17 Jul 2018

ދުރުގައި ވިޔަސް

ދުރުގައި ވިޔަސް

* ޖުލައި 14 ވަނަ ދުވަހުގެ ބަޔާ ގުޅޭ ...

"އެއީ އަހަރެމެންގެ ބައްޕަ. އޭނާއަށް ލިބިފައިހުރި މުދަލުން އަހަރެމެންނަށް އެހީވާހެން ބަޔަކަށް ހީވިއަސް އެއީ ހުސް ދެއްކުންތެރިކަން، ޚަރަދު ކުރަނީ ފަޟީހަވެދާނެކަމުގެ ބިރަށް، ޚަރަދު ނުދީފިއްޔާ ކޯޓަށް ދާނަމޭ މަންމަ ބުނެގެން، ވާޖިބު އަދާކުރުމުގެ ނިޔަތަކު ނޫން. އަހަރެމެންގެ ނިކަމެތިކަމަކުން ދިން ހިޔާވަހިކަމެއް ނޫން މިއީކީ، ބައްޕަ އާއި އެއް ފުރާޅެއްގެ ދަށުގައި އަހަރެމެން ބައިތިއްބަން ލަދުގަންނާތީ މިތަން ހިފައިދިނީ،" ނިކްހާއަށް ފެނުނީ އުނޭސްގެ ދެލޯ ފުރިގެން ދިޔަތަނެވެ. ހިތްވަރާއި އެކު ކަރުނަ ތައް ހިފަހައްޓާލައިގެން ހުރެ ލަސްލަހުން ކިޔައިދެމުން ދިޔަތަނެވެ. ނިކްހާގެ ހިތް އަނެއް ފުށަށް ޖަހައިލި ފަދައެވެ. ދާދި ދެންމެ އަކު، ރުޅި އައިސްގެން ކެކި ކެކި ހުރި ނިކްހާގެ ރުޅިގަނޑު ފިނިވެގެން ދިޔައެވެ.

އާނާ ދެއަތުން މޫނު ފޮހެލާފައި އުނޭސް ކައިރީ ދާން ހިނގާށޭ ބުނެލިއެވެ. ނިކްހާ އިސްޖަހައިލީ ލަދުން އެމީހުންގެ މޫނަށް ބަލާނެ ހިތްވަރު ނެތިގެންނެވެ. އޭނަ އާއި ދުރަށް އުނޭސް ހިނގައިގެންކަން އެނގުނެވެ. ދޮރު ލެއްޕުނު އަޑަށް ނިކްހާ ބަލައިލިއެވެ. އޭނާއަށް ސިފަވީ އާނާ ހިތުގަ ޖެހިފައި އިން ވަރެވެ. ދުލަށް އައިހާ އެއްޗެއް ގޮވާލެވުނީ ވިސްނާ ނުލައެވެ.

ކޮޓަރިއަށް ދާން އެނބުރު ތަނާއި ފެނުނީ ސިޑި ކައިރީ ހުއްޓި ހުރި ނިމާލްއެވެ. ނިމާލްގެ ދެލޯ ހުއްޓިފައި ހުރީ ނިކްހާއަށެވެ.

"އަހަރެން ބުނީމެއްނު ކެތްކޮއްލާށޭ ހަމަސް ވަންދެން.." ނިމާލްގެ އަޑުގައި ހުރީ މަޑުމައިތިރިގޮތެކެވެ. "ސޮރީ." ނިކްހާއަށް ހެދުނު ގޯސް އިހްޞާސްވިއެވެ.

"ދެވަނަ ފަހަރަށް ތިހެން އަހަރެން ކުރިމަތީ ބުނަން ޖެހޭވަރުގެ ކަމެއް ނުކުރާތި" ނިމާލް އަމުރުވެރިގޮތަކަށް ބުނެލިއެވެ. ނިކްހާ ބޯޖަހާލިއެވެ.

