8 Nov 2018

ޝިފްލީން: ދިވެއްސެއް ނޫން، "ދިވެހި" ލަވަކިޔުންތެރިއެއް

ކުޑައިރު ރާއްޖެއަށް ދިރިއުޅުން ބަދަލުކޮށް ހުރިހާ ކަމެއް ވެސް ދަސްވީ ދިވެހިންގެ ފަރާތުންނެވެ. ލަވަ ވެސް އެހާ ރީއްޗަށް ކިޔަ އެވެ.

ކުޑައިރު ރާއްޖެއަށް ދިރިއުޅުން ބަދަލުކޮށް ހުރިހާ ކަމެއް ވެސް ދަސްވީ ދިވެހިންގެ ފަރާތުންނެވެ. ލަވަ ވެސް އެހާ ރީއްޗަށް ކިޔަ އެވެ.

By: Aishath Maahaa

މަރިޔަމް ޝިފްލީން ޝަފީގުގެ ހުނަރުވެރިކަން ފެނި އޭނާއަށް ޝައުގުވެރިކަން ހުއްޓުނީ އެމެރިކަން ސެންޓަރުގައި އޮތް އިވެންޓެއްގައި ލަވަ ކިޔާ އަޑު އިވިގެންނެވެ. އޭގެ ފަހުން ޝިފްލީންގެ އަޑު އިވުނީ ބަރިސްތާގައި ހަފުތާ ބަންދުގައި އޮންނަ ޝޯއަކަށް ގޮސް އޯޑިއަންސްގައި އިނދެގެން، ޝޯގައި ޕާފޯމްކުރަމުންދިޔަ އާޓިސްޓާ އެއްވަރަށް ލަވަ ކިޔަމުން ދަނިކޮށެވެ. އެންމެ ފުރަތަމަ ހީކުރީ ވެސް މިއީ ދިވެއްސެއް ކަމަށެވެ. ދިވެހިން ވާހަކަ ދެއްކުން ވެސް ފަރިތަ އެވެ.

އެހާ ހިސާބުން ހައުސް އޮފް މިއުޒިކުން ބޭނުންވީ އެމީހުންގެ ޝޯގައި، އުމުރުން 18 އަހަރުގެ މި ހުނަރުވެރިޔާގެ އަޑު ވެސް އިއްވާލާށެވެ. އެރޭގެ ޝޯގައި ވެސް ޝިފްލީނަށް ފުރުސަތު ދިން ނަމަވެސް ޕަބްލިކް ފިއާ އާއި ސޯޝަލް އެންޒައިޓީގެ ސަބަބުން ސްޓޭޖަށް އަރައި ލަވައެއް ކިޔާލާކަށް ޝިފްލީނަކަށް ނުކެރުނެވެ.

އެހެން ފަހަރަކުން ލަވައެއް ކިޔަން އެއްބަސްވެގެން އެރޭގެ ކޮންވަޒޭޝަން ނިންމާލައި ޝިފްލީން މިހާރު ތައްޔާރުވަމުން އެ އަންނަނީ މި ހަފުތާ ބަންދުގައި ބަރިސްތާގައި ޝޯ ދޭށެވެ. އުމުރުން އެންމެ ހަ މަހުން ފެށިގެން އުފަން ގައުމު، ބަންގްލަދޭޝް ދޫކޮށް ރާއްޖެ އައިސް ރާއްޖޭގައި ދިރިއުޅެމުން އަންނަ އިރު ސްކޫލް ލަވަ މުބާރާތްތަކުގައި ބައިވެރިވެގެން ވެސް ޝިފްލީން ވަނީ ވަނަ ހޯދައިފަ އެވެ. އެންމެ ކުޑައިރުން ފެށިގެން ރާއްޖޭގައި އުޅޭތީ ޝިފްލީނަށް ދިވެހި ބަސް ވަރަށް ރަނގަޅަށް އެނގެ އެވެ. މިތަނުގެ ސަގާފަތާއި ލައިފްސްޓައިލަށް ހުރީ ހޭނިފަ އެވެ.

ޝިފްލީން

ނަމަވެސް ހަފުތާ ބަންދުގައި ދޭ ޝޯގައި އޭނާ ކިޔާނީ ކޮން ކަހަލަ ލަވަތަކެއް ކަމެއް އަދި މުޅިން ފައިނަލެއް ނުވެ އެވެ. އިނގިރޭސި ލަވަތަކާއެކު ދިވެހި ލަވައެއް ވެސް ޝިފްލީންގެ އަޑުން އިވިދާނެ އެވެ.

