22 Mar 2018

ކާކުހެ މިހާ ލޯބިވާނީ

By: Mariyam Yasma

* މާޗް 19 ވަނަ ދުވަހުގެ ބަޔާ ގުޅޭ ...

"މިތާ ކީއްތިކުރަނީ؟" ދާރިޔާއަށް ސުވާލު ނުކުރެވެނީސް ފަހަތުން ރަޒާގެ އަޑު އައެވެ. އޭނަ އެނބުރުނުއިރު ރަޒާގެ ހަނިކޮށްލެވިފައިވާ ދެލޯ ހުރީ އެއަންހެންކުއްޖާ އަށެވެ.

ދާރިޔާ އަނެއްކާ ވެސް އެނބުރުނީ އަންހެންކުއްޖާއާ ދިމާއަށެވެ.

"ކޮބާ އަހަރެންގެ ކުދިން؟ އަހަރެން މިއައީ އެކުދިންނާ ބައްދަލުކުރަން." ރަޒާގެ ނުރުހުންވެފައިވާ މޫނުގެ ބަދަލުގައި އަންހެންކުއްޖާގެ ނަޒަރު ހިންގައިލީ ގޭގެ އެތެރެއަށެވެ.

އެއީ ކާކުކަން އެނގުމާއެކު ދާރިޔާގެ މެއަށް ފިނިވެގެން އައެވެ. ފަރުވާތެރި ކަމާއެކު އަންހެންކުއްޖާގެ ފައިން ފެށިގެން ބޮލަށް ނަޒަރު ހިންގައިލެވުނެވެ.

ބަލާބެލުމަށް އަންހެންކުއްޖާ އޭނައަށްވުރެ ދޮށި ވާނީ ދެތިން އަހަރެވެ. ދޫކޮށްހުރި މެރޫން ކުލައިގެ އަތްދިގު ޓީޝާޓަކާއި ނޫ ޖިންސެއްގައި ހުރިއިރު ކަޅު އިސްތަށިގަނޑު އޮތީ ކޮނޑުމައްޗަށް ދޫކޮށްލައިފަ އެވެ. ބޯމަތީގައި އަވި އައިނެއް އިނެވެ. ކޮށްފައިވާ ލުއި މޭކަޕްގެ އިތުރުން އަރާފައި ހުރީ އުސް ބޫޓަކަށެވެ. ގައިގެ ހަންގަނޑު އޮމާންވެފައި އައްޔެވެ. ދޫ ޓީޝާޓާއެކު ވެސް ހަށިގަނޑު ލޫޅާފަތިކަން ސިއްރެއް ނުވެ އެވެ.

ހީނާގެ ރީތިކަން ފާހަގަވެފައި ދާރިޔާގެ ހިތަށް އުދަނގޫ ގޮތެއް ވި އެވެ.

"މިއަދުތަ ހަނދާންވީ ދަރިން ތިބިކަން؟" ރަޒާގެ އަޑުން ދާރިޔާގެ ސަމާލުކަން އެމީހުންގެ ވާހަކައަށް އެނބުރުނެވެ.

ހީނާ އެއަޑެއް ނާހަ އެވެ. އޭނަ ކުދިންގެ ނަމުން ގޮވަމުން ދާންފެށީ އެތެރެއަށެވެ. ރަޒާ އެވަގުތު ހީނާގެ އަތުގައި ހިފާލައިފައި ހުއްޓުވި އެވެ. ދާރިޔާގެ ނަޒަރު އެމީހުންގެ ގުޅިފައި އޮތް އަތުން މޫނަށް ހުއްޓުނެވެ. އެކަމަކު އެމީހުންނަށް އޭނަ އެތާ ހުރިކަން އެނގޭހެނެއް ވެސް ހިއެއްނުވެ އެވެ.

"ކަމްއޯން ރަޒާ. ތިއަށްވުރެ ތަންކޮޅެއް މެޗުއާ ވާންވެއްޖެއެއްނު." ހީނާގެ އަޑުގައި ހުރީ އާދައިގެ ގޮތެކެވެ.

