16 May 2018

ކުޅި، ކިސަޑު، ލޭ

ޗެޕްޓާ 1: ކިސަޑު: ހިތް އޮތް ގޮތް އެންމެނަށް އެނގުނަސް އޭނާ އަށް މިހާރު ވަރިހަމަ ފަދަ އެވެ. މިސްކިތްމަގުން ހިނގަމުން އެދާ އައިމިނަގެ ހިތް އޮތް ގޮތް ހުސޭނަށް ވެސް އެނގޭތީ އެވެ.

ޗެޕްޓާ 1: ކިސަޑު: ހިތް އޮތް ގޮތް އެންމެނަށް އެނގުނަސް އޭނާ އަށް މިހާރު ވަރިހަމަ ފަދަ އެވެ. މިސްކިތްމަގުން ހިނގަމުން އެދާ އައިމިނަގެ ހިތް އޮތް ގޮތް ހުސޭނަށް ވެސް އެނގޭތީ އެވެ.

By: Ahmed Nadheem

މަކުތަބުން ނުކުމެވުމާ އެކު އިސް އުފުލައި ދިން ހިނިތުންވުމުގައި އައިމިނަ ކުރިއަށް ހިނގައިގަތްގޮތުން ހުސޭނަށް ހުރިހާ ކަމެއް ޔަގީންވި ކަހަލަ އެވެ. އޭނާގެ ހިއްސުތައް ހޭލައި ވިންދުތައް އަވަސްވެގަތެވެ. ގަސްދޮށަށް ވެއްޓިފައި އޮތް ޖަންބު މަލެއް ނަގައިގެން ގޮސް ހުސޭނު ދެން އެރީ އޭނާގެ ބައިސިކަލަށެވެ.

އޭރު ފަސްއެނބުރި ބަލައި ފަރި ދައްކަމުން ގޮސް އައިމިނަ ގޯޅިއަކަށް އަޅައިގެން ގެއްލެނީ އެވެ. އެ ގޯޅި އަށް ނުކުތުމަށް ބައިސިކަލުގައި ހުސޭނު ނައްޓާލީ އެހެން ގޯޅިއަކުންނެވެ. އެއީ އައިމިނަ ފަހަތުން ދިޔަ މަންޒަރު މަކުތަބުގައި ތިބި ރަށުގެ އެހެން ކުދިންނާއި އެދުރުބެއަށް ފެނިއްޖެ ނަމަ ރަށު ތެރޭގައި ދެބައޮޑުވާނެ މިންވަރު އޭނާ އަށް އެނގޭތީ އާއި ހަސަދަވެރިވާނޭ މިންވަރު ހިތަށް އަރައިފަ އެވެ.

ހަނިގޯޅިތަކުން އަޅަމުން ގޮސް މަންޒިލު ފެންނަ ގޯޅިއަށް ވެލިގަނޑު ކަހާލާފައި ވަންގޮތަށް ހުސޭނު ބުރަކި ޖައްސައި މައިތިރިވެލި އެވެ. އެ ހިމޭންކަމުގެ ތެރޭގައި ހުސޭނުގެ މާނޭވާގެ އަޑާއި މޭގައި އޮބިނޯވެގެން އުޅޭ ހިތް ޖަހަމުންދިޔަ ހުރިހާ ސަކަރާތެއްގެ އަޑު ވެސް މުޅި ހިސާބުގަނޑަށް އިވޭ ކަހަލައެވެ.

ހިތް އޮތް ގޮތް އެންމެނަށް އެނގުނަސް އޭނާ އަށް މިހާރު ވަރިހަމަ ފަދަ އެވެ. އިރުކޮޅެއްގެ ތެރޭގައި ކުރިމަތިން ހުރަސްކުރަން މިސްކިތްމަގުން ހިނގަމުން އެދާ އައިމިނަގެ ހިތް އޮތް ގޮތް ހުސޭނަށް ވެސް އެނގޭތީ އެވެ.

