8 Nov 2018

ނުދާށެ ދޫކޮށްފައި

ނުދާށެ ދޫކޮށްފައި

By: Mariyam Yasma

* ނޮވެމްބަރު 5 ވަނަ ދުވަހުގެ ބަޔާ ގުޅޭ ...

ކަރުތެރެ ބެދޭކަހަލަ ގޮތެއް ވެގެން އަހަންނަށް ކުރެވުނު ކަމަކީ ބޯޖަހައިލުމެވެ. ސިލްވިއާގެ މޫނުން ކުއްލިއަކަށް ފައުޅުވީ އުދަނގޫވެފައި އިންފަދަ ކުލައެކެވެ. ގޮނޑީގައި އިންގޮތް ބަދަލުކޮށްލާފައި މުށުތެރޭ އޮތް އަހަރެންގެ އަތަށް ދެވަނަ ފަހަރަށް ފިތައިލި އެވެ.

ކަމެއް ހަނދާންކުރާފަދަ ގޮތަކަށް ދުރުބަލަން އިނދެގެން ސިލްވިއާ ކިޔައިދިނީ އާއިންއަށް ބަލިވެއިންކަން އެނގުނު ހިސާބުންނެވެ. މަންމައަކަށް ވުމާއެކު އަމިއްލަ އުފާތައް ހަނދާންނެތި ތިމާގެ ކުރިމަތީގައިވާ ހަމައެކަނި އުފަލަކީ ދަރިފުޅު ކަމަށްވެގެން ދެ އެވެ. އެދަރިފުޅަށްޓަކައި އެތަކެއް ހުވަފެން ދެކެން ފަށަ އެވެ. ސިލްވިއާ ވެސް އަމިއްލަ ދަރިފުޅަށްޓަކައި އެތަކެއް ހުވަފެން ދެކުނެވެ. އެއިން ކިތަންމެ ހުވަފެނެއް އާއިންއަށްޓަކައި ޤުރުބާންކޮށްލަން ޖެހުނެވެ. ސިލްވިއާ ބޭނުންވީ އާއިން ކިޔަވައިގެން ޑޮކްޓަރަކަށް ވުމަށެވެ. އެކަމަކު އާއިން ފުރަތަމަ ބޭނުންވީ ފުޓުބޯޅަ ކުޅުންތެރިއަކަށް ވާށެވެ. ދަރިފުޅުގެ އުފާތަކަށް ހުރަސްއަޅާ މަންމައަކަށް ނުވާންވެގެން އެކަމާއި ވެސް ރުހުނެވެ. ފަހުން އާއިންގެ ހިޔާލު ބަދަލުވެގެން ބޭނުންވީ ބައްޕަފަދައިން ވިޔަފާރިވެރިއަކަށް ވާށެވެ. އެކަމުގައި ވެސް ސިލްވިއާގެ އެއްބާރުލުން ލިބުނެވެ.

ކައިވެނިކުރަން އަހަރެން ގޮވައިގެން ގެންގޮސް ދެއްކުމުން ޝަކުވާއެއްނެތި ރުހުން ދިނެވެ.

ސިލްވިއާ ވާހަކަ މަޑުޖައްސާލައިފައި ބަލަން އިންއިރު އެސިކުނޑީގައިވާ އެއްޗެއް ދެނެގަންނަން އަހަރެން ބޭނުންވި އެވެ. ކުއްލިއަކަށް އެހުރިހާ ވާހަކައެއް ދައްކަން ޖެހުނު ސަބަބު އޮޅުންފިލުވަން އެދެވުނެވެ.

"އާއިންގެ ދުލުން ބުނުމަކާ ނުލާ އާއިންގެ ހިތުގައި އޮންނަ ކިތަންމެ އެއްޗެއް އަހަންނަށް އެމޫނުން އިނގޭ. އާއިން ކަމަކާއި ކަންބޮޑުވެގެން އުޅެންޏާ ނޫނީ އުފަލެއް ލިބިގެން އުޅުނަސް އަހަންނަށް ސިއްރެއް ނުވޭ. އޭނަ އަމިއްލައަށް ވެސް ބުނާނެ މަންމައަށް ކަމެއް ސިއްރެއް ނުކުރެވޭނެއޭ.." ސިލްވިއާގެ އެޖުމްލައާއެކު ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވެފައި ދާދި އަވަހަށް ފިލި އެވެ.