އޭނަ ކޮންމެހެން ރަޒާދެކެ ޖެހިލުންވެގެނެއް ނޫޅެ އެވެ. ހީނާގެ ވާހަކަ އަހާފައި ރަޒާ ޖަހައިލީ މަލާމާތުގެ ހިނިގަނޑެކެވެ. ދާރިޔާއަށް ބުމަ އަރުވައިލެވުނެވެ. އެމީހުންގެ އަރައިރުން ކުރިއަށްދާނީ ކިހާއިރެއް ވަންދެން ބާއޭ ހިތަށް އެރިތަނާ އެތެރެއިން ކޮންމެވެސް ކުއްޖަކު ރޯއަޑު އިވެން ފަށައިފި އެވެ. ހީނާގެ އަތުން ދޫކޮށްލައިފައި ރަޒާ އަވަހަށް ވަނީ އެތެރެއަށެވެ. ލިބުނު ފުރުސަތުގެ ބޭނުން ހިފައި ހީނާ ވެސް ދިޔަ އެވެ. ދާރިޔާއަށް ހުރެވުނީ އެންމެ ފަހަތުގަ އެވެ.

ރަޒާ ގޮސް ރޫތު ނަގައި އުރައިލި ނަމަވެސް އެކުއްޖާގެ ރުއިމަކަށް ބަދަލެއް ނައެވެ. މަސަލަސް ކުރަން މަސައްކަތް ކުރަމުން ކޮނޑުމަތީ ބާއްވާފައި އޭނަ ދެކޮޅަށް ހިނގަން ފެށި އެވެ. ރޫތު ރޮމުން ގޮވަމުން ދިޔައީ މަންމަ އަށެވެ. ހީނާއަށް ވަދެވުނީ އެތަނަށެވެ. ދަބަސް ތިރީގައި ބަހައްޓާފައި އޭނަ ފަސްޖެހުމެއްނެތި ގޮސް ރަޒާގެ އަތުން ދަރިފުޅު ނަގަން މަސައްކަތް ކުރި އެވެ. ރަޒާ ބޭނުންވީ ގަދަކޮށްލާށެވެ. އެކަމަށް ހުރަސް އެޅީ ހާލަތުގެ ނާޒުކްކަމެވެ. އެމީހުން އެކަކަށްވުރެ އަނެކަކު ގަދަވާން އުޅެގެން ރޫތުއަށް އުދަނގޫވެދާނެތީ ޖެހިލުންވި އެވެ.

"ބޭބީ މަންމި މިއައީއޭ. މަންމި މިހުރީ ބޭބީ ކައިރީގަ." ހީނާ ރޫތު ގެންގޮސް މޭގައި ޖައްސާލަމުން ލޯއްބާއެކު ވާހަކަދެއްކި އެވެ.

އެއިސްތަށިގަނޑުގައި ތަކުރާރުކޮށް ބޮސްދިނެވެ. މަޑުމަޑު ނާނާއެއް ކިޔަމުން ދެކޮޅަށް ހިނގަން ފެށުމުން ރޫތުގެ އަޑު މަޑުވާ އަތަށް އެޅި އެވެ. އައިސް ހުރި ރުޅިއާއެކު ވެސް ރަޒާގެ ހައިރާންކަން މޫނުން ފައުޅުވި އެވެ. ގުޅުމެއްނެތި އެތައް އަހަރެއް ފާއިތުވެ ދިއުމަށްފަހު ވެސް ހީނާއަށް އެދަރިފުޅު މަސަލަސް ކޮށްލަން ކިހާ ފަސޭހަ ހެއްޔެވެ؟ ރޫތުއަށް ހީނާ އެއީ ކާކުކަން ނުވެސް އެނގޭނެ އެވެ. މައިވަންތަ ކަމުގެ ލޯބީގެ ބާރަކީ އެއީ ބާވައޭ ހިތަށް އަރަމުން ދިޔަ އެވެ. އެތެރެހަށީ އަނދަމުންދިޔަ ރުޅިވެރިކަމުގެ އަލިފާނާއެކު އެއް އަތް މުށްކެވިފައި އޮތްއިރު އަނެއްކޮޅުން ދަރިފުޅު މަސަލަސް ވެގެން އެހިތްހަމަޖެހުންވެސް ލިބުނެވެ.

