23 Jan 2019

ދުންފުސް

ދުންފުސް

"ހަސީނާ ކީކޭތަ ތިކިޔަނީ؟ ތި ބުނާ އެއްޗެއް ތަންކޮޅެއް ސާފުކޮށް ބުނެބަލަ!"

އެއްފަހަރު ސަކީނާގެ މޫނަށް އަނެއްފަހަރު ހަސީނާގެ މޫނަށް ބަލައިލަމުން ހައިރާންވެފައި ޝަފީގު އެހިއެވެ. ލުބާވެސް އެ ސުވާލުގެ އިންތިޒާރުގައި އެ ދެމީހުންގެ މޫނަށް ބަލަމުންދިޔައެވެ. ސަކީނާގެ ނަޒަރުގައިވަނީ އާދޭހެވެ. ކުރިންވެސް ހިމޭނުން ހުރި ފަދައިން ހިމޭންވެ ހުރުމަށް އެ ދެލޮލުން ހަސީނާއަށް އިންޒާރު ދެމުންދިޔަފަދައެވެ. އެ އާދޭސްތަކުން ހަސީނާގެ ހިތަށް އެއްވެސް އަސަރެއް ނުކުރިއެވެ. ހަގީގަތް އެ މީހުން ކުރިމަތީ އޭނާ ނިއުޅުވާލީ ކޮންމެ ގޮތެއް ވަރިހަމަ ކަމަށް ނިންމައިގެންނެވެ.

****

އެއީ މީގެ ތިން އަހަރު ކުރިއެވެ. އައިޝާގެ ޢުމުރުން އޭރުވާނީ ފަސްވަރަކަށް އަހަރެވެ. އިރުއެރިގޮތަށް އިރު އޮއްސެންދެން އެކިގޭގޭގައި މަސައްކަތް ކުރަން އުޅުމަށްފަހު ހަސީނާ ގެއަށް އައިސް ވަނީ ވަރުބަލިވެ ހުރެގެންނެވެ. އެއިރު ދުރުދުރުން މަޣްރިބް ނަމާދުގެ ބަންގީގެ އަޑު އިވި އިވި ހުއްޓެވެ. ގޭގެ އެތެރެއަށް ވަންނަން އެޅި ފުރަތަމަ ފިޔަވަޅާއެކު ހަސީނާއަށް ހުއްޓުން އެރިއެވެ.

ގޭގެ ދިމާއެނދުގައި ބެލެވޭގޮތުން ފަސްދޮޅަހަކަށް އަހަރުގެ ފިރިހެނަކު އައިޝާ އުނގަށްލައިގެން އިނެވެ. ލައިގެން އިން ހުދު، ގޮޅިޖެހި މުންޑާއި ހުދު އަތްދިގު ގަމީހާއި ބޮލުގައި އަޅާފައި އިން ހުދުކުލައިގެ ވިދުތޮރުފި ތާކިހާއިން އަޅުވެތިކަމުގެ ސިފަ އެމީހާގެ ގައިން ފައުޅުވަމުންދިޔައެވެ. އޭނާގެ ގައިން ދުވަމުންދިޔަ ހުވަނދުމަލުގެ އަތަރުގެ ވަހުން މުޅި ގޭތެރެ އެއްވަސްވެފައިވެއެވެ. އެމީހާ ފެނި ހަސީނާއަށް ހައިރާންކަން ލިބުނެވެ. އެއީ ކާސިމެވެ. މި ރަށުގެ ގަދަރުވެރި އެންމެންގެ އިޙްތިރާމް ހޯދާފައިވާ މީހެކެވެ. ދުރުވިސްނޭ ރަށުގެ ކަމުވެށިގެންވާ އޮޑިވެރިއެކެވެ. ކާސިމް ފަދަ "ޢިއްޒަތްތެރިއަކު" ހަސީނާގެ މި ކުޑަކުޑަ ހިޔާވައްސަށް އައިސް އެގޮތަށް އިނީތީ ހަސީނާއަށް ލިބުނު ހައިރާކަން، އޭނާގެ ކުރިމަތިން ފެންނަމުންދިޔަ ފެނިގެން ނުވާނެ ކަހަލަ މަންޒަރު ފަރުދާކުރިއެވެ.

