11 Feb 2019

ނުދާށެ ދޫކޮށްފައި

ނުދާށެ ދޫކޮށްފައި

By: Mariyam Yasma

* ފެބްރުއަރީ 7 ވަނަ ދުވަހުގެ ބަޔާ ގުޅޭ ...

ބަލަން އިނދެލާފައި އަހަރެން އިރުކޮޅަކުން އަތް ދުރުކޮށްލުމާއެކު ސާހިލް ލޯ ހުޅުވައިލި އެވެ. އެވަގުތު އަހަރެންގެ މެއަށް ފިނިވެގެން އައެވެ. ދާދި ކައިރިން އަހަރެންގެ މޫނަށް ހުއްޓިފައި އޮތީ އަހަރުތަކެއް ކުރިން އަހަރެން ދުށް އަޅި ދެލޮލެވެ. ސާހިލް އަނބުރާ އަހަންނާ ބައްދަލުވި ކަން ކުރިން އެނގުނަސް އެކަމުގެ އިހްސާސް އެންމެބޮޑަށް ކުރެވުނީ އެވަގުތު އެވެ.

"ވަޓް؟" އަހަރެންގެ މޫނަށް އައި ބަދަލުން، ކޮންމެވެސް ކަމެއްވެއްޖެކަން ސާހިލްއަށް ވިސްނުނެވެ. އެކަމަކު ކުޑައިރުކޮޅެއް ކުރިން ލެންސް ނަގައިގެން އައިސް އޮތްކަން ހަނދާންހުރިހެނެއް ހިއެއްނުވެ އެވެ.

"ސާހިލްގެ ލޯ...." އަމިއްލަ އިހްސާސްތައް ކޮންޓްރޯލްކުރަން މަސައްކަތް ކުރަމުން އަހަރެން ޖަވާބުދިނީމެވެ.

"ސޮރީ.. އައި ކުޑް ހޭވް ވޯން ޔޫ...." ސާހިލް މައާފަށް އެދިފައި އަނެއްކާ ވެސް ލޯމަރައިލީ އަހަންނަށް އުދަނގޫވެދާނެތީހެން ހީވި އެވެ. ނޫނީ ކުޑައިރުހެން އޭނަ އެކަމާއި ލަދުގަންނަނީ ހެއްޔެވެ؟ ކުޑައިރު މީހުން އޭނައަށް ބެލި މަލާމާތުގެ ނަޒަރުން އަހަރެން ވެސް ބަލައިފާނެކަމަށް ޖެހިލުންވަނީ ހެއްޔެވެ؟

"ސާހިލް!" އަހަންނަށް އިތުރަށް ހިމޭނަކުން ނީނދެވުނެވެ.

އެކަމަކު އޭނަ އަލުން ލޮލެއް ނުހުޅުވި އެވެ. ހޫމ އަޅުވައިލީ އެއޮތްގޮތަށް ލޯމަރައިގެން އޮވެ އެވެ. އަހަރެން ސުވާލެއް ކުރަންތޯ އެހުމުން ދެވަނަ ފަހަރު ވެސް ޖަވާބު އައީ ހަމަ އެމޭރުމުންނެވެ.

"ސާހިލް އަހަރެންގެ ކިބައިން މައާފަށް އެދެންޖެހޭ އެއްވެސް ކަމެއް ނޯންނާނެ." އަހަރެންގެ ވާހަކަ އިވިފައި ސާހިލް މިފަހަރު ލޯ ހުޅުވައިލި އެވެ. އެލޮލުން އަހަންނަށް ބަލަން އޮތީ ތަފާތު ނަޒަރަކުންނެވެ.

"ޑޯން ބީ ސޯ ޝުއަރ..." ސާހިލްގެ މޫނާއި އަޑުގައިވި ސީރިއަސްކަމަކުން އަހަރެންގެ ގައިން ހީބިހި ނަގައިގަތެވެ. ކުޑަ ހިނދުކޮޅަކަށް ނޭވާ ލާން ވެސް ޖެހިލުންވި އެވެ. ސާހިލް އެހެން އެބުނީ މާނަކޮށްފައި ހެއްޔެވެ؟

"ސަމާސަކުރަނީ ދޯ...؟" އަހަންނަށް ވާހަކަދެއްކޭވަރު ވުމުން ސުވާލުކޮށްލީމެވެ.