"އެހެންވެ އަހަންނަށް ވަރަށް ރަނގަޅަށް އެނގޭ އާއިން މިހާރު އެއުޅޭ ގޮތް. ޔަލްވީ މިތާ ހޮސްޕިޓަލުގައި އޮތް މީހަކަށް ނޭނގޭނެ އޭނަ އެއުޅޭ ގޮތެއް. ގަޑިން ގަޑިއަށް ކަނީއެއް ނޫން. އަމިއްލަ ނަފްސާއިމެދު އެހާ ފަރުވާކުޑަ. އިއްޔެ ވެސް އަހަރެން އެވަރަށް ކީން ބޯކޮށާށޭ ވެސް. ތުނބުޅި ދިގު ކުރުމަކީ އޭނަ މީގެކުރިން ކުރާވެސް ކަމެއް ނޫން..." ސިލްވިއާ ފަހުން ބުނި ވާހަކައާ އަހަންނަށް ވެސް އެއްބަސްވެވުނެވެ. އާއިން މިހާރު އެއްގޮތަކަށް ވެސް އަމިއްލަ ނަފްސާއި އަޅައިނުލާކަން ދިމާއަށް ހުރީ ފެންނާށެވެ.

"މައުރޫފް ވެސް އަބަދު ދައްކާ ވާހަކައަކީ އޭނަ މަސައްކަތަށް ފަރުވާކުޑަ ވާހަކަ. ޔަލްވީ މިތާ އޮތް މީހަކަށް އިތުރު ނުތަނަވަސްކަމެއް ނުދޭންވެގެން ކުރިން މިއިން ވާހަކައެއް ނުދެއްކީ." ސިލްވިއާ ވާހަކަދެއްކި އަޑަށް އަހަރެންގެ ހިޔާލުތައް ވިއްސިވިހާލި ވި އެވެ.

ޔަލްވީ! މަންމަ ކުރިން ވެސް ބުނިހެން ޔަލްވީ ކައިރިއަށް މިއައީ ބޮޑުކަމަކު އެދެން ވެގެން. އަދި ވަރަށް އުންމީދާއެކު މިއައީ." ސިލްވިއާ އަހަރެންގެ މޫނަށް ނަޒަރު ހުއްޓާލައިފައި ވާހަކަދެއްކި އެވެ. ނޭވާ ހިފަހައްޓާލައިގެން އޮތުން ފިޔަވައި އިތުރު ކަމެއް އަހަންނަކަށް ނުކުރެވުނެވެ. ހިތް ތެޅޭލެއް ބާރުކަމުން މޭފަޅާފައި ނިކުމެދާން އުޅޭކަހަލަ އެވެ.

"އާއިންއާއި ލިންތާގެ ކައިވެންޏަށް އެއްބަސް ވެދީ." ސިލްވިއާގެ ޖުމްލަ އަހާފައި އަހަރެންނަށް އަތް ދަމައިގަނެވުނެވެ. ދުވަހަކު ސިލްވިއާއާ ދިމާއަށް މުޚާތަބު ނުކުރާހާ ބާރު އަޑަކުން މަންމާއޭ ކިޔާ ގޮވާލެވިއްޖެ އެވެ. "އިނގޭތަ ތިކިޔޭ އެއްޗެއް؟ ކިހިނެތް.... ކިހިނެއް އެނގުނީ...؟" ލޮލަށް ޖަމާވެގެން ފައިބަން އިންޒާރު ދެމުންދިޔަ ކަރުނަތައް އެހުރި ހިސާބުގައި ހިފަހައްޓަން މަސައްކަތް ކުރަމުން އަހަރެން ސުވާލު ކުރީމެވެ. އަޑުބެދިގެން ސުވާލު ފުރިހަމަ ނުވަނީސް ހުއްޓާލައިފައި ތުރުތުރުލާން ފެށި ތުންފަތުގައި ދަތް އަޅައިލެވުނެވެ.

"އާއިން ބުނީ. އަދި އަހަރެން ތެދަށް މިބުނަނީ، މަންމަ ވަރަށް ހިތްހަމަނުޖެހުނު އާއިންދެކެ. އާއިންގެ ފުށުން ކުޑަކޮށް ވެސް އުންމީދު ކުރި ކަމެއް ނޫން އެއީ. އާއިން އޭނަ ވަޒީފާއިން ވަކިނުކޮށްފިއްޔާ މަންމަ އަމިއްލައަށް ވެސް ވަކިކުރާނަމޭ އޭނައާ ދިމާއަށް ބުނިން." ސިލްވިއާ އަވަސްއަވަހަށް ޖަވާބުދިނެވެ.

