7 Mar 2018

ޓޮޕް 10: އަދިވެސް އަހާލަން ބޭނުންވާ އަޑުތައް

By: Aishath Maaha

މޮޅު ލަވަކިޔުންތެރިޔެއްގެ ގޮތުގައި ތައްގަނޑު ޖަހައި އެމީހަކަށް އޭގެ ބެޖު ދެނީ ކިހާ ހިސާބަކަށް އެ ފަންނުގައި މީހަކަށް ދެވިގެން ހެއްޔެވެ؟ ގިނަ ލަވަތަކެއް ކިޔައިގެން ހެއްޔެވެ؟ ދާއިރާގައި ގިނަ ދުވަސްތަކެއް ހޭދަކޮށްގެން ހެއްޔެވެ؟ އެންމެ ލަވަޔަކުން ނަމަވެސް މަގުބޫލުކަން ބޮޑުވެގެން ހެއްޔެވެ؟ ބޮޑެތި ޝޯތަކާއި ފިލްމުތަކަށް ލަވަކިޔަން ފުރުސަތު ލިބުނީމާ ހެއްޔެވެ؟ ނުވަތަ އެ ދާއިރާއިން ބޭރު ދުނިޔޭގައި ގައުމު ތަމްސީލުކުރަން ލިބުނީމާ ހެއްޔެވެ؟

މި އާޓިކަލްގައި އަހަރުމެން ދޭން މިއުޅެނީ މޮޅު ލަވަ ކިޔުންތެރިއަކަށް ވާނެ ގޮތުގެ ޓިޕްސްތަކެއް ނޫނެވެ. މިއުޅެނީ އެންމެ މޮޅު ލަވަކިޔުންތެރިޔަކު ހޮވާކަށް ވެސް ނޫނެވެ. މި ލިސްޓުގައި މި ބަލައިލަނީ މިހާރު ލަވަ ކިޔުން ހުއްޓާލާފައިވާ ލަވަ ކިޔުންތެރިންގެ ތެރެއިން އަދިވެސް އެ ލަވަ ކިޔުންތެރިންގެ އަޑު އަހަން ބޭނުންވާ ލަވަ ކިޔުންތެރިންނަށެވެ. އެ ފަންނާނުންގެ އަލުން އަޑު އަހާލަން ބޭނުންވާ ފަންނާނުންނަށެވެ. ދާއިރާއަށް އަލުން ގެންނަން ފޭނުން އަދިވެސް ބޭނުންވާ ފަންނާނުންނަށެވެ.

އަލީ ރަމީޒު

މި ލިސްޓު ފަށާނީވެސް އެންމެންގެ ފެވަރިޓުންނެވެ. އެއީ މަޝްހޫރުކަމާއި މަގުބޫލުކަމަށް ކުޑަވެސް ބަދަލެއް ނާންނަ އަލީ ރަމީޒެވެ. އަލީ ރަމީޒުގެ މޮޅުކަމާއި މަޝްހޫރުކަން އަދި މަގުބޫލުކަމުގެ ވާހަކައަކީ މިހެން ލިޔެގެން މީހަކަށް ކިޔައިދޭންޖެހޭ ވަރަށް ވުރެ ބޮޑަށް އެންމެން ދަންނަ ވާހަކަތަކެކެވެ. އެ ލަވަ ކިޔުންތެރިޔަކު އެނބުރި މިއުޒިކީ ދުނިޔެއަށް އަންނަން އެންމެ ގިނަ މީހުން އެދި ތިބި ފަންނާނަކީ ހަމަ އަލީ ރަމީޒެވެ.

އެތައް ލަވަކިޔުންތެރިންނެއް އުފެދި ތަފާތު އަޑުތަކެއް ވެސް ދިވެހިންނަށް އިވިގެން ހިނގައްޖެ އެވެ. ބައެއް އަޑުތައް ދިވެހިންނަށް ކަމުދިޔަވެސްމެ އެވެ. ނަމަވެސް އަލީ ރަމީޒު އެ ހޯދިވަރުގެ ލޯތްބަކާއި ޝައުގުވެރިކަމެއް އަތުޖައްސައެއް ނުލެވުނެވެ. އަދިވެސް އެންމެ ގިނަ މީހުން ޖަހަނީ އަލީ ރަމީޒުގެ ލަވަ އެވެ. ފަހުން އުފެދިގެން މި އަންނަ ޒުވާން ލަވަކިޔުންތެރިން ވެސް އެންމެ ގިނައިން ކޮޕީކުރަނީ އަލީ ރަމީޒެވެ. ކިޔަނީ އަލީ ރަމީޒުގެ ލަވަތަކެވެ. ފިނިފެންމަލެކޭ، އޭ މިރޭ، ހިތް ނުރޮއްވާ، ނިންދެވީތި މޭ މަތީ ފަދަ ލަވަތައް އަދިވެސް ވަރަށް ވަރަށް މަގުބޫލެވެ.

