13 Dec 2018

ނުދާށެ ދޫކޮށްފައި

ނުދާށެ ދޫކޮށްފައި

By: Mariyam Yasma

ހޯމަ ދުވަހާ ގުޅޭ

"ޑޯންޓް އެކްޓް ލައިކް ޔޫއާ ސާހިލް. އެއްނަމެއް އަދި ކިއަސް ތީ ސާހިލް އެއް ނޫން. ތީ ހަމައެކަނި އަހަރެންގެ ފިޒިއޯތެރަޕިސްޓް..." ސާހިލް ވާހަކަދެއްކުމުގެ ކުރިން އަހަރެން އަވަސްއަވަހަށް ބުނެލީމެވެ.

ސާހިލްގެ ލޮލުން ރިހުމުގެ އަސަރު ފާޅުވި އެވެ. ހީވީ ތަނަކަށް ތަދުވީހެންނެވެ. ހީވީ ދުލުން ބުނި ބަސްތަކެއްގެ ބަދަލުގައި އެ މޫނުމައްޗަށް އަހަންނަށް ދޫކޮށްލެވުނީ އަތުގެ ހޫނު ހަމަލާއެއް ހެންނެވެ.

އޮޅުންފިލުވަން ބޭނުންވި ނަމަވެސް ސުވާލު ކުރުމުގެ ފުރުސަތެއް ނުލިބުނެވެ. ކޮޓަރީގެ ދޮރުހުޅުވުނު އަޑާއެކު އަހަރެންގެ ކަންފަތް ސަމާލުވީ އެ އަޑަށެވެ. ނަޒަރު އެ ދިމާއަށް ދަތުރު ކުރީ އަދި އޭގެ ފަހުންނެވެ.

"ޔަލްވީ އަހަރެން... އޯހ." ލިންތާ ވާހަކަދައްކަން ފަށާފައި ސާހިލް ފެނިގެން ކުއްލިއަކަށް ހުއްޓައިލި އެވެ.

"އޭމް އައި އިންޓަރަޕްޓިން ސަމްތިން....؟ އަހަންނަށް ފަހުން އާދެވިދާނެ..." ލިންތާ ވާހަކަދެއްކިއިރު އެ އަޑުގައި އާދަޔާޚިލާފަށް އެކުލެވުނު ޖޯޝް އަހަންނަށް ފެނުނެވެ.

"ނޫން. ސާހިލް ދަނީ އެ." ލިންތާ ދާންވެގެން ދޮރާ ދިމާއަށް އެނބުރެން ފެށުމުން އަހަރެން ބުނީމެވެ.

ލިންތާއަށްވުރެ ބޮޑަށް ސާހިލްއަށް އިއްވި އެއްޗެއްގެ ގޮތުގަ އެވެ. އަހަރެންގެ ނަޒަރު ސާހިލް އަށް އަނބުރައިލިއިރު އޭނަ އަދިވެސް އިނީ އެއިން ގޮތަށެވެ.

އަހަރެންގެ ހިމޭން އާދޭހުގެ އަޑު އިވިގެން ކަންނޭނގެ އެވެ. ސާހިލް ދެން ތެދުވެއްޖެ އެވެ. ނޭވާ ހިފަހައްޓައިގެން އިނދެވުނުކަން އަހަންނަށް އެނގުނީ ސާހިލް ނިކުތުމާ އެކު ނޭވާ ލެވުނީމަ އެވެ. ލިންތާ ޝައުޤުވެރި ނަޒަރަކުން އަހަރެންގެ ފައިން ފެށިގެން ބޮލާ ހަމައަށް ނަޒަރު ހިންގާލައިފައި ކައިރިއަށް އައެވެ.

"އަހަންނަށް ކުރިއަކުން ނޭނގެ ޔަލްވީގެ ފިޒިއޯތެރަޕިސްޓަކީ އެހާ ރީތިމީހެއް ކަމެއް." ހަތަރުކަޅި ހަމަކޮށްލައިގެން ހުރެ ލިންތާ ބުނެލި އެވެ.

"އެއީތަ ލިންތާ ބުނަން އައި ވާހަކައަކީ؟" އަޑުގައިވި ފޫހިކަން ފޮރުވާކަށް އަހަރެން ކުޑަ ވެސް މަސައްކަތެއް ނުކުރަމެވެ.