***

މޭޒުމަތީގައި ހުރި ދެތަށި ކޮފީން އާވިއަރަމުން ދިޔައެވެ. މޭޒުގެ އެއްފަރާތުގައި އިން ނިމާލް އިނީ އޭނާގެ ކުރިމަތީގައި އިން ޝަކީލްއަށް ބަލާށެވެ. އުނޭސް އަކީ އޭނާގެ ދަރިއެއްތޯ ސުވާލު ކުރި ހިސާބުން ހިމޭންކަން އިޚްތިޔާރުކުރި ގޮތަށެވެ. ސުވާލުގެ ޖަވާބު ދޭން ބޭނުން ނުވާ މީހެއް ފަދައިންނެވެ.

"އަހަންނަށް އަބަދުވެސް ފެންނަނީ ޝަކީލް އާއި ރަމްލާ، ދަރިއަކު ހުރިކަމެއް ނޭނގޭ" ޝަކީލް ޖަވާބު ނުދޭނެހެން ހީވެގެން ނިމާލް ބުނެލިއެވެ.

"އެއީ ރަމްލާގެ ކުދިންނެއް ނޫން..." އެތައް އިރެއްގެ ހިމޭންކަމަށްފަހު ޝަކީލް ބުނެލިއެވެ.

"އެނގެއޭ، އެކުދިންގެ މަންމަ އަކީ ޒައިނަބު ކަން، ޒައިނަބު އާއި ޝަކީލް އިނީ ކޮންއިރަކު؟" ނިމާލް އަހައިލިއެވެ. އެކުވެރިޔާގެ އަމިއްލަ ދިރިއުޅުމުގެ ކަންތައް ނޭނގޭވަރު އިހްޞާސްވީ މިއަދެވެ. ޝަކީލް އާއި ފުރަތަމަ ދިމާވީ ވިޔަފާރި ދަތުރެއްގެ ތެރެއިންނެވެ. ދެމީހުންގެ އެކުވެރިކަން ބަދަހިވީ ނިމާލްގެ ވޮލެޓް މަގުމަތިން ބޔަކު ފޭރިގަތުމުން ހޮޓެލްގެ ފައިސާ ނުދެއްކިފައި ހުރި ވަގުތެއްގައެވެ. ޝަކީލް ހުރީ ހަމަ އެ ހޮޓަލުގައެވެ. އެހީތެރިކަން ފޯރުކޮށްދީ އެކުވެރިކަމަށް އަތް ދިއްކުރީ ޝަކީލްއެވެ. ދޭތެރެއަކުން ވިޔަފާރިން ބޭރުގައި ދެމީހުން ދިމާވެއެވެ. ޝަކީލްގެ ގެއަށްވެސް ގެންދިޔައެވެ. ނިމާލްއަށް ފެނުނީ ރަމްލާއެވެ. ބޮޑު ގެއެއްގައި މި ދެމަފިރިން އެކަނި އުޅެނިކޮށެވެ.

"ރަމްލާ އާއި އިނުމުގެ ކުރިން..." ޝަކީލްގެ ޖަވާބު އަހާފައި ނިމާލްއަށް ބުމަ އަރުވާލެވުނެވެ. އެއީ ނިމާލް އާއި އެކުވެރިކަން ބަދަހިވުމުގެ ކުރިން ނިމިފައި އޮތް ކަމެއްކަން އެނގުނީ ދެނެވެ.