ހުޒާމް

އެ އަޑެއްގެ އަސަރުގައި ދިވެހިން އެންމެ ބޮޑަށް ޖެހުނު އެއް އަޑަކަށް މުހައްމަދު ހުޒާމް ވާނެ އެވެ. ހުޒާމްގެ ކޮންމެ ލަވައެއްގެ ތެރެއަށް ވެސް ވަދެވި ހިތުގެ އެންމެ ހިމަނާރަށް ވެސް އަސަރުކުރަނީ އެ އަޑުގައި ހުންނަ އަސަރަކުން ކަމަށްވެ އެވެ. ނަވާރަސަތޭކަ ނުވަދިހައިގެ އަހަރުތަކުގައި އަދި ދެހާހުގެ ކުރީކޮޅު ހުޒާމްގެ ލަވަތައް ރަސްކަން ކުރި އެވެ.

ފިލްމުތަކުންނާއި ޑްރާމާތަކުގެ އިތުރުން އެތައް ބައިވަރު އަލްބަމަކުން ހުޒާމްގެ އަޑު އިވިގެން ދިޔަ އެވެ. ހުޒާމްގެ ލަވަޔަކާ ނުލައި އެ ދުވަސްވަރު އަލްބަމެއް ފުރިހަމައެއް ނުވެ އެވެ. ހުޒާމްގެ އަމިއްލަ ލަވަތަކެއްވެސް އެދުވަސްވަރު ނެރުނެވެ. ހުޒާމްގެ ފާހަގަކޮށްލެވޭ ބައެއް ލަވަތަކުގެ ތެރޭގައި މައުސޫމް، ނަޔާފަރިވެ، ދިނީ ޒަހަރު، ބޭނުމޭ އިޝްގާ އަދި ގުރަހައިން ފާހަގަކޮށްލެވެ އެވެ. މިކަހަލަ އެތައް ލަވަތަކާއެކު އަދިވެސް ހުޒާމްގެ އަޑު އަހާލަން ބޭނުންވެ އެވެ.

ބާރީ

އަބްދުލް ބާރީގެ ވަރުގަދަ އަޑު ވަރަށް މަގުބޫލުވި އެވެ. ފިލްމުތަކުންނާއި އަލްބަމްތަކުން އަދި ޑްރާމާ ސިލްސިލާތަކުން އިވެމުންދިޔަ ބާރީގެ އަޑުވަރަށް ވެސް ގަދަވި އެވެ. އެއަޑުގެ ވަރުގަދަ ކަމާ އެއްވަރަށް އަޑުގެ ނުފޫޒުވެސް ގަދަކޮށްލި އެވެ. އަހަރުތަކެއް ވާންދެން މެދުކެނޑުމެއްނެތި ބާރީގެ އަޑު އިވުނެވެ. ނަމަވެސް ބާރީގެ އަޑު މީގެ 12 ވަރަކަށް އަހަރު ކުރިން ކެނޑުނީ އެވެ. ލަވަ ކިޔުމާ ދުރަށް އޭނާ ޖެހިލީ އެވެ.

އެހެން ނަމަވެސް ބާރީގެ އެ އަޑު އޮތީ ހަނދާނުން ކައްސާނުލައި އަދި އަދިވެސް އަޑުއަހާލަން ބޭނުންވާ އަޑެއްގެ ގޮތުގައި ނިންމިފަ އެވެ. ބާރީގެ މަޝްހޫރު ބައެއް ލަވަތަކުގެ ތެރޭގައި ބައްޕަގެ ލޯ، ލޯބިވަން އަހަރެން މަލިކާ، އިއްވެނީ ހާލޭ، ހިތް ދީފާ، މަގޭ ލޯބި އަދި ފިނި ފިނި މަސްތީ ހިމެނެ އެވެ.

ފަޒީލާ

ފަޒީލާ އާމިރަކީ ވެސް 1990 ގެ އަހަރުތަކާއި ދެހާހުގެ ކުރީގެ އަހަރުތަކުގައި ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދައިގަތް އަޑެކެވެ. އެ އަޑުން ވިރުވާ އަޅާލައިގެން ގެނެސްދިން ލަވަތައްވީ ބޮޑު ހިޓަކަށެވެ. ފަޒީލާގެ އަޑުގެ ހިތްގައިމުކަމުގައި ނުޖެހޭ މީހަކު އޭރު މަދެވެ. މިހާރުވެސް ފަޒީލާގެ އަޑު އަހާލަން ބޭނުންވެގެން އެވާހަކަ ދައްކާ މީހުން މަދެއް ނޫނެވެ.

