21 Mar 2019

ނުވަ މަސް ފަހުން

ނުވަ މަސް ފަހުން

By: Mariyam Yasma

* މާޗް 18 ވަނަ ދުވަހުގެ ބަޔާ ގުޅޭ ...

މިފަހަރު އޭނާގެ ނަޒަރު ހުރީ ދާދި ކައިރިއަށް ހުއްޓި ކާރެއްގެ ފަހަތު ދޮރުފަތް ހުޅުވާލައިފައި ނިކުތް ޒުވާނަކަށެވެ. ވަގުތުން ނޭވާ ހިފަހައްޓައިލެވުނެވެ. ފޯނަށް ބަލަމުން އައިސް އެޒުވާނާ އިސްއުފުލައިލަން އުޅޭހެން ހީވުމާއެކު ރާމީން އަވަހަށް ފުރަގަސްދީފައި ހިނގައިގަތެވެ. ދެފަޔަށް ލެވުނުހާ ބާރެއްލައިފައި ގޮސް އޭނަ ހުއްޓުނީ އެންމެ ކައިރިން ފެނުނު ގޯޅިން ލަނބާލެވުނީމަ އެވެ. އަވަސްވެފައިވާ ހިތް ހަމައަކަށް އަޅުވަން މަސައްކަތްކުރާފަދަ ގޮތަކަށް ހިތާއި ދިމާއިން މޭގައި އަތް އަޅައިލަމުން ފުން ނޭވައެއް ދޫކޮށްލެވުނެވެ.

"އިޓްސް ޔޫ..." ފަހަތުން މީހަކު ވާހަކަދެއްކި އަޑަށް ސިހިފައި އޭނައަށް ހަޅޭއްލަވައިގަނެވިއްޖެ އެވެ.

އަވަސް އަވަހަށް އެދިމާއަށް އެނބުރުމާއެކު މެއަށް ހީވީ ފެން އެއްޗެއް އޮއްސައިލެވުނު ހެންނެވެ. އޭނަ އެވަރަކުން ފިލަން އުޅުނު ޒުވާނާ މިހިރީ އޭނަ ފެނިގެން ކާކުކަން ޔަޤީންކުރަން ފަހަތުން އައިހެވެ.

ޒުވާނާއާ ހަތަރުކަޅި ހަމަކުރުމަށްޓަކައި ރާމީންއަށް ޖެހުނީ ކުޑަކޮށް މޫނު އުފުލައިލާށެވެ. ބުމަ ކައިރިކޮށްލައިގެން ހުރުމުން އެދެބުމަ ދެމެދުން ފައުޅުވާން ހުރި ރޫތަކުގައި އިނގިލި ޖައްސާލައިފައި ފިލުވައިލަން ހިތް އެދުނެވެ. ދެއަރިމަތިން ކުޑަކޮށް ތުނިކޮށްލައި މަތިން ބޯކޮށް ބަހައްޓާފައި ހުރި އިސްތަށިކޮޅުގެ ބުޅިކޮޅުތައް އޭނަގެ އަތުގެ އިނގިލިތަކުގެ ތެރޭ މަޑުވާނެވަރު ހަނދާނަށް އައެވެ. އެއިސްތަށިގަނޑަށް އިނގިލިތައް މަހައިލާހިތުން އަތް ހަރަކާތް ކުރީ އޭގެ އަމިއްލަ އިޚުތިޔާރުގަ އެވެ. އެކަމަކު އޭނައަށް ކާމިޔާބު ވުމުގެ ކުރިން ޒުވާނާ އޭނަގެ އަތުގައި ހިފާ ހުއްޓުވައިފި އެވެ.

ރާމީންއަށް ހީވީ ހުވަފެނަކުން ހޭލެވުނު ހެންނެވެ. ގައިގައި ހުރިހާ ލެއެއް މޫނަށް ޖަމާވިކަން އިހްސާސްވި އެވެ. އަވަހަށް އަތް ދަމައިގެންފައި އޭނަ ފަހަތަށް ފިޔަވަޅެއް އަޅައިލުމަށްފަހު އެދެމެދުގައި އޮތް ދުރުމިން އިތުރުކޮށްލި އެވެ. ހަމަޖެހޭގޮތް ދައްކާލުމަށްޓަކައި ހަށިގަނޑު ތެދުކޮށްލި އެވެ.

އޭނަ އަތް ދަމައިގަތުމުން ޒުވާނާ އެއަތްތިލަ ކޮށްޕައިލީ ޖިންސްގެ ޖީބަށެވެ. ހަތަރުކަޅި ހަމަކޮށްލި ވަގުތު ރާމީންއަށް އެލޮލުން ރިހުމުގެ އަސަރު ފެނުނުހެން ހީވި އެވެ. ޔަޤީން ނުވަނީސް ދުރު ބަލާލައިފި އެވެ.

"ވީ ނީޑް ޓު ޓޯކް." ދެވަނަ ފަހަރަށް މޫނު އަނބުރާލިއިރު އެމޫނުގައި އެއްވެސް އަސަރެއް ނެތެވެ.

"އަމް... އަހަންނަކަށް ނެތް ހުރެވޭކަށް...." ރާމީން ބޭނުންވީ އަވަހަށް އެތަނުން ދާށެވެ.

"ހުރެވެން ނެތީތަ ނޫނީ ބޭނުން ނުވަނީތަ؟" ސުވާލުކުރިއިރު އަޑަށް ހަރުކަށިކަމެއް ވެރިވި އެވެ. ކޯކަށިގަނޑު ހަރަކާތް ކުރިގޮތުން އެކަނި ވެސް އޭނަ ހިތްހަމަނުޖެހުނުކަން ސާބިތުކޮށްދިނެވެ.

"އަހަރެން މާލެ އައިތާ އަދި މާގިނައިރެއް ނުވޭ. އަހަރެން މިހުރީ ވަރުބަލިވެފަ. ނިދިއައިސްފަ. އަހަރެން އާހިލްގެގެއަށް ދިޔަ ސަބަބު އެނގޭނެ އާހިލް މަންމަ ކައިރީ އަހާލާއިރަށް." އަތް އުފުލާލުމަށްފަހު އަތުކުރީ އޮތް ގަޑިއާ ކުޅެލަމުން ރާމީން ސަބަބު އޮޅުންފިލުވައިދިނެވެ.

އޭނަ ވަކިން ފާހަގަވާނެހެން ބާރުލައިފައި "އާހިލްގެ ގެ" އޭ ބުނިތަންކޮޅު އާހިލްގެ ސަމާލުކަމަށް އައެވެ. އެކަމަކު ރައްދުގައި އެއްޗެއް ނުބުނެ އެވެ. ޖަވާބުދިނުމުގެ ބަދަލުގައި އާހިލް ނެގީ ޖީބުގައި އޮތް ފޯނެވެ. އޭގެ ސްކްރީނަށް ބަލާލައިފައި ނަގައި ކަންފަތުގައި ޖެހި އެވެ. ދެން ފެނުނީ ފުރަގަސްދީފައި ހިނގައިގަތްތަނެވެ. ގޯޅި އަޅައި ގެއްލުމާއެކު ރާމީންއަށް ކުރެވުނު ކަމަކީ ފިނިވެފައި އޮތް އަތްތިލައިން ނިތުގައި ހިފާ ބާރުކޮށްލުމެވެ.

***

ރާމީން ނިކުމެގެން ދިޔަފަހުން ދޮރާއި ހަމައިގައި ގަނޑުވެފައި ހުއްޓާ އައިރީންގެ ސަމާލުކަން ހޯދީ ގޭގައި ގެންގުޅޭ މީހާ އެވެ. ޝެހެނާޒް އަންގައިގެންނޭ ބުނެފައި އޭނަ ގެންގޮސް ތިރީގައި ހުރި ކުޑަ ކޮޓަރިގަނޑަކަށް ވެއްދި އެވެ. އެތާގައި އެކަކަށް ނިދޭވަރުގެ އެނދަކާއި އަންނައުނު އަޅަން ކުޑަ ކަބަޑެއްގެ ހުއްޓެވެ. ދެން ހުރީ ރީތިވާ ސާމާނު ބަހައްޓަން ހުރި ކުޑަ މޭޒުގަނޑެކެވެ. ގެންގުޅޭ މީހާ ނިކުމެ ދޮރު ލެއްޕުމާއެކު އައިރީން ނެގީ ފޯނެވެ.

ޒަހާ ފޯނު ނުނެގުމުން މާޔޫސްވެގެން އެނދު ހުރަހަށް އޮށޯވެ ލޯމަރައިލި އެވެ. އިސާހިތަކު އެސްފިޔަތަކުގެ ފުރަގަހުގައި ފިލާ ހުރި ކަރުނަތައް ލޮލުގެ ކަނުން ފޭދިގެން ގޮސް ކަންފަތު ވޮށީގެ ތެރެއަށް އެއްވާން ފަށައިފި އެވެ.

ދައްތައަށް އޭނަ ކަންތައް ކުރި ގޮތް އެނގުމުން ހިތްހަމަ ނުޖެހޭނެކަން ކުރިން ވެސް އެނގުނެވެ. އެކަމަކު އޭނައަށް އަދަބު ދޭން މިދަރަޖައަށް ދައްތަ ވެއްޓިދާނެ ކަމަކަށް ޤަބޫލު ކުރަން ދަތިވި އެވެ. ދައްތަ ނޫނީ އޭނައަށް އަޅައިލަން ވެސް ހުރީ އިތުރު ކާކު ހެއްޔެވެ؟ މަންމަ އަކީ އެއްވެސް އިރެއްގައި އެމަޤާމު ރަނގަޅަށް އަދާކުރި މީހެއް ނޫނެވެ. އުމުރުގައި ފަސް އަހަރުގެ ކުޑަ ފަރަގެއް ހުއްޓަސް ދައްތަ އޭނަ ގެންގުޅުނީ މަންމައަކު ދަރިއަކު ގެންގުޅޭހެންނެވެ. ވީއިރު ދައްތަ ނުދިން ލޯއްބެއް، ނުބެހެއްޓި އަޅައިލުމެއް މިއާއިލާ މީހުން އޭނައާ ދޭތެރޭ ބަހައްޓާނެ ހެއްޔެވެ؟ ދައްތަ އެގޭގައި އުޅުނުހާ ދުވަހު އެމީހުން ދައްތަ ވެސް ބަލައެއްނުގަތެވެ. ގާތްގަނޑަކަށް ތިރީސް މިނިޓް ފާއިތުވެ ދިޔަފަހުން ކޮޓަރީގެ ދޮރު ހުޅުވުނު އަޑު އައެވެ. ލޯ ހުޅުވާލައިފައި އައިރީން އަވަހަށް ތެދުވިއިރު އާހިލް ވަންނަނީ އެވެ.

"އާހިލްބެ...!" އައިރީންގެ ދެތުންފަތް ފޫދުއްވާލައިފައި ނިކުތެވެ.

އަވަހަށް ލޯ ފުހެލާފައި އޭނަ ހަމަޖެހިލަން މަސައްކަތް ކުރި އެވެ.

ދެފިޔަވަޅެއްވަރު އެޅުނުއިރު އާހިލްއަށް އައިސް ހުރެވުނީ އެނދާއި ދާދި ގާތުގަ އެވެ. އައިރީންގެ މޫނަށް ބަލައިލުމުގެ ކުރިން އެކޮޓަރި ވަށައިގެން ލޯ ހިންގައިލި އެވެ. އެމޫނަށް ބަލާފައި ފެނުނު ކުލަވަރުން އައިރީންއަށް އިސްޖަހައިލަން މަޖުބޫރުވި އެވެ. އޭނަ އެގެއަށް އައިސް އުޅޭ ސަބަބު އާހިލްއަށް އެނގޭކަން އެކުލަވަރުން ދޭހަކޮށްދިނެވެ.

"ދައްތައާ ދިމާވިތަ؟" އަތުގެ އިނގިލިތަކަށް ނަޒަރު ހުއްޓާލައިގެން އިނދެ އައިރީން އެހި އެވެ. އެއަޑު ނިކުތީ ކުރެހިގެންނެވެ.

"ފެނުނު.." އާހިލް ޖަވާބުދިނެވެ.

"ދައްތަ މާލެ އެއައީ މިކަން އެނގިގެން..." އާހިލް އެއްޗެއް ނުބުނެ ގިނައިރުވާން ފެށުމުން އައިރީން ވާހަކަދެއްކި އެވެ.

އާހިލްގެ ޖަވާބަކަށް ވީ ހަމައެކަނި ބޯޖަހައިލުމެވެ. އައިރީން އަކަށް ވެސް ގިނައިރު އެމޫނަށް ބަލާކަށް ނުކެރުނެވެ. ރާމީންއާ ކައިވެނިކޮށްގެން ދެމީހުން އެކީ އުޅުނުއިރު ކިތަންމެ ގާތްކޮށް އުޅެފައި ހުއްޓަސް ދައްތަ ދިޔަ ހިސާބުން އެގުޅުން ވެސް ކެނޑުނީ އެވެ. އޭނައަށް ގެއްލުނީ ހަމައެކަނި ދައްތައެއް ނޫނެވެ. އުފަން ބޭބެއެއްހެން ގާތްކޮށް އުޅުނު ޅިޔޔަނު ވެސްމެ އެވެ. ފާއިތުވެ ދިޔަ އެއް އަހަރުތެރޭ މަދު ފަހަރެއްގެ މަތިން ނޫނީ ފެނިފައެއްނުވެ އެވެ. ދައްތަ ކަންތައް ކުރި ގޮތަށްފަހު އޭނަ ހުރީ ވެސް އާހިލްއާ ކުރިމަތިލާން ބޭނުން ނުވެފަ އެވެ. މަގެއްގެ މަތިން ފެނުނަސް އޭނަ ބެލީ އާހިލްއަށް ނުފެނި އެތަނަކުން ދެވޭތޯ އެވެ.

"އައިމް ސޮރީ..." ދައްކާނެ ވާހަކައެއް ނޭގިފައި އިން މީހަކު ފަދައިން އިރުކޮޅަކު ހުރެލާފައި ތަންކޮޅަކަށް ގޮސް ދޮރާއި ހަމައިން ހުއްޓެމުން އާހިލް ބުނެލި އެވެ.

އައިރީން ސުވާލު އުފެދިފައި ބަލަން އިންދާ އެނބުރި ބަލައިލި އެވެ.

"ސޮރީ އައި ވޯޒް ނޮޓް ދެއާ ފޯ ޔޫ. އެހެން ނޫންނަމަ އަހަންނަށް ރީން ޕްރޮޓެކްޓް ކޮށްދެވުނީސްކަމަށް ޤަބޫލު ކުރަނީ. ރާމީއާ ކައިވެނި ކުރި ދުވަހު ރީންގެ ބޭބެއެއްގެ ގޮތުގައި ބަލަން ބުނީ ނަމެއްގައެއް ނޫން. އައި މެންޓް އިޓް. އއެހެންނޫނަސް ޓެކްނިކަލީ އަހަރެންމީ އަދިވެސް ރީންގެ ޅިޔަނު. މިކޮޅުގައި ރީން އެކަނި އުޅުނުއިރު ރީންއަށް ނުބެލުނީ އަހަރެންގެ ވެސް ފަރުވާކުޑަކަމުން.." އާހިލް ގެ ވާހަކަ ނިމުނުއިރު އައިރީން އިނީ ތެދުވެ ކޮޅަށެވެ.

"މީގަ އެހެން މީހަކު ކުށްވެރިކުރާކަށް އަހަރެން ނެތިން. ކުށްވެރިއަކީ އަހަރެން. ދައްތަ އެވަރަށް ނަޞޭހަތްދީފަ ހުއްޓަވެސް އެކަން ޤަބޫލުނުކޮށް އައިދަންއަށް ފުރުސަތު ދިނީ އަހަރެން... ތެދަށް ބުނަންޏާ އަހަރެން ހީކުރީ އަހަންނަށް އޭނަ ބަދަލު ކުރެވިދާނެ ކަމަށް.." އައިރީންގެ ފަހު ޖުމްލައިގައި މާޔޫސްކަން ވި އެވެ.

އާހިލްއަށް އިތުރަށް ދުރަކު ނުހުރެވުނެވެ. ކައިރިވެލާފައި އައިރީންގެ ކޮނޑުގައި ހިފައިލީ ހިތްވަރު ދިނުމުގެ ގޮތުންނެވެ. ނޭފަތް ދަމާލައިފައި ވެސް އައިރީން ހިތްވަރު ކުރީ އާހިލް ކުރިމަތީ ނުރޮއިވޭތޯ އެވެ. ކަމެއް ބޭނުންވެއްޖެނަމަ ފަސްނުޖެހި ގުޅަން ވާނެއޭ ބުނުމުން އޭނަ މަޑުމަޑުން ބޯޖަހައިލި އެވެ.

އައިދަން ގެއަށް އައީ އެރޭ ނުވައެއް ޖަހަން ކައިރިވެފައި ހުއްޓަ އެވެ. އެވެސް އާހިލް ދެފަހަރަކު ގުޅައިގެން އަންނަން އެންގީމަ އެވެ. އެގޮތަށް އަންނަން އަދި އެދުނަސް ގޭގައި ސީރިއަސް ކަންތައްގަނޑެއް ހިނގައިގެން އުޅޭކަމެއް އައިދަންއަކަށް ރޭކައެއްނުލަ އެވެ. ގެއަށް ވަދެގެން ދަނިކޮށް ގެންގުޅޭ މީހާ އޭނަ ހުއްޓުވާފައި ބުނީ ބައްޕަގެ ކޮޓަރިއަށް ދިއުމަށެވެ. އައިދަން ގޮސް ވަންއިރު ބައްޕަ ހުރީ ދެކޮޅަށް ހިނގާލަ ހިނގާލަ އެވެ. އާހިލް އާއި މަންމަ އިނީ ކޮޓަރީގެ އެއްކޮޅުގައި ހުރި ސޯފާތަކުގަ އެވެ.

އެތެރެއަށް ވަންނަން އައިދަން ފަސްޖެހުނެވެ. ކަނދުރާމަތީ ހިފާލައިފައި ނުވަދެ ވާނެ ބަހަނާއަކާއި ދޭތެރޭ ވިސްނައިލި އެވެ. އެކަމަކު ބޭނުން ހިފުމުގެ ކުރިން ބައްޕަ ގޮވައިފި އެވެ.

އެތެރެއަށް ވަދެގެން ދަމުން އާހިލް ބަލައިލި ވަގުތު ކިހިނެތްވީހޭ އަހައިލާފަދަ ގޮތަކަށް ނިތް އަރުވައިލި އެވެ. އެވަގުތު އާހިލް މޫނު އަނބުރައިލީ އަނެއް ފަރާތަށެވެ. އާހިލްގެ މިހަރަކާތުން އައިދަންއަށް ބުމަ ކައިރިކޮށްލެވުނެވެ.

"އޯކޭ ހައު ބޭޑް އިޒް އިޓް؟" ކައިރިއަށް ގޮސް މަންމައާ ކުރިމަތިލައިގެން އިށީނދެފައި އައިދަން އެހި އެވެ.

އޭނަ ބެލީ ތަންކޮޅެއް ސީރިއަސްކަން ކުޑަގޮތަކަށް މައްސަލައިގެ ހަޤީޤަތް ހޯދާށެވެ. އަބްދުލް ހަންނާނު ރުޅިއައިސްގެން ކަޅި އަޅައިލިތަން ދެކެފައި ޝެހެނާޒް އަވަހަށް ދަރިފުޅު ދިފާޢުކުރަން އެދޭތެރެއަށް ވަނެވެ.

"ދަރިފުޅު ދަންނަންތަ ރާމީންގެ ކޮއްކޮ؟" މަންމަގެ ސުވާލު އަހާފައި އާހިލްއަށް އަނގައަށް ގޮތެއް ހަދދައިލެވުނެވެ.

އައިދަން ސީރިއަސްވިތަން ދެކެފައި ޝެހެނާޒް ތެދުވެގެން އައިސް އައިދަންގެ ކައިރީގައި އިށީނދެ އެއަތުގައި ހިފައިލި އެވެ.

"ރީން އިނީ އައިދަންގެ ދަރިއަކަށް ބަލިވެ." އައިދަންއަށް ޖަވާބު ދިނުމުގެ ފުރުސަތެއް ނުދީ އާހިލް ހާމަކުރި އެވެ.

އައިދަންގެ ނަޒަރު އާހިލްއަށް ދަތުރުކޮށްލި އެވެ. އައިދަން އެވަގުތު ކުއްލިއަކަށް ލޯ ބޮޑުކޮށްލި ގޮތާއި އެމޫނުން ފެނުނު ކުށްވެރިކަން އާހިލްއަށް ރަނގަޅަށް ފެނުނެވެ. ޝެހެނާޒް އެވަރުން އަދި ދުލެއް ނުކުރެ އެވެ. އައިދަންގެ މޫނުގެ ދެފަރާތުން ހިފާލައިގެން ހުރެ އެމޫނަށް ބަލަމުން އެދުނީ އައިދަންގެ ދުލުން ހަޤީޤަތް ކިޔައިދިނުމަށެވެ. އެހެން މީހަކު ދައްކާ ވާހަކައެއް އެހުމުގެ ކުރިން ޝެހެނާޒް ޤަބޫލު ކުރާނީ ދަރިފުޅުގެ ބަސް ކަމުގަ އެވެ.

"މިހާރު މިއުޅޭ އަންހެންކުދިން ތިބޭނީ ފައިސާވެރި ފިރިހެނަކު ފެންނައިރަށް ދެކަޅި އަރާފަ. ކޮންމެވެސސް ގޮތަކުން އެމީހަކާއި ކްލިންގް ވާނެ ބަހަނާއެއް ނުފެނިފަ. ނޭނގެ އޭނަގެ ބަނޑުގައި އޮތީ ކާކުގެ މުޑުދާރު ލެއެއްކަމެއް. އޭނަ ދައްތައަށް ނާކާމިޔާބު ވީމަ ދަރިފުޅު ބޮލުގައި އިލްޒާމު އަޅުވައިގެން އަނެއްކާ ވެސް މިއާއިލާއަށް ވެރިވެގަންނަން ކުރާ މަސައްކަތަކަށް ވެސް ވެދާނެ..." ޝެހެނާޒް ގެ ވާހަކަ އެހިސާބަށް ދިޔައިރު އާހިލް ތެދުވެ ހުރީ ކޮޅަށެވެ.

"މިކަމުގެ ތެރެއަށް ރާމީ ނުވައްދާ ހުރެފާނަންތަ؟...!!" އާހިލްއަށް ކެތްނުވެގެން ތަންކޮޅެއް ބާރަށް ބުނެލި އެވެ.

އޭރު އައިދަން ކަންބޮޑުވެގެން ދައްކާނެ ވާހަކައެއް ނޭނގިފައި ދެފަހަރު ދެމީހުންނަށް ބަލަބަލާ އިނެވެ. ޝެހެނާޒް ލޯ ހަނިކޮށްލާފައި އާހިލްއާ ކުރިމަތިލިއިރު އާހިލް ތަކުރާރުކޮށް އަތް މުށްކަވާލައިފައި ހުޅުވާލަނީ އެވެ.

"އެންމެން ހުއްޓާލާ!" އަބްދުލް ހަންނާނުގެ ބަރު އަޑުން އެންމެންގެ ސަމާލުކަން ލިބުނެވެ.

އަބްދުލް ހަންނާނު އެތާ ހުރިކަން ވެސް އެމީހުން ހަނދާންވީ އެހެން ބުނީމަ އެވެ. އާހިލް ކަންބޮޑުވެގެން މަންމައާ ބައްޕަގެ މެދުން ނަޒަރު ބަދަލުކޮށްލާފައި ކުރިން އިންތާގައި އިށީނެވެ. ޝެހެނާޒް ގޮސް ހުއްޓުނީ ފިރިމީހާގެ ގާތުގަ އއެވެ. އެކަމަކު އޭނަ ވާހަކަދައްކަން އުޅުމުން އަބްދުލް ހަންނާނު އަތް ހިއްލާލައިފައި އެކަން މަނާކުރި އެވެ. ޝެހެނާޒް ހިންދިރުވާލައިފި ހިޔާރު ކުރީ ހިމޭންކަމެވެ.

ބައްޕަގެ ފިޔަވަޅުތައް އޭނައާ ގާތަށް އަންނަ އަޑު އިވުމުން އައިދަންއަށް ނޭވާ ހިފަހައްޓައިލެވުނެވެ.. އިސްޖަހައިގެން އިންދާ އޭނައަށް ފުރަތަމަ ފެނުނީ ކުރިމައްޗަށް އައިސް ހުއްޓުނު ބައްޕަގެ ދެފަ އެވެ.

"ވެނިމިފައި އޮތް ކަމެއް ވާހަކަދައްކައިގެން މައްސަލަ ބޮޑުކުރުމުގެ ބަދަލުގައި ހައްލެއް ހޯދަން މަސައްކަތް ކުރަންވީ. އަހަރުމެން ނަކަށް ނެތް އެއަންހެންކުއްޖާއާ އޭނަގެ ބަނޑުގައި އޮތް ދަރިފުޅުގެ ޒިންމާ ނުނަގައި އަތް އުރާލެވޭކަށް. އެހެން ކަންތައްކޮށްފިނަމަ ދެން ކުރިމަތިލާން އޮތް ރިސްކް މާބޮޑު. އެހެންވީމަ މިއަދުން ފެށިގެން އޭނަ ވިހާ ގަދަވަންދެން އުޅޭނީ މިގޭގައި. އޭނަގެ ހުރިހާ ޒިންމާއެއް އަދާކުރާނީ އައިދަންއާ އައިދަންގެ އާއިލާ." އެކި މީހުންގެ މޫނަށް ވަކި ވަކިން ބަލަމުން އަބްދުލްހަންނާނުގެ ނިންމުން އެންމެނަށް އިއްވި އެވެ.

އިސްއުފުލާލިއިރު އައިދަން ފާހަގަ ކުރަން ބޭނުންވި ވާހަކަ އޮތީ ހިތުތެރޭގަ އެވެ. ދުލާއި ހަމައަށް ގެންނާކަށް ހިތްވަރެއް ނުލިބުނެވެ.

"އަދި އޭނައަކީ ކާކުކަމާއި އޭނަ މިގޭގައި ހުންނަނީ ކީއްވެކަން އޮންނަންވާނީ ހަމައެކަނި މިގޭ މިހަތަރުފާރު އެތެރޭގައި." ދޮރާއި ދިމާއަށް ދާން އެއްފިޔަވަޅު އަޅާފައި ހުއްޓި ބައްޕަ އިތުރަށް ބުނެލި އެވެ.

އައިދަންއަށް ދޫކޮށްލެވުނީ ފުން ނޭވައެކެވެ.

އެރޭ ނިދުމުގެ ކުރިން އައިރީން ބަދަލު ކުރީ އެގޭގެ މަތީބުރީގައި ހުރި އެހެން ކޮޓަރިއަކަށެވެ. ޝެހެނާޒް އައިސް ވަކިން ބައްދަލުކޮށްފައި ބުނީ އެއްވެސް އެއްޗެއް ކާން ބޯން ބޭރަށް ދާން ނުޖެހޭނެ ވާހަކަ އެވެ. ކޮންމެ ކެއުމުގެ ވަގުތެއްގައި ކާ އެއްޗެހި ހިފައިގެން ނޯކަރުން އަންނާނެ ވާހަކަ އެވެ. އިތުރު އެހެން ގަޑިއެއްގައި ކާން ބޭނުންވެއްޖެނަމަ ބަދިގޭގައި ހުންނަ ފޯނަށް ގުޅައިގެން އެދުމުން ނޯކަރުން ކާން ބޭނުންވާ އެއްޗެއް ކޮޓަރިއަށް ގެނެސްދޭނެ ކަމުގަ އެވެ. ބޭރަށް އައިސް ގޮސްވާއިރު ގޭގެ މީހެއްގެ ހުއްދަ ހޯދަން އެންގި އެވެ. އަދި އެއީ މާ އާންމުކަމެއްގެ ގޮތުގައި ނުހަދަން ލަފާދިނެވެ. ޝެހެނާޒްގެ ވާހަކަތަކުން ދޭހަ ވީ ގޭތެރެއިން އޭނަ ފެންނަން އެމީހުން އެއްގޮތަކަށް ވެސް ބޭނުން ނުވާކަމެވެ. އަދި ކެއުން ގެނެސްދޭން ހަމަޖެއްސި ހަމަޖެއްސުމަކީ ވެސް ކޮންމެހެން އޭނައާ ތުއްތު ދަރިފުޅުގެ ސިއްހަތަށް ވިސްނާފައި ނިންމި ނިންމުމެއް ނޫންކަމުގައި ހިތް ބުނެލި އެވެ. ހީވީ ކޮންމެވެސް މީހަކަށް ނޫނީ ބަޔަކަށް އޭނަ ފޮރުވަން މަސައްކަތް ކުރާހެންނެވެ.

