15 Nov 2018

"ގޭމް އޮފް ތުރޯންސް"ގެ ފަހު ހަނގުރާމައަށް ތައްޔާރު؟

"ގޭމް އޮފް ތުރޯންސް"ގެ ފަހު ހަނގުރާމައަށް ތައްޔާރު؟

By: Ifraz Ali

ހަތް ކޮއިލުގެ ރަސްކަމުގެ ދަހިވެތިކަމުގައި ބަޔަކު ކުރަމުންދާ ހަނގުރާމަ ދައްކުވައިދޭ، އެޗްބީއޯގެ "ގޭމް އޮފް ތުރޯންސް" ގެ ފަހު ސީޒަން ފަށަން ގާތްވަނީ އެވެ. ފަހު ސީޒަންގައި މި ސިލްސިލާގެ ފަހު ތަޅާލުންގަނޑު ނުވަތަ އެންމެ ފަހު ހަނގުރާމަ ފެންނާނެ އެވެ. އެމެެރިކާގެ ޓީވީ ސިލްސިލާތަކުން ނުފެންނަވަރުގެ ވަރުގަދަ ހަނގުރާމަމަތީ މަންޒަރުތައް މި ސިލްސިލާގައި ގެނެސްދީފައިވެ އެވެ.

ދިވެހިންނަށް އެންމެ ކަމުދާ އެމެރިކާގެ ޓީވީ ސިލްސިލާތަކުގެ ލިސްޓެއް މިހާރު ހަދާނަމަ، އެންމެ ކުރީގައި އޮންނާނީ ވެސް "ގޭމް އޮފް ތުރޯންސް" އެވެ. ސިލްސިލާގެ އެންމެ ފަހު ސީޒަން ތައްޔާރުކޮށް، ފައްކާކުރުމަށް އެޗްބީއޯއިން ވަނީ ގާތްގަނޑަކަށް ދެ އަހަރު ހޭދަކޮށްފަ އެވެ. މީގެ ކުރިން ސިލްސިލާއަކުން އަދި ފިލްމަކުން ވެސް ނުފެންނަ ވަރުގަދަ މަންޒަރުތައް ގެނެސްދޭނެ ކަމަށް އެޗްބީއޯއިން ވެސް އޮތީ ގަދަބަސް ބުނެފަ އެވެ.

ގޭމް އޮފް ތުރޯންސްގެ މަންޒަރެއް --

"ގޭމް އޮފް ތުރޯންސް" ގެ ފޯރިގަނޑު އަނެއްކާވެސް ދިވެހިންނަށް އަރައިގެން މިއުޅެނީ ފަހު ސީޒަން ގެނެސްދެނީ ކޮންއިރަކުކަން އެޗްބީއޯއިން އިއުލާނުކޮށް، ކުޑަ ޓީޒާއެއް ވެސް ދޫކޮށްލުމާއެކު އެވެ. އާރްއާރް މާޓިންގެ ވާހަކައަކަށް ތައްޔާރުކުރަމުން އަންނަ މި ސިލްސިލާގެ ފަހު ސީޒަން ދައްކަން ފަށަނީ އަންނަ އަހަރު އޭޕްރީލްގަ އެވެ. އެހެންވީމަ އަދި އިތުރު ހަ މަސްދުވަހު އިންތިޒާރުކުރަން ޖެހޭނެ އެވެ.

ގޭމް އޮފް ތުރޯންސްގެ މަންޒަރެއް --

ކާމިޔާބު ހަތް ސީޒަނެއް ގެނެސްދީ، އަށް ވަނަ ސީޒަނާއި ހަމައަށް އައިރު، މިފަހަރު ވެސް އެޕިސޯޑުތަކުގެ އަދަދު އޮތީ މަދުކޮށްފަ އެވެ. އެންމެ ހަ އެޕިސޯޑެވެ. އެކަމަކު ކޮންމެ އެޕިސޯޑެއްގައި ގަޑިއިރެއްގެ ދިގުމިން ހުންނާނެ އެވެ. އެންމެފަހު އެޕިސޯޑު ފިލްމަކާއި އެއްވަރަށް، ދެ ގަޑިއިރަށް ދެމިގެންދާނެ ކަމަށްވެ އެވެ.

"ގޭމް އޮފް ތުރޯންސް" ސީޒަން އަށެއްގެ ފުރަތަމަ ޓީޒާ --

ފަހު ސީޒަންގައި ފެނިގެންދާނީ ވެސްޓްރޮސްގެ ހަތް ކޮއިލަށް ނިސްބަތްވާ މީހުން، ވައިޓް ވޯކާސްއާ ދެކޮޅަށް ކުރާ ހަނގުރާމަ އެވެ. ފިނި ހަނގުރާމައިގެ ނަންދީފައި މި ހަނގުރާމައިގެ ވާހަކަ ފުރަތަމަ ސީޒަނުން ފެށިގެން ވެސް އަންނަނީ ދެކެވެމުންނެވެ.

މިހާރު ތަހުތައް އަރާއިން ރާނީ ސާސީ ވަނީ އޭނާގެ ދުޝްމަނުން ކަމުގައިވާ ޑްރެގަންތަކުގެ މަންމަ، ރާނީ ޑެނޭރިސް އާއި އުތުރުގެ ރަސްގެފާނު ޖޮން ސްނޯއާއެކު ވައިޓްވޯކާސްއާ ދެކޮޅަށް ހަނގުރާމައަށް ނިކުތުމަށް އެއްބަސްވެސް ވެފަ އެވެ.

Popular