ނަމަވެސް ޕްރިޔަންކާ ޗޯޕްރާގެ އެންމެ ބޮޑު ފޭން ސުނީތާ އަލީ ޕީސީގެ އުފަންދުވަހަށް ދިން ޓްރިބިއުޓުގައި ފަޒީލާގެ އަޑު އިވިގެން ދިއުންވީ ފަޒީލާގެ ފޭނުންނަށް މުޅިން އާ އުފަލެއް ލިބުނު ކަމަކަށެވެ. ލަވައިގެ ދުނިޔެއަށް އަނެއްކާވެސް ފަޒީލާ ނުކުންނަން އުޅޭނިކަމަށް ހީކޮށްގެން ތިބި ނަމަވެސް ފަޒީލާ ބުނީ އެފަދަ ވިސްނުމެއް ނެތް ކަމަށެވެ. ފަޒީލާގެ ބައެއް ލަވަތަކުގެ ތެރޭގައި ފަހު ހުވަފެން، ވީމޭ އުފަލުގާ، ބަލާލީމާ ލަދުން، ވަކިވީ އަސަރާ މަންޒަރު، އިޝްގީ ބަލާލުން އަދި ފުރާނަ ދޭށޭ ހިމެނެ އެވެ.

މުމްތާޒް

މުމްތާޒް މޫސާ މިއީ ކުޑަ ނަމަވެސް ބޮޑު އަޑެކެވެ. މުމްތާޒްގެ އަޑުން އިވިގެންދިޔަ ކޮންމެ ލަވައެއްވެސް ވެގެން ދިޔައީ އާންމުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ލިބިގެން ދިޔަ ލަވައަކަށެވެ. ފިލްމަކަށް ނުވަތަ އަލްބަމަކަށްވެސް މުމްތާޒް ކިޔާފައިވާ ކޮންމެ ލަވައެއްވެސް މީހުންނަށް ކަމުދިޔަ އެވެ.

މުމްތާޒަކީ ވެސް މީގެ އަހަރުތަކެއް ކުރިން ލަވަކިޔުން ހުއްޓާލާފައިވާ ފަންނާނެކެވެ. އެންމެ ފަހުން މުމްތާޒްގެ ލަވައެއް އިވިފައިވަނީ 2016 ވަނަ އަހަރު ރިލީޒްކުރި "ވީބޭވަފާ" ފިލްމުންނެވެ. ނަމަވެސް އެއީ އަހަރުތަކެއް ކުރިން މުމްތާޒް ކިޔާފައިވާ ލަވަ އެކެވެ. މުމްތާޒްގެ ބައެއް ލަވަތަކުގެ ތެރޭގައި ފެންނަ ހިނދު، މެންދަން، ހިތް ބޭނުމޭ، ލޯބި އޮޔާ އަދި ތީއެ ހިތުގާ ހިމެނެ އެވެ.

މުހުތާރު

މުހުތާރު އާދަމް މިއީ ހަމަ ގާތްގަނޑަކަށް އެންމެންގެވެސް ފޭވަރިޓެކެވެ. މުހުތާރުގެ ވަރުގަދަ އަޑު ދިވެހިން ބަލައިގަތީ އަބަދުވެސް އަހަން ބޭނުންވާ އަޑެއްގެ ގޮތުގަ އެވެ. މުހުތާރު މިސް ވެގެން މީހުން އެވާހަކަ ދެއްކުމަކީ އޭގެ ހެއްކެކެވެ.

މުހުތާރުގެ ލަވަތަކުގެ އަދަދު އެހާގިނަ އެވެ. ފިލްމުތަކާއި އަލްބަމްތަކާއި ޑްރާމާ ސިލްސިލާތަކުން މުހުތާރުގެ އަޑު އިވިގެން ދިޔަ އެވެ. މުހުތާރުގެ ބައެއް ލަވަތަކުގެ ތެރޭގައި އެ ހޯދި އުފާ، ލޯބިން ހޯދަން އެރޭ، ހިނިތުންވެލާށޭ ކަލާ އަދި ގޯޅި ގޯޅި ކަންމަތިން ހިމެނެ އެވެ.

އިނާޔާ

ނަވާރަސަތޭކައިގެ ފަހުކޮޅު މިއީ އެންމެ ވިދާލި އަންހެން އެއް އަޑެވެ. އައިޝަތު އިނާޔާގެ އަޑު ވެސް ވީ ދިވެހިން އެ އަޑެއް އަދިވެސް އަހަން ބޭނުންވާ އަޑަކަށެވެ. އިނާޔާގެ ލަވަތައް ޕްލޭލިސްޓަށް ލައިގެން އުޅޭ މީހުން މަދެއް ނޫނެވެ.

