14 Aug 2018

ދުރުގައި ވިޔަސް

ދުރުގައި ވިޔަސް

* އޯގަސްޓް 11 ވަނަ ދުވަހުގެ ބަޔާ ގުޅޭ ...

އެދިމާލަށް ބަލަން ހުރި އުނޭސްއަށް ހީވީ އޭނާގެ ނޭވާ ތާށިވެގެން ދިޔަހެންނެވެ. ޝަކީލް އާއި ދިމާލަށް ބަލައިލިއިރު މޫނުމަތިން ފެނުނީ މާޔޫސްކަމެވެ. އެމީހުން ކައިރިވަރަކަށް އުނޭސްގެ ހިތަށް އެކި އެއްޗެހި އެރިއެވެ. ދުވެ ފިލަންވެސް ހިތަށް އެރިއެވެ. އޭނާ ހައްޔަރުކުރުމުން މަންމަ އާއި އާނާގެ ހާލުބަލާނެ މީހަކު ހުންނާނެކަމެއްވެސް ނޭނގެއެވެ. ފުރަތަމަ ފަހަރަށް އޭނާއަށްވެސް ކަންތައްކުރެވުނީ ގޯސްކޮށޭ ހިތަށް އެރިއެވެ. ކޮންމެ ސަބަބަކާއި ހެދި ނަމަވެސް އޭނާވެސް ޚިޔާރުކުރީ ކުށުގެ މަގެކެވެ.

އޮފީހަށް ދާން ނިމާލްއަށް ނިކުމެވުނުއިރު އުނޭސް ގޮސް ޖިޕަށް އަރަނީއެވެ. ދޮރުމަތީގައި ހުރި ޝަކީލް ލޮލުގައި އަޅައިގަތީ އެ ވެހިކަލް ގޮސް ލޯމަތިން ގެއްލުނުފަހުންނެވެ. ނިމާލް އަވަހަށް ތިރިއަށް ފޭބިއެވެ.

"ޒުހުރީ ރިޕޯޓްކުރީތަ؟" ނިމާލް އަހާލިއެވެ. ރޭގައި ޝަކީލް އާއި ޒުހުރީ އަދި ނިމާލް ބައްދަލުކުރިއެވެ. ވާހަކަތަކެއް ދެކެވުނެވެ. ޒުހުރީ ބުނެފައިވަނީ ޔަނާލް ސަލާމަތުން ގެއަށް ފޮނުވައިދީފިނަމަ ދުވަހަކުވެސް މައްސަލައެއް ނުޖައްސާނެކަމަށެވެ. އަދި އެމީހުންނާއި ވަރަށް ދުރަށް ޔަނާލްގެ ދިރިއުޅުން ބަދަލުކުރާނެކަމަށެވެ. އާނާގެ ބޭސްފަރުވާގެ ކަންތައްވެސް ޒުހުރީ ކޮށްދީފާނެކަމަށްވެސް ބުންޏެވެ. ޝަކީލް އައީ އެކަމަށް އެއްބަސްވެގެންނެވެ.

"ހީވަނީ" ޝަކީލް އިސްއުފުލާލިއިރު ފެނުނީ ސިޑިމަތީ ރޮވިފައި ހުރި ޒައިނަބެވެ. ނިމާލް ގެ ފޯނު ރިންގުވާންފެށުމުން ބަލާލާފައި ފޯނު ކަނޑާލިއެވެ. ޝަކީލް ކައިރީ ކަމަކު ބޭނުންވޭތޯ އަހާލުމުން ޝަކީލް އިންކާރުކުރިއެވެ. ދަނީއޭ ބުނެފައި ނިމާލް ހިނގައިގަތުމުން ޝަކީލް ފުންނޭވާއެއް ދޫކޮށްލިއެވެ. ދެން ހިނގައިގަތީ ޒައިނަބާއި ދިމާލަށެވެ.

***

އޮފީހަށް އައިސް ވަންތަނާ ނިކްހާއަށް ރީމާގެ މެސެޖެއް އައެވެ. ރީމާގެ މައިންބަފައިން ސިމްދާދު އަށް ރުހުން ދީފިކަމަށްބުނެ ފޮނުވި އުފާވެރި މެސެޖެކެވެ. އެކުވެރިޔާ ޒަވާޖީ ހަޔާތެއް ފަށަން އުޅޭތީ އެކަމާ ނިކްހާ އުފާކުރިއެވެ.

