19 Jan 2019

ލިޒީ

* ޖެނުއަރީ 15 ވަނަ ދުވަހުގެ ބަޔާ ގުޅޭ ...

"އޭގެ ފަހުން ކުލާސްތައް މިސްކޮށްފައި ނަމަވެސް އަހަންނަށް ޖެހޭ ލިޒީ ބުނާއިރަށް ވަގުތު ހުސްކުރަން، ފިރިހެނަކު މަޖުބޫރުވެދާނެއޭ ބުނީމައި އެއްވެސް މީހަކު ޤަބޫލެއް ނުކުރާނެ، އެއީ އަހަރެންގެ ފިނޑިކަން.، ރިޕޯރޓްކުރާކަށް ނުކެރުނު، އޭނަ ލީކުކޮށްލަން ބުނާ ކޮންމެ ފަހަރަކު އަހަރެން ވަރަށް އާދޭސްކުރަން، ފަހުން އަހަންނަށް ޖެހެނީ އޭނަ ރުއްސައިގެން ގެންގުޅެން، އެ ނޫންގޮތެއް ނެތެއްނު؟ "ޔާނިއު އިސްޖަހައި ބާރުކޮށްލައިގެން ހުރެ ބުނެލިއެވެ. ޔާނިއު އަށް ބަލަހައްޓައިގެން އިން ނައިރާ އަތްޖައްސައިލީ ޔާނިއުގެ ކޮނޑުގައެވެ.

"އަދި އުއްމީދު ކަނޑާލާކަށް ނުވޭ، ލިޒީ އަތުގައި ހުރި ވީޑިޔޯ ތަކާއި ހަމަޔަށް އަހަރެން ދާނަން، އޭގެ ނިޝާން އަހަންނަށް ފޮހެލެވިދާނެ، ޔޫ ޖަސްޓް ޕްލޭ ވިތު ހަރ ފޮރ ފިއު މޯ ޑޭސް،" ލިޒީގެ ގެއަށް ނައިރާ ދިއުމަށް އެއްވެސް ހުރަހެއް ނެތްކަމުގެ ފުރިހަމައަށް އިތުބާރު އެބައޮތެވެ. ޔާނިއުގެ ހިތަށް ކުޑަވެސް ލުޔެއް ނުލިބުނެވެ. ނައިރާ ބުނާހާ ފަސޭހައިން ލިޒީގެ އަތް ދަށުން އޭނާ މިނިވަން ނުވާނެކަން އެނގޭތީއެވެ.

"ހިސާން އަކީ ލިޒީ އަމިއްލައަށް ހަދައިގެން އުޅޭ ނަމެއްތަ؟" އިރުކޮޅެއްގެ ހިމޭންކަމަށްފަހު ނައިރާ އަހާލިއެވެ.

"ނޫން، އެއީ ލިޒީ ޑޭޓްކުރި މީހެއް، އަހަރެންގެ އަތްބަކު ހުންނަކަމާއި ލިޒީ އާއި ކައިވެނި ނުކުރެވޭނެކަން އެންގުމުން ލިޒީވެސް އަހަންނަށް އުދަނގޫނުކޮށް އުޅެން މަސައްކަތްކުރި، އެކަމަކު ދެމަސްވީތަނާއި ހިސާންއަށް ލިޒީ ބަނޑުބޮޑުކަން އެނގުނު، ދަރިފުޅު ވައްޓާލަން ހިސާން ވަރަށް ބާރުއެޅި، ލިޒީއަށް ވަރަށް އަނިޔާވެސް ކުރި، އެކަމަކު އެއްވެސް ހޮސްޕިޓަލަކުން އެކަމެއް ނުކޮށްދިން. ބަނޑަށް ހަތަރުމަސްވުމަށްފަހު އެބޯޓްކޮށްނުލެވޭތީ ލިޒީ ދޫކޮށްލާފައި އޭނަ ދިޔައީ، ލިޒީ ދެކޭގޮތުގައި އޭނާގެ ދިރިއުޅުން ދެން އާރާސްތުކުރެވޭނެ އެއްވެސް ގޮތެއް ނެތް، ލިޒީގެ ކުއްޖަކު ހުންނަހާ ދުވަހު އެއްވެސް މީހަކު ލިޒީ އާއި ގުޅޭކަށް އެއްބަހެއް ނުވާނެ، ލިޒީ ނަފްސާނީ ބަލިކަމެއްގެ ތެރެއަށް ދިޔައީ އޭގެފަހުން. މާލެ އައިފަހުން ލިޒީ ގޮވައިގެން އަހަރެން ޑޮކްޓަރަށް ދައްކަން ދިޔައިން، ވަރަށް ބޮޑުވަރުވެފައި ހުރީ، " ޔާނިއުގެ ކޮނޑުގައި ބާއްވާލާފައި އޮތް އަތް ނައިރާއަށް ދުރުކޮށްލެވުނެވެ. ލިޒީ އާއި މެދު އަނެއްކާވެސް ހަމްދަރުދީ ވެވުނެވެ.