"ރައިޓް. ސަމާސައެއް..." ސާހިލް އެއްބަސްވެފައި ލުއި ހިނިތުންވުމެއް ވެރިކޮށްލިނަމަވެސް އޭގެ އަސަރު ލޮލާއިހަމައަކަށް ނުފޯރަ އެވެ. އެލޮލުން އަހަންނަށް ފެނުނީ ރިހުމެއްގެ އަސަރެވެ. ނޫނީ އެއީ އަހަންނަށް ހީވިގޮތެކެވެ.

"ކުރިން އަހަރެން އެހީމަ ބުނީމެއްނު ލެންސް ބޭނުންކުރީ ހަމައެކަނި އައިޑެންޓިޓީ ފޮރުވާކަށް ނޫނޭ. އައިމް ކިއުރިއަސް އެބައުޓް ދަ ރިއަލް ރީޒަން..." ވާހަކައިގެ މިސްރާބު ބަދަލުކޮށްލަންވެގެން ކުރިން އަހަން އުޅުނު ސުވާލު ކޮށްލީމެވެ. ސާހިލް އިރުކޮޅެއް ވަންދެން އެއްޗެއް ނުބުނެ އޮވެފައި ތެދުވެ އިށީނެވެ. އޭނަ ފެށީ ދުރަށް ނަޒަރު ހުއްޓާލަމުންނެވެ. ހީވީ އޭގެ ޖަވާބު ލިޔެފައި އޮތީ ދުރުގައި ހުރި ފާރުގައިހެންނެވެ.

"ކުޑައިރު ރަށުގައި އުޅުނުއިރު އެންމެން ދިމާކުރަންވެގެން އަހަރެންގެ ލޮލާ ވިއްދާ ކިޔާއުޅުނީ ކީކޭކަން ހަނދާން އެބަހުރިދޯ؟" އެސުވާލު ކުރިއިރު ސާހިލްގެ މޫނު ރަތްވިކަން ޔަޤީނެވެ.

އަހަރެން ބޯޖަހައިލުމުން އޭނަ ވާހަކަ ކުރިއަށް ގެންދިޔަ އެވެ.

"އޭރު އަހަރެން އެންމެ ހިތަށް އަރަނީ އަހަރެންގެ ލޮލުގެ ކުލަ އެހެން ކުދިންފަދައިން ކަޅުކުލައިގަ ހުންނަނަމައޭ...." ސާހިލްގެ ވާހަކަ ނުނިމެނީސް އަހަންނަށް އޭނަގެ މުލައްދަނޑީގައި ހިފައިލެވުނެވެ. ސާހިލް އަހަރެންގެ އަތަށް ބަލާލައިފައި އަނބުރައި މޫނަށް ހުއްޓައިލަމުން ވާހަކަ ކުރިއަށް ގެންދިޔައެވެ.

"އެހެންވެ އޭރު ނިންމި ނިންމުމެއް އެއީ. އެކޮޅަށް ގޮސް ފުރަތަމަ ލެންސް ޔޫސްކުރަން ފަށާފަ ބައްޕަ ބުނެގެން ލެންސް ނެގިން. އެކަމަކު ބައްޕަ ނިޔާވެގެން މިކޮޅަށް ފުރަތަމަ ބަދަލުވި ދުވަސްކޮޅު މީހުން ތަފާތު ނަޒަރަކުން ބަލާތީ އުދަނގޫވި. އޭރު ރަށުގައި ކުރެވުނު އިހްސާސް އަލުން އައިސް ވަށާލި. އައި ނޯ އިޓްސް ކްރޭޒީ. ކުޑަކުދިންތަކެއް މަލާމާތްކުރަން ކީއެއްޗެއް އެހުރިހާ އަހަރެއް ފަހުން އެއްވެސް މާނައެއްހުރި އެއްޗެއް ކަމުގައި ވެގެންނުވާނެކަން." ސާހިލް ކިޔައިދިނެވެ.