"އަސްތާ! ކާސިމް ދެއްތޯ؟ ހިޔެއް ނުކުރަން އަޅުގަނޑުމެން ކަހަލަ ބަޔަކު އުޅޭ ގެއަކަށް ކާސިމް ކަހަލަ ބޭފުޅަކު ދުވަހެއްގެ ކޮޅުންވެސް ވަދެވަޑައިގަތްފާނެކަމަކަށް..!" ގެއަށްވަންނަމުން މަޑުމަޑުން ހަސީނާ ބުނެލިއެވެ.

"މިދެން އަހަރެންގެ ވެސް ގެއެއްނު.... އަހަރެމެން އުޅެބޮޑުވީ މިގޭގަ..މިއީ އަހަރެންގެ ބައްޕަގެ ގޯއްޗެއް..." ކާސިމް ހިނިތުންވެލަމުން މަޑުމައިތިރިކަމާއެކު އެހެން ބުނެލުމުން ގެއަށްވަދެ، ދުފާސުބާޑު ގެނެސް ކާސިމް ގާތުގައި ބަހައްޓަމުން ހަސީނާ ތަންކޮޅެއް ދުރުގައި ހުއްޓުނެވެ. އެއީ ރަށްފުރުގެ ދިރިއުޅުމުގެ އާދައެކެވެ. ގެއަށް އަންނަ މެހެމާނުންނަށް ޖޫސްތައްޓެއް ނޫނީ ފެންތައްޓަކުން މަރުޙަބާ ކިޔުމަށްވުރެ، ވަގުތުގެ ޚައްސާސް ކަމަށްވެސް ބެލުމެއް ނެތި ދުފާލުމުގެ ދަޢުވަތު ދިނުމެވެ.

"މިގަޑީގަ ނުދުފާނަން! ނަމާދަށް އައިސް ބަންގި ނުގޮވާތީއާވެސް އެކު މި މަންޖެ ފެނިގެން މި ވަނީ.. މި މަންޖެ އެކަނިތަ ގޭގަ ބަހައްޓަނީ؟!.. މިވަރު ކުއްޖަކު އެކަނި ގޭގަ ބައިންދާކަށް ނުވާނެއެއްނު!" އުނގުގައި އިން އައިޝާގެ ކޮލުގައި ނޭފަތް ކާތާލަމުން "ލޯތްބާއެކު" ކާސިމް ބުނެލިއެވެ.

"ފަތިސްނަމާދުކޮށްގެން މަސައްކަތް ފަށާގޮތަށް އިރު އޮއްސޭފަހުން މަސައްކަތް ނިމެނީ.... ދެން ކާކު ވަކި މި މަންޖެ ބަލާނީ؟!" ހަސީނާގެ ސުވާލާއެކު ކާސިމް ބޯޖަހާލަމުން ހިނިތުން ވެލުމަށްފަހު ދެންދަނީއޭ ބުނެ ގެއިން ނިކުންނަން ހިނގައިގަތެވެ.

އެއިގެ ފަހުން ފާއިތުވަމުންދިޔަ ކޮންމެ ދުވަހަކުހެން ކާސިމް އެގޭތެރެއިން ހަސީނާއާ ބައްދަލުވެއެވެ. އައިޝާއާ މެދު އޭނާ ބަހައްޓަމުންދިޔަ ގާތްކަން ހަސީނާ ހައިރާންކުރުވިއެވެ. ބޮސްދިނުމާއި ވަސްގަތުމުން ފެށިގެން ބެއްދުމާއި އުނގައްލައި ގިލިގިލިކޮށްޓުންފަދަ ކަންކަން ހަސީނާ ނެގީ ވަރަށް އާދައިގެ ކަމެއްގެ ގޮތުގައެވެ. އެއީ ކާފައެއްގެ ފަރާތުން ކާފަދަރިއަށް ހުންނާނެ ފަދަ ކުލުނެއް ކަމުގައި ހަސީނާ ގަބޫލުކުރިއެވެ.

މެންދުރުގެ އެންމެ އަވި ބާރުވަމުން އައި ވަގުތެވެ. އެހެން ދުވަސްދުވަހަށްވުރެ އަވަހަށް މަސައްކަތް ނިމުމުން އެދުވަހު ހަސީނާ ގެއަށް އައެވެ. އެ ގަދަ އަވީގެ ތެރޭގައި ހަމަ އާދައިގެ މަތިން ހިރަފުސް ވެލިގަނޑުގެ ތެރޭގައި ހިނިހަރަކަށް އިލޮށިތަކެއް ޖަހައިގެން ހިނިތަކަށް ވާގޮތް ބަލަން އައިޝާ އިނެވެ.

