15 Apr 2019

ނުވަ މަސް ފަހުން

ނުވަ މަސް ފަހުން

By: Mariyam Yasma

* އޭޕްރީލް 11 ވަނަ ދުވަހުގެ ބަޔާ ގުޅޭ ...

ނަވާލް ބުނަން ބޭނުން ނޫނިއްޔާ ސިއްރެއް ވެސް އޭނަގެ ކިބައިން ހޯދުން ވާނީ ނާދިރު ކަމަކަށެވެ. އެކަމަކު އައިރީންގެ ކަންތައްގަނޑުގައި ނުބައެއް އުޅޭހެން އޭނައަށް ހާދަ ހީވެ އެވެ. ކޮންމެގޮތެއް ވިއަސް އޭނަ ހުއްޓައިލާނީ އެކަމެއް ހޯދައިފައެވެ.

***

"އެހާ ކަންބޮޑުވެފަ ތިއިންނަނީ އަހަންނާއެކު އަންނަން ޖެހިގެންތަ؟" ކާރު މަޑުކޮށްފައި އާހިލް ވާހަކަދެއްކި އެވެ.

"އަހަރެން މިވިސްނަނީ ރީންއާ ދޭތެރޭ..." ރާމީން ބުނީ ތެދަށެވެ.

"އަހަރެން މިހުރީނު... އަހަރެން ރީން ބަލާނަން.." އާހިލް ރާމީންގެ އަތުގައި ހިފާލަން އުޅެފައި ފަހު ވަގުތު ނިންމީ އިދިކޮޅަށެވެ.

އެވަގުތު ރާމީން ބަލައިލީ އެވާހަކަ ޤަބޫލުނުކުރާފަދަ ގޮތަކަށެވެ. އާހިލްއަށް އެކުލަވަރު ފާހަގަވި އެވެ. ރާމީން އޭނައަށް އެވަރުގެ އިތުބާރެއް ވެސް ނުކުރާކަން އިހްސާސްވެފައި ހިތުގައި ރިހުމެއް އުފެދުނެވެ. އޭނަ ބޭނުންވީ ސުވާލުކުރާށެވެ. ރާމީންގެ އިތުބާރު އޭނަގެ މައްޗަށް ނެތިގެންދިޔަ ސަބަބު އޮޅުންފިލުވާށެވެ. އެކަމަކު އޭނަ ހަމަ ސުވާލުކުރަން ތައްޔާރުވެލިތަނާ ރާމީން އަނެއްފަރާތަށް އެނބުރި ދޮރު ހުޅުވާލައިފައި ފައިބައިފި އެވެ.

ހުސްމޭޒެއް ހޯދައިގެން އިށީނދެފައި ގެންނަންވީ އެއްޗަކާއި ބެހޭގޮތުން އާހިލް އެހި އެވެ. މަނާވެގެންފފައި ރާމީން އުޅުނީ އެކައްޗެއް ވެސް ނުގެންނާށެވެ. އޭނަގެ މަޤްސަދު އޮތީ ހާމައަށެވެ. އެތާ ގިނައިރު މަޑުކުރާކަށް އޭނަ ބޭނުމެއްނުވެ އެވެ. އެކަމަކު އާހިލް ވެސް ހުރީ އެހާ ފަސޭހައިން ދޫ ދޭ ގޮތަކަށް ނޫނެވެ. ވެއިޓަރު އައުމާއެކު އޭނަ އޯޑަރު ދިނީ ދެމީހުންގެ ރޭގަނޑުގެ ކެއުމަށެވެ. ރާމިން ހިތްހަމަނުޖެހުނުކަން މޫނުމަތިން ހާމަވި ނަމަވެސް އިތުރަށް ބަހުސްކުރާކަށް ނޫޅުނެވެ. ދުރުބަލަން އިނީ އެވެ.

"ހަމަ އެހާ އުދަނގޫތަ އަހަރެން ކައިރީ އުޅެން؟" ވެއިޓަރު ދިއުމާއެކު އާހިލް އެހި އެވެ.

"ކޮންވާހަކައެއް ދައްކަން އަހަރެން ތިގެނައީ؟" ރާމީން ވަގުތު ބޭކާރު ކުރާކަށް ގަސްތެއް ނުކުރެ އެވެ. އޭނަ ބޭނުންވީ އާހިލް ދައްކަން އައި ވާހަކައެއްވިއްޔާ އަވަހަށް ދައްކައި ނިންމާށެވެ.

