19 Apr 2018

ޔާރާ އަހާނުހޭ

By: Mariyam Yasma

* ފެބްރުއަރީ 16 ވަނަ ދުވަހާ ގުޅޭ ...

ސަޖަން މަޑުކުރީ ދާނިޔަލް ގޮސް ގެއްލެންދެނެވެ. އޭނާ ހިނގައިގަތީ އޭގެ ފަހުންނެވެ.

އެރޭ ސަޖަންއަށް ނިދުނީ މަދު ވަގުތުކޮޅަކަށެވެ. ކޮޓަރީގައި އެކަނިވުމުން އޭނަ ފާޑަކަށް ބިރުގަތެވެ. މަންމަ މަތިން ހަނދާންވާ ވަރުން ލޮލަށް ނިންޖެއް ނައެވެ. ގިނަ ވަގުތު އޭނަ ތެދުވެ އިނީ ފޮތްތައް ހުޅުވާލައިގެންނެވެ. ފަތިސް ނަމާދަށް ބަންގި ގޮވަން ފެށުމާއެކު ތެދުވެ ނަމާދުކުރަން ފެށި އެވެ. ކޮޓަރިން ނިކުމެވުނުއިރު މަންމަ ދެކޭހިތުން ހިތް އޮތީ ތެޅިތެޅި އެވެ. ސަޖަން ގޮސް މަންމަ އުޅޭ ކޮޓަރި ބަލައިލުމާއެކު މާޔޫސްކަމެއް ލިބުނެވެ. ކޮޓަރި އޮތީ ހުހަށެވެ.

ތަންމަތި އަޅާފައި ހުރުމުން ނިދާ ތެދުވެއްޖެކަން އެނގުނެވެ. ސަޖަން ފާޚާނާ ބަލައިލާފައި ނިކުތީ ތިރިއަށް ދާށެވެ. މަތީގައި ހުރެފައި ބަލައިލިއިރު ސިޓިންރޫމް ފަނޑުއަލީގައި ފަޅަށް އޮތުމުން ހިތް ނުތަނަވަސްވި އެވެ. މޭގައި އަތް އަޅާލައިގެން ހުރެ މަޑު ހިނގުމެއްގައި ސިޑިން ފައިބައިގެން ދިޔައީ ވަށައިގެން ހޯދަމުންނެވެ. އޭނައަށް ހަމަ ނޭވައެއް ލެވުނީ ބަދިގެ ދިއްލާފައި ހުއްޓާ ފެނުނީމަ އެވެ. އެހިސާބުން ހިނގުން ވެސް ބާރުވެއްޖެ އެވެ.

ދޮރުމައްޗަށް އަރާފައި ފުރަގަސްދީގެން ހުރި މަންމަ ފެނުމުން ދުވެފައި ގޮސް ފަހަތުން އޮޅުލައިގަތެވެ.

"މަންމަ ކައިރީގަ ނެތީމަ ރޭގައި ނުވެސް ނިދަނީތަ؟" ޖަވާދާ އެއް އަތް އުފުލާލައިފައި ސަޖަންގެ ބޮލުގައި ޖައްސާލަމުން ސުވާލުކުރި އެވެ. އެއަޑުގައި ހިނިތުންވުމުގެ އަސަރު ވިއެވެ.

"ހޫމ މަންމާ. ކުޑަ ކުޑައިރުކޮޅަކު ނިދުނީ." ސަޖަން މަންމަގެ ސެންޓް ވަސް ނޭފަތްތެރެއަށް ދަމާލައިފައި ޖަވާބުދިނެވެ.

ޅަކުއްޖެއްހެން ދުރަށް ދާން ނޫޅެ މަންމަގެ ކޮނޑުގައި ބޯއަޅާލައިގެން އޭނަ ކުޑައިރުކޮޅަކު ހުއްޓެވެ.