ލިންތާ ހިނިގަނޑެއް ޖަހާލައިފައި ދެ ފަރާތަށް ބޯ ހޫރައިލި އެވެ. އޭނަ ދެން އައިސް އިށީނދެލީ އަހަންނަށް އުނދަގޫވާހާ ކައިރީގަ އެވެ. އެވަރުން ނުވެގެން އުނގުމަތީ އޮތް އަހަރެންގެ އަތްތިލައިގައި ދެއަތުން ހިފާލި އެވެ. އެކަމަކު ކުރިން ހުރި ހިނިތުންވުމުގެ ބަދަލުގައި އެމޫނަށް ދެން ވެރިވީ ސީރިއަސްކަމެވެ.

"އަހަރެން މިއައީ ޔަލްވީ ކައިރިން ކަމަކު އެދެން." ލިންތާ ފެށި އެވެ.

އޭނަ އުންމީދުކުރިހެން އަހަރެން އެއްވެސް ސުވާލެއް ނުކުރުމުން ފުން ނޭވައެއް ދޫކޮށްލައިފައި އަނެއްކާ ވެސް ކުރިއަށް ގެންދިޔަ އެވެ.

"އަހަރެންގެ ގާތް އެކުވެރިއެއްގެ ކައިވެންޏަށް ދައުވަތު ދީގެން މިއުޅެނީ. އޭނަ ބޭނުންވޭ އަހަރުމެން ދެ މީހުން ވެސް ދާން. އެކަމަކު ދެ ދުވަސް ވަންދެން ޔަލްވީ އެކަނިކޮށްފަ ގޮސް ހުންނާކަށް އާއިން އެއްބަހެއް ނުވާނެ. އޭނަ ކައިރީ އެހުމުގެ ކުރިން ޔަލްވީ އެއްބަސްކުރަން ވެގެން އަހަރެން މިއައީ. ޔަލްވީ އޯކޭކަން އެނގިއްޖެއްޔާ އޭނަ އެއްބަސްވެދާނެ..." ލިންތާގެ ވާހަކަ ނިންމާލައިފައި ތިރީ ތުންފަތުގައި ދަތް އަޅާލައިގެން އަހަންނަށް ބަލަންފެށި އެވެ.

އެ ލޮލުގައި އާދޭހެވެ. އަހަންނަށް އެކަން ވީ ހަޤީޤަތުގައި މަޖާ ކަމަކަށެވެ. އަހަންނަށްވުރެ އާއިން އަށް ލިންތާ މުހިންމުކަން އޭނައަށް ނޭނގެނީ ހެއްޔެވެ؟ އާއިން ގޮތެއް ނިންމުމުގެ ކުރިން އަހަރެން ބޭނުންވާ ގޮތް އަހާނެ ކަމަށް ވަންޏާ އެއީ އޭނަގެ ކުށްހީ އެކެވެ.

"އަހަރެން އެކަންޏެއް ނުވާނެ. ގޭގައި ދެން އުޅޭ މީހުން ތިބޭނެ." ޖަވާބުގައި އަހަރެން ބުނީމެވެ.

"އިޒް ދެޓް އެ ޔެސް؟" ލިންތާ ފޮނިވެފައި ފުންމައިގެން ތެދުވި އެވެ.

އަހަރެން ބޯޖަހައިލުމާ އެކު ދުވެފައި ނިކުމެ ލޯމަތިން ގެއްލުނެވެ.

އެ ރޭ އަނެއްކާ ވެސް އާއިން ނިދަން އައީ އަހަރެންގެ ކޮޓަރިއަށެވެ. އެކަމަކު އޭނަގެ ފަރާތުން އަހަރެން އެއްވެސް ކަމަކަށް އުންމީދެއް ނުކުރަމެވެ. ކުރީ ރެއާ ޚިލާފަށް އާއިން ހުރީ ނިދަން ލާ ސޯޓާއެކު ބާ ޓީޝާޓެއް ލައިގެންނެވެ. އަހަރެން ފޮތެއް ކިޔަން އިނދެފައި އޭނަ ވަނުމުން ފޮތް ތިރިކޮށްލީމެވެ. އާއިން ހިނިތުންވެލާފައި ކައިރިއަށް އައެވެ. އަތުގައި އޮތް ކުޑަ ކޮތަޅު ފެނުނީ އައިސް އެނދަށް އެރި ފަހުންނެވެ.