"އަހަންނަކަށް ޔަޤީނެއް ނޫން ރާމީ މިތާ މަޑުކުރާނީ ކިހާ އިރަކު ކަމެއް. އެހެންވީމަ އެންމެ މުހިންމު ވާހަކައިން ކަންނޭނގެ ފަށަން ވީ." އާހިލް ފެންތަށިން ކޯވަރެއް ބޯލާފައި ބެހެއްޓުމަށްފަހު މޭޒުމަތީ ދެއަތް ހުރަހަށް ބޭއްވީ އެވެ.

ރާމީން ހިމޭނުން އިނީ ބަލާށެވެ. އެކަމަކު ކުރިއަށްވުރެ ބޮޑަށް މޭޒާއި ކައިރިވެލައި އާހިލް ބުނާ އެއްޗެއް އަހަން ތައްޔާރުވި އެވެ.

"އަހަރެން ބޭނުމެއް ނޫން ރާމީ ދޫކޮށްލާކަށް." އާހިލް ހާމަކުރި އެވެ.

ރާމީންއަށް ލިބުނު ސިހުމުގައި ޖެހިލެވުނީ ފަހަތަށެވެ. ދެން މަޑުމަޑުން ދެފަރާތަށް ބޯ ހޫރުވާލައިފި އެވެ. ރާމީންގެ މިހަރަކާތުން އާހިލްއަށް ބުމަ ކައިރިކޮށްލެވުނެވެ. އޭނަ އިންތިޒާރު ކުރީ ރާމީންގެ ރައްދު އަންނާނެ ގޮތަކަށެވެ. ގޮނޑިން ނުތެދުވެ އެއިންގޮތަށް އިނދެވުނީ ވެސް ލައްކަ މަސައްކަތުންނެވެ.

"އާހިލް އަހަރެން ތިގެނައީ ތިވާހަކަ ދައްކަން ކަމަށްވިއްޔާ ބުނަން އޮތީ ސޮރީއޭ. އަހަރެންގެ ނިންމުން ބަދަލެއް ނުވާނެ. އަހަންނަކަށް ދެން އާހިލްއާއެއްކަކު ނޫޅެވޭނެ.." ރާމީން ޖަވާބުދިނެވެ.

ހިތް ކޮންމެ ގޮތަކަށް އޮތަސް މޫނުމައްޗަކުން އޭނަ އެކަމެއް ނުދައްކަ އެވެ. އަޑުގައި ވެސް ސާބިތުކަމެވެ. އެކަމަކު އާހިލްގެ ސާބިތުކަން ގުޑުވައިލީ އެޖަވާބު އަހައިފަ އެވެ. އޭނައަށް އެއިންތާ ނީނދެވިގެން ތެދުވެފައި ރާމީންއާ އެންމެ ކައިރީ ހުރި ގޮނޑި ދުރުކޮށްލުމަށްފަހު އިށީނދެއްޖެ އެވެ. ކަންބޮޑުވެފައި ރާމީންއަށް ހިންދިރުވައިލެވުނެވެ. އެވާހަކަ ދައްކަން އާހިލް އޭނަ ގޮވައިގެން އެފަދަ މީހުން ގިނަ ތަނަކަށް އައީތީ ވެސް ޝަކުވާ ކުރެވުނެވެ. މީހުންގެ ސަމާލުކަން އެދެމީހުންނަށް ލިބޭކަށް އޭނަ ނޭދެ އެވެ.

"ކީއްވެ ރާމީއަށް އަހަންނާއެކު ނޫޅެވޭނީ؟ ކޮބާ މައްސަލައަކީ؟" އުނގުމަތީ އޮތް ރާމީންގެ އަތްތިލަ ނަގައި މުށުތެރޭ ހިފަހައްޓާލައިގެން އިނދެ އާހިލް ސުވާލުކުރި އެވެ.

"އަހަރެންދެކެ މިހާރު ލޯއްބެއް ނުވޭތަ؟" ޖަވާބު ނުދެވެނީސް އާހިލް އަނެއް ސުވާލު ކޮށްލި އެވެ.

