20 Oct 2018

އިންތިހާ

* އޮކްޓޫބަރު 16 ވަނަ ދުވަހުގެ ބަޔާ ގުޅޭ ...

ނަދާއަށް އާދެވުނުއިރު އަޒުހަދު މޭޒާއި ދުރަށް ޖެހިލަނީއެވެ. އަތުން ގޮނޑި ދުއްވަމުން އެނބުރުނުއިރު އަޒުހަދު އިނީ ދާހިއްލާ ފޯވެފައެވެ. ނަދާގެ ހިތް ތެޅިގަތީ މޭފަޅާފައި ނިކުންނަހާ ބާރަށެވެ. މޭޒާއި ދިމާލަށް ނަދާ ބަލާލިއިރު ފެނުނީ އަޒުހަދުއަށް އަޅައިދިން ބަތްތަށީގެ އެއްބައި ހުސްނުވެފައި ހުރިތަނެވެ. އެކަމަކު ކުރުނބާ ފަނި ހުރީ ހުސްވެފައެވެ.

"ކޮންބައެއް ކުރުނބާ ފަނި ބުއީ؟" ނަދާ އައިސް އެއްއަތުން ހުސްފުޅި ނަގަމުން ބުނެލިއެވެ.

"އަހަރެން." އަޒުހަދު ނޭވާ ހީވަނީ ކުރުވެފައި ހުރިހެންނެވެ. ނިތްކުރި އަތުން ފޮހެލަމުން އަޒުހަދު ނަދާއަށް ބަލާލިއިރު މޫނުމަތީގައިވީ ވަރުބަލިކަމެވެ.

"އެއްވެސް އުދަނގުލެއްވޭތަ؟ ހާދަ ބޮޑަކަށޭ ދާހިއްލާފައި ތިހުރީ." އަޒުހަދު ކައިރީ ހުއްޓެމުން ނަދާ އަހާލިއިރު އެއަޑުގައިވީ ކަންބޮޑުވުން ފާހަގަވެއެވެ.

"ވަޓްސް ރޯންގު؟ އުދަނގުލެއް ވެއޭ ތި އެހީ ކީއްވެ؟ ދާހިއްލާފައި ހުރީމަތަ؟ މަންމަ އަވަހަށް ދަމުން ދިޔައީ ފަންކާވެސް ޖަހައި ނުދީ، ނަދާ ކައިރީ އެހެން ބުނުމުގެ ކުރިން ޗޭންޖުކުރަން ކޮޓަރިއަށް ދިޔާމަ އެހެންނު ވާނީ." އަޒުހަދުއަށް ބަލަން ހުރެފައި ނަދާ އިސްއުފުލާ ބަލާލިއިރު ފަންކާ ހުރީ ނުޖަހައެވެ. އަވަހަށް ގޮސް ފަންކާ ޖަހާފައި އައިސް އަނެއްކާވެސް އަޒުހަދު ކައިރީ އެއްވެސް އުދަނގުލެއްވޭތޯ އެހިއެވެ. ނަދާގެ ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި އަޒުހަދު ވެސް ތަކުރާރުކުރީ ހަމަ އެސުވާލެވެ.

"ކުރުނބާ އަށް ހަކުރު ގިނަވެފައި ހުރީމައި ފަހަރެއްގައި ބަނޑުގައި ރިއްސަފާނެތީ މިހެން މިއެހީ." ނަދާ ގެ ޖަވާބު އަހާފައި އަޒުހަދު ހޭންފެށިއެވެ.

"އަސްލު ކުރުނބާ ފަންޏަށް ހުރީ ހަނދާންނެތިގެން ހަކުރު ނާޅާ،" އަޒުހަދު ބުނެލިއެވެ. އަޒުހަދުގެ މޫނުމަތިން ފެންނަން ހުރި ހިނިތުންވުމުން ނަދާގެ ހިތަށް ހަމަޖެހުމެއް ނުލިބެއެވެ. ގަދަކަމުން ހިނިތުންވެލީ އޭނަ އަށް ދެންމެ އައި ފޯނު ކޯލުން ލިބުނު ޚަބަރު ފޮރުވުމުގެ ގޮތުންނެވެ. ނަދާ ނިތްކުރީ އަތްފިރުމާލަމުން އައިސް ވަނީ ކޮޓަރިއަށެވެ. އަނެއްކާވެސް ނައުހާންއަށް ގުޅަން ގަސްތުކުރިއެވެ. ކޮޓަރި ތަޅުލާފައި އައިސް އެނދުގައި އިށީނެވެ.