ކޮތަޅު އަހަރެންގެ އުނގަށްލައިފައި އާއިން އަހަންނާ ޖެހި ފިތިގެން ބާލީސްތަކުގައި ލެނގިލި އެވެ. އަހަރެން ބަލައިލުމުން އިޝާރާތުން އެދުނީ އެ ބެލުމަށެވެ. ބުކްމާކް ފޮތުތެރެއަށް ލައި ތަން ފާހަގަކޮށްފައި އަހަރެން ކޮތަޅު ތެރޭ އޮތް ކުޑަ ޕާރުސަލް ނެގީމެވެ. ކަނޑާލިއިރު އަތުކުރީ ގަޑިއެކެވެ. އެކަމަކު އެ ފެނިގެން އަހަރެން އުފަލެއް ނުވި އެވެ. ގަދަކަމުން ހިނިތުންވުމެއް ވެރިކޮށްލާފައި އަހަރެން ޝުކުރު އަދާކުރީމެވެ. އާއިން ހިތްހަމަޖެހިގެން ބޯޖަހައިލި އެވެ.

އެރޭ ވެސް އަހަންނަށް ނިދޭހާއިރުކޮށްފައި އާއިން ކޮޓަރިން ނިކުތެވެ. އެ ދިޔަ މީހާ ފަތިސް ވީއިރު ވެސް ނާދެ އެވެ. ހެނދުނު އަހަންނަށް ހޭލެވިގެން ތެދުވެ އިށީންތަނާ އާއިން ކޮޓަރިއަށް ވަނީ ފޯނު ބަލަ އެވެ. އަހަރެން ފެނިގެން ސިހުނެވެ. އެކަމަކު ދާދި އަވަހަށް އެކުލަވަރު ބަދަލުކޮށްލި އެވެ.

"ހޭލެވުނީތަ؟' ކައިރިއަށް އައިސް ހުއްޓި އެއް އަތުން ފޯނު ނަގާފައި އަނެއް އަތުން އަހަރެންގެ ކޯތާފަތުގައި ފިރުމާލަމުން އެހި އެވެ. އޭނަ ހިތުން އަހަރެން ހީކުރާނީ އޭނަ އަހަންނަށް ވުރެ ކުރިން ހޭލައިގެން ނިކުތީ ކަމަށެވެ.

އަހަރެން ވަކި އެއްޗެއް ނުބުނެ ބަލަން އިނުމުން ގުދުވެލާފައި ނިތުގައި ތުންފަތް ޖައްސައިލި އެވެ. އެ ވަގުތު އެލުއި ބީހުމުން ވެސް އަހަންނަށް ވީ އުނދަގުލެވެ. އާއިން ނިކުތުމާ އެކު ރަޖާ އެއްފަރާތް ކޮށްލާފައި ކައިރީ ހުރި ގޮނޑިއަށް ބަދަލުވީ އަމިއްލައަށެވެ. ކައިރީގައި މެއިޑު ބަހައްޓައިގެން ކުރިން ވެސް ދެ ފަހަރެއްގެ މަތިން އަމިއްލަ އަށް ބަދަލުވެވިއްޖެ އެވެ. އަހަންނަށް ފަސޭހަ ވާނެހެން ކޮޓަރި ތައްޔާރުކުރިއިރު ގެނެސްފައި އޮތް ޓްރާންފާ ބޯޑު އޮންނާތީ އިތުރު ފަސޭހައަކަށްވެ އެވެ. އެކަނި ކުދި ކުދި ކަންތައްތައް ކޮށްގެން އުޅެވޭ ވަރަކަށް އަމިއްލަ ނަފްސާ މެދު އޮތް އިތުބާރު ވެސް އަންނަނީ އިތުރުވަމުންނެވެ.

މެއިޑު އައިއިރު އަހަރެން ފާޚާނާއިން ނިކުމެ ތައްޔާރުވެގެން އިންދާ ފެނުމުން އުފަލާއެކު ފާހަގަކުރި އެވެ. އެތައް ދުވަހަކަށްފަހު ފުރަތަމަ ފަހަރަށް އަހަރެން ހިނިތުންވެލީ އުފާވެފަ އެވެ.