ހިތްވަރު ހޯދުމަށްޓަކައި ރާމީން އިރުކޮޅަކު އިސްޖަހާލައިގެން އިނެވެ. އޭނަ އިސްއުފުލާލިއިރު އާހިލް އިނީ ޖަވާބެއްގެ އިންތިޒާރުގައި ބަލަހައްޓައިގެންނެވެ. ސަބަބު އޮޅުންފިލުވައިގެން ނޫނީ ނުދާން އަޒުމް ކަނޑައަޅައިގެންނެވެ.

"ހަމައެކަނި ލޯބިވުމަކުން ނުފުދޭނެ އާހިލް... " ރާމީންގެ ޖަވާބު އަހާފައި އާހިލްގެ މޫނު އުޖާލާވެގެން އައެވެ.

އެކަމަކު އެއީ ހިނދުކޮޅަކަށެވެ. ލޯބި ވިއަސް ދުރަށް ދާން ރާމީން ބޭނުންވާކަން ހަނދާންވެފަ އެވެ.

"ކޮންކަމެއް އަހަރެން އިތުރަށް ކުރަންވީ؟ އަހަރެން މިހުރީ ރާމީ ބުނެފި ކޮންމެކަމެއް ކުރަން ތައްޔާރަށް..." އާހިލްގެ ކޮންޓްރޯލް ގެއްލި ވާހަކަދެއްކީ އާދޭހުގެ ރާގުގަ އެވެ. ރާމީން އަތުން ބީވެގެން ދިޔަނުދިނުމަށްޓަކައި ކޮންމެފަދަ ދަރަޖައަކަށް ވެސް ވެއްޓެއް ތައްޔާރުވެފައިވާ ކަހަލަ އެވެ.

"އާހިލްއަކަށް ނުވިސްނޭނެ...." އާހިލްގެ އަތުތެރެއިން އަމިއްލަ އަތް މިނިވަންކޮށްފައި ރާމީން މަޑުމަޑުން ދެފަރާތަށް ބޯ ހޫރައިލި އެވެ.

އާހިލްގެ މޫނުން ފެނުނީ އިތުރު ސުވާލުތައް ކުރަން ތައްޔާރުވެފައިވާފަދަ ކުލަވަރެވެ. އެތާ ތިބި ބައެއްމީހުންގެ ސަމާލުކަން އެމީހުންނަށް ލިބެމުންދާކަމެއް ވެސް އޭނައަށް އެނގޭހެނެއް ހިއެއްނުވެ އެވެ. ރާމީން ގަސްތުކުރީ ފާޚާނާއަކަށށް ދިއުމުގެ ބަހަނާގައި އެތަނުން ދާށެވެ. އެއިރުން އާހިލްއަށް ވެސް ތަންކޮޅެއް ހަމަޖެހިލަން ވަގުތުކޮޅެއް ލިބޭނެ ކަމުގައި ޤަބޫލު ކުރެވުނެވެ. އޭނަ އެހެން ބުނެފައި ކޮޅަށް ތެދުވިގޮތަށް އާހިލްގެ ޖަވާބަކަށް ވެސް އިންތިޒާރު ކުރުމަކާއިނުލައި ދަބަސް ކޮނޑުގައި އަޅުވާލައިގެން ހިނގައިގެންފި އެވެ.

އޭނައަށް ހީވީ ރަނގަޅަށެވެ. އެނބުރި އައިއިރު އާހިލް އިނީ ކުރިއަށްވުރެ ހަމަޖެހިފަ އެވެ. އޭނަ ފެނިގގެން ތަށިތަކަށް އިޝާރާތްކޮށްލުމަށްފަހު ކާން ބުންޏެވެ. މޫޑު ނެތަސް އާހިލް ބާރު އަޅާނެތީ ރާމީން ދެކޮޅެއް ނުހަދަ އެވެ. އަވަހަށް ދާން ބޭނުންވެފައި އިނުމުން ރަހައަކަށް ވެސް ނުބަލައި އޭނަ ކުރިކަމަކީ އަނގައަށް އަޅައިގެން ދިރުވުމެވެ. އެގޮތުން އިތުރަށް އާހިލްއާ ވާހަކަނުދައްކާ ވެސް ވާނެ ނޫން ހެއްޔެވެ؟ އާހިލްއަށް އެކަން ފާހަގަވި ނަމަވެސް ކެއުން ނިމެންދެން އޭނަ އިނނީ ހިމޭނުންނެވެ. ރާމީންދެއްކި ވާހަކަތަކާއިމެދު ވިސްނަނީ ކަމަށްވެދާނެ އެވެ.

"ކީއްވެ ރާމީއަށް ހީވަނީ އަހަންނަށް ނުވިސްނޭނެއޭ؟ އެއްފަހަރު ވެސް މަސައްކަތްކޮށްލީމައެއްނު އިނގޭނީ؟ އަހަރެން އަޑުއަހާނަމޭ ރާމީގެ ވާހަކަ..." ކެއުން ނިންމާފައި ނިކުމެ ފެށި ކާރު ދަތުރާއެކު އާހިލް ވާހަކަދެއްކި އެވެ.

އޭނަގެ އިންފަރާތުގެ ބިއްލޫރިގަނޑާއި ދިމާއަށް ބޯ އަރިކޮށްލަމުން އެއް އަތުން ރާމީންއަށް ހިފަހައްޓައިލެވުނީ ނިތުގަ އެވެ. ނިތުގައި ރިހުމެއް އުފެދި މުޅި ބޮލަށް ފެތުރެން ފަށައިފި އެވެ. އެގޮތުގައި އަމިއްލަ ނަފްސް ކޮންޓްރޯލްކޮށްގެން އޭނައަށް އިނދެވޭނީ ކިހާ އިރަކު ކަމެއް ނޭނގެ އެވެ. ބުނަން ނޭދޭ ވާހަކަތައް ދުލާއި ހަމައަށް އަތުވެދާނެތީ ވިސްނަން ޖެހުނެވެ. އެވާހަކަތައް އަހަން އާހިލްއަށް ފަސޭހައެއް ނުވާނެ އެވެ. ނުވެސް ވިސްނޭނެ އެވެ. މައްސަލައަކަށް ނުވެ އަމާންކަމާއެކު ނިމުނިއްޔާ އެންމެނަށް ވެސް ރަނގަޅުވާނެ އެވެ.

"އާހިލް ޕްލީޒް. އަހަރެން މިބުނީނު އަހަރެން ބޭނުމެއް ނޫނޭ އުޅޭކަށް. ދެން އަހަރެން ދޫކޮށްލަންވީނު. މީހުން ބުނެއެއްނު ދުވާމަހެއްގެ ނިގުލުގައި ހިފައިގެނެއް ނޫޅެވޭނެއޭ...." ލޯ މަރާލައިފައި ހުޅުވާލުމަށްފަހު އާހިލްއާ ދިމާއަށް ބަލައިލަމުން ރާމީން ރައްދުދިނެވެ.

މިފަހަރު އޭނަގެ ރާގުން ހިތްހަމަނުޖެހުން ފައުޅުވާން ހުއްޓެވެ.

"އޯކޭ..." ރާމީން ވާހަކަދެއްކި ރާގުގައި އާހިލް ވެސް ރައްދުދިނެވެ.

އެކަމަކު އާހިލް އެހެން ބުނީ ރުޅި އައިސްގެން ކަމެއް ނޫނީ އެގޮތަށް އެއްބަސްވެގެން ކަމެއް ނޭނގެ އެވެ. ޖަވާބު ހަމަ ލިބުމާއެކު ރާމީންއަށް ބަލައިލެވުނެވެ. އޭރު އާހިލްގެ ނަޒަރު ހުރީ މަގުމައްޗަށެވެ. ކޯކަށިގަނޑު ހަރަކާތްކުރީ އޭނަ ބަލަން އިންދަ އެވެ.

ލިބުނު ހައިރާންކަމާއި ހިތްހަމަޖެހުމާއެކު ހިތުގައި ރިހުމެއް ވެސް އުފެދުނެވެ. އާހިލް ހަޤީޤަތުގައި ވެސް އޭނަ ދޫކޮށްލަން ތައްޔާރުވެދާނެތޯ އަމިއްލަ ނަފްސާއި ސުވާލު ކުރެވުނެވެ. މީގެ ކުރިން ފައިވިއްދާފައި އެވާހަކަ ދެއްކި ނަމަވެސް ފުރަތަމަ ފަހަރަށް އާހިލްގެ ފަރާތުން އެފަދަ ޖަވާބެއް ލިބުމުން ހިތްދަތިވާގޮތްވި އެވެ. ލޮލަށް ކަރުނަ ގިނަވާހެން ހީވުމުން އާހިލްއަށް ފޮރުވަންވެގެން އަނެއްކާ ދޮރުފަތާއި ދިމާއަށް އަރިވެލާފައި ބޯ ޖައްސައިލީ ބިއްލޫރިގަނޑުގަ އެވެ.

"އެކަމަކު ޝަރުތެއްގެ މަތިން..." ކުޑައިރުކޮޅެއް ފަހުން އާހިލް އަނެއްކާވެސް ބުނެލި އެވެ.

ރާމީންއަށް ބުމަ ކައިރިކޮށްލެވުނެވެ. އެކަމަކު އޭނަ ދުރަށްޖެހިނުލާ މަޑުކުރީ އާހިލް އެބުނާ ޝަރުތެއް ހާމަކުރަންދެނެވެ.

"ޑިވޯސް ވަންދެން ރާމީ ޖެހޭނީ އަހަންނާއެކު އުޅެން." އާހިލްގެ އަނގައިން އެޖުމްލަ ނިކުތްހާ އަވަހަށް ރާމީން ތެޅިގެންފައި އެދިމާއަށް އެނބުރުނެވެ.

"ވަޓް؟...." އޭނައަށް އެސުވާލުކޮށްލެވުނީ އިތުރަށް ޔަޤީންކުރަން ބޭނުންވިވަރުންނެވެ.

"ކިހިނެތްވީ؟ އަހަންނާއެކު އުޅެންފަށައިފިއްޔާ ނިންމުން ބަދަލުވެދާނެތީ ޖެހިލުންވަނީތަ؟ އަހަރެން އަދި ހީކުރީ ވަރަށް ޔަޤީންކަމާއެކުކަމަށް..." އާހިލްގެ ޖުމްލަ ފުރިހަމަ ނުވަނީސް ރާމީން ރުންކުރު ގޮތަކަށް ނިންމުން ބަދަލެއްނުވާނެއޭ ބުނެ ޖަވާބުދިނެވެ.

ގެއަށް އާދެވުނުކަން އޭނައަށް ރޭކާލީ ކާރު މަޑުކުރީމަ އެވެ. އޭނަ އިތުރަށް ވާހަކަދައްކަން ބޭނުންވި ވަގުތު އާހިލް އެފުރުސަތު ނުދީ ދޮރު ހުޅުވާލައިފައި ނިކުތީ ބޭރަށެވެ. އެހިސާބުން އޭނައަށް ވެސް މަޖުބޫރުވީ ފައިބާށެވެ.

"ރާމީގެ ނަސީބު ރަނގަޅިއްޔާ ކޯޓުގައި ތަންކޮޅެއް އަވަހަށް ވެސް މައްސަލަ ކުރިއަށް ހިނގައިދާނެ. އަނެއްކޮޅުން ނިންމުން ބަދަލުނުވާނެކަމުގެ ތިހާ ބޮޑު ޔަޤީންކަމެއް އެބައޮތް. އެހެންވީމަ ރާމީ ކަންބޮޑުވާން ޖެހޭ ކަމެއް ނެތެއްނު. އަހަރެން ހަމައެކަނި މިއެދެނީ ކައިވެނި ނިމުމަމާއި ހަމައަށް އަންނަންދެން އަހަރެންނާއެކު އުޅެން..އަދި އަހަރެން ރާމީ ނުރުހުމުގަ އެއްވެސް ކަމެއް ކުރާކަށް މަސައްކަތެއްނުކުރާނަން. އެކަމާއި ކަންބޮޑުވެދާނެތީ އެވާހަކަ ވެސް ބުނެލީ.." ދޮރުފަތް ނުލައްޕާ ހިފަހައްޓައިގެން ހުރެފައި ރާމީން ވަށައިލާފައި އައިސް ކައިރިވުމާއެކު އާހިލް ވާހަކަދެއްކި އެވެ.

ހަތަރުކަޅި ހަމަކޮށްލާފައި އޭނަ އެއްބުމަ އަރުވައިލީ އެކަމަށް ގޮންޖަހައިލާފަދަ ބެލުމަކާއިއެކުގަ އެވެ.

"ފައިން. އަހަރެން އުޅެފާނަން އާހިލްއާއެކު. އެކަމަކު ތިގެއަކަށް ނުދާނަން..." ރާމީން ހަށަން ބަނދެލި އެވެ.

"ތިގޮތް ވެސް އަހަންނަށް އެންމެ ރަނގަޅު. އެހެންވީމަ މާދަމާ އަހަރެން އަންނާނަން މިކޮޅަށް.." ޖަވާބުދިންއިރު އާހިލްގެ މޫނުން ފުރަތަމަ ފަހަރަށް ހަމަޖެހުމުގެ ކުލަވަރު ފެންނަން ހުއްޓެވެ.

ކާރު ގޮސް ގެއްލުނުފަހުން ވެސް ރާމީންއަށް ވިސްނަން ހުރެވުނީ އާހިލްގެ މަޤްސަދާއިމެދުގަ އެވެ. އެހާ ކުރު މުއްދަތެއްގެ ތެރޭގައި އޭނަގެ ވިސްނުން ބަދަލުކުރެވިދާނެ ކަމުގައި އުންމީދު ކުރަނީ ކަމަށް ވެދާނެ ހެއްޔެވެ؟

***

ނިޝާލް ނިކުމެގެން ދިއުމުން ނަވާލް ކާންދާން ވެގެން ނިކުމެފައި އައިދަން އުޅޭތޯ ބަލަން އެކޮޓަރި ދޮރު ހުޅުވައިލި އެވެ. އައިދަން އޭރު ފާޚާނާއިން ނިކުތީ އެވެ. ނަވާލް ފަސްއެނބުރި ބަލާލައިފައި އެތެރެއަށް ވަދެ ދޮރު ލައްޕައިލި އެވެ. މިއަމަލުން އައިދަންގެ ސަމާލުކަން ލިބުނެވެ. އޭނަ ތުވާލިކޮޅު ބާއްވާފައި އައިސް ނަވާލް ކުރިމައްޗަށް ހުއްޓި ވެގެން އުޅޭ ގޮތެއް އެހި އެވެ.

ޖަވާބުގައި ނިޝާލްދެއްކި ވާހަކަތައް ކިޔައިދިނުމުން ކަންބޮޑުވެފައި ނިތުގައި އަތް ހާކައިލި އެވެ. އޭނަ އެނދުގައި އިށީނދެފައި ނިޝާލް އެހެން ވާހަކަދެއްކީ އެއްޗެއް އެނގިގެންތޯ ސުވާލު އުފެއްދި އެވެ. އެވަގުތު ނަވާލް ގޮސް ޖައްސައިލީ އެތާ ހުރި އެހެން ގޮނޑިއެއްގަ އެވެ.

އޭނަ މަޑުމަޑުން ދެފަރާތަށް ބޯ ހޫރާލައިފައި ބުނީ ނިޝާލް އެއުޅެނީ ހަމައެކަނި ޝައްކުވެގެން ހޯދަން ކަމުގަ އެވެ. އަދި އެކަށީގެންވާ ބޮޑު ހެއްކެއް ނުފެންނަނީސް ޔަޤީންނުވާނެ ކަމުގަ އެވެ. ތަންކޮޅެއް ވިސްނައިގެން އުޅުމަށް ބުނެފައި އޭނަ ދާންވެގެން ތެދުވުމާއެކު އައިދަން ގޮވާލި އެވެ.

"ސޮރީ. ކުރީ ރޭ އަތް އިސްކުރެވުނީ މާ ކަންބޮޑުވެފަ ހުއްޓަ ރުޅިއާދެވުނީމަ..." އައިދަން މައާފަށް އެދުނެވެ. ނަވާލް ބަލައިލިއިރު އައިދަން އިސްޖަހާލައިގެން އިނީ އެމޫނަށް ބަލަން ނުކެރިފައެވެ.

އައިދަން އިރުކޮޅަކުން އިސްއުފުލައިލުމުން ނަވާލް ވެރިކޮށްލީ ލުއި ހިނިތުންވުމެކެވެ. ކަމެއް ނޫނޭ ބުނާފަދަގޮތަކަށް އަތުން އިޝާރާތެއް ދައްކާލައިފައި އަނެއްކާ ވެސް ހިނގައިގަތެވެ. ދެން އޭނަ ހުއްޓުނީ ދޮރާއި ހަމައިންނެވެ.

"ފަހަރީގެ ކޮއްކޮއާ ދިމާއަށް ބޭބީމަމާއޭ ބުނީމަ ވަރަށް ރުޅިއައިސްފަ ބުނެފި އެހެން ނުކިޔާ އައިދަން ކައިރީ އަހާށޭ.." ނަވާލް ތަޅުގައި ހިފައިގެން ހުރެ އެނބުރި ވާހަކަދެއްކި އެވެ.

އައިދަން އެވަގުތު ނިތަށް ރޫގިނަކޮށްލާފައި ބަލަން ފެށީ ދުރެވެ. އައިދަން ދެން ދިނީ ނަވާލް

އަހަން ތައްޔާރުވެގެން ހުރި ކަހަލަ ޖަވާބެއް ނޫނެވެ. އެއީ އައިރީން ބަނޑުބޮޑުވީ އޭނައާއިއެކު ކުރެވުނު ކައިވެންޏާއި ގުޅިގެންކަމެވެ. ނަވާލްއަށް ލިބުނު ހައިރާންކަމަކުން އަތް އުފުލާލުމަށްފަހު އަނގަމަތީ ހިފާލެވުނެވެ. ކައިވެނި ކުރީ އެނޫންގޮތަކަށް އިތުރު ގުޅުމަކަށް ދާން އައިރީން ޤަބޫލުނުވެގެން ކަމަށް ބުނުމުން ކުރިއަށްވުރެ ބޮޑަށް އަމިއްލަ ނަފްސް ކުށްވެރިކުރެވުނެވެ. ވިސްނައިނުލައި އައިރީންކަހަލަ ތޯހިރު ކުއްޖަކާއި ދިމާއަށް އޭނައަށް މިބުނެވުނީ ބުނަންވާވަރު އެއްޗެއް ނޫންކަމަށް ޤަބޫލުކުރެވުނެވެ.

ނަވާލް ދިޔައިރު ކައްކާމީހާ ހުރީ އާދައިގެ މަތިން އޭނަގެ ކެއުން ތައްޔާރުކޮށްފަ އެވެ. ތަށިތައް ހިއްލައިލުމަށްފަހު ގޮނޑީގައި އިށީނދެ އޭނަ ފުރަތަމަ އިނީ އަނގަމަތީ އަތް ވިއްދާލައިގެން ފުން ވިސްނުމެއްގަ އެވެ. އިރުކޮޅަކުން ތެދުވެގެން ގޮސް ފްރިޖް ހުޅުވައިގެން ބަލަން ފެށި އެވެ. މިވާގޮތެއް ނޭނގިގެން ކައްކާ މީހާ ހައިރާންވެފައި ބަލަން ހުއްޓެވެ. އިތުރު އެއްޗެއް ތައްޔާރުކުރަންތޯ އެހުމުން ބޯޖަހައިލި އެވެ. ކައްކަންވީ އެއްޗަކާއި ބެހޭގޮތުން ސުވާލުކުރުމުން ނަވާލް އެދުނީ މަޑުކޮށްލުމަށެވެ.

އޭނަ ފޯނު ނަގައިގެން ބަލަ ބަލާފައި ކައްކަން ބުނީ މީގެ ކުރިން އޭނަ އެއްފަހަރު ވެސް ކައްކަން ނުބުނާ ދެވައްތަރެއްގެ އެއްޗަކަށެވެ. ސުވާލު އުފެދިފައި ހުރެގެން ކައްކާ މީހާ މަސައްކަތް ނިމެންދެން އިންތިޒާރުގައި އޭނަ އިނީ ފޯނާއި ކުޅެލަ ކުޅެލަ އެވެ. ނިމުނުކަން އިޢުލާން ކުރުމުން ދެން އެދުނީ އެއެއްޗެހި ތަބަކަކަށް ލައި ދިނުމަށެވެ. ނަވާލްއަށް ކައްކާފައި ހުރި އެއްޗެހިން ވެސް ބައެއް އެއްތައްޓަށް އަޅާފައި ތަބަކުގެ ތެރޭގައި ބެހެއްޓި އެވެ.

ނިޝާލް އައިސް ބަދިގެއަށް ވަންއިރު ނަވާލް ތަބައް ހިފައިގެން ނިކުންނަން އަންނަނީ އެވެ.

"ކޮންތާކަށް ތިދަނީ؟" ނިޝާލް ސުވާލު އުފެދިފައި އެހި އެވެ.

"މިދަނީ ގާލްފްރެންޑާއެކު ކާންވެގެން އެކޮޓަރިއަށް." ޖަވާބުދީފައި ފަސްދިންއިރު ނަވާލްގެ ތުންފަތުގައި ވީ ލާނެތް ހިނިތުންވުމެކެވެ.