"ޒައިނަބަކީ މަންމަމެންގެ ހޮވުން. ޒައިނަބު އަހަންނަށްވުރެ ނުވަ އަހަރު ދޮށީވާނެ، އަހަރެމެންގެ ކައިވެންޏަށް ދެކުދިން ލިބުނު ފަހުން ދިމާވީ ރަމްލާ އާއި، އޭނާއަށް އެނގޭނެ ދެކުދިންނާއި އަތްބަކު ހުރިކަން، އޭރު އަހަރެން އުޅުނީ ކަސްޓަމްގެ ވަޒީފާގައި، ވިޔަފާރިއަކީ ކޯއްޗެއްކަން އަހަންނަކަށް ނުވެސް އެނގޭ. ރަމްލާ އަކީ ރަންގަނޑެއްކަން އެނގުމުން އަހަރެން ހުރިހާ އެއްޗެއް ދޫކޮށްލީ، މާލޭގައި ގެދޮރު ހުރޭ، މައިންބަފައިންގެ މުދާ ގިނަ، ރަމްލާގެ ބައްޕަ ފަށާފައި އޮތް ވިޔަފާރި އަހަންނަށް ހިބަކުރީ ރަމްލާ އާއި އިންނަ މަތިން. ޒައިނަބު އާއި ދެކުދިން ދޫކޮށްލީ ދެވަނަ އަތްބެއްގެ ގޮތުގައި އިންނަން ރަމްލާ ބޭނުން ނުވެގެން، އަހަރެން އުޅެނީ ރަމްލާގެ ގޭގައި، ޒައިނަބު އާއި ކުދިން ތިބީ އަހަރެންގެ ގޭގައި، މިދިޔަ އަހަރު ގޭ ހަދަންވެގެން ކުއްޔަށް ތަނެއް ހިފާފައި ބަދަލުކުރީ، އެކަމަކު އެތަނުން ނިކުންނަން އަންގާވަރުން ތިގޭ ހިފަންޖެހުނީ.." ޝަކީލް ހާމަކުރީ ކިޔައިދެން ބޭނުން ނުވާ ސޮފްހާތަކެވެ.

"ކައިވެނި ރޫޅުމަކުން ދަރިން ނިކަމެތި ވެގެން ނުވާނެ، އަދި ދަރިންދެކެ ވާ ލޯބި ނެތިގެން ގޮސްގެން ނުވާނެ، އެކުދިން ޝަކީލް ދެކެ ވަރަށް ލޯބިވާކަން އަހަންނަށް އެނގޭ..." ނިމާލް ހަނދާނަށް ގެނައީ ކުރީ ރޭ އުނޭސްއަށް ބުނެވުނު އެއްޗެއްގެ ސަބަބުން އުނޭސް ދެއަތުން އޭނާގެ ގަމީހުގައި ހިފައިގެން މަންޒަރެވެ. ބައްޕަގެ ނަން ކީ ވަގުތު އެ ދެލޮލުގައި އުފެދުނު ރިހުމެވެ. ބައްޕައަށް މަލާމަތްކުރުމުން ލޭ ކެކިގެން އައި ގޮތެވެ. ހިތުގައި ރުޅިވެރިކަމާއި ހަސަދަވެރިކަން ކުރިލައި ހެދެނީ ރިހުން ފޮރުވަން މަސައްކަތްކުރާ ހިސާބުންނެވެ.

"އެނގޭ އެކަން، އެކަމަކު އަހަރެން ބޭނުމެއް ނޫން އެއްވެސް މީހަކަށް އެނގޭކަން. އެންމެންވެސް ދަންނަ ޝަކީލް އަކީ ދަރިއަކު ހުންނަ މީހެއް ނޫން، ވިޔަފާރި އެކަނި ކޮނޑަށްލައިގެން ކުރިއަށްދާ މީހެއް، އަހަންނަށް ލިބޭ ރީތިކަން ގެއްލިގެންދާނެ ފިރިހެން ދަރިއަކު ހުންނަ ހިސާބުން، އެންމެން އަހަން ފަށާނެ ވިޔަފާރީގައި އޭނާ ބައިވެރި ނުކުރާ ސަބަބު، ދެން އާނާ، އަންހެންދަރިއަކު ހުރެގެން ގަންނަން ޖެހޭ ހުރިހާ ލަދެއް އަހަންނަށް ލިބުނު އޭނާގެ ފަރާތުން، އަންހެން ދަރިންނަކީ އޭގެ ފަރާތުން އެއްވެސް މަންފާއެއް ވާ ބައެއް ނޫން." ޝަކީލްއަށް ބަލަން އިން ނިމާލް ހައިރާންވީ ޝަކީލްގެ ވިސްނުން ހުރިގޮތުންނެވެ.