"ބާލިދީއަށް ފެންފުރާފަ ދަމުންވެސް ބުނީމެއްނު ފެންވަރައިގެން އިއްނައްޗޭ.. ބުރަކޮށް މަސައްކަތްކޮށްފަ އަދި މީނަގެ ކަންކަން ވެސް ޖެހޭ ބަލަހައްޓަން..މަވެސް މީ އިންސާނެއް... ވަރުބަލިވާނެ ދޯ މަވެސް..." ފަތިވަރު ގޮވަމުން އައިސް ކަންފަތުގައި ހިފައި އައިޝާ ކޮޅަށް ނަގަމުން ހަސީނާ ހަޅޭއްލަވައިގަތެވެ. ދެން އެދިޔަ ބާރުމިނުގައި ގޮސް ގިފިއްޔަށް ވައްދައި އައިޝާ ފެންވަރުވަން ފެށިއެވެ. ހަށިގަނޑުގެ ލޮޑުކަން، ބައެއް ފަހަރު އޭނާގެ ސިކުނޑި ހަމައިން ނައްޓުވާލައެވެ. އެކަކު އެކަނި އެފަދަ ބުރައެއް ތަހައްމަލް ކުރަންޖެހޭނަމަ ވާނީވެސް އެހެންނެވެ.

"އައްދޯއި މަންމާ... މިތަނަށް ވަރަށް ތަދުވޭ...އެ ކާފަ އަތްލަނީ މިތަނުގަ..." ދަށްބަނޑުން ތިރީގައި އަތްޖައްސާލަމުން މައުސޫމްކަމާއެކު އައިޝާ ބުނެލިއެވެ. ހަސީނާއަށް ލިބުނު ސިހުމާއެކު އަތުގައި އޮތް ދާނި ވަޅުތެރެއަށް ދޫކޮށްލެވުނެވެ. އައިޝާގެ އެ ކުޑަ ކުޑަ ޖުމްލައިން ކާސިމްގެ ނިޔަތުގެ ނުބައިކަން ހަސީނާއަށް ރޭކާލިއެވެ. ތުވާލިން އައިޝާގެ ގައި ހިއްކަމުން ހަސީނާ ކުރި ސުވާލުތަކަށް އައިޝާ ދިން ޖަވާބުތަކުންނާއި އެ ތުއްތު ކުއްޖާގެ ނާޒުކް ގުނަވަނަށް ލިބިފައިހުރި ލޮލަށް ފެންނަން ހުރި ގެއްލުންތަކުން އޭނާގެ ޝައްކު ޔަގީނަށް ބަދަލުވިއެވެ.

އިތުރަށް އެންމެ ވަގުތުކޮޅެއްވެސް މަޑުނުކޮށް އައިޝާ ގަޔަށް ހެދުމެއް ލައްވައިގެން، ހަސީނާ ގެއިން ނުކުތީ ދެ ޚިޔާލެއްގައި ހުރެއެވެ. ސީދާ ކާސިމްގެ ގެއަށް ދިޔުމުގެ ގަސްތު އޭނާގެ ހިތުގައި އޮތަސް ގޮސް ޓަކިދިނީ ސަކީނާގެ ގޭ ދޮރުގައެވެ. ކާސިމްއަކީ ސަކީނާގެ އެއްބަނޑު އެއްބަފާ ބޭބެ އަށް ވެފައި، މިފަދަ ބޮޑުކަމަކަށް ހައްލު ހޯދަދެވޭނީ ސަކީނާފަދަ މަޔަކަށް ކަމުގައި އޭނާ އަށް ހީކުރެވުނީތީއެވެ. އަދި ޝަފީގުގެ އިޙްސާންތެރިކަމުގެ އަގު ޅިޔަނު ބަދުނާމުކުރުމަކުން އަދާކުރަން ނޭދުނީތީއެވެ.