އަތުގައި އޮތް ޖަންބު މަލުގެ ކަރުގަނޑު ތެރެއިން ނުކުތް ކަޅުހިންޏެއް ވައިގެ ތެރެއަށް ވިއްސައިގެން ދިޔައީ ހަނދުވަރެއްހެން ދުރުން ދައްކާލި އައިމިނަގެ މޫނާ އެކު ކުއްލިއަކަށް ހުސޭނު ބައިސިކަލުގެ ފާލުގަނޑަށް ލެވުނު ބާރެއްލާފައި ނައްޓާލުމުންނެވެ. ނަމަވެސް ކަށިމާ ގޯޅިއަކުން ހުސޭނު ބޭނުންވިގޮތަކަށް އޭނާގެ ދަބަރުހެލި ރެލީ ބައިސިކަލުގަނޑުގައި ކުރިއަކަށް ނުދެވުނެވެ. ކަށިވެލީގެ ކޯރެއްހެން ފުރިފައި އޮތް މަގުގެ މެދަކާ ހިސާބަށް ދެވުނުތަނުން ފުރޮޅު ގަނބައިގަނެ ހުސޭނު ފަކީރުގެ ހަކަތަ އަށް ނުގުޑާވަރަށް ތާށިވީ އެވެ.

މި މަންޒަރަށް ހެމުން ގޮސް އައިމިނަ އޭރު ހުސޭނު ހުރަސްކޮށް އެހެން ގޯޅިއަކަށް އަޅައިގެން ގެއްލިއްޖެ އެވެ. އައިރުޅީގައި ބައިސިކަލްގަނޑު ހޫރާލާފައި ހުސޭނު މަގުގެ ކޮޅަށް ދުއްވައިގަތެވެ. ނަމަވެސް ކަށިމާ ގޯޅި އާއި މިސްކިތްމަގު ގޮސް ގުޅުނު ހަތަރުއަނގޮޅިވީ ދެން ދާނެ ދިމާލެއް ނިންމަން ހުސޭނަށް ނޭނގުނު އަނދިރިކަމަކަށެވެ. ފަސްފަހަތް ބަލައި ފާރަލަމުން ގޮސް ބިންނަން އަތްދިއްކޮށްލިއިރު އައިމިނައޭ ކިޔައިގެން އުޅުނު އެ މަލެއް ފެންނާކަށް ނެތެވެ.

އެވަގުތު އަތުގައި އޮތް ޖަންބުމަލަށް ހުސޭނަށް ބަލައިލެވުނެވެ. މޯޅިވަމުން ދިޔަ ޖަންބު މަލަށްވުރެން ހުސޭނުގެ މޫނު މައްޗަށް ވެރިވެފައިވާ މޮޅިވެރިކަމުގެ ހާލާތު މާ ގޯހެވެ. ކުއްލިއަކަށް މަލުގެ ކަރުގަނޑުން ކަޅުހިންޏެއް ނުކުމެގެން ގޮސް ހުސޭނުގެ އަތަށް އަރައިފި އެވެ. އެކަމަކު ދެން ވެސް ހިރިލަން ވެސް ބޭނުންނުވެފައި ހުސޭނު ހުރިގޮތަށް ހުރީ އެވެ.

ހިއްސުތައް އޭނާގެ ގާތަށް އެނބުރިއައީ ހިފަހައްޓައިގެން ހުރި ޖަންބުމަލުގެ ކަރުގަނޑު ތެރެއިން ފުނިޖަހާފައި ކެކިއަރައިގެން އައިހެން ހީވި ކަޅުހިނިތަކުން އަތްތިލަ އެކުގައި ފޮރުވުނު ބިރުވެރިކަމާ އެކުގަ އެވެ. އެވަގުތު މަލުން އަތް ދޫކޮށް ދެ އަތް ފޮޅަމުން ގެންފައިވާ ބިރާއެކު ތުރުތުރުއަޅަމުން ހުސޭނަށް ފަހަތަށް ޖެހިލެވުނެވެ.

ހުސޭނު މިހާރު އެހުރީ އެކަންޏެވެ. އެކަނިވެ ބިރުގަނެފަ އެވެ. މީގެ ކުޑައިރުކޮޅެއްކުރިން އަތުގައި އޮތް ޖަންބުމާ ވެސް އޭނާ އަށް ގެއްލުނީ އެވެ. ވެއްޓުނުމާ އުފުއްލާލައިގެން ގޮސް ހިނީގެ ލަޝްކަރު ވެސް ފިލައިފި އެވެ. ހުސޭނަށް ދެން ބަލައިލެވުނީ ދުރުގައި އޮތް އޭނާގެ ބައިސިކަލަށެވެ. އޭރު މަގުގެ އަނެއްކޮޅު ވަނީ އޮލަ ދުންގަނޑެއްހެން ހީވާ އަނދިރި ވިލާގަނޑަކުން ބެދިފަ އެވެ. އެ ވިލާގަނޑު މަޑުމަޑުން ދިރެމުން ސިފަ ބަދަލުވަމުން ކުރިއަށް ޖެހެމުންދާ މަންޒަރު ފެނެ އެވެ.