ނިޝާލްއަށް ލިބުނު ހައިރާންކަމުގައި އިރުކޮޅެއް ވަންދެން ބަލަން ހުރެފައި ވަދެގެން ދިޔަ އެވެ.

"ކާކު؟" ނަވާލް ގޮސް ޓަކި ދިނުމާއެކު އެތެރެއިން އައިރީން އެހި އަޑު އައެވެ.

ޖަވާބު ދީފިއްޔާ ނުހުޅުވަފާނެތީ ނަވާލް ފަސްޖެހުނެވެ. ނަސީބަކުން ޖަވާބު ނުދެނީސް އައިރީން ދޮރު ހުޅުވާފައި ބޯދިއްކޮށްލި އެވެ. އޭނަ ފެނުމާއެކު ހައިރާންވެގެން ލޯ ބޮޑުކޮށްލި އެވެ.

"އެތެރެއަށް ވަންނަންތަ؟ މިއެއްޗެހި ވަރަށް ބަރު. ކިރިޔާ މިހިސާބަށް އާދެވުނީ..." އަތުގައި ހުރި ތަބައް ދައްކައިލަމުން ނަވާލް އެދުނެވެ.

އައިރީން ހައިރާންވެގެން އެސްފިޔަ ޖަހާލައިފައި ދޮރުފަތް ބޮޑަށް ހުޅުވާލުމަށްފަހު ފަހަތަށް ޖެހުނެވެ. ދެކޮޅު ބަލާލައިފައި ނަވާލް ތަބައް ގެންގޮސް ބެހެއްޓީ އެނދުކޮޅުގައި ދިގުދިގަށް ހުރި ލަވްސީޓު މަތީގަ އެވެ. އޭނަ ތެދުވެ ހިންދެމިލާފައި އެނބުރުނުއިރު ވެސް އައިރީން އަޖައިބުވެފައި ބަލަހައްޓައިގެން ހުއްޓެވެ.

"ގޭގަ އުޅޭ ނޯކަރުންތައް ޗުއްޓިއަށް ދިޔައީތަ؟" އައިރީން ސީރިއަސްވެފައި އައިރީން އެހި އެވެ.

"ވެރީ ފަނީ.." ނަވާލް ގާތަށް ހިނި އައެވެ.

އެކަމަކު އައިރީން ހަމަ އެސީރިއަސްކަމުގައި ހުރުމުން އޭނަ ކުރީ ސަމާސައެއްނޫންކަން ވިސްނިގެން ހުނުނން ހުއްޓައިލި އެވެ. ދެއަތް ދެއަތާއި އުނގުޅާލައިފައި އޭނަ ބުނީ އޭނަ އެތަނަށް އައީ އައިރީންއާއެކު ކާންވެގެން ކަމަށެވެ.

"އާދޭ މިތާ އިށީންނަން!" އައިރީން އެއްޗެއް ނުބުނެ ބަލަން ހުރުމުން އަތުގެ އިޝާރާތުން ލަވްސީޓުގެ އެއްކޮޅު ދައްކާލައިފައި ނަވާލް އެދުނެވެ.

އައިރީން މަޑުމަޑުން ބޯޖަހާލައިފައި އައިސް ނަވާލް ދެއްކި ތަނުގައި އިށީނުމުން ނަވާލް އިށީނދެލީ އޭގެ އަނެއްކޮޅުގަ އެވެ. މެދުގައި ކާތަށިތަކެވެ. މަތި ނެގުމާއެކު އޭގެ ވަހުން އައިރީން ކުޅުދިޔާވި އެވެ. ޝުކުރުގެ ލޮލަކުން ނަވާލްއާ ދިމާއަށް ބަލައިލެވުނެވެ. ކާއެއްޗެހި ފެނުމުން އޭނަ ކައިރީ ދެން އެއިނީ ނަވާލްކަން ހަނދާންނެތިއްޖެ އެވެ.

"އައިރީންއަށް މީރީ ވަކި ކޯއްޗެއްކަމެއް ނޭނގޭތީ ބަނޑުބޮޑުކުދިންނަށް ފައިދާހުރި އެއްޗެހި ބަލައިގެން ތައްޔާރުކޮށްފަ މިހުރީ..." ނަވާލް ވާހަކަދެއްކި އަޑަށް އައިރީންއަށް އަނެއްކާ ވެސް އެމޫނަށް ބަލައިލެވުނެވެ. -- ނުނިމޭ --

Popular