11 Oct 2018

ދަތުރުނާމާ

By: Mariyam Yasma

* އޮކްޓޫބަރު 8 ވަނަ ދުވަހުގެ ބަޔާ ގުޅޭ ...

ފަހު ޖުމްލަ ބުނެލިއިރު ހުރިހާ ސަމާސަކަމެއް ކެނޑި ސީރިއަސް ކުލަ ވެރިވެއްޖެ އެވެ. އެމޫނުގައި ވީ ސާބިތުކަމެވެ. ޖެހިލުންކުޑަ ކަމެވެ. އިންޒާރެވެ. އަދި ގޮންޖެހުމެވެ.

***

މެންދުރު އެނބުރިފަހުން ގޭގެ ބެލް ޖެހި އަޑު އައެވެ. އެހުރިހާއިރު ސާރާ އިނީ ސޯފާގަ އެވެ. ބަނޑަށް އެއްޗެއް ނުލާ ތާގައި، ކަރަށް ފެންފޮދެއް ވެސް އެތެރެއަށް ނުކުރެ އެވެ. ދެތިން ގަޑިއިރު އުދުހިގެން ދިޔަކަން އޭނައަށް ރޭކައިލީ ވެސް ތެދުވެ ގަޑި ބަލައިލީމަ އެވެ. އަވަސް އަވަހަށް ދޮރު ހުޅުވާލީ އުމަރު އައީ ކަމަށް ހީކޮށްފަ އެވެ. ހީކުރި ގޮތާއި ޚިލާފަށް ދޮރުމަތިން ބައްދަލުކުރީ އުމަރު އެއްބަނޑު ހަމްދާނު އެވެ. ހަމްދާނު ދިއްކޮށްލި ދެ ދަބަހުގައި ހިފާފައި އުމަރު ކޮބައިތޯ ސާރާ އެހި އެވެ.

"ބޭބެ ތަނަކަށް ދާންޖެހިގެން އަހަރެން ކައިރީ ބުނީ ކިޑްސް ގެއަށް ލައިދޭށޭ." ހަމްދާނު އާދައިގެ ރާގެއްގައި ޖަވާބުދިނެވެ.

ސާރާ ބޯޖަހައިލި ނަމަވެސް ހަމްދާނުގެ ވާހަކަ ޤަބޫލެއް ނުކުރެ އެވެ. ހަމްދާނުއަށް ޝުކުރު އަދާކޮށްފައި ކުދިންގެ ފަހަތުން ވަދެ ދޮރު ލައްޕާލައިފައި އަނެއްކާ ވެސް ގޮސް އިށީނދެވުނީ ސޯފާގަ އެވެ. ކުދިން އޭރު ދުވެފައި ގޮސް ކޮޓަރިއަށް ވަދެއްޖެ އެވެ.

ދުވަހުގެ ބާކީބައި ހޭދަ ވެގެން ދިޔައިރު ސާރާއަށް އެންމެ އިރުކޮޅަކަށް ވެސް ހަމަޖެހުމެއް ނުލިބެ އެވެ. އިރުއިރުކޮޅާ ފޯނު ނަގައި ޗެކްކޮށްލެވެ އެވެ. ކުދިން ސައިބޯން މޭޒުދޮށަށް އަރުވާފައި ގޮސް ހުރެވުނީ ހުޅުވާފައި ހުރި ކުޑަދޮރުން ބޭރު ބަލާށެވެ. އޭނައަށް ހޭވެރިކަން ވީ އެއްޗެއް ވެއްޓި ތެޅުނު އަޑަށެވެ. ސިއްސައިގެން ގޮސްފައި އެނބުރުނުއިރު އާލާ ތުންކޮޅު އޫކޮށްލައިގެން ހުރީ މުށިގަނޑުމަތީ ތެޅިފައި އޮތް ބިއްލޫރިތަކަށް ބަލާށެވެ. ބިއްލޫރި ތަކާއެކު މުޅި ތަނަށް ފެތުރިފައިވާ ކުކީސްތަކުން ބައެއް އެއްޗެހި ފުނޑުފުނޑުވެފަ އެވެ.

