10 Aug 2018

"ދޯ ސްޓޫޑިއޯ" ޝަލަބީއާ އެކު އާ ފެށުމަކަށް

"ދޯ ސްޓޫޑިއޯ" ޝަލަބީއާ އެކު އާ ފެށުމަކަށް

By: Aishath Maahaa

ކޮންމެ ހުކުރު ދުވަހު "ދޯ ސްޓޫޑިއޯ" އިން ގެނެސްދޭ މިއުޒިކް ޝޯ ވަރަށް ވެސް ބޮޑަށް މަގުބޫލުވެއްޖެ އެވެ. ލިއޮވިލް ބޭންޑުގެ ލަވަކިޔުންތެރިޔާ އަދި ގިޓަރިސްޓް ސާދިން މުހައްމަދު އަދި އެ ބޭންޑުގެ ޕާކަޝަނިސްޓު އަހްމަދު ޝަމާމް ޝަރީފް އާ އެކު ފަށައިގެން މިހާތަނަށް ގެނެސްދީފައިވާނީ ދެ ޝޯ އެވެ. ދެވަނަ ޝޯގައި ޕާފޯމްކޮށްފައިވަނީ މޯލްޑިވިއަން އައިޑޮލްގެ ފުރަތަމަ ސީޒަނުން ވިދާލި މުހައްމަދު މުއައްޒިން އާއި މުއައްޒިންގެ ރޮކްބޭންޑް "ގްރެވިޓީ" ގެ ރިދަމް ގިޓަރިސްޓު އާފީ އުމަރެވެ. ދެ ޝޯއަށް ވެސް ބޮޑު ތަރުހީބެއް ލިބުނެވެ.

ހަފުތާއެއްގެ މެދުކެނޑުމަކަށްފަހު ބަދަލުތަކަކާއެކު "ދޯ ސްޓޫޑިއޯ" މި ފަށަނީ ކުޅަދާނަ ލަވަކިޔުންތެރިޔާ ޝަލަބީ އިބްރާހިމް އަދި ހައުސް އޮފް މިއުޒިކް ބޭންޑާއެކުގަ އެވެ. ކޮންމެ ހުކުރު ދުވަހަކު ގެނެސްދޭ މި ޝޯ ދެން ގެނެސްދޭނީ ކޮންމެ އާދިއްތަ ދުވަހަކު އެވެ. އެ ބޭންޑުގެ ގިޓަރިސްޓު ހަސަން ޒާހިރު އަދިި ޑްރަމަރު ޝަމީމް މި ޝޯއިން އެމީހުންގެ ހުނަރު ދައްކާލާނެ އެވެ.

ހުދު ކުލައިގެ ބެކްގްރައުންޑެއްގައި ގެނެސްދޭ މި ޝޯގެ އާ ޝޯތައް ފެނިގެންދާނީ ކުޅަދާނަ ފޮޓޯގްރާފާ / އާޓިސްޓު މަސްރަހް ނަސީމް ތައްޔާރުކޮށްދީފައިވާ ވަރަށް ނަލަ ސެޓެއްގަ އެވެ.

"ދޯ ސްޓޫޑިއޯ"ގައި ޝަލަބީ އާއި ބޭންޑް ޕާފޯމްކުރަނީ. -- ފޮޓޯ: މަސްރަހް

"ދޯ ސްޓޫޑިއޯ"ގައި އާޓިސްޓުން ހުށަހަޅައިދޭނީ އެމީހުންގެ އަމިއްލަ ލަވަތައް އަދި ކަވަ ލަވަތަކެކެވެ. އެގޮތުން ޝަލަބީގެ އަމިއްލަ ތިން ލަވައެއް ކުރިއަށް މި އޮތް ޝޯގައި ފެނިގެންދާނެ އެވެ. އޭގެ ތެރޭގައި މި ޝޯއަށް ހާއްސަކޮށް ޝަލަބީ ތައްޔާރުކޮށްފައިވާ މުޅިން އާ ލަވައެއް ވެސް ހިމެނެ އެވެ. އަދި މީގެ ކުރިން އޭނާ ކިޔާފައިނުވާ އާ ދެ ކަވަ ލަވަ ވެސް ހިމެނެ އެވެ.

"ދޯ ސްޓޫޑިއޯ"ގައި ޝަލަބީ އާއި ބޭންޑް ޕާފޯމްކުރަނީ. -- ފޮޓޯ: މަސްރަހް

"ދޯ ސްޓޫޑިއޯ" ޝޫޓްކޮށް އެޑިޓްކުރަނީ އަބްދުﷲ އައުރާފް އާއި އަފްޝީން ނަސީރެވެ. ލަވަތައް ރިކޯޑްކޮށް މިކްސްކޮށްދެނީ މުނާޒު ޒުބައިރެވެ.

Popular