13 Sep 2018

ދަތުރުނާމާ

By: Mariyam Yasma

* ސެޕްޓެމްބަރު 10 ވަނަ ދުވަހުގެ ބަޔާ ގުޅޭ ...

ފިޔަވަޅުތަކަށް ހުއްޓުމެއް އައީ ސިޑީގެ ތިންވަނަ ހަރުފަތާ ހަމައިންނެވެ. އުންމީދުކުރި ފަދަ އެއްވެސް މެސެޖެއް ނުވަތަ މިސްކޯލެއް ނެތުމުން މާޔޫސްކަމާއެކު ތިރީ ތުންފަތުގައި ދަތް އަޅައިލެވުނެވެ. އިތުރަށް ކުރިއަށް ދާނެ ހިތްވަރު ނެތިގެން ތިރިވެލައިފައި އިށީނދެލި އެވެ. އިސާހިތަކު އެއްމަސް ދުވަހުގެ ކުރީގެ ހަނދާންތައް އައިސް ސިކުނޑި ވަށާލައިފި އެވެ.

އެއްމަސް ކުރި

"ޔޫ ލުކް ސޯ ޕްރިޓީ." ކައިވެނީގެ ހެދުމުގައި ޒީނަތްތެރިވެފައި އިން ޝައިހާއަށް ބަލަމުން ކިންޒާ ވާހަކަދެއްކި އެވެ.

ލަދުރަކި ހިނިތުންވުމަކާއެކު ޝައިހާ ޝުކުރު އަދާކުރި އެވެ. ޑްރެސިން ޓޭބަލް މަތީ ހުރި ގޮނޑިން ތެދުވުމާއެކު ކިންޒާ ފޯނު ދިއްކޮށްލައިފައި ފޮޓޯ ނެގި އެވެ.

"މީ ރައިއަށް ފޮނުވަން ވެގެން." ރައިހާގެ ވާހަކަ ބުނުމާއެކު ޝައިހާގެ ކުލަ ބަދަލުވި އެވެ.

"އަހަރެން ހިތަށްއަރާ އަހަރެންގެ ދައްތައާ ބައްޕަ އެހާ ގޮތްދޫނުކުރަނީ ކީއްވެބާއޭ؟ ކޮންމެވެސް އެކަކު ވެއްޖެއެއްނު ގޮތްދޫކޮށްފަ މާފަށް އެދެން." މަޑުމަޑުން ދެފަރާތަށް ބޯ ހޫރާލައިފައި ޝައިހާ ވާހަކަދެއްކި އެވެ.

ނުރުހުމަށްވުރެ ބޮޑަށް އެމޫނުގައިވީ މާޔޫސްކަމެވެ. ކިންޒާ ވެރިކޮށްލީ ހިތި ހިނިތުންވުމެކެވެ. ޝައިހާގެ އިހްސާސްތައް އޭނައަށް އެނގެ އެވެ. އެންމެ ހާއްސަ ދުވަހު އެންމެ ގާތުގައި ބަހައްޓަން ބޭނުންވާ އެކަކު ނެތުމުން ވާނެ ދެރަ އެނގެއެވެ.

ރައިހާ އެދުނުފަދައިން ކައިވެނި ހިނގަމުންދިޔަ ގަޑީގައި ކިންޒާ އިނީ ވީޑިއޯ ޖައްސައިގެންނެވެ. ލޮލުގައި ހުރި ކަރުނައާއެކު ހިނިތުންވެލައިގެން ރައިހާ އިނެވެ. ފަހަރަކު މީހެއްގެ ހަރަކާތްތަކަށް ވަކިވަކިން ބަލަމުން އިރުއިރުކޮޅާ ހީލަ އެވެ. ކައިވެނީގެ ކަންތައް ނިމުމާއެކު ޝައިހާ ތެދުވެގެން އައީ ކިންޒާ ކައިރިއަށެވެ. ފޯނު އަތުލައިގެން ރައިހާއާ ވާހަކަދައްކަން ފެށީ ޝަކުވާ ކުރަމުންނެވެ.