"ދެން ލިޒީ ބުނާވަރެއް ދީފައި ތިކަމުން ސަލާމަތްވާންވީނު.؟'" ނައިރާގެ މޫނަށް ބަލާލާފައި ޔާނިއު އިސްޖަހާލިއެވެ. ކުޑަކޮށް ހީލިހެންވެސް ހީވެއެވެ. ނައިރާ އިނީ ޔާނިއުގެ މޫނުމައްޗަށް އަންނަ ބަދަލު ނަގައިގަންނަން އުދަނގޫވެފައެވެ.

"އޭނަ ދުވަހަކުވެސް އަހަރެންގެ އަތުން ފައިސާއަކަށް ނޭދޭ." ޔާނިއުއަށް ބަލަން އިންއިރު ދެބުމަ އުފުލިގެން ދިޔަކަން ނައިރާއަށްވެސް އެނގުނެވެ.

"ދެން؟" ނައިރާއަށް އަހާލެވުނެވެ. ޔާނިއު ފަރާތުން ފެނުނީ ހިމޭންކަމެވެ. އެ ސުވާލުގެ ޖަވާބު ދޭން ނުޖެހޭނަމައޭ ޔާނިއު ހިތަށް އެރިއެވެ. ފަހުން ކިޔައިދެން ބަހައްޓަން މިފަހަރު ހިތް ދެކޮޅު ހެދިއެވެ. ނައިރާގެ އިތުބާރު ގެއްލިދާން އޭނާ ބޭނުމެއް ނޫނެވެ. އެކަމަކު އެއީ މިހާރު ގެއްލިފައިވާ އެއްޗެއްކަންވެސް އެނގެއެވެ. މިހުރިހާކަމެއް އެނގުމަށްފަހުވެސް އޭނަ އާއި ޖެހިގެން ކެއްތެރިކަމާއި އެކު އޭނާގެ ހުރިހާ ވާހަކައެއް އަހަން ނައިރާ އިނީތީ ހައިރާންވެއެވެ. އެވަރުގެ ހިތްވަރެއް ނައިރާގެ ފަރާތުން ފެނިދާނެކަމަށް ޔާނިއު ހިތަކަށް ނާރައެވެ.

"ލިޒީ ބޭނުންވަނީ އަހަންނާއި އިންނަން.މިހާރު އެ ނޫންކަމަކަށް ޑިމާންޑެއް ނުކުރޭ، " ޔާނިއު ފުންނޭވާއަކަށްފަހު އެހެން ބުނިއިރު ނައިރާއަށް ހީވީ އޭނާގެ މޫނުމަތީ އަތްދަމާފައި ޖެހިހެންނެވެ. ލިޒީގެ އުއްމީދުތަކެއް ހުންނާނެއެވެ. ދަރިއަކު ލިބުމަށްފަހު އެކަނިވެރިވާން ލިޒީވެސް ބޭނުމެއް ނުވާނެއެވެ. ލިޒީއަށް އަޅާލާނެ ބައިވެރިއަކުވެސް ބޭނުންވާނެއެވެ. ނަމަވެސް އަމިއްލަ ފިރިމީހާ އެހެން މީހަކާއި އެކު ހިއްސާކުރުމަކީ ނައިރާ އެދޭނެކަމެއް ނޫނެވެ.