"ދަރިންނަކީ ހުރި ލަދެއް ނޫން. އަންހެންދަރިންގެ ފަރާތުން މަންފާއެއް ނުވާކަމަށް ބުނުމަކީ ކަނޑައެޅިގެން ދޮގެއް، ގިނަ ބަޔަކު ހީކުރަނީ އަންހެންކުދިންނަކީ ވިޔަފާރި ކަންތައް ނުކުރެވޭ ބައެކޭ، ލުކް އެޓް މައި ޑޯޓާރ، އަހަރެންނަށް ނުކުރެވުނު އެތައް ކަމެއް ފުރިހަމަކުރީ ނިކްހާ، ދެން އެހުރީ ނަހީކު، އޭނާއަށްވެސް ދާން ބޭނުން ދާއިރާއަކުން ކުރިއަރަން ފުރުޞަތު ދިނުމުން ހިތްހަމަޖެހިފައިހުރެ ދާންފެށި، ގޯސްމަގަކުން ނުދޭ، ދަރިން ބަޔަކަށްވާނީ އޭގައި މައިންބަފައިންގެ ރޯލް ބޮޑުވި ވަރަކަށް، އުނޭސް އަކީ ގޯސްކުއްޖެއް ނޫން ކަންނޭނގެ، އޭނާއަށް ފުރުޞަތު ތަކެއް ލިބެންޖެހޭނެ، ޝަކީލްގެ ކުންފުނިން ދަރިންނަށް ޖާގައެއް ނެތް ނަމަ ތިއީ ބޭކާރު ތަނެއް،" ނިމާލް ވިސްނައިދެން ފެށިއެވެ.

"އަހަރެން މުއްސަނދިވީ އަމިއްލަ މަސައްކަތުން. ރަމްލާގެ ބައްޕަ ކުރި ވިޔަފާރި ފުޅާކުރީ އަހަރެން އަމިއްލައަށް، ކުންފުންޏަކަށް ބަދަލުކުރީ އަހަރެންގެ މަސައްކަތުން. މިހާ ހިސާބަށް ގެނެސް ދަރިންނަށް ކުރެޑިޓް ދޭން އަހަރެން ބޭނުމެއް ނޫން. އޭނަ ކައިރީ ބުނެފިން އެހެން ތަނަކުން ވަޒީފާ ހޯދާށޭ، ނޫނީ ކަމެއް ފަށަން ލޯނެއް ދެވިދާނެއޭ، އެ ދެގޮތްވެސް އޭނާ ބޭނުމެއް ނޫން." ޝަކީލްގެ މޫނުމަތިން އެވާހަކަ ދައްކަން ނުރުހޭ މިންވަރު ހާމަވެއެވެ.

