20 Feb 2019

ދުންފުސް

ދުންފުސް

* ފެބްރުއަރީ 17 ވަނަ ދުވަހުގެ ބަޔާ ގުޅޭ ...

"އަމީން އަހަރެން ބަނޑު ބޮޑު!..."

އަމީން ފެންތަށި ހުސް ކޮށްލުމަށްފަހު ހަސީނާގެ އަތަށް ތަށި ދިއްކޮށްލުމާއެކު ހަސީނާ ބުނެލިއެވެ. އެއިރުވެސް އެ މޫނުމަތިން ފެންނަމުން ދިޔައީ އުންމީދީ ހިނިތުންވުމެކެވެ.

ދުވަހަކުވެސް ވެދާނެކަމަށް އުންމީދު ނުކުރާކަހަލަ ކަމެއް ވުމުން ހައިރާން ވެގެން ބަލައިލާހެން އެވަގުތު އަމީން ހަސީނާއަށް ބަލައިލިއެވެ. އެ ނަފްސަށް ވެރިވި ހިމޭންކަން ފެނި ހަސީނާގެ ހިތް ތެޅިލިއެވެ. ހަސީނާގެ އެ ޚަބަރު، އަމީންއަށް ކަމުނުދިޔުމަކީ ހަސީނާ އެދޭނެ ގޮތެއް ނޫނެވެ. އެހެންވެއްޖެ ނަމަ ވާނެގޮތްވެސް އޭނާއަށް އެނގެއެވެ.

"ހަމަ ތެދެއްތަ؟ އަހަރެން ބައްޕަ އަކަށްވަނީތަ؟"

ކުއްލިއަކަށް ހަސީނާއާ ގާތަށް ޖެހިލަމުން ހަސީނާގެ ދެއަތްތިލައިގައި ހިފާލަމުން އަމީން އެހެން ބުނިއިރު އެހުދު ދަތްޕިލައިން ނުފެންނަ އެންމެ ދަތެއްވެސް ނެތެވެ. އެއަޑުގައި ވި އުފާވެރިކަމަކީ މިއިން ދުވަހަކު ހަސީނާ ދުށް އުފާވެރިކަމެއް ނޫނެވެ. ކާވެނި ކުރީންސުރެ އަމީންގެ ބަދަލުވެފައިވާ ޠަބީޢަތާއި މިޒާޖު ކުއްލިއަކަށް ލޯތްބަށް ބަދަލުވެ ކުލުނުގެ ސިފަ ޖެހުނު ފަދައެވެ. އިންސާނެއްގެ ކުލަ އޭނާ ބޭނުންނަމަ ދެފަހަރު ދެގޮތަށް ބަދަލުކުރުމަކީ ވެސް އުނދަގޫ ކަމެއް ނޫންތާއޭ ހަސީނާގެ ހިތަށް އެވަގުތު އެރިއެވެ.

މާބަނޑުވުމާއެކު ހީވީ ހަސީނާގެ ދިރިއުޅުމަށް ބަހާރު މޫސުމް އައިހެނެވެ. ލިބެން އުޅޭ ދަރިފުޅުގެ ސަބަބުން ހަސީނާ ހީކުރިގޮތަށް އަމީން ބަދަލުވިއެވެ. ކާމިޔާބު ކަމާއެކު ކުރިއަރަމުންދާ އަމިއްލަ ވިޔަފާރިއަށްޓަކައި ހުސްކުރާ ވަގުތުތައް ފިޔަވައި މުހިއްމު ވަގުތުތައް ހަސީނާއާއެކު ހޭދަކުރަން ފެށިއެވެ. ދަރިފުޅުގެ ޙާލު ބެލުމާއި އުފަންނުވާ އެ ދަރިފުޅާ މުޢާމަލާތު ކުރުމުގައި އަމީން ވަގުތު ހޭދަކުރާ ގޮތުން ހަސީނާގެ ހިތް އުފަލުން ފުރުނެވެ. ދަރިންގެ ރަޙުމަތަކީ އެކަހަލަ އެއްޗެއްކަން ކުރިން ހަސީނާ ތަޖުރިބާ ކުރެވިފައިނެތަސް އެބުނުންތަކުގެ ތެދުކަން ހަސީނާއަށް ގަބޫލުކުރެވުނެވެ. އަމީންގެ ކޮންމެ ޢަމަލަކުން ދަރިއަކަށް އޭނާ ބޭނުންވެފައިވާ މިންވަރު އޭނާ ހާމަކޮށްދިނެވެ. ފުރަތަމަ ކޮޅު އަމީންގެ އެބަދަލު ގަބޫލުކުރަން ހަސީނާއަށް އުނދަގޫވިއެވެ.