ދޮރާއި ކައިރިވީ ވަރަކަށް ދާރިޔާގެ ފިޔަވަޅުތަކަށް ލަސްކަމެއް އައެވެ. ހީނާ އާއި ރަޒާ އުޅެނިކޮށް އެކޮޓަރިއަށް ވަންނާކަށް އޭނަ ބޭނުމެއް ނުވި އެވެ. ނުވަދެ ހުރުމާއި ވެސް ހިތް ދެކޮޅެވެ. ދެފިކުރެއްގައި ހުރެފައި ކައިރިކޮށްލާފައި ހުރި ދޮރުފަތުގައި ހިފާ ހުޅުވައިލި އެވެ. އޭނައަށް ފެނުނީ ހީނާ ދަރިފުޅު ނިންދާފައި އެނދުގައި ބާއްވަނިކޮށެވެ. ކައިރީގައި ރަޒާ ހުރީ އެދެމައިންގެ ހަރަކާތްތަކަށް ބަލާށެވެ. ދާރިޔާގެ މެއަށް ހީވީ ހޫނު ފެން އެއްޗެއް އޮއްސައިލެވުނު ހެންނެވެ. އޭނައަށް ޖެހިލެވުނީ ދެފިޔަވަޅު ފަހަތަށެވެ.

"ކެން ވީ ޓޯކް ނައު؟" ރޫތު ބޭއްވިތާ އިރުކޮޅެއް ފަހުން ރަޒާ ސުވާލުކުރި އެވެ.

އެއަޑުގައި ހަރުކަށިކަމެވެ. އެމޫނަށް ބަލައިލުމެއްވެސް ނެތި ހީނާ ޝަހާދަތް އިނގިލި ޖައްސައިލީ ތުންފަތުގަ އެވެ. ރަޒާއަށް އެއިޝާރާތް ވިސްނިގެން ދެވަނަ ފަހަރަށް އެސުވާލު ތަކުރާރުކުރީ ކުރިއަށްވުރެ މަޑުންނެވެ. ހީނާ ބޯޖަހައިލިތަން ފެނުމުން އޭނަ އެދިޔަ ގޮތަށް ގޮސް ދޮރު ހުޅުވާލައިފައި ނިކުމެއްޖެ އެވެ. އޭނައަށް ދާރިޔާ ފެނުނީ ސޯފާގައި އިށީންފަހުންނެވެ. އިއްތިފާޤުން ދާރިޔާ ވެސް އެވަގުތު އިސްއުފުލައިލީ އެވެ.

ހަތަރުކަޅި ހަމަވުމާއެކު ދާރިޔާގެ ލޮލުން ފެނުނީ މަސްހުނި ކުލަތަކެކެވެ. ރަޒާއަށް އެއިން މާބޮޑު އެއްޗެއް ދޭހަ ނުވެގެން އުޅެނިކޮށް ހީނާގެ ފިޔަވަޅުގެ އަޑު އިވުނެވެ.

"ނެނީ ބައިންދައިގެންތަ ވާހަކަދައްކަން ބޭނުންވަނީ؟" ރަޒާއާ ކުރިމަތި ވާގޮތަށް ހުރި ސޯފާގައި އިށީންދެ ދާރިޔާއަށް ނަޒަރެއް ދެމުން ހީނާ ސުވާލުކުރި އެވެ.

ދާރިޔާއަށް ހީވީ މޫނުމަތީ އެތިފަހަރެއް އަޅައިލެވުނު ހެންނެވެ. އޭނަ ހީނާއަށް ރައްދުދޭން އަނގަ ހުޅުވަ ހުޅުވާ އިންދާ ރަޒާގެ އަޑު އައެވެ.