"ސޮރީ މަންމި. މަންމިއަށް އުދަނގޫވެދާނެތީ ކޮއްކޮ އަމިއްލައަށް ކުކީސް ނެގީ." އާލާ ވާހަކަދެއްކިއިރު ލޮލުން ކަރުނަތިއްކެއް ވެއްޓި ކޯތާފަތްމަތިން ތިރިއަށް ރޮނގުދެމުނެވެ.

ގޮނޑީގައި އިން އުލާ ވެސް ހީވަނީ ދެންމެ ދެންމެ ރޮއިގެންފާނެ ހެންނެވެ. މޭޒުމަތީ ސާރާ ބެހެއްޓި ތަށި ހުރީ ކުދިން ކައި ހުސްކޮށްލައިފަ އެވެ. އެކުދިން ބިރުގެންފައިވާވަރު ފާހަގަވެފައި ސާރާއަށް ވިސްނައިލެވުނެވެ. އުމަރު ހުރިނަމަ ބިއްލޫރިތައް އެއީ ކަމަކަށް ނުހަދައި ފުރަތަމަ ވެސް އުޅޭނީ ކުދިން ރުއްސޭތޯ އެވެ. ގޯހެއް ހެދިއްޖެ ނަމަ ކުދިން އަބަދު ވެސް ހިމާޔަތް ހޯދަނީ އުމަރުގެ ކިބައިންނެވެ.

"ދޭ ބޭރަށް!" ސާރާގެ ޖުމްލަ ނުނިމެނީސް ދެކުދިން ގޮނޑިން ފައިބައިގެން ނިކުމެ ލޯމަތިން ގެއްލުނެވެ.

ބައްޕަ ނެތިގެން ކުދިން ޝަކުވާ ކުރީ ނިދަންވީމަ އެވެ. ބައްޕަ ކައިރީ އޮވެ ޝަހާދަތް ކިޔައިދީ ދުޢާތައް ކިޔައިދީ ނިމުމަށްފަހު ވާހަކަ ކިޔައިދިނުމަކީ ކުރިއްސުރެ އާދައެކެވެ. ސާރާއަށް އިތުރަށް ކެތްނުވެގެން އިސްވެ އުމަރުގެ ނަންބަރަށް ގުޅައިފި އެވެ. ފޯނު ރިންގްވާ އަޑު އިވުނީ ގޭގެ އެތެރެއިންނެވެ. އަވަސް އަވަހަށް އެނބުރި ދޮރާއި ދިމާއަށް އެނބުރިފައި އެދިމާއަށް ދެވުނެވެ. އޭނައަށް ނިކުމެވުނުއިރު އިއްތިފާޤުން އުމަރު ވެސް އައިސް ވަންނަން ދިމާކުރީ އެވެ.

އެކަކު އަނެކަކު ފެނިފައި ދެމީހުންނަށްމެ ހުއްޓެވިއްޖެ އެވެ. އެކަކު އަނެކަކަށް ބަލަން ތިބީ ފުރަތަމަ ފަހަރަށް ވާހަކަ ފަށާނެ ގޮތެއް ނޭނގިފަ އެވެ. އެވަގުތު އެނދުގައި ތިބި ކުދިންނަށް އުމަރު ފެނިގެން ބައްޕާއޭ ކިޔާ ގޮވައިގެންފައި ދުވެފައި އަތުވެއްޖެ އެވެ. ދެކުދިން އުމަރުގެ އަތަށް ދަމަން ފެށުމުން އުމަރު އެކުދިންނާއެކު ދިޔަ އެވެ. ސާރާ އެނބުރުނުއިރު އުމަރު ކުދިންނާއެކު އެނދުގައި އޮށޯވެއްޖެ އެވެ.

ބަލަން ހުރެލާފައި އޭނަ ނިކުމެ ދޮރު ލައްޕާލުމަށްފަހު ގޮސް އިނީ ދޮރާއި ދިމާއަށް ކުރިމަތިލައިގެން ސޯފާގަ އެވެ. ގާތްގަނޑަކަށް ފަނަރަ މިނިޓް ފަހުން އެދޮރު ހުޅުވުނު އަޑު އިވުނެވެ. ސާރާ ބަލާލިއިރު އުމަރު ނިކުމެ ދޮރު ލައްޕާލަނީ އެވެ. މަގަތަށް އެނބުރެންވާއިރަށް އޭނަ ތެދުވެ ހުރީ ކޮޅަށެވެ.

