13 Feb 2018

އަޑު މަޑުނުވި ބައެއް ލަވަތައް

އަޑު މަޑުނުވި ބައެއް ލަވަތައް

By: Aishath Maahaa

ކުރީގެ ފިލްމީ ތަރިންނާއި ކުރީގެ ފިލްމުތަކާއި ލަވަތައް އަދިވެސް ދިވެހިންނަށް މާބޮޑަށް ކަމުދެ އެވެ. އެ ލަވަތައް ޖަހާ މީހުން ގިނަ އެވެ. އެ ދުވަސްވަރުގައި އެކަންޏެއް ނޫނެވެ. މިހާރުވެސް އެވެ. އޭރުގެ މަޝްހޫރު ލަވަތައް ގިނަ އެވެ. މިހާރުވެސް އެ ލަވަތައް ނޭނގޭ ދިވެއްސަކު މަދުވާނެ އެވެ. މިއަދުގެ ޒުވާނުންނަށް ވެސް އެ ލަވަތައް އެނގެ އެވެ. ސޯޝަލް މީޑިއާގައި އެ ލަވަތައް ޝެއާކޮށް މަޖާ ނަގަ އެވެ. އޭރުގެ އެންމެ ހިޓު އަދި އެންމެ ގިނަ ދިވެހިން ދަންނަ ލަވަތަކުގެ ލިސްޓެއް ފަށާނަމަ "މަ ހޭނެތިދާނެ" އިން ފެށުން ކިހިނެއް ވާނެ ހެއްޔެވެ؟

މަ ހޭނެތިދާނެ

އައިޝަތު ޝިރާނީ އާއި އަހްމަދު ގިޔާސްގެ އެންމެ ރަން ޒަމާނުގެ އެ ލަވަ ނޭނގޭ ދިވެއްސަކު ނުހުންނާނެ އެވެ. އެ ލަވައިގެ ޑާންސް ސްޓެޕްތަކަކީ ޒުވާނުންގެ މެދުގައި މަގުބޫލު ސްޓެޕްތަކެކެވެ. ދިވެހި ލަވަތަކުން ފެންނަ ޖޯޑުތަކުގެ ތެރެއިން ގިނަ ބަޔަކަށް އެންމެ ކަމުދިޔަ އެއް ޖޯޑަކީ ޝިރާނީ އާއި ގިޔާސް އެވެ. ދެ ފަންނާނުން ވެސް މިހާރު އުޅެނީ ދާއިރާ އާ ދުރަށް ގޮސްގެންނެވެ. ޔޫޓިއުބުން އެ ލަވަ ބެލި މީހުންގެ އަދަދު ވެސް އެތައް ހާހަކަށް އަރަ އެވެ.

ގޯޅި ގޯޅި ކަންމަތިން

ހަސަން އަފީފު (ޖަމްބެ) އާއި ނިއުމާ މުހައްމަދު ފެނިގެންދާ މި ލަވައަކީ ވެސް ކުރިން އެންމެ މަޝްހޫރުވި ލަވަތަކުގެ ތެރޭގައި ހިމެނޭ ލަވަ އެކެވެ. ޖަމްބެ މިހާރު ފިލްމީ ދާއިރާ އަށް ސަލާމް ބުނެގެން އުޅޭއިރު ނިއުމާ ވެސް އުޅެނީ ކެމެރާ ކުރިމަތިން ރިޓަޔާވާށެވެ. އަންހެން ކުއްޖެއް ދެކެ ލޯބިވެވިގެން އުޅޭ ފިރިހެނެއް ދައްކައިދޭ އެ ލަވަ އަދިވެސް ވަރަށް ކަމުދެ އެވެ.

އުފް ކަލާ ހަނދާން ވުމުން

މިއީވެސް ހަނދާނުން ކައްސާނުލާނެ ލަވައެކެވެ. ސޯޝަލް މީޑިއާގައި މިހާރު ވެސް އެ ލަވަ ޝެއާކޮށް އެ ލަވަ ބަލަ އެވެ. އެ ލަވައިގެ އެންމެ ހާއްސަ ކަމަކީ އެ ލަވައިގެ ޑާންސް ސްޓެޕްތަކެވެ. އެ ސްޓެޕްތަކަށް ފާޑު ކީ ނަމަވެސް ލަވައިގެ މަގުބޫލުކަމަށް ފަނޑުކަމެއް ނާދެ އެވެ. ބައި ލައްކައަށް ވުރެ ގިނަ ފަހަރު ޔޫޓިއުބުގައި އެ ލަވަ ބަލާފައިވެ އެވެ.

ހިތުގާ ދޮރުފަތް ހުޅުވާލަދީ

"އުފް ކަލާ ހަނދާން ވުމުން" އެކޭ އެއްވަރަށް މިއީވެސް ވަރަށް ބޮޑަށް ވައިގައި ހިފައިގެން ދިޔަ ލަވައެކެވެ. އެ ލަވައިން ފެނިގެންދަނީ ޝިރާނީ އަދި ގިޔާސް އެވެ. މިއީވެސް ޝިރާނީ އަދި ގިޔާސް އެންމެ ބޮޑަށް މަޝްހޫރުވި ދުވަސްވަރުގެ ލަވަ އެކެވެ.

ހޯދަމާ ހޯދާ

އިސްމާއިލް ވަޖީހުގެ މި ލަވަ އަކީވެސް ދިވެހިންގެ ތެރޭގައި ބޮޑު މަގުބޫލުކަމެއް ލިބުނު ލަވައެކެވެ. ވަޖީހު އެކަނި އެ ލަވައިން ފެނުނު ނަމަވެސް އެ ލަވަ ބެލި މީހުންގެ އަދަދު އެތައް ހާހަކަށް އަރާނެ އެވެ.

Popular