12 Jun 2018

ޗެޕްޓާ: ލޭ

By: Ahmed Nadheem

* ޖޫން ހަ ވަނަ ދުވަހުގެ ބަޔާ ގުޅޭ ...

ބާޖިސްކަލޯ ހެއިކެނޑިގެން ވެއްޓުނީ ރަތްދަކަ އަވިން ފިހި ވަރުބަލިވެގެންނެއް ނޫނެވެ. ފަޅު ގޯތީގެ ތެރޭގައި ހުރި ޖަމްބުގަސް ދޮށުގައި އޭނާ ކޮނުނު ވަޅުގަނޑު ތެރެއިން ފެނުނު އެއްޗަކުން ގެނުވި ހައިރާންކަމެއް ގޮސް ބޮލަށް އަރައި އަނބުރައިގަނެގެންނެވެ. އެކަމަކު އެ ވަޅުގަނޑު ތެރޭގައި އޮތީ ގެއްލިގެން ހޯދަމުން ދިޔަ އަންހެން ދަރި، ޒައިނަބުކާނލޯގެ ފުރާނަނެތް މަސްގަނޑެއް ނޫނެވެ. އެއީ ރަތްތަގައްލާ ފޮތީގައި މައިތިރި ވަޅުލާފައިވާ ވަޅުގަނޑެކެވެ. ރަތްތަގައްލާ ފޮތީގައި އޮޅައި އެހާ އަޑީގައި ވަޅުލާނީ ކިހާ ވަރެއްގެ މައިތިރިއެއްކަން އެނގޭތީ ބައެއް މީހުން ބާޖިސްކަލޯ އަށް އެހީގެ އަތެއް ދިއްކޮށްލަން ވެސް އެ ވަޅުގަނޑު ކައިރިއަކަށް ނުދިޔަ އެވެ. ބިރުކަނޑާލާފައި ދިޔަ ބަޔަކު ގޮސް އެންމެފަހުން އޭނާ ކޮނޑަށްލައިގެން ދުއްވައިގަތީ ކެލިދުރުގޭ އެހެން ބެއިންތައް ދުވެފައި އައިސް ފަޅުގޯތި އެކުގައި ހިސޯރުކޮށްލުމުންނެވެ. އެކަމަކު ދެން ވެސް އެއް ބަޔަކު ބިރުން އެތަން ދޫކޮށް ދިޔައީ އެވެ. އަނެއް ބަޔަކު ނަސޭހަތްތެރިވީ ތަގައްލާ ފޮތީގައި އޮޅާފައިވީ މައިތިރި އެއްގޮތަކަށް ވެސް އެތަނުން ނުނެގުމަށެވެ. އެކަމުގެ ތަންދޮރު އެނގޭ މީހުންނާ މަޝްވަރާނުކޮށް އެއަށް އެއްވެސް ކަމެއް ނުކުރުމަށެވެ. ނަމަވެސް ކެލިދުރުގޭ ބެއިން އެ މައިތިރި ނަގަން ފޫގަޅައި ވަޅުގަނޑު ތެރެއަށް ފުންމާލުމުން އެކަމާ ދެކޮޅަށް އެއްޗެއް ބުނަން ކެރުނު ހަމަ އެކަކު ވެސް އެތަނުގައި ދެން ނެތެވެ. އެއް ބަޔަކު ޝަހާދަށްކިޔައި މާތް ރަސްކަލާނގެއާ ވަކީލުކޮށް އެތަން ދޫކޮށް ހިނގައިގަތްއިރު ތަގައްލާ ފޮތީގައި ފޮރުވާފައިވަނީ ކޮން ސިއްރުތަކެއްތޯ ބެލުމަށް ޝައުގުވެރިވެ އަނެއް ބަޔަކު ދުއްވައިގަތީ ކެލިދުރު ބެއިންގެ ފަސްފަހަތުންނެވެ.

ކެލިދުރު އާއިލާގެ ވާހަކަ ފެށިގެން އަންނަނީ ކެލިދުރު ކަލޭފާނޭ ކިޔުނު ނިކަން ބޮޑު ސައުދާގަރަކާ ހިސާބުންނެވެ. ބުނެވޭ ގޮތުގައި ކެލިދުރު ކަލޭފާނަކީ ހއ. ކެލާއިން އައްޑޫ އަތޮޅަށް ހިޖުރަކުރި ނިއަމިއަކަށް ލިބުނު ހަމައެކަނި ދަރި އެވެ. އަނެއް ބަޔަކު ބުނާ ގޮތުން ނަމަ އެ ނިއަމިކަލޭގެ އަކީ އަރަބިކަރައިން ޖަވާހިރާއި ރިހިރަން ފައިސާފޮތި ލޫޓުވާލައިގެން ފިލަން ވެގެން ރާއްޖޭގެ ދެކުނުބިތަށް ރިޔައުކޮށިކުރަމުން ދިޔަ މީހެކެވެ. އެ ދަތުރު ނިންމާލައި އޭނާ ވަޒަންވެރިވީ މީދޫއޭ ކިޔުނު ބިންބޮޑު ރަށެއްގަ އެވެ. ނަމާއި ނަސަބު އޮޅުވާލައި، އެ ރަށުން މީހަކާ އިނދެގެން ލިބުނު ދަރިއަކީ ކެލިދުރު ކަލޭފާނެވެ. ކެލިދުރު މި ނަން އުފެދިގެން އައިސްފައި ވަނީ އައްޑޫ އަތޮޅަށް ނިއަމިކަލޭގެ ދަތުރުކުރި ބަނޑުއޮޑިއަށް ދީފައިވީ "ކެލާދުރު" ގެ ނަމަށް ނިސްބަތްކޮށެވެ. އެކަމަކު މިއިން އެއްވެސް ވާހަކަ އަކީ ހަގީގަތަށް ބުނެދޭން އެނގޭ ވާހަކަތަކެއް ނޫނެވެ. އެއަށް ވުރެ ބޮޑަށް ތޯތޯވާހަކަ އެވެ.