"ނަޞީބެއްނު އެއްވެސް ކުއްޖަކު ކުރުނބާ ނުބުއިކަން." ނަދާ ދެއްކި ވާހަކަ އަހާފައި ނައުހާން ބުނެލިއެވެ. ނަދާ ދާހިއްލާހެން ހީވެ މޫނު ފޮހެލަމުން ގޮސް އޭސީ ޖެއްސިއެވެ. މީގެ ފަނަރަ ވަރަކަށް މިނެޓްކުރިން ނައުހާން ގުޅާފައި ދިން ޚަބަރެއްގެ ސަބަބުން ހީވަނީ އެތެރެ ހަށީގައި ހޫނުކަމެއް އުފެދުނުހެންނެވެ. މަންމަ ގެނައި ކުރުނބާ ފަނި ފުޅި އަކީ ސިހުރު ހަދަން ކިޔަވާފައި ފޮނުވި އެއްޗެއްކަން ނައުހާން ބުންޏެވެ. އެފަނި އެއްވެސް މީހަކު ބުއިމުގެ ކުރިން ހުއްޓުވުމަށް ނައުހާން އެދުނެވެ. ނަޞީބަކުން ބައްސާމް އާއި އައިނީ އަކީ ކުރުނބާ ބޯހިތްވާ ކުދިންނެއް ނޫނެވެ. "ކިހިނެއްތަ ނައުބެއަށް އެނގުނީ؟" ދެކުދިން ސަލާމަތްވުމަކުން ނަދާގެ ހިތަކަށް ލިބުނު ހަމަޖެހުމެއް ނެތެވެ. އަޒުހަދު އަކީ އެކުދިންގެ ދިރުމެވެ. އެގޭގެ އެންމެ އިސްމީހާއެވެ. މިވީ ދުވަސްކޮޅުގެ ތެރޭ އެކުދިން މަންމަ ގެއަށް ދާތީ މަންމައަށް އެކުދިން ކާހިތްވާ އެއްޗިއްސާއި ކާހިތްނުވާ އެއްޗެހި ފާހަގަވީ ކަމަށްވެދާނެއެވެ. ހަމައެކަނި ކުރުނބާ ފަންޏަށް އެހެން ހަދާފައި ފޮނުވީ އެހެންވެކަމަށް ވެދާނެއެވެ، ނައުހާންއަށް އެނގޭ ބައެއް ކަންތައް ނަދާއަށް ކިޔައިދިނެވެ.

"މަންމަ އާއި އެކު އެކަހަލަ ގެއަކަށް ދިޔަވާހަކަ ތީބާ ބުނީ. ދެން ބަލާބަލަ އެއްވެސް ކަމެއް ފެނޭތޯ، އަހަރެން ބަލާނަން ** ނައްތާލެވޭނެ މީހަކު ލިބޭތޯ. އަހަންނަށް އެނގިފައިވާ ގޮތުން އެންމެ އުދަނގޫ ގޮތް ތިއީ. ކެއި އެއްޗެހި ހޮޑަށް އަންނަ ނަމަ ފަސޭހަވާނެ." ނައުހާންގެ ޖަވާބުން ނަދާގެ ދެލޯ ފުރެން ގިނައިރެއް ނުނެގިއެވެ. ފޯނުގައި ހިފަހައްޓާލައިގެން އިނދެ ގިސްލެވުނެވެ. ނައުހާން ފޯނު ކުރުކޮށްލީ ހިތްވަރުކުރުމަށް ނަޞޭހަތް ދީފައެވެ. ނަދާ އާއި ނައުހާން ހުރިކަމަށް ބުނެފައެވެ.