ކުއްލިއަކަށް ހުސޭނު ދުއްވައިގަތީ އޭނާގެ ބައިސިކަލާ ދިމާލަށެވެ. ނަމަވެސް ހުސޭނަށްވުރެ ކުރިން ބައިސިކަލާ އަރާހަމަކުރީ އެ ބޯ ދުންގަނޑެވެ. އެ އަނދިރިކަމުގެ ތެރެއަށް ބައިސިކަލު ވެސް ގެއްލުނީ އެވެ.

އެވަގުތު ހުސޭނާ އައިސް އަރާހަމަކޮށްލި މި އަނދިރިކަމުގެ ތެރެއަށް ދަމައިގެންދިއުމުގެ ކުރިން ލެވުނު އެންމެ ފުން ނޭވާއެއް އެތެރެއަށް ލައި އޭނާ މަރަށް ތައްޔާރުވެގަތެވެ.

** ** **

ހޭލެވުމުން ހުސޭނު ހީކުރީ އެއީ ހުވަފެނެއް ކަމަަށެވެ. އޮށޯވެލައިގެން އޮތް ތުނޑުކުނަލުގެ ތަންމަތިން ތެދުވިގެން ދެ ލޯ އުނގުޅަމުން ގޮސް އޭނާ ނުކުތީ ބޭރަށެވެ. ލޯ ރަނގަޅަށް ނުހުޅުވި، އާ ފުރިލަ ފުރިލަ ހުރި ހާލެއްގައި އޭނާ މޯޅިޔަކަށް ދެމިލުމުން ނިދީގެ އަސަރު ކޮންމެވެސް ވަރަކަށް ފިލައިގެން ދިޔަ އެވެ. ނަމަވެސް ހުސޭނަށް ރަނގަޅަށް ހޭލެވުނީ ހުވަފެނެއްހެން ހީވި މާހައުލަށް އޭނާ އަށް އަލުން ނުކުމެވުނު ހިސާބުންނެވެ.

ޖިފުޓިން ބޭރަށް ބޯ ދިއްކޮށްލިއިރު މުޅި ހިސާބުގަނޑު ވަނީ ބޯ ދުންފިނިގަނޑެއްގެ ތެރެއަށް ގެނބި، ގެއްލިފަ އެވެ. އެ ދުންގަނޑުގެ ތެރެއިން ދޮންދޫންޏާއި ލޯފިނދާއި ބަބުރު ލޯފިނދު ފަދަ ސޫފިތައް ބޫންއަޑު ލައްވަމުން އުދުހެމުންދާ މަންޒަރު ހިޔަނިތަކެއްހެން ފެނެ އެވެ. ބޮކާއި ކަނބިއްޔާއި އެހެން ދޫނިސޫފާސޫފީގެ އަޑުތައް އެކުވުމުން ހަމަ އަށް ނުފެތޭ އަޑެއް މާހައުލުތެރޭގައި ގުގުމަމުން ބޮލަށްތުރާކުރުވަނީ އެވެ.

ނަމަވެސް ޖިފުޓިގަނޑުން ބޯދިއްކޮށްލައިގެން އޮތް ހުސޭނަށް އޭގެ އެއްވެސް އަސަރެއް ނުކުރާ ކަހަލަ އެވެ. އޭނާގެ ސަމާލުކަމާއި ޝައުގުވެރިކަން ދަމައިގެން ގޮސް ގެއްލިފައި ވަނީ ކުރިމަތިން ފެށިގެން ހިސާބުގަނޑަށް ފެތުރިފައި އޮތް ބޯ ދުންފިނިގަނޑުގެ ތެރެއަށެވެ. ވަށައިގެންވީ ރުއްގަހާއި ބޯކޮށް، އުސްކޮށް ހެދިފައިވީ މާހުއި ފީނިތައް ފުސްގަނޑުގެ ތެރެއަށް ގެއްލިފައިވީ ނަމަވެސް އެދިމާލުން އަންނަ އެއްޗެއްގެ ހިލަން ހުސޭނަށްވެގެން އުޅޭކަހަލަ އެވެ.