ދިވެހި ލިރިކްސް ދަސްކޮށްގެން ޝިފްލީން އެންމެ ފުރަތަމަ ލަވަ މުބާރާތެއްގައި ބައިވެރިވީ ޔޫކޭޖީގައި އުޅެމުންނެވެ. އެ ފަހަރު މުބާރާތް ނިންމާލީ ދެވަނަ އާ އެކުގަ އެވެ. އޭގެ ފަހުން ވެސް އެކި ފަހަރު މަތިން ސްކޫލް ލަވަ މުބާރާތްތަކުގައި ބައިވެރިވެ ޖަމާލުއްދީން ސްކޫލަށް ރީތި ނަން ވަނީ ހޯދައިދީފަ އެވެ.

ޝިފްލީންގެ މި ހުނަރުވެރިކަމެއް އޭނާއަށް ލިބިފައި މިވަނީ އޭނާގެ ބައްޕަގެ ފަރާތުންނެވެ. އެންމެން ވެސް ދަންނަ ގޮތުން ނަމަ ޝަފީގް ސާ ގެ ފަރާތުންނެވެ. ސްކޫލް ލަވަ މުބާރާތްތަކުގައި ޝަފީގް ސާގެ ނަމަކީ ގިނަ ކުދިންގެ ޝުކުރުގެ ލިސްޓުގެ ކުރީގައި އޮންނަ ނަމެކެވެ. އޭގެ އިތުރުން ޝަފީގް ސާގެ ގައުމު ބަންގްލަދޭޝްގައި އެއީ މޮޅު ލަވަ ކިޔުންތެރިއެކެވެ.

"ސްކޫލް ކޮމްޕެޓިޝަންތަކުގަ ދެން ބަންގްލަދޭޝްގައި އުޅުން އެއް އަހަރު ދިޔަ މިއުޒިކް އެކަޑަމީގައި ލަވަ ކީ. އެއީ ގްރޭޑް ސިކްސްގަ އެކޮޅުގައި އުޅުނީ. ދެން ޗުއްޓީތަކަށް ބަންގްލަދޭޝްއަށް ގޮސް އުޅޭއިރު ގޭގަ އޮންނަ ގެޓް ޓު ގެދާ ޝޯތަކުގައި ލަވަ ކިޔަން."

"އެމެރިކަން ސެންޓާގައި ކުރިއަށް ގެންދިޔަ ނޮން ޕްރޮފިޓަބަލް އޯގަނައިޒޭޝަނަކުން ކުރިއަށް ގެންދިޔަ ޔޫތު ރިލޭޓެޑް އިވެންޓުތަކުގައި ބައެއް ފަހަރު ޕާފޯމްކުރަން."

އެހެންވީމަ މިއުޒިކާއި ލަވައިގެ ދުނިޔެއަށް ޝިފްލީން ތައާރަފްވެ އެކަމަށް އެންމެ ރަނގަޅަށް ތަމްރީންކޮށްދެނީ އޭނާގެ ބައްޕަ އެވެ. ގިޓާ ކުޅެން ދަސްކުރަން ތައްޔާރުވަމުން އަންނަ އިރު ޕިއާނޯއަށް މިހާރު ވެސް ފަރިތަ އެވެ.

"ޕިއާނޯ އިން ކުޅެން އެނގޭ ލަވަތަކެއް ހުންނާނެ. އެއީ ހަމަ އަމިއްލައަށް ދަސްކޮށްފަ. ހަމަ ހުސް އިނގިރޭސި ލަވަ. ހިންދީ ލަވަ ވެސް އަޑެއް ނާހަން. އެކަމަކު ޒީރޯ ޑިގްރީ ނާޝިދުގެ ލަވަތައް ކޮންމެސް ވަރަކަށް އަޑު އަހަން. ވަރަށް ކަމުދާ ލަވަތަކެއް އެއީ." ޝިފްލީން ބުންޏެވެ.

މިއުޒިކްގެ ތެރޭގައި ފިޔަޖަހާ ހުނަރުވެރިކަން ދައްކަން ބޭނުންވިޔަސް މިއުޒިކަކީ ޝިފްލީން ހޮބީއެއް ގޮތަށް ކުރަން ނިންމާފައިވާ ކަމެކެވެ. ޝިފްލީން ބޭނުންވަނީ ވިޔަފާރީގެ ދާއިރާއިން ކުރިއަށް ދާށެވެ. އަހްމަދިއްޔާ އިން އޭލެވެލް ނިންމާލާފަ ވިލާ ކޮލެޖުން ބިޒަން މެނޭޖްމަންޓްގެ ޑިގްރީ ކޯހެއް ހަދަމުން އަންނަނީ އެހެންވެ އެވެ.

Popular