"އިޓްސް ނޮޓް ކްރޭޒީ... އަހަންނަށް ވިސްނޭ..." އަހަރެން އެހެން ބުނީ ހަމައެކަނި ސާހިލް ހިތްހަމަޖައްސައިދޭން ވެގެނެއްނޫނެވެ. ހިތުގެ އަޑިން މާނަކޮށްފަ އެވެ.

އެގޮތަށް ޅައުމުރުގައި މަލާމަތަށް ކިޔާ އެއްޗެހި އެތައް އަހަރެއް ވަންދެން އެމީހެއްގެ ބޮލުގައި ހަރުލާފައި ހުރުމަކީ މަދުން ވިއަސް ހިނގާފައި ހުރި ކަންކަމެވެ. އަހަރެން ސާހިލްއަށް ބުނެދޭން ބޭނުންވީ މީހުން ސާހިލްއަށް ފަހުން އެބެލީ މަލާމާތުގެ ނަޒަރުން ނޫންކަމެވެ. އެކަމަކު އެލޮލުގެ ތަފާތު ކަމާއި ރީތިކަމުންކަމެވެ. އެއާދަ ހުއްޓާލަން އެދެން ހިތަށްއެރި އެވެ. އެކަމަކު އެހުރިހާ އަހަރުތަކެއް ވަންދެން އޭނަގެ ކިބައިގައި ހަރުލާފައި ހުރި ކަމެއް އަހަރެން ބުނެލިއަސް އަދި ހުއްޓައިލަން ފަސޭހަ ނުވެދާނެކަން ހަނދާންވެފައި ފަސްޖެހެވުނެވެ.

އެއްޗެއް ނުބުނެ އަހަރެން އިންނަން ފެށުމުން އަހަރެން ވިސްނާ އެއްޗަކާއި ބެހޭގޮތުން ސާހިލް އެހި އެވެ. އޭގެ ޖަވާބު ނުދެވެނީސް ކޮޓަރީ ދޮރުގައި މީހަކު ބާރުބާރަށް ތަޅަން ފެށުމުން އަހަރުމެންގެ ސަމާލުކަން އެނބުރުނީ އެކަމަށެވެ. ސާހިލް އަވަހަށް ތެދުވެގެން ބާރު ބާރަށް އެދިމާއަށް ދިޔަ އެވެ.

"ކާކުގެ ހުއްދަ ހޯދައިގެން މިގެއަށް މީހުން ގެންނަން ތިފެށީ؟" ސާހިލް ދޮރު ހުޅުވާލިވަގުތު އަކީލް ބޭރުގައި ހުރެފައި ރުޅިވެރިއަޑަކުން ސުވާލުކުރި އަޑު އިވުނެވެ.

"އައި ޑޯން ނީޑް ޝިޓް ޓު ބްރިން މައި ވައިފް އޯ އެނީވަން ޓު މައި ހޯމް..."ދޮރު ލައްޕާލުމުގެ ކުރިން ސާހިލް ހަމަ އެރާގުގައި ރައްދުދިން އަޑު އައެވެ.

ދޮރު ލައްޕާލުމުން ދެން ދެއްކި އެއްވެސް ވާހަކައެއް ސާފެއްނުވި އެވެ. އެކަމަކު އޭގެ ފަހުން ވެސް ދެ ތިން މިނިޓް ވަންދެން ދެމީހުން ހޫނު ޒުވާބެއް ކުރި އެވެ. ދެން އިވުނީ އަކީލް ދުރަށް ހިނގާފައި ދާ އަޑެވެ. ސާހިލް ދޮރު ހުޅުވީ އަދި އޭގެ ސިކުންތުކޮޅެއް ފަހުންނެވެ.

"ސޮރީ އެބައުޓް ދެޓް..." ކައިރިއަށް އަންނަމުން ސާހިލް ބުނެލި އެވެ.