މީގެ އަހަރުތަކެއް ކުރިން މަޑުމަޑުން ލަވަޔާ ދުރަށް ގޮސްފައިވާއިރު އޭނާގެ އަޑުން ގިނަ ލަވަތަކެއް ވަނީ ރިކޯޑުކޮށްފަ އެވެ. އިނާޔާގެ ބައެއް ލަވަތަކުގެ ތެރޭގައި، ބޭކާރު ލޯބިވީމަ، ހަނދުވަރުމަތީގައި، ހަނދާނޭވަނީ، ރޭދުވާ މިސްރާބު އަދި މަގޭހިތުގެ ޝަކުވާ ހިމެނެ އެވެ.

އިލްހާމް

"ޔާރާގެ މޫނު" ފަދަ ރީތި ލަވަތަކެއް އިއްވާލުމަށް ފަހު އިލްހާމް ލަވައިގެ ދުނިޔެއިން ގެއްލުނުތާ އަދި ވާނީ އަށެއްކަ އަހަރެވެ. އަމިއްލަ ރީތި ލަވަތަކެއް އިލްހާމްގެ އަޑުންވަނީ ގެނެސްދީފަ އެވެ. އިލްހާމް އެންމެ ބޮޑަށް މަޝްހޫރުވެގެން ގޮސްފައިވަނީ 1990ގެ ފަހުކޮޅުން ފެށިގެން 2000ގެ ތެރޭގަ އެވެ. އިލްހާމް އެންމެފަހުން ފެނިގެން ގޮސްފައިވަނީ 2010 އަދި 2011 ވަނަ އަހަރު ޓީވީއެމް އިން ގެނެސްދިން "ވޮއިސް އޮފް މޯލްޑިވްސް"ގެ ކޯޗެއްގެ ގޮތުގަ އެވެ. އިލްހާމްގެ ބައެއް ލަވަތަކުގެ ތެރޭގައި އުޝާ، ދެކިފެނި، ހީވޭ ލަދުގަންނަހެން، ހީލާށޭ ކަލާ އަދި ކަރުނައިގެ އަގު ހިމެނެ އެވެ.

ޝާނީ

ދެހާހުގެ އަހަރުތަކުގެ ތެރޭގައި އެންމެ މަޝްހޫރުވި އަދި ތަފާތު އެއް ލަވަކިޔުންތެރިޔަކީ އައިމިނަތު ޝާނީޒް (ޝާނީ) އެވެ. އަމިއްލަ ރާގުގެ ރީތި ގިނަ ލަވަތަކެއް ޝާނީގެ އަޑުން ގެނެސްދިނެވެ. އަދި ޝާނީ ވަނީ ވީޑިއޯ ލަވަތަކެއްވެސް ގެނެސްދީފަ އެވެ. އެގޮތުން ބޭރުގެ ބައެއް ލަވަކިޔުންތެރިންނާ އެކު ބޭރުގެ ފަންނާނުން ފެންނަހެން ވީޑިއޯ ލަވަތަކެއް އޭނާ ގެނެސްދިނެވެ. އަމިއްލަ ރާގާއި ކޮޕީ ރާގުގެ 100 އަށް ވުރެ ގިނަ ލަވަ ޝާނީ ކިޔާފައިވެ އެވެ. ޝާނީ ލަވަ ކިޔަން ފަށާފައިވަނީ 1998 ވަނަ އަހަރުގެ ތެރޭގަ އެވެ. ތޭރަ އަހަރު ވަންދެން ޝާނީ އެ ދާއިރާގައި ހަރަކާތްތެރިވެ އެވެ.

ޝާނީގެ އަޑު ގިނަ މީހުން ސިފަކުރަނީ އަޑުއަހާލަން ފަސޭހަ "ޔުނިކް" އަޑެއްގެ ގޮތުގަ އެވެ.

އަބްދުﷲ ވަހީދު

އަބްދުﷲ ވަހީދު އޭ ބުނީމަ ފަހަރުގައި ނޭނގިދާނެ އެވެ. ނަމަވެސް "ފޮހެލީ ތިބާ" މި ލަވަ އެނގެއެއް ނޫން ހެއްޔެވެ؟ އެއީ އަބްދުﷲ ވަހީދުގެ ލަވަ އެކެވެ. މިހާރު އެ އަޑު އެނގިއްޖެ ދޯ އެވެ. ވަހީދުގެ އަޑު އެންމެ ބޮޑަށް މަގުބޫލުވެގެން ދިޔައީ 2000ގެ ކުރީކޮޅުގަ އެވެ. އެ ދުވަސްވަރު އޭނާގެ ގިނަ ލަވަތަކެއް އިވިގެން ދިޔަ އެވެ. ޓީވީއެމް އިން ގެނެސްދިން އެހަނދާނުގައި ޝޯގައިވެސް ވަހީދުގެ އަޑު އެކިފަހަރުމަތިން އިވިގެން ދިޔަ އެވެ.

Popular