ހަސީނާ އުފަލުން އެވާހަކަ ދެއްކީ ހައްވައާއެވެ. ހަސީނާ ދައްކަމުންދިޔަ ވާހަކަތައް އަހަން ހައްވަ އޮތް އިރު އެ މޫނުމަތިން ހައިރާންކަމެއް ނުވަތަ އުފާވެރިކަމުގެ ނިޝާނެއް ވިޔަސް ފައުޅެއްނުވިއެވެ. ހަސީނާއަށް އެކަން ފާހަގަކުރެވުނެވެ.

"މަންމަ އުފަލެއް ނުވޭތަ؟ މި ދަރިފުޅާހެދި އަމީން މުޅިން ބަދަލުވެއްޖެ!" ހަ މަހަށްދާ ބަނޑުގައި ފިރުމާލަމުން ހަސީނާ ބުނެލިއެވެ. އެވަގުތު ހައްވަގެ ނަޒަރު އެބަނޑަށް ސީދާކޮށްލުމަށްފަހު، އިރުކޮޅަކުން ހަސީނާގެ މޫނަށް ސީދާކޮށްލިއެވެ. ދުނިޔެ ހިނގާމަގު ދަސްނުވާ މައުސޫމް ކުޑަ ކުއްޖެއްގެ ގޮތުގައި އެވަގުތު ހައްވައަށް ހަސީނާ ސިފަވިއެވެ. ދުނިޔޭގެ ކެހިވެރިކަން އެނގޭނަމަ ވަގުތީ އެ ހިތްހަމަޖެހުމުގައި ކޮންމެވެސް ސަބަބެއް އޮންނާނެކަން ހަސީނާއަށް އެނގުނީހެވެ. ގިނަ މީހުންނަކީ އެހެން މީހުންނަށް ކޮންމެ ގޮތެއްވިޔަސް ހެޔޮކަމަށް ހަދައި، އެމީހުންގެ އަމިއްލަ ދުނިޔެ އާރާސްތު ކުރެވޭތޯ ބަލާ މީހުންނެވެ. އަނެކާގެ ހަލާކަށް މަގުފަހިކުރުވައިގެން ވިޔަސްވެހެވެ. ދުނިޔޭގެ ލަދާއި ޖާހު އެމަގަށް އެމީހުން ހައްލާނީއެވެ. އިބިލީހުގެ އެދުމަކީ އެއީ ނޫންހެއްޔެވެ؟