"ވީ ނީޑް ޓު ޓޯކް." ސާރާގެ ޖުމްލަ ނިމޭއިރަށް އުމަރު ބޯޖަހައިލި އެވެ.

ކައިރީގައި އިށީނުމުގެ ބަދަލުގައި އުމަރު އިށީންދެލީ މޭޒުގެ އަނެއްފަރާތުގައި ހުރި ސޯފާގަ އެވެ. އެމޫނަށް ބަލަން އުދަނގޫވެގެން ސާރާ އިސްޖަހައިލި އެވެ. ދެކަކޫ ގެނެސް ކައިރިކޮށްލާފައި ކަކޫމަތީ ބޭއްވި ދެއަތުގެ ހުދުފުށަށް ބަލަން އިރުކޮޅަކު އިނެވެ. ދައްކަން ހުރި ވާހަކަ ގިނަ ކަމުން ފަށާނެ ގޮތެއް އޭނަގެ ސިކުނޑިއަކަށް ނައެވެ.

"އަހަރެން މާދަން ސާރާ ވަރިކުރަން ކޯޓަށް މައްސަލަ ލާނަން." އުމަރު ވާހަކަދެއްކި އަޑަށް ސާރާ ދިޔައީ ސިއްސައިގެންނެވެ.

ކުއްލިއަކަށް އިސްއުފުލައިލެވުނެވެ. އެވަގުތު އޭނައަށް ފެންނަން ހުރީ މިއަދު ފުރަތަމަ ފަހަރަށް އޭނަގެ ސިއްރު އަހާފައި ވެސް އެމޫނުން ފެނުނު ހުސްކަމެވެ. އޭނަ ހީކުރީ އުމަރު ހިޔާލު ހުށައަޅާނީ އެކައިވެންޏަށް އެއް ފުރުސަތު ދިނުމަށް ކަމަށެވެ. އޭނަދެކެ ކިތަންމެ ނުރުހުންވީ ނަމަވެސް ކުދިން ދޫކޮށްފައި ދާން ނުކެރޭނެ ކަމަށެވެ. ވިޝާލްގެ ކުދިންކަން އެނގުމަށްފަހު ވެސް އުމަރުގެ ހިތުގައި ކުދިންގެ މައްޗަށް އޮތް ލޯއްބަކަށް ބަދަލެއް ނާންނާނެ ކަމަށެވެ.

"އޯކޭ..." ލޮލުތެރެއަށް ޖަމާވި ކަރުނަތައް ހިންދާލަން މަސައްކަތް ކުރަމުން ސާރާ ޖަވާބުދިނެވެ.

އޭނަގެ ޖަވާބު ހަމަ ލިބުމާއެކު އުމަރު ތެދުވެގެން ހިނގައިގަތެވެ. ފިޔަވަޅުގެ އަޑު ހަމަ ކެނޑުމާއެކު ސާރާއަށް އަތް އަޅައިލެވުނީ އަނގަމަތީގަ އެވެ. ހިފަހައްޓައިގެން ހުރި ކަރުނަތައް ކޯތާފަތްމަތިން ތިރިއަށް ދެމިގެންފި އެވެ.

***

ތިން ދުވަސް ފަހަށް ރޭވިފައި އޮތް ބޯޑު މީޓިންގައި ބައިވެރިވުމަށްޓަކައި ކިންޒާ ވާންހުރި ތައްޔާރީތައް ގިނަ އެވެ. ބައިވެރިންގެ ކުރިމަތީ އޭނަ ދަށްކޮށްލައި އަގު ވައްޓާލުމަށްޓަކައި ވިޝާލް ކުރިމަތިކުރުވަފާނެ ކޮންމެ ސުވާލަކަށް ޖަވާބު ހޯދަން ނިންމި އެވެ. އޭނަގެ އެންމެ ބޮޑު ބަލިފަޔަކަށް ވާނީ ވިޝާލްއަށްވުރެ ތަޖުރިބާ މަދުވުމެވެ. ތިން ދުވަސް ވަންދެން ރެއެއް ދުވާލެއް ނެތި އޭނަ ކުރި މަސައްކަތުގައި އެންމެ ބޮޑު އެހީތެރިކަމެއް ލިބުނީ ޕީއޭގެ ފަރާތުންނާއި ޖެނެރަލް މެނޭޖަރެއްގެ ގޮތުގައި ހުރި ހަސަންގެ ފުށުންނެވެ. ހަސަންގެ ބައްޕަ ދުނިޔޭގައި ބައްޕަ ވެސް އެތާގައި މަސައްކަތް ކުރި އެވެ. އޭގެ ފަހުން ހަސަން އެތާގައި މަސައްކަތް ކުރާތާ މިހާރު ފަނަރަ އަހަރު ވަނީ އެވެ.