ހިންދިރުވާލަން އުދަނގޫވެފައި ނައިރާއަށް އިނދެވުނެވެ. އޭނާގެ ދެލޯ ފުރިގެން އަންނަކަން އެނގެއެވެ. ޔާނިއުގެ ސަމާލުކަން ނައިރާއަށް ހުއްޓުނުކަންވެސް އެނގެއެވެ. މަންޒަރު ފުސްވުމުން ނައިރާ އެސްފިޔަޖަހާލިއެވެ. ލޮލަށް ބަރުދާސްތު ނުވެގެން ކަރުނަތައް އޮހިގަތެވެ. ޔާނިއުގެ އިނގިލިތަކުން ނައިރާގެ ކޯތާފަތް ފޮހެލައިދިނެވެ.

"އަހަރެން ދުވަހަކުވެސް އެގޮތަށް އެއްބަހެއް ނުވާނަން. ނައިރާ، އަހަރެން ތި ނޫން އަންހެނަކުގެ ފަރާތުން އެއްވެސް އުފަލެއް ބޭނުމެއް ނޫން. އަހަރެން ބޭނުންވަނީ މިތަނުން ދާން. ލިޒީއަށް އަހަރެން ނުހޯދޭހާ ދުރަށް ދާން، އަހަރެން ފަހަރެއްގައިވެސް ލިޒީގެ ދިރިއުޅުން ހަލާކެއް ނުކުރަން. އެއީ ލިޒީ އަމިއްލައަށް ހޯދައިގެން ނިކަމެތިކަމެއް، އަހަރެން ބޭނުންވަނީ އުމުރުގެ ބާކީބައި އިތުރު މީހެއްގެ އުދަނގުލެއް ނުފޯރާހާ ދުރުގައި އުޅެން، ހަމައެކަނި ނައިރާ އާއި އެކު، " ފުރަތަމަ ފަހަރަށް ޔާނިއުގެ ދެލޮލުން އޭނާ ބުނި ކޮންމެ ލަފްޒަކަށް ހެކިދޭކަން ހާމަވިއެވެ. މަޑު ރަތްކަމެއް ޔާނިއުގެ ދެލޮލުގައި ވިއެވެ. ކަރުނަ ގިނަވިއަސް ޔާނިއު ނުރޯން ހިތްވަރުކުރާކަން އެނގެއެވެ. ނައިރާގެ މޫނުގައި ދެއަތުން ފިރުމާލިއިރު ޔާނިއުގެ ދެލޮލުން ފެނުނީ އޭނާއަށް ނިމުމެއް ނުވާ ލޯތްބެވެ. އެންމެ ފުރަތަމަ ދުވަސްފަދައިން މިއަދުވެސް އެހިތުގައި ނައިރާއަށް ދެވުނު ޤަދަރަށް އުނިކަމެއް ނާންނަކަމެވެ.

ޔާނިއުގެ ދެއަތުގައި ނައިރާ އަތް ޖައްސާލިއެވެ. މަޑުމަޑުން އޭނާގެ ތުންފަތާއި ކައިރިކޮށްލާފައި އެދެއަތުގައި ބޮސްދިނެވެ. ޔާނިއުއަށްވުރެ ބޮޑަށް އޭނާ ލޯބިވާކަން އަންގައިދިނުމުގެ ގޮތުންނެވެ. ޔާނިއުގެ ވާހަކަތައް އިންކާރުކުރުމެއްނެތި ޤަބޫލުކޮށްފިކަން ހާމަކުރަން ބޭނުންވިއެވެ.