ނިދަން އޮތްއިރު އައިދަންއާ ދޭތެރޭ އޭނައަށް ހިޔާލު ކުރެވުނެވެ. އައިދަންއަށް މިހާރު އޭނައާ ބެހޭގޮތތުން އެނގޭ ކަމާއިމެދު ސުވާލު އުފެދުނެވެ.

ލޮލަށް ނިދި ނައިސްގެން ފުރޮޅި ފުރޮޅިފައި ތެދުވެ ގަޑި ބެލިއިރު ބާރަ ޖަހައިބޮޑުވެއްޖެ އެވެ. ޒަހާއަށް ގުޅަން ވެސް ހިތަށްއެރި އެވެ. ދެފިކުރެއްގައި އިނދެފައި ފޯނު ބޭއްވީ ބަންޑުން ބާލީސް ކައިރީގަ އެވެ. ބަނޑުހައިކަން އިހްސާސް ވެގެން ފެން ތައްޓެއް ދަމާލުމުން ހިތެއް ނުފުރުނެވެ. ކޮޓަރިން ނިކުންނަން ދިއުމާއިމެދު ހިޔާލު ކޮށްލައިފައި ފަސްޖެހެވުނެވެ. ޝެހެނާޒް ހަރުކަށިކޮށް ބޭރަށް ނުދާން ލަފާދީފައި އޮތަސް ދަންވަރުގެ އެގަޑީގައި ނޯކަރުން ވެސް ހޭލައި ނޫޅޭނެކަން ޤަބޫލު ކުރެވުނެވެ.

ސިއްރު ސިއްރުން ދޮރު ހުޅުވާލައިފައި ނިކުމެ ބޭރަށް ބޯދިއްކޮށްލިއިރު ގޯޅިތެރެ ފެނުނީ އަނދިރިކޮށެވެ. އައިރީން އިރުކޮޅެއް ވަންދެން މީހެއްގެ ހިލަމެއް ވޭތޯ މަޑުކުރި އެވެ. ދެން ދެކޮޅު ބަލާލައިފައި ވަގެއްހެން އިނގިލިތަކުގެ ކުރި ޖައްސައިގެން ގޮސް ގޯޅިން ނިކުމެ ސިޑިއާ ދިމާއަށް ދާން ފެށި އެވެ. ސިޑިއާ އަރާ ހަމަވީތަނާ ބޯމަތީ ހުރި ފަނޑު ބޮއްކޮއެއް އޭގެ އަމިއްލަ ޒާތުގައި ދިއްލުނެވެ. އައިރީން ސިހިފައި ފުރަތަމަ ހުއްޓެވުނީ އެވެ.

ދެވަނަ ފަހަރަށް ހިނގައިގެންފައި ގޮސް ހުއްޓުނީ ބަދިގެއަށް ވަދެވުނީމަ އެވެ. ފްރިޖް ތެރެއިން ފެނުނު ޖޫސް ޕެކެޓަކަށް ހޮޅިއެއް ޖަހައި އެތިފޮދެއް ދަމާލައިފައި އެއްއަތުން ހިފަހައްޓައިލި އެވެ. އަނެއް އަތަށް ނެގީ އާފަލެކެވެ. މީހަކު ނާންނަނީސް އަވަހަށް ބޮކި ނިވާލައިފައި ގޮސް މައްޗަށް އެރި އެވެ. ގޯޅިގަނޑަށް ވަދެގެން ތަންކޮޅަކަށް ދެވުނުތަނާ ކޮންމެވެސް މީހެއްގެ ގައިގައި ލައިގެންފި އެވެ. އަތުތެރޭ އޮތް އާފަލު ވެސް ދޫވެގެން އެނބުރެމުން ދިޔައީ ކޮންތާކަށް ކަމެއް ނޭނގުނެވެ. ނަސީބަކުން ޖޫސް ޕެކެޓް ސަލާމަތުން އޮތެވެ. -- ނުނިމޭ --

ދިގު ވާހަކަ

Popular