މަގަތުގައި އިށީނދެލައިފައި އަހަންނާއި ކުރިމަތިވާނެހެން އެނދުމައްޗަށް އެފައި އަރުވާލައިގެން އިށީނދެފައި ފުރަތަމަ އެއްޗެއް ނުބުނެ އިނީ ނޭފަތު ކުރީ ހިފާލައިގެން ލޯމަރާލައިގެންނެވެ. އަތްތިރިކޮށްލާފައި އޭނަ އިސްއުފުލައިލިއިރު އަހަންނަށް އިނދެވުނީ އެމޫނަށް ބަލަހައްޓައިގެންނެވެ. ކުރަން ކިތަންމެ ސުވާލެއް ހުއްޓަސް ފަށާނެ ގޮތެއް ނޭނގިފަ އެވެ.

"އަހަންނަށް އިނގޭ ޔަލްވީގެ ހިތުގައި ބައިވަރު ސުވާލުތައް ހުންނާނެކަން... އެކަމަކު މިރޭ އަހަރެން ބޭނުމެއް ނޫން އެވާހަކަތައް ދައްކާކަށް..." ސާހިލް ކަނާއަތް އުފުލާލައިފައި އަހަރެންގެ މޫނުގެ އެއްފަރާތުން ހިފަހައްޓާލަމުން ވާހަކަދެއްކި އެވެ. އޭނަގެ ނަޒަރު އަހަރެންގެ ތުންފަތަށް ދަތުރުކޮށްލާފައި އަނެއްކާ ލޮލަށް ހުއްޓައިލިތަން އަހަންނަށް ފެނުނެވެ.

"އޯކޭ..." އަހަރެންގެ ޖަވާބު ނިކުތީ ވައިއަޑަކަށެވެ.

މޫނުން އަތް ވަކިކޮށްލާފައި ތިރިއަށް ގެނެސް އަހަރެންގެ އުނގުމަތީ އޮތް ދެއަތްތިލަ ނަގައި ގެންގޮސް ސާހިލްގެ ދެކޮނޑުމަތީ ބާއްވައިލި އެވެ. އަހަރެން ކޮނޑުގައި ހިފަހައްޓާލުމުން އެދިގު އިނގިލިތައް އަހަރެންގެ ހަންގަނޑުގައި ލުއިލުއިކޮށް ހިންގާލައިފައި ތިރިއަށް ގެންގޮސް އުނަގަނޑާއި ހަމައިން ހިފަހައްޓާލިއިރު އަހަރެންގެ ނޭވާ އަވަސްވި އެވެ. ލޯ މެރިފައި ކުއްލިއަކަށް ހުޅުވާލެވުނީ ސާހިލް އަހަރެން ގެނެސް އެމޭގައި ޖައްސާ ބާރުކޮށްލީމެވެ. އޭރު އަހަރެމެންނަށް ތިބެވުނީ އެކަކު އަނެކަކުގެ ލޮލާލޯ ސީދާވާ ހިސާބުގަ އެވެ. ހިތް ތެޅޭލެއް ބާރުކަމުން ސާހިލްއަށް އަޑު ނީވޭނެކަމެއް ވެސް ނޭނގެ އެވެ.

"ކޮމްފޯޓެބްލް ނޫނިއްޔާ ޔަލްވީ ހަމައެކަނި ޖެހޭނީ ބުނަން. އޭރުން އަހަރެން ހުއްޓައިލާނަން."

ކަރުހިއްކައިގެންފައިވާ މީހަކު ފެންފޮދަކަށް ބަލާ އުސޫލުން އަހަރެންގެ ލޮލަށް ބަލަން އިނދެގެން ސާހިލް ވާހަކަދެއްކި އެވެ.