ބަނޑުހައި ވެގެން ކާން ހޯދައިލާ ހުސްވަގުތު ތަކުގައި މެސެޖެއް ކޮށްލުން ފިޔަވައި އިތުރު ވާހަކައެއް ޒިވިއަންއާ ވެސް ނުދެކެވެ އެވެ. ބައްޕަ ވެއްޓުނީއްސުރެ އެމަޤާމަށް ދެން އަންނާނެ ފަރާތަކާއިމެދު ސިއްރުން ވާހަކަތައް ދެކެވޭތާ ދުވަސްކޮޅެއް ވެއްޖެ އެވެ. އެއްބަޔަކު ބުރަވަނީ ކިންޒާ އަށެވެ. ބައްޕައާ ލޭގެ ގުޅުން އޮތުމުން އެމަޤާމު ހައްޤީ އޭނައަށް ކަމަށް ޤަބޫލުކުރާ ފަރާތްތައް އުޅެއެވެ. އެކަމަކު މިއަދާއި ޖެހޭންދެން ކިންޒާގެ ހިތުގައި އެކަމަށް ޝައުޤުވެރިކަމެއް ނެތެވެ. ހިތާއި ހިތުން އޭނަ އެދެމުން ދިޔައީ ބައްޕަ ރަނގަޅު ވެގެން އެނބުރި އައިސް އެމަޤާމު ފުރުމަށެވެ. އެހާ އަވަހަށް އުންމީދު ކަނޑާލާކަށް އޭނަ އެއްފަހަރު ވެސް ގަސްތެއްނުކުރެ އެވެ. ވަކި ވަރަކަށް ރަނގަޅުވުމުން ހިނގައި އަދި ބައެއް ކަސްރަތުތައް ކޮށް އުޅެން ޑޮކްޓަރު އޮތީ ލަފާދީފަ އެވެ. މަޤާމަށް ކުރިމަތިލާން ކިންޒާ ނިންމީ އޭނައާއި ބައްޕައާ ދެމެދު އެންމެފަހުން ދެކެވުނު ވާހަކައަށްފަހުގަ އެވެ.

"މޭމް ހޯދަން މީހަކު އައިސް އެބަހުރި." ގަޑި ޖެހެން ތިރީހަކަށް މިނިޓަށް ވެފައި ހުއްޓާ ޕީއޭ ގުޅާފައި އެންގި އެވެ.

"ކާކު؟" ކިންޒާ ސުވާލު ކުރި އެވެ.

އެކޮޅުން ޖަވާބު ނުލިބެނީސް ދޮރުގައި ޓަކިދިނެވެ. ކިންޒާގެ ސަމާލުކަން އެދޮރަށް ހުއްޓުނުތަނާ ހުޅުވައިލި އެވެ. ފޯނުން ކީއެއްޗަކަށް ނުބަލައި އޭނައަށް ތެދުވެވުނެވެ. ހިފަހައްޓާލައިގެން ހުރި ނޭވާ ދޫކޮށްލެވުނީ ދޮރުން ވަން ޒިވިއަން ދެކެފަ އެވެ. އިސާހިތަކު އެތުންފަތަށް ހިނިތުންވުމެއް ވެރިވެއްޖެ އެވެ. އޭނަ މޭޒު ވަށާލައިފައި ދިޔަ ގޮތަށް ގޮސް ޒިވިއަންގެ ބުރަކަށީގައި ދެއަތް ވަށާލައި އެމޭގައި މޫނު ޖައްސާލައިފި އެވެ.