" އެހެންވީއިރު ފުރަތަމަ އާނާގެ އޮޕަރޭޝަން ކޮށްދެންވީނު، އަހަންނަށް ޔަޤީން އިތުރު މީހެއްގެ އެހީ އާއި ނުލައި ޝަކީލްއަށް އެ ޚަރަދު ކުރެވޭނެކަން. އާނާ ރަނގަޅުވި ދުވަހަކުން އުނޭސް ވަޒީފާއަށް ދާނެ.." ނިމާލް އަށް ފެނުނީ ޝަކީލް މޫނު އަނެއްފަރާތަށް އަނބުރާލިތަނެވެ. "އަހަރެން އަތުން އެންމެ ފައިސާއެއްވެސް އެކަމަކަށް ނުދޭނަން. އެއީ އަމިއްލައަށް ކުރިކަމެއް، އޭނާ ކުރި ކުށަށް އެ އަދަބު އަދި ކުޑަ، އަހަރެން ލަދުގެންވަރެއް ނޭނގޭނެ އެއްވެސް މީހަކަށް، ނުކުރާ މުޑުދާރުކަމެއް ނެތް، އުމުރަށްވެސް އެ ގޮނޑީގައި އިނުން އެންމެ ރަނގަޅުވާނީ، ނޫނީ ފިޔަފަޅައިގެން ދުއްވައިގަންނާނީ ކޮން ދިމާލަކަށްކަމެއް ނޭނގޭނެ، " ޝަކީލް ރުންކުރު ރާގަކަށް ބުނެލިއެވެ. ޝަކީލް ތަކުރާރުކޮށް އޭނާގެ ނަން އާނާ ހަޑިކޮށްލިކަމަށް ބުނާ ކަންތަކާއި މެދު ސުވާލު އުފެދުނެވެ. އެކަމަކު ޝަކީލް އާއި އިތުރު ސުވާލެއް ކުރަން ބޭނުން ނުވީއެވެ. ނިމާލް ދަތްދޮޅީގައި އަތް ޖައްސާލައިގެން އިނެވެ. އިތުރަށް ޝަކީލްއަށް ވިސްނައިދޭން ބުނާނެ އެއްޗެއް އޭނާގެ ސިކުނޑިއަކަށް ނާދެއެވެ. ނިމާލް މި ހުރިހާ ދުވަހު އުނޭސް އާއި މެދު ދެކުނީ ވަރަށް ތަފާތު ގޮތަކަށެވެ. ހުންނަ ސިފައަށް ބަލާފައި އެތައް ޝައްކެއް ކުރެވުނެވެ. އެކަމަކު މިއަދު އެއީ އޭނާގެ ބައްޕަގެ އިހުމާލުން އުޅޭ ގޮތްކަން އެނގުމުން ދެރަވިއެވެ. އެންމެ ދެރަވީ އާނާގެ ބޭސްފަރުވާއަށް އެހީ ހޯދަން އައުމުން ވިސްނައި ނުލައި ބޭރުކޮށްލެވުނު ކަންތައް ހިތަށް އަރާފައވެެ. ** ** އިރުއޮއްސެން ކައިރިވުމުން ނަހީކު ޓެރަސް އެރިއެވެ. ލައިގެން ހުރި ޖެކެޓް ޖީބުގައި ސިއްރުން އަތް ޖައްސާލިއެވެ. އާނާއަށް ގެނައި މާ އޮތްތޯ ޔަޤީންކޮށްލަންވެގެންނެވެެ. މިގަޑީގައި އާނާ އެތަނުގައި އިންނާނެކަން ޔަޤީންވާތީ ކޮންމެ ދުވަހަކުވެސް މި ވަގުތުކޮޅު ޚާއްސަ ކުރަނީ އާނާއަށެވެ. މިއަދު ޓެރަސް އޮތީ ފަޅުކޮށެވެ. އޭނާ އައުމުގެ ކުރިން އާނާ އެތެރެއަށް ވަނީބާއޭ ހިތަށް އެރިއެވެ. ދެން ޖީބުން ފޯނު ނަގައި ބަލައިލެވުނީ ގަޑިއަށެވެ. ހައެއް ޖަހަނީއެވެ. އެހާ އަވަހަށް އާނާ އެތެރެއަކަށް ނުވަންނާނއެވެ. މިއަދު ނުނިކުންނަނީއޭ ބާއޭ ހިތަށް އެރިއެވެ. ނަހީކު ގޮނޑިއެއްގައި ޖައްސާލިއެވެ. އޭނާގެ ނަޒަރު ހުއްޓިފައި ހުރީ ދޮރަށެވެ، އާނާ ނިކުންނާނެކަމަށް ހިތް ބުނަމުން ދިޔައެވެ. އިރުގެ އަލިކަން އޮއްސި އަނދިރިވެގެން ދިޔައެވެ. ރަތްވިލާގެ އަސަރު ފިލައިގޮސް އުދަރެސް ކަޅުވި ވަރަކަށް ފާޅުވާން ފެށީ ތަރިތަކެވެ. ގުނާ އަދަދު ނުކުރެވޭހާ ގިނަ ތަރިތަކުން އުޑުމަތި ފުރާލިއެވެ. މައްޗަށް މޫނު ނަގައި އުޑާއި ދިމާލަށް ބަލަން އިން ނަހީކު ތުރުތުރުލާން ފެށީ ޖެހެމުން ދިޔަ ފިނި ރޯޅިތަކުންނެވެ. ފިނި ރޯޅިތައް ގިނަވެ އުޑުމަތި މަޑުމަޑުން ބަނަވަމުން ދިޔައެވެ. ތަރިތައް ފޮހެލައި އުޑުމަތި ރަތްވެގެން ދިޔައެވެ. މޫނަށް ފެންތިއްކެއް ޖެހުމުން ނަހީކު ދިޔައީ ސިއްސައިގެންނެވެ. ވާރޭ ވެހެން ފެށީއެވެ. އިތުރަށް މަޑު ނުކުރެވޭނެހެން ހީވުމުން ތެދުވެގެން ދަމުންވެސް ބެލީ އެ ދޮރާއި ދިމާލަށެވެ، އެއީ ހަމައެކަނި އެތެރެއިން ހުޅުވޭގޮތަށް އިން ދޮރެކެވެ. އޭނާއަށް ތިރިއަށް ދާންޖެހޭނީ އަރިމަތީގައި އިން ސިޑިންނެވެ. ލައިގެން