13 Apr 2018

އައްފާންގެ އެންމެ ސަޅި ސިފަ: ޝޫޓިން މެދުކަނޑާލާފައި ނަމާދަށް

އައިޑޮލްގެ އެހެން ޖަޖުންގެ މަގުބޫލުކަމާއި މަޝްހޫރު ކަމަށް ވެސް އައްފާން މި ވަނީ ހިޔަނިއަޅައިފަ އެވެ. ނަމަވެސް އައްފާނުގެ އެންމެ ސަޅި ސިފަތައް އަދިވެސް ކުރިއަށް ހުރީ އެވެ.

އައިޑޮލްގެ އެހެން ޖަޖުންގެ މަގުބޫލުކަމާއި މަޝްހޫރު ކަމަށް ވެސް އައްފާން މި ވަނީ ހިޔަނިއަޅައިފަ އެވެ. ނަމަވެސް އައްފާނުގެ އެންމެ ސަޅި ސިފަތައް އަދިވެސް ކުރިއަށް ހުރީ އެވެ.

By: Ahmed Nadheem

ދެން އެންމެންވެސް މިހާރު ދައްކަނީ މޯލްޑިވިއަން އައިޑޮލްގެ ޖަޖު އަދި ކުޅަދާނަ ލަވަކިޔުންތެރިޔާ އިސްމާއިލް އައްފާންގެ މޮޅު ވާހަކަ އާއި ސަޅި ވާހަކަ އާއި އެވަރުގެ އަޑެއް ނެތް ވާހަކަ އެވެ. އައިޑޮލްގެ ސްޓޭޖު ފަޅާލި އައްމަޑޭ އާއި އެންމެ ސަޅިވި ކުޑައިއްބެ އާއި އެންމެ ނުފޫޒުގަދަވި މަރިޔަމް އުނޫޝާގެ މަގްބޫލުކަމާއި މަޝްހޫރު ކަމަށް ވެސް އައްފާން މި ވަނީ "ބިންދާލި ރާޅެއްހެން" އަރައި ހަމަޖެހިލައިފައެވެ. ކޮންމެ ހަފުތާ ބަންދަކު އައިޑޮލްގެ ޝޯތައް އަހަރެމެންނާ ބައްދަލުކުރާއިރު ޖަޖުންގެ ޕެނަލްގެ އާ ބޮސްއަކީ އައްފާނުކަމާ މެދަކު އުފައްދާނެ ސުވާލެއް މިހާރަކު ނެތެވެ. އެވަރަށް އޭނާގެ ނުފޫޒުގަދަވެފައި، ސަޅި އެވެ.

ނަމަވެސް އައްފާނުގެ އެންމެ ސަޅި ސިފަތައް އަދިވެސް ކުރިއަށް ހުރީ އެވެ. އަަހަރެމެން މި ގެނެސްދެނީ އޭނާގެ އެންމެ ސުޕަ ފޭނުންނަށް ވެސް ފަހަރުގައި ނޭނގޭ ދެތިން ކަންކަމެއްގެ ވާހަކަ އެވެ. އައްފާންގެ މި ސިފަތައް ހާއްސަކޮށްލާނީ އޭނާގެ "ހިތުގައި ނަށާ ރާނީ"ންނަށެވެ.

އާދޭސްކޮށްގެން ވެސް ނަމާދަށް ޝޫޓިން މެދުކަނޑާލާނެ!

މޯލްޑިވިއަން އައިޑޮލް އަކީ މުނިފޫހިފިލުވަން ފަހުގެ ތާރީޚެއްގައި ދިވެހިންނަށް ލިބުނު އެންމެ ބޮޑު އިސްޓޭޖެވެ. މި އިސްޓޭޖު ހިންގައި ބަލަހައްޓަމުން އަންނަނީ ރާއްޖެއިން މިފަދަ ކަމަކަށް ނެގޭނެ އެންމެ ތަޖުރިބާ ބޮޑު އެންމެ ކުޅަދާނަ ޓީމެވެ. އެމީހުންގެ ދިގު ކެރިއަރުތަކުގައި އާދަޔާހިލާފު ކަންކަމާއި އާޓިސްޓުންނާ ބައްދަލުވެފައި އެބަހުއްޓެވެ. އެކަމަކު ޝޯ ހިންގުމުގައި އިސްކޮށް އުޅޭ އެންމެން ވެސް ބުނަނީ އައްފާން ވަރެއް އެމީހުން ދުވަހަކު ވެސް ނުދެކޭ ކަމަށެވެ.