އަހަންނަށް ޖަވާބެއް ނުދެވުނެވެ. ބަލަން އިނދެވުނީ އެވެ. ސާހިލް އެވަގުތު މޫނު ކައިރިކޮށްލުމާއެކު ލޯމަރައިލެވުނެވެ. އެތުންފަތުގެ ބީހުމާއެކު ހަމުގައި ހީވީ ހުޅު ރޯވިހެންނެވެ. ވަގުތުން ސާހިލްގެ ކޮނޑުމަތީ ހުޅުވާލައިފައި ބާއްވައިފައި އޮތް ދެއަތްތިލަ މުށްކަވައިލެވުނެވެ. ސާހިލް އޭރު އަދި ހަރަކާތް ކުރާކަށް ނުވެސް ފަށަ އެވެ. އަހަންނަށް ވާގޮތް ބަލައިލަން މަޑުކުރީ ކަހަލަ އެވެ. އޭނަ ހީކުރިފަދަ އިޝާރަތެއް އަހަރެންގެ ފުށުން ނުފެނުމުން ތުންފަތް ހަރަކާތް ކުރަން ފެށި އެވެ. ފުރަތަމަ ލަސްލަހުންނެވެ. އިސާހިތަކު އެމީރުކަމުގެ ތެރެއަށް ހިތް ގެނބިގެން ދާން ފެށި އެވެ. ނުތަނަވަސްވެފައިވާ ހިތް މަޑުމަޑުން ހަމަޖެހުމުން އައެވެ. މުށްކެވުނު ދެއަތްތިލަ ހުޅުވި އޭގެ އަމިއްލަ އިޚުތިޔާރުގައި ގޮސް އެއިސްތަށިގަނޑު ތެރެއަށް މަހައިލެވުނެވެ. އެއް އަތުގެ ބާރަށް އަހަރެންގެ ހަށިގަނޑު ދޫކޮށްލައިފައި އަނެއް އަތްތިލަ ސާހިލް ގެންދިޔައީ އަހަރެންގެ ކަނދުރާގެ ފުރަގަހަށެވެ. ހުޅިގަނޑު މޮހާލައިފައި ކަނދުރާމަތީ ހިފާލައިގެން އޮތްއިރު ބޮނޑުވައި އިނގިލިން އަދި މަޑުމަޑުން ދެކޮޅަށް ހިންގަމުންދިޔަ އެވެ.

އެހާ ކުޑަކަމަކުން އެވަރުގެ ލައްޒަތެއް ލިބެންޏާ އަދި ކުރިއަށް އޮތީ ކިހާވަރެއްގެ މީރުކަމަކާއި އަރާމެއް ހެއްޔެވެ؟ އަހަރެންނަށް ތަހައްމަލް ކުރެވޭނެ ކަމެއް ވެސް ނޭނގެ އެވެ.

"ގޯޑް!... ޔަލްވީ ޔޫ ޓޭސްޓްސް ލައިކް ހެވެން...."ނޭވާއަކަށް ދުރުވެލާފައި ސާހިލް ވާހަކަދެއްކިއިރު އެއަޑު ހުރީ ޖަޒުބާތުން ފޯވެފަ އެވެ.

އޭނަ އެހެން ބުނީ އަހަރެންގެ ރައްދަކަށް ބަލައިގެނެއް ނޫނެވެ. ކަނދުރާމަތިން އަހަރެންގެ އިސްތަށިގަނޑުތެރެއަށް އަތް މަހާލައި ކުޑަކޮށް ވާކޮށްލާފައި މޫނު މައްޗަށް އުފުލާލުމާއެކު ނޭވާ މަޑުޖެހިލި އެވެ. ސާހިލް މަޑުޖެހުމެއްނެތި އަހަރެންގެ ކަރުން ތިރިއަށް ނޭފަތް ހިންގާލައިފައި ދެފަރާތުން އުފުލިފައިވާ ކަށިގަނޑުގައި ބޮސްދިނެވެ. އަހަރެންގެ ދެތުންފަތް ފޫދުއްވާލައިފައި ނިކުތް އާހްގެ އަދަދު އޭރު ޚުދު އަހަންނަށް ވެސް ގުނާކަށް ނޭނގެ އެވެ.

"ޔޫ ހޭވް ނޯ އައިޑިއާ ހައު މެނީ ޓައިމްސް އައި ފެންޓަސައިޒްޑް އެބައުޓް ދިސް....."ބޯ ހިއްލާލައިފައި އަހަރެންގެ ލޮލާ ލޯ ސީދާކޮށްލަމުން ސާހިލް ބަޔާންކުރި އެވެ.