"ނެކްސްޓް އިޒް ޔުއަރ ޓާން އިނގޭ..." ރީމާގެ މެސެޖެއްއައެވެ. މެސެޖެއް ލިޔަން އުޅެފައި ނިކްހާ ވިސްނާލިއެވެ. ދެން ފެނުނީ ރީމާގެ ނަންބަރަށް ގުޅިތަނެވެ.

"ރީމް، އަހަރެން ރޭގައި ވަރަށް ވިސްނިން. ޔޫ ވާ ރައިޓް، އައި ޑޫ ލައިކު ހިމް ، އެކަމަކު އުނޭސްއަށް ވަގުތު ވަންދެން މަޑުކުރަންވީތަ؟ އަދި ނޭނގެ ދޯ އޭނަ އަހަންނާއި މެދު ދެކެނީ ކިހިނެއްކަމެއް ވެސް." ނިކްހާ އަމިއްލައަށް އިއުތިރާފްވިއެވެ. ރީމާ ޖަހައިލީ ހިނިގަނޑެކެވެ. އަޑުގައި ވީ އުފާވެރިކަމެވެ.

"އަސްލު ބުނަންތަ އަންހެންކުއްޖަކު އިސްވެ ރައްޓެހިވާން އެހުމަކީ ހުތުރުކަމެއް ނޫނޭ." ރީމާ ބުނި އެއްޗަކާއި ނިކްހާގެ ހިތް މުޅިން އެއްބަހެއް ނުވިއެވެ. އަމިއްލައަށް ފިނޑިވެ ލަދުގަންނަނީކަމަށްވެސް ވެދާނެއެވެ. ނޫނީ ޒަމާނުންސުރެ ޤަބޫލުކުރެވޭ ގޮތަކީ އެއީކަމަށްވާތީ ދެކޮޅުވަނީ ކަމަށްވެސް ވެދާނެއެވެ. ލޯބި ހާމަކުރުމަކީ ފިރިހެންކުއްޖާގެ ޒިންމާއެކޭ ހީވަނީއެވެ.

"ކުރީ ޒަމާނުގައި އިންނަން އަހަން ފިރިހެންކުއްޖާ ދިޔަޔަސް ޒަމާން ބަދަލުވެއްޖެ، ޔޫ ކޭން ޝޯވް ދަ ފީލިންސް، އަހަންނަށް ހީވަނީ އުނޭސް ރިޖެކްޓް ނުކުރާނެހެން، " ރީމާ އަށް ޖަވާބެއް ނުދީ ނިކްހާ އިނީ ވިސްނާށެވެ. އެ ފޯނު ކުރުކޮށްލާފައި މަސައްކަތާއި ގަޔާނުވެވި އިނދެވުނެވެ. އެ ޚިޔާލަށް އަމަލުކުރަން ކުއްލިއަކަށް ހިތަށް އައެވެ. ލުއި ހިނިތުންވުމަކާއި އެކު ނިކްހާ ފޯނުން ހާވަންފެށީ ފިރިހެންކުއްޖަކަށް ކަމުދާނެ ގިފްޓެކެވެ.

***

އުނޭސް ހައްޔަރުކުރުން ވެގެން ދިޔައީ އާނާ އާއި ޒައިނަބަށް ކެއްކުރެވޭވަރަށްވުރެ ބޮޑު ވޭނަކަށެވެ. ޝަކީލްއަށް ދާން ނުކެރިފައި އިނދެވުނެވެ. ޒައިނަބު ދެލޯ ފޮހެމުން އައިސް ޝަކީލްގެ ކައިރިން އުނޭސް ސަލާމަތްކުރެވޭތޯ މަސައްކަތްކޮށްދިނުމަށް އެދުނެވެ.