"ދާރިޔާއަކީ އަހަރެންގެ އަނބިމީހާ." ރަޒާ ރުންކުރުވެފައި ޖަވާބުދިނެވެ.

އޭނަގެ ނަޒަރު ހުރީ ހީނާގެ މޫނަށެވެ.

"ސްޓިލް އެ ނެނީ." ހީނާގެ ތުންފަތަށް ވެރިކޮށްލި ހިނިތުންވުމަކާއެކު ރައްދުދިނެވެ.

އެހިނިތުންވުމުގައި ވި މަލާމާތުގެ ކުލަވަރު ދާރިޔާއަކަށް ސިއްރެއް ނުވި އެވެ. ރަޒާގެ ދިރިއުޅުމުން ޖާގަ ލިބުނަސް އެހިތުން ޖާގަ ނުދޭކަން ހީނާއަށް އެނގޭ ކަހަލަ އެވެ. ދާރިޔާ ބޭނުންވީ އެތަނުން ދުވެ ފިލާށެވެ. އޭނަ އެތާ އިނދެއްޖެނަމަ އިތުރަށް ބޭޒާރު ވެދާނެކަމުގެ ބިރު ހިތަށް ވަނެވެ.

"ކީއްކުރަން މިގެއަށް ތިއައީ؟" ހީނާގެ ވާހަކައަށް އަޅާނުލައި ރަޒާ ބޭނުންވާ މައުޟޫއަށް ދިޔަ އެވެ.

"އަހަރެން ބޭނުންވަނީ ކުދިންނާއެކު ވަގުތު ހޭދަކުރަން. އަހަރެން އެކުދިންނަށް ދަސްކުރަން. އަދި އެކުދިންނަށް އަހަރެން އެނގެން. ދަސްވާން." ހީނާ ޖަވާބުދިނެވެ.

"މިއޮތް ހުރިހާ ދުވަހު ދަރިން މަތިން ހަނދާންނުވި މީހަކު މިހާރު ކީއްކުރަން ކުދިންނާއި ގުޅުން އުފައްދަން ތިއުޅެނީ؟ އަހަރެން ބޭނުމެއް ނޫން ވަގުތީ މީހަކު އެކުދިންގެ ދިރިއުޅުމަށް ގެންނާކަށް. ހީނާ ޖެހޭނީ މިތަނުން ދާން." ރަޒާގެ އަޑުގައި އެއްވެސް އަސަރެއް ނުވެ އެވެ. ހީނާއާ ދިމާއަށް އޭނަ ބަލަން އިނީ ވެސް ފިނި ބެލުމެކެވެ. ހީނާގެ އެއްވެސް ވާހަކައެއް އޭނަ ޤަބޫލު ނުކުރާ ކަހަލަ އެވެ.

ހީނާ ޖަވާބު ދޭންވެގެން އަނގަ ހުޅުވާލައިފައި ކުއްލިއަކަށް ބަލައިލީ ދާރިޔާގެ މޫނަށެވެ.

"ދާރިޔާ؟..... އަހަރެން ހަނދާންވެއްޖެ ދާރިޔާއަކީ ކާކުކަން." ހީނާ ވާހަކަދެއްކިއިރު ފުޅާ ހިނިތުންވުމެއް ތުންފަތަށް ވެރިވި އެވެ.

ދާރިޔާއަށް ކުރެވުނު ކަމަކީ ތަކުރާރުކޮށް އެސްފިޔަ ޖަހައިލުމެވެ. އެމޫނުގައި ހައިރާންކަމެވެ. ހީނާ އެދައްކާ ވާހަކައެއް އޭނައަކަށް ނަގައެއްނުގަނެވުނެވެ. ހީނާއަށް އޭނަ އެނގެންވީ ސަބަބެއް ނެތެވެ. އެދެމީހުން ކުރިން ދިމާވެފައެއް ނުވެ އެވެ.