އެތެރެއަށް ވަނުމުގެ އިޒުނަ ލިބުމުން އައިޝާ އަތުގައި ހިފައިގެން ހަސީނާގޮސް އެ ގޭތެރެއަށް ވަތްއިރު، ސަކީނާ އިނީ ދަރިއަށް މެންދުރުގެ ކެއުން ދޭށެވެ. އިށީނދެ އިން ގޮނޑިއަށް އެއްފައި ނަގައިގެން އިނދެ ޖެހިގެން އިން ގޮނޑީގައި އިން ފިރިހެން ދަރިފުޅަށް ގަދަކަމުން ކާންދެވޭތޯ އޭނާ މަސައްކަތްކުރިއެވެ.

"ކީއްކުރަން މިގެއަށް ތިއައީ؟! ޝަފީގު ނޫޅެ ގެއަކު! އަހަރެން އަތަކު ނެތް ދޭނެ އެކައްޗެއްވެސް!" އެއިން ގޮތަށް އިނދެ ދަރިފުޅުގެ އަގަނއަށް ކާއެތިކޮޅެއް ލަވަމުން ހަސީނާއަށް ބަލައިލުމެއްވެސްނެތި ސަކީނާ ބުނެލިއެވެ.

"އަހަރެންގެ ދަރިފުޅު ކާސިމްގެ ކިބައިން ސަލާމަތްކޮށްދީ!" ހަސީނާ އެހެން ބުނެލުމާއެކު ސަކީނާ ހައިރާންވެފައި ހަސީނާއަށް ބަލަހައްޓައިގެން އިރުކޮޅަކު އިނެވެ. އެބެލުމުގައި ކަންބޮޑުވުމާއި ހާސްކަން އެކުލެވިފައިވާހެން ހަސީނާއަށް ހީވިއެވެ.

"ކީކޭތަ ތިކިޔަނީ.. ކާސިމްބެއަކީ ތި ހީކުރާ ކަހަލަ މީހެއް ނޫން.." އޭނާގެ މޫނުމަތިން ފާޅުވި ހައިރާންކަން ހިނދުކޮޅެއްގެ ތެރޭގައި ނެތިގެންގޮސް ފަހު ޖުމްލަ ބުނިއިރު އެމޫނުމަތިން ފާޅުވި ރުޅިވެރިކަމުން ހާމަވީ ސަކީނާ ކާސިމަށް ކުރާ އިތުބާރުގެ ބޮޑުކަމެއެވެ. ނޫނީ އެ ރުޅިވެރިކަމުގެ ތެރެއިންވެސް ހަސީނާއާ ނަޒަރު ސީދާ ނުކޮށް އޭނާ އެއިން އިނުމުން ބުނެދިން ވާހަކަ އޭނާ ތަފްސީރު ކުރާނީ ކިހިނެތްބާއޭ ހަސީނާގެ ހިތަށްއެރިއެވެ.

އެވަގުތަކީ ގޮނޑީގައި އިން އައިޝާއާ ދާދި އެއް ޢުމުރުގެ ފިރިހެން ކުއްޖާ ގޮނޑި މައްޗަށް ކޮޅަށް ތެދުވެ މޭޒުގެ މެދެއްހާ ހިސާބުގައި އިން ފެންތަށި ނެގުމަށް ހަރަކާތްކުރި ވަގުތެވެ. ކުއްލިއަކަށް މުށިގަނޑުން ގޮނޑީގެފައި ކަހާލައި ގޮނޑި އަރިއަޅައިލިއެވެ. ކުއްޖާ ވެއްޓި ޖެހުނުލެއް ބާރުކަމުން ހަސީނާއަށްވެސް އެދިމާއަށް ދިއުމަށް ކުއްލި ޙަރަކާތެއް ކުރެވުނެވެ. އެއަށްވުރެ ކުރިން ސަކީނާ ކުއްޖާ ނަގައި އުނގައްލަމުން ފްރިޖާ ދިމާއަށް އިޝާރާތްކޮށް އައިސް ކިއުބު ބޮކްސް ގެނެސް ދިނުމަށް ހަސީނާގެ ކިބައިން އެދުނެވެ. އައިސް ކިއުބް ބޮކްސް ސަކީނާ އަތަށް ދިންއިރު، އެ ކުއްޖާގެ ބޮލަށް ކަމެއްވެފައި ވޭތޯ ބެލުމުގައި ސަކީނާ އުޅުނުގޮތް ފެނުމުން ހަސީނާގެ ހިތުގައި ހަމްދަރުދީ އުފެދުނެވެ.