"ބަނޑުހައިވެފައެއްނު ހުންނާނީ. ސައިތަށްޓެއް ބޮއިގެން މަންމައާއެކު ރޮށިފިހަން ހިނގާ." ޖަވާދާ އިރުކޮޅަކުން ވާހަކަދެއްކި އެވެ.

ސަޖަން މަންމަގެ ބަސް ޤަބޫލުކޮށްގެން ސައިތައްޔާރު ކުރަން ފެށި އެވެ. އޭނައަށް އެންމެ މީރު ގޮތަށް، ސައި ކެއްކިއިރު ކިރު އަޅާފައި ކާފޫރުތޮޅިއެއް ވައްޓައިލި އެވެ. އެއްތަށި މަންމައަށް ބަހައްޓާފައި އަނެއް ތަށި ހިފައިގެން ގޮސް ގޮނޑިއެއް ދަމާލައިގެން އިނެވެ. ލަސްލަހުން ސައިތަށި ހުސްކޮށްލައިގެން ތެދުވިއިރު މަންމަ ވެސް އަތްދޮވެގެން ސައިތަށި އަތަށް ނަގައިފި އެވެ.

"އަހަރުމެން ރޮށި ކެޔަސް މިގޭމީހުން ކާނީ ޕާން ކަންނޭނގެ ދޯ މަންމާ." ސަޖަން ހެދުމުގެ އަތް އޮޅާލައިފައި ފުށް ތަށްޓާއި ކައިރިވަމުން ވާހަކަދެއްކި އެވެ.

މަންމަ ހޫމ އަޅުވާލުމަކުން އެއްބައިވި އެވެ.

ސަޖަން ކޮލެޖަށް ދާން ތައްޔާރުވެގެން ނިކުމެ ބަދިގެއަށް ވަންއިރު ނޯކަރު މީހާ މޭޒުމައްޗަށް ކާތަށިތައް ނަގަނީ އެވެ. ވަގުތުކޮޅެއް އޮތުމުން ކުޑަގޮތަކަށް ނާސްތާކޮށްލަން ވެގެން އިށީންތަނާ ބޭރުން ހިނގާ އަޑު އިވުނެވެ. ސަޖަން އަވަސް ކުރަންވެގެން އަނގައަށް ބޮޑު ރޮށިގަނޑެއް ލައިގެން އަނގަ ހަލުވައެއްނުލެވުނެވެ. ދާނިޔަލް އެތެރެއަށް ވަނީ އޭނަ އެހެން އިންދަ އެވެ.

މަޑު ނޫކުލައިގެ އަތްދިގު ގަމީހާއި ކަޅު ފަޓްލޫނެއްގައި ދަށަށް ޖަހާފައި ހުރިއިރު ކަރުގައި ބައްދާލައިފައި އޮތީ އެހާމެ ގުޅޭ ޓައީ އެކެވެ. އެތެރެއަށް ވަނީ ދާނިޔަލްކަން އެނގުމާއެކު ސަޖަން އެއް އަތުގެ އުޅަބޮށިން މޭޒުގައި އަޅުވާލައިފައި އަތްތިލައިން އަނގަ ނިވާކުރި އެވެ.

"ގުޑް މޯނިން." ދާނިޔަލްގެ ބަރު އަޑު ތަނަށް ފެތުރުނެވެ.

ސަޖަންގެ ކަމަކީ އަނގައިގައި ހުރި ކާއެތިކޮޅު ހަފައި ދިރުވޭތޯ ބެލުމެވެ. ހިތާއިހިތުން އޭނަ އަމިއްލަ ނަފްސަށް އަޑުލި އެވެ.

މޭޒުމަތީގައި ހުރި ކާތަކެތީގެ ވައްތަރުތައް ފެނިފައި ދާނިޔަލް އެއެއްޗެހި ރަހަ ބަލާހިތްވި އެވެ. އާންމުކޮށް ކާ ކާނާ ދޫކޮށްލައިފައި، އެތާހުރި މަސްހުނި ތަށިން އެތިކޮޅެއް ތައްޓަށް އަޅާލައިފައި ރޮށިކޮޅެއް ވީދާލައިގެން ރަހަ ބަލައިލި އެވެ.