"އެއީ އޭނަ އަމިއްލައަށް ހޯދި ބޮނޑިއެއް، ކުށްވެރިން ހޯދައި އަދަބު ދިނުމަކީ އޭނަ ކުރަންޖެހޭ ކަމެއް ނޫނޭ، އެއީ މީގެ ދެއަހަރު ކުރީގެ ކަމެއް، އެއީ ކުޑަކުއްޖެއް ނޫން، އެނގޭނެ ނަތީޖާ ނިކުންނާނެ ގޮތް، އެއްވެސް ކަމަކަށް ފަރުވާލެއް ނުބަހައްޓާ ހިތުހުރި ކަމެއް ކުރަންފެށީމައި ވާނީ އެހެން، އާއިލާ އާއި ދޭތެރޭ ނުވިސްނާކަމޭ އެނގެނީ، ޒައިނަބަށް ދުވަހަކުވެސް އޭނަ ގޯހެއް ނުވާނެ. އަބަދު މަގުމަތީ އުޅުނަސް އަޅައެއް ނުލާ، ކުރަން ނުކެރޭނީ ކޮންކަމެއް؟ ލަދުން ބޯ ހަލާކު، އަހަންނަކަށް ނުކެރޭނެ މަގުމައްޗަށް ނިކުންނާކަށް،" ޝަކީލް ރުންކުރު ޖަވާބުން ޒައިނަބުއަށް އިތުރަށް ކިޔާކަށް ނުކެރުނެވެ.

"އެއްވެސް މީހަކަށް ނޭނގޭނެ އެއީ ތި ބައްޕަގެ ދަރިއެއްކަމެއް، ދެން ކީއްވެ ލަދުގަންނަންވީ؟" އާނާގެ އަޑަށް ޝަކީލް ބަލާލައި ކުރިއަށްވުރެ ދެބުމަ ކައިރިކޮށްލިއެވެ. ޒައިނަބު ބޯހޫރައިލީ އާނާ ކައިރީ ވާހަކަ ނުދައްކާށޭ ބުނާ ފަދައިންނެވެ.

"ނޫން މަންމާ، އަބަދު އަހަރެމެން ނުހުއްޓުވާ، މިއަދު އަހަރެންވެސް ބޭނުން ހުރިހާ އެއްޗެއް ކިޔަން،" އާނާ ދެލޮލުން ކަރުނަތައް ހުރީ ނިރާލާފައެވެ. ޝަކީލް ބަލައިލީ ޒައިނަބުގެ މޫނަށެވެ. ޒައިނަބު ހުރީ ލަދުން އިސްޖަހައިގެންނެވެ. އިތުރަށް އާނާ ހުއްޓުވާކަށް އޭނާ ނޫޅެއެވެ.

"ދޮންބެ އަބަދުވެސް ބެލީ އަހަރެމެންނަށް ރަނގަޅު ގޮތް، ހުރިހާ ވަގުތެއް ހޭދަކުރީ އަހަންނަށްޓަކައި، އަހަރެން އެންމެ ހާލުގައި އޮތް ދުވަހުވެސް ލޮލު ފިޔަޖަހާނުލައި ކައިރީގައި ހުރި، އެދުވަހު ބައްޕަ އުޅުނީ ވިޔަފާރި ކޮޅަށް ނުޖެހިގެން، އަހަރެމެންނަށްވުރެ ބޮޑަށް ފައިސާ މުހިއްމުވެގެން، ހީވަނީ މާދަމާ މަރުވީމައިވެސް ގެންދަން ހުރި އެއްޗަކީ އެއީ ހެން، ނޫނީ ފުރަތަމަ ސުވާލުކުރެވޭނީ އެކަމާއި ހެން، އަހަންނަށް ވީ ކީއްތޯ ބައްޕައަށް އެނގިފައި ނެތްކަން އެނގޭ، އޮޅުންފިލުވަން މަސައްކަތެއްވެސް ނުކުރޭ، ހަމައެކަނި ދައުރުވި ފޮޓޯތަކަކަށްބަލާފައި އައިސް ހަޅެއްލަވަންފެށީ، އަހަރެން ޤަބޫލުކުރަމޭ އެއީ އަހަންނަށް ހެދުނު ގޯސްކަން، އަހަރެން ކޮށްގެންނުވާނެކަމެއް ކަން އެއީ، އެންމެ ފަހަރަކު ބައްޕަ ބުނެދިނިންތަ ރަނގަޅުގޮތް؟ ދޮންބެ މަގުމަތީ ހޭދަކުރާކަން އެނގި އެންމެ ފަހަރަކު އެހެން ނޫޅޭށޭ ބުނިންތަ؟ ދަރިން ތަރުބިއްޔަތު ކުރުމަކީ އެއްފަރާތުން އެކަނި އުފުލަން ޖެހޭ ކަމެއް ނޫން،" އާނާ ގޮނޑީގައި ރަނގަޅަށް ހިފަހައްޓާލިއެވެ. ޝަކީލްގެ ދެލޮލުން ފެންނަމުން ދިޔަ ނުރުހުންވުމުގެ އސަރުތައް ފިލައި ދިޔައެވެ. އާނާގެ ދުލުން ބޭރުކުރި ކޮންމެ ލަފްޒެއް ކަށިތަކެއް ފަދައިން ޝަކީލްގެ ހިތަށް ހެރެމުން ދިޔައެވެ. މި ނޫނީ މީހެއްގެ ކުރިމަތީ އިސްޖަހާލި ދަނޑިވަޅެއް ނާދެއެވެ. ޝަކީލް އާއި ދިމާލަށް އުނޭސްވެސް އެއްޗެހި ބުނެ ހަދައެވެ. އޭނާގެ ހިތާއި ހަމަޔަށް ވާސިލްވާ ވަރުގެ އެއްޗެއް އުނޭސްއަށް ބުނެވިފައި ނެތީކަމަށްވެދާނެއެވެ.