"ކަލެއާ ހެދި ދިމާވާ ކަންކަމޭ މި...!" ރޮއިރޮއި އޮތް ކުޑަ ކުއްޖާ މަސަލަސްކުރަމުން ކޮޅަށް ތެދުވެ އެކުއްއްޖާ ގެ ބޯ ކޮނޑުގައި ބާއްވާލަމުން ސަކީނާ ހަޅޭއްލަވައިގަތެވެ. ހީވީ ހަސީނާ އެ ކުއްޖާއަށް އަނިޔާއެއް ދީގެން ރުޅިގަދަވިހެންނެވެ.

"ވަރަށް އަސަރު ކޮށްފި ދޯ؟ އަހަރެންގެ ވެސް މިހުރީ ހަމަ ތި ޢުމުރުގެ ކުއްޖެއް! އެ ވަރު ބޮޑު ފިރިހެނެއްގެ އަނިޔާތަކުން ކިހާވޭނެއްް މި ކުއްޖާއަށް ވެސް ލިބޭނެ! އާދޭސް ކޮށްފަ ބުނަން މިކަން ހުއްޓުވާ ދީ!..އެހެން ނޫނީ..." ހަސީނާ އާދޭސް ކުރިއެވެ. ސަކީނާގެ ހިތުގައި އޭނާއާމެދު އޮންނަ ދެކޮޅުވެރިކަމާއެކުވެސް ސަކީނާގެ ފަރާތުން އެހީތެރިކަމަކަށް އޭނާ އުންމީދުކުރިއެވެ.

"އެހެން ނޫނީ.... އެހެންނޫނީ ކީއްކުރާނީ؟! ނުކުރެވޭނެ އެއްކަމެއްވެސް... ބުނަން! ތިކަން މިގޭގެ ހަތަރު ފާރުން ބޭރުވެގެން ނުވާނެ! ވެއްޖިއްޔާ އެނގެއެއްނު ވާނެގޮތް.. އަހަރެމެންގެ ގެދޮރުގަ ތިއުޅެނީ... މިރަށުމީހުން ގަބޫލެއްވެސް ނުކުރާނެ ކާސިމްބެ އާ ގުޅޭގޮތުން ދައްކާ ތިކަހަލަ ވާހަކައެއް! ކަމަކާ ނުލައި ރަށުމީހުންގެ ނަފްރަތު ލިބުން ނޫންކަމެއް ނުވާނެ!... " ސަކީނާގެ އަޑުގައި ވަނީ ހަރުކަށި ކަމާއި މަލާމާތެވެ. ގޮތް ހުސްވެފައި ބުނަންވީއެއްޗެއް ނޭނގިފައި ހަސީނާއަށް އިރުކޮޅަކު ހުރެވުނެވެ. ސަކީނާ އެދިނީ ފާޑެއްގެ އިންޒާރެކެވެ. ބައެއް ހާލަތުގައި އަންހެނެއްގެ ތަކްލީފްތަކުގެ އެންމެ ބޮޑު ދެކޮޅުވެރިއަކަށްވެސް ވަނީ ޚުދު އަންހެނެކެވެ. ސަކީނާފަދަ މީހުންނަށް އެކަން ވިސްނޭނެ ނަމަ، ދުނިޔޭގައި ކަންހިނގާ ގޯސްގޮތްތައް އިސްލާޙުކުރޭވޭނެއެވެ.

އައިޝާގެ އަތުގައި ހިފައިގެން އެގެއިން ނުކުންނަން ދިޔައިރު ހަސީނާގެ ލޮލުގައި ވިދަމުންދިޔަ ކަރުނަތައް އޭގެ އިމުން ބޭރުވިއެވެ. ހިތްފުރިބާރުވެ މެއަށް އުނދަގޫވާކަހަލަ އިހްސާސެއް ކުރެވުނެވެ. ހަސީނާއާއި ސަކީނާގެ ޒުވާބުން ކުޑަ ކުޑަ އައިޝާ އިތުރަށް ބިރުގަތުން ނޫން އެހެން ކަމެއް ނުވިއެވެ.