ހުރި ގަމީސް ބާލައި ޝަފީނާގެ އަތަށް ދީފައި ނިމާލް ގޮސް އެނދުގައި އޮށޯތެވެ. ބާލީހުގައި ބޯ އަޅާލާފައި އެއް އަތް ނިތްކުރީގައި ބާއްވާލިއެވެ. ގަމީސް އަލަމާރީ ތެރެއަށް ލާފައި ޝަފީނާ އެނބުރުނެވެ. "މި ސްލިޕް ކޮޅު ފެނުނީމައި އަހަރެން ހީކުރީ މިއީ އަހަންނަށް ގަނެދޭ އެއްޗެއް ކަމަށް.." ޝަފީނާ ނެގީ ހާރު ގަންނަން އޯޑަރު ދިން ސްލިޕްކޮޅެވެ. ނިމާލް އެދިމާލަށް ބަލައިލިއެވެ. ޝަފީނާގެ އަތުގައި އޮތް ސްލިޕްކޮޅު ފެނިފައި އޭނާ ހިންދިރުވައިލީ ސިއްރުންނެވެ. "މި ހާރު އެރޭ ޖަންނަތުގެ ކަރުގައި އޮތީ، އަހަންނަށް އެނގޭ، " ޝަފީނާ އައިސް އެނދުގައި އިށީނެވެ. ނިމާލް ކަޅި ޖަހައިނުލައި ޝަފނާގެ މޫނަށް ބަލަން އޮވެވުނެވެ. އޭނާ ހީކުރީ ޝަފީނާ ރުޅި އަންނާނެކަމަށެވެ. ޝަކުވާ ކުރާނެ ކަމަށެވެ. އެކަހަލަ އެއްވެސް އަސަރެއް އެ މޫނުމަތިން ފެންނާކަށް ނެތެވެ. "އެރެެއަށް ލާނެ ރީތި ހެދުމެއް ނެތިގެން އެކުއްޖާ އުޅެން ހެދީމައި އަހަރެން ބުނީ ހެދުމެއް ގަނެދޭނަމޭ، ދެން ހެދުމަކުން އެކަނި އަންހެންކުއްޖަކަށް ނުފުދޭނެކަން އެނގޭތީ ހާރު ގަނެދިނީ، އެއީ ދުރު ކުއްޖެއްވެސް ނޫން، ދޭއިރު ރަނގަޅު އެއްޗެއް ދޭން ބޭނުންވާތީ އަގުބޮޑު އެއްޗެއް ގަނެދިނީ، އެކަހަލަ ހާރެއް ބޭނުންތަ؟" ނިމާލް ޝަފީނާގެ ބުރަކަށީގައި ފިރުމާލިއެވެ. "އުހުން." ޝަފީނާ ދެކޮޅު ހެދިއެވެ. އިތުރަށް އެއްޗެއް އަހާނެކަމަށް ނިމާލް ހީކޮށްގެން އޮއްވާ ޝަފީނާގެ ފަރާތުން ފެނުނީ ހިމޭންކަމެވެ. "ކިހިނެއްވީ؟" ނިމާލް އަކަށް ނޯވެވުނެވެ. "އަހަރެން ބޭނުން އެގެއަށް ދާން، ބޭބެ ވަރަށް ބަލިވެ އުޅެނީ،" ޝަފީނާ އަޑު ކުރަކިވެގެން ދިޔައެވެ. "އަހަރެން މަނައެއް ނުކުރަން ދުވަހަކުވެސް، ޝަފީނާ އަމިއްލައަށް ނުދާންފެށީ، މައްސަލަ ޖެހުނީ އަހަންނާއި ތޮލްހަތު އާއި ދެމެދު، އެކަމަކު މިހާރު އެކަމެއް ނެތް ހިތަކު، އަހަންނަށްވެސް އެނގޭ ބަލިވެކަން އުޅެނީ، ޖަންނަތު ދެފަހަރު އެހީ ހޯދައިފި، ދެވަނަ ފަހަރަށް އެހީ ދީފައި އަހަރެން ބުނެފިން އެބައި ނުދެއްކިއަސް އެންމެ ރަނގަޅުކަމަށް، " ނިމާލް ގެ މޫނަށް ބަލަން އިނދެފައި ޝަފީނާ އަށް ރޮވުނެވެ. އޮފީސް ނިންމާފައި ވަން ނިކްހާއަށް ފެނުނީ ބަދިގެ ތެރޭގައި މަންމަ މާ ބިޒީވެގެން އުޅޭތަނެވެ. އެހެންވެ ބަލާލަން ބަދިގެއާއި ކައިރިވިތަނާއި ފެނުނީ މޭޒުދޮށުގައި ތެއްޔެއް ހިފައިގެން އިން ނަހީކެވެ. ސަމުސަލުން އެއްޗެއް ކައި ހުސްކުރާތަނެވެ. އެތަނަށް ނިކްހާ އައިސް ހުއްޓުނުކަން އޭނާއަށް ނުވެސް އެނގޭ ކަހަލައެވެ. ނިކަން ބާރަށް ނަހީކު ބޮލުގެ ފުށްކިބައިގައި ނިކްހާ ޖަހައިލިއެވެ. ނަހީކު ދިޔައީ ސިއްސައިގެންނެވެ. ނިކްހާ ހީގަތެވެ. "މަންމާ ބަލާބަލަ.." ނަހީކު ޝަކުވާކުރަން ބޭނުންވިއެވެ. އެއްއަތުން ބޮލުގައި ފިރުމަމުން މަންމައަށް ގޮވައިލީ އެތަން ދައްކާށެވެ. "ނިކްހާ އައީތަ؟ މަންމަ މިއުޅެނީ ބޭރަށް ދާން. މޭޒުމަތީގައި މި ހުރީ ސައި ހަދާފައި، ބައްޕަ އައީމަ ސައިބޯން ބުނައްޗޭ.." ޝަފީނާ ދެއަތް ތުވާލީގައި ފޮހެލަމުން ބުނެލިއެވެ. ނިކްހާ މޭޒުމައްޗަށް ބަލައިލިއެވެ. ދެ ވައްތަރު ހެދިކާ އާއި ކޭކު ހުއްޓެވެ. މޭޒުމަތީ ހެދިކާ އަޅާފައި ހުރި ބޯތައްޓެއް ފެނިފައި މިއީ މީހަކަށް ގެންދާ އެއްޗެއްތޯ ނިކްހާ އަހާލިއެވެ.