"ދާރިޔާއަށް އަހަރެން ނޭނގުނަސް އަހަރެންނަށް ދާރިޔާ ވަރަށް ރަނގަޅަށް އެނގޭ. ރަޒާ ފަހަތުން އުޅުނު ކުއްޖާއެއްނު ތީ..." ހީނާގެ ވާހަކަ އެހިސާބަށް ދިޔަތަނާ ރަޒާ އާދައިގެ ވަރަށްވުރެ ބާރަށް އެނަމުން ގޮވާލި އެވެ. ދާރިޔާއަށް ތެދުވެވުނީ ކޮޅަށެވެ. އޭނަގެ ނަޒަރު ދެފަހަރު ދެމީހުންގެ މޫނަށް ދަތުރުކޮށްލި އެވެ. ހީނާ ރަޒާގެ އަޑަށް ސަމާލުކަމެއް ނުދީ ވާހަކައާއިގެން ކުރިއަށް ދިޔަ އެވެ. އޭނަގެ ނަޒަރު ހުރީ ދާރިޔާއަށެވެ.

"އަހަންނަށް އިވިފައި އޮތްގޮތުން ވިއްޔާ ކުޑައިރުއްސުރެ ރަޒާ ހިތު އަޅައިގެން ދާރިޔާ އުޅުނީ. އެކަމާއި ދެކޮޅު ހެދީ ރަޒާ...ކީކޭ ކިޔާފަތަ؟..." ހީނާ ކަމެއް ހަނދާންކޮށްލާފަދަ ގޮތަކަށް ނިއްކުރީގެ އެއްފަރާތުގައި ޝަހާދަތް އިނގިލިން ޖަހާލި އެވެ.

ދެން އަނެއްކާ ވެސް ކުރިއެކޭ އެއްވަރަށް ހިނިތުންވެލައިފި އެވެ.

"ހޫމ ހަނދާންވެއްޖެ. އުމުރުގެ ފަރަގު ބޮޑީއޭ ކިޔާފަ ދޯ. މިހާރު ދަރިން ބަލަން ނެނީއެއް ހޯދަން ޖެހުނީމަ އުމުރު އެއީ ހަމައެކަނި ނަންބަރަކަށް ވީ." ހީނާ ވާހަކަދައްކަ ދައްކާ އިންދާ ރަޒާ ތެދުވެގެން އައިސް އެއަތުގެ މުލައްދަނޑީގައި ހިފާ ކޮޅަށް ނެގި އެވެ.

"ކޮންކަމެއް ހީނާ ބޭނުންވެގެން ތިއުޅެނީ؟" އަނެއް އަތުން ހީނާގެ ދަތްދޮޅީގައި ހިފާ ހަތަރުކަޅި ހަމަކުރުވަމުން ރަޒާ ސުވާލުކުރި އެވެ.

ދާރިޔާއަށް ކެތްވީ އެހާވަންދެނެވެ. އޭނާ އެތަނުން ނިކުމެގެން ގޮސް ކޮޓަރިއަށް ވަދެ ދޮރު ލެއްޕި އެވެ. ދޮރުފަތުގައި ބުރަކަށި ޖައްސާލައިގެން ހުރިއިރު ބޭރުން ރަޒާއާ ހީނާ ގަދައަށް ޒުވާބު ކުރާ އަޑު އިވުނެވެ. އެކަމަކު ކިޔާ އެކައްޗެއް ވެސް ސާފު ވާވަރެއް ނޫނެވެ. އެސްފިޔަތަކުގެ ފުރަގަހުން އިންޒާރު ދެމުންދިޔަ ކަރުނަތައް ފޭދިގެން ދާން ދޫކޮށްލައިފައި އޭނަ އައިސް އިށީންދެލީ އެނދުގަ އެވެ.