"އަހަރެމެން މިތަނުން ދާނަން، އެއީ ޔަޤީންކަމެއް، އެކަމަކު މިކަން ނިންމާފައި، ލިޒީއަށް އަހަރެމެންގެ ދިރިއުޅުން ހަލާކުކުރުމުގެ އެއްވެސް ހައްޤެއް ނުވޭ، މިފަހަރު އަހަރެމެން ސާބިތުކޮށްދޭނީ ލިޒީގެ އަނެއްފަރާތް، ޔާނިއު، ހަޤީޤަތް އެނގުމުން ޔާނިއުއަށް މަލާމާތްކުރަން ކެރޭނެ މީހަކު ނުހުންނާނެ، އަހަރެން ބޭނުންވަނީ އަހަރެން ބުނާގޮތަށް ޔާނިއު ހެދުން، ޕްލީޒް" ޔާނިއު މަޑުމަޑުން ބޯ ހޫރާލުމުން ނައިރާ ހިފަހައްޓާލީ ޔާނިއުގެ މޫނުގައެވެ.

"ޕްލީޒް' ނައިރާ އާދޭހާއި އެކު ބުނެލިއެވެ. ކެރިގެން ކުރިމަތިލާން އާދޭސްކުރިއެވެ. ނޫނީ އަބަދުވެސް ޖެހޭނީ ލިޒީގެ ކިބައިން ސަލާމަތްނުވެވިގެން އުޅޭށެވެ.

"ކިހިނެއް ހަދާނީ؟" ޔާނިއުގެ ޚިޔާލަށް އެއްވެސް ކަމެއް ނައެވެ. "އައި ހޭވް އެން އައިޑިޔާ." ނައިރާގެ އަޑުގައިވީ ޔަޤީންކަމެވެ. ***

ފަރީލާ އާއި ޝަމާއިލް އަދި ޔާނާ އެނބުރި އައީ އިރުއޮއްސެންވެފައި ހުއްޓައެވެ. އެމީހުން އައިކަން އެނގުމާއި އެކު ޔާނިއު ކޮޓަރިން ނިކުތެވެ. ނައިރާ ނިކުންއިރު ވަފާ އާއި ޔަޝްފާން އައިސް ހުއްޓެނީއެވެ. ފަރީލާ އިނީ ސޯފާގެ އެއްކޮޅުގައެވެ. ހަމަ އެ ސޯފާގެ އަނެއްކޮޅުގައި ޝަމާއިލް އިންއިރު ޔާނާ އިނީ އެންމެ ވަކިން އިން ސޯފާގައެވެ. އެމީހުންގެ މޫނުމަތިން ފެންނަނީ މާޔޫސްކަމެވެ.

"ކިހިނެއްވީ ބައްޕާ." ޔާނިއުގެ އަޑަށް ޝަމާއިލް ބަލާލިއެވެ. ދެން މޫނު އަނބުރައިލީ ޔާނާ އާއި ދިމާލަށެވެ. ޔާނާ ރުޅިއައިސްގެން ގޮށްމުށުން ސޯފާގެ އަތްގަނޑުގައި އެއްބޮނޑި އަޅާލިއެވެ. އެއްވެސް މީހަކާއި މޫނު ހަމަކުރަން ބޭނުންނުވާކަން އެކުއްޖާގެ މޫނުމަތިން ފެނެއެވެ.

"ކާފަ އަންނާކަށް ބޭނުމެއް ނޫން. ހުރިހާ ކަމެއް ނިމި ދޫކޮށްލަން އެއްބަސްކުރެވުނީ އެތައް ގަޑިއިރެއްގެ ދިގު މަޝްވަރާތަކަށްފަހު، ހުރިހާކަމެއް ވީ ފޫނެއްފަޔަށް ފެންފުރުންކަހަލަ ކަމަކަށް، " ފަރީލާގެ ޖަވާބާއި އެކު އެމީހުންނަށް ވެގެން އުޅޭގޮތް ސާފުވިއެވެ.

"ހަމަބުއްދި ހުރިމީހަކު އެނބުރި ނާންނާނެ، ކާފަ އެގޮތަށް ނިންމީ އެހެންވެ. " ޔާނާ ދަތްކުނޑިވިކައިގެންފައި ކޮންމެ އަކުރަކަށް ވަކިން ބާރުލާފައި ބުނެލިއެވެ.

"ޔާނާ ކީވަރުން އަހަރެމެން އެތަނަށް ދިޔައީ، އެންމެ ފަހުން އަހަރެމެން ލަދުގަންނުވާލައިފި." ފަރީލާގެ އަޑު ޔާނާއަށްވުރެ ބާރުވެފައި ހަރުކަށިކަމެއްހުއްޓެވެ.

