27 Feb 2018

ދިވެހި ޑްރާމާތައް ނިމިއްޖެ

ދިވެހި ޑްރާމާތައް ނިމިއްޖެ

By: Aishath Maaha

ޓީވީ ޑްރާމާ ސިލްސިލާ ބެލުމުގެ ފޯރި ވަރަށް ބޮޑެވެ. އިނގިރޭސި، ހިންދީ، ތުރުކީ، ކޮރެއާ މިހެން ގޮސް އެކި ބަސްބަހުން އުފައްދާފައި ހުންނަ ސިލްސިލާތަކަކީ މިހާރު ދިވެހިންގެ ދިރިއުޅުމުގެ ބައެކެވެ.

މި ލިސްޓުން މިހާރު އުނިވެގެން ގޮސްފައިވަނީ ދިވެހި ޑްރާމާ އެވެ. ޓީވީ ޗެނަލްތަކުން މީގެކުރިން ގެނެސްދޭ ޑްރާމާތައް ބަލަން ވަގުތު ހުސްކުރެ އެވެ. ޕްލޭންތައް ހަދަނީ ޑްރާމާ އެޕިސޯޑުތައް މިސް ނުވާނޭ ހެންނެވެ. ނަމަވެސް މި ފަހަކަށް އައިސް ދިވެހި ޑްރާމާ ސިލްސިލާގެ އަދަދު މިވަނީ ވަރަށް ބޮޑަށް މަދުވެފަ އެވެ. ޓީވީ ޗެނަލްތަކުން ވެސް ޑްރާމާ ސިލްސިލާތައް ގެނެސްދޭ މިންވަރު މިވަނީ ވަރަށް ބޮޑަށް މަދުކޮށްލާފަ އެވެ. މި ފަހަކަށް އައިސް ދިވެހި ޑްރާމާއެއް އުފައްދާ ކަހަލަ ހިޔާލެއް ދިވެހި ފިލްމު ޕްރޮޑިއުސަރަކު ވެސް ގެންގުޅޭ ހެނެއް ހިއެއް ނުވެ އެވެ. ޑްރާމާއަކަށް ފެންނަނީ އޮފީސްތަކުގެ ޑްރާމާ މުބާރާތުގައި ބައިވެރިކުރާ ކުރު ޑްރާމާތަކެވެ.

އިހުގައި އެންމެ ގިނައިން އުފެއްދި ޑްރާމާ ސިލްސިލާތައް ހުއްޓާލައި މިހާރު ގިނަ ޕްރޮޑިއުސަރުންގެ އަމާޒަކަށް ވެސް ވެފައި އޮންނަނީ ތަފާތު ޖޮންރާތަކުގެ ފީޗާ ފިލްމުތައް އުފެއްދުމެވެ. އާ ތަރިން ވެސް އާންމުކޮށް ނެރެނީ ފިލްމުތަކުންނެވެ. މީގެކުރިން އެންމެ ގިނަ ފިލްމީ ތަރިން ފިލްމީ ދާއިރާއަށް ނުކުމެފަ ހުރީ ޑްރާމާ ސިލްސިލާތަކުންނެވެ. ނިކަން ހުނަރުވެރި މޮޅު ތަރިންތަކެއް ފިލްމީ ދުނިޔެއަށް އުފަން ވެގެން ދިޔަ އެވެ.

ދިވެހިންގެ މެދުގައި އިނގިރޭސި، ކޮރެއާ އަދި ތުރުކީ ފަދަ ޑްރާމާތައް މަގުބޫލުވެފައިވާ ވަރަށް ދިވެހި ޑްރާމާތައް މަގުބޫލުނުވުމަކީވެސް ސުވާލު އުފެދޭ ކަމެކެވެ. ފަހަރުގައި ބޭރުގެ ސިލްސިލާތަކުގައި ހުންނަ ކްރިއޭޓިވް މަސައްކަތްތައް ދިވެހިންގެ ޑްރާމާތަކުން ނުފެންނަނީ އެވެ. މިއީ ޕްރޮޑިއުސަރުންވެސް ދައްކާ ވާހަކަ އެވެ.

ދިވެހި ޑްރާމާތައް ދިވެހިންނާ ހިސާބަށް މިހާރު ނާންނަ އެއް ސަބަބަކީ ފަހަރުގައި މިއީ އެވެ.

