25 Jun 2019

މި ދެ ހިތް ގުޅުނޭ

* ޖޫން 22 ވަނަ ދުވަހުގެ ބަޔާ ގުޅޭ ...

އެއިން އެއްވެސް ސުވާލެއްގެ ޖަވާބެއް އޭނާގެ ސިކުނޑިއަކު ނެތެވެ. ލީވާން ދުރަށްޖެހި ތަންދެއްކުމުން ދާނިޔާ ހިނގައިގެންއިރު މަގުމަތި ރަނގަޅަށް ނުވެސް ފެނެއެވެ. ސައިކަލު ނެރެ އޭގެ މައްޗަށް އެރިއިރު ހިތްދަތިވެފައިވާލެއް ބޮޑުކަމުން މަގުމައްޗަށް ސަމާލުކަން ދެވޭނެހެން ހިއެއް ނުވެއެވެ. ޔަޤީންކަން ނެތްކަމުގައިވިއަސް ސައިކަލުގައި ދާނިޔާ ދުއްވަމުން ދިޔައީ ލީވާން ހުރި ތަނާއި ދުރަށް ދެވޭތޯއެވެ.

ލީވާން ކުރި ސުވާލުތައް ހީވަނީ އަދިވެސް އިވިއިވިހުރިހެންނެވެ. އޭގެ ސަބަބުން ހާސްކަމާއި ނުތަނަވަސްކަމުން ހިތް ފުރާލިއިރު އޭނާގެ ހަނދާންތައް ގޮސް ހުއްޓުނީ މާޒީގެ ތެރެއަށެވެ. ލީވާން އާއި އޮތް ކައިވެނީގެ ގުޅުން ދާނިޔާއަށް ކަނޑާލެވުނީ ވަރަށް އުދަނގުލުންނެވެ. ލީވާން ވަރިނުކުރާނެކަން ޔަޤީންވުމުން އަމިއްލައަށް އިސްނަގައިގެން އެކަން ކުރަން އުޅުނީ އޮފީހުގެ ރައްޓެހިން ލަފާދޭންފެށީމައެވެ. ކުޑަ ދެކުދިން ގޭގައި ބާއްވާފައި އޮފީހަށް ދާންފެށީ ލީވާން މަސައްކަތެއް ނުކުރާތީއެވެ. އޭރުވެސް މަސް ހުސްވުމުގެކުރިން ދާނިޔާގެ މުސާރަކޮޅު ހުސްވެ އަތްމަތި ދަތިވެއެވެ. ނަމަކަށް ފިރިއަކު ހުރުމަށްވުރެ އެކަނި އުޅުންވެސް ރަނގަޅުވާނެކަމަށް އެމީހުން ބުނާތީ ވަރިއަށް އެދި ކޯޓަށް ސިޓީލީ ލީވާން ޚަރަދު ނުދޭކަމަށްބުނެފައެވެ. ފުރަތަމަ ފަހަރު ނަޞޭހަތް ދީފައި ވަރިއާއި ހަމަޔަށް ނުގޮސް އެކަން ހއްޓާލަން ޣާޟީ ލަފާދިނެވެ. ލީވާން ޔަޤީންކަން އެރުވީ ވަރަށް އަވަހަށް މަސައްކަތެއް ފަށާނެކަމަށެވެ.

ދުވާލު ހަތަރު ދަމު ނިދަންއޮވެފައި ރޭގަނޑު ހަތަރު ދަމު ބޭރުގައި އުޅޭމީހަކު ފައިސާ ގެންގުޅޭތަން ފެނި ދާނިޔާ ސުވާލުކުރީ ފައިސާ ހޯދާ ގޮތަކާއި މެދުއެވެ. އެކަން ސާފުކޮށްނުދެވޭނަމަ އެފައިސާ ބޭނުން ނުކުރަން ދާނިޔާ ހުރީ އަޒުމްކަނޑައަޅައިގެންނެވެ. އޮފީސް ވަޒީފާއެއް ހޯދީ އަމިއްލަ އަށް ހޯދާ ފައިސާއިން ޚަރަދުކުރުމުން ހިތްހަމަޖެހޭތީއެވެ. އެއްދުވަހަކު އޮފީހުން އާއިރު ޒާން އޮތީ ހުމާއި ފިހި ފިހިއެވެ. ލީވާން އޮތީ ގަދަ ނިދީގައެވެ. ޒާން ދައްކަން ދާން އެދުމުން ލީވާންއަށް ލޯ ހުޅުވައިލެވޭކަމަކަށް ނުވިއެވެ.