"މީ އަހަރެންގެ އެންމެ ހާއްސަ ދުވަސް. އަހަރެން ބޭނުން މިދުވަހު އަހަރެންގެ ކައިރީގައި ރައި ހުންނަން. ފޯނުން ފެނިގެން ނުފުދޭނެ. އަހަރެންގެ ޕާޓީގައި ރައި ހުންނަން ޖެހޭނީ އަހަރެންގެ ކައިރީގައި. އަހަންނަށް ހެޔޮ ކޮންމެ މީހަކު ކޮންމެ އެއްޗެއް ކިއަސް. އެހެންނޫނީ ދެން ދުވަހަކު ވެސް ވާހަކައެއްނުދައްކާނަން." ޝައިހާގެ ފަހު ދެ ޖުމްލަ ބުނެލިއިރު މޭޒުގެ އަނެއްފަރާތުގައި، ތެދުވެ ގާޟީ އާއި ސަލާމްކުރަން ހުރި ބައްޕައަށް ބަލައިލި އެވެ.

އެއަޑު އަހާފައި ޖާވިދުގެ ނަޒަރު ވެސް ޝައިހާއަށް ހުއްޓުނެވެ. އެކަމަކު އެމޫނުގެ ކުލައިން ހިތުގައި އޮތް އެއްޗެއް ދެނެގަންނާކަށް ނޭނގުނެވެ.

ރަށު ސުކޫލްގައި އޮތް ކައިވެނި ޕާޓީއަށް ރައިހާ އާއި ކިންޒާ އައީ ޝައިހާއަށްވުރެ ތަންކޮޅެއް ކުރިންނެވެ. އެދެމީހުން އެތެރެއަށް ވަނުމާއެކު ދުރުގައި ތިބި މަހާޒް އާއި ޒިވިއަންގެ ނަޒަރު އެދިމާއަށް ދަތުރުކުރި އެވެ. އަބަދުހެން ޓީޝާޓާއި ޖިންސްގައި ހުންނަ ރައިހާ ހެދުމެއްގައި ރީތިވެގެން ހުއްޓާ ފެނުމުން މަހާޒްގެ ނޭވާ މަޑުޖެހުނެވެ.ފައިގެ ތަނބިކަށްޓާއި ހަމައަށް ހުރި މަޑު ނޫކުލައިގެ މެކްސީގައި ލޫޅާފަތިކަން ހުރީ ފެންނާށެވެ. ބުޅި އިސްތަށިގަނޑުގައި ހުޅިއެއްޖަހައި މައިތިރިކޮށްފަ އެވެ. ތުންފަތުގައި ފުރަތަމަ ފަހަރަށް މަޑު ކުލައެއް ޖައްސާފައި ލޮލުގައި ވެސް އަނދުން އަޅައިފަ އެވެ. ކުޑަ ފުންނާބުކޮޅެއް ލައިފައި ހުރި ފައިވާނުގައި ރައިހާ އުޅެނީ ހިނގަން އުދަނގޫވެގެންނެވެ.

ކިންޒާ ހުރީ ނޫކުލައިގެ ބެޓްވިންގް ކޮޅަކާއިއެކު ތަނބިކަށްޓާއި ހަމައަށްހުރި ހުދު ޕެންސިލް ސްކާޓެއްގަ އެވެ. އުސްބޫޓެއްގައި ފަސޭހަކަމާ އެކު ހިނގާލާފައި އައި ގޮތުން އަޅައިގަންނަ ގޮތެއް ހުއްޓެވެ. ރައިހާއާ ޚިލާފަށް އެރާޅުބާނި އިސްތަށިގަނޑު އޮތީ ކުޑަ ތަންކޮޅެއް ގަތާލައިފައި ފަހަތަށް ދޫކޮށްލައިފަ އެވެ.

ޒިވިއަން އާއި މަހާޒް ހުދު ގަމީސް ލައިގެން ތިބީ ކޮންތާކުން ހޯދައިގެން ކަމެއް ނޭނގެ އެވެ. އެކަމަކު އެތާ އުޅޭ އާއިލީ އެހެން ކުދިންނާއި ޚިލާފަށް އެމީހުން ތިބީ ޖިންސާއެކު ބެގީ ނުކޮށެވެ. އަދި އަތުކުރި ވެސް އުޅަބޮށްޓާ ހަމައަށް އޮޅައިފަ އެވެ.

"ކިންޒާ ބަލާބަ މީ ކޮން ދެ ވެއިޓަރުންނެއް؟" ކައިރިއަށް ދެވުމާއެކު ރައިހާ މަހާޒްމެނާ ދިމާއަށް އިޝާރާތްކޮށްލާފައި ބުނެލި އެވެ.

ކިންޒާ ގާތަށް ހިނި އައެވެ. އޭނަ އިސްއުފުލައިލި ވަގުތު ޒިވިއަން ބަލަން ހުރިގޮތުން ހިނިތުންވުން ފިލި އެވެ. ކަންބޮޑުވެފައި އޭނައަށް ދެން ބަލައިލެވުނީ ރައިހާ އަށެވެ. ނަސީބަކުން ރައިހާ އެވަގުތު ދުރަށް ހިނގައިގެންފި އެވެ. އެންމެ ކައިރީ ހުރި މޭޒު ދޮށުގައި އިށީންދެ ފައިވާން ދެފައިން ވަކިކޮށްލިތަން ފެނުނެވެ. އެވަގުތު މަހާޒް ކައިރިވެފައި ގެންނަންވީ ކޯއްޗެއްހޭ ކިޔައިގެން ރައިހާގެ ސަމާސައިގައި ބައިވެރިވާން ފެށި އެވެ. ރައިހާ ވެސް ދޫ ނުކުރަން ވެގެން މަހާޒްއަށް ޖަވާބުދިނެވެ. މަހާޒް އެވަގުތު ދުރަށް ގޮސްފައި އައީ ތަބަކެއްގައި ފެންތައްޓެއް ބަހައްޓައިގެންނެވެ.

"ހުވާ ކަމެއް ހުންނަ ދެމީހުން އެއީ." ކިންޒާ ހިނިތުންވެލައިގެން ހުރެ މަޑުމަޑުން ދެފަރާތަށް ބޯ ހޫރާލައިފައި ވާހަކަދެއްކި އެވެ.

"ޔޫ ލުކް ބިއުޓިފުލް." އޭނަގެ ހިނިތުންވުން އަނެއްކާ ވެސް ފިލީ ޒިވިއަން ބުނެލި އެއްޗަކުންނެވެ. ކުއްލިއަކަށް އެމޫނަށް ބަލާލައިފައި ރަކިވެގެން އިސްޖަހައިލެވުނެވެ.

ޝައިހާ އައިގޮތަށް އައިސް ރައިހާ ފެނިގެން ރޯން ފެށި އެވެ. އާންމުކޮށް އުޅޭ އުޅުމުގައި ވެސް ޝައިހާ އަކީ އަވަހަށް ޖަޒުބާތީ ވާ ކުއްޖެކެވެ. އެ ކަރުނަތައް ހުއްޓުވުނީ ރައިހާ ވަރަށް ވާހަކަދައްކައިގެންނެވެ.

"ބަލާބަ ނިކަން. ކަޅު ކުލައިގަ ކަރުނަ ވެސް މިހުރީ. އަވަހަށް ތި ރުއިން ނުހުއްޓައިފިއްޔާ އިރުކޮޅަކުން ހުންނާނީ އަރާކާ އެއްޗެއްހެން މޫނު ކަޅުވެފަ. މިތަނަށް އައިސްތިބި ހުރިހާ ކުޑަކުދިން ބިރުން ފިލާނެ. އެއީތަ ޝައިގެ ހާއްސަ ދުވަސް ހަނދާން ކުރަން ބޭނުން ގޮތަކީ؟" ރައިހާ ޓިޝޫ ދައްކާލައިފައި ދެއްކި ވާހަކައިން ޝައިހާ ގާތަށް ހިނި އައެވެ.

އާއިލީ ފޮޓޯ ނަގަން އެންމެން އެއްތަން ވެގެން އުޅުނުއިރު ރައިހާ އާއި ބައްޕަގެ ހަތަރުކަޅި ބައްދަލުވި ކިތަންމެ ފަހަރެއް އައެވެ. ދެ ފޮޓޯއެއް ނެގިއިރު ރައިހާއަށް ހުންނަން ޖެހުނީ ވެސް ބައްޕަ ކައިރީގަ އެވެ. މަންމަ އާއި ޖެހުމުން މަންމަ ހުންނަނީ ހިނިތުންވުމާއެކު ރައިހާގެ އަތުގައި ނޫނީ އުނަގަނޑުގައި ހިފަހައްޓައިގެންނެވެ.

އެރޭ ސާރާ ޕާޓީއަށް އައީ އެކަންޏެވެ. ކުދިން ނިދަން ބޭނުންވެގެން އުމަރު މަޑުކުރީ އެވެ. އެކުގައި އެއް މޭޒެއްގެ ދޮށުގައި އިންއިރު ވެސް ސާރާ ހީވަނީ އެހެން ތަނެއްގައި އިންހެންނެވެ. ކިންޒާއަށް ފުރަތަމަ ފަހަރަށް ސާރާއަށް ސަމާލުކަން ދެވުނެވެ. ދެދަރިންނާއި އެހާ ލޯބިވާ ފިރިއަކު ހުއްޓާ ވެސް ސާރާ އަބަދު ރުޅިގަދަވެފައި ހުންނަން ޖެހޭ ސަބަބާ މެދު ހިޔާލުކޮށްލެވުނެވެ.

"ހޭއި!" ސާރާ ދުރު ބަލަން އިންނަތާ ގިނައިރުވެގެން ކިންޒާ އެއަތުގައި އަތް ޖައްސާލައިފައި ގޮވާލި އެވެ.

"ކޮންކަމަކާ ތި ވިސްނަނީ؟" ސާރާގެ ސަމާލުކަން ލިބުމުން ކިންޒާ އެހި އެވެ.

އެސުވާލުން ސާރާ ސިހުނުވަރު ފެނުނެވެ. އެކަމަކު އެއީ ކުޑަ ހިނދުކޮޅަކަށެވެ. މޫނުގެ ކުލަވަރު އަމިއްލަ ކޮންޓްރޯލްގެ ދަށުގައި ބާއްވަން ސާރާ މޮޅުކަން ކިންޒާއަށް ޤަބޫލުކުރެވުނެވެ. ހާއްސަ ކަމަކާއި ނޫނޭ ބުނާފަދަ ގޮތަކަށް މަޑުމަޑުން ބޯ ހޫރާލައިފައި ސާރާ ސަމުސަލުން ކޮށްޓަން ފެށީ އަނެއްކާ ވެސް ކުރިމަތީ ހުރި ތަށީގަ އެވެ. ސާރާ އެތާ އިންހާއިރު އެތަށިން އަނގައަށް ލީ ދެތިން ސަމުސަލެވެ. "ސޮރީ އަހަންނަށް ސާރާގެ ވެޑިންގަ ބައިވެރި ނުވެވުނީމަ." ކިންޒާ މާފަށް އެދުނެވެ. "އަހަރެން ނުބާއްވަން މިކަހަލަ ވެޑިން އެއް. އާދައިގެ ގޮތަކަށް ގޭގަ ކައިވެނިކޮށްފަ ،ހެދިކާ ގަނެގެން ކާކޮޓަރީގަ އާއިލާ މީހުންނަށް ސައިދިނީ." ލުއި ހިނިގަނޑަކާއެކު ސާރާ ޖަވާބުދިނެވެ. އެހިނިތުންވުމުގެ ފަހަތުން ރިހުމެއްގެ އަސަރު ފެނިލި ކަމުގައި ކިންޒާގެ ހިތް ބުންޏެވެ. އޭނަ އިރުކޮޅެއް ވަންދެން އެއްޗެއް ނުބުނެ ސާރާގެ ހަރަކާތްތަކަށް ބަލަން އިނެވެ. ކައިވެނީގެ ދުވަހަކީ ސާރާގެ ހުވަފެންތަކާއި ނިކަން ބޮޑަށް ގުޅިފައިވި ދުވަހެކެވެ. ލާނެ ހެދުމާއި ތަނުގެ ތައްޔާރީއަށް ދާންދެން ކުރިއްސުރެ ހިޔާލުކޮށްގެން ކިއެވެ.

"އިޒް ދެއާ އެނީތިން ޔޫ ވޯންޓް ޓެލް މީ!" ކިންޒާ އަނެއްކާ ވެސް ވާހަކަދެއްކި އެވެ.

"އަހަރެން އެންމެ ބޭނުންވި ވަގުތު ކިންޒާ އަހަންނާއި ދުރަށް ދިޔައީ. ޔޫ ވަ އެންޖޯއިން ޔުއާ އޯން ލައިފް. ދެން މިހާރު އަހަރެންނަށް މުހިންމެއް ނޫން. ނޯ ތޭންކްސް." މަސްނޫއީ ފުޅާ ހިނިތުންވުމެއް ވެރިކޮށްލާފައި ސާރާ ޖަވާބުދިނެވެ.

ކިންޒާއަށް އިތުރު އެއްޗެއް ބުނެވުމުގެ ކުރިން ސަމުސާ ދޫކޮށްލާފައި ޓިޝޫއެއް ނަގައި ތުންފުހެމުން ތެދުވެގެން ހިނގައިގެންފި އެވެ. ސާރާ ގޮސް ދުފާ ތަބައްތައް ބަހައްޓާފައި ހުރި މޭޒު ކައިރިއަށް ހުއްޓި ފޯއްފޮއްޗެއް ނަގައިގެން ހަފަމުން ވަށައިގެން ލޯ ހިންގަން ހުއްޓާ ފެނުނެވެ.

އެރޭ ރައިހާ އާއި ބައްޕަ ފުރަތަމަ ފަހަރަށް ބައްދަލުވެ ވާހަކަދެއްކި އެވެ. އެކަމެއް ހަމަޖެއްސީ ޝައިހާ އެވެ. ޝައިހާގެ ކޮޓަރިއަށް ދާން ބައްޕަ އަށް ކިޔާފައި އެގަޑީގައި ރައިހާ ވެސް ގެންދިޔައީ އެވެ. އެދެމީހުން ކައިރީ މައްސަލަ ހައްލު ކުރަން ބުނެފައި ޝައިހާ ނިކުމެ ހުރީ ދޮރުމަތީގަ އެވެ. އެމީހުން ވާހަކަދެއްކި އިރަކުން ނޫނީ ނިކުތުމުގެ ފުރުސަތު ނުދޭނެ ކަމަށް އިންޒާރު ދީފަ އެވެ.

ކިންޒާ ނިދަން އޮތްވާ ރައިހާ އައިސް އެކޮޓަރިއަށް ވަނެވެ. ލޮލަށް ބަލައިލުމުން ރޮއިފައި ހުރިކަން އެނގުނެވެ. ކިންޒާ އަވަހަށް ތެދުވެ އިށީނެވެ. އޭނަ ހައިރާންކޮށްލީ ރައިހާ ވެރިކޮށްލި އުފާވެރި ހިނިތުންވުމެވެ. މައްސަލަ ހައްލުވި ވާހަކަ އާއި ބައްޕަ މާފުކުރި ވާހަކަ ބުނުމުން އިތުރު ތަފްޞީލު ހޯދަން ކިންޒާ ބޭނުންވި އެވެ.

"އަހަރެން ބުނީ ބައްޕަ ކައިރީ މާފުކުރާށޭ ބައްޕަގެ ލޯބިވާ އަންހެންދަރިފުޅުގެ ކައިވެނީގަ އަހަރެންގެ ސަބަބުން ބައްޕަ ވާންޖެހޭ ވަރަށް އުފާވާނެ ފުރުސަތު ނުލިބި ނުތަނަވަސްވާން ޖެހުނީމަ. އަހަރެން ބުނިން މީ އެފަދަ ގޮތަކަށް އަހަރެން ކުރާނެ ފަހު ކަންތަކޭ. ދެން ދުވަހަކުވެސް ނާންނާނަމޭ އަހަރެންގެ މި ސުންޕާ މޫނު ދައްކާކަށެއް. އެއީ އަހަރެން ހަމައެކަނި ބުނި އެއްޗަކީ. ދެން ފެނުނީ ކުއްލިއަކަށް ބައްޕަގެ ޕޯކަފޭސް ގެއްލިފަ ކަރުނަ ފުހެލިތަން...." ރައިހާ މެދުކަނޑާލައިފައި ކިންޒާގެ އަތުގައި ހިފާލި އެވެ.

"ކިންޒާ ބުނީ ތެދެއް. މާކުރިއްސުރެ ބައްޕަގެ ހިތް ވަނީ މަޑުވެފަ. ރުޅިވެރިކަމް ފިލާފަ. އަހަންނާއި ފުރަތަމަ ވާހަކަ ނުދައްކާ ބައްޕަ ހުއްޓުވި އެއްޗަކީ އީގޯ. އަހަރެން ހަމަ މާފަށް އެދުނީ ބައްޕަގެ ޑިފެންސް ދިޔައީ." ރައިހާ މަޑުން ހީލި އެވެ.

"ސޯ؟" ދެ އެކުވެރިން އެކަކު އަނެކަކަށް ބަލަން ހިނިތުންވެފައި ތިބުމަށްފަހު ކިންޒާ އެހި އެވެ.

"ބައްޕަ ބޭނުންވަނީ ވީހާ އަވަހަކަށް އަހަރެން ފަރުވާއަށް އެކޮޅަށް ދާން. އެހެންވީމަ މިރަށުން ފެށިގެން ދަތުރުގެ ބާކީބައި އޮތީ ކިންޒާމެން އަތްމަތީގަ. ޝައިގެ ފިރިމީހާ ހުރީ ދެން ތިމީހުން ދާން ތިބި ރަށްރަށުން ހުރުމާއި ކެއުމުގެ އިންތިޒާމު ހަމަޖައްސައިދޭ ގޮތަށް..." ރައިހާ ވާހަކަދައްކަނިކޮށް ކިންޒާ އަތް އުފުލާލައިފައި ހުއްޓުވި އެވެ.

"އަހަރެންގެ ދަތުރު މިހާ ހިސާބުން ވެސް މިއޮތީ ފުރިހަމަވެފަ. އަހަރެން އުފާކުރަން މިދަތުރުގަ ބައިވެރި ވެވުނީމަ. އަހަންނަށް އަހަރެންގެ ބެސްޓްފްރެންޑް އަނބުރާ ލިބިއްޖެ. އަދި އަހަންނަށް އަހަރެންގެ މާނަ ނެތް ކައިވެނިން ސަލާމަތް ވެގެން އަމިއްލަ ނަފްސަށްޓަކާ ދިރިއުޅުމުގެ ހިތްވަރު ލިބިއްޖެ. މީ އަހަރެންގެ އުމުރުގައި ވެސް ކުރެވުނު އެންމެ ފުރިހަމަ ދަތުރު." ކިންޒާ ރައިހާގެ ދަތްދޮޅީގައި ހިފާލައިގެން އިނދެ ކިޔައިދިނެވެ.

އެރޭ އެގަޑީގައި މަހާޒްއަށް ގުޅާފައި އެމީހުން ދިޔައީ ސާރާމެން ތިބޭ ގެއަށެވެ. އުމަރާއި ސާރާ ފަދައިން ޒިވިއަން ވެސް ނިކުމެ އެގޭ ސޯފާގައި ތިއްބެވެ. މަހާޒް އައިސް އިށީނުމުން ރައިހާ ދަތުރު ހުއްޓާލައިފައި ރަށުގައި މަޑުކުރާ ވާހަކަ އެންމެނަށް އެންގި އެވެ. ސާރާ އާއި އުމަރު ބޭނުންވީ އިތުރަށް ކުރިއަށް ނުގެން ގޮސް މާލެ ދާށެވެ. ކުދިން މިހާރު ގެއަށް ދާން ކިޔާތާ ދުވަސްކޮޅެއް ވެއްޖެ އެވެ. ކިންޒާ ފަދައިން ޒިވިއަން ވެސް ދަތުރު މެދުކަނޑާލަން ތާއީދު ކުރި އެވެ. އެއްޗެއް ނުބުނެ ހިމޭނުން އިނީ މަހާޒް އެވެ. އެކަމަކު ދެކޮޅެއް ވެސް ނުހަދަ އެވެ.

ރައިހާ އާއި މަހާޒް ވަކިވި ގޮތާއި ބެހޭގޮތުން ކިންޒާ އެހީ މަހާޒް ކައިރީގަ އެވެ. ފްލައިޓުގައި ދެމީހުން ތިބީ ޖެހިޖެހިގެންނެވެ. އޭނަ އެވާހަކަ ބުނުމުން މަހާޒް ބަލައިލީ ހައިރާންވެފަ އެވެ. އިތުރަށް ސިއްރު ކުރުމުގެ މާނައެއް ނެތްކަން އެނގުމުން ކިޔައިދޭން އެއްބަސްވި އެވެ.

އެއް މަސް ފަސް

ކިންޒާގެ ހިޔާލުތައް ވިއްސި ވިހާލި ކޮށްލީ ތިރިން އިވުނު އަޑުފަތްގަނޑަކުންނެވެ. ސިހިފައި ކޮޅަށް ތެދުވިއިރު މޭޒުމަތީ ސާފުކުރަން އުޅުނު ނޯކަރެއްގެ އަތުން މާޓުކުރިއެއް ވެއްޓި ތެޅުނު އަޑެވެ. ކިންޒާ އަވަސް އަވަހަށް ސިޑީގެ ހަރުފަތްތައް ގިރާކޮށްލައިފައި ތިރިއަށް އައެވެ. މަސައްކަތް ކުރަން ހުރި މީހާއަށް ގެއްލުމެއް ނުވާކަން އެނގުމުން ހަމަޖެހުމުގެ ނޭވައެއް ދޫކޮށްލެވުނެވެ. ސާފުކުރާއިރު ރަނގަޅަށް ބަލަން ލަފާދީފައި އޭނަ ގޮސް ބައްޕަގެ ކޮޓަރި ދޮރު ހުޅުވާލައިފައި ވަނެވެ.

ބައްޕަ ވެއްޓުނީ ކިންޒާ މާލެ އައިތާ ހަފްތާއެއް ވާން ކައިރިވެފައި ހުއްޓަ އެވެ. އޮފީސް މޭޒު ކައިރީ ވެއްޓިފައި އޮތްވާ ފެނުނީ ވިޝާލް އަށެވެ. ސްޓްރޯކެއް ޖެހުމުގެ ސަބަބުން ބައްޕަގެ ވާތްފަޅި އެއްކޮށް ވާގި ނެތިފަ އެވެ. ދަތުރު މެދުކަނޑާލައިފައި އައުމާއެކު ކިންޒާއަށް ކުރިމަތިވި އެންމެ ބޮޑު ހައިރާންކަމަކަށް ވީ ވިޝާލް އެވެ.

އެއްގެއެއްގެ ތެރޭގައި އޭނަ އުޅުނުހާ ދުވަހު އޭނަ އުޅޭކަން ވިޝާލް ކުރިން ހަނދާންވަނީ މަދު ފަހަރެއްގަ އެވެ. އެކަމަކު ދަތުރު ގޮސްފައި އައިފަހުން ވިޝާލް ފެނުނީ މުޅިން ބަދަލުވެފައި ހުއްޓަ އެވެ. އޭނަ ގެއަށް ވަންތަނާ ނޯކަރަކަށް އެހެން މީހަކަށް ނުލާ ގޮސް އުރާލައިގެން ތަކުރާރުކޮށް ހަނދާވި ވާހަކަ ދެއްކިއިރު ކިންޒާ ހުރީ ބަސް ހުއްޓިފަ އެވެ. ހުވަފެނެއްގައި އުޅެވެނީއޭ ހިތަށް އެރި އެވެ.

"ބައްޕާ! ހިނގާ ނާސްތާކޮށްގެން ބޭސްކާން." ބައްޕަ ލޯ ހުޅުވައިލިތަން ފެނިގެން ކިންޒާ ވާހަކަދެއްކި އެވެ.

ބައްޕަ އެއޮތްގޮތަށް ބަލަން އޮތީ އެވެ. ހޮސްޕިޓަލުން ގެއަށް ގެނައި ފަހުން ބައްޕަ އަބަދުވެސް އޮންނަނީ އެގޮތަށް ބަލާށެވެ. ވާހަކަ ދައްކަނީ މަދު ފަހަރެއްގަ އެވެ. ކިންޒާ ގޭގައި އުޅޭ ވަގުތުގައި ނޯކަރަކަށް ނުޖައްސާ ބައްޕަގެ ކަންތައް ކޮށްދޭއިރު ހައިރާންވެފައި އޮންނަހެން ހީވެ އެވެ. ހުސް ވަގުތުތަކުގައި ބައްޕަގެ އެކަނިވެރިކަން ފިލުވައިދޭން އައިސް އޮފީހުގެ ވާހަކަތައް ކިޔައިދޭއިރު ފެންކަޅިވެފައި އޮވެ އެވެ.

މެއިޑު ކާއެއްޗެހި ގެނެސްދިނުމުން ބައްޕައަށް ކާންދީފައި ބޭސްދިނުމަށްފަހު ކިންޒާ ތެދުވެ ހިންދެމިލި އެވެ. އޮފީހަށް ދާން ތައްޔާރު ވާން ދަނީ ކަމަށް ބުނެ ބައްޕަގެ ނިތުގައި ބޮސްދީފައި ގޮސް އެތަނުން ނިކުތެވެ.

ކޮޓަރިއަށް ވަންއިރު ވިޝާލް ލެޕްޓޮޕް ހުޅުވައިގެން އެނދުގައި އިނެވެ. ކިންޒާ ފެނުމުން ބަލައިލާފައި އަނެއްކާ ވެސް ލެޕްޓޮޕަށް ސަމާލުކަން ދިނެވެ. ކިންޒާ ފޯނު ބާއްވަން ބެލިއިރު ރައިހާގެ މެސެޖެއް އިނުމުން އެއަށް ޖަވާބުދީފައި ގޮސް ފާޚާނާއަށް ވަނެވެ. އަންނައުނުތައް ބާލާފައި ދާވަށިގަނޑަށް އަޅާލުމަށްފަހު ދަތް އުނގުޅައިގެން ގޮސް މާގަނޑު ދަށުގައި ހުއްޓުނެވެ. ފިނި ފިނި ފެންތައް ހުރަހެއް ނެތި އައިސް ހަށިގަނޑުގައި މޫނާއި ހަށިގަނޑުގައި ބީހެން ފެށުމުން ފުރަތަމަ ތުރުތުރުލި އެވެ. އިސާހިތަކު ފިންޏަށް ހޭނި ހަމަޖެހިލެވުނެވެ.

ލޯމަރާލައިގެން ހުއްޓާ އިރުކޮޅެއް ވޭތުވެދިޔަ ފަހުން ސިއްސުވައިލީ ބަނޑުމަތީ ވަށައިލެވުނު އަތަކުންނެވެ. ތެޅިގަނެފައި އެނބުރުނުއިރު ވިޝާލް ހުއްޓެވެ.

"ވަޓް އާ ޔޫ ޑުއިން؟" ފޭރާން ނެތް ވިޝާލްގެ ހަށިގަނޑަށް ނަޒަރެއް ހިންގާލައިފައި ކިންޒާ އަވަހަށް ފަހަތަށް ޖެހިލި އެވެ.

"ވަޓް ޑޫ ޔޫ ތިންކް؟ އައިމް ޖޯއިނިން ޔޫ..." ވިޝާލް އެއްލޯމަރާލައިފައި ކިންޒާގެ އަތުގައި ހިފާ ދަމާލިގޮތުން އައިސް ޖެހުނީ އެ މޭގަ އެވެ.

ކިންޒާއަށް އިތުރު އެއްޗެއް ނުބުނެވެނީސް އެއް އަތުން އޭނަ ވަށާލައިފައި ގެނެސް މޭގައި ޖައްސާ ބާރުކޮށްލި އެވެ. ދެއަތުން އެދެކޮނޑުގައި ހިފާލައިފައި ވިޝާލް ދުރުކުރެވޭތޯ ކިންޒާ މަސައްކަތް ކުރި އެވެ. -- ނުނިމޭ --

Popular