ބައްޕަގެ މުދާވެރިކަމާ އެކު އިތުރު ބަނޑުއޮޑިއެއް ބަނދެ "ކެލިދުރު" ގެ ނަމުގައި ސީނުކަރަ އާއި ސިލޯނަށް ދަތުރުތައް ފަށައި ކެލިދުރުކަލޭފާނު އެންމެފަހުން ބޮޑު ސައުދާގަރަކަށް ބަދަލުވެ އޭނާގެ ވިޔަފާރިތައް މުޅި ރާއްޖެ އަށް ފެތުރިގެންދިޔައީ ކަމަށް ބުނެވެ އެވެ. އެކަމަކު އިސްލާމީ އިންގިލާބުގައި ގެއްލުންވެ ނުފޫޒާއި ބާރު ކެނޑިގެން ދިއުމުގެ ކުރިން ބުއްދިވެރިއެއްގެ ބަސް އަހައި އިސްލާމީ އިންގިލާބުގެ ވެރިންނާ ގުޅުން ބަދަހިކޮށް އެމީހުންގެ އެންމެ ބޮޑު އަދި އެންމެ ރައްކާތެރި ބިމުގެ ގޮތުގައި އޮތް މުލަކަށް އޭނާގެ ދިރިއުޅުން ބަދަލުކުރީ އެވެ. އެއަށް ފަހު އޭނާގެ ހުވަފެނަކަށްވީ އެ ރަށް "ކެލިދުރު ކިއްލާ" އަކަށް ބަދަލުކޮށްލުމެވެ. އެކަމަކު ބަދުނަސީބަކަށްވީ އޭނާ ކައިވެނިކުރި އެކަކާ އެކުގައި ވެސް އެހިސާބަށް އައިއިރު ދަރިއަކު ލިބިފައި ނެތުމެވެ. އެއީ އަމިއްލަ މީހާގެ ބަލިކަށިކަމެއް ކަމަށް ގަބޫލުކުރަން އެންމެ ފުރަތަމަ ކަލޭފާނު ބޭނުމެއް ނުވި އެވެ. އެކަމަކު އައްޑޫ އިން ފެށިގެން ތުރާކުނާ ހަމަ އަށް މީހުންނާ އިނދެ ވަރިކުރަމުން ދިޔައިރު ވެސް އެ ލެއަށް ދަރިއަކު އުފަންނުވުމުގެ އަސްލަކީ ސީދާ އޭނާގެ މައްސަލައެއްކަން ގަބޫލުކުރަން އެންމެފަހުން މަޖުބޫރުވީ އެވެ. އެހިސާބުން ފެށިގެން ޔޫނާނީ ބޭސްވެރިކަމުގައި އަރައި ތިބި އެންމެ މޮޅެތި މީހުން އެއްކޮށްގެން ކިޔަވައި މަތުރައި ބޭސް ބޮއެގެން ލިބުނު އަލަތު ދަރިއަކީ ބާޖިސްކަލޯ އެވެ. އެއަށް ފަހު އަންހެން ދަރިއަކަށް ދަހިވެތިވެގެން ދެން ވެސް ލިބުނީ ހުސް ފިރިހެން ދަރިންނެވެ. ބޭނުންވި ކަހަލަ ދަރިއެއް ނުލިބި ކަލޭފާނު މިދުނިޔެއަށް އަލްވަދާއުކިޔާފައިވިޔަސް އޭނާގެ ނަމާއި ޝަރަފާއި ހައިބަތު ދަމަހައްޓައި، ދެން އޮތް ޖީލުތަކާ ހަމަ އަށް ގެންގޮސްދޭނޭ ވަރުގެ ޖާނުން ވަރުގަދަ އަށް ބެއިން އެވަޑައިގެންނެވީ ދޫކުރައްވާފަ އެވެ. ކެލިދުރުގޭ ބެއިން ހާއްސަވަނީ މި ސަބަބާ ހެދި އެވެ. އަދި އެމީހުން އެއްވެސް ކަމެއްގައި ދޫދީ ބަލިގަބޫލުނުކުރާނެ ސަބަބަކީ މިއީ އެވެ. އެކަމަކު އެ އާއިލާ އަށް މިހާރު ކުރިމަތިވެފައިވާ މުސީބާތަކީ ފާއިތުވެގެން ދިޔަ ބައި ގަރުނު ތެރޭގައި ވެސް އެމީހުން ތަޖުރިބާކޮށްފައިވާ ކަމެއް ނޫނެވެ.

ނަމަވެސް އަށް ބެއިން އެތިބީ ދޫދިނުމުގެ ވިސްނުމެއްގައެއް ނޫނެވެ. އެއަށް ވުރެން ރޫހު ވަރުގަދަކޮށެވެ.

ބޮލަށް ހޭވެރިކަން އެނބުރިއައުމާއެކު ބާޖިސްކަލޯ އަވަސްވެގަތީ ފަޅުގޯތި ތެރެއިން ފެނުނު ތަގައްލާފޮތީގައި އޮޅައި ފޮރުވާފައިވާ ސިއްރަކީ ކޮބައިތޯ ބެލުމަށެވެ. އަދި ވީނުވީއެއް ނޭނގި ގެއްލިފައިވީ އަންހެން ދަރި ވީތަނެއް ހޯދައި ސަލާމަތްކުރުމަށް އޭނާ އަށް އޭގެ ތެރެއިން ލިބެން ހުރީ ކޮން މައުލޫމާތުތަކެއްތޯ ދެނެގަތުމަށެވެ. ހަމަޖެހުމުގެ ނޭވާއެއް ލެވޭނީ އޭރުންކަން ޚުދު ބާޖިސްކަލޯ އަށް ވެސް ގަބޫލުކުރެވެ އެވެ.

ފަރުވާ ދޭން ބޭއްވި ކޮޓަރި ތެރެއިން ނުކުމެގެން ބާޖިސްކަލޯ މުންޑު ކޮށިކުރަމުން އައިއިރު ބޭރުގޭގެ ބޮޑުއަށީގައި އިށީނދެލައިގެން އިނީ އެންމެ ހަގަށް ހުރި ކޮއްކޮ، ސުލައިމާނެވެ. އަށިން ތެދުވެގެން އައިސް އޭނާ ދިއްކޮށްލި ލުނބޯފަނި ތަށި އެއްނޭވާއިން ހުސްކޮށްލުމަށް ފަހު ދެބެއިން ފައިޖަހާފައި ދެން ހިނގައިގަތީ ކެލިދުރުގޭ މައި ގޯވައްޗަށް ދިއުމަށެވެ. އޭރު އިރުއޮއްސެން ގާތްވެ ރަށު ތެރެއަށް އަނދިރިކަން ވެރިވަނީ އެވެ. އެކި ހިސާބުތަކުން ފުޅި ބައްތި އާއި ފާނޫޒާއި ބިގަރުގެ އަލިކަން ފެންނަމުންދެ އެވެ. ކެލިދުރުގޭ ބޭރު ދޮރާށި ހުޅުވާލާފައި ފެންޑާއިން ވަދެގެން އެތެރެއިންލާފައި ގޮސް އެންމެ ފަހަތުގައި ގާއިމުކޮށްފައިވާ ސައްލާ ކޮޓަރި އަށް ބާޖިސްކަލޯ އާއި ސުލައިމާނު ގޮސް ވަންއިރު އެމީހުންގެ އަނެއް ހަ ބެއިންނާއި މި އާއިލާގެ ގަދަރާއި ނުފޫޒު ރަށުގައި ހިފަހައްޓައިދޭ މުހިންމު އެހެން މީހުންތައް ވެސް އެތަނުގެ ދެ ފަރާތުގައި ހަދާފައިވާ އަށިތަކުގައި އިށީނދެލައިގެން ތިބެ އެމީހަކަށް ތެޅުނު އަނގައެއް ތަޅަމުން ދަނީ އެވެ. ފުރާޅު ގަތާފައިވާ ދުނބުރި ދަނޑިތަކުގައި އެލުވާފައި އޮތް ހަތަރު ވަރަކަށް ފާނޫޒުން އެ ކުޑަ މަޖިލިސް އޮތީ ނިކަން ގަދަ އަށް ދިއްލައި ރީނދޫކޮށްލައިފަ އެވެ.