"ގުޑް މޯނިން ޓު ޔޫ ޓޫ.." ޒިވިއަން ވާހަކަދެއްކިއިރު އަޑުގައި ހިނިތުންވުމުގެ އަސަރުވި އެވެ.

ކިންޒާ ހިނިގަނޑެއް ޖަހާލައިފައި ކުޑައިރުކޮޅެއް ވަންދެން އެހަށިގަނޑުގެ މީރުވަހުން އުފާ ލިބިގަންނަން މަޑުކޮށްލި އެވެ. އޭނަ ހިންދެމިލާފައި އެމޫނަށް ބަލަން ހުރީ ދެއަތްތިރިކޮށްނުލަ އެވެ. ޒިވިއަން ދެއަތް އުފުލާލައިފައި އެމޫނުގެ ދެފަރާތުން ހިފައިލުމުން ހިތް އަވަސްވެލި އެވެ. ޒިވިއަން އެވަގުތު ގުދުވެލާފައި ތުންފަތް ޖައްސައިލީ އޭނަގެ ނިތުގަ އެވެ. ކިންޒާއަށް ހުރެވުނީ ލޯމަރާލައިގެންނެވެ. އެދެލޯ ހުޅުވުނީ ސިކުންތުކޮޅެއް ފާއިތުވެދިޔަ ފަހުން ޒިވިއަންގެ ތުންފަތުގެ ހޫނުކަން ކެނޑުނީމަ އެވެ.

"ހައު އާ ޔޫ ފީލިން؟" ޒިވިއަން ސުވާލުކުރިއިރު އަޑުގައި އަޅާލުންވި އެވެ.

ޒިވިއަން އެމޫނަށް ބަލަން ހުރިގޮތުން އެކަނި ވެސް ކިންޒާގެ މެއަށް ބާރުވެލި އެވެ. އެހާ ލޯބިން އެކަކު ވެސް އޭނައަކަށް ނުބަލަ އެވެ.

"އައިމް ގުޑް." ކިންޒާ ޖަވާބުދިނީ ނުވާވަރަށް އުފާވެރިކަން އަޑަށް ގެނެސްފަ އެވެ.

"ކިންޒާ ދުވަހަކުވެސް ނުޖެހޭނެ އަހަރެންނަށް ކަމެއް ފޮރުވާކަށް." ކުރިން ވެސް ވާހަކަދެއްކި ރާގުގައި ޒިވިއަން ރައްދުދިނެވެ.

ތިރި ބަލާލުމަށްފަހު އަނބުރާ ޒިވިއަންގެ މޫނަށް ލޯ ހުއްޓައިލާފައި ކިންޒާ ފުން ނޭވައެއް ދޫކޮށްލި އެވެ. ޒިވިއަންގެ އަތަށް ދަމާލައިފައި ގެންގޮސް މޭޒު ކައިރީ ހުރި ގޮނޑީގައި ބައިންދާފައި އޭނަ އިށީންދެލީ މޭޒުމަތީގަ އެވެ. ޒިވިއަން ގޮނޑިކައިރިކޮށްލައިގެން އަތް ހުރަހަށް ބާއްވައިލީ ކިންޒާގެ ކަކޫމަތީގަ އެވެ.

"ތެދަށް ބުނަންޏާ އަހަރެން ކުޑަކޮށް ވެސް ހިޔާލު ވެސް ކުރި މަޤާމެއް ނޫން ސީއީއޯގެ މަޤާމަކީ. އަހަރެން ހީކުރީ ވިޝާލް އަހަންނާއި ދޭތެރޭ ކޮންމެ ގޮތަކަށް ކަންތައް ކުރިއަސް އޭނަ ބަލައި ބޮޑުކުރި އަހަރެންގެ މައިންބަފައިންނަށް ރަނގަޅު ވާނެ ކަމަށް. އެހެންވެ އަހަރެން ފަހުން ވިސްނައިގެން ހުރީ ވިޝާލްއަށް ކޮމްޕެނީ ދޫކޮށްލާފަ ޒިވިއަންއާ ގުޅިގެން އެހެން ދިމާއަކަށް ދާން. އެކަމަކު މިހާރު އަހަންނަށް ނުކެރޭނެ ވީޝާލްގެ އަތްމައްޗަށް އަހަރެންގެ މައިންބަފައިންނާއި ބައްޕަގެ ހުރިހާ މަސައްކަތެއް ދޫކޮށްލާކަށް. އަމިއްލަ ދަރިންނަށް ކުލުނެއް ނެތް މީހަކު ހިލޭ މީހަކަށް ރަނގަޅެއް ނުވާނެ. އެހެންވެ އަހަރެން ޖެހޭ މިމަޤާމު ހޯދަން." ކިންޒާގެ ވާހަކަ ނިމުމުން ޒިވިއަން އޭނަގެ ދަތްދޮޅީގައި ހިފާ ހަތަރުކަޅި ހަމަކުރުވި އެވެ.