ދާނިޔާ އެކަނި ޒާން ގޮވައިގެން ހޮސްޕިޓަލަށް ދިޔަ ވަގުތަކީ އެމްބިއުލެންސް އިން އޭނާގެ ބައްޕަ ފޭބި ވަގުތެވެ. މަންމަ ހާލުބޮޑުވެގެން ގެނައި ވަގުތެވެ. މަންމަގެ ބަލި ހާލަތުގެ ސަބަބަކީ ދާނިޔާއެވެ. ދާނިޔާ ދަތިހާލުގައި އުޅޭކަން އެނގުމާއި އެކު އެ މަންމަގެ ފިކުރުކުރުން ގިނަވިއެވެ. އަދި ދާނިޔާއަށް ގުޅޭނެ ގޮތެއް ނެތުމުން އެކަމާއި ވިސްނާ ހާލު ގޯސްވަމުން ދިޔައެވެ. ދާނިޔާ ފެނިފައި ބައްޕަގެ މޫނުމަތިން ހިތްދަތިކަން ފެނުނެވެ. ބައްޕަ އާއި ވާހަކަ ނުދައްކާތާ ތިން އަހަރު ފާއިތުވާއިރު މަންމަ އާއި ވާހަކަ ނުދެއްކޭތާ ދެ އަހަރުވަނީއެވެ. ލީވާން އޭނާގެ ފޯނު ހަލާކުކޮށްލިފަހުން މަންމަ އާއި ވާހަކަ ނުދައްކައެވެ. ފަހުން މަންމަގެ ނަންބަރު ހޯދައިގެން ނުގުޅީ ލީވާންގެ އަނިޔާތަކަށް ކުރިމަތިނުލެވޭނެތީއެވެ.

"ލީވާން ކައިރިން ވަރިވެގެން އާދޭ ރަށަށް، ކުދިންވެސް ބަލާނަން، ދާނިޔާ އަމިއްލަ އަތުން ފުރުޞަތު ނަގާލައިފިނަމަ މިއަދަށްފަހު ދާނިޔާގެ މައިންބަފައިން ދެން ނުތިބޭނެ،" ބައްޕަ އާއި ވާހަކަ ދައްކަން ފެށުމުން ބައްޕަ އެދުނީ ލީވާންގެ ކައިރިން ނިކުތުމަށެވެ.

ބައްޕަ އާއި އެކު ރަށަށް ދާން ބޭނުންވިއެވެ. ގެއަށް އައިސް ދާނިޔާ ތައްޔާރުވީ ދަބަހަށް އެއްޗެހި އަޅައި ފިލާށެވެ. ލީވާން ހޭލުމުގެކުރިން އެ ކޮޓަރިން ނިކުމެވޭތޯއެވެ. ދަބަސް ތައްޔާރުކޮށްފައި އެނބުރުނު އިރު ދާނިޔާއަށް ހީވީ އޭނާގެ ކަރުގައި ތޫނު އެއްޗެއް ޖެއްސިހެންނެވެ. އޭނާގެ ކުރިމަތީ ލީވާން ހުރީ ވަޅިއެއް ހިފައިގެންނެވެ. ދާނިޔާ އާއި ދިމާލަށް ދިއްކުރި ވަޅި އިރުކޮޅެއްގެ ތެރޭ އަނބުރައިލީ ޒާންއާ ދިމާލަށެވެ.

"އަހަރެންގެ ދަރިން ބަހައްޓާފައި ދޭ، ދާނިޔާއަށް އެކަނި ދިއުމުގެ ހުއްދަ އެބައޮތް، ވަރިވެސް ކޮށްދީފާނަން،" ލީވާން އެދުނީ ދާނިޔާގެ ހަށިގަނޑާއި ފުރާނަ ވަކިކުރުން ފަދަ ޝަރުތަކަށެވެ. ކުދިންނާއި ވަކިވާން ބުނި ބުނުމުން އެކަނިވެސް ދާނިޔާގެ ހިތަށް ކެއްނުކުރެވޭވަރުގެ ތަކުލީފް ލިބިގެން ދިޔައެވެ.

ދާނިޔާގެ އިންތިޒާރުގައި ބައްޕަ އިންނާނެކަންވެސް އެނގެއެވެ. ދާނިޔާގެ ހިތްވަރު އެލި އަލުން ލީވާން އާއި އެކު އުޅެން އެއްބަސްވީ ލީވާންގެ ފަރާތުން ކުދިންނަށް ލިބިދާނެ އަނިޔާއަކަށް ކެއްކުރަމުންނެވެ. ދާނިޔާގެ ފޯނުން ސިމް ނަގައި ލީވާން އެއްލައިލީ ބައްޕަ އާއި ގުޅާފާނެތީއެވެ. އަނެއްކާވެސް ކޮޓަރި ތެރޭ ދާނިޔާ ބަންދުވިއެވެ. އޮފީހަށް ދިއުމުގެ ހުއްދަވެސް ނުދިނެވެ. ކޮޓަރީގެ ދޮރު ހުޅުވައި ލެއްޕެނީ ލީވާންއަށް އެކަންޏެވެ. ތަޅުދަނޑި އޮންނަނީ ލީވާންގެ އަތުގައެވެ. އުމުރު ދުވަހަށް ލީވާންގެ ވަކިތަކުގައި ތާށިވިކަން އެނގުމުން ދާނިޔާ އިނީ ގޮތް ހުސްވެފައެވެ. އެއްކޮޓަރި ތެރޭ އަބަދު ތިބެންޖެހުމުން ޒާންގެ ހާލަތު ދިޔައީ ގޯސްވަމުންނެވެ.

ކުއްލިއަކަށް ކުރިމައްޗަށް ކާރެއް ހުއްޓުމުން ދާނިޔާ ސިހިފައި ބުރެކި ޖައްސާލެވުނެވެ. ސައިކަލު ގޮސް ކާރުގެ ހެޑްލައިޓްގައި ޖެހި ހުއްޓުނެވެ. ބިއްލޫރިތައް ތަޅައިގެން ދިޔަ އަޑާއި ދާނިޔާގެ ