By: Aishath Maaha
ދިވެހި ފިލްމީ އާއިލާއަށް އުފަންވި މެންބަރުން ގިނަ އެވެ. އެއް ބަޔަކު އެތައް ދުވަހެއް ވަންދެން ދާއިރާއަށް ހިދުމަތްކުރި އެވެ. އަނެއް ބަޔަކު ކުޑަ މުއްދަތެއްގަ އެވެ. ބައެއް ތަރިން ބޮޑު ހިޓަކަށް ވެގެން ދިޔައިރު މާބޮޑު ކާމިޔާބެއް ނުހޯދުނު ތަރިން ވެސް ތިއްބެވެ.
ފިލްމު އިންޑަސްޓްރީ އައީ ޒުވާން ހުނަރުވެރިންނާއެކު އަބަދުވެސް ބޮޑުވަމުންނެވެ. އެކި ސަބަބުތަކާ ހުރެ އެތައް ތަރިންނެއް ފިލްމު ކުޅުން ހުއްޓާލައި ފިލްމީ ދާއިރާއަށް ސަލާމް ބުނެގެން ވެސް އެބައުޅެ އެވެ. އަމިއްލަ ދިރިއުޅުމުގައި މާބޮޑަށް ބިޒީ ވުމުންނެވެ. އެއިން ބައެއް ތަރިން އަދިވެސް މިސްވަނީ މާބޮޑަށެވެ. އެގޮތުން އެންމެ މިސްވާ ތަރިންނަކީ ކޮބައިތޯ ބަލައިލަން ހިނގާށެވެ. އޭގެ ކުރިން މިއީ ޕާސަނަލް ފޭވަރިޓް ލިސްޓެއްކަން ހަނދާންކޮށްދެމެވެ. އަމިއްލަ ލިސްޓު ތިރީގައި ކޮމެންޓު ކުރަމުން ހަމަ ގެންދަންވީ އެވެ.
މި ލިސްޓުގެ އެންމެ ކުރިން ޖާގަ ދޭނީ މަރިޔަމް ނިޝާ އަށެވެ. އެންމެ ގިނަ މީހުންގެ ފޭވަރިޓަކަށްވި ތަރިއަކަށް ނިޝާ ވާނެ އެވެ. ފިލްމީ ދުނިޔޭގައި ސީލިންގުން މައްޗަށް އަރައިގެން ދިޔަ ތަރިއަކަށް އޭނާ ވާނެ އެވެ. ވީޑިއޯ ލަވަ "ގެންދަންޏާ ގެންދަންވާށޭ" އިން ފިލްމީ ދާއިރާއަށް ނުކުތް ގޮތަށް ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުން އަދި ފިލްމު ބަލާ އޯޑިއަންސްގެ ހިތުގެ އެންމެ ފުން މިނަށް ވެރިވެގަތީ އެވެ.
ނިޝާ
ފިލްމީ ދާއިރާގައި އޭނާ ހަރަކާތްތެރިވި މުއްދަތުގައި އޭނާ ވަނީ 20 އަށްވުރެ ގިން ފިލްމު ކުޅެފަ އެވެ. އަދި ގިނަ އަދަދެއްގެ ވީޑިއޯ ލަވަ އާއި ޑްރާމާތައް ވެސް ކުޅެފައިވެ އެވެ. ނިޝާގެ ބައެއް ފިލްމުތަކުގެ ތެރޭގައި ޒުލޭހާ، ނާއުއްމީދު، ގިނިހިލަ، މަޖުބޫރު ލޯބި އަދި ސަނދުރަވިރޭ ފަދަ ފިލްމުތައް ހިމެނެ އެވެ.
އައިޝަތު ޝީރާނީ ވެސް މިއީ އެންމެ ވިދުން ގަދަވި އަދި އެތަރިއެއްގެ މަތިން ބެލުންތެރިން ހަނދާން ނުނެތޭ ތަރި އެކެވެ. އަދިވެސް ޝިރާނީގެ އެންމެ ފެނިލުމަކަށް ވެސް އިންތިޒާރުކުރެވޭ ތަރި އެކެވެ. ޝިރާނީ ފިލްމީ ދާއިރާއަށް ނުކުތީ އެންމެ ގިނަ ވީޑިއޯ ލަވަތައް ކުޅެފައިވާ އެއް ތަރި ކަމަށްވާ ގިޔާސް އާ އެކުގަ އެވެ.
ޝިރާނީ
ޝިރާނީގެ ފުރަތަމަ ފިލްމަކީ "ނަސީބު" އެވެ. އޭނާ ކުޅެފައިވާ އެހެން ބައެއް ފިލްމުތަކުގެ ތެރޭގައި ޒަހަމް، ކަލާޔާނުލާ، ނަފްރަތު، ފުން އަސަރު، ޒަލްޒަލާ، ލައިލާ އަދި ނަމޫނާ ހިމެނެ އެވެ. ކިތަންމެ ގިނަ ބަޔަކު ޝިރާނީގެ އެންމެ ފެނިލުމަކަށް ވިޔަސް އެދުނު ނަމަވެސް އިތުރަށް ފިލްމީ ދާއިރާއިން ނުފެންނާނެ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.
ގިނަ މީހުން ބުނާގޮތުން ނަމަ ވަޖީހަކީ ލެޖެންޑަރީ އެކްޓަރެކެވެ. ދިވެހި ފިލްމު އިންޑަސްޓްރީއަށް ގިނަ ހިދުމަތްތަކެއް ކޮށްދީފައިވާ ފަންނާނެކެވެ. ފިލްމީ ދާއިރާއަށް 1985 ވަނަ އަހަރު ނުކުތް ގޮތަށް، ގުނާ އަދަދު ނުކުރެވޭހާ ގިނަ ލަވަތައް އޭނާ ވަނީ ކުޅެފަ އެވެ.
އިސްމާއީލް ވަޖީހް
އެ ލަވަތަކުގައި ވަޖީހުގެ ނެށުންތަކުގައި ހިމަނާލާފައި އެ ހުންނަ ޕޯސްތައް އަދިވެސް ދިވެހިން ފޮލޯކުރެ އެވެ.
ޖަމްޝީދާ ފިލްމީ ދާއިރާއަށް ނިކުތީ 1996 ވަނަ އަހަރު ވީޑިއޯ ލަވަ "ނުދާށެ ދޫކޮށްފާ ލޯބިވާ" މި ލަވައިންނެވެ. ޖަމްޝީދާ އޭނާގެ ފިލްމީ ކެރިއަރުގައި 16 ވަރަކަށް ފިލްމާއި 80 އަށްވުރެ ގިނަ ވީޑިއޯ ލަވަ އަދި ގިނަ އަދަދެއްގެ ޑްރާމާ ކުޅެފައިވެ އެވެ.
ޖަމްޝީދާ ކުޅެފައިވާ ފިލްމުތަކުގެ ތެރޭގައި ހިނިތުންވުން، އަމާނާތް، ވެހޭވާރޭ ތެރެއިން، އަދި ލޯބީގެ އަނިޔާ ހިމެނެ އެވެ.
ސިޔާސީ ދާއިރާގައި މިހާރު ފައިތިލަ ސާބިތުކޮށް އެ ދާއިރާއަށް ހުސްވެގެން ހުރި ރީކޯ މޫސަ އަށް ފިލްމީ ހަޔާތުގައި ގިނަ ބައެއްގެ ލޯބި ލިބުނެވެ. އަދިވެސް ފިލްމީ ދާއިރާއިން ފެނުމަށް ގިނަ މީހުން އެދޭ ފަރާތެކެވެ.
ރީކޯ މޫސާ މަނިކު. -- މިހާރު ފޮޓޯ: ހުސެން ވަހީދު
ގިނަ އަދަދެއްގެ ފިލްމާއި ވީޑިއޯ ލަވަތައް މޫސަ ވަނީ ކުޅެފަ އެވެ. މޫސަގެ ބައެއް ފިލްމުތަކުގެ ތެރޭގައި ލޯބިވެވިދާނެ، ފަތިސް ހަނދުވަރު، އިއްތިފާގު، ބިރު، ހައްގު، ނާއުއްމީދު، ސިއްރު އަދި މަޖުބޫރު ލޯބި ހިމެނެ އެވެ.