ދިހަ ވަރަކަށް މިނިޓް ފާއިތުވެ ދިޔަފަހުން ކޮޓަރީގެ ދޮރު ހުޅުވުނެވެ. ދާރިޔާ އަވަހަށް ލޯ ފުހެލި އެވެ. އެކަމަކު ރަތްވެފައިވާ ލޮލުން އޭނަ ރުއިކަން ފޮރުވޭނެ އެއްވެސް ގޮތެއް ނެތެވެ. ރަޒާ އައިސް ކައިރިއަށް ހުއްޓުނުއިރު އޭނަ އިނީ އިސްޖަހައިގެންނެވެ.

"އައިމް ސޮރީ." ރަޒާ ވާހަކަދެއްކި އެވެ.

ދާރިޔާ އިސްއުފުލާލުމާއެކު އެމޫނު ފެނިފައި ރަޒާއަށް ކުޑަކޮށް ތެޅިގަނެވުނެވެ. ބުނަން އޮތް ވާހަކައިގެ ގޮތުން އިތުރަށް ކުރިއަށް ގެންދަން ވެސް ޖެހިލުންވި އެވެ.

"އޭނަ މިގޭގައި މަޑުކުރަނީތަ؟" ހިތްވަރުކޮށްލާފައި ދާރިޔާ އެހި އެވެ.

އެއަޑުގައި ކުރަކިކަމެއް ހުއްޓެވެ. ރަޒާ ބޯޖަހައިލިތަން ފެނުމުން އޭނަ މަޑުމަޑުން ބޯޖަހާލައިފައި ބަލަން ފެށީ ދުރެވެ.

"ހަމަ އެންމެ ހަފުތާއެއް. އަހަރެން ބޭނުން ވެގެނެއް ނޫން. އެކަމަކު އޭނަ އެއީ ކުދިންގެ މަންމައަށް ވީތީ. އޭގެ ފަހުން އޭނަގެ އުދަނގުލެއް އަހަރުމެންނަކަށް ނުފޯރާނެ ކަމަށް ބުނީ. އެމީހުން ލަންކާއަށް ދިރިއުޅުން ބަދަލު ކުރަނީ." ރަޒާ ދާރިޔާގެ ކައިރީގައި އިށީންދެ ދެފަރާތުން އެނދުގައި އަތް ވިއްދާލައިފައި އިތުރު ތަފްޞީލު ދިނެވެ.

އޭނަގެ ނަޒަރު ދާރިޔާއަށް ހުރިއިރު ދާރިޔާ އަދި ވެސް އިނީ ދުރު ބަލާށެވެ.

"ޑޫ ޔޫ ބިލީވް ހަރ؟" ދާރިޔާ އިރުކޮޅަކުން ރަޒާގެ މޫނަށް ބަލައިލި އެވެ.

ރަޒާ ބޯ ހޫރައިލީ ދެފަރާތަށެވެ. ދާރިޔާގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވެލާފައި ފިލި އެވެ. އޭނަ ދެން ތެދުވީ އެތަނުން ދާށެވެ. އެވަގުތު ރަޒާ އެއަތުގައި ހިފެހެއްޓުމުން ކުރިއަކަށް ނުދެވުނެވެ. ދާރިޔާ އެނބުރި ބަލައިނުލާ ފުރަގަސްދީގެން ހުރީ ރަޒާ ވާހަކަދައްކަން ފުރުސަތު ދީގެންނެވެ.

"ސޮރީ." ރަޒާ ވާހަކަނުދައްކާނެހެން ހީވާހާ އިރުކޮށްފައި ބުނެލި އަޑު އިވުނެވެ.

"އިޓްސް އޯކޭ." ދާރިޔާ ޖަވާބުދިނެވެ.

"އުހު އޯކޭއެއް ނޫން." ރަޒާ އޭނަގެ އަތަށް ބާރުކޮށްލަމުން މަގަތަށް އަނބުރާލި އެވެ.