އެ ދުވަހު ހޮސްޕިޓަލަށް ދިޔައިރު ސާހިލް ފެނުނީ ކުރިއެކޭ އެއްގޮތަށް ނިކަން ބަސް މަދުކޮށެވެ. ތެރަޕިސްޓެއްގެ ހައިސިއްޔަތުން ދައްކަން ޖެހޭ ވާހަކައެއް ނޫނީ ނުދައްކަ އެވެ. ހިތާއި ހިތުން އަހަރެން ޝުކުރު އަދާކުރީމެވެ. ސާހިލްގެ އެ ހިމޭންކަމުން ކިތަންމެހާ ވެސް ފަސޭހަވި އެވެ. އެކަމަކު އޭނަ ކުރިމަތީ ހުރިހާ ހިނދަކު އޭނަ ދެއްކި ވާހަކަތައް ތަކުރާރުކޮށް ސިކުނޑީގައި ދައުރު ވޭވޭ ހުއްޓެވެ.

ފުރުމުގެ ކުރިން އާއިން އަހަރެންނާއި ބައްދަލުކުރަން އައެވެ. ތަކުރާރުކޮށް ބުނީ އަހަރެން އެގޮތް ބޭނުން ނުވާ ނަމަ އަދިވެސް އޭނަ ދަތުރު ހުއްޓައިލާނެ ކަމުގަ އެވެ. އާއިން އިމްތިހާނުކޮށްލަން ނުދާށޭ ބުނަން ވެސް ހިތަށްއެރި އެވެ. އެކަމަކު އޭގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟ އޭނަ އަހަރެންގެ ކައިރީ އުޅުނަސް ނޫނީ އެހެން ފަސްގަނޑެއްގައި ވިއަސް ތަފާތެއް ނެތެވެ.

ހަވީރު އަހަރެން ޕޫލް ސެޝަން އަށް ތައްޔާރުވީމެވެ. ދޫކޮށްހުރި ހުދު ޓީޝާޓަކާ އެކު ތިރިން ލީ ދަނބު ޓައިޓެކެވެ. ހަތަރެއް ޖަހާ ފަނަރަ މިނިޓަށް ވެފައި ހުއްޓާ އަހަރެން އިން ކާރު ސާހިލް ބުނި އެޑްރެސް ކައިރިއަށް މަޑުކުރި އެވެ. ޑްރައިވަރު ޑިކީ ތެރެއިން އަހަރެންގެ ފުރޮޅުލީ ގޮނޑި ނަގައި ނިއުޅާލައިފައި އަހަރެން އިން ފަރާތަށް ގެނަ އެވެ. އެކަމަކު އޭގެ ކުރިން ކާރުގެ ދޮރު ހުޅުވީ ސާހިލް އެވެ. އަހަންނަށް އެކައްޗެއް ވެސް ނުބުނެވެނީސް ސާހިލް ގުދުވެލާފައި އެއަތުގެ ތެރޭ އަހަރެން ބޮނޑިކޮށްލައިގެން ހިންދެމިލި އެވެ. އަހަންނަށް އޭނަ ހުރި ގޮތް އަދި ފެނުނީ ގޮނޑީގައި ބަހައްޓާފައި ދުރަށް ޖެހިލީމަ އެވެ.

އަތްކުރު ޓީޝާޓަކާއެކު ކަކުލަށްވުރެ އިންޗިއެއްހާތަން މައްޗަށް ހުރި ސޯޓުގައި ހުރިއިރު އަތުގެ މުލައްދަނޑީގަ އާއި ފައިގައި ފަޅާފައި ހުރި ކަޅު ލޯލިތައް އަހަންނަށް ފެނުނީ އަލަށެވެ. މީގެ ކުރިން ވެސް ފިރިހެނުންގެ އަތާއި ފައިގައި އިސްތަށި ފަޅާފައި ހުއްޓާ ދެކެމެވެ. އެކަމަކު އެއިން މިވަރުގެ ފިރިހެންވަންތަ ކަމަކާއި ހިތްގައިމުކަމެއް މިފެނުނީ އަލަށެވެ.