ހުޅުވިގެން ދިޔަ ދޮރުން ބާޖިސްކަލޯ އެތެރެއަށް ވަނުމާއެކު މުޅި މަޖިލިސް އެކުގައި ހިމޭންވެގެން ހިނގައްޖެ އެވެ. އެތަނުގެ ދެ ފަރާތުގައި ގާއިމުކޮށްފައިވާ އަށިތަކުގެ މެދުގައި އޮތް މަގުން ހިނގާލާފައި ކުރިއަށް ގޮސް، އެންމެ އެތެރެއިން ހާއްސަކުރެވިފައިވާ ގޮނޑީގައި ބާޖިސްކަލޯ ހަމަޖެހިލުމުން މަޖިލީހުގެ ދޮރުލައްޕައި ތަންޑުދަނޑިގަނޑު އަޅުވައިފި އެވެ. އެއަށް ފަހު ރަތްތަގައްލާ ފޮތި އޮޅާލާފައިވީ ފޮށިގަނޑު ގެނެސް އޭނާގެ ކުރިމަތީގައި ބަހައްޓައިފި އެވެ. އަދި އޭގެ މަތީގައި ބާއްވާލާފައި އޮތް ބަކަރިހަން އެޅި ފައިވާން ކިބަ ފެނުނުވަގުތު ބާޖިސްކަލޯ އަށް ހީވީ އޭނާގެ ހަތަރެސްފައި ފިނިވެ ގަނޑުވިހެންނެވެ. ނަމަވެސް ބަލަން ނުހުރެ ބަރު ފިޔަވަޅެއްގައި ތެދުވިގެން ގޮސް ފޮށިގަނޑު ކައިރިއަށް އެއް ކަކޫމައްޗަށް ތިރިވެ ޒައިނަބުކާލޯގެ ފައިވާން ކިބަ އަތަށް ނަގައި މޭގައި ޖައްސާލަމުން ދެ ލޯ މަރައި މަޑުމަޑުން ފުން ނޭވާއެއް ނަގައި ދޫކޮށްލި އެވެ. ލޯ ހުޅުވައިލުމަށް ފަހު ދެން އޭނާ ނިއުޅުވައިލީ ތަގައްލާ ފޮތިގަނޑެވެ. އެކެހެރި ފޮތިގަނޑު ހަތަރު ފަރާތަށް ވެއްޓިގެން ގޮސް އޭގެ ތެރެއިން ފާޅުވީ މަތިޖަހައި ބަންދުކޮށްފައިވާ ރިހި ފޮށިގަނޑެކެވެ. އޭގެ ވިދުންގަނޑު ފެނި އަޝޯހުވެގެން އެ މަންޒަރު ރަނގަޅަށް ބެލުމަށް މަޖިލީހުގަައި އެއް ބަޔަކު ކޮޅަށް ތެދުވިއިރު އަނެއް ބަޔަކު ކިރިޔާ އިވޭވަރަށް ކަންފަތްދޮށުގައި ބުނަމުން ދިޔަ ވާހަކަތަކާއި ބަދަލުކުރަމުން ދިޔަ އެކި ހިޔާލުތައް އެކުވެ އެތަނުގައި އޮތް ހިމޭންކަން އެއްކޮށް ގެއްލިގެން ހިނގައްޖެ އެވެ.

ރިހި ފޮށިގަނޑު ފެނި ބާޖިސްކަލޯ ވެސް ހުރީ ހައިރާންވެފަ އެވެ. ނަމަވެސް އޭގެ ބޭރުގައި ކަނޑައިނަގައި ލިޔެފައިވީ ލިޔުންތަކާއި އަޅާފައިވީ ކުރެހުންތަކާއެކު އެ ފޮށިގަނޑުގެ ބެބުޅުމަށް ގެއްލިގެން ނުގޮސް އޭނާ ބޭނުންވީ އެތެރޭގައިވީ ވާހަކަތައް ހޯދައި ބެލުމަށެވެ. އެކަމަކު މި ފޮށިގަނޑު ހުޅުވުން އެމީހުން ހީކުރިހާ ފަސޭހަ ކަމަކަށް ނުވި އެވެ. އެންމެފަހުން ކޯރާޑީއަކުން ތަޅައި އޭގެ ތަޅު ހަލާކުކޮށްލެވުނުއިރު ހޭރެމުން ހޯބޯލައްވަމުން އައި އަންހެނަކު ދޮރުގައި ތަޅައިގަނެ ތަންޑުދަނޑިގަނޑު ހަލާކުކޮށް އެތެރެއަށް ވަދެގަނެފި އެވެ. އެވަގުތު ސައްލާ މަޖިލީހުގައި ތިބި އެންމެން ފުންމައިގެން ތެދުވެ އެކުގައި އެ ދިމާލަށް ހުއްޓިއްޖެ އެވެ. އޭރު ދޮރުމެދަށް ވެއްޓި އޮތީ ކެލިދުރު ސުލައިމާނުގެ އަންހެނުން ދޮންބިބީ އެވެ. ގިސްލަ ގިސްލާފައި އޭނާ ކިޔަމުން ދިޔަ އެއްޗެއް އެހާ ރަނގަޅަށް ސާފުނުވިޔަސް އެމީހުންގެ އެއްމާބަނޑު ދެ ދަރިންނަށް ކޮންމެވެސް ކަމެއް ވެއްޖެކަން އެތަނުގައި ތިބި އެންމެނަށް ވެސް އެހިސާބުން ކަށަވަރުވެއްޖެ އެވެ. އެއީ ފުރާވަރަށް އެޅިފައިވާ ދެ އަންހެން ދަރީންނެވެ.

ދޮންބިބީގެ ގާތަށް ފުންމައިގެން ދިޔަ ސުލައިމާނުގެ ކަންފަތް ދޮށުގައި އޭނާ ބުނެލި ވާހަކައަކާ އެކު ހަޅޭފަޅޭޖަހަމުން އެ ފިރިހެން މީހާ ދެން ދުއްވައިގަތީ ބޭރަށެވެ. ފުންމައިގެން ތެދުވެ ދޮންބިބީ ވެސް ލިބާސްގަނޑު ކޮށިކުރަމުން ދުއްވައިގެންފި އެވެ. އަދި ސައްލާކުރަން އެއްވެ ތިބި މީހުންގެ ތެރެއިން ވެސް އެއް ބަޔަކު އެދެމަފިރިން ފަހަތުން ދުއްވައިގަތެވެ. ނަމަވެސް ކުރިމަތިން ފެނުނު މި މަންޒަރަށް ހަރަކާތްކޮށްލާނެ ގޮތެއް ނޭނގިފައި ކަހަލަ ގޮތަކަށް އެދިމާލަށް ބަލަހައްޓައިގެން ބާޖިސްކަލޯ އަށް ހަމަ ހުރެވުނީ އެވެ. ނުވަތަ ސުލައިމާނުގެ ދެ އަންހެން ދަރީންނަށް އެ ޖެހުނު ހާލަކީ އަމިއްލަ ދަރިއަށް ވެސް ޖެހުނު ހާލާތޭ ހިތަށް އަރައި ފިކުރުހުުސްވީ އެވެ. މިހެން ހުއްޓައި ބާޖިސްކަލޯ އަށް ފުރިހަމަ ހޭވެރިކަމެއްވީ އޭނާގެ އެހެން ކޮއްކޮއަކު ގާތަށް އައިސް ކޮނޑުގައި އަތުން ޖަހާލައި ގޮވާލުމުންނެވެ. އެއަށް ފަހު އެ ސޮރު ވެސް ބޭރަށް ދުއްވައިގެންފި އެވެ. ވަށައިގެން ބަލައި ހޯދާލިއިރު ސައްލާގެ މަޖިލީހުގައި ދެން ހުރީ ބާޖިސްކަލޯ އެކަންޏެވެ. ހަދާނެ ގޮތެއް ނޭނގި، ދެހިޔާލެއްގައި ހުރެފައި އޭނާ އަށް ތިރިވެލެވުނީ ކުރިމަތީގައި ބަހައްޓާފައި ހުރި ރިހި ފޮށިގަނޑު ކައިރިއަށެވެ. ތަޅު ހަލާކުކޮށްލައިގެން މަތިގަނޑު ހުޅުވާލާފައި ހުރި މި ފޮށިގަނޑެއް ދޫކޮށްލާފައި ކޮއްކޮގެ ދަރިންނަށް ވީގޮތެއް ބެލުމަށް ދާން ބާޖިސްކަލޯ ކިތަންމެ ބޭނުންވިޔަސް އަމިއްލަ ދަރިފުޅުގެ ހިތާމާގައި އޭނާވީ އެހެން ޖަވާބަށް ފެންބޮވައިގެންފަ އެވެ. އަދި އޭނާ ގަބޫލުކުރާ ގޮތުން ނަމަ އަމިއްލަ ދަރިއާއި އެހެން ކުދިންތަކެއް ވެސް ރަށުން ގެއްލުމާ ގުޅިފައިވާ ހުރިހާ ސުވާލެއްގެ ޖަވާބުވީ އެ ފޮށިގަނޑު ތެރޭގައެވެ.