ޝަކީލް ތެދުވެގެން ހަލުވި ފިޔަވަޅުތަކެއް އަޅަމުން ގޮސް ނިކުތެވެ. އެންމެ ކައިރީގައި ހުރި ސޯފާއަށް ޒައިނަބު ތިރިވީ ގޭގެ ދޮރު ލެއްޕުނު އަޑަށެވެ. ހޯސްލާފައި ލޮލުން ކަރުނަތައް ފައިބަމުން ދިޔައެވެ. އަޑުވީއްލާ ނުރުއި ނަމަވެސް އެ މަންމަގެ ހިތް ވަނީ ފަޅައިގެންދާ ހިސާބަށް ގޮހެވެ. ފިރިހެން ދަރިފުޅު ގެއްލުނު އިހްޞާސްކުރެވުނެވެ. އުނޭސް ހައްޔަރުކުރީ ކީއްވެކަން ޝަކީލް އެދިޔައީ ބުނެފައެވެ.

ގޮނޑީގައި ހިފާ އަނބުރާލަމުން އާނާގެ މިސްރާބު ބެހެއްޓީ ކޮޓަރި އާއި ދިމާލަށެވެ. ހިތުގެ ހުރިހާ ރިހުންތަކެއް ޝަކީލްގެ ކުރިމައްޗަށް އޮއްސާލުމަށްފަހުގައިވެސް އެހިތަށް ހަމަޖެހުމެއް ނުލިބުނެވެ. ހަތަރުގަނޑު ފާރުތެރޭ އޮވެ ކޮންމެ ރެއަކު ރޮއި ރޮއި ހަލާކުވުންވެސް އެއަށްވުރެ ހިތަށް ފަސޭހަވާނެއޭ އާނާ ހިތަށް އެރިއެވެ، ބޭކާރު މީހެއްގެ ކުރިމަތީ އޭނާގެ ހަކަތަ އިސްރާފުކުރެވުނީ ނޫންބާއޭވެސް ހިތަށް އެރިއެވެ. އުނޭސް އާއި މެދު ވިސްނާލެވުމުން އޭނާގެ މޭ ހީވީ ފިތިބާރުވެގެން ދިޔަހެންނެވެ. ގަދަރިހުމެއް ހިތުގައި އަޅަންފެށިއެވެ. ދެލޯ ތެމިގެން ދިޔައީ އޭނާގެ އިޚްތިޔާރަކު ނޫނެވެ.

"އައި ހޭޓް ޔޫ.." އާނާއަށް ބުނެވުނެވެ.

"ވައި ޑިޑް ޔު ޑޫ ދެޓް، އަހަންނަށް އިންސާފްހޯދައިދޭން؟ ވަޓް އައި ގޮޓް؟، އައި ހެވް ލޮސްޓް މޯސްޓް ލަވިން ވަން. ނޫން ނޫން، އަހަރެން ބޭނުމެއް ނޫން މިގޮތެއް، އަހަރެން ބޭނުމެއް ނޫން ބޭބެ އާއި ނުލައި އުޅެންޖެހޭ ދިރިއުޅުމެއް، އެދުވަހު އަހަރެން ސަލާމަތްކުރީ ކީއްކުރަން؟ މިދުވަސް ދައްކަން؟ ދިސް އިޒް މޯ ޕެއިންފުލް..." ގޮނޑީގައި ލެނގިލައި ދެލޯ މަރާލަމުން އާނާ ހިތާއި ހިތުން ޝަކުވާކުރަމުން ދިޔައެވެ.