ސާހިލްއަށް އަހަރެން ބަލާކަން ފާހަގަ ނުވަނީސް އަވަހަށް އަނެއްފަރާތަށް މޫނު އަނބުރައިލީމެވެ. ޑްރައިވަރު ކައިރީ އޭނަ ކީ އެއްޗެއް އަހަންނަށް ނުވެސް އެނގެ އެވެ. އޭނައާ ދިމާއަށް ބަލައިލަން އަހަރެން ހޭއެރީ ސާހިލް ފުރަގަހަށް ހުއްޓި ގޮނޑި ދުއްވަން ފެށީމަ އެވެ.

"އަހަރެން ބުނެފިން އަންނަންވީ ގަޑި." ސާހިލް މެދުކެނޑުމެއްނެތި ކުރިއަށް ދަމުން ބުނެލި އެވެ.

އަހަރެންގެ ސަމާލުކަން ދެން އަނބުރައިލީ ކުރިމަތިން ފެންނަމުންދިޔަ ގެއަށެވެ. ކުޑަވަރެއްގެ ގޭޓަކުން ވަދެގެން ގޮސް ފުޅާ ދޮރެއްގެ ކުރިމައްޗަށް ހުއްޓިފައި ސާހިލް ބެލްޖެހި އެވެ. އެތެރެއިން ދޮރު ހުޅުވި އަންހެނަކަށް ސާހިލް ފެނިގެން މަރުހަބާ ކިއެވެ. އަހަރެމެން ވަދެގެން ގޮސް ގޭގެ ފަހަތުގައިވާ ފެންގަނޑާ ހަމައަށް ދަންދެން އިތުރު މީހަކު ނުދެކެމެވެ.

ފެށުމުގެ ކުރިން ސާހިލް ކުރާނެ ކަންކަން ކޮންމެވެސް ވަރަކަށް ކިޔާލަދިނެވެ. އަހަރެން ގޮނޑިން ނަގައިގެން ގެންގޮސް ފެންގަނޑުގެ ކައިރި ފަށުގައި ބައިންދާފައި ސާހިލް ފަހަތަށް ޖެހިލި އެވެ. އިރުކޮޅަކުން ފެނުނީ ފެންގަނޑުގެ މެދަށް ފުންމައިލިތަނެވެ. އަހަރެން ދިޔައީ ސިއްސައިގެންނެވެ. ސިކުންތުކޮޅެއް ފަހުން ފެންގަނޑުން ބޯ ހިއްލައިލި އެވެ. އެ މޫނާއި އިސްތަށިގަނޑުގައި ފެންތިކިތައް ހަރުލާފައިވާ ތަން ފެނިގެން ނޭވާ ހިފަހައްޓައިލެވުނެވެ. ހަމައިސްކޮޅަށް ތެދުވުމުން ޓީޝާޓް ގައިގައި ތަތްވެފައި ވާތީ ފެނުނެވެ. އޭނަ ޓީޝާޓް ނުބޭލީ އަހަރެން ހިތްހަމަނުޖެހިދާނެތީ ކަންނޭނގެ އެވެ. ހަޤީޤަތުގައި ވެސް އެގޮތް އަހަންނަށް މާ ކަމުދިޔަ އެވެ.

ސާހިލް ކައިރިއަށް އައިސް ހުއްޓިފައި ފަހަރަކު ކަކުލެއްގައި ހިފާ ފެންގަނޑުތެރެއަށް ފައި ބޭލުވި އެވެ. ފިނިކަމުން އަހަންނަށް އަޑެއް ލައްވާނުލައެއް ނީނދެވުނެވެ. ސާހިލްގެ ތުންފަތަށް އެ ވަގުތު ހިނިތުންވުމެއް ވެރިވިކަން ޔަޤީނެވެ. އެކަމަކު އަހަރެން ރަނގަޅަށް ބަލައިލަން ވާއިރަށް އަވަހަށް ސީރިއަސް ކުލައަށް ބަދަލުކޮށްލައިފި އެވެ. ދެން އޭނަ ދެއަތުން ހިފެހެއްޓީ އަހަރެންގެ އުނަގަނޑުގެ ދެ ފަރާތުންނެވެ. ފެންގަނޑަށް ބާލުވާ ވާހަކަ ބުނެފައި ކައިރިފަށުން ހިއްލާލުމަށްފަހު މަޑުމަޑުން އަހަރެންގެ މެދުހައްޓަށްވުރެ މައްޗަށް ފެންގަނޑު ތެރެއަށް ތިރިކުރި އެވެ. އިޚުތިޔާރަކާނުލައި އަހަރެންގެ ދެއަތް އުފުލި ސާހިލްގެ މުލައްދަނޑީގައި ހިފެހެއްޓުނެވެ.