މިހެން ހިތަށް އަރައި ލޭކައްކުވާލައިގެން ގޮސް މަތިގަނޑު ނަގައި ހޫރުވާލުމަށް ފަހު ފާނޫޒެއް ނަގައިގެން ގެނެސް ފޮށިގަނޑަށް ބާޖިސްކަލޯ އަލިކޮށްލި އެވެ. އޭގެ ތެރެއިން ދެން ވެސް ފެނުނީ ތަގައްލާ ފޮތިގަނޑެއްގައި އޮޅައި ބަންދުކޮށްފައިވީ އެއްޗެކެވެ. ދެން އެ ފޮށިގަނޑު ފުރާލާފައި ވަނީ ކަނޑައިނަގައި ލިޔެފައިވާ ހިރިގަލާއި ބޮއްޔާއި އަދަދުން ކިޔައިދޭން އުނދަގޫވާވަރަށް ގިނަ ސަންގުންނެވެ. ބޯޅައެއްހެން އޮޅާލާފައި އޮތް ތަގައްލާ ފޮތިގަނޑު މި އެއްޗެހިތަކުގެ މަތީގައި ނިކަން ރީއްޗަށް ބާއްވާލާފައި އޮތްއިރު ހިރިގަލާއި ބޮއްޔާއި ސަންގުތަކުގެ ތެރޭގައި ވަޅުލެވިފައި އޮތް ބަކަރިހަންބޮނޑިވަރެއް ފެނެ އެވެ. ރިހި ފޮށިގަނޑުގެ ތެރެއަށް އަތް ކޮށްޕާލައިގެން އެ ބޮނޑިވަރު ނަގައި ފާނޫޒުގެ އައްޔަށް ދިއްކޮށް ނިއުޅުވާލުމުން ފެނުނީ ފައިދިގު އަރަބިތާނައިގެ އެވޭލާ އަކުރުތަކުން ލިޔެ ފުރާލާފައިވީ ފަތްފުށްތަކެކެވެ. އޭގައި ލިޔެފައި ވަނީ ލެއިންނެވެ.

ގޮތްނޭނގޭ އެލިޔުންތަކަށް ބާޖިސްކަލޯ ގެނބެމުން ދަނިކޮށް އޭނާގެ ސަމާލުކަން ދަމައިގެން ގޮސް ފޮށިތެރެއަށް އަލުން ވެއްޓުނީ ތަގައްލާ ފޮތި އޮޅައި ބޯޅައެއްގެ ސިފަޖެހިފައި އޮތް އެތި ތެޅިލިހެން ހީވެގެންނެވެ. ފޮށިގަނޑު ތެރެއިން ކުދިބޮއްޔާއި ސަންގުތައް އެކަތި އަނެކައްޗާ ޖެހި ތެޅެމުންދާ ހިމުން އަޑެއް އޭރު އިވެމުންދެއެވެ. ހީވަނީ ބިންހެލުމެއް އައިސްގެން އޭގެ ލޮޅުމަށް ފޮށިގަނޑާއި އޭގައިވީ ހުރިހާ އެއްޗެއް ތެޅެމުންދިޔަހެންނެވެ. އެއަޑަށް ސަމާލުވެގެން ލަސް ފިޔަވަޅުތަކެއްގައި ކުރިއަށް ޖެހި ބާޖިސްކަލޯ ފޮށިތެރެއަށް ފާނޫޒު ދިއްކޮށްލި އެވެ. އޭރު އޭނާ އަށް ފެންނަނީ ތަގައްލާ ފޮތިގަނޑުގެ ތެރޭގައިވީ އެ އެއްޗެއްގައި ވިންދުޖަހައި ކުއްލިކުއްލިއަށް ހެލެމުންދާ މަންޒަރެވެ. އޭގެ ތެރޭގައި ދިރޭ އެއްޗެއް ބަންދުވެ، ސަލާމަތަށް އެދި ތެޅެމުންދާ ކަހަލަ އެވެ. ހީވަނީ އެތެރޭގައި ބަންދުވެފައި އޮތް އެ އެއްޗެއް ކެހެރީގެ އެ ފޮތިގަނޑު އިރާލައިގެން ނުކުމެދާނެހެންނެވެ.

** ** **

ޖެހިގެން އައީ ސާދަވިލޭރެއެކެވެ. ލޭ ފޭދިފައިވީ ބޮޑު ހަނދު އުދަރެހުން ދައްކައި ބޯމައްޗަށް އަރަމުން ދިޔައިރު ވެސް ކެލިދުރުގޭ ބެއިންނާއި އެމީހުންގެ މުއްފަތުން ކައިގެން އުޅުނުހާ ބަޔަކު ހޭބޯނާރައި އަތްފުނައުއަޅަމުން ދިޔައީ ސުލައިމާނުގެ ދެ އަންހެން ދަރިން ވީތަނަކުން ހޯދައިގެން ސަލާމަތުން ގެއަށް ގެންދިއުމަށެވެ.