ދާރިޔާ ރައްދު ދޭނެ ފުރުސަތު ނުދީ އަނެއް އަތުގައި ހިފާ ދަމައިލާފައި ގެނެސް ބެއިންދީ އުނގުގަ އެވެ. ދާރިޔާ ކުޑަކޮށް ސިހުނެވެ. އޭނަ ރަޒާގެ ފައިގެ ހުރަހަށް ދެފައި އެލުވާލައިފައި ރީތިކޮށް ހަމަޖެހިލި އެވެ. އެހަށިގަނޑުގެ މީރުވަސް އޭނަގެ ނޭފަތުގައި ހަރުލާފައި ހުއްޓެވެ.

"ރިއާ ކީއްވެ ޝަކުވާ ނުކުރަނީ؟ އަހަރެންގެ ނިންމުންތަކާ ސުވާލު ނުއުފައްދަނީ؟" އެއް އަތުން ދާރިޔާގެ އުނަގަނޑުގައި އަޅުވާލައިފައި އަނެއް އަތުން އެއަތްތިލައިގައި ހިފާ އުފުލާލަމުން ރަޒާ އެހި އެވެ.

"ކުރަންވީތަ؟" އެސުވާލުން ދާރިޔާގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވި އެވެ.

ބޯޖަހާލައިފައި ދާރިޔާގެ އަތުގެ އެތެރެފުށުގައި ރަޒާ ބޮސްދިނެވެ. ދާރިޔާގެ މެއަށް ފިނިވެލި އެވެ.

"ދެން ފަހަރަކުން...ދެވަނަ ފަހަރެއް އައިއްޔާ.." ފަހު ލަފްޒް އޮތީ ދާރިޔާގެ ހިތުގަ އެވެ. އޭނަ ހާމަކުރީ ހަމައެކަނި ކުރީކޮޅެވެ.

"އަހަރެން ވަރަށް ބޮޑަށް އެދެން ރިއާ އަހަންނަށް އެއްވެސް ކަމެއް ސިއްރު ނުކުރަން. ރިއާގެ އިހްސާސްތައް އަހަންނާ ހިއްސާ ކުރުން އެދެން." ރަޒާ އިތުރަށް ވާހަކަދެއްކި އެވެ.

ދާރިޔާގެ ޖަވާބު އައީ ހަމައެކަނި ބޯޖަހައިލުމަކުންނެވެ. ރަޒާގެ ލޮލަށް ބަލާލައިފިނަމަ ސިއްރު ފަޅާއަރާފާނެތީ އަރިވެލައިފައި ކޮނޑުގައި ބޯއެޅި އެވެ.

އެރޭ ރަޒާ ނިދަން ނިންމީ ރޫތު ކައިރީ އެކޮޓަރީގަ އެވެ. ހީނާ އައިސް ނިދިފައި އޮތް ރާޔަން އުރާލައިގެން ގެސްޓްރޫމަށް ގެންދިޔައީ ދާރިޔާ ކައިރީ އަހައިވެސް ނުލަ އެވެ. ދާރިޔާ ގާތަށް ރުޅި އައި ނަމަވެސް ހިތްވަރުކޮށްލައިގެން އެއްޗެއް ނުބުނެ އެވެ. އެކަނި އެނދުގައި އޮވެ ފުރޮޅި ފުރޮޅި ލޮލަކަށް ނިންޖެއް ނަ އެވެ. ހާލަތު ރަނގަޅުވެލާހެން ހީވާއިރަށް އަނެއްކަމެއް ލައްވާލީ އެވެ. ޝަކުވާތައް ހިތުތެރޭ ގިނަވަމުން ދިޔަވަރަކަށް ލޮލުގައި ކަރުނަ ގިނަވި އެވެ. ނުވިސްނަން ހުއްޓަސް ރަޒާ އާއި ހީނާއާ ދޭތެރޭ ވިސްނެ އެވެ. ހީނާ އަކީ ރަޒާ ލޯބިން ކައިވެނި ކުރި ފަރާތެވެ. ރަޒާ ދޫކޮށްލީ ވެސް ހީނާ އަމިއްލައަށެވެ. އެއީ ރަޒާގެ ނިންމުމެއް ނޫނެވެ. އެތައް އަހަރެން ފާއިތުވެދިޔައިރު އޭނަ ހުރީ އެހެން އަންހެނަކު އެމަޤާމަށް ގެންނަން ހިތް ނުރުއްސިފަ އެވެ. އޭނައާ ކުރެވުނު ކައިވެންޏަކީ އުޝްވާގެ ސަބަބުން މެދުވެރިވި ކަމެކެވެ.