އަހަރެންގެ މެއަށް ބާރުވެގެން އައިއިރު އެސްފިޔަތަކުގެ ފުރަގަހަށް ކަރުނަ ޖަމާވި އެވެ. އަހަރެންފަދަ ނުކުޅެދޭ ހާލަތުގައި އޮތް އަންހެންކުއްޖަކަށްޓަކައި، ސާހިލްފަދަ ޒުވާނަކު ހުވަފެން ދެކޭނެކަމަށް ހީކުރާނީ ވެސް ކާކު ހެއްޔެވެ؟ އަހަރުތަކެއް ވަންދެން އެކުގައި އުޅުނު ފިރިމީހާ ވެސް އަހަރެންގެ ނުކުޅެދުންތެރިކަން ފެނިފައި ވީ ފޫއްސެވެ. އާއިން އެއީ އަދި ސާހިލްއާ އެއްހަމައެއްގައި ގުނާލެވޭފަދަ މީހެއް ވެސް ނޫނެވެ.

އެވަގުތުން ލޮލުން ނީރާލި ކަރުނަތިއްކަކަށް އަހަރެންގެ އެއްވެސް ބާރެއް ނުފޯރުވުނެވެ.

"ސޮރީ..." އެސްފިޔަތައް ތިރިކޮށްލަމުން އަހަރެން ބުނެލީމެވެ.

ތުރުތުރު އަޅަން ފެށި ތުންފަތް މައިތިރިކުރަންވެގެން ދަތް އަޅައި ހިފަހައްޓަން މަސައްކަތް ކުރީމެވެ. ސާހިލް ދެއަތް ތިރިކޮށްލުމުން އަހަންނަށް ޔަޤީންވި އެވެ. ސާހިލް އެތައް ފަހަރަކު ހުވަފެނުން ދެކުނު ރީތި ވަގުތުކޮޅު އަހަރެންގެ ސަބަބުން ގެއްލިގެންދިޔައީ އެވެ. އޭނަ ހިފަހައްޓައިގެން ހުރިތަނުން ކުރެވުނު ހުސްކަމުގެ އިހްސާސުން ކުރިއަށްވުރެ ހިތަށް އަސަރު ކުރި އެވެ. އެކަމަކު ސާހިލް ދުރަކަށް ނުޖެހެ އެވެ.

"ކިހިނެތްވީ؟... އިޒް އިޓް ސަމްތިން އައި ސެޑް؟ ނޫނީ އިޒް އިޓް ޓޫ މަޗް؟...." ސާހިލްގެ އަޑުގައިވި ކުށްވެރިކަމުގެ އިހްސާސުން އަހަރެންނަށް ރުޅިއާދެވުނީ އަމިއްލަ ނަފްސްދެކެ އެވެ.

"ނޫން... ނޫން..." ޔަޤީންކޮށްދޭންވެގެން އަހަންނަށް ދެފަހަރުމަތިން ބާރު ލައިފައި އެހެން ބުނެވުނެވެ.

ސާހިލް އަހަރެންގެ ކޯތާފަތް ފުހެލަދީފައި ދަތްދޮޅީގައި ހިފާ އުފުލައިލިއިރު އެލޮލުން ފެންނަން ހުރީ އަހަރެންގެ ޖަވާބަކަށް އެދި ކުރާ އިންތިޒާރެވެ. ބުނަން ޖެހިލުން ވިއަސް ސާހިލް ޖަވާބެއް ނުހޯދައި އެހާ ފަސޭހައިން ދޫކޮށްނުލާނެކަން ޤަބޫލުކުރެވިފައި ކިޔައިދޭން ނިންމީމެވެ.

"މްމްމް..ހިއެއް ނުކުރަން އަހަރެން މިއިން ހާލަތުގައި އިން.... މީހަކު... ސާހިލްކަހަލަ ޒުވާނަކު ބޭނުންވެދާނެ ކަމަކަށް...." ޖެހިލުންވެގެން ހުއްޓަ ހުއްޓާފައި އަހަރެން ހާމަކުރީމެވެ.

އެވަގުތު ސާހިލްގެ މޫނުމަތީ މީހަކު ޖެހިއަސް އެލޮލުން ފެންނާނީ އަހަރެންގެ ވާހަކަ އަހާފައި ފެނުނުފަދަ ރިހުމެކެވެ. އޭނަ ލޯމަރާ ބާރުކޮށްލައިފައި ހުޅުވައިލީ އަމިއްލަ ނަފްސް ކޮންޓްރޯލް ކުރަންވެގެން ކަހަލަ އެވެ. އެކަމަކު މުށްކެވިފައި އޮތް އަތްތިލަ ތުރުތުރުލާތީ އަހަންނަށް ފެނުނެވެ. އަމިއްލަ ނަފްސާއިމެދު އެފަދަ ގޮތަކަށް އަހަރެން ޤަބޫލުކުރާ ސަބަބުގެ ފަހަތުގައި އާއިންގެ ރޯލެއް ނޯވެ ނުދާނެކަން އޭނައަށް ވިސްނުނީ އެވެ.

އަހަންނަށް ކުރެވުނު ކަމަކީ ހިންދިރުވައިލުމެވެ.

"އައި ސްވެއާ އިފް އައި އައި ސީ ހިމް، އަގެއިން އައި ވިލް......" ސާހިލްގެ ޖުމްލަ ނުނިމެނީސް އަހަރެން އަވަހަށް ދެއަތުން އޭނަގެ ކަނާއަތުގެ މުލައްދަނޑީގައި ހިފެހެއްޓީމެވެ.

ސާހިލް ފުރަތަމަ ބަލައިލީ އަހަރެންގެ ދެއަތަށެވެ. ދެން އަހަރެންގެ މޫނަށެވެ. އަހަރެން މަޑުމަޑުން ދެފަރާތަށް ބޯ ހޫރައިލުމުން އަސަރުން ފުރިފައިވާފަދަ ގޮތަކަށް ހިންދިރުވައިލި އެވެ.

"އަހަރެން މިހެން މިބުނަނީ އަހަރެންގެ ހިތުގައި އޭނައާ ދޭތެރޭ އިހްސާސްތަކެއް އޮވެގެނެއް ނޫން. އަހަރެންގެ ދިރިއުޅުމުގެ ބާކީބައި ސާހިލްއާއެކު އުފާވެރި ހަޔާތެއް އުޅެން ބޭނުން ވާތީ. ސާހިލް ނުވާނެ އޭނައަށް އެއްވެސް ކަމެއް ކޮށްގެނެއް..." އަހަރެން ފަރުވާތެރިކަމާއެކު ބަސްތައް އަތުރައިލީމެވެ.

ސާހިލް ބޯޖަހައިލުމުން ހިތްހަމަޖެހުމުގެ ނޭވައެއް ދޫކޮށްލެވުނެވެ.

ހިމޭނުން އެކަކު އަނެކަކަށް ބަލަހައްޓައިގެން ތިއްބާ އަނެއްކާ ވެސް ކޮޓަރި ދޮރުގައި ޓަކި ދޭން ފެށި އެވެ. މިފަހަރު އެކަމަކު ކުރިއަށްވުރެ މަޑުންނެވެ. ސާހިލް ފާޑަކަށް ލޯ ހަނިކޮށްލާފައި ދޮރާއި ދިމާއަށް ބަލައިލުމަށްފަހު ތެދުވެގެން އެދިމާއަށް ދިޔަ އެވެ. ދޮރު ހުޅުވިއިރު ދޮރުމަތީ ހުރި އަންހެންމީހާ އަހަންނަށް ފާހަގަވި އެވެ. އެއީ ސާހިލް އަހަރެން ގޮވައިގެން ސިޑިން އެރިއިރު ކޮންމެވެސް ކޮޓަރިއަކުން ނިކުމެ ނެނީއާ ވާހަކަދައްކަން ހުރި މީހާ އެވެ.