ދެ ދަރީން ގޭގައި ނެތް ކަން ދޮންބިބީ އަށް އެނގުނީ ގިފިއްޔަކަށް ޖެހިލާފައި އެނބުރި ދިޔަތަނުންނެވެ. ކިޔަވަން ހުރި ޚަތިމުން އަތްދޫކޮށް ތެދުވިގެން ދިޔައިރު ދެ އަންހެން ދަރިން ޝަހާދަތްކިޔައި ފަލަގް ނާސް ނިންމައި ކުރުސި ކިޔަވަން އެނދަށް އަރައި ތިއްބެވެ. ފުޅިބައްތިއެއްގެ އަލިކަމުގައި މާގެފެލިއަކަށް ތިރިވެލައިގެން އޮތްވައި ދޮންބިބީގެ މޭގަނޑު އަނގަޔަށް އައީ ގިފިލީގެ ކަނަކަށް ވެރިވެފައި އޮތް އަނދިރިކަމެއްގެ ތެރެއިން ރަތް ރީނދޫ ކުލައިގެ ދެ ލޯ ކުއްލިއަކަށް ދިއްލި އަލިފާންހެން އަނދައިގަތުމުންނެވެ. ގަތްބިރާ އެކު ފުޅިބައްތި އެއްލާލާފައި ފުންމައިގެން ތެދުވެ އެތެރެއަށް ވަދެ ގިފިލީގެ ދޮރު ލައްޕައި ބޮޑުތަންޑު އަޅުވައި އެތަނުގައި ދޮންބިބީ މަޑުކޮށްލި އެވެ. ފެނުނު މަންޒަރު ވަހުމަކަށް ވެދާނެ ކަމަށް ގަބޫލުކޮށްގެންނެވެ. މިހެން ހިތަށް އަރައި، ދޮރުކައިރީގައި މަޑުކޮށްލައިގެން އެ ބިރުވެރިކަމަށް ހިތް ތެޅިލަތެޅިލަ އިންދައި ގޭތެރެއިން ދެން އިވުނީ އަންހެން ދެ ދަރިން ހަޅޭއްފަޅޭއްޖަހައިގަތް އަޑެވެ. ހާސްވެފައިވީ ހާލުގައި ދުވެފައި ގޮސް އެދިމާލަށް ބޯދިއްކޮށްލިއިރު އެމީހުން އެތާ ޖެހުނު ލަކުނުވެސް ނެތެވެ. އިރާލައިގެން ވެއްޓިފައި އޮތް މަދިރިގޭގަނޑެއްގައި ލޭހޭކި އިނގިލީގެ ނިޝާންތައް އެޅިފައި ހުއްޓެވެ. އަދި އެނދު ކައިރިއަށް ވެއްޓިފައި އޮތް ޖަންބުމަލަކުން ކަޅު ހިނިތަކެއް ނުކުމެ ލޭގެ ތިކިތަކަށް ޖަމާވަމުންދެ އެވެ.

އެ މަންޒަރަށް ބަލަން ނުހުރެ ރޮއި ހޭރެމުން ދޮންބިބީ ދުއްވައިގަތީ ސައްލާގެއަށް އެއްވެތިބި ކެލިދުރު ބެއިންގެ ގާތަށެވެ. އެކަމަކު ސާދާވިލޭރެއެއްގައި އަރައި ފައްކާވަމުންއެދާ ލޭގެ ހަނދަށް ހެކިކޮށް ބުނަން ޖެހޭނީ ކެލިދުރުގޭ ބެއިންނަށް ދެން ކުރެވޭނެ ހަމަ އެއްވެސް ކަމެއް ނެތޭވެ. އަދި އެމީހުންގެ މައްޗަށް ފާވާން އުޅޭ މުސީބާތުން މިންޖުކޮށްދެވޭނެ އިންސިއެއް އެމީހުންގެ ބިމަކު ނުވާ ކަމެވެ.

** *** **

ނިރޮޅު މުށްގަނޑުލީ ވަޅި އަތަށް ހެޔޮވަރުކޮށްލާފައި މަސްގޮނޑިއެއްގައި އިށީނދެލައިގެން އިނދެ ހުސޭނު ފެށީ އެ ވަޅި ހަނުލާށެވެ. އޭނާ އެގޮތަށް އިށީނދެލައިގެން އިންއިރު އިސްކޮޅުހާ އުސް ހިސާބު މަތިން ފެންނަން އޮތް ދުނބުރި ދަނޑިގަނޑެއްގައި އެލުވާފައިވާ ފުޅިބައްތިއެއްގެ ރަންރީނދޫ ފަނޑުކަމެއް އެތަނަށް ވެރިވެގެން އޮތެވެ. ހުސޭނު އިނީ ހުސްގަޔާ އެވެ. އޭނާގެ ވަށައިގެން ފެންނަ ފާރުތަކަށް ބަލާއިރު އެތަން އެންމެ ވައްތަރީ ކޮނެގެން ހަދާފައިވާ ބިންގަރާހަކާއެވެ. އެކަމަކު އެތަނަށް ވަންނާނެ ދޮރެއް ނުވަތަ ނުކުންނާނޭ ގޮތެއް އަލި އެޅިފައި އޮތް ހިސާބަކުން ފެންނާކަށް ނެތެވެ. ވެލީގެ ފާރުތަކަށާއި ފުރާޅުގަނޑަށް ބާރު ދިނުމަށް އެތަން މިތަނުގައި ދުނބުރި އާއި ފުނަ ތަނބު ވިއްދައި ކައްތިރި ހަދައި ބުރަފަތިކޮށްފައިވާ މަންޒަރު ވަރަށް ރީއްޗަށް ފެނެއެވެ. ހުސޭނު އިށީނދެލައިގެން އިން ގޮނޑި ކައިރީގައި ބަހައްޓާފައި ހުރި މުޅޯއްޓެއް ފުރިގެން ބަންޑުންވެފައި ވަނީ ޖަންބުމަލުންނެވެ.

ހިތްހަމަޖެހޭ ވަރަށް ވަޅި ތޫނުކޮށް ނިމިގެން ހުސޭނު ގޮނޑިން ތެދުވެ ފުޅިބައްތި އެއް ފަރާތެއްގައި އެލުވައިލުމަށް ފަހު މަސްގޮނޑި ވެސް ނަގައި އެއްފަރާތްކޮށްލި އެވެ. އެއަށް ފަހު ބައްތީގެ އަލި ނުފޯރާ ހިސާބަކަށް ގޮސް ގެއްލުމަށް ފަހު އެނބުރި އެ އަލިކަމުގެ ތެރެއަށް އައިއިރު އަތުގައި ހައެއްކަ ކުޅީކުކުޅު އޮތެވެ. ގެންފައިވާ ބިރަށް ފިތްކަނޑައިގެންގޮސް މައިތިރިވެފައިވާ ހެން ހީވާ އެ ކުކުޅުތަކުގެ ފަޔާއި ފިޔަތައް ވަނީ ރޯނުގަނޑަކުން އައްސައިފަ އެވެ.