"އިރާދަކުރެއްވިއްޔާ ކާމިޔާބު ވާނެ." ޒިވިއަން ހިތްވަރުދިނެވެ.

ކިންޒާގެ ޖަވާބު އައީ ބޯޖަހައިލުމަކުންނެވެ. އަސަރުކޮށްފައި ހުރިވަރުން އޭނަގެ ކަރުތެރެ ހުރީ ބެދިފަ އެވެ.

ބައްދަލުވުން ބާއްވާ ކޮޓަރިއަށް ކިންޒާއަށް ވަދެވުނީ ދެވަނަ އަށެވެ. ވިޝާލް ހަމަޖެހިލައިގެން ގޮނޑިއެއްގައި އިނދެފައި ކިންޒާވަންތަން ފެނުމުން ކޮޅަށް ތެދުވި އެވެ.

"އިހަށް ބޭރުގައި މަޑުކޮށްލެވިދާނެތަ؟" ވިޝާލް ބުނި އެއްޗަކުން ކިންޒާއަށް ބުމަ ކައިރިކޮށްލެވުނެވެ.

ވިޝާލްގެ ނަޒަރު ހުރީ ފަހަތުގައި ހުރި އެހެން މީހަކަށްކަން އެނގުމުން ފަސްއެނބުރި ބަލައިލެވުނެވެ. އޭރު އޭނަގެ ޕީއޭ ވިޝާލް އެދުނު ފަދައިން ނިކުންނަން އެނބުރިލަނީ އެވެ. ވިޝާލް ނުހުއްޓި ގޮސް ދޮރާއި ކައިރިވެފައި އެތެރެއިން ދޮރު ތަޅުލީތަން ފެނުމާއެކު ކިންޒާއަށް އިތުރަށް ހިމޭނަކުން ނުހުރެވުނެވެ.

"ވީޝާލް ކީއްކުރާނަމޭ ހިތާ ތިއުޅެނީ؟" ކިންޒާ ބާރު ބާރަށް ގޮސް ދޮރާ ކައިރިވާން އުޅުމުން ވިޝާލް އެދެމެދަށް ހުރަހަކަށް ވެގެން ހުއްޓުނެވެ.

"ކިންޒާ އިހަށް އަޑު އަހާބަލަ. އަހަރެން ހަމައެންމެ ފަސް މިނިޓް ނަގާނީ. އަދި މީޓީން ފެށެން ދިހަ މިނިޓް އެބަހުރި." އަތުކުރީ ގަޑިއަށް ނަޒަރެއް ދީފައި އަނބުރާ ކިންޒާއަށް ހުއްޓާލަމުން ވިޝާލް ވާހަކަދެއްކި އެވެ.

އަނގައިން ބުނުމުގެ ބަދަލުގައި ކިންޒާ ގޮސް ދިގު މޭޒުގެ އެއްފަރާތުން ގޮނޑިއެއް ދަމާލައިގެން އިށީނެވެ. ވިޝާލް ހިތްހަމަޖެހުމާއެކު ފުން ނޭވައެއް ދޫކޮށްލައިފައި ގޮސް އިށީނދެލީ އެގޮނޑިއާ ޖެހިގެން ހުރި ގޮނޑީގަ އެވެ. އިށީނުމުގެ ކުރިން ކިންޒާއާ ކުރިމަތިވާނެހެން ގޮނޑި އަނބުރައިލި އެވެ. މޭޒުމަތީ އޮތް އޭނަގެ އަތްތިލައިގައި ވިޝާލް ހިފާލުމުން ދަމައިގަންނަން އުޅުނެވެ. ވިޝާލް އެވަގުތު ކުރިއަށްވުރެ ބާރުކޮށްލުމުން ހަތިޔާރު ބެހެއްޓި އެވެ.