އެމީހާ ދެއްކީ ކޮންމެވެސް މީހަކަށް ބޭސްނުދެވުނު ވާހަކަ އެވެ. ނުކައި ތަށިތައް ވެސް އުކާލި ވާހަކަ ކީހެން ހީވި އެވެ. އަހަރެން ކަންފަތް ދީގެން އިން ނަމަވެސް އެމީހާގެ އަޑު ކުރިއަށްވުރެ މަޑުކޮށްލުމުން ދެން ސާފެއް ނުވި އެވެ. އަންހެންމީހާ ދިއުމުން ސާހިލް އެތެރެއަށް ވަދެގެން އައިއިރު ނިއްމަތީގައި އެއްއަތުން ހިފާ ބާރުކޮށްލައިފައި އިރުކޮޅަކުން ތިރިއަށް އެލުވައިލި އެވެ.

ސާހިލް ބުނީ އޭނަ އިރުކޮޅަކުން އެނބުރި އަންނާނެ ވާހަކަ އެވެ. އަހަރެންގެ ގޮށްޖެހުނު ނަމަވެސް އަހަރެން ސުވާލު އުފެދިފައި އިންކަން އެނގުނު ކަމަކަށް ނުހެދި އެވެ. އޭނަ ގޮސް ގެއްލޭންދެން އަހަންނަށް ބަލަން އިނދެވުނެވެ.

ފަސް މިނިޓް ދިހަ މިނިޓަށްވެ، ތިރީސް މިނިޓް ސާޅީހަށް ވީއިރު ވެސް ސާހިލްގެ ޚަބަރެއް ނުވި އެވެ. އެހެން އިންނަން ވުމުން އަހަރެން އާފުރެން ފެށި އެވެ. ނިންޖާއިގެން އެސްފިޔަތައް ބަރުވާން ފެށުމުން ޖައްސައިލަން ބޭނުންވި އެވެ. އެކަމަކު އެއިންގޮތަށް ހެދުން ބަދަލުނުކޮށް އިނދެއެއް ނޫނެވެ. އެކަމަކު ތިރީގައި ހުރި ފޮށްޓާއި ހަމައަށް ދާން ގޮނޑި ބޭނުންވާނެ އެވެ. ގޮނޑި ހުރީ އެތެރެއަށް ވެއްދިގޮތަށް ދޮރާއި ކައިރީގައެވެ. ދެކޮޅު ހޯދައިލިތަނާ އަހަރެންގެ ސަމާލުކަން ހުއްޓުނީ އެނދުގެ ފައިލާކޮޅުގައި ބަހައްޓާފައި ހުރި ލަވް ސީޓުމަތީ ފަތްޖަހާފައި ހުރި އަންނައުނު ތަކަކަށެވެ.

އެނދުގެ ފައިލާކޮޅަށް ޖެހިލާފައި އަތްދިއްކޮށްލުމުން އެއަންނައުނުތަކަށް އަތް ފޯރި އެވެ. ހޯދާލިއިރު ނަސީބަކުން ސާހިލްގެ ޓީޝާޓެއް އޮތެވެ. ދޮރާއި ދިމާއަށް ބަލައިލާފައި ޖެހިލުންވެ އިނދެގެން އަހަރެން ހެދުން ބާލައި ސާހިލްގެ ޓީޝާޓް ބޮލަށް މަހައިލީމެވެ. ތިރިން ލާނެ އެއްޗެއް ނެތަސް ޓީޝާޓްގެ ދިގު މިން އަހަރެންގެ ފަލަމަސްގަނޑުގެ މެދާކަށް ހަމައަށް ހުއްޓެވެ. ދިގު ކަމުން އެލިފައި އޮތް ދެއަތް އޮޅާލައިފައި ފަހަތަށް ޖެހިލައި ރަޖާ ގެނެސް މެއާ ހަމައިން ފޮރުވިގެން ބާލީހުގައި ބޯ އަޅައިލީމެވެ.

ހެނދުނު ހޭލެވިގެން ލޯ ހުޅުވާލައިފައި ހަޅޭތްލަވައިގަނެވުނެވެ. -- ނުނިމޭ --

Popular