މި ކުކުޅުތައް ގެނެސް ހުސޭނު ދެން ފެށީ، އެއިން ފަހަރަކު ކުކުޅެއް ނަގައި، ބޯމަތިން ހުރަހަށް ފެންނަން އޮތް ދަނޑިގަނޑުގައި އައްސައި އެލުވާށެވެ. އެގޮތަށް ހުރިހާ ކުކުޅެއް އެލުވައި ނިމުމުން އަނެއްކާވެސް ހުސޭނު ގޮސް އަނދިރިގަނޑަށް ވަދެއްޖެ އެވެ. އެނބުރި އައިސް، ކުރިން އެލުވި ވަލުކުކުޅުތަކާ ދިމާލަށްވާ ގޮތަށް ބިންމަތީގައި އަޅައި ނިއުޅުވާލީ ހިސާބަކަށް ބައުވެފައި އޮތް ތުނޑުކުނާގަނޑެކެވެ. އެއަށް ފަހު ރުލެއް ނެތް މިންވަރަށް އެދާން އޮމާންކޮށްލުމަށް ފަހު ކޮޅަށް ތެދުވެ އެ ތުނޑުކުނަލަށް ބަލަން އިނދެފައި ފުންނޭވާއެއް ދޫކޮށްލުމަށް ފަހު އަނެއްކާވެސް އަނދިރިގަނޑާ ދިމާލަށް އެނބުރިގެން ހިނގައިގަތެވެ. ދެން އެ ދިމާލުން އިވެން ފެށީ އަންހެން ކުއްޖެއްގެ ގިސްލުމުގެ އަޑެވެ. ފުޅި ބައްތީގެ އަލި އެކުއްޖާގެ ގަޔަށް އެޅުނުއިރު ފަން ދިގު އިސްތަށިގަނޑު އަތަށް އޮޅާލައިގެން އޭނާ ބިންމަތީގައި ކޫއްތަމުން ހުސޭނު އަންނަނީ އެވެ. ކޫއްތަމުން ގެނެސް އެންމެފަހުން ދެ އަތް ދަނޑިމައްޗަށް އެ ކުއްޖާ ނަގައި ތުނޑުކުނަލަށް ތިރިވެ އޭގެ މަތީގައި ނިކަން ލޯބިން އޭނާ ބާއްވާލައިފި އެވެ. އެއަށް ފަހު ކައިރީގައި ހުރި ޖަންބުމަލުގެ މުޅޯށި ނަގައި އެ ކުއްޖާގެ މޫނަށް އޮއްސައިލި އެވެ.

ލޯ ބޮޑުކޮށްލައިގެން ތުރުތުރުއަޅަމުން ދާ ހާލެއްގައި ހުސޭނާ ދިމާލަށް ބަލަން އޮތް އެ މައުސޫމުކަމުގައިވީ ރީތިކަމަށް ދަހިވެތިވެފައިވާ ނަޒަރަކުން ބަލަން އިނދެފައި ހުސޭނުގެ ތުންފަތްމަތީގައި ކުޅެލީ ލުއި ހިނިތުންވުމެކެވެ. މި އުފާވެރިކަމެއް މޫނު މައްޗަށް ވެރިވެގެންދިޔައިރު ވެސް ކަޅިޖަހާނުލައި އަންހެން ކުއްޖާއާ ދިމާލަށް ބަލަން އޭނާ ހުއްޓެވެ. މިހެން ހުރެ ހިތްފުރާލައިގެން ކުއްލިއަކަށް ތިރިވެލައިގެން ގޮސް އެ ކުއްޖާގެ މޫނުމަތީގައި ވަރުގަދަ އެތިފަހަރެއް އަޅުވައި ޖަންބުމަލުގެ ތެރެއަށް އޭނާ ދަންމާލި އެވެ. އެއަށް ފަހު ދެކަކޫ ޖަހައި، ގުދުވެލައިގެން އޮވެ އެ އަންހެން ކުއްޖާގެ ލިބާސްގަނޑު ވަޅިއަކުން ކޮށައި ކުދިކޮށް ނަގައި ދުރަށް އެއްލައިލި އެވެ.

ތުނޑުކުނާ މަތީގައި އޮތް އަންހެން ކުއްޖާ އޮތީ ހޭނެތިފަ އެވެ. އެއީ ކެލިދުރުގޭ ބާޖިސްކަލޯގެ ފުރާނަކަމުގައިވީ ބާރަ އަހަރުގެ ޒައިނަބުކާނލޯ އެވެ. ހަށިގަނޑު ކަމީނާވެގެން ގޮސް ކިރިޔާ ސިފައެނގޭ ވަރުވިޔަސް އެ ކުއްޖާގެ ފުރާނަ އަދި އެބަހުއްޓެވެ.

ހޭނެތިފައި އޮތް ޒައިނަބުކާނލޯގެ ފަން އިސްތަށިގަނޑާ ކުޅެން އިނދެފައި ކޮޅަށްތެދުވެ ހުސޭނު ހިފީ ތުނޑުކުނާ މައްޗަށްވާ ގޮތަށް އެލުވާފައިވީ ވަލުކުކުޅުތަކުގެ ތެރެއިން ކުކުޅެއްގެ ކަރުގަ އެވެ. އެއަށް ފަހު، ތޫނުކޮށްފައިވީ މަސްވަޅި އަނެއް އަތުން ގެންގޮސް އޭގެ ކަރުގައި އަޅައި ކަތިލައިފި އެވެ. އެއިން އޮހޮރިގެންދިޔަ ލޭތައް ޒައިނަބުކާނލޯގެ މޫނަށް ވެރުނުއިރު އެލުވާފައިވީ ހުރިހާ ކުކުޅެއް ކަތިލައި އެއިން އޮހޮރެމުންދިޔަ ލެއިން އޭނާ ކަޅިވަނީ އެވެ.

އޭގެ ހޫނާއި ތެތްކަމުގެ ތެރެއިން ޒައިނަބުކާނލޯ އަށް ހޭވެރިކަންވެ ދެ ލޯ ހުޅުވާލެވުނުއިރު ކިޔެވެލިކިޔަވައި ހޯބޯލައްވަމުން އުނުއޮރިޔާމާ ހުރެގެން ހުސޭނު ނަށައި ވަޖިދުވަންނަނީ އެވެ. އެ ހާލެއްގައި އޭނާ ވަނިކޮށް ފިލަން ދުއްވައިގަންނާނެ ހިތްވަރެއް ލިބި ތުނޑުކުނައު މަތިން ތެދުވަން ހިފާލުމުން ޒައިނަބުކާނލޯ އަށް ކިރިޔާ ހިރިލެވުނީ އެވެ. އެވަގުތު ދުނިން ދޫކޮށްލި ތީރެއް ހެން އެނބުރެމުން އައިސް މެޔަށް ވަން ވަޅިއާ އެކު އެކާނލޯގެ އެ ހަރަކާތްވީ އޭނާގެ އެންމެ ފަހު ނޭވާއަށެވެ. އަރުވަމުންދިޔަ ވަޖިދުގަނޑުގެ ތެރެއިން ހޫރާލި ވަޅި ގޮސް ޒައިނަބުކާނލޯގެ މެއަށް ހެރި އޭނާ އަލުން ތުނޑުކުނާގަނޑު މައްޗަށް ހިމޭންވި މަންޒަރު ބަލަން ހުރެފައި ހުސޭނު ގޮސް އަނެއްކާވެސް އެ އަންހެން ކުއްޖާ ކައިރިއަށް ކަކޫ މައްޗަށް ވެއްޓިގަތެވެ. އެއަށް ފަހު މެއަށް ހެރިފައި ހުރި ވަޅި ދަމައި ނަގައިގެން ގެންގޮސް އޭގެ ތުނޑު އެ ކުއްޖާގެ ލަގޮނޑިވަޅުގައި ޖައްސައި ކިޔެވެލިކިޔަވަމުން އެތެރެއަށް ކޮށްޕާލި އެވެ. އެވަގުތު މަސްގަނޑު ކެފިގެންދިޔަތަނުން ބޮކިޖަހާފައި ލޭ އަރައިގަތެވެ. ނަމަވެސް އެކަމަކަށް މާ ބޮޑު ފަރުވާލެއް ނުދީ، ވަޅި ޖަހައި ކޮށްޕާލި ހިސާބުން ފެށިގެން ފޫޅާހަމަ އަށް ދަމާލައި ބަނޑުފަޅައިލުމުން ލެއާއެކު ގޮހޮރުގަނޑު އެތަނަށް ފައިބައިފި އެވެ. ހުސޭނު ދެން ހެދިގަތްގޮތުން ހީވީ ހައިވެގެން ގޮސް ހާންތިވެފައި އޮތް ވަލުޖަނަވާރަކަށް ލޭގެ ތާޒާ ކޯރަކުން މަސްގަނޑެއް ފެނިގެން އަރައިގަނެ ވަކިތަކުން ނޮޅައި އިރައި ކުދިކޮށް ހުސްކޮށްލިހެންނެވެ.