ދޮރުގައި ޓަކި ދިން އަޑަށް ނަދާ ދިޔައީ ސިހިގެންނެވެ. އަވަހަށް މޫނު ފޮހެލާފައި ގޮސް ދޮރުކައިރީ ހުއްޓުނެވެ. އަޒުހަދު އާއި ކުރމަތިލުމުގެ ކުރިން ފުންނޭވާއެއް ލައި ހަމަޖެހެން މަސައްކަތްކުރިއެވެ. ހިނިތުންވެވޭތޯ ބެލިއެވެ. އެއްވެސް ކަމެއް އަޒުހަދު ކައިރީ ބުނަން ބޭނުން ނެތީއެވެ.

***

ހަވީރުގެ ވަގުތެވެ. ސައިފ ދިން ކާޑު އަޒުހަދުގެ އަތަށް ދިނުމުން އަޒުހަދު ކާޑަށް ބަލަން އިނެވެ.

"އަހަރެންނަށް ނުދެވުނަސް ނަދާ ދާންވާނެ ކުދިން ގޮވައިގެން." އަޒުހަދު ބުނެލިއެވެ. ނަދާ ބޯޖަހާލާފައި އެނބުރުނީ ކުދިންނާއި ދިމާލަށެވެ. ސްކޫލު މީޓިންއެއް އޮތުމާއި އެކު އެތަނަށް ދާންޖެހޭނެކަމަށް ބައްސާމް ކައިރީ ބުންޏެވެ. ބައްސާމް ކައިރީ ތައްޔާރުވާން ދާށޭ ބުނެފައި ބުރަކަށީގައި އަތް ޖައްސާލިތަނާއި ސިހިފައި ބައްސާމް ދުރަށް ދިޔަގޮތުން ނަދާ ހައިރާންވިއެވެ.

"ތަދުވީ؟" ނަދާ އަހާލިއެވެ.

ބޯ ޖަހާލާފައި ބައްސާމް މަޑުން ހުރީއެވެ. ނަދާ ތެދުވެފައި ބައްސާމްގެ ގަމީސް ހިއްލާ ބަލާލިއެވެ. ރަތްކުލައިގެ ފިއްގަނޑެއް ނަދާއަށް ފެނުނެވެ. އެއީ ކިހިނެއްވީ ކަމެއްތޯ ނަދާ ސުވާލުކުރުމުން ބައްސާމް ދެކޮނޑު އަރުވައިލިއެވެ.

"ބައްސާމް މަންމަ ކައިރީ ބުނީމައި މަންމައަށް އެނގޭނި،" ނަދާގެ އަޑުގައިވީ އޯގާތެރިކަމެވެ، ބައްސާމް ފެންކަޅިވިއެވެ. ދެ ފަރާތަށް ބޯހޫރުވާލާފައި ދިޔައީ ކޮޓަރިއަށެވެ. ނަދާ ކަންބޮޑުވެފައި އަޒުހަދު އާއި ދިމާލަށް އެނބުރުނެވެ.

މިވަގުތު ބައްސާމް އާއި ވާހަކަ ދައްކަން އުޅެފި ނަމަ ބައްސާމްގެ މޫޑް އިތުރަށް ޚަރާބުވެދާނެކަމުގައި އަޒުހަދު ދެކެއެވެ. އޭރުން ބައްދަލުވުމަށް ދާއިރު ބައްސާމް ގެންދަން އދަނގޫވެދާނެއެވެ. އަބަދުވެސް ކޮންމެވެސް ކަމަކާއި ހެދި ބައްސާމްގެ ކަންތައް އަތުން ދޫވެގެން ދާތީ ނަދާ އެކަމާއި ވިސްނިއެވެ.

ބައްދަލުވުމުގައި ހުރިހާ ޓީޗަރުން ފާހަގަކުރީ ބައްސާމް ކިޔެވުމަށް ސަމާލުކަން ނުދޭ ވާހަކަ އާއި އަޑުނާހާ ވާހަކައެވެ. ކުދިންނާއި ގުޅިގެން ކުރަން ދޭ މަސައްކަތުގައި ބައްސާމްގެ ބައިވެރިވުން ކުޑަވާހަކައެވެ. ބައްސާމް ރަނގަޅުކަމަށް ފާހަގަކުރީ ކްރޭޓިވް އާޓް ކިޔަވައިދޭ ޓީޗަރު އެކަންޏެވެ. އެގަޑީގެ މަސައްކަތަށް ޝައުޤުވެރިކަން ހުންނަކަން ފާހަގަކުރިއެވެ.