އަނެއްކާވެސް އިރުކޮޅެއްވަންދެން އާނާ ރުއެވެ.

"ޔަނާލް ކައިވެނި ޚަބަރު ލިބިގެން އަހަރެން ރުއީ އޭނާ ދެކެ ލޯބިވާތީއެއް ނޫނޭ، އަމިއްލަ ނަފްސަށް މަލާމަތްކޮށްފައި ރޮވުނީ އަހަންނަށް އޭނާ ދެކެ ލޯބިވެވުނީތީ، ދުނިޔޭގެ ކޮންމެ ތަނެއްގައި އޭނާ އުޅުނަސް އަހަންނަށް ހެޔޮ، އުފަލުން އުޅުނަސް ވަރިހަމަ، މިއީ އިންސާފު ލިބޭ ތަނެއް ނޫން، ދެން ޤުރުބާންވުމުގެ ބޭނުމަކީ ކޮބާ؟ އިންސާފުލިބޭ ދުވަސް އަދި އޮތީ ކުރިއަށް، ހެއްދެވި ފަރާތަށް އިތުބާރުކޮށްފައި އަމިއްލަ ހާލައިގެން އުޅުން އެންމެ ބުއްދިވެރީ.." އާނާ ހިތާއި ހިތުން ބުނަމުން ދިޔައެވެ. ރޮއި ރޮއި ވަރުބަލިވެގެން ހުއްޓާލި ނަމަވެސް އާނާގެ ދެލޮލުގައިވީ ރިހުމެކެވެ.

***

އޮފީހަށް ވަދެ ވަދެ ހުއްޓާ ނިމާލްއަށް އައީ ޒުހުރީގެ ކޯލެކެވެ. ނިމާލް ފޯނު ނަގައި ކަންފަތުގައި ޖެހުމުން ޒުހުރީ ދިން ޚަބަރަކުން އޮފީހަށް ވަނުމުގެ ޚިޔާލުދޫކޮށްލެވުނެވެ. އޮފީހަށް އައުން ލަސްވެދާނެކަމަށްބުނެ އަޝްރަފްއަށް މެސެޖެއް ކޮށްލާފައި ނިމާލް ދަތުރުކުރަންފެށީ ޒުހުރީ ދިން އެޑްރެސްއަށެވެ.

އެމަގަށް ނުވަދެވުނީ އެއްވެފައިތިބި މީހުންގެ ސަބަބުންނެވެ. ކާރު ޕާކުކޮށްފައި ނިމާލް ދިޔައީ އެދިމާލަށެވެ. ސައިރަން އަޅާފައި އެމަގަށް ވަންނަން އައި އެމްބިއުލެންސަށް ތަންދައްކަމުން މީހުން އެއްފަރާތްވެލިއެވެ. ފުލުހުންގެ ވެހިކަލެއްވެސް އޮތެވެ. ނިމާލްއަށް ހުރެވުނީ ޝަކީލްމެންގެ ގޭ ދޮރުމަތީގައެވެ، ސްޓެޗަރ އެއް މަތީ އެގެއިން ނެރުނީ ޔަނާލްއެވެ. އެއީ ހަތަރު ދުވަސްވަންދެން އުނޭސް ޔަނާލް ރަހީނުކޮށްގެން ގެންގުޅުނު ތަނެވެ. ނިމާލް ލޯ ހޯދަންފެށީ ޒުހުރީއެވެ.

ޔަނާލް ހޮސްޕިޓަލަށް ގެންދިއުމުން އެތަނަށް ދާން ޒުހުރީ ބޭނުންވާނެތީ ނިމާލް އެދުނީ އޭނާގެ ކާރުގައި ދިއުމަށެވެ. "ވަރަށް ހާލުދެރައީތަ؟" ނިމާލް އަހާލީ ކާރުގައި ދަމުންނެވެ.

"އާން، ނޭނގެ ކާއެއްޗެއް ދިންކަމެއް، އެކޮޓަރިން ހަމައެކަނި ފެންނަންހުރީ ކެމެރާއެއް، އިތުރުއެއްޗެއް ނެތް، " ޒުހުރީ ބުނެލިއެވެ.