އަހަރެންނަށް އެސްފިޔަ ޖަހައިލެވުނެވެ. ސިލްވިއާގެ އެޖަވާބުން ހައްތަހާ ބޮޑަށް އޮޅުންއެރި އެވެ.

"އެކަމަކު މިހާރު މިއޮތީ ހާލަތު ބަދަލުވެފަ. މިއަދު މިގޮތަށް މިނިންމީ ޔަލްވީއަށް ވެސް ރަނގަޅަކަށް. ލިންތާ އަތުވެއްޖެއްޔާ އޭނަ އާއިންގެ ކަންކަން ވެސް ކޮށްދޭނެ. އަދި ޔަލްވީއަށް ވެސް އަޅައިލާނެ. އޭނަ ހުރީ ވަޒީފާ ވެސް ދޫކޮށްލާގޮތަށް. އަމިއްލައަށް ބުނި ޔަލްވީއަށް އަޅައިލާން ބޭނުން ވާހަކަ. ޔަލްވީ ބާއްވައިގެން އޭނަ ހުރިހާކަމެއް ކޮށްދޭނެ..." ސިލްވިއާގެ ވާހަކަ ނުނިމެނީސް އަހަރެން ބުނި އެއްޗަކުން މެދުކެނޑުނެވެ.

"ތިމާގެ ފިރިމީހާ އިތުރު އަންހެނަކާއި ހިއްސާކުރުން ކޮންގޮތަކުން ރަނގަޅުކަމަށް ވާނީ؟" އަހަރެން ސުވާލުކޮށްލީމެވެ.

ކިތަންމެ ނިކަމެތި ހާލެއްގައި އޮތަސް އަމިއްލަ ހައްޤު ނިގުޅައިގަނެވިގެން ދާން ދޫކޮށްލެވޭނީ ކިހިނެތް ހެއްޔެވެ؟ އާއިންއަކީ ހަމައެކަނި އަހަރެންގެ މީހެކެވެ.

"އަހަރެން އަދި ޔަލްވީއަށް ރަނގަޅަށް ކަމެއްކޮށްދޭން އުޅޭތީތަ މަށާ އިދިކޮޅަށް ތިފެށީ؟" ސިލްވިއާގެ މޫނުން ކުއްލިއަކަށް ރުޅިވެރިކަން ފައުޅުވާން ފެށި އެވެ. ފުރަތަމަ ފަހަރަށް އަހަރެންނާއި އަމާޒުކޮށް އެމޫނުން ފެނުނު އާކުލަވަރުން ހިތް ގެނބިގެންދިޔަފަދަ އިހްސާސެއް ކުރެވުނެވެ. އެސްފިޔަތަކަށް އިތުރަށް ކެތްނުވެގެން ކަރުނަތައް ފައިބައިގަތެވެ.

"ޔަލްވީއަށް ހީވޭތަ އާއިން މުޅި އުމުރަށް ޔަލްވީކަހަލަ ނުކުޅެދޭ އަންހެނަކު ގޮވައިގެން އުމުރުގެ ބާކީބައި ބޭކާރުކޮށްލަފާނެހެން. އެއީ އަހަރެންގެ ދަރިފުޅަށް ވިއަސް އަހަރެން ބުނާނީ އޭނަ ވެސް ފޫހިވާނެއޭ. ތިހީކުރާކަހަލަ ލޯތްބެއް މިޒަމާނުގެ މީހުން އަނެކާދެކެއެއް ނުވޭ. މިއުޅެނީ ބަލިއެނދުގައި އޮންނަ ތިމާގެ މައިންބަފައިން ބަލަން ކުދިންނަށް ބޮޑުވެގެން. އެހެންނޫނަސް ޔަލްވީ ހެޔޮހާލުގައި ވަނިކޮށް ނޫންތަ އޭނައާ ލިންތާގެ ގުޅުން އުފެދުނީ؟" ސިލްވިއާގެ ޖުމްލަތައް އެއީ ރުވާފައި ދޫކޮށްލި ތީރުތަކެއްފަދައިން އައިސް ހެރުނީ އަހަރެންގެ ހިތަށެވެ.