މި ހުރިހާ ޚިޔާލުތަކާއި ވިސްނުންތަކާއި އެކު ހައްވަގެ ނަޒަރު ހަސީނާގެ ފަހަތުން ފާރުގައި ހަރުކުރެވިފައިވާ ކަޅާއި ހުދުގެ ފޮޓޯޯ ލޯގަނޑަށް އަމާޒުކޮށްލެވުނެވެ. އެ ފޮޓޯގައި ހައްވަގެ އުނގުގައި އިށީނދެލައިގެން އެއިން ދެއަހަރަށްދާ ތުއްތު ފިރިހެން ކުއްޖާއަކީ އަމީންނެވެ. ހެޔޮލަފާ ކުއްޖަކަށް އެ ދަރިފުޅު ހަދަން އޭނާ ނުވަނީ ކޮން ޤުރުބާނީއެއް ހެއްޔެވެ؟ އެ ޒަމާނަކީ ތަޢުލީމަށް މާ މުހިއްމު އިސްކަމެއް ދެވުނު ޒަމާނަކަށް ނުވިޔަސް މާލޭގައި ހުރި އެންމެ ރަނގަޅު މަދަރުސާއަށް ލައިގެން އަމީންއަށް ކިޔަވާދެވޭތޯ އޭނާ ބެލިއެވެ. ޤުރުއާނުގެ ޢިލްމު އުނގަންނައިދީ މޮޅުކުއްޖަކަށް ހެދުމަށް ރަތްދަކަ އަވީގައި އެތައް މުގޯއްޔެއް އޭނާ އެޅިއެވެ. އަތްވާއި ވާރެއިން ރައްކާތެރިކުރެވިގެން އެ ތުއްތު ދެފަޔަތް ބުރަކަމެއް ނާންނާނެ ފަދަ ގޮތަކަށެވެ. ބައްޕައެއްގެ ހައިސިއްޔަތުން ހަކީމްގެ އެހީތެރިކަމެއް އެ ދަރިފުޅު އުފަންވުމާއި ބޮޑުވުމާއަހަމަށްއަސް ހައްވައަކަށް ނުލިބުނެވެ. ދަރިފުޅަށްޓަކައި އެތައްރެއެއްގެ ނިންޖާއި އަރާމުން އޭނާ މަޙުރޫމް ވިއެވެ. ދަރިފުޅަށްޓަކައި އޭނާވި މަތިވެރި ޤުރުބަނީތަކުގެ އަގު ކިތައްމެހާ ވެސް ހިއްޗެވެ.

ހައްވަގެ ބަދުނަސީބު އޭނާ އައިސް ވަށާލީ ބައްޔެއްގެ ނިޝާނެއްވެސް އެހަށިގަނޑުގައި ނެތްކަމަށް އޭނާ ބަލައިގެން އުޅެނިކޮށެވެ. ވާނުވާ ނޭނގޭ ސިއްހީ ޚިދުމަތާ ހެދި ހަކީމީ ބޭހަކީ އެންމެ މޮޅު ފަރުވާގެ ގޮތުގައި ދުށް އެ ޒަމާނުގައި ހައްވަގެ އެއްފަޅި ވާގިނެތުނީ ހަމަ ކުއްލިއަކަށެވެ. އެކަން އެކި މީހުން ސިފަކުރީ އެކި ގޮތަށެވެ. އެއްބަޔަކު އޭނާއަށް ސިހުރެއް ޖެހުނީކަމުގައި ބުންޏެވެ. ޖިންނިއެއްގެ އަވަލެވުން ކަމުގައި ބުނިމީހުންވެސް މަދެއް ނޫނެވެ. އޭނާއަށް އެނގޭހާވެސް އެއްޗަކީ ރަނގަޅު ތަރުބިއްޔަތެއް ދޭން އޭނާ މަސައްކަތްކުރި ފުރާވަރަށް އަރަމުންދިޔަ އަމީން، އެ ހާދިސާއާއެކު އޭނާދެކެ މުޅިން ފޫހިވިކަމެވެ. ހަގީގަތުގައި އޭނާ ހިނގީ އޭނާގެ ބައްޕަގެ ފިޔަވަޅު މަތިންނެވެ. ހަކީމް ހައްވަދެކެވި ފޫހި، އަމީންގެ ބޮލަށްވެސް ސަވާރުވީއެވެ. ބައްޕަ ފަދައިން އަމީންއަށްވެސް މަންމަ ހަޑިވީއެވެ. އެކުގައި ކިޔަވަން އުޅުނު ކުދިންގެއަށް ގެނައުން އޭނާ ހުއްޓާލިއެވެ. އަމިއްލައަށް ތާހިރު ނުވެވޭ ހާލަތެއްގައި އޮތް މަންމަ އެކުވެރިންނަށް ދައްކައި މަލާމާތެއްގައި ބެދެން އޭނާ ބޭނުންނުވީ ކަމަށް ވެދާނެއެވެ. އެހިސާބުން މަންމައާ އަނގައިން ބުނުމަކީވެސް އޭނާއަށް ބުރައަކަށްވިއެވެ. ހައްވަގެ ނަސީބަކީ އޭނާގެ ނަމުގައިވާ އެ ބޮޑު ގޯއްޗެވެ. ކިޔެވުމުގެ ނަމުގައި ވިޔަސް އޭނާއަށް ހޭހަން ކޮށްދިނުމަށް ތާއަބަދު ރަށްރަށުން އައިސް ގޮސްވި ކުދިންގެ އެހީތެރިކަމެވެ.