ލިބުނު ކޮމެންޓްތަކަށްފަހު ބައްސާމް އިނީ ނަދާގެ މޫނަށްވެސް ބަލަން ނުކެރިފައެވެ. ނަދާ ދޭތެރެއަކުން ބައްސާމްގެ މޫނަށް ބަލާލާފައި އިސްޖަހާލައެވެ. ދަރިއެއްގެ ފަރާތުން މަޔަކު އުއްމީދުކުރާ ކާމީޔާބީގެ އެއްވެސް ކުލައެއް ބައްސާމްގެ ފަރާތަކުން ނުފެންނާތީ އެކަމުގެ މޮޅިވެރިކަން ނަދާގެ ހިތަށްވަނީ ލިބިފައެވެ.

"މިއަދު މިއީ މަންމަ އެންމެ ދެރަވި ދުވަސް، މަންމަ ހީކުރީ ބައްސާމް އަށް އުދަނގޫވަނީ ހަމައެކަނި ހެނދުނު ހޭލަންކަމަށް، އެކަމަކު މިހާރު އެނގިއްޖެ ބައްސާމް ޝައުޤުވެރިކަން ހުރީ ހަމައެކަނި ކުޅިވަރަށްކަން، " ގެއަށް އަންނަމުން ނަދާ ކުދި ކިޔަންފެށިއެވެ.

ގެއަށް އާއިރު ބައްސާމްގެ ތަބީއަތް އިތުރަށްވަނީ ގޯސްވެފައެވެ. ޓީޗަރުން ދިން ކޮމެންޓަށްފަހު މަންމަގެ ފަރާތުންވެސް އިވުނީ ނުރުހުމެވެ. ބައްސާމް ދެރަވިއެވެ. ލޮލުން ކަރުނަ ހިލުނެވެ، ވީ ދެރަ ކޮންޓްރޯލްކުރަން އުޅެން ހަދައިގެން މިފަހަރުވެސް އާދެވުނީ ރުޅިއެވެ. ގެއަށް ވަންއިރު ބައްސާމްގެ އައިޕެޑް ހިފައިގެން އައިނީ އިންތަން ފެނި ވަކިން ބޮޑަށް ރުޅި އައެވެ. ދިޔަގޮތަށް ގޮސް އައިނީގެ އަތުން ޖަހައިގަންނަން އުޅުނެވެ. އައިނީ ނުދޭން އުޅުމުން އައިނީގެ މޭގައި އަޅާކޮއްޕާލީއެވެ.

ބައްސާމްގެ ފަހަތުން އައިސް ވަން ނަދާއަށް ފެނުނީ އައިނީ ވެއްޓުނުތަނެވެ.

"ބައްސާމް،" ނަދާ ހަޅެއްލަވައިގަތެވެ. އައިނީ ނަގައި ބައިންދާފައި ނަދާ އައިސް ބައްސާމްގެ އަތުން އައިޕެޑް އަތުލިއެވެ.

"އެއްވެސް އެއްޗެއް ބައްސާމްއަކަށް ނުލިބޭނެ، ޓީވީއެއްވެސް ދެން ނުބެލޭނެ، މަންމަމެން ބޭނުންވަނީ ބައްސާމް ކިޔަވަން، އެކަންތައް ބައްސާމްއަށް ނުވަންޏާއި ބައްސާމް ބޭނުންވާ އެއްވެސް ކަމެއް ނުކުރެވޭނެ." ނަދާ ހަރުކަށި ރާގަކަށް ބުނުމުން ބައްސާމް އިސްޖަހާލުމުގެ ބަދަލުގައި ލޯ އަޅާލާފައި ކޮޓަރިއަށް ދިޔައީއެވެ،

***

ދެދުވަސްފަހެވެ. އިންޓަވިއު ކުރި އޮފީހުން ޚަބަރެއް ނުވެގެން ނަދާ މިއަދު ހުރީ ފިކުރުބޮޑުވެފައެވެ. މިއަދަކީ ގުޅާނެކަމަށް ބުނި ދުވަހެވެ. މެންދުރުފަހަށް ދިއުމުން ނަދާއަށް ނުހުރެވިގެން ގުޅިއެވެ. އެކޮޅުން ނެގި ކުއްޖާގެ ފަރާތުން އެ ވަޒީފާއަށް ކުއްޖަކު ނަގައިފިކަން އެނގުނެވެ. ނުހޮވޭ މީހުންނަށް ސިޓީއަކުން އަންގާނެކަމަށްވެސް ބުނެިލިއެވެ.

