23 Jun 2019

By: Aishath Maaha

ޑީޖޭ އަލީ އޭ ބުނީމާ އެންމެންވެސް ކިޔަނީ ޑީޖޭ އައްޔަ އެވެ. ނަމަވެސް އުމުރުން 36 އަހަރުގެ އަލީ ފަޒީލް ބުނަނީ އެއީ ޑީޖޭ އައްޔަ ނޫން ކަމަށެވެ. އެއީ ޑީޖޭ އަލީ ކަމަށެވެ.

ޑީޖޭ އަލީ ހިމެނޭނީ ރާއްޖޭގައި ތިބި އެންމެ މޮޅު ޑީޖޭއިންގެ ތެރޭގަ އެވެ. ދާއިރާގައި މިހާރު ގާތްގަނޑަކަށް 19 ވަރަކަށް އަހަރު ވެދާނެ އެވެ. އެތައް ރިސޯޓެއްގައި ކުޅެފި އެވެ. ތަޖުރިބާގެ ގޮތުން ދޮއްޓެވެ.

އެކަމަކު ޑީޖޭ އަލީ އަކީ އެއްވެސް އިރަކު ޑީޖޭގެ ގަދަ މިއުޒިކްގެ ތެރެއަށް ގޮސް ގެއްލެން ބޭނުންވެގެން އެ އަޒުމުގައި އުޅުނު މީހެއް ނޫނެވެ. އަލީގެ ޝައުގުވެރިކަން ހުރީ ލަވަ ޖަހާށެވެ. ބޮޑުވެގެން އައި އިރު ބައްޕަ ލަވަޖަހާތީ އެވެ.

"ބައްޕައަށް ވަރަށް މަދުން ޓައިމްވާނީ. އެކަމަކު ވާ ދުވަހެއްގައި އޮންނާނީ ލަވަޖެހުން. އެކި ޖޮންރާތަކުގެ ލަވަތައް ޖަހާނެ. އިނގިރޭސި ދެން ހިންދީ ލަވަ ވެސް ޖަހާނެ، އެހެންވެ ވަރަށް ލަވަޖަހާ ހިތްވާނެ. އޭރު އުމުރުން 13 ވަރަކަށް އަހަރުގައި އެއީ،" ކުޑައިރުގެ ހަނދާންތައް އަލީ އާކުރި އެވެ.

އެއީ ސީޑީ ގެންގުޅުނު ދުވަސްވަރެވެ. ލަވަޖަހަން އޭރު ބޭނުންވެފައި ހުރި ވަރުން ސްކޫލް ނިމުނުއިރު ބޮޑު ސީޑީ ކަލެކްޝަނެއް އޮތީ ތައްޔާރުކުރެވިފަ އެވެ. ޑީޖޭ، ވިފާކާއި، ޑީޖޭ އައިވަން އަދި ޑީޖޭ އަޝޫ އާއި އަލީ އާ ދިމާވެ ޑީޖޭގެ ތެރެއަށް ގެންގޮސް ވެއްދީ މި ދުވަސްވަރެވެ.

"ކުރިން ރެޑްކެޕް އިންނަ ތަނަށް ދަން ބިލިއާޑްކުޅެން. ގެ ހަދަން އެހެން ގެއަކަށް ބަދަލުވެގެން އުޅުނުއިރު ބައްޕަ ކައިރިއަށް ލަވަޖަހަން ގޮސްފައި ސީޑީ ޕެކް ހިފައިގެން ވެސް ދާނެ. އެއް ދުވަހު އެތަނުން ދިމާވަނީ އެމީހުންނާ. ދެން ސީޑީ ޕެކް ހިފައިގެން ހުރީމަ ބުނަނީ ދައްކަބަލާށޯ ބަލައިލަން. އެ ބަލާފަ ބުނީ ބޭނުންހޯ ޑީޖޭ ކުޅެން."

ޑީޖޭ އަލީ: މިހާތަނަށް ގިނަ ރިސޯޓުތަކެއްގައި ކުޅެފި. --

އެ ދުވަހު ޑީޖޭ ކުޅެން ބޭނުމޭ އެ މީހުން ގާތުގައި ބުންޏަސް ޑީޖޭ އަކީ ކޯއްޗެއް ކަމެއް އަދި ކިހިނެއް ކުޅޭ އެއްޗެއް ކަމެއް ވެސް އަލީ އަކަށް ނޭނގެ އެވެ. ޑީޖޭ ކުޅެން ދަސްވެ ޑީޖޭ އަކީ ކޯއްޗެއްކަން ބުނެދިނީ ޑީޖޭ އައިވަން، ޑީޖޭ އަޝޫ އަދި ޑީޖޭ ވިފާކެވެ.

އެންމެ ފުރަތަމަ ޑީޖޭއެއްގެ ގޮތުގައި ރިސޯޓަކަށް ގޮސް ކުޅުމުގެ ފުރުސަތު ހޯދަައިދިނީ ވެސް އެމީހުންނެވެ. އެއީ ތާޖް ކޮރަލް ރިސޯޓަށެވެ. އަލީގެ އުމުރުން އޭރު އެންމެ 19 އަހަރެވެ. މިދާއިރާގައި އަލީގެ އެންމެ ބޮޑު އިންސްޕިރޭޝަނަކީ ޑީޖޭ އުމަރެވެ.