"މަންމާ!.."

ދުރު ބަލަހައްޓައިގެން ކޮންމެވެސް ވިސްނުމަކަށް ހައްވަ ގެއްލިފައި އޮތް ގޮތުން ހަސީނާގެ ހިތުގައި ބިރުވެރިކަމެއް ހިނގައިގަތެވެ. އެހިނމޭންކަމުން ހައްވަ ހިތުގައި ކޮންމެވެސް ސިއްރުތަކެއް ވަޅުލެވިފައިވާހެން ހަސީނާއަށް ހީވިއެވެ. ނޫނީ މިވީ ދުވަސްތަކުގައި ހަސީނާއަށް އަމީންގެ ފަރާތުން ލިބެމުންދިޔަ ގޯނާތަކާ ހެދި، ހައްވަގެ ހިތުން އަމީންއަށްޓަކައި އޮތް އިތުބާރު ގެއްލުވާލާފައި ވަނީ ނޫންކަމެއްވެސް ނޭނގެއެވެ. ހަސީނާގެ އަޑަށް ހައްވަ ހިނިތުންވެލިއެވެ. ގިނަދުވަސްތަކަކަށްފަހު ހަސީނާގެ މޫނު މަތިން ފެންނަ އުފާވެރިކަން އޭނާ ބުނާ ކުޑަ ކުޑަ ބަހަކުން ނިގުޅައިގަންނަން އޭނާ ބޭނުމެއް ނޫނެވެ. އަނެއްކޮޅުން ހަސީނާގެ އެ ހީވުމަކީ ހަގީގަތެއްނަމަ، ހައްވަގެ ހިތުގައި ހިނގާ ޝައްކުތަކަކީ ހަމައެކަނި ވަހުމަކަށްވެދާނެ ކަމުގައި އޭނާގެ ހިތް ބުނެދިނެވެ. އަމީންގެ މިޒާޖުގެ ނުބައިކަން ބުނެދީ ހަސީނާ އިތުރަށް ނުތަނަވަސް ކުރުމަކަށް ހައްވަ ނޭދެއެވެ. ގަދަކަމުން ހައްވަގެ ތުންފަތަށް ވެރިކުރުވި ހިނިތުންވުމުން، ހަސީނާގެ އެއުންމީދުތަކަށް ދިރުން ގެނެސް ދެވޭތޯ އޭނާ ބެލިއެވެ.