ދެން މާކަ ގިނައިރެއް ނުވެ ދުންފިނިގަނޑުގެ ތެރެއިން ރަން ރީނދޫ ކުލައިގެ އައްޔެއް ދައްކާލައިފި އެވެ. އިރުކޮޅަކުން އެ އަލިކޮޅު ދެ އަލިކޮޅަކަށް ބަދަލުވެއްޖެ އެވެ. ދެ އަލިކޮޅު ތިން އަލިކޮޅަށް، ދެން މިގޮތަށް ގޮސް ގުނައި އަދަދުކުރަން އިންސާނަކަށް ފަސޭހަނުވާނޭ މިންވަރަކަށް އަލިކޮޅުތައް ދިއްލި، އަލިގަނޑަކަށް ބަދަލުވެ ފުސްގަނޑު ވެސް ހިސާބަކަށް އެ ދިމާލުން ދިއްލާލައިފި އެވެ. އޭރު ފެންނަނީ ފުޅިބައްތިތަކެއް ހިފައިގެން ފަރުވާތެރިކަމާ އެކު ވަށައިގެން ހޯދައި ބަލަމުން ކުރިއަށް އަންނަ ބައިގަނޑެއްގެ މީހުންނެވެ. އެމީހުން އަދި އެތިބީ ޖިފުޓިއާ ވަރަށް ދުރުގަ އެވެ.

މި މަންޒަރު ފެނިގެން ހުސޭނުގެ ޝައުގުވެރިކަން ގެއްލި އެތެރެއަށް ވަންގޮތުން އެއީ ކޮންބައެއްކަން ވެސް އޭނާ އަށް އެނގޭ ކަހަލަ އެވެ. ފަން ޖިފުޓީގެ ތެރެއަށް ވަންގޮތަށް ވަދެ، އެތަނުގައި އެލުވާފައިވީ ފުޅިބައްތިއަށް ފުމެލުމުން ކަނުއަނދިރިކަމެއްގެ ތެރެއަށް ހުސޭނު ގެއްލިއްޖެ އެވެ. ދެން އިވުނީ ތިލަކޮށް ހެދިފައިވީ ފެންގަނޑަކަށް ފުންމާލައިގެން މީހަކު ހިނގާފައި ގޮސް އެއްގަމަށް އަރައިގެން ހުއިތަކުގެ ތެރެއިން ނިކަން ބާރަށް ދުއްވައިގަތް އަޑެވެ. އެއަޑާއެކު ދޫނިސޫފާސޫފީގެ އަޑުތައް ވެސް ކުއްލިއަކަށް ކެނޑި މުޅި މާހައުލަށް ފަޅުކަމެއް ވެރިވެއްޖެ އެވެ.

ފުޅިބައްތީގެ އައްޔާއެކު ދުންގަނޑުގެ ތެރެއިން ހިނގަމުން އައި ބައިގަނޑު ޖިފުޓިއާ އަރާ ހަމަކުރިއިރަކު އެތަނުގައި މީހެއްގެ ހިލަމެއް ވެސް ނުވެ އެވެ. އެކަމަކު އެއްގޮތަކަށް ވެސް ރަށު މީހުން އައިސް ނޫޅޭ ކުޅިއެއްގެ މިހާ އެކަހެރި ހިސާބަކުން ޖިފުޓިގަނޑެއް ފެނުމުން އެމީހުންނަށް ލިބުނު ހައިރާންކަން ވަރަށް ބޮޑުވި އެވެ. އަދި ގަތްބިރާ އެކު މިއެންމެން އެއްތަނަކަށް ޖަމާވެ ވަށައިގެން ކަޅިއުކަން ފަށައިފި އެވެ.