"ކިންޒާ! އަދިވެސް ލަހެއް ނުވޭ! އަދިވެސް އަހަރެމެންނަށް މިކަން ހުއްޓައިލާފަ އައިކޮޅަށް އެނބުރި ދެވިދާނެ. ނުވާ ކަމަކަށް ހަދާފަ އެއްލައިލަން ހަތަރު އަހަރަކީ ކުރު މުއްދަތެއް ނޫން. އަހަރެން އަދިވެސް މިހުރީ ކިންޒާ ދޭ ކޮންމެ އަދަބެއް ލިބިގަންނަން. އައި ރިއަލީ ލަވް ޔޫ...." ވިޝާލްގެ ލޮލުގައި އާދޭހެވެ.

މީގެ އަހަރުތަކެއް ކުރީން ނަމަ ކިންޒާ އެވާހަކަތައް ޤަބޫލުކުރީހެވެ. އެ އިހްސާސް ތަކަކީ ތެދުކަމުގައި ޔަޤީންކުރީހެވެ. އެކަމަކު މިއަދު ކިންޒާއަށް ވިޝާލްގެ އެ ކުލަވަރުގެ ފަހަތުގައިވާ ހަޤީޤަތް ހުރީ ރީތިކޮށް ފެންނާށެވެ.

"މިހާރު އެނގިއްޖެ ވިޝާލް މީހުންނަށް ތިދައްކާ ދެއްކުމާ ގާތަށް ވެސް ވިޝާލްގެ ކޮންފިޑެންސެއް ނެތްކަން. ބުނަން ވިޝާލް! އަހަރެން މިހުރީ ފަހަތަށް ޖެހޭ ގޮތަކަށް ނޫން. އަހަރެން ޖެހިލުމެއް ނުވޭ ބޭކާރު އަހަރުތަކެއް އެއްލައިލާކަށް. އަހަރެން ބޭނުމީ ދެން އޮތް ދުވަސްތައް ބޭކާރުވިޔަ ނުދޭން." ކިންޒާ ވާހަކަދައްކަން ފެށުމާއެކު ވިޝާލްގެ ކުލަ ބަދަލުވެއްޖެ އެވެ.

އެމޫނަށް ވެރިވި ފޫހިކަން ފޮރުވާކަށް އޭނަ އިތުރަށް މަސައްކަތެއް ނުކުރެ އެވެ. ކުއްލިއަކަށް ކިންޒާގެ އަތުން ދޫކޮށްލައިފައި ތެދުވެގެން ދާން ފެށުމުން ކިންޒާއަށް މަޑުމަޑުން ދެފަރާތަށް ބޯ ހޫރުވައިލެވުނެވެ. އޭނަ ގޮވާލުމުން ވިޝާލް ހުއްޓިފައި އަޑުއަހަން ހުރީ ފުރަގަސްދީގެންނެވެ.

"އަހަރެން ކުރަން އޮތީ ހަމަ އެންމެ ސުވާލެއް؟.. އަހަރެން މަންމައާ ބައްޕައާ ވިޝާލްއަށްނުކޮށްދެނީ ކޮންކަމެއް؟ ކޮންކަމެއް އުނިވެގެން ވިޝާލް ތިއުޅެނީ؟" ކިންޒާގެ ވާހަކަ ނުނިމެނީސް ވިޝާލް އެނބުރުނެވެ. އެމޫނުން ކިންޒާއަށް ފެނުނީ ކުރިން ނުފެންނަ ކުލައެކެވެ. ރުޅިއާއެކު ރިހުމެއްގެ އަސަރު އެލޮލުގައި ވި އެވެ.