ދެތުންފަތް ފޫދުއްވާލައިފައި ގިސްލުމެއްގެ އަޑު ނިކުތުމާއެކު އަތް މުށްކަވާލައިފައި ގެނެސް އަނގަމަތީ ޖައްސާ ބާރުކޮށްލެވުނެވެ. ސިލްވިއާގެ ހިތް މަޑުވީ އަހަރެން ރޯ އަޑުއަހައިގެން ކަންނޭނގެ އެވެ. ފުން ނޭވައެއް ދޫކޮށްލައިފައި އިރުކޮޅަކު އަނގައިން ނުބުނެ ހުރުމަށްފަހު ތެދުވެ އަހަންނާއި ކައިރިވެލި އެވެ. ދެން ވާހަކަދެއްކިއިރު އެއަޑު ހުރީ ކުރިއަށްވުރެ މައިތިރިވެފަ އެވެ.

"ޔަލްވީ ނިކަމެތި ވީ ދުވަހު އަހަރެން ޔަލްވީއާ ވާހަކަދައްކަން ބޭނުންވި ގޮތެއް ނޫން މީ. މިކައިވެނީގެ ސަބަބުން އާއިންގެ އުފާވެރިކަން އަނބުރާ އަތުވެއްޖެނަމަ ޔަލްވީ ވެސް ހިތްހަމަޖެހޭނެކަން ޔަޤީން. އާއިންގެ ކަންކަން ކޮށްދޭން ލިންތާ ހުންނާނެ. އެކަމަކު ޔަލްވީގެ ކަންކަން ކުރަން އަހަރެމެން ފުރަތަމަ މީހަކު ހޯދަން ޖެހޭނީ. އެވަރުން ކިހިނެތް އާއިންއަށް ޚިދުމަތްކޮށްދޭނީ؟ އަހަންނަކީ ވެސް މުސްކުޅިވެގެން މަރުވެގެން ދާނެ މީހެއް. އަބަދު އަހަރެން ނުހުންނާނެ އޭނަގެ ކަންކަން ކޮށްދޭކަށް. ދީނީ ގޮތުން ވެސް އާއިންގެ ކައިވެންޏަކަށް ހުރަހެއް ނެތް." ސިލްވިއާ އަހަރެންގެ އަތުގައި ހިފާލަން އަތް ގެނެސްފައި ހިޔާލު ބަދަލުވެގެން ތިރިކޮށްލި އެވެ.

ސިލްވިއާ ވާހަކަދެއްކި ގޮތުން ހީވަނީ އަހަންނަށް ދުވަހަކު ވެސް ނުހިނގޭނެ ކަމުގެ ސަތޭކަ އިންސައްތަ ޔަޤީންކަން ޑޮކްޓަރުން ދީފައިވާ ހެންނެވެ. ހީވަނީ އެދުވަހު ސާހިލް އައިސް އެހާ ތަފްޞީލުކޮށް އަހަންނަށް ހިނގުމަކީ ވެދާނެ ކަމެއް ކަމުގައި ބުނެފައި ނުވާހެންނެވެ. ރަނގަޅު ވޭތޯ ވެސް އިންތިޒާރު ކުރުމަކާނުލައި މިވަރުގެ ނިންމުމެއް ނިންމިއިރު ފަހުން އަހަންނަށް އޯގާތެރިވާނެ ކަމުގެ އޮތީ ކޮން ޔަޤީންކަމެއް ހެއްޔެވެ؟ އެކަމަކު ސިލްވިއާ ދެއްކީ ދޮގު ވާހަކަތަކެއް ވެސް ނޫނެވެ. އަހަރެން މިއަދު މިވަނީ އާއިންގެ އަންބެއްގެ މަޤާމު ފުރަން ނުކުޅެދިފަ އެވެ. އަދި އަހަރެންގެ މިފައި ދުވަހަކު ވެސް ރަނގަޅު ނުވެއްޖެނަމަ ދެން ވާނީ ކިހިނެތް ހެއްޔެވެ؟ މިއޮތްހާދުވަހު އަހަރެން ވިސްނީ އެއްކޮޅަށެވެ. އެއީ ފައި ރަނގަޅުވާނެ ކަމުގައި ވިސްނައިގެން އެމިސްރާބަށެވެ. އެކަން ނުވެއްޖެނަމަ ދެން ވާނެ ގޮތަކާއިމެދު ހިޔާލުކޮށްލަން ވެސް އަހަރެން ބޭނުމެއްނުވި އެވެ. މިއަދު ފުރަތަމަ ފަހަރަށް އަހަންނަށް ފުންކޮށް ވިސްނައިލެވުނެވެ. އަހަންނަށް ނުހިނގިއްޖެނަމަ އަހަރެންގެ ވަޒީފާއަށް ވާނީ ކިހިނެތް ހެއްޔެވެ؟ އެކަނި ފެންވަރައި ގޭގެ އެއްތަނުން އަނެއްތަނަށް ގޮސް އުޅޭނީ ކިހިނެތް ހެއްޔެވެ؟ މީހެއްގެ އެހީއަކާނުލާ އަމިއްލައަށް ފާޚާނާއަކަށް ވެސް ނުދެވޭނެ އެވެ. ގެއިން ބޭރަށް ނިކުތުމާއި ގާތްމީހުންނާއި ބައްދަލުކުރަން ދިއުމަކީ ހަމައެކަނި ހުވަފެނަކަށް ވެގެންދާނެ އެވެ. އާއިންއާއެކު ވޭތުކުރި ދުވަސްތަކަކީ ހަމައެކަނި ދުރު މާޒީއަކަށް ވެގެންދާނެ އެވެ.