"އާން، ތިއީ މިގޭގައި އުޅޭ ޒައިނަބުއަށް ދޭންވެގެން އަޅާފައި ހުރި އެއްޗެއް، އަދި މިއުޅެނީ ހިފައިގެން ނުދެވިގެން،" ޝަފީނާ ބުނެލިއެވެ. ޒައިނަބުގެ ނަން އިވުމުން ނިކްހާގެ ހަނދާނަށް އައީ އުނޭސް އާއި އާނާއެވެ. އިއްޔެ އެދެބެއިން އޭނާގެ ސަބަބުން ހިތުގައި ޖެހުނު ވަރެވެ. ނިކްހާގެ މޭ ފިތިގެން ދިޔަކަހަލަ އިހްސާސެއްވިއެވެ.

"އަހަރެން ގެންގޮސްދެންތަ؟" ވިސްނާލާފައި ނިކްހާ އަހާލިއެވެ. އެއަޑަށް ޝަފީނާ ބަލައިލީ ހައިރާންވެ ހުރެއެވެ. ކެއުން ހުއްޓާލާފައި ނަހީކުއަށްވެސް ބަލާލެވުނެވެ. ނިކްހާގެ ދުލުން އެހެން ބުނެފާނެކަމަށް އެދެމީހުންގެ ހިތަށް ނުވެސް އަރައެވެ. ނުވިތާކަށް ޝަފީނާ ބުނެގެންވިއަސް ނިކްހާ އެކަހަލަ ކަމެއް ނުކުރާނެއެވެ.

"އެންމެ ރަނގަޅު" ޝަފީނާ ހިނިތުންވެލިއެވެ. ނިކްހާ އެ ތަށި ނަގައި ހިނގައިގަތުމުން ނަހީކު ދެލޯ އުނގުޅައިލީ އެއީ ހުވަފެނެއް ނޫންކަން ޔަޤީންކުރަންވެގެންނެވެ.

ބެލް ޖަހާލި އަޑަށް ޒައިނަބު ދޮރު ހުޅުވަން އެދުނީ އުނޭސްގެ ކައިރީގައެވެ. އުނޭސް ތެދުވެގެން ގޮސް ދޮރު ހުޅުވާލާފައި ހުއްޓުން އެރީ ނިކްހާ ހުރިތަން ފެނިގެންނެވެ.

"ކާކުތަ؟" ޒައިނަބުގެ އަޑަށް އުނޭސް ސިހުނެވެ. ނިކްހާއޭ ބުނަން ދޫ ހަރަކާތެއް ނުކުރިއެވެ. އެއްފަރާތް ވެލާފައި ނިކްހާ ވަންނަން ތަންދެއްކަމުން އުނޭސް އައިސް އިށީނީ ކުރިންވެސް އިން ސޯފާގައެވެ. ނިކްހާ މަޑުމަޑުން ގޮސް ބަދިގެ ބައިގައި ހުއްޓުނެވެ. ނިކްހާ ފެނިފައި ޒައިނަބުގެ މޫނުމަތިން އުފާވެރިކަން ފެނުނެވެ. ބަދިގޭގައި ސައިބޯން އިން އާނާ އަށް އަނގައަށް ލީ ބިސްކޯދުކޮޅު ދިރުވާލަންވެސް ހަނދާންނެތިފައި އިނދެވުނެވެ.

"މަންމަ ދިން އެއްޗެއް..." ނިކްހާ ތަށި ބެހެއްޓީ އާނާގެ ކުރިމަތީގައެވެ. ޒައިނަބު ހިނިތުންވެލާފައި ޝުކުރު އަދާކުރިއެވެ. އާނާ ކުރިމަތީގައި ހުރި ތައްޓަށް ބަލައިލިއެވެ. އޭނާގެ ލޮލުގައި އަޅައިގަތީ ޖަހާފައި އިން މަތިގަނޑުގައި ތަތްކޮށްފައި އިން ކަރުދާސްކޮޅެކެވެ. އާނާ ކަރުދާސްކޮޅު ނެގިއެވެ. ދެލި ނުފޭދޭ ގަލަމުން ލިޔެފައި އިނީ އެންމެ ލަފްޒެކެވެ. އާނާގެ ދެލޯ ފުރިގެންދާން ނެގީ މަދު ސިކުންތުކޮޅެކެވެ. -- ނުނިމޭ --

ދިގު ވާހަކަ ދުރުގައި ވިޔަސް

Popular