމެއް ނޫން. އޭނާ ބުނަނީ ފިލްމީ މަސައްކަތް ކުރަނީ ވަގުތު ލިބޭ ވަރަކުން ކަމަށާއި އަމިއްލަ އަގު ހިފަހައްޓަން ވެސް ޖެހޭ ކަމަށް.

By: Aishath Maaha

މުހައްމަދު މަނިކާއެކު ދެހާހުގެ ކުރީކޮޅު ކުޅުނު ލަވައިން އެ ދުވަސްވަރު ވިދައި ބަބުޅައިގަތަސް އައިމިނަތު ރިޝްފާ ދެން ގެއްލުނީ އެވެ. ދެން ފެނުނީ އޭގެ އެތައް އަހަރެއް ފަހުންނެވެ. އެކަމަކު އެއީ ވެސް މާގިނައިންނެއް ނޫނެވެ.

ލަވަތަކުންނާއި ޑްރާމާތަކުން ފެނިގެން ދިއުމަށް ފަހު އަނެއްކާވެސް ރިޝްފާއަށް ބޮޑު މަގުބޫލުކަމެއް ލިބުނީ މިދިޔަ އަހަރު އަބްދުލް ފައްތާހު ގެނެސްދިން "ހައްދު"ގައި ބަތަލާއެއްގެ ރޯލުން ފެނިގެން ދިއުމާ އެކުގަ އެވެ.

އެ ފިލްމުގައި ރިޝްފާ ދެއްކި އެކްޓިންއަށް އެންމެން ކުރީ ތައުރީފެވެ. ރިޝްފާގެ ނުފޫޒު ދާއިރާގައި ގަދަކޮށްލާނެ ކަމަށް ހީކުރި އެވެ. ނަމަވެސް އެއަށްވުރެ ރިޝްފާގެ އަޑު މަޑެވެ. ޚަބަރެއް ދަބަރެއް ނެތެވެ. ފިލްމީ ދާއިރާގެ މަސައްކަތެއް ނުކުރަނީ ހެއްޔެވެ؟

"އެބައުޅެން މި ދާއިރާގައި، އަލްބަމެއްގެ ލަވައެއްގެ ޝޫޓިންއެއް ފަށާނެ ވަރަށް އަވަހަށް. ދެން އަސްލު ވާގޮތަކީ ފިލްމީ ދާއިރާގައި މި އުޅެނީ ވަގުތު ވާވަރަކުން. ފިލްމުތަކުގެ ޝޫޓިން އަށް މަސް ދުވަސް ނުވަތަ ދެ މަސް ދުވަހަށް ދާން މިޖެހެނީ މާލެއިން ބޭރަށް. އެހެންވެ އެހާބޮޑަށް ނޫޅެވެނީ،" ރިޝްފާ ބުންޏެވެ.

ރިޝްފާ ބުނީ މި އަހަރު ކުޅޭނެ ފިލްމުތައް އަދި ފައިނަލް ނުވާ ކަމަށާއި މިހާރުވެސް ވާހަކަ ދައްކަމުން އަންނަ ކަމަށެވެ.

"އެބަ ވާހަކަ ދައްކަން ފިލްމަކާ. އެކަމާ ވާހަކަ ދައްކަން މީޓްކޮށްލަން ދާންވެސް ވެފަ އޮތީ. އެކަމަކު މިދުވަސްކޮޅު ތަންކޮޅެއް ބިޒީކޮށް އުޅޭތީ ނުދެވިގެން މިއުޅެނީ،" 11 އަހަރުގެ ދަރިޔަކު ހުންނަ ރިޝްފާ ބުންޏެވެ.

އޭނާ ބުނީ ފިލްމެއް ކުޅެން މާލެއިން ބޭރަށް ދާން ބޭނުން ނުވަނީ އެކަން "ވޯތު ނޫން" ވީމާ ކަމަށެވެ.

"އަމިއްލަ އަތުން ވަރަށް ހަރަދުވެސް ދާ ކަމެއް އެއީ، ގެންދާ މީހުން ދޭނީ ހުރުމާއި ކެއުމާތާ، އޭގެ އިތުރަށްވެސް އެހެން ހަރަދުތައް ދޭ ބައިވަރު. އަނެއްކާ ދެ މަހެއްހާ ދުވާލު ރެޔާއި ދުވާލު ޝޫޓިންގައި އުޅެނީ. ދެން މި ލިބެނީ 45،000 ވަރަކަށް ރުފިޔާ، އެ މަސައްކަތްތަކަށް އެވަރު ވޯތެއް ނޫން،"

ރިޝްފާގެ އެންމެ ފަހުގެ ފިލްމު "ހައްދު" އޭނާ ކުޅެދީފައިވަނީ 45،000 ރުފިޔާ އަށެވެ.

"ބައެއް ޕްރޮޑިއުސަރުން ބޭނުންވަނީ 10،000 ރުފިޔާއަށް ފިލްމު ކުޅެން. އެވަރަކަށް ނުކުޅެވޭނެ. އަމިއްލަ އަގު ހިފަހައްޓަން ބޭނުން، ބައެއް ޕްރޮޑިއުސަރުން ބުނޭ އެ ނޫން އަގަކަށް ނުކުޅެއްޗޭވެސް، އެއީ އަގު ހިފަހައްޓަން ޖެހޭތީވެ،" ލަވައެއް 3،000 ރުފިޔާ އަށް ކުޅެދޭ ރިޝްފާ ބުންޏެވެ.

ރިޝްފާ މާ މަދުން މި ފެންނަނީ ކީއްވެކަން މިހާރު އެނގިއްޖެ "ދޯ" އެވެ.

ދިވެހި ފިލްމް އިންޑަސްޓްރީ

Popular