"އެގްޒެކްޓްލީ، އަހަރެން ކީވަރުން ދިޔައީ، އަހަރެން ހީކުރީ ހެދުނު ގޯސް ޤަބޫލުކުރީކަމަށް، ކާފަ އެނބުރި އައި ނަމަވެސް މިތަނުން އެއްވެސް ހިތްހަމަޖެހުމެއް ނުލިބޭނެ، ލިބުނަސް ލިބޭނީ ހިތްދަތިކަން. އަނެއްފަހަރު އަހަރެމެން ފުރާއިރަށް ގެއިން ނެރެ ބޭރުކުރާނެކަމުގެ ބިރުވެސް އޮންނާނެ، އެކަމަކު އެތަން އެގޮތަށް ސޭފްވާނެ" ޔާނާ ކޮޅަށް ތެދުވިއެވެ.

"އަހަރެން މަޢާފަށްވެސް އެދުނިން." ޝަމާއިލްގެ އަޑަށް އެންމެންގެ ސަމާލުކަން އެނބުރުނީ ޝަމާއިލްއަށެވެ. ޔާނިއު އާއި ޔަޝްފާންގެ މޫނަށް ބަލައިލިއިރު ކަންބޮޑުވެފައިހުރިކަން އެނގެއެވެ.

"ވީ ޑޯންޓް ޑިޒާރވް އިޓް، އަހަރެމެން އެންމެން ދެކެ ކާފަ ވަރަށް ނަފްރަތުކުރޭ، އެއްވެސް މީހެއްގެ މޫނު ދެކެންވެސް ބޭނުމެއް ނޫން، އަދި ބުނި މަރުވެގެން އެންގިއަސް މޫނު ބަލަންވެސް އައިސްގެން ނުވާނެޔޯ، " ޔާނާގެ އަޑު ހިނދިގެން ދިޔައެވެ. އެތަނުގައި ހާޟިރުވެ ތިބި ކޮންމެ މީހެއްގެ މޫނުމަތިން ފެނުނީ އެ އަޑު އަހައިގެން ޤަބޫލުނުކުރެވިފައި ހުރިވަރެވެ.

އެ ދަރަޖައަށް ބަސްމަގު ދާނީ ކާފަގެ ހިތުގައި ވަރަށް ބޮޑަށް ޖެހުނީމައެވެ. ދަރިން ބޮޑުކުރުމަށްފަހު މައިންބަފައިން ދަރންގެ ކިބައިން އެދޭނީ އެމީހުންގެ އަތުން ދިޔަ ޚަރަދެއް ނޫނެވެ. ބަދަލުގައި އެމީހުން އުމުރު ދޮށިވާ ދުވަހު އަޅާލުމާއި ލޯތްބެވެ. ޅަފަތުގައި އެމީހުންގެ އެތައް ވަގުތެއް ޤުރުބާންކުރީ ކެއްތެރިކަމާއި އެކުގައެވެ. އެތައް ރެއެއްގެ ނިދި މަހްރޫމްކުރީ ޝަކުވާއެއް ނެތިއެވެ. ބަދަލުގައި ބޭނުމީ އެ ޤުރުބާނީއެވެ. އެމީހުންގެ ކަންތަކުގައި އެފަދައިން ކެއްތެރިވުމެވެ.

ޝަމާއިލް އަށް އިސްނަގަން ނުކެރިފައި އިރުކޮޅަކު ހުއްޓެވެ. ދެން ފެނުނީ ކޮޓަރި އާއި ދިމާލަށް ދިޔަތަނެވެ. އެ މަންޒަރު ބަލަން ހުރެފައި ޔާނާ ދެލޯ ފޮހެލިއެވެ. އޭނާވެސް ހަލުވިކަމާއި އެކު ގޮސް ކޮޓަރިއަށް ވަނެވެ. ބަންލާފައި ދޮރު ޖެހިއިރު ހީވަނީ ފުރާޅުފުނޑުވެގެން ފައިބަފާނެހެންނެވެ. އެތަނުގައި އިތުރަށް އެއްވެސް މީހަކު މަޑު ކުރުމުގެ ޚިޔާލެއް ނެތެވެ. ނައިރާގެ އަތުގައި ހިފިހެން ހީވެ ބަލާލިއިރު ޔާނިއު އިޝާރަތްކުރީ އެތެރެއަށް ވަނުމަށެވެ.