އައްފާނަށް ތައުރީފުކޮށް ވާހަކަ ދައްކަމުން ޝޯގެ ކްރިއޭޓިވް ޑައިރެކްޓަރު އަޒްމާ ބުނި ގޮތުގައި އެހެން އާޓިސްޓުންނާ އަޅާބަލާއިރު އައްފާންގެ ކިބައިން އޭނާ އަށް ފެންނަ އެންމެ އާދަޔާހިލާފު ސިފައަކީ ގަޑިއަށާއި ނަމާދަށް އޭނާ ބަހައްޓާ ފަރުވާތެރިކަމެވެ.

"ގަޑި ނުޖެހޭ ލާމަސީލު ނަމޫނާއެއް އޭނާ އަކީ އެހެން ހުރިހާ މިއުޒީޝަނުންނަށް. ޝޫޓިންގައި އާދޭސްކޮށްގެން، އަބަދުވެސް ނަމާދަށް މެދުކަނޑާލާފައި، ނަމާދަށް ދާނެ އޭނަ،" އަޒްމާ ބުންޏެވެ.

މޯލްޑިވިއަން އައިޑޮލްގެ ސީޒަން އެކެއްގެ ޑައިރެކްޓަރު އަދި އައްފާން ތައާރަފްކޮށްދިން ސީޒަން ދޭއްގައި ޕްރޮޑަކްޝަން މެނޭޖަރަކަށް އުޅުނު މުޖުތަބާ ރަޝީދު (މުޖޫ) ވެސް ބުނީ އެންމެ ބިޒީކޮށް އުޅެމުން ވެސް ނަމާދުކުރަން ވަގުތު ހޯދުމުގައި އައްފާން އަކީ ބަލިނުކުރެވޭނެ ނަމޫނާއެއް ކަމަށެވެ.

"އެންމެ ތަފާތު ކަމަކަށް އޭނާގެ ކިބައިން ފާހަގަކުރެވުނީ ގަވާއިދުން ނަމާދަށް އެރުން. ޝޯގެ މެދުތެރެއިން ބުނާނެ ނަމާދަށް ދާނެ ވާހަކަ އާއި ވަގުތު ދޭނެ ވާހަކަ. އެހެންވީމަ ނަމާދު ވަގުތަށް އަބަދުވެސް މެދުކަނޑާލާނެ ޝޯ އައްފާން،" ޓީވީއެމްގެ "އެހަނދާނުގައި" ޝޯފަދަ އެތައް މަސައްކަތެއްގެ ތެރެއިން ނިކަން ގިނަ އަދަދެއްގެ އާޓިސްޓުންނާ އެކު މަސައްކަތްކޮށްފައިވާ މުޖޫ އަށް އައްފާން ހާއްސަވާ ސަބަބުތައް ކިޔައިދެމުން ބުންޏެވެ.

ނަމާދު ގަޑިއަށް ޝޯގެ ޝޫޓިންތައް މެދުކަނޑާލާފައި އައްފާން ދާ މަންޒަރު އެކި ފަހަރުމަތިން އަހަންނަށް ވެސް ފެނިފައި އެބަހުއްޓެވެ. ސީޒަން ދޭއްގެ އޮޑިޝަންތަކަށް ރަށްރަށަށް ގޮސް އުޅުނުއިރު ވެސް ޝޫޓިންގައި ބިޒީވެގެންނޭ ކިޔާފައި އޭނާ އެންމެ ނަމާދެއް ވެސް ވައްޓައެއް ނުލައެވެ.

ދުވަހަކުވެސް ގަޑިނުޖެހޭ މިއުޒީޝަނެއް!

ޓީވީއެމްގެ ޝޯތަކުގައި މުޖޫ ވަނީ، ރާއްޖޭގައި އުފެދުނު އެންމެ މޮޅު އަދި އެންމެ ނުފޫޒުގަދަ މިއުޒީޝަނުންނާއި އާޓިސްޓުންނާ އެކުގައި ވެސް މަސައްކަތްކޮށްފަ އެވެ. އެކަމަކު އޭނާ ބުނީ ކަނޑައަޅާފައި އޮންނަ ގަޑިއަށް އައްފާނު އެ ދޭ ސަމާލުކަމާއި ހާއްސަކަން ދިން މިވަރުގެ އާޓިސްޓަކާ އެކު މަސައްކަތްކުރެވުނު ހަނދާނެއް ނެތް ކަމަށެވެ. މުޖޫ ބުނީ އެމީހުންނާއެކު ޝޫޓިންތަކުގައި އުޅުނުއިރު އައްފާނަކީ ދުވަހަކުވެސް ގަޑިޖެހުނު މީހެއް ނޫން ކަމަށެވެ.

"އޭނަ ދެ ވަނަ ސީޒަނުގައި ދުވަހަކުވެސް ގަޑިއެއް ނުޖެހޭ. އެހެން ހުރިހާ ޖަޖުން ވެސް ގަޑިޖެހޭ. އެކަމަކު އައްފާނެއް ގަޑިއެއް ނުޖެހޭނެ. ލަހުން އާދެވޭ ނަމަ އޭނަ އެ ވާހަކަ ކުރިން އަންގާނެ،" މުޖޫ ބުންޏެވެ.