ފޯނު ނިންމާލިއިރު ނަދާއަށް ލިބުނީ މާޔޫސްކަމެވެ. އެސްފިޔަޖަހާލާ މަދު ސިކުންތުކޮޅެއްގެ ތެރޭ އޭނާގެ ދެލޯ ފުރިގެން ދިޔައެވެ. ވަޒީފާ ނުލިބުނު ޚަބަރާއި އެކު މުޅިން ގޮތް ހުސްވި ކަހަލައެވެ. ވަޒީފާއަށް އެދި ސީވީ އެތައް ތަނަކަށް ފޮނުވުނުއިރު ހަމައެކަނި އިންޓަވިއު އާއި ހަމަޔަށް ދެވުނު ތަނަކީ އެއީއެވެ.

"އައިނީ ބަލާ ނުދަންތަ؟" އަޒުހަދުގެ އަޑަށް ނަދާ ސިހުނެވެ. ދެލޯ ފޮހެލާފައި ނަދާ ބަލައިލީ ގަޑިއަށެވެ. އަވަހަށް ހިނގައިގަތީ ނިކުންނާށެވެ.

ސްކޫލު ދޮށުން ލަމްހާ އާއި ދިމާވިއެވެ. އަޒުހަދު ބަލިވި ފަހުން ލަމްހާ އާއި ދިމާވީ މަދު ފަހަރަކުއެވެ.

"ސައިފް ވެސް އެންމެ ފަހުން ކައިވެނި ކުރީ ދޯ." ހިނި އައިސް ހުރެ ލަމްހާ ބުނެލިއެވެ.

"ލަމްއަށް ނުކެރުނު ވިއްޔަ އިންނަން." ނަދާ ލަމްހާ އާއި ދިމާކޮށްލަން ބޭނުންވިއެވެ. އަބަދު ސައިފް ރީތިވެގެން އެވާހަކަ ދައްކަނީ ލަމްހާއެވެ. "މަ ހުއްޓާ އޭނާއަށް ނަދާ ކަމުދިޔައީ،" ލަމްހާ ގެ ޖަވާބު އަހާފައި ނަދާގެ ގާތަށް ހިނި އައވެެ. ކުދިން ނެރެގެން އައި މަގުމަތީގައިވެސް ދެމީހުންނަށް އެކި ވާހަކަ ދެކެވުނެވެ.

"ކަމެއް ހަނދާން ނައްތާލާފައި މިހިސާބަށް މި އާދެވުނީ،" ވަރަށް ގިނައިރު ހިނގުމަށްފަހު ލަމްހާ ބުނެލިއެވެ.

"ކިހިނެއްވީ؟" ލަމްހާގެ މޫނުމަތިން ހީވަނީ ވަރަށް މުހިއްމުކަމެއްގެ މަތިން ހަނދާން ނެތިގެން އުޅޭހެންނެވެ.

"މަ ބުނީމޭ ދައްތަގެ ދަރިފުޅު ގޮވައިގެން ނަފްސާނީ ޑޮކްޓަރަކަށް ދައްކަން ދާނަމޭ. އެގޭ ދޫކޮށްފަ މިއައީ، އަނެއްކާ އަނބުރާލާފައި ދާން މިޖެހުނީ.." ލަމްހާ ގެ ޖަވާބުން ނަދާ ގެ ހިތުގައި އިތުރަށް އުފެދުނީ ސުވާލެވެ. "ނަފްސާނީ ޑޮކްޓަރަކަށޭ؟" ނަދާއަށް އަހާލެވުނެވެ.