އަމިއްލަ ހިޔާލުތަކަށް ގެއްލިފައި އޮތްވަރުން ސިލްވިއާ ނިކުމެގެން ދިޔަކަމެއް ވެސް ނޭނގުނެވެ. ދެކޮޅު ހޯދާލިއިރު ކޮޓަރިން ނުނިކުމެވި ކޮޓަރިތެރޭ ތާށިވެފައި އޮތީ ހަމައެކަނި އަހަރެންނެވެ. އެކަނިވެރިކަމަކީ ކޮބައިކަން ފުރަތަމަ ފަހަރަށް އިހްސާސްވި ވަގުތުކޮޅަކީ އެއީ އެވެ. އެއާއެކު އަނެއްކާ ވެސް ހިޔާލުތައް ދަތުރުކޮށްފައި ދިޔައީ މާޒީގެ ތެރެއަށެވެ.

***

ހަތްމީހުންނާއި ދެމަފިރިއަކާއި އުޅެމުން ވެސް ސާހިލް އުޅުނީ އެކަނިވެރި ދިރިއުޅުމެކެވެ. އެކަނިވެރިކަމާއި އެހެންމީހުން އޭނައަށް ބޭނުން ނުވުމަކީ ސާހިލްއަށް އާ އިހްސާސެއް ނޫނެވެ. އަހަންނަށް ސާހިލްގެ ހަޤީޤަތް އެނގުނުފަހުން ފުރަތަމަ ފަހަރަށް ސާހިލްގެ ހަރަކާތްތަކަށް ހާއްސަ ސަމާލުކަމެއް ދީގެން ބެލެ އެވެ. އޭނަ މަންމަ ބައްޕަ ކިޔާ މުޚާތަބު ކުރަމުން އައި މީހުންނަށް ފަހުން އެއްވެސް ނަމަކުން މުޚާތަބު ނުކުރާކަން ފާހަގަވުމުން ސަބަބު އޮޅުންފިލުވަން ބޭނުންވި އެވެ. އައިމިނަ އެދުވަހު ބުނި ވާހަކައަށް އޭނައަށް އިވިފައި ވާނީ އަލަށް ނޫންކަން އަހަންނަށް ޔަޤީނެވެ. އެކަމަކު ކުއްލިއަކަށް އެދުވަހުގެ ފަހުން އެކަން ހުއްޓުނީ ކީއްވެ ހެއްޔެވެ؟

ސާހިލް މިސްކިތުން އަންނަނިކޮށް އަހަރެން ގޮވީމެވެ. ސާހިލް ފަސްއެނބުރި ބަލައިލީ ޔަޤީންނުވެފަ އެވެ. ފެށުނީއްސުރެ ސާހިލް ކޮންމެ ވަގުތަކު އެކަނިމާއެކަނި ނަމާދަށް ގޮސް އައިސްވާއިރު ވެސް މިނޫނީ އަހަރެން ނުގޮވަމެވެ. އަހަރެން އޭނައާ ވާހަކަނުދައްކަނީ އަހަންނަށްވުރެ ދެއަހަރު ދޮށީވެފައި މަތީ ކުލާހެއްގައި އުޅޭތީ އެއްނޫނެވެ. އޭނަ ވެސް އަހަންނާއި ވާހަކަ ނުދައްކާތީ އެވެ. އަހަރެން ހަސަންގެ އެކުވެރިކަމުގައި އެގެއަށް ކުޅެން ގޮސް އުޅެނީ ވެސް އެކީގައި ކުޅޭނެ އެހެން ކުއްޖަކު ނުހުންނަ ފަހަރެއްގަ އެވެ. ހަސަންއާއި އަހަރެން ކުޅެން ފަށައިގެން އަބަދު ވެސް ނިމޭނީ ޒުވާބަކުންނެވެ. އަހަރެން އެހާ ގިނައިން އެގެއަށް ކުޅެން ނުދަނީ ވެސް މިސަބަބާއިހުރެ އެވެ.