ފިރިހެންނަކަށް ވީތީ އަންހެނަކަށް ބޭނުންވާހެން ރަޒާ އޭނައަށް ބޭނުންވެ އެވެ. ގަޔާވެ އެވެ. އެކަމަކު ލޯއްބެއް ނުވެ އެވެ. ލޯއްބަކީ ހަމައެކަނި ހީނާގެ އެއްޗެކެވެ. އެއީ ރަޒާގެ ކުދިންގެ މަންމަ ވެސް މެ އެވެ. ހީނާ އަލުން އަނބުރާ ރަޒާގެ ހަޔާތަށް އަންނަން ބޭނުންވެއްޖެނަމަ....

އެހިޔާލު ފުރިހަމަ ކުރާނެ ހިތްވަރު ވެސް ދާރިޔާއަކަށް ނުލިބުނެވެ. ނޭވާ ހާސްވާހެން ހީވުމުން ފުންމައިގެން ތެދުވެވުނެވެ. އަތުން މޭމަތީ ފިރުމަމުން އޭނަ އެނދުން ފައިބައިގެން ދެކޮޅަށް ހިނގަން ފެށި އެވެ. ފެންފޮދެއް ބޯލުމުން ކުރިއަށްވުރެ ލުއިވި އެވެ. އެފަދަ ހާލެއްގައި އުޅެފައި ނިދުނީ ފަތިސްވާން ކައިރިވެފައި ހުއްޓަ އެވެ.

ހެނދުނު ހޭލެވިގެން ނިކުމެ ބެލިއިރު ރަޒާ ވެސް އޮތީ ރޫތު ކައިރީގައި ނިދާފަ އެވެ. ރޫތު ދަންވަރު ހޭލައިގެން ރުއީ ކަންނޭނގެއޭ ހިތަށްއެރި އެވެ. ދާރިޔާ ގޮސް ބަދިގެއަށް ވަންއިރު އިތުރު މީހަކު ހޭލާ އުޅޭކަމުގެ އިޝާރާތެއް ނުވި އެވެ. އޭނަ ކޮފީ ތައްޓެއް ތައްޔާރުކޮށްގެން ބޯން ތައްޔާރުކޮށްލިތަނާ ހީނާ އެތެރެއަށް ވަނެވެ. ކުރު ޓީޝާޓްކޮޅަކާއިއެކު ތިރިން ލައިގެން ހުރީ ހަމަ އެހާ ކުރު ސޯޓްކޮޅެކެވެ. ދާރިޔާ އަތުގައި ހުރި ޖޯޑު ދޫނުވީ ކިރިޔާ އެވެ. އެހެން ހުއްޓާ ރަޒާއަށް ފެނިދާނެތީ އޭނަ ކަންބޮޑުވި އެވެ.

"މަށަށްތަ؟ ..." ހީނާ އައިސް ކައިރިވެފައި އެހި އެވެ. އޭނައަށް ޖަވާބު ނުދެވެނީސް ހިނިތުންވުމަކާއެކު ތޭންކްސްއޭ ބުނެފައި ޖޯޑު އަތުލައިގެން ހިނގައްޖެ އެވެ.

ދާރިޔާއަށް ހުރެވުނީ އަނގަ ހުޅުވުނު ގޮތަށެވެ. -- ނުނިމޭ --

ދިގު ވާހަކަ ކާކުހެ މިހާ ލޯބި ވާނީ

Popular