"ޑްރާމާގައި ވާގޮތަކީ އެއަކީ ކޮންމެސް ބަޔަކަށް ހަދަން ޖެހޭ އެއްޗެއްތާ. މިހާރު ނެތީ ހަގީގަތުގައި އެ އޮޕޮޗުނިޓީ. ދެން ހަގީގަތުގައި ޑްރާމާ ސިލްސިލާ އަކީ ކްރިއޭޓިވްލީ އެއްވެސް އެއްޗެއް ޑެލިވާކުރާ އެއްޗެއް ނޫނެއް ނޫންތޯ. ޓައިމް ކޮންޒިޔުމިން އެއްޗެއް. ރަނގަޅު ޕޭ އެއްވެސް ނުލިބޭ. ދެން އެމީހުންދޭ ބަޖެޓަކަށް އަޅުގަނޑުމެން ހަދަން ޖެހެނީ. އެ ހުރިހާ ކަމަކަށް ބަލާފަ ވޯތެއް ނޫން ޑްރާމާ ހެދުމެއް،" ކުރިން ގިނަ އަދަދެއްގެ ޑްރާމާ ސިލްސިލާތަކެއް ގެނެސްދިން ޕްރޮޑިއުސަރަކު ބުންޏެވެ.

"ޑްރާމާ ހަދައިގެން ނެތް ޕްލެޓްފޯމެއް. އަޅުގަނޑުމެން މި ބަލަނީ ވެބް ސީރީޒެއް ހަދަން. ބަލާއިރު އަޅުގަނޑުމެންނަކަމށް ނުލިބޭ ސްޕޮންސާސް ކަހަލަ އެއްޗެއް. އަޅުގަނޑުމެންވެސް އެކިކަހަލަ އެއްޗެހި ހަދަން ބޭނުން އެކަމަކު އެކަހަލަ ކަންތައްތަކާއި ހުރެ ލިމިޓެޑީ. ފިލްމްސް އަކީ މާބޮޑަށް ރިވޯޑިން އެއްޗެއް އަޅުގަނޑުމެންނަށް. އެއްވެސް މީހަކު ސްޕޮންސާއެއް ނުދިނަސް ހަދާފަ އޭތި އޭތި އެޅުވޭނެ. އޭތި ޑޮމިނޭޓް ކުރެވޭނެ އެވޯޑްތަކުގައި ވެސް އެކަމަކު ޑްރާމާއަކަށް ދޭ އެވޯޑެއްވެސް ނޯވޭ މިތާގަ. ކުރިންވެސް ވާހަކަ ދެއްކި ޕްރޮޑިއުސަރު ބުންޏެވެ.

ގިނަ ދިވެހި ޑްރާމާ ސިލްސިލާތަކެއް ގެނެސްދިން ޕްރޮޑިއުސަރު ފާތުމަތު ނަހުލާ ބުނީ ޑްރާމާ އުފައްދަނީ ޓީވީ ޗެނަލްތަކުން އިއުލާނުކުރުމުން ކަމަށެވެ. އަދި ޑްރާމާ ހެދުމަށް ފިލްމެއް ހަދަން ކުރާހާ ބުރަ މަސައްކަތް ކުރާއިރު އެއިން ފައިިދާއެއް ނުލިބޭ ކަމަށެވެ.

"ޓީވީ ޑްރާމާއަކީ ފިލްމެއްހާ މަސައްކަތް. އަސްލު ވަރަށް ކުޑަކުޑަ އެއްޗެއް އެއަށް ލިބެނީ. އަހަރުމެންނަށް ޓީވީތަކުން ދޭ އަގު ވެސް އެއިން މޭކް ނުކުރެވޭ އެއްޗެއް އެއީ. އެކަމަކު އެ ދޭ އަގު ވެސް އަހަރުމެންނަށް ވޯތެއް ނޫން. އަޅުގަނޑަކަށް ގައިމުވެސް. އެހެންވީމަ އަޅުގަނޑު ބޮޑަށް ޑްރާމާ ނަހަދަން އުޅެނީ. ޓީވީ މޯލްޑިވްސް އިން އެކަނި ކަންނޭނގެ ޑްރާމާތައް ހައްދާ އުޅެނީ. އެމީހުން ވެސް ވަރަށް ދުވަސްވެއްޖެ ކަންނޭނގެ އިއުލާނު ނުކުރާތާ. ރަނގަޅު ޑްރާމާތަކެއް ނުލިބޭތީ ނަހައްދަނީ ކަންނޭނގެ،" ނަހުލާ ބުންޏެވެ.

ދިވެހިންގެ ތެރޭގައި މަގުބޫލުވި ބައެއް ދިވެހި ޑްރާމާ ސިލްސިލާގެ ތެރޭގައި ކައްތިރި، ވައިރޯޅިއަށް ވެސް ސިއްރުން، ތިއޭ މިހިތުގެ ވިންދަކީ، ހިނިތުންވެލާށޭ ކަލާ އަދި އުމުރަށް ސަލާމް ހިމެނެ އެވެ.

ދިވެހި ފިލްމް އިންޑަސްޓްރީ

Popular