މިފަހަރު އަޑު ބޭރުވިއަ ނުދޭން އަހަރެން ހުރީ ތިރީ ތުންފަތުގައި ދަތް އަޅާލައިގެންނެވެ.

"އަހަރެން ޔަލްވީ ދޫކޮށެއްނުލާނަން..." ސާހިލްގެ އަޑު އައީ ދާދި ކައިރިންނެވެ.

އަހަންނަށް ސިހިފައި ބަލައިލެވުނެވެ. ހަތަރުކަޅި ހަމަވުމާއެކު މެއަށް ފާޑަކަށް ފިނިވެލި އެވެ. އަހަރެންގެ މޫނަށް ވެރިވަމުން އައި ރަތްކަން އަމިއްލައަށް ވެސް އިހްސާސްވި އެވެ. ބަހެއް ނުބުނެ އިތުރުވި ކޮންމެ ސިކުންތަކާއެކު ހިތުގެ ތެޅުން އަވަސްވަމުން އައެވެ.

"އައި ބިލީވް ޔޫ..." ހިމޭންކަން ނެތިކޮށްލަމުން އަހަރެން ޖަވާބުދިނީމެވެ.

ސާހިލް މަޑުމަޑުން ބޯޖަހާލި އެވެ. އެއަށްފަހު ދެން ފެނުނީ މަސައްކަތުގައި މަޝްއޫލު ވެފައިވާ ސާހިލްއެކެވެ. ފެންގަނޑު ތެރޭގައި ބައެއް ކަސްރަތުތައް ކުރަން ފަސޭހަކަން އަހަންނަށް ފާހަގަވި އެވެ. ވަގުތުކޮޅެއް ހޭދަވުމަށްފަހު އަހަރެންގެ ބިރު ވެސް ކެނޑުނެވެ. ސާހިލް ބުނިހެން އޭނަ އަހަރެން ގެނބެން ދޫކޮށް ނުލާނެ ކަމުގެ ޔަޤީންކަން އޮތެވެ.

ސެޝަން ނިމުމުން އަހަރެން ގޮނޑީގައި ބައިންދާފައި ސާހިލް ވަދެގެން ދިޔައީ އެތެރެއަށެވެ. އަހަރެން ބޮޑަށް ހީކަރުވާން ފެށީ އަދި ދެނެވެ. ވިދިވިދިގެން ދެ ކިބިހި އެޅުނުތަނާ ސާހިލް އައިސް ފަހަތުގައި ހުއްޓުނު އަޑު އިވުނެވެ. އަހަންނަށް ކުޑަ ތުވާއްޔެއް ދީފައި އޭނަގެ އަތުގައި އޮތް ތުވާއްޔަކުން ބޯ ހިއްކަމުން ގޮސް ހުއްޓުނީ ފޯނު ކައިރިއަށެވެ. ނަގައި އެއަށް ބަލާލައިފައި އަހަރެންގެ މޫނަށް ބަލައިލިތަން ފެނުނެވެ. އަހަރެން އަވަހަށް އެހެން ދިމާއަކަށް ބަލަން ފެށީމެވެ. ސާހިލް ފޯނު ނެގިއިރު ވެސް ނަޒަރު އަހަންނަށް ހުރިކަން ފާހަގަވި އެވެ.

ގެއަށް ދެވުނު ގޮތަށް ފުލުފުލުގައި ކިނބިހި އެޅެން ފެށި އެވެ. އިރު އޮއްސުނުއިރު ރޯގާ ފައިބަން ފެށި އެވެ. ސިލްވިއާ އާއި މައުރޫފު ވެސް އާއިންމެން ފަދައިން ހާއްސަ ކެއުމަކަށް ދާން ވެގެން ގެއިން ނިކުތް ވާހަކަ މެއިޑު އައިސް ބުންޏެވެ. އަހަންނަށް ރޭގަނޑުގެ ކެއުން ގެނެސްދީފައި އޭނަ އެދުނީ ނިދަން ދިއުމުގެ ހުއްދަ އަށެވެ. ބަހަނާއަކަށް ދެއްކީ އުނަގަނޑުގައި ރިއްސާތީ އަވަހަށް ޖައްސައިލަން ބޭނުންވާ ވާހަކަ އެވެ. އޭނަ ހޭލާ ހުރެގެން ވަކި އަހަރެންގެ ރޯގާއަށް އަންނާނެ ތަފާތެއް ނެތެވެ.