އެންމެ ފުރަތަމަ އޭގެ ތެރެއިން އެކަކަށް ވެސް ކުރިއަށް ގޮސް ޖިފުޓިގަނޑު ތެރެއަށް އަލިކޮށްލާކަށް ނުކެރުނެވެ. އަދި މިހެން ތިއްބައި ޖެހިލި ވައިރޯޅިއަކުން ދެ ތިން ފުޅިބައްތިއެއް ނިވިގެންދިއުމުން ވެރިވި ބިރުވެރިކަން ވަކިން ބޮޑެވެ. ނަމަވެސް އޭގެ ތެރެއިން ޒުވާންފުރައިގެ ސޮރަކު ކުރިއަށް ޖެހި ފެންގަނޑު ތެރެއިން ގޮސް އެންމެފަހުން ޖިފުޓިގަނޑަށް ވަދެއްޖެ އެވެ. ދެން ދިއްކޮށްލި ފުޅިބައްތިއާއެކު ޖިފުޓި ތެރެއިން ފެނުނު މަންޒަރުން ޝައުގުވެރިކަމުގެ ފިޔަވަޅުތަކެއް އޭނާ ކުރިއަށް ގެންދިޔަ އެވެ. ވަކިން ހާއްސަކޮށް މި ޒުވާނާގެ ޝައުގުވެރިކަން ދަމައިގެން ދިޔައީ ބިންމަތީގައި ތުނޑުކުނާ އަޅައިފައިވީ މި ޖިފުޓީގެ ކަނަކަށް ޖަމާކޮށްފައިވީ މާތަކެއް ފެނިގެންނެވެ. އެއީ މަކުތަބާ އިންވެގެން އޮންނަ ފަޅު ގޯތީގެ ތެރެއިން ހެދިގެން ފެތުރިގަނެފައިވާ ބިޔަ ޖަންބުގަހުގެ މާތައްކަން މިމާތައް ފެންނައިރަށް އެ ޒުވާނާ އަށް ޔަގީންވެއްޖެ އެވެ. އެއީ އެ ނޫން ދެ ވަނަ ޖަންބުގަހެއް މުޅި ރަށުގައި ވެސް ނެތީމަ އެވެ.

ކަނަކަށް ޖަމާކޮށްފައިވީ ޖަންބުމަލުގެ ތެރެއަށް މި ޒުވާނާ ގެއްލިފައި ހުއްޓައި އޭނާ ސިއްސުވާލީ މާތަކުގެ ތެރެއިން ކުއްލިއަކަށް ނުކުންނަން ފެށި ކަޅުހިނިތަކެވެ. ސިހިގެން ފަހަތަށް އެޅުނު ފިޔަވަޅާއެކު އޭނާގެ ފައިކައްސާލައިގެން ގޮސް ޖިފުޓީގެ ކުރިމަތީގައި އޮތް ފެންގަނޑު ތެރެއަށް ވެއްޓި އަތުން ދޫވި ފުޅިބައްތި ވެސް ނިވިއްޖެ އެވެ.

އެވަގުތު ދުރުގައި ތިބި މީހުންގެ ތެރެއިން ދެ މީހަކު ފުޅިބައްތިތަކާ އެކު މި ޒުވާނާއާ ދިމާލަށް ދުއްވައިގަތެވެ. ބައްތިތަކުގެ އަލި އޭނާ އޮތްތަނަށް އެޅުނުވަގުތު ހީވީ ފެންގަނޑުހެދިފައި އޮތް އެ މަޑުބިމުގެ ތެރެއިން މީހަކު ނުކުމެ ޒުވާނާގެ ގައިގައި ހިފިހެންނެވެ. ރޯމަހެއް ފަދައިން ތެޅެމުން އެސޮރު ފެންގަނޑުން ތެދުވެ ދުރަށް ޖެހިލުމުން ދެން ތިބި މީހުން ވެސް ދުވެފައި އައިސް އޭނާގެ ފަހަތަށް ވަދެއްޖެ އެވެ. އަދި އޭނާގެ ބޯމަތިންނާއި ދެ އަރިމަތިން ފުޅިބައްތިތައް ދިއްކޮށް އޭނާ ވެއްޓުނު ތަނަށް އަނެއްކާވެސް އަލިކޮށްލި އެވެ.

އޭރު އެ ދިމާލުން އަންހެނެއްގެ ގަބުރު ފެންމަތިވަނީ އެވެ. ފެންވަދެ ފުފިގެން މޫނާއި ހަށިގަނޑު ހަލާކުވެފައިވިޔަސް އެއީ މީގެ މަހެއްހާ ދުވަސް ކުރިން ގެއްލިފައިވީ ދޮންރަހާގޭ އައިމިނަކަން އެނގޭވަރުވެ އެވެ. (ނުނިމޭ)

Popular