"ކިންޒާ ކޮންމެހެން އަހަން ބޭނުމިއްޔާ އަހަރެން ބުނެދީފާނަން. އެމީހުން އަހަރެން ބަލާބޮޑުކުރީ އެއްގޮތަކަށް ހެޔޮއެދިގެން ކުރިކަމެއްގެ ގޮތުގައެއް ނޫން. ރޮބެޓެއް ޓްރެއިން ކުރާހެން އެމީހުން ބޭނުންވާފަދަ މީހަކަށް އަހަރެން ހެދީ އެމީހުންގެ ލޯބިވާ ދަރިފުޅަށްޓަކައި. އެދަރިފުޅު ހަވާލުކުރަން. އަހަންނަށް އަހަރެން އެދޭ އެއްވެސް ކަމަކަށް އިޚުތިޔާރެއް ނެތް. ހުރިހާ ކަމެއް އިޚުތިޔާރު ކުރީ އެމީހުން. އަހަރެން ކިޔަވަންވީ ދާއިރާ. އަހަރެން އަދާކުރަންވީ ވަޒީފާ. އަހަރެން ކުރަންވީ ކަންކަން. ގުޅުން ބާއްވަންވީ އެކުވެރިންނާއި ލޯބިވާންވީ މީހުން. އެމީހުން އަހަރެންގެ މުޅި ދިރިއުޅުން ކޮންޓްރޯލް ކުރީ. އަހަރެން އިންނަންވީ ކާކާއިކަން ހަމަޖެހިފަ އޮތީ އަހަރެން ގެނަ ދުވަހު ވެސް....ޖަވާބު ލިބިއްޖެ؟" ވިޝާލްގެ ވާހަކަ ނިމުނުއިރު ކިންޒާ ތެދުވެ ހުރީ ކޮޅަށެވެ.

"ދުވަހަކު ވެސް...... ފަޅި ސިކުންތަކަށް ވެސް... އަހަރެންދެކެ ލޯބިވިންތަ؟" ތުރުތުރު ލަމުންދިޔަ ދެތުންފަތް ފޫދުއްވާލައިފައި އެ ލަފްޒުތައް ނިކުތެވެ.

ވިޝާލްގެ ސީރިއަސްކަން އަނެއްކާ ވެސް އެހެން ކުލައެއް އިޚުތިޔާރުކުރިތަން ކިންޒާއަށް ފެނުނެވެ. އެއީ ކޮން ކުލައެއްކަން އެނގުމާއެކު އޭނައަށް ޖެހިލެވުނީ ފަހަތަށެވެ. ފަހަތުގައި ހުރި ގޮނޑީގައި ފައިޖެހުމުން އެހިސާބުން ޖެހުނީ ހުއްޓޭށެވެ. ވިޝާލްގެ އެހަމްދަރްދީ އޭނަގެ ޖަވާބުދީފި އެވެ. ވިޝާލް އެވަގުތު ކުރިއަށް ފިޔަވަޅެއް އަޅައިލުމުން އަޑު ނާހަން ވެގެން ދެފަރާތަށް ބޯ ހޫރާލައިފައި ކިންޒާ ދެއަތް ނަގައި އަތްއެޅީ ކަންފަތުގަ އެވެ.

ވިޝާލް އައިސް ހުއްޓުނީ އަރައިގެން ހުރި ބޫޓުގެ ކުރިން ކިންޒާގެ ބޫޓުގައި ޖެހުނީމައެވެ. ދެއަތް އުފުލާލައިފައި ކިންޒާގެ ދެއަތުގެ ކުޑަ ހުޅުގައި ހިފާ ކަންފަތާއި ދުރުކޮށްލި އެވެ.

"ސޯ ސޮރީ ކިންޒާ. އަހަރެން ދުވަހަކުވެސް.... ފަޅި ސިކުންތަކަށް ވެސް ކިންޒާދެކެ ލޯއްބެއް ނުވަން." ޖަވާބުދިންއިރު ވިޝާލްގެ އަޑުގައި އެއްވެސް ކަހަލަ މޮޅިވެރިކަމެއް ނުވެ އެވެ. ކިންޒާއަށް ކޮށްފައިވާ އަސަރު ފެނުމުން އޭނަ އެކަމުން އުފާ ލިބިގަންނަމުންދިޔަ ކަހަލަ އެވެ. -- ނުނިމޭ --

Popular