"އަޅުގަނޑާ އައްފާން ދިމާވީ ވެސް އަލަށް، ސީޒަން ދޭކުން. ފުރަތަމަ ފަހަރަށް ބައްދަލުވެ ވާހަކަ ދެކެވުނީ ވެސް އެ ސީޒަނުގައި. އެންމެ ޑިސިޕްލިންޑް މިއުޒީޝަން އެއީ މުޖޫގެ ހިޔާލުގައި، މުޅި ރާއްޖޭގައި ވެސް ހުރި."

ޑީލްކުރަން އެންމެ ފަސޭހަ ޖަޖު!

"ވަރަށް އީޒީ މީހެއް އޭނާ އަކީ މަސައްކަތްކުރަން. ޕްރޮޑަކްޝަން ކަންކަމަށް ވަރަށް ރެސްޕެކްޓްކޮށްގެން ބުނާ ހުރިހާ ގޮޮތެއް ހަދައިގެން އުޅޭ މީހެއް އޭނައަކީ،" އައްފާނަށް އިތުރަށް ތައުރީފު އޮއްސަމުން އަޒޫ ބުނީ މިހެންނެވެ.

މުޖޫ އަދި އައިޑޮލްގެ ޓީމުގައި ހިމެނޭ އެހެން އެންމެންގެ ހިޔާލު ވެސް ހުރިގޮތަކީ މިއީ އެވެ.

"މުޅި އައިޑޮލްގައި ވެސް ގެންގުޅެން އެންމެ ފަސޭހަ، ޑީލްކުރަން ފަސޭހަ ޖަޖު އައްފާނަކީ. ހުރިހާ މިއުޒީޝާނުންނާ އަޅާ ބަލާއިރު ވެސް އެންމެ ޑިސިޕްލިންޑް ލަވަކިޔުންތެރިޔާ އޭނާ އަކީ،" މުޖޫ ބުންޏެވެ.

"ވާހަކަ ދެއްކުމުގައި ވަރަށް އެކުވެރި، އެންމެނަށް އިހްތިރާމްކުރުުމުގެ ބައި ވަރަށް ބޮޑުވާނެ. ބޮޑާ ހޭކުމެއް ނޯންނާނެ."

އެންމެ ހާއްސައީ ބޮލުގައި އޮންނަ އިސްތަށިގަނޑު!

އައްފާންގެ މި ހަގީގަތަށް މޯލްޑިވިއަން އައިޑޮލްގެ ޓީމުގައި ހިމެނޭ އެންމެން ވެސް އެއްބަސްވާނެކަން ޔަގީނެވެ. ވަކިން ހާއްސަކޮށް އައްފާނާ އެއް މޭޒެއްގައި ޖަޖުކުރަން ތިބޭ ލަވަކިޔުންތެރިންނަށް އައްފާންގެ ބުޅި އިސްތަށިގަނޑުގެ "ޑްރާމާ" އޮންނާނީ ނިކަން ރަނގަޅަށް ފެނިފަ އެވެ. ކެމެރާ ރޯލްކުރުމުގެ ކުރިން އައްފާން އަބަދުވެސް އޭނާ ބޮލުގައި އޮންނަ އިސްތަށިގަނޑު އަތުން ރީތިކޮށްލައި، ފޯނުގެ ކެމެރާއިން ފަރިބަލައި ހަދާނެ އެވެ.

އައްފާން އޭނާގެ ބޮލުގައި އޮތް އިސްތަށިގަނޑަށް ދޭ ސަމާލުކަމާއި އަޅާލާ މިންވަރު ފަހަރެއްގައި ޝޯބަލަން ތިބޭ މީހުންނަށް އިހްސާސްވެސް ނުވެދާނެ އެވެ. އެކަމަކު މި ޝޯގައި ހިމެނޭ ޖަޖުންގެ ޕެނަލްގައި ތިބޭ އެހެން އާޓިސްޓުން ކޮންމެ ހަފުތާއަކު ތަފާތު ހެއާސްޓައިލެއްގައި ފެންނައިރު ވެސް އައްފާން އަބަދުވެސް އޭނާގެ ޓްރޭޑްމާކް ބުޅި އިސްތަށިގަނޑަށް އެއްވެސް ވައްތަރެއް ނުޖައްސައި ކޮންމެ ޝޯއަކުން ފެންނަނީ ކީއްވެގެންކަން މިހާރު އެންމެނަށް ވެސް އެނގޭނެ އެވެ.

އައްފާނުގެ ބުޅި އިސްތަށިގަނޑުގައި އަތްލުމުގެ ހުއްދައެއް ހަމަ އެކަކަށް ވެސް ނޯންނަނީ ތޯއްޗެވެ.

Popular