ހައްވަގެ ތުންފަތަށް ވެރިވެފައިވާ އެހިނިތުންވުން ފަނޑުވެގެން ދިޔައީ ގޭގެ މައިދޮރުން ވަދެގެން އައި އަމީން ފެނިފައެވެ. އަމީން ފެނުމާއެކު ހަސީނާގެ މޫނުމަތި ހަނދެއް ފަދައިން އަލިވެ އުޖަލާވެގެން ދިޔައެވެ. އިތުރު ހަރަކާތެއް ނުކުރެވިގެން އުޅެނިކޮށް އަމީންގެ ފަހަތުން ވަތް ޒުވާން އަންހެން ކުއްޖާ ފެނިފައި ހަސީނާއަށް ސުވާލުގެ ނަޒަރަކުން އަންހެން ކުއްޖާއަށް ބަލަން އިނދެވުނެވެ. އޭނާގެ ރީތިކަން ހަސީނާގެ ހިތުގައި ބިރެއްގެ އިންޒާރު ދިންފަދައެވެ. ހިތަށް ހާސްކަމާއި މޮޅިވެރިކަން ވެރިކުރުވިއެވެ.

"ހަސީނާ!... މިއީ އަފީފާ!... އަފީފާ އަކީ ވަރަށް މޮޅު ފޫޅު މައެއް!" ހަސީނާއަށް އަފީފާ ތަޢާރަފްކޮށް ދެމުން އަމީން ބުނެލިއެވެ. އެއިރުވެސް އެސްފިޔަ ޖަހާލުމެއްނެތި ހައްވަ ހަސީނާގެ މޫނަށް ބަލަމުން ދިޔައެވެ. އެކަން އަމީންއަށް ފާހަގަކުރެވުމުން، ހަސީނާ އާއި އަފީފާ ގޮވައިގެން އަމީން އެތެރެއަށް ހިނގައިގަތެވެ. ވިހެއުމަދެމެދު މިއޮއް ކުޑަ ދުވަސްކޮޅުގެ ތެރޭގައި ހަސީނާގެ ބަނޑު ހޭނުމާއި ތެޔޮ ދެމުންފަދަ ކަންކަން ކޮށްލަދޭން އަފީފާ އެގޭގައި އިނުމުގެ ދަޢުވަތު އަމީން ދިނެވެ.

ދުވަސްތައް އޭގެ އާދައިގެ ދުވެލީގައި ހޭދަވަމުން ދިޔައެވެ. ހަސީނާއާއި އަފީފާގެ ގުޅުން މަޑު މަޑުން ރަޙްމަތްތެރިކަމަށް ބަދަލުވަމުންދިޔައެވެ. އެއްބަނޑު އެއްބަފާގައި އެއްވެސް ކުއްޖަކުނެތް ހަސީނާ، އަފީފާ ދުށީ އެއްބަނޑު ދައްތައެއްގެ ގޮތުގައެވެ. މި ނުދަންނަ ރަށުގައި ހަސީނާއަކީ ކޮށްޓެއްގައި ބަންދުވެފައިވާ ދޫންޏެއް ކަހަލަ މީހެކެވެ. މާލެތެރެއަށް ނުކުމެލައި އުޅުމަކީ އޭނާ އެއްގޮތަކަށްވެސް ކޮށް އުޅުނުކަމެއް ނޫނެވެ. ގޭގެ މި ބަންދު ދިރިއުޅުމުގެ ތެރެއިން އަނގަތަޅާލާނެ އެކުވެރިޔަކު ލިބުނީތީ ހަސީނާ ހުރީ އުފަލުންނެވެ.