އަހަރެން ހަނާއަޅައިލުމުން ސާހިލް އައިސް ކައިރިއަށް ހުއްޓުނެވެ. އެލޮލުގައި ސުވާލުމާކެވެ.

"އަހަންނަށް ދޯންޏެއް ހަދައިދެވިދާނެތަ؟ ހަސަން އަހަރެންގެ ދޯނ ހަލާކުކޮށްލައިފި." ހަލާކުވެފައި އޮތް ކަށިކެޔޮފަތު ދޯނި ދައްކާލައިފައި އަހަރެން އެދުނީމެވެ.

ސާހިލް ބޯޖަހައިލައިފައި ދިޔައީ ގެއަށެވެ. އަހަރެން ގޭގައި އިންދާ އޭނަ އެނބުރި އައީ ކުޑަ ޗާކުވަޅިއަކާއި ކަށިކެޔޮފަތްތަކެއް ހިފައިގެންނެވެ. ސާހިލްއަކީ ވައަތްތެރިއެއްކަން އަހަންނަށް ފުރަތަމަ އެނގުނީ އެދުވަހު އޭނަ މަސައްކަތް ކުރާތަން ފެނިގެންނެވެ. ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ނިކަން ރީތި ދޯންޏެއް ހަދާފައި ގެނެސް އަހަރެންގެ އަތަށް ދިނެވެ. ދޯނިގައި ނުހިފާ ހުރެގެން އަހަރެން އެހީ އަލިބެއާ އަސްމާއްތައަށް މަންމަ ބައްޕަ ކިއުން ހުއްޓައިލި ސަބަބެވެ. ސާހިލް އެވަގުތު ސިހުނުކަން މޫނުން އެނގުނެވެ. ޖަވާބުނުދީ އިރުކޮޅެއް ވަންދެން އަހަރެންގެ މޫނަށް ބަލައިލީ އެއްޗެއް ވިސްނައިލިފަދަ ގޮތަކަށެވެ. އެހެން އެއްވެސް މީހަކަށް ފާހަގަނުވާ ކަމެއް އަހަންނަށް ފާހަގަވުމުން ކަންނޭނގެ އެވެ. ސާހިލް ދެން ކިޔައިދިނީ އަލިބެ ކައިރީ އެހުމުން އައިމިނަގެ ވާހަކަ ތެދުކުރި ކަމުގަ އެވެ. އިތުރަށް ބުނާނެ އެއްޗެއް ނޭނގިގެން ހުރެލާފައި އޭނަ ކައިރީ މަޑުކުރަން އެދުމަށްފަހު އަހަރެން ވަނީ ގެއަށެވެ.

އަހަރެން ފޮށިތެރެ ހޯދަން އުޅެނިކޮށް ދޮންތަ ވަދެ އަހަރެން ހޯދާ އެއްޗެއް އެހި އެވެ. ބޭނުންވާ އެތި ފެނުމުން އެހިފައިގެން ދުވެފައި ނިކުތީ ސާހިލް ކައިރިއަށެވެ. ވަށް ބިއްލޫރި ބޯޅައެއްގެ ތެރޭ ހުރީ ފެންކަހަލަ އެއްޗެއް އަޅާފައި ވިދާ ނޫ ތަރިތަކެކެވެ. ބޯޅަ ހަލުވާލުމުން ތަރިތައް އެތަން މިތަނަށް ފެތުރިގެންފައި މަޑުމަޑުން ތިރިއަށް ގޮސް އަނެއްކާ ވެސް ތިރީގައި ހަރުލަ އެވެ. އެއީ ބައްޕަ މާލެ ދިޔަ ފަހަރެއްގައި އަހަންނަށް ގެނެސްދިން ހަދިޔާ އެކެވެ.