"އަހަރެން.." ފަރީލާ އިސްއުފުލާލުމުން ފެނުނީ މުޅިތަން ފަޅުވެފައވާ ތަނެވެ. ފުރަތަމަ ފަހަރަށް އޭނާގެ ހިތަށް ބިރުވެރިކަން ވަނެވެ. ދައްކަންވާ ވާހަކައެއް ދެއްކުމަށްފަހު ދާން ހުއްދަ ދިނުމުން ނޫނީ މީގެ ކުރިން އެއްވެސް ދަރިއަކު ހުރި ފިޔަވަޅުމަތިން ގުނޑާލި ހަނދާނެއް ނުވެއެވެ. ހުރިހާ ދަރިން އޭނާއަށް ނުރުހިއްޖެކަން އެނގުމުން ވަރަށް ދެރަވިއެވެ.

އިސްމާއިލް އެގެއަށް ގެންނަން ޝަމާއިލް އެދުނެވެ. ތަންކޮޅެއް ހަދާލަން ޝަމާއިލް ޚިޔާލު ދިނެވެ. ހުރިހާކަމަކަށް ނުރުހުނީ ފަރީލާއެވެ. އޭނާގެ ޒީލަގަދަކަމުން ޝަމާއިލްއަށް އިތުރަށް ކިޔާކަށް ނުކެރުނެވެ. ފަރީލާގެ ހިތުގައިވީ އަމިއްލަ އެދުމެވެ. މުއްސަނދިކން އަތުގައި ހިފި ދުވަހު އަމިއްލަ މައިންބަފައިން މަތިންވެސް އޭނާ ހަނދާން ނެތުނެވެ. ޝަމާއިލްގެ ބައްޕަ އާއި މެދު އޭނާގެ ހިތުގައި ލޯބި އުފެދުމަކީ ވާނެކަމެއް ނޫނެވެ.

ދަރިންގެ މުސްތަޤްބަލާއި މެދު އޭނާ ވިސްނިއެވެ. ޝަމާއިލްގެ ވިޔަފާރި ފުޅާނުވާތީ ގިނަ ހުރަސްތަކެއް ހުއްޓެވެ. ޔާނާގެ ޚަރަދުތައް ފޫބެދެނީ ކިރިޔާއެވެ. ޔާނިއު ބޭރަށް ދާ ވާހަކަ ބުނި ދުވަހު އެކަން ހަމަޖައްސާނެގޮތަކާއި މެދު ފަރީލާ ވިސްނިއެވެ. ކޮންމެ ގޮތަކުންވިއަސް ބޭނުންވީ ޔާނިއު އެދޭކަމެއް ކޮށްދޭށެވެ. އެއީ އޭނާ އެންމެ ލޯބިވާ ދަރިއެވެ. ލޯނެއް ނަގައިގެން ނޫނީ ދެން އިތުރަށް ޔާނިއުއަށް ނުކިޔެވޭނެހެން ހީވުމުން ޝަމާއިލްއަށް އެ ޚިޔާލު ދިނީ ފަރީލާއެވެ.