ހަވީރު ވަގުތެވެ. ނަމާދުކުރާ ކޮޓަރިއަށްވަދެ ޢަޞުރު ނަމާދު ކޮށްލައިގެން ހަސީނާ ނުތުންއިރު އަފީފާއާއި އަމީން ކާކޮޓަރިއަށް ވަންނަނީއެވެ. އަމީންއާއި އަފީފާއަކީ ގާތް ރައްޓެހިން ނޫން ކަން ހަސީނާއަށް އެނގެއެވެ. އަފީފާއަކީ ހަގީގަތުގައި އެގޭގެ ވަޒީފާއެއް އަދާކުރަން ގެނެސްފައިހުރި ޚާދިމާ އެކެވެ. ވީއިރު، ހަސީނާއަށް އަންގާލުމެއް ނެތި އަމީންއާއި އަފީފާ އެކުއެކީ ކާކޮޓަރިއަށް ވަންނަންޖެހުނީ ކީއްވެބާއޭ ހަސީނާގެ ހިތަށް އެރިއެވެ. އިރުކޮޅަކު އެދެމީހުން ވަދެގެން ދިޔަ ދޮރަށް ބަލަހައްޓައިގެން އެ ސުވާލުގެ ޖަވާބު އަމިއްލަ ސިކުނޑިއަށް ނަގައިގަނެވޭތޯ ހަސީނާ މަސައްކަތްކުރިއެވެ. އޭނާގެ މައުޞޫމް ހިތް އޭނަގެ ސިކުނޑީގެ އެ ޝައްކު ފިލުވާލަދީ އެއީ ކުށްހީއެއްގެ ގޮތުގައި ބުނެދިނުމުން އަމިއްލަ ނަފްސު ހަމައަކަށް އަޅުވާލަމުން ހަސީނާ ގޮސް ސައިކޮޓަރިއަށް ވަނެވެ. އެއިރު ސައިތައްޓެއް ހިފައިގެން ގޮސް އަފީފާ އަމީންގެ ކުރިމަތީގައި ސައިތަށި ބަހައްޓަނީއެވެ. ދެމީހުންގެ މޫނުމަތިން ފާޅުވަމުންދިޔަ ހިނިތުންވުމުން ހަސީނާ އައުމުގެ ކުރިން ކޮންމެވެސް ވާހަކައެއް އެދެމެދުގައި ދެކެވުނު ފަދަ އިޙްސާސެއް ހަސީނާއަށް ކުރެވުނެވެ.

"އަހަނ.. ނަމާދުކޮށް ނިމުނީތަ؟! އަވަހަށް އާދޭ ސައިބޯން!..." ހަސީނާ ފެނުމުން ހިނިތުންވެލަމުން އަފީފާ ބުނެލިއެވެ. ހަސީނާގޮސް އަމީންގެ ކުރިމަތީގައި އިން ގޮނޑީގައި އިށީނދެލިއެވެ.

"ހަސީނާ! އަހަރެމެން މިދައްކަނީ ވިހަން ވާއިރަށް ހަސީނާ އެހެން ގެއަކަށް ބަދަލުވާންޖެހޭ ވާހަކަ.." ހޫނު ސައިތަށިން ކޯވަރެއް ބޯލުމަށްފަހު ގުޅައެއް ނަގައި އަނގަޔަށް ލަމުން އަމީން ބުނެލިއެވެ.

" އަފީފާ އެބަބުނޭ މިގޭގަ ވަޅުކޮޓަރިއަކާ ވިހައިގެން އޮންނަން ކަމުދާ ކަހަލަ ކޮޓަރިއެއް ނެތޭ.. އެހެންވެ އަހަރެން މިވިސްނަނީ ދުވަސްކޮޅަކަށް ރައްޓެއްސެއްގެ ގެއަށް ބަދަލުވާން.. އެގެޔަކީ މީހުން ނޫޅެ ފަޅަށް ހުންނަ ގެއެއް! އަހަރެންގެ ރަހުމަތްތެރިޔާއަކީ ބޯޓު ދަތުރު ކުރާ މީހެއް! މާ އަވަހަކަށް އޭނަ ނާންނާނެ މާލެއަކަށްވެސް!.." އަފީފާއާއި އަމީންގެ ދެމެދުގައި ދެކެވެމުން ދިޔައީ އެ ވާހަކަކަން އެނގުމުން ހަސީނާއަށް ހިތްހަމަޖެހުމުގެ ނޭވާއެއް ބޭރުކޮށްލެވުނެވެ. ނޭނގި ނަމަވެސް ނުބައި ޝައްކުތަކެއް އެދެމީހުންނާއި މެދު ކުރެވުމުން ހަސީނާ ދެރަވިއެވެ. ޖަވާބުގައި އަމީންއަށް ފެންނަ ކޮންމެ ގޮތަކީ އެންމެ ރަނގަޅުގޮތް ކަމުގައި ހަސީނާ ބުނެލިއެވެ. ހަސީނާގެ އެ ޖަވާބުން އަމީންއަށާއި އަފީފާއަށްވެސް ހިތްހަމަޖެހުން ގެނެސްދިނެވެ.