"އާން. މިފަހަކަށް އައިސް އުޅޭގޮތުން އަހަންނަށް ހީވަނީ ނަފްސާނީ ޑޮކްޓަރަކަށް ދައްކަން ޖެހޭހެން، ދައްތަގެ ފިރިމީހާ އެހާ ޤަބޫލެއްވެސް ނޫން، އެކަމަކު ދައްތަ ނަޞީބަކުން ޤަބޫލުކޮށްފި އަހަރެން ބުނީމައި، ކުރިން ލޫސިޔާން އުޅޭ ގޮތެއް ނޫނޭ އެއީ، ކުރިން މަޖާކޮށް އުޅުނު ކުއްޖެއް، ފަހުން އެއްވެސް މީހަކާއި ވާހަކައެއް ނުދައްކާ، ކެއުން މަދު، ކިޔެވުމަށް ސަމާލުކަން ނުދެވޭ، ރުޅި ގަދަ،" ލަމްހާ ގެ ވާހަކަތައް އަހަން ހުރިއިރު ނަދާގެ ލޯމަތިން ސިފަވީ ބައްސާމްއެވެ. ބައްސާމްއަށް އަންނަމުން ދިޔަ ބަދަލުތަކެވެ.

"ތިކަންކަމާއި ނަފްސާނީ ބައްޔާއި ކޮން ގުޅުމެއްތަ އޮތީ؟" ނަދާއަށް ޤަބޫލެއް ނުކުރެވެއެވެ.

"ކޮންމެ މީހަކުވެސް އަހާ ސުވާލެއް ތިއީ، އަހަރެންގެ ކެރިއާރ ގޮތުން އެކަހަލަ ކަންތަކުގެ ތަޖުރިބާ ލިބިފައި ހުރީމައި އެނގުނީ، ހަމަ ހުރެފައި އެއްވެސް މީހަކު ޗޭންޖެއް ނުވާނެ، ރުޅި އަންނަނީ އެމީހެއްގެ ރިހުން ފޮރުވަން ހަދައިގެން، ކޮންމެވެސްކަމެއް ނޫނީ މީހަކު ބުނާ އެއްޗަކުން ދެރަވީމައި އެކަން ކިޔައިދެން ނޭނގިގެން ބައެއް ކުދިންނަށް އާދެވޭ ރުޅި، ލޫސިޔާން އަށް ވީ ގޮތަކީ ކޮއްކޮއެއް ލިބުނު ފަހުން އޭނާއަށް ދެވޭ ސަމާލުކަން ކުޑަހެން ހީވީ، ގިނަ ވަގުތު ދައްތަ ބޭބީ އާއި އުޅޭތަން ފެނިފައި އެކުއްޖާއަށް ހީވީ މަންމަ ލޯބިނުވާހެން ، ދެން ކުލާސް ތެރެއިންވެސް އެކަހަލަ ކަންތައް، ލޫސިޔާންގެ އެކުވެރިން އެހެން ކުދިންނާއި ވާހަކަ ދެއްކިއަސް އޭނާއަށް ހީވަނީ ބާކީވަނީހެން. އެންމެ ފަހުން އަމިއްލައަށް ބާކީވީ، މިހާރު އެންމެ ކަމުދަނީ އެކަނި އިންނަން، ތަނަކަށް ގެންދަން އުޅުނަސް ބުނަނީ ދާން ބޭނުން ނުވާކަމަށް،" ލަމްހާ ކިޔައިދިނެވެ.

ބައްސާމްގެ ކަންތައް ހިއްސާކުރަން އެންމެ ރަނގަޅުވާނީ ލަމްހާއާ ކަމަށް ނަދާގެ ހިތް ބުނަމުން ިދޔައެވެ. ލަމްހާ ލަސްވެފައި ހުރުމުން ފަހުން އެގެއަށް ދާނެކަމަށް ބުނެފައި ނަދާ އައީ އައިނީ ގޮވައިގެން ގެއަށެވެ.

ގެއަށް ވަންއިރު އަޒުހަދު އާއި ވާހަކަ ދައްކަން އިން ނަދާގެ މަންމަ ފެނިފައި އޭނާ ބިރުގަތެވެ، މިއަދު މަންމަ އަކީ ކޯއްޗެއް ހިފައިގެންބާއޭ ހިތަށް އެރިއެވެ.