އިސްމާއިލް ޑޮކްޓަރަށް ދައްކަން ނަމުގައި ގެނައީ އެހެންވެއވެެ. އެކޮޅުގައި ތިބި އެއްވެސް ދަރިއަކު ހުރީ ބަލާގޮތަކަށް ނޫނެވެ. އިސްމާއިލްގެ ހުރިހާ މުދަލެއް ޝަމާއިލްގެ ނަމަށް ބަދަލުކުރީ އިސްމާއިލްގެ ނުރުހުމުގައެވެ. ހެކިން ގެނައި ދުވަހު ބަޔާނުގައި ސޮއިކުރަން އިސްމާއިލް ދެކޮޅު ހެދިއެވެ. އެރޭ ޝަމާއިލް އާއި ފަރީލާ ގަދަކަމުން ސޮއިކުރުވުން އުޅުނު ރެއަކީ ޔާނިއުއަށް އެކަން އެނގުނު ރެއެވެ. ނުރުހުންވިއެވެ. އެކަމަކު އެއީ ޔާނިއުއަށް ރަނގަޅަކަށް ކުރާކަމެއްކަން ވިސްނައިދިނުމުން ފަހުން އެއްބަސްވީއެވެ. ޔާނިއު ހުރީ އެއަށްވުރެބޮަޑަށް ދާން ބޭނުންވެފައެވެ. ސަބަބު ނޭނގުނަސް ފަރީލާ ހުރިހާ ކަމެއް ކުރީ ދަރިންނަށްޓަކައެވެ.

މިއަދު އޭނާގެ ލޯ ހުޅުވުނީ ކުލަ ރީތިި ހުވަފެނެއްގެތެރޭ އުޅެވެނިކޮށްހެން ހީވެއެވެ. ޝަމާއިލްގެ ބައްޕަ ފަރީލާއަށް ބުނި ކޮންމެ ލަފްޒެއް އޭނާގެ ސިކުނޑި ކައި ހުސްކުރާ ފަދައިން އުދަނގޫކުރަމުން ދިޔައެވެ. މަގުމަތީ ނިދަންޖެހުނަސް ދެން މި ފުރާޅު ދަށަށް ނުދާނެކަމަށް ބުނުމުން ލަދުގަތެވެ. ކުރެވުނު ކުށް އިޙްޞާސްވިއެވެ. އެކަމަކު މަޢާފް އެއީ މާދުރުގައި އޮތް އެއްޗެއްކަން އެނގުމުން ވަކިން ބޮޑަށް ލަދުގަންނަގޮތްވިއެވެ.

***

ނައިރާ އައިސް ލިޒީމެންގެ ގެއަށް ވަނުމުން ލިޒީ ހުރީ ކަންބޮޑުވެފައެވެ. ނައިރާގެ މޫނުމަތިން ފެންނަނީ ހަމަޖެހިފައި ހުރިތަނެވެ. ލިޒީގެ މަންމަ އާއި ވާހަކަ ދެއްކީ ވަރަށް ގާތްކޮށެވެ. އެގާތްކަން ޒަހީރާގެ ފަރާތުންވެސް ފެނުނެވެ. ލޫތު އުރާލާފައި ލިޒީ ކައިރީ ހަވީރު ބޭރަށް ދާނަންތޯ އަހާލުމުން ލިޒީއަށް ދެކޮޅު ހަދާކަށް ނުކެރުނެވެ. އޭގެކުރިން ލޫތު ރީތިކޮށްލަން ބޭނުންވާ ވާހަކަ ބުނުމުން އެކަމަށްވެސް ނައިރާ އިސްނެގިއެވެ.

ކޮޓަރިއަށް ވަދެ އެނދުގައި ލޫތު ބޭއްވި ވަގުތު އިވުނީ ދޮރު ތަޅުލި އަޑެވެ. ނައިރާ ބަލާލިއިރު ލިޒީ ހުރީ ދޮރުގައި ލެނގިލައިގެންނެވެ.

"ކީއްކުރަން ތިއައީ؟" ލިޒީގެ ބެލުން ތަފާތުކަން ނައިރާއަށް އެނގެއެވެ. ނައިރާ އައިސްގެން އުދަނގޫވެފައިހުރިކަންވެސް އެނގެއެވެ.

"އަހަންނަކަށް ނާދެވޭނެތަ؟" ނައިރާ ހިނިތުންވިއެވެ. ލިޒީ ތުންފިއްތާލިތަން ފެނިފައި އެޖަވާބުން ނުރުހުނުކަން އެނގުނެވެ.

"އަހަރެން ހީކުރީ ނައިރާ ހުންނާނީ ރުޅި އައިސްކަމަށް، ނޫނީ..." ލިޒީ ހުއްޓާލިއެވެ.