ވިހަން މަސްދުވަހަށް ވީއިރު ގޭތެރެއިން ތަފާތު މަންޒަރެއް ހަސީނާއަށް ފެންނަން ފެށިއެވެ. ހަސީނާގެ ފަހަތުން އަޅައިގަނެގެން އުޅުނު އާދިލް އަފީފާއާ ގާތްވެވޭތޯ މަސައްކަތް ކުރަމުންދިޔަކަން ހަސީނާއަށް އެނގުނެވެ. އެއްގޮތަކުން ބަލާނަމަ އަފީފާއާއި އާދިލްގެ ގުޅުމަކީ އެއިގެން ހަސީނާއަށް އެއްވެސް ގެއްލުމެއް ކުރިމަތިކުރުވާނެ ގުޅުމެއް ނޫނެވެ. އަފީފާއަކީވެސް ވިއްސަކަށް އަހަރުގެ ޒުވާނެކެވެ. ބަލާބެލުމަށް އާދިލް ފަސްވަރަކަށް އަހަރު އަފީފާއަށް ވުރެ ހަގަސް ގުޅުމެއް ކާމިޔާބުވުމާ ނާކާމިޔާބު ވުމުގައި ޢުމުރަކީ މާ މުހިއްމު އެއްޗެއްވެސް ނޫނެވެ. އެދެމެދުގައި އުފެދެމުންދިޔަ ގާތްކަމާހެދި ހަސީނާގެ ބޮލަށް އުނދަގޫވީ އާދިލްއަކީ ކޮންކަހަލަ މީހެއްކަން އޭނާއަށް އެނގިފައިވާތީއެވެ. އާދިލްގެ ވާހަކަ އަމީންގެ ކައިރީ ބުނަން ހަސީނާ އެއިރުވެސް ބޭނުންވިއެވެ. ނަމަވެސް އެކަމާމެދު އަމީނުގެ ޢަމަލުތައް ބަހައްޓާނެ ގޮތެއް ނޭނގޭތީ އެކަމަށް ހަސީނާ ފަސްޖެހުނީއެވެ. އެދުވަހު އާދިލްގެ ވާހަކަ ބުނެވުނުނަމަ އަފީފާއާ ކުރިމަތިލާން އޭނާ މިގޭގައި ނުވެސް ހުރީހެވެ. ކޮންމެ ގޮތެއްވިޔަސް، އަންހެނަކާ ދޭތެރޭ އަބުއި ވިސްވުމެއް ނެތް މީހަކަށް އަންހެނަކު އުފަލުގައި ގެންގުޅެވިދާނެކަމަކަށް ހަސީނާ ނުދެކެއެވެ. އެވާހަކަ އަމީން އާ ދައްކަން ހަސީނާ ބޭނުންވިއެވެ. އަފީފާއާއި އާދިލް އާ ދެެމެދު ހެދި ފޯދެމުން ދިޔަ ލޯބި ދުވަހަކަށްވުރެ ދުވަހެއް ގައިވެ ގައިގޯޅީވަމުން ދިޔަތަން ހަސީނާ ދުއްޓެވެ. އެންމެ ފަހުން ހަސީނާ ގޮތެއް ނިންމިއެވެ. --ނުނިމޭ---

ދިގު ވާހަކަ ވާހަކަ: ދުންފުސް

Popular