ކާން ގެނަ ތަށިން އެންމެ ސަމުސަލެއް ނޫނީ އަރުން އެތެރެއެއްނުވި އެވެ. ޓިޝޫ ފޮށްޓެއް ކައިރީގައި ބަހައްޓާފައި އެލަސިޓް ބޭސްގުޅައެއް ކާލައިގެން އަހަރެން ވެސް އަށެއް ޖެހިތަނާ ނިދަން އޮށޯވެއްޖައީމެވެ. ދެން އަހަންނަށް ހޭލެވުނީ ޑްރައިވަރު އައިސް ގޮވާ އަޑަށެވެ. ލޯ ހުޅުވާލިއިރު މުޅި ގައިގައި ރިއްސަ އެވެ. އަހަންނަށް ކުކުރާ ލެވުނެވެ.

"ކޮއްކޮ ހޯދަން މީހަކު އައިސް އެބަހުރި. އަހަރެން ކޮއްކޮ ބަލިވެއޭ ބުނީމަ ބައްދަލުކުރަން ބޭނުންވާ ވާހަކަ ބުނީ. އެތެރެއަށް ވައްދަންތަ؟" ޑްރައިވަރު ވެގެންއުޅޭގޮތް އޮޅުންފިލުވައިދީފައި ހުއްދައަށް އެދުނެވެ.

އަހަރެން މަޑުމަޑުން ދެ ފަރާތަށް ބޯ ހޫރުވައިލުމުން އޭނަ ބޯޖަހާލައިފައި ކޮޓަރިން ނިކުތެވެ. ލޯ މަރައިލި ނަމަވެސް އިތުރަށް ނިދޭ ގޮތެއް ނުވި އެވެ. ގައިގައި ރިއްސާވަރުން ލޮލުން ކަރުނަ ހިލުނެވެ. ބަލިވުމުން އަބަދު ވެސް ހަނދާނަށް އަންނަނީ މަންމަ އެވެ. ބޭނުންވަނީ މަންމަ އެވެ. އުމުރުން ކިތަންމެ މައްޗަށް ދިޔަސް އެއީ އަހަރެންގެ ބަދަލު ނުވާ އާދަ އެކެވެ. ފޯނުން މަންމަގެ އަޑު އިވުނަސް ހިތްހަމަޖެހިދާނެ އެވެ.

ހޯދާލިއިރު ސައިޑު ޓޭބަލް މަތީ ފޯނެއް ނެތެވެ. އަހަރެން ވަށައިގެން ލޯ ހިންގާލިއިރު އެއްވެސް ތާކު ނެތެވެ. އެންމެފަހުން ފޯނު ބޭއްވުނު ތަނެއް ހަނދާންކުރަން އޮތްވާ ދޮރު ހުޅުވުނު އަޑު އިވުނެވެ. އެދިމާއަށް ބަލައިލާފައި އެތެރެއަށް ވަން މީހަކު ފެނިފައި ސިއްސައިގެންދިޔަ އެވެ. އެއީ ހުންގަދަ ވެގެން ފެންނަ މަންޒަރަކަށް ވެދާނެ ހެއްޔެވެ؟ އަހަރެންގެ ކުށްހީ ދުރުކޮށްދީފައި ސާހިލް އައިސް މަގަތަށް ހުއްޓުނެވެ. އަހަރެން ހަނދާން ހުރިގޮތުން ވިއްޔާ ޑްރައިވަރު ކައިރީ ނޫނެކޭ ބުނެވުނެވެ. އެހެންވީއިރު ސާހިލް މިތަނަށް ވަނީ ކިހިނެއް ހެއްޔެވެ؟

"އަހަރެން މިއައީ ޔަލްވީ ފޯނު ދޭންވެގެން. މިއަދު ހަވީރު ގޮސް އެތާ ބާއްވާފަ އޮތީ. އެކުވެރިޔާ ގުޅާފަ ބުނީމަ އަހަންނަށް ވެސް އެނގުނީ. ފޯނު ގެއްލިގެން އުޅެފާނެތީ ދޭންވެގެން އައީ." އަހަރެން ސުވާލު ނުކުރަނީސް ސާހިލް ކިޔައިދިނެވެ.