"މި ދައްކަނީ މަންމަ ގެނެސްދިން ކުރުނބާ ފަނީގެ މީރު ވާހަކަ.." އަޒުހަދު ހެވިފައި ބުނެލިއެވެ. އެއަޑު އަހާފައި ނަދާއަށް ހީވީ ބޮލުގައި އެއްޗަކުން ޖެހިހެންނެވެ. ނައުހާން ދެއްކި ވާހަކަތައް މަތިން ހަނދާންވިއެވެ. އެއްވެސް ކަމެއް އަޒުހަދުއަށް ނޭނގޭތީ އަޒުހަދުގެ މޫނުމަތިން ކަންބޮޑުވުމެއް ނުފެނެއެވެ. މިއަދު ވެސް މަންމަ އައީ ހުސްއަތަކާއި ނޫނެވެ. ގެނައި އެއްޗެހި ހުރީ ކުރިމަތީ ފެންނާށެވެ.

އައިނީ ގޮވައިގެން ޔުނީފޯމް ބަދަލުކުރުވަން ނަމުގައި ނަދާ އައިސް ކޮޓަރިއަށް ވަނީ މަންމަގެ މޫނު ދެކެން ބޭނުން ނުވެގެންނެވެ. ކޮޓަރީގެ ދޮރު ހުޅުވުނު އަޑަށް ބަލާލިއިރު އެތެރެއަށް ވަންނަނީ ރާބިޔާއެވެ. ނަދާގެ ހިތުގައި މަޑުމަޑުން އުފެދެމުން ދިޔަ ރުޅި ކޮންޓްރޯލްކުރަން މަސައްކަތްކުރިއެވެ. ނައުހާން ބުނެފައި އޮތީ އެއްވެސް ކަމެއް ނޭނގޭކަމަށް ހަދައިގެން ހުންނާށެވެ.

"ވަޒީފާ ކަންތައް ކިހިނެއް؟" މަންމަ އެ އައީ އެ ޚަބަރު ހޯދާށެވެ.

"މަންމަ ބޭނުންވާ ގޮތަށް ކަންތައް ދަނީ." މާނަ ފުންގޮތަކަށް ނަދާ ބުނެލިއެވެ.

"ތިބުނީ؟" ރާބިޔާ އަހާލިއެވެ.

"މަންމަ ހިތްހަމަޖެހޭނީ އަހަންނަށް ވަޒީފާ ގަނޑެއްހާ ހިސާބުވެސް ނުލިބި އަހަރެން ނާކާމިޔާބުމީހަކަށްވުމުން. ނޫންތަ؟ މަންމަ ބޭނުންވާ ގޮތަށް އެވީ، އެމީހުން އެހެން ކުއްޖަކު ނަގައިފި." ނޭފަތް ދަމާލަމުން ނަދާ ބުނެލިއެވެ. ހީވަނީ ރޮވެން އުޅޭހެންނެވެ.

"މަންމައަށް މަޢާފްކުރޭ، އޭރު ވާހަކަ ދެކެވުނު ގޮތުން މިއަދު ދެރަވޭ، އޭރުވެސް މަންމަ ވިސްނީ ނަދާ އާއި ދޭތެރޭ، މިހާރުވެސް ވިސްނަނީ ހަމައެކަނި ދަރިފުޅާއި މެދު، މަންމައަށް އެނގިއްޖެ ދަރިފުޅާއި އަޒުހަދު އެކަކު އަނެކަކު ދެކެ ވާލޯބި، " ރާބިޔާ އަޑުގައިވީ މަޑުމައިތިރިކަމެވެ.

"މަންމަ އަމުރުކޮށްގެން އަހަރެމެން ވަކިވާން ނެތީމައި މިހާރު ތިއުޅެނީ ސިހުރުން ދުރުކުރުވާން." ނަދާއަށް އެއްވެސް ކަމެއް ނުހިފެހެއްޓުނެވެ. ރާބިޔާ ގެ މޫނުމަތިން ފެނުނީ އެ ސުވާލަށް ދޭނެ ޖަވާބެއް ނޭނގި ގޮތް ހުސްވެފައިވާ ތަނެވެ. ރާބިޔާ އަނގަމަތީ އަތް އަޅާލިއެވެ. -- ނުނިމޭ --

ދިގު ވާހަކަ ވާހަކަ: އިންތިހާ

Popular