ޒައިނަބުކާނލޯގެ މޭގަނޑު އިރާލައިގެން ދެ އަތަށް ނަގައިގެން ކައި ހުސްކޮށް ކަރުގެ އެންމެ އެތެރެއިން ހުސޭނު ހޭރެމުން ދިޔައިރު ސިފަ ނޭނގޭ ވަރަށް އޭނާގެ މޫނާއި ހަތަރެސްފައިގައިވީ ލެއިން ދުލިލެވިފަ އެވެ. ކުރިމަތީގައި އޮތް ހަށިގަނޑުން އޮހޮރެމުން ދިޔަ ލޭތަކުގެ ތެރެއަށް ދެ އަތްތިލަ ޖަހައި ބަކަތައި އެންމެ ހުތުރު އަޑުން އަޑުނަގައި ހަޅޭލައްވަމުން ގޮސް އޭނާ މައިތިރިވީ އެގޮތަށް އިރުގަނޑެއްވީފަހުންނެވެ. އެއަށް ފަހު ވަރުބަލިކަމުގައި މާނޭވާލަމުން ހަތަރެސް ފައި ޖަހާފައި ދާކަހަލަގޮތަށް ގޮސް ވަޅިން ޖައްސައި ބުރިކޮށް އަތަށް ދަމައިގަތީ ޒައިނަބުކާނލޯގެ ހިތެވެ. ގޮށްމުށެއް ވަރުގެ އެ ހިތުގައި އޭރު ވެސް ވިންދުޖަހަ އެވެ.

މަޑުމަޑުން މާނޭވާލަމުން އެ ކުޑަކުޑަ ހިތަށް ބަލަން އިނދެފައި މުޅޯށި ޖަހައި ކައިރިކޮށް އޭގެ ތެރެއަށް ހުސޭނު އެ ހިތް ވައްޓާލި އެވެ. ދެން އަނެއްކާވެސް އޭނާ އެނބުރިގަތީ ޒައިނަބުކާނލޯއާ ދިމާލަށެވެ. އަދިވެސް ހިތްނުފުރެނީތޯއްޗެވެ. ނުވަތަ އެއްވެސް ކުށެއް ނެތް އެ ކުޑަކުޑަ އަންހެން ކުއްޖާ އަށް ހަދާލެވުނު ގޮތް ފެނި އަމިއްލަ އަށް ހައިރާންވެ އެ އަނިޔާ އަށް ބަލަހައްޓައިގެން އިނދެވުނީ އެވެ. ނަމަވެސް އިރުކޮޅެއްވަންދެން އެ ހުސްކަމެއްގައި ހިމޭންވެލައިގެން ހަރަކާތް ހުއްޓި ހުރުމަށް ފަހު ޒައިނަބުކާނލޯއާ އިތުރަށް ގާތަށް އޭނާ ޖެހިލި އެވެ. ދެން ކަފައި ނަގަން ފެށީ އެ ކުއްޖާގެ މޫނެވެ.

** ** **

ސުލައިމާނުގެ ދެ ދަރިން ތިބީ ކަނަކަށް ވަދެ ފިލަ އެވެ. އެތަނަށް ވެރިވެފައި އޮތް ކަނުއަނދިރީގައި ހިރިލަން ވެސް ނުކެރި، ގިސްލަން ވެސް ނުކެރިފަ އެވެ. އެހެން ތިއްބައި މާ ދުރުން ދައްކާލި ފުޅިބައްތިއެއްގެ އައްޔާއެކު ދެ ކުދިން އެކަކު އަނެކަކާ ގާތަށް ޖެހި އޮޅުލައި ބައްދައި ތުރުތުރުއަޅަން ފަށައިފި އެވެ. ފުޅިބައްތި ހިފައިގެން ދުރުން އެ އަންނަ މީހަކީ ކާކުކަން އެ ކުދިންނަށް އެނގޭ ކަހަލަ އެވެ. ނަމަވެސް ކުރިމަތިން އެ އަންނަ ބިރަށް ފިލަން ދުވާނޭ ތަނެއް އެމީހުންނަކަށް ނުފެނެ އެވެ. އެ މީހަކު ކައިރިވަމުން ދިޔަ ވަރަކަށް އެ ކުދިން ކަނަށް ވަދެ ކުޑަވެވުނު އެންމެ ކުޑައެއްވަމުން ގެންދިޔައީ އެނޫން އެހެން ގޮތެއް ނެތީމައެވެ. އެކަމަކު އެންމެފަހުން ފުޅިބައްތީގެ އަލި އައިސް އެމީހުންނާ އަރައި ހަމަކޮށް އެ ދެ ކުދިންގެ މޫނުމައްޗަށް ވެރިވަމުން ދިޔަ ހުރިހާ އިހްސާސެއް ހާމަކޮށްލި އެވެ. އޭރު އެ ދެ އަންހެން ދަރިން ރޯމަހެއް ފަދައިން ތުރުތުރުއަޅަމުންދަނީ އެވެ.

ފުޅިބައްތި ހިފަހައްޓައިގެން ހުރިގޮތުން އެ މީހެއްގެ މޫނަށް ވަނީ ހިޔަނިއެޅި ފޮރުވިފަ އެވެ. އޭނާގެ މޫނު ފެންނަވަރުވީ ކައިރިއަށް އައިސް ދެ އަންހެން ކުދިންގެ ކުރިމަތީގައި އުޑަފައިން އިށީނދެ ފުޅިބައްތި ބިންމަތީގައި ބެހެއްޓުމުންނެވެ. އެއީ ހުސޭނުކަން އެނގެނީ އޭނާގެ އަނެއް އަތުގައި އޮތް ނިރޮޅު މުއްގަނޑުލީ ވަޅިއާ ހެދި އެވެ. ނަމަވެސް ފުޅިބައްތީގެ އަލި އެޅިފައިއެވާ މޫނަކީ ހުސޭނުގެ މޫނެއް ނޫނެވެ. އަދި ދެ އަރިމަތިން ކޮނޑުމައްޗަށް ވެއްޓޭ ވަރަށް ދިގުކޮށް އޮންނަ ފަން އިސްތަށިގަނޑެއް ވެސް ހުސޭނުގެ ނޯންނާނެ އެވެ.