އެކަމަކު އެއީ އަހަރެން އެންމެ އޮޅުންފިލުވަން ބޭނުންވި ސުވާލުގެ ޖަވާބެއް ނޫނެވެ.

"ކިހިނެތް...މިތަނަށް ވަނީ؟" އަހަރެންގެ އަޑު ނިކުތީ ހީކުރި ވަރަށްވުރެ ބަލިކަށިކޮށެވެ.

ޖަވާބުދިނުމުގެ ބަދަލުގައި ސާހިލް ގުދުވެލާފައި އަހަރެންގެ ނިތުގައި އަތް ޖައްސާލި އެވެ. ދެވަނަ ސިކުންތުގައި އަވަސް އަވަހަށް ދުރުކޮށްލި އެވެ.

"ޔަލްވީ ހުމާ ފިހެނީއެއްނު. ބޭސް ކައިފިންތަ؟" ސާހިލްގެ ލޮލުގައި ކަންބޮޑުވުން ވި އެވެ.

އަހަރެން ދެފަރާތަށް ބޯ ހޫރައިލުމުން ހިތްހަމަނުޖެހިގެން ފާޑެއްގެ އަޑެއް ލައްވައިލި އެވެ. ހޮސްޕިޓަލަށް ދާން ހުށައެޅުމުން އަހަރެން ދެކޮޅުހެދީމެވެ. އޭނަ ދެން އެހީ ގޭގައި ދެން އުޅޭ މީހުންގެ ވާހަކަ އެވެ. އަހަރެން އެސުވާލަށް ޖަވާބުދޭކަށް ބޭނުމެއްނުވި އެވެ. ސާހިލްއަށް އެވަރުން ފުދުނެވެ.

"ޔަލްވީ ބޭނުން ނުވިއަސް އަހަރެން ޔަލްވީ ތިހާލުގަ މިތަނަށް ދޫކޮށްލާފައެއް ނުދާނަން. ޔޫއާ ކަމިން ވިތް މީ." ސާހިލްގެ ޖުމްލަ ނިމުނުއިރު ގުދުވެލާފައި އަތްދަނޑިމައްޗަށް އަހަރެން ނަގައިފި އެވެ.

ގަދަހަދަން ބޭނުންވިއަސް އަހަރެންގެ ގައިގައި ހަކަތައެއް ނެތެވެ. ނުވިތާކަށް އެހާ ވަރަށް ގައިގައި ރިއްސަ އެވެ. ކޮޓަރިން ނިކުތުމާއެކު ޑްރައިވަރު އައެވެ. ސާހިލް ބޭނުންވާ ގޮތް ހާމަކުރުމާއެކު ކުރީގައި ގޮސް ނިކުތެވެ. ފަހަތު ސީޓުގައި އަހަރެން ބައިންދާފައި ސާހިލް އިށީނދެލީ އަހަންނާއި ޖެހިގެންނެވެ. އަހަރެންގެ އުނަގަނޑުގައި ވަށާލެވިފައި އޮތް އަތުން އަހަރެން ގެނެސް އެ ހަށިގަނޑުގައި ލައްކޮށްލި އެވެ. އަނެއް އަތުން އަހަރެންގެ މޫނުގެ އެއްފަރާތުގައި ހިފާ މަގަތަށް އަރިކޮށްލާފައި ސާހިލްގެ ކޮނޑުގައި އަހަރެންގެ ބޯ ޖެއްސި އެވެ. ކާރު ދުއްވާލުމުގެ ކުރިން ކިރިޔަ ކިރިޔާ އިހްސާސް ވާހާ ލުއިކޮށް އަހަރެންގެ އިސްތަށިގަނޑުގައި ސާހިލް ތުންފަތް ޖައްސައިލި އެވެ.

ނުނިމޭ

ދިގު ވާހަކަ ނުދާށެ ދޫކޮށްފައި

Popular