"ވާއު...." ދާނިޔަލްގެ އަނގައިން އެބަސް ނިކުތެވެ.

"ތީ ސަޖަން ތައްޔާރުކުރި މަސްހުނި." ނޯކަރު މީހާ އެދެމީހުން ފެންނަ ހިސާބުގައި ހުރެފައި ދާނިޔަލްގެ ކުލަވަރު ފެނިގެން ވާހަކަދެއްކި އެވެ.

ދާނިޔަލްގެ ނަޒަރު އެމީހާގެ މޫނުން ސަޖަންއަށް ދަތުރުކޮށްލި އެވެ. ސަޖަން އަވަހަށް ދެފަރާތަށް ބޯ ހޫރައިލި އެވެ. ދާނިޔަލް އަނެއްކާ ވެސް ބަލައިލީ ނޯކަރު މީހާއަށެވެ.

"އަޅުގަނޑު ފަތްކޮށީ. އެކަމަކު ސަޖަން ތައްޔާރު ކުރީ." ނޯކަރު މީހާ އަނެއްކާ ވެސް ބުނެލި އެވެ.

ދާނިޔަލް ދެވަނަ ފަހަރަށް އެއްޗެއް ބުނަންވާއިރަށް ސަޖަން ކާއެތިކޮޅު ދިރުވާލައިފައި ކޮޅަށް ތެދުވެއްޖެ އެވެ. އޭނަ ޖޫސްތަށި ދަމާލައިފައި އަވަހަށް ދަބަސް ހިފައިގެން ނިކުންނަން ދިޔަ އެވެ. އެދެފައި ހުއްޓުނީ ދާނިޔަލް ގޮވާލި އަޑަށެވެ.

"އަހަރެން ނިމެންދެން މަޑުކޮށްލަންވީނު. ކާރުގައި ކޮލެޖަށް ގެންގޮސްދީފާނަން." ދާނިޔަލް ސަޖަންއާ ދިމާއަށް އެނބުރިފައި ހުށައެޅި އެވެ.

"ނޯ ތޭންކްސް." ސަޖަން މަނާވެގަތެވެ.

ސަޖަން ގޮސް ގެއްލުނުތަން ބަލަން އިނދެފައި ދާނިޔަލް އެނބުރުނީ އަނެއްކާ ވެސް ކާތަކެއްޗާއި ދިމާއަށެވެ. އޭނަ ކާން އިންދާ އިރުކޮޅެއް ފަހުން ބައްޕަ އާއި ދޮންމަންމަ އައިސް ވަދެއްޖެ އެވެ.

"ބައްޕަ މި ރަހަ ބަލާފަ އެހެން އެއްޗެއް ނުކާނެ." އަނގައިގައި ހުރި ކާއެއްޗެއްސާއެކު ދާނިޔަލް ބުނެލި އެވެ.

ޒުލޭޚާ އާއި ޝަކީލްއަށް އެކަކު އަނެކަކުގެ މޫނަށް ބަލައިލެވުނެވެ. ޝަކީލް ހިނިތުންވެލައިފައި ދާނިޔަލް ކާން އިން ރޮށިން އެތިކޮޅެއް ވީދާލުމަށްފަހު އެތަށިން ރަހަ ބަލާލި އެވެ. ޖަވާދާ އައިސް ވަންއިރު ދާނިޔަލްއެކޭ އެއްފަދައިން ޝަކީލް ވެސް ތައުރީފް އޮއްސަނީ އެވެ. ޖަވާދާ އިސްޖަހައިލި އެވެ.