"އެއީ 2000 ނޫނީ 2001 ވަނަ އަހަރުގެ ނިއު އިޔާ. އެމީހުން ބުނީ ޕްލޭޔަރެއް ހޯދާށޭ. ދެން ބައްޕަ ކައިރި ބުނެގެން ޕްލޭޔަރެއް ހޯދައިގެން ދިޔައީ. އެ ދުވަހު ހެލްޕަރެއް ގޮވައިގެން ދިޔައީ. އެކަމަކު އޭގެކުރިން ގޮސްފައި ހުންނާނެ އަޝޫމެންނާ އެކީގައި. ގޮސް ހުންނާނީ ބަލަން."

އޭގެފަހުން މިހާތަނަށް އަލީ ކުޅުނު ރިސޯޓުތައް ގިނަ އެވެ. ކޮންރެޑް، ވަން އެން އޮންލީ ރީތި ރަށް، ހިލްޓަން، ސިއްރުފެންފުށި، ދުސިތު ތާނީ، މަނަފަރު މިހެން ގޮސް ބޮޑު ލިސްޓެއް އެބައޮތެވެ.

ޑީޖޭ އަލީ: ކެރިއަރު ފެށީ އުމުރުން 19 އަހަރުގައި. --

ބައްޕަ ހޯދައިދިން ޕްލޭޔަރުން ފެށި މި ކެރިއަރުގައި މިހާރު ބޭނުންކުރާ ލެޕްޓޮޕާއި އެހެން އެއްޗެހި އަލީ ހޯދީ މި މަސައްކަތުން އެއްކުރި އާމްދަނީންނެވެ. ކެރިއަރުގައި މެދުކެނޑުމެއް އައީ ކޮއްކޮ އަދި ބައްޕަ ވަރަށް ބޮޑަށް ބަލިވެގެން ދެ ފަހަރެއްގެ މަތީންނެވެ.

އަލަށް ނުކުންނަ ކުދިންނަށް ދާއިރާއިން ފުރުސަތު ހޯދައިދޭން އަލީ މަސައްކަތް ކުރެ އެވެ. ނަމަވެސް މިހާރު ޑީޖޭންނަށް އޮންނަ ޑިމާންޑު ދަށްވަމުން އަންނަކަން އޭނާ ފާހަގަކުރި އެވެ.

"މިހާރު ބައެއް ރިސޯޓުތަކުން ގެންނަނީ ބޭރު ޑީޖޭ އިން. އެމީހުން ހަދާ ގޮތަކީ ރިސޯޓުގެ ކޮންމެވެސް އެހެން ވަޒީފާއެއް އަދާކުރުވުމުގެ ނަމުގައި ގެންނަނީ. އަސްލު މަނާކަމެއް ފޮރިން އާޓިސްޓުން އެގޮތަށް ރިސޯޓުތަކުގައި ކުޅުމަކީ."

ޑީޖޭ އަލީ: ޑީޖޭގެ ތެރެއަށް ވަދެވުނީ ލަވަޖަހަމުން ގޮސް. --

ނަމަވެސް އަލީ ހުރީ ދާއިރާއިން ދުރަށް ދާން ވިސްނައިގެންނެއް ނޫނެވެ. އުމުރުން އެންމެ 19 ވަރަަކަށް އަހަރުގައި އުފެދުނު ޝައުގުވެރިކަން އަދިވެސް އަންނަނީ ބޮޑުވަމުންނެވެ. އަލީ ވަނީ ރާއްޖޭން ބޭރުގައި ވެސް ޑީޖޭއެއްގެ ގޮތުގައި ރާއްޖެ ތަމްސީލުކޮށްފަ އެވެ. އެއީ ސައުންޑްސް އޮފް މޯލްޑިވްސްގެ ފަރާތުން ލިބުނު ފުރުސަތުތަކެއްގައި ދުބާއީ އާއި ސިންގަޕޫރުގަ އެވެ. އޭގެ އިތުރުން ހާޑްރޮކް ހޮޓެލް މޯލްޑިވްސް ހުޅުވިއިރު އެ ރަސްމިއްޔާތުގައި ކުޅުމުގެ ފުރުސަތު ވެސް އަލީ އަށް ލިބުނެވެ.

އަލީގެ މި ކާމިޔާބީގެ ސިއްރަކީ ފަހަރުގައި އާއިލާގެ ސަޕޯޓެވެ. އަލީ ބުނީ އެންމެ ފުރަތަމަ ދުވަހުން ފެށިގެން މިއަދާ ހަމައަށް ވެސް އާއިލާއިން ފުލް ސަޕޯޓު ލިބުނު ކަމަށެވެ.

"ލޯކަލް އާޓިސްޓުން ކުރިއަރުވަން ވަރަށް ބޮޑަށް މަސައްކަތްކުރާ ފަރާތެއް ހައިރައިޒް އިއްސެއަކީ. އިއްސެއަށް ވެސް ޝުކުރު އަދާކޮށްލަން ބޭނުން" ނިންމާލަމުން އައްޔަ ބުންޏެވެ.

Popular