އޮރިޔާމުން ހުރި މިި ފިރިހެން މީހާގެ މޫނުގައި ހަރުކޮށްފައިވާ ޒައިނަބުކާނލޯގެ މޫނު ފެނި ސުލައިމާނުގެ ދެ އަންހެން ދަރިން ފިތްކަނޑައިގެން ހިނގައްޖެ އެވެ. އަދި ރޮއި ހޭރި ސަލާމަތަށް އެދި ތެޅިގަނެވިއްޖެ އެވެ. އޭރު ޒައިނަބުކާނލޯގެ މޫނު އަޅައިގެން ހުރި ހުސޭނު ޗަކަޗަކަލާފައި ހުތުރުފާޑަކަށް ހެމުންގެންދެ އެވެ. އެގޮތަށް ބިނދެބިނދެމުން ގޮސް އެންމެފަހުން ކުއްލިއަކަށް ފުންމައިގެން އައިސް ދެ އަންހެން ކުދިންގެ ފައިގައި ހިފައި ކޮޅަށް ތެދުވެ އެމީހުން ދަމައި ކޫއްތަމުން ދުރަށް ހިނގައިގަތެވެ. އޭނާ ގެނައި ފުޅި ބައްތި، ބެހެއްޓި ތަނުގައި ބެހެއްޓި ގޮތަށް އޭރު ވެސް ހުއްޓެވެ. ދެ އަންހެން ކުދިން ދަމާފައި ހުސޭނު އެ ދަނީ އޭނާގެ މި ބިންގަރާހުން ބޭރަށް ނުކުތުމަށެވެ.

ބޭރަށް ނުކުމެވުނުއިރު ހަނދުވަރުގެ އަލިން މުޅި ހިސާބުގަނޑު އޮތީ ދިއްލައިފަ އެވެ. އެއީ ބޮޑުކުޅީގެ އެންމެ ބޭރުގައިވީ އުސްބިންގަނޑެކެވެ. މާހުއިތަކުގެ ތެރެއިން މައްޗަށް ނަގައި ހުޅުވާލެވޭ ކަހަލަ ގޮތަކަށް އޮނުން ބަނދެފައިވާ ދޮރުފަތްގަނޑެއް ހުޅުވައި އެއް ފަރާތަކަށް ވައްޓާލުމަށް ފަހު ބިންގަރާސް ތެރެއިން ހުސޭނު ނުކުމެގެން އައިއިރު އަރައިގެން އައި ސާދަވިލޭރޭގެ ރަތް ހަނދު ހުރީ ސީދާ ބޯމަތީގަ އެވެ. ލަސްނުކޮށް ހުސޭނު ފެށީ ދަމާފައި ގެނައި ދެ އަންހެން ކުދިން ކަތިލާނެ ތަނެއް ހޯދައި އެ މަސައްކަތް ފެށުމަށެވެ. އޭނާގެ މި ލޭ އޮހޮރުވުމަށް ބޭނުންވަނީ ޖަންބުގަހެކެވެ. އަދި އެ ޖަންބުގަސް ހުރި ހިސާބެއް އޭނާ އަށް ރަނގަޅަށް އެނގޭތީ އެވެ. ތެޅެމުންފޮޅެމުން ދެ އަންހެން ކުދިން ކޮނޑަށް ލައިގެން ހުސޭނު ދެން ދުއްވައިގަތީ އެ ގަސްދޮށަށް ދިއުމަށް ރަށާ ދިމާލަށެވެ.

***

ކޮނޑުން ނަގައި ގަސްދޮށަށް އެމީހުން އެއްލާލުމަށް ފަހު އަތުގައި އޮތް ރޯނުގަނޑުން ދެ މީހުންގެ ފައި އައްސައި ގޮފިގަނޑެއްގައި އުނގުރުވަތަށް އެލުވައިފި އެވެ. އެހިސާބުން އެހެން އެއްވެސް ބައެއްގެ ހިލަމެއް އޭރަކު ނުވެ އެވެ. ހީވަނީ ކުރިމަތިވާން އުޅޭ މުސީބާތަށް ބިރަށް އެންމެން އެމީހުންގެ ހޮރުތަކަށް ވަދެ ފިލައި ތިބިހެންނެވެ. ޖަންބުގަސް ދޮށުގައި ހުސޭނު މަޑުކޮށްލައިގެން ހުރިއިރު އެތަނުގައި އެލުވާފައިވާ އަންހެން ކުދިންގެ ބޮލާއި އޭނާގެ ބޮލާ ދެމެދުގައި ހުރީ ކައިވަތެއްގެ ދުރުމިނެވެ. ސުލައިމާނުގެ ދެ އަންހެން ދަރިން ސަލާމަތަށް އެދި ތެޅެމުން ދިޔަ ނަމަވެސް ފަހުނޭވާ އައިސް އެމީހުންނާ އަރާ ހަމަކުރަން ހުރިހާ ކަމެއް ތައްޔާރުކޮށް ނިމުނީ އެވެ.

ކިޔެވެލިތައް ކިޔަވަމުން ގޮސް ހުސޭނު އެންމެފަހުން އެ ދެ އަންހެން ދަރީންގެ ކަރުގައި ވަޅި އަޅައި ކަތިލައިފި އެވެ. އެއަށް ފަހު، މޫނުގައި އަޅައިގެން އުޅުނު ޒައިނަބުކާނލޯގެ މޫނުގަނޑު ނަގައި އެއްލާލުމަށް ފަހު ހުސޭނު ގޮސް މަޑުކޮށްލީ އޮހޮރެމުންދިޔަ ލޭތަކުގެ ތެރޭގަ އެވެ. އޭރު އޭނާގެ ދެ ލޮޮލަށް ރަން ރީނދޫ ކުލައެއް ވެރިވެ ދިއްލެމުންދެ އެވެ. އަދި ނިތްކުރިއާއި ހަތަރެސްފައިގައި އުންތަކެއްހެން ހީވާ އެއްޗެހިތަކެއް ފުފިގެން އަރައި ކުދި ދަޅުތަކަކަށް ބަދަލުވަމުންދެއެވެ. އޭނާގެ ނިތްކުރީގެ ދެ ފަރާތުން ފަޅައިގެން ބޮޑުވަމުން ދިޔަ ދެ ދަޅު، ބޯމަތިން ގޮސް ފަހަތަށް ބަޅުވެ އެނބުރެމުން ދިގުވަމުންދިޔައިރު ޖަންބުގަހުގައި ފޮޅިފައިވީ ހުރިހާ މާތަކެއް ފިޔާތޮށި އައްޔަކުން ދިއްލި، ހިމަ ނަރުތަކެއްހެން ހީވާ އެ ފިޔަތައް އޭގެ ކަރުގަނޑުން ވަކިވެ ކުދި އެތިކޮޅުތަކަށް ބަދަލުވެ ކުނޑިވަމުން ވަޔާއެކު އެނބުރެމުން ގޮސް ހުސޭނުގެ މެޔަށް ވަންނަނީ އެވެ. މުޅި އެ ތަން އޭރު އޮތީ މަޑުފިޔާތޮށި ކުލައަކުން ދިއްލިފަ އެވެ.

-------------------

އެޑިޓަރުގެ ނޯޓް: މި ރޯދަ މަހަށް ހާއްސަކޮށްގެން ގެނެސްދޭން ހަމަޖެހިފައިވީ "ކުޅި ކިސަޑު ލޭ" ގެ ބައިތަކަށް މިހައި ހިސާބުން ނިމުން އައީ އެވެ. ޖުމްލަ 15 ޗެޕްޓަރުގެ މައްޗަށް އެކުލެވޭ މި ވާހަކައިގެ ފޮތް ވަރަށް އަވަހަށް ނެރުމަށް ވަނީ ހަމަޖެހިފަ އެވެ.

Popular