"މަށަށް ހީވަނީ ރާބިއާ ބުނިހެން ދުވަސްކޮޅަކުން އަހަރުމެންނަށް ދެން ޖަވާދާމެން ކައްކާ އެއްޗެއް ނޫނީ ނުދިރޭނެހެން." ޒުލޭޚާ ކައްކާމީހާ ކުރިން ބުނި ވާހަކައެއް ހަނދާންކޮށްލި އެވެ.

ޝަކީލްއާއެކު ދާނިޔަލް ވެސް އެކަމަށް އެއްބަސްވެ ބޯޖަހައިލި އެވެ. ޒުލޭޚާ އާއި ޖަވާދާ ހިނިއައިސްފައި ތިއްބެވެ.

***

ކުލާސްތައް ނިންމާފައި ކޮލެޖުން ނިކުންނަން އަންނަނިކޮށް ކުއްޖެއްގެ ގައިގައި ޖެހިފައި ސަޖަންގެ ފޯނު ވެއްޓިއްޖެ އެވެ. ޖަވާހިރެއް ނަގާހެން ސަޖަން އެފޯނު ނަގައި މުށުތެރެއަށް ލި އެވެ. ސްކްރީނުގައި ރެނދުލާފައި ހުއްޓާ ފެނުމުން މޭގަނޑު ހީވީ އަނގައަށް އައިހެންނެވެ. ލޮލަށް ކަރުނަ ގިނަވާކަށް ސިކުންތުކޮޅެއް ވެސް ނުނެގި އެވެ.

"އައިމް ސޯ ސޮރީ. " ކައިރިން އަންހެންކުއްޖަކު ވާހަކަދެއްކި އަޑަށް ސަޖަން ބަލާލިއިރު އޭނައާ އެއްއުމުރަކަށްދާ ކުއްޖަކު ހުއްޓެވެ.

ހެދުން އެޅުމުގެ ވަށްޓަފާޅި އާއި ކޮށްފައި ހުރި މޭކަޕުން ފެށިގެން އަތުގައި އޮތް ބްރޭންޑެޑް ދަބަހާއި އައިފޯނުން ހާމަކޮށްދިނީ އެއީ އާދައިގެ ކުއްޖެއް ނޫންކަމެވެ.

"ފޯނު ހަލާކުވިތަ؟" ސަޖަން އެއްޗެއް ނުބުނެ ފޯނު ހުޅުވޭތޯ ބަލަން ހުއްޓާ އަންހެންކުއްޖާ އެހި އެވެ.

ހުޅުވުނު އަޑު އިވުނު ނަމަވެސް ސްކްރީނުން އެކައްޗެއް ވެސް ނުފެނުނެވެ. އަންހެންކުއްޖާ އެދުނީ ނަންބަރު ކިއުމަށެވެ. ފަހަރެއްގައި އެއީ ޑިސްޕްލޭގެ މައްސަލައަކަށް ވެދާނެ ކަމުގައި ބުނުމުން ސަޖަން ނަންބަރު ދިނެވެ. ގުޅާލުމާއެކު ރިންގް ވާން ފެށި އެވެ. އެކަމަކު ފޯނުގެ ސްކްރީނެއް ނުދިއްލުނެވެ.

"ގެނޭ ފޯނު. އަހަރެން މާދަން އަންނައިރު ހަދައިގެން ގެނެސްދޭނަން." އަންހެންކުއްޖާ ހިތްހެޔޮ ކަމާއިއެކު އަތް ދިއްކޮށްލާފައި އެދުނެވެ.

"ނޫނޭ އިޓްސް އޯކޭ. ނޭނގިގެން ވީކަމެކެއްނު. " ސަޖަން މަޑުމަޑުން ދެފަރާތަށް ބޯ ހޫރާލައިފައި ފަހަތަށް ފިޔަވަޅެއް އަޅާލަމުން މަނާވެގަތެވެ.

އަންހެންކުއްޖާގެ މޫނުން ނާކާމިޔާބީގެ މޮޅިވެރިކަން ފެނުނެވެ. އޭނަ އިތުރަށް ވާހަކަދައްކަން އުޅެފައި ފޯނު ވައިބްރޭޓްވާން ފެށުމުން ހިއްލާލައިފައި ބަލައިލި އެވެ.