"މީ ކޯއްޗެއް؟" އަހަރެން ބިއްލޫރި ބޯޅަ ދިއްކޮށްލުމުން އޭގައި އަތްނުލާ ހުރެގެން ސާހިލް އެހި އެވެ.

"ދޯނި ހަދައިދިނީމަ އަހަރެން ދިން ތީ ހަދިޔާއެއް." އަހަރެން ޖަވާބުދިނީމެވެ. އެއީ ހަމައެކަނި ހަދިޔާއެއް ދިނުމުގެ ނިޔަތުގައި އަހަރެން ކުރި ކަމެއް ނޫނެވެ. އެކަމުން ސާހިލްއަށް އުފަލެއް ދިނުމުގެ ނިޔަތުގައި ވެސްމެ އެވެ.

ހައިރާންކަމާއެކު ސާހިލް ދެފަހަރަކު އެސްފިޔަ ޖަހައިލި އެވެ. މަޑުމަޑުން އަހަރެންގެ އަތުން ބޯޅަ ނެގިއިރު އެއަތަށް ތުރުތުރެއް ވެރިވެފައިވާކަން ފާހަގަވި އެވެ. ސާހިލް އެބަލައިގަތުމުން އަހަރެން ނިކަން އުފާވި އެވެ. ފޮރުވުމެއްނެތި ތަންމިނަށް ހިނިތުންވެލައިގެން ސާހިލް ގޮސް ގެއަށް ވަންނާދެން ބަލަން ހުރީމެވެ. އޭގެ ކުޑައިރުކޮޅެއް ފަހުން ހަސަން ދުވަމުން ގެއިން ނިކުމެގެން އަންނާތީ ފެނުނެވެ. އޭނަގެ ފަހަތުގައި ސާހިލް އެވެ.

ހަސަން އަތުގައި އޮތް އެއްޗެއް ސާހިލްއަށް ދޭން ދިއްކޮށްލާފައި އޭގައި ހިފަން ވާއިރަށް އަތް ދަމައިގަނެފައި ހެމުން އަނެއްކާ ދުއްވައިގަތެވެ. އަހަރެން ރުޅި އައީ ހަސަންދެކެ އެވެ. ސާހިލް ރުޅިއަރުވަން ހަސަން ގަންނަ ސަކަރާތެއްކަން އެނގުމުން އެކަން ހުއްޓުވަން ވެގެން އެދިމާއަށް ދެވުނެވެ. އަހަންނަށް ދާދި ކައިރިއަށް ދެވިފައި ހުއްޓާ ހަސަންގެ އަތުގައި އޮތް އެތި ފާރާއި ދިމާކޮށް އެއްލިތަން ފެނުނެވެ. ބިއްލޫރި އެއްޗެއް ތެޅުނު އަޑާއެކު ކުދިކުދިވެގެން ފައިދަށަށް ފެތުރުނީ ކުޑައިރުކޮޅެއް ކުރީން އަހަރެން ސާހިލްއަށް ދިން ހަދިޔާ އެވެ. އޭގެ ތަރިތަކާއި އެތެރޭ ހުރި ފެންކަހަލަ އެއްޗެހިވެސް އެތަނަށް ފެތުރިފައި އޮތެވެ.

ހަސަން ކުރިއަށްވުރެ ބާރަށް ހީގެންފައި މަގު ހުރިގޮތަށް ހިނގައިގަތެވެ. އަހަރެންގެ ނަޒަރު ބިންގަނޑުން ސާހިލްއަށް ދަތުރުކޮށްލިއިރު ސާހިލްގެ ނަޒަރު އޭރު ވެސް ހުރީ ބިންގަނޑަށެވެ. އެދިންއިރު އެމޫނުން އެއްވެސް އަސަރެއް ފައުޅެއްނުވެ އެވެ. އެކަމަކު ހަލާކުވުމަށްފަހު ސާހިލް ބަލަން އިންގޮތުން އޭނަގެ ހިތުގައި އެބިއްލޫރި ބޯޅައަށް އޮތް ލޯބި ހާމަވި އެވެ.

"އަހަރެން ބައްޕަކައިރީ ބުނެގެން އޭގެ އެހެން އެއްޗެއް ގެނެސް ސާހިލްއަށް ދޭނަން." އަހަރެން ވާހަކަދެއްކި އަޑަށް ސާހިލް އިސްއުފުލައިލި އެވެ. ދެން މަޑުމަޑުން ދެފަރާތަށް ބޯ ހޫރައިލި އެވެ. އަހަރެން އެކަމަކަށް ސަމާލުކަމެއް ނުދެމެވެ. ކައިރިއަށް ފިޔަވަޅެއް އަޅާލައިފައި ސާހިލްގެ އަތްތިލައިގައި ހިފާ އުފުލާލުމާއެކު އަނެއް އަތުން އެއަތްތިލައިގައި ޖަހައި އެކަމަށް ވަޢުދުވީމެވެ.