އެދުވަހު އިތުރަށް މަސައްކަތަށް ދިއުމުގެ ބަދަލުގަ ހަސީނާ ގޭގައި މަޑުކުރިއެވެ. އިރުއޮއްސުމުގެ ކުރިން އައިޝާ ފެންވަރުވައި ކާންދިނުމުގައި އޭނާ މަޝްޢޫލުވިއެވެ. އަމިއްލަ ޒިންމާތަކާހެދި އެކަހެރި ކުރިވިފައިވާ އެކަހަލަ ކުދި ކުދި ކަންތައްތައްވެސް އައިޝާއަށްޓަކައި އޭނާއަށް ކޮށްދެވެނީ މަދުފަހަރެއްގައެވެ.

އައިޝާއަށް ކާންދިނުމުގައި އެގޮތަށް އިންދައި އެތެރެއަށް ވަދެގެން އައީ ކާސިމެވެ. ހަސީނާ ފެނި އޭނާގެ ފިޔަވަޅަށް ހުއްޓުން އެރިއެވެ. މިގަޑީގައި ހަސީނާ ގޭތެރެއިން ފެންނާނެކަމަށް އޭނާ ހުރީ އުއްމީދުކޮށްގެންނެއް ނޫނެވެ. އެކަން ހަސީނާއަށް ހަމަ ރަނގަޅަށްވެސް އެނގުނެވެ.

"ހަސީނާ ގޭގަ އެބައުޅެންތަ؟" ލައިގެން ހުރި ހުދު މުންޑު ކޮށިކޮށްލަމުން އޭނާ އައިސް އަށީގައި އިށީނެވެ.

"ކިހިނެއްވީ؟! މާބޮޑަށް ހައިރާން ތިޔަވީ؟!..." އަތުގެ އިޝާރާތުން އައިޝާ އެތެރެއަށް ވަންނަން އެނގުމަށްފަހު އައިޝާ ގޮސް ނިވާވަންދެން ބަލަން ހުރެފައި ހަސީނާ ބުނެލިއެވެ. ހަސީނާގެ ހިތުގައި ކާސިމަށްޓަކައި ކުރިން އޮތް އިޙްތިރާމް ގެއްލި އޭނާގެ މޫނުމަތިން ފާޅުވި ނަފްރަތު ފެނި ކާސިމްގެ ބަސްހުއްޓުނެވެ.

"ބުނަން! މިހާރު މަށަށް އެނގިއްޖެ، މާ ހެޔޮ އެދިގެން ކަލޭ ވަކި ގަޑިއަކަށް މި ގެއަށް އަރައި ހިކިފަ ތި އިންނަނީ ކީއްކުރަންކަން... ލަދެއްވެސް ނުގަނޭތަ ކަލެއަށް ކާފަ ކިޔާ އުމުރުގެ ކުއްޖަކާ ދޭތެރޭ ތިހާ މުޑުދާރު އަމަލެއް ހިންގާކަށް! އޭން!!" އެއް ނޭވާއިން ހަސީނާގެ ހިތަށް އެވަގުތު އައިހާ އެއްޗެއް ގޮވާލުމަށް ފަހު އޭނާއަށް ހަމަނޭވާލެވުނު އިރު މުޅި މީހާ ތުރުތުރުއަޅައެވެ. ކާސިމް ފާޑަކަށް ގަބުވެފައި ކޮޅަށް ތެދުވި ގޮތަށް ހިރިލާން ނޭނގިފައި ހުއްޓެވެ.އެދުވަހު އިތުރު ބަހެއް ބުނުމަކާ ނުލައި ކާސިމް އެގެއިން ނުކުމެގެން ދިޔައީއެވެ.

ޖެހިގެން އައި ތިން ދުވަހުވެސް ހަސީނާ މަސައްކަތަށް ނުގޮސް ގޭގައި މަޑު ކުރިއެވެ. އެ ތިން ދުވަހުވެސް ކާސިމްގެ ހިލަމެއް ނުުވުމުން ހަސީނާ ހިތްހަމަޖައްސާލިއެވެ. ހަސީނާ ހީކުރީ ކާސިމްގެ ފަރާތުން ކުރިމަތިވި ނުރައްކާ އެހިސާބުން ނިމުނީ ކަމަށެވެ. ބޯމަތިން ނަގަމުން އައި ބޮޑު ރާޅުގެ ބިޔަކަން ހަސީނާއަށް ރޭކާވެސް ނުލައެވެ. --ނުނިމޭ--

ދިގު ވާހަކަ ވާހަކަ: ދުންފުސް

Popular