"ސޮރީ އަހަރެން ދާންޖެހިއްޖެ. އެކަމަކު އަދި ދިމާވާނެ ދޯ. އަހަންނަށް ކިޔަނީ އައިރާ." އަންހެންކުއްޖާ ފޯނު އަތް ދަބަސްތެރެއަށް ލައިފައި ސަޖަންގެ މޫނަށް ބަލަމުން ވާހަކަދެއްކި އެވެ.

"ސަޖަން." ސަޖަން ހިނިތުންވުމަކާއެކު އަމިއްލަ ތައާރަފް ދިނެވެ.

އަންހެންކުއްޖާ ހަނާ އަޅާލުމަށްފަހު ފުރަގަސްދީފައި ގޭޓާއި ދިމާއަށް ދާން ފެށުމުން ސަޖަން ވެސް ހިނގައިގެންފި އެވެ. އޭނަ މަގުމައްޗަށް ނިކުތްއިރު އައިރާ ގޮސް މަގުގެ އަނެއްފަރާތުގައި މަޑުކޮށްގެން އޮތް ޕްރައިވެޓް ކާރަކަށް އަރާތީ ފެނުނެވެ.

ގެއަށް އާދެވުނުއިރު ސަޖަން ހުރީ އަނެއްކާ ވެސް މޫޑު ހަރާބުވެފަ އެވެ. ފޯނު ހަލާކުވި ވާހަކަ ބައްޕަ ކައިރީ ބުނާނެ ގޮތެއް އޭނައަކަށް ނޭނގެ އެވެ.. ދޮންމަންމަ އާއި ދެއަންހެންކުދީން ކިތަންމެ ވަރަކަށް ވެސް ބޭނުން އެއްޗެހި ހޯދަ އެވެ. އެކަމަކު އޭނަ އާއި މަންމަ އެއްޗެއް ބޭނުންވެގެން ބުނާއިރަށް ޚަރަދުތައް ފޫނެބެދިގެން އުޅޭ ވާހަކަ ފަށަފަށައިގެން ދައްކާނެ އެވެ. ކިތަންމެ ދަތިވިއަސް ސަޖަން ހުރީ އަމިއްލައަށް ވަޒީފާއެއް ހޯދައިގެން ނޫނީ ފޯނެއް ނުގަންނާށެވެ. ރާއިމާ އާފޯނެއް ގަންނަން އެފޯނު ދޫކޮށްނުލިނަމަ ސަޖަން އަދިވެސް އުޅޭނީ ފޯނަކާއި ނުލަ އެވެ.

މަންމަ ކައިރީ ބުނެފިނަމަ މަންމަގެ ފިކުރުތަކަށް އިތުރުވާނެ އެއީ އަނެއް ބޮޅެވެ. ސަޖަން ތުންފިތާލައިގެން ހުރެ ސިޑިން އަރަނިކޮށް ޒުލޭޚާ ތިރިއަށް ފައިބަނިކޮށް ދިމާވި އެވެ. ދުވަސް ފާއިތުވި ގޮތާއި ބެހޭގޮތުން އެހުމުން ރަނގަޅޭ ބުނެފައި އޭނަ ބެލީ އަވަހަށް މައްޗަށް ދެވޭތޯ އެވެ.