***

ދޮރު ހުޅުވުނު އަޑު އިވިފައި ކޮޓަރިތެރޭ މީހަކު ހިނގާއަޑު އިވުނެވެ. ލޯމަރާލައިގެން އޮތީ އެއީ ކާކުކަން ވެސް ބަލަން ބޭނުންނުވެ އެވެ. އެއީ އާއިންކަމަށްވާނަމަ އަދި ވަކިން ކުރިމަތިލާން ބޭނުންނުވެފަ އެވެ.

"ޔަލްވީ؟" ކޯތާފަތުގައި ކޮށްޓާލައިފައި ގޮވާލިއަޑު އިވުނެވެ. އަހަރެންގެ ދެލޯ ކުއްލިއަކަށް ހުޅުވުނީ އެއަޑު އަހައިފަ އެވެ. އެއީ ސާހިލްގެ އަޑެވެ.

"ހައި!" ލޯ ހުޅުވާލައިފައި ބަހެއް ނުބުނެ އެކަޅު ދެލޮލަށް ބަލަން އޮތުމުން ސާހިލް ގޮވައިލި އެވެ. އަހަރެން ގަދަކަމުން ލުއި ހިނިތުންވުމެއްވެރިކޮށްލީމެވެ.

"މިއަދުން ފެށިގެން ދެން މިއޮތް ފަހު ހަފްތާ ނިމެންދެން ފިޒިއޯ ދޭން ހަމަޖެހިފަ އޮތީ. ދެން އޭގެ ފަހުން ގޭގަ ހުރެފަ އަންނަން ޖެހޭނީ..އެހެންވެ މިއައީ." ސާހިލް އަހަރެންގެ މޫނަށް ބަލަން ހުރެގެން އޮޅުންފިލުވައިދީފައި ގޮސް ނިކުތެވެ. ދެން އައީ ފުރޮޅުލީ ގޮނޑި ހިފައިގެންނެވެ.

ޓްރާންސްފާ ބޯޑެއްގެ އެހީގައި ގޮނޑިއަށް ބަދަލުވާން ހީކުރިވަރަށްވުރެ މާގިނައިރު ހޭދަވި އެވެ. އަހަރެން އިނީ ގުނބުހިލިފަ އެވެ. ނިއްކުރިން ދާތިކިތައް ފައިބަ އެވެ. ލައިގެން އިން ޓީޝާޓް ގައިގައި ތަތްވެފަ އެވެ. ސާހިލްގެ ކެތްތެރިކަމާއިމެދު ހައިރާންވި އެވެ. ބެލެންސް ނުވެގެން އަރިއަޅާލަން ދަނިކޮށް ސާހިލްގެ ބާރުގަދަ އަތުން ކޮނޑުގައިހިފާ ހުއްޓުވި އެވެ. އޭނަ ގުދުވެލި ވަގުތު ހިތްގައިމު ސެންޓެއްގެ ވަސް ނޭފަތުގައި ހަރުލި އެވެ. "ތޭންކްސް." އިޚުތިޔާރެއްނެތި އަހަންނަށް ބުނެވުނެވެ. ސާހިލް ވަކި އެއްޗެއް ނުބުނެ ހިންދެމިލި އެވެ. އޭނަގެ ދިގުކަން އަދި ބޮޑަށް އިހްސާސްވަނީ އެގޮތަށް ގޮނޑިއެއްގައި އިނދެފައި އިސްއުފުލާ ބަލއިލީމަ އެވެ.

"މާ ވަރުބަލިވެފަ ތިއިނީ. އިހަށް ދެން އިނދޭ މަޑުން. އަހަރެން ގެންގޮސްދޭނަން." ދެއަތުން ފުރޮޅުގައި ހިފަން އުޅެނިކޮށް ސާހިލް ފަހަތަށް ޖެހިލަމުން ވާހަކަދެއްކި އެވެ. އަހަންނަށް ދޫކޮށްލެވުނީ ހަމަޖެހުމުގެ ނޭވައެކެވެ. -- ނުނިމޭ --

Popular