"އަހަރެން މިއައީ ޑީލްއެއް ހަދަންވެގެން، ދެމީހުންނަށްވެސް ފައިދާ ވާނެ، " ނައިރާ ތެދުވެ ލިޒީ އާއި ކުރިމަތިލިއެވެ.

"ޑީލް؟" ދެބުމަ އުފުލާލާފައި ލިޒީ އަހައިލިއިރު އިތުރު ތަފްސީލް ބޭނުންވިކަން އެނގެއެވެ.

"އަހަރެން މިއައީ ލޫތު ބަލާ، ލިޒީ ދެކޮޅު ނުހަދާނެކަން އެނގޭ، ލިޒީ ބޭނުން މީހަކާއި އެކު ދިރިއުޅުން ކުރިއަށް ގެންދެވިދާނެ، ބޭނުން ނަމަ ހިސާން އާއިވެސް ގުޅެވިދާނެ، އަހަރެން އެމަގު ފަހިކޮށްދޭނަން، ލިޒީ ކުރަންވީ ކަމަކީ ޔާނިއުގެ މައްޗަށް ކޮށްފައި އޮތް ދައުވާ އަނބުރާ ގެންނަންވީ."

ލިޒީގެ ދެބުމަ ކައިރިކޮށްލާފައި ނައިރާ އާއި ދިމާލަށް އައެވެ.

"ވަޓް؟ ހަމަހޭގައިތަ ތިހުރީ؟ އަހަރެން މިއުޅެނީ ލޫތު ކިބައިން ސަލާމަތް ނުވެވިގެންނެއް ނޫން. މިއީ އަހަރެންގެ ފުރާނަ، އަހަރެން އެތައް މަހެއް ވަންދެން އަހަރެންގެ ބަނޑުގައި އުފުލިން، އަހަރެންގެ ހިތުގައި ލޫތުއަށްޓަކައިވާ ކުލުނު ނައިރާއަށް ނުދެއްކޭނެ، ދެވަނަ ކަމަކީ ހިސާން، އަހަރެން ދެވަނަ ފަހަރަށް ގުޅެން ބޭނުންވާ މީހެއް ނޫން އެއީ، ތިންވަނަ ކަމަކީ ޔާނިއުގެ މައްޗަށް އަހަރެން ކޮށްފައިވާ ދައުވާ، އެއީ އަހަރެން އަނބުރާ ދުވަހަކުވެސް ގެންނާނެ އެއްޗެއް ނޫން. އަޑުއިވިއްޖެ، ނައިރާ ތި ރިކުއެސްޓް އަހަރެން ޤަބޫލެއް ނުކުރާނަން.. އޭގެ ބަދަލުގައި އަހަރެމެން ދެމީހުންގެ އެކުވެރިކަން ހުއްޓާލަންޖެހުނަސް އަހަންނަށް ވަރިހަމަ." ލިޒީ ދެލޮލުގައިވީ ނުރުހުމެވެ. ބައެއް ފަހަރު ދަތްޕިލަ ޖައްސާ ބާރުކޮށްލާފައި ވާހަކަ ދައްކައެވެ. ރުޅިގަދަވެގެން ހަަލާކުވަނީކަން އެނގެއެވެ.

"އަހަރެން ލިޒީއަށް މިދިނީ ކުޑަ ފުރުޞަތެއް، މި ފުރުޞަތު ނަގާލުމުން ލިޒީއަށް ގެއްލޭނީ ހަމައެކަނި އެކުވެރިއެއް ނޫން. ލިޒީގެ މި ދަރިފުޅުވެސް ލިޒީގެ އަތުން ގެއްލިދާނެ، " ނައިރާ ގެ އަޑުގައިވީ ޔަޤީންކަމެވެ. ލިޒީ ލޫތުއަށް ބަލައިލިއެވެ. އެދިމާލަށް ހިނގައިގަންނަން އުޅުމުން އޭގެކުރިން ނައިރާ ގޮސް ލޫތު ނެގިއެވެ. -- ނުނިމޭ --

ދިގު ވާހަކަ ވާހަކަ: ލިޒީ

Popular