މަންމަ ހޯދަން އައުމުން ނެތް ޝައުޤުވެރިކަމާއި އެކުވެސް ކާން ތިރިއަށް ދިޔަ އެވެ. ސަޖަންއަށް ކާން ހަދައިދީފައި މަންމަ ވެސް ކޮންމެވެސް މަސައްކަތަކަށް އެނބުރިއްޖެ އެވެ. ކާން އިންއިރު ވެސް ސަޖަންއަށް ބެލެނީ މޭޒުމަތީ ބާއްވާފައި އޮތް ފޯނަށެވެ. އޭނަ ނިމިގެން ތަށި ދޮންނަން ހުއްޓާ ދޮރާއި ދިމާއިން ފިޔަވަޅުގެ އަޑު އިވުނެވެ. މަސައްކަތް ނިންމާލައިފައި އަތް ފުހެލައިގެން އެނބުރުނުއިރު ދާނިޔަލް ހުރީ ދޮނުކަނީގައި ލެނގިލައިގެންނެވެ. އޮފީސް އެއްޗެހި ބަދަލުކޮށްފައި މިހާރު ހުރީ އަތްދިގު ކަޅު ޓީޝާޓަކާއި ޖިންސެއްގަ އެވެ. ތެތްކަން ހުރި އިސްތަށިގަނޑުން ބައެއް ނިއްކުރިމައްޗަށް އެލިފައި އޮތެވެ.

ސަޖަން ބަލައިލުމުން ދާނިޔަލް އައިސް މޭޒު ކައިރިއަށް ހުއްޓި ގޮނޑިއެއްގެ އަތްގަނޑުގައި ދެއަތުން ހިފަހައްޓައިލި އެވެ.

"ކޮފީއެއް ހަދައިދީބަލަ!" ދާނިޔަލް އެދުނެވެ.

"ކޮންމެ އަތަކަށް ފަޔަކަށް ނޯކަރުން އެތިބީ ކަމެއްވެއެއްނު. އެއިން މީހަކަށް ގޮވާބަލަ!" ސަޖަން ފޫހިކަމާއިއެކު ދުރު ބަލައިލި އެވެ.

ދާނިޔަލްގެ މޫނަށް ވެރިވި ނުތަނަވަސްކަން ސިކުންތުކޮޅެއްގެ ތެރޭ ބަދަލުކޮށްލި އެވެ.

"އަހަރެން މިއެދެނީ އެމީހުން ކައިރިއަކު ނޫނެއްނު. އަހަރެން މިއަހަނީ ސަޖަން ކައިރީގަ." ދާނިޔަލް ހިނިތުންވުމަކާއެކު ވާހަކަދެއްކި އެވެ.

ސަޖަން އެމޫނަށް ބަލަން ހިމޭނުން ހުރިގޮތުން ޖަވާބު ދޭން އުޅޭފަދަ އިޝާރާތެއް ނުފެނުނެވެ.

"ޕްލީޒް!" ދާނިޔަލް އިތުރަށް ބުނެލި އެވެ.

ސަޖަންގެ ކުލަވަރު ބަދަލު ނުވިއަސް ބޯޖަހައިލި އެވެ. ދާނިޔަލްއާ ޖަދަލު ކުރުމަށްވުރެ ކޮފީއެއް ހަދައިދިނިއްޔާ ބޮލަށް ފަސޭހަވާނެ ކަމުގައި ސިކުނޑި އެންގި އެވެ. އޭނަ ކޮފީ ތައްޔާރުކޮށްގެން އެނބުރުނުތަނާ މޭޒުމަތީ އޮތް ފޯނު ރިންގް ވާންފެށި އެވެ. ސަޖަންއަށްވުރެ ކުރިން ދާނިޔަލް އެދިމާއަށް ގޮސް ފޯނު އަތަށް ނެގި އެވެ.

"ފޯނު މިއޮތީ ހަލާކުވެފައެއްނު." ދާނިޔަލް ފޯނު ހިފައިގެން އައިސް ސަޖަންގެ ކައިރިއަށް ހުއްޓިފައި ވާހަކަދެއްކި އެވެ.

"އަން މީގަ ހިފާފަ ތިފޯނު ގެނޭ." ސަޖަން ކޮފީ ޖޯޑު ދިއްކޮށްލައިގެން ހުރެ ކުރިން ވާހަކަދެއްކި ރާގުގައި އެދުނެވެ.