"ކީއްވެ ކުއްލިއަކަށް ފުލުހުންނަށް އެންގީ؟ އުނޭސް ހުރިހާ އެެއްޗެއް ކިޔައިދިނީ؟" ނިމާލްގެ ސުވާލުން ޒުހުރީ ސިހިގެން ދިޔަކަން މޫނުމަތިން ފެނުނު އަސަރުތަކުން ހެކިދެއެވެ. ބުނަން ބޭނުންނުވާ އެއްޗެއް ހާމަވަނީހެން ހީވެއެވެ.

"ރިޕޯޓްކުރީ ޔަނާލްގެ އަންހެނުން، އެއީ ރޭގައި ގެއަށް ގޮސް ވަރަށް އަވަހަށް ފުރަންޖެހިދާނެއޭ ބުނެވުން، އެހާ ހިސާބުން އޭނައަށް ޝައްކުވެއްޖެ، މާގިނައިން އާދޭސްކުރުމުން ކިޔައި ނުދި ހިފަހައްޓާކަށް ނުކެރުނު، ހުރިހާ އެއްޗެއް އަޑުއެހުމަށްފަހު ޔަނާލް އާއި އެކު އުޅެން ބޭނުންނުވާކަމަށް ބުނި، އަދި ކަމާއިބެހޭ ފަރާތަށް އަންގާނަމޭބުނި، ވަރަށް މަސައްކަތްކުރިން ހުއްޓުވަން، އެ އާއިލާވެސް ވަގުތުން ޔަނާލް އާއި ދެކޮޅު، ކީކޭ ދެން ބުނާނީ؟ އަހަރެންވެސް މިހުރީ ކަންބޮޑުވެފައި،" ޒުހުރީ އަޑުގައިވީ ރިހުމެކެވެ.

"އަހަންނަށް ކޮންކަމެއް ކޮށްދެވޭނި؟" ނިމާލް އަހައިލިއެވެ. ޒުހުރީ އޭނައަށް ގުޅައި އެތަނަށް އައުމަށް އެދޭނީ ކަމެއް ބޭނުންވެގެންކަން ނިމާލްއަށް އެނގެއެވެ.

"ކޮންމެ ހާލެއްގައިވިއަސް އަހަރެން ބޭނުމީ އަހަރެންގެ ދަރިފުޅު ގޭގައި ހުންނަން، އަހަންނަށް އެނގޭ އެއީ ނިމާލްއަށް ކޮށްދެވޭވަރުގެ ކަމެއްކަން." ޒުހުރީ ބަލައިލީ ބޭރަށެވެ، ޕޯޓިކޯގައި މަޑުކުރުމުން ޒުހުރީ ފޭބީ ނިމާލްގެ ޖަވާބެއް ނުލިބެނީހެވެ. ހޮސްޕިޓަލަށް ވަންނަ ޚިޔާލެއް ނިމާލްގެ ނެތެވެ. އޭނާ ވިސްނައިލީ ޔަނާލް އާއި އުނޭސްގެ ދެމެދުގައި ހުރި ފަރަގަށެވެ.

ބޭރު ފުށުގެ ސިފަތަކަށް ބަލާފައި ނިމާލް ނުރުހުންވީ އުނޭސް ދެކެއެވެ. ޔަނާލްއާ މެދު ނުބައި ހީއެއްވެސް ނުކުރެވުނެވެ. ފެންނަ ފެނުމަށް ޔަނާލް ރަނގަޅުހެން ހީވީއެވެ. އިންސާނާގެ ލޯ ކެހިދެއޭ ބުނަނީ މިހެންވެއެވެ. ޒުހުރީއަށް ދޭނެ ޖަވާބަކާއި މެދު ނިމާލް ވިސްނަންފެށިއެވެ.

***

މިއަދަކީ އެއްބަޔަކަށް ކިތަންމެ ބަނަ ދުވަހަކަށް ވިޔަސް ނަހީކުއަށްވީ އުފާވެރި ދުވަހަކަށެވެ. ހިނގައިދިޔަ އެއްވެސް ކަމެއް އޭނާއަކަށް ނުވެސް އެނގެއެވެ. އޮފީހަށް ދަމުން ނިމާލް ދިން ޗެކާ މެދު ގޮތެއް ނިންމަން ކުޑަ ވަގުތުކޮޅެއް ނެގިއެވެ. އާނާގެ އޮޕަރޭޝަނާއި އެހެނިހެން ޚަރަދުތަކަށް ލަފާކޮށްފައި އަދަދެއް ޖެހުމުގެ ބަދަލުގައި ޗެކު އުނޭސްގެ އަތަށް ދޭން ނަހީކު ހިތަށް އެރިއެވެ.

***

ނިމާލް ނެތުމުން ނިކްހާއަށް ވީ ބުރަ ދުވަހަކަށެވެ. ބައްދަލުވުމެއް ހަމަޖެހިފައިވާތީ އެކަމަށް ތައްޔާރުވަމުން ދަނިކޮށް ރީމާ ގުޅިއެވެ. ފޯނުން ބުނެވޭވަރަށް ވުރެ ބޮޑު ވާހަކައެއް ބުނަން ޖެހޭކަމަށް ރިމާ ބުނުމުން ނިކްހާ އެދުނީ އެއްގަޑިއިރުގެ ވަގުތުކޮޅެއްދިނުމަށެވެ. ބައްދަލުވުން ނިމުމާ އެކު ރީމާ އާއި ބައްދަލުކުރާނެކަމަށް ބުނެ ނިކްހާ ފޯނު ބޭއްވިއެވެ. ރީމާ ދައްކަން އުޅެނީ ކޮން ވާހަކައެއްކަމެއް އޭނާއަކަށް ނޭނގެއެވެ. އެހެން ބުނުމުން ހިތަށް އައީ ރީމާމެން ގެ ކައިވެނީގެ ވާހަކައެވެ.

ނިކްހާ ބުނި ފަދައިން އެއްގަޑިއިރު ފަހުން އޭނާ ހުރީ ރީމާމެންގެ ގޭގައެވެ. ރީމާ އާއި އެކު ކޮޓަރީގައެވެ. ސމްދާދުވެސް ހުއްޓެވެ. ރީމާ އެނދުގައި ބައިންދާފައި ރީމާ ބަލައިލީ ސިމްދާދުއަށެވެ. ސިމްދާދު އިޝާރަތްކުރީ ރީމާއަށް ކުރިއަށް ގެންދާށޭ ބުނުމުގެގޮތުންނެވެ.

"އުނޭސް ހައްޔަރުކޮށްފި،" ރީމާ ބިރުންހުރެ ބުނެލިއެވެ.

ނިކްހާއަށް އަތް އަޅާލެވުނީ އަނގަމަތީގައެވެ. ސަމާސާކުރަނީތޯ އަހާލެވުނެވެ. ރީމާ ދެފަރާތަށް ބޯ ހޫރުވާލާފައި ކިޔައިދެންފެށީ ތަފްސީލެވެ. ސިމްދާދު އަކީ އުނޭސްގެ އެންމެ ގާތްއެކުވެރިޔާއަށްވީތީ ސިމްދާދުއަށް އެނގޭ ހުރިހާ އެއްޗެއް ނިކްހާއަށް ކިޔައިދިނެވެ. އާނާގެ ވާހަކައިން ފެށިގެން އުނޭސް ކުށުމުގެ މަގަށް ނިކުންނަން ޖެހުނު ސަބަބުވެސް އޮޅުންފިލުވައިދިނެވެ.

އާއިލީ ލޯތްބަކީ ކޮން އެއްޗެއްކަން އަންގައިދިނީ އުނޭސްއެވެ. ކޮއްކޮއަށޓަކައި އުނޭސް ވަމުންދިޔަ ޤުރުބާނީގެ އަޑު އަހާފައި ނިކްހާގެ ހިތުން އުނޭސްއަށް ދެވުނު ދަރަޖަ މަތިވެގެން ދިޔައެެވެ. ***

ނަހީކު ކޮޓަރިން ނިކުމެ ނިކުމެ ހުއްޓާ އެގެއަށް އައިސް ވަނީ ޒައިނަބެވެ. ރޮމުންގިސްލަމުން ނަހީކުއަށް އިޝާރަތްކުރީ އައުމަށެވެ. ބަދިގޭގައިހުރެފައި ޝަފީނާ ނިކުތީ އެވަގުތެވެ. -- ނުނިމޭ --

ދިގު ވާހަކަ ދުރުގައި ވިޔަސް

Popular