އެކަމަކު ދާނިޔަލްއަށް އެއަޑު އިވުނުހެނެއް ހިއެއްނުވެ އެވެ. ދާނިޔަލް ވާހަކަ ކުރިއަށް ގެންދިޔައީ ފޯނެއް ގަންނަން އުޅޭށޭ ކިޔައިފަ އެވެ. ސަޖަން ގާތަށް ރުޅި އައިސްގެން ދާނިޔަލް އަތުން ފޯނު ޖަހައިގަތެވެ. ކޮފީތަށި ގެންގޮސް އޭނަ ތަންކޮޅެއް ބާރަށް މޭޒުމަތީ ބެހެއްޓި އެވެ. ދާނިޔަލް ގޮވާލި ނަމަވެސް އިޖާބަނުދީ އެދިޔަ ގޮތަށް ގޮސް އެތަނުން ނިކުމެއްޖެ އެވެ.

އެރޭ ކާންތިއްބާ ދާނިޔަލް ބޭރުގައި އުޅެފައި ގެއަށް އައިއިރު ކޮންމެވެސް ކޮތަޅެއް ގެނަ އެވެ. ޝަކީލް ގޮވުމުން ދާނިޔަލް ބުނީ ބޭރުން ކައިގެން އައި ވާހަކަ އެވެ. ނިކުމެ އެންމެން މަޑުކުރީ ސިޓިންރޫމް ސޯފާތަކުގަ އެވެ. ސަޖަން ފޮތް ކިއުމުގެ ބަހަނާގައި މައްޗަށް ދިޔަ އެވެ. ދާނިޔަލް ފޯނެއްގައި ހުރެގެން ކޮރިޑޯގެ ކޮޅުން ނިކުމެވެން ހުންނަ ބެލްކަންޏަށް ނިކުންނަނިކޮށް އޭނައަށް ފެނުނެވެ.

ކޮޓަރިއަށް ވަނުމާއެކު ފުރަތަމަ ވެސް ލޮލުގައި އަޅައިގަތީ އެނދުމަތީ ބާއްވާފައި އޮތް ކުޑަ ޕާރުސަލެއްގަ އެވެ. އޭނަ ނެތް ގަޑީގައި ކޮޓަރިއަށް ވަނީ ކާކުބާވައޭ ހިތަށް އަރައިގެން ހުރެ ޕާރުސަލް ކަނޑައިލިއިރު އައި ފޯނެކެވެ. ސަޖަން ފޮށިގަނޑު އަތަށް ނެގިގޮތަށް އެންމެ މިނިޓެއް ވެސް ބޭކާރު ކުރުމަކާއި ތެދުވެގެން ހިނގައިގެންފި އެވެ. ބެލްކަންޏަށް ނިކުމެވުނުއިރު ދާނިޔަލް ފޯނު ނިންމާފައި ލައުންޖް ގޮނޑިއެއްގައި ފޯނާއި ކުޅެން އިނެވެ. ސަޖަންގެ ފިޔަވަޅުގެ އަޑު އިވިގެން އިސްއުފުލާލި އެވެ. ދެވަނަ ސިކުންތުގައި ތުންފަތަށް ހިނިތުންވުމެއް ވެރިވި އެވެ.

ސަޖަން ހުއްޓިނުލާ ގޮސް ދާދި ކައިރިއަށް ހުއްޓިފައި އަތުގައި އޮތް ފޮށިގަނޑު ދާނިޔަލްގެ އުނގަށް ޖަހައިފި އެވެ. އެފަދަ ހަމަލައަކަށް ތައްޔާރުނުވެ އިން ދާނިޔަލްއަށް ގެނެވުނު ކުއްލި ހަރަކާތަކާއިއެކު ފޮށިގަނޑު ވެއްޓުނަނުދީ ހިފެހެއްޓުނީ ކިރިޔާ އެވެ. -- ނުނިމޭ --

ދިގު ވާހަކަ ވާހަކަ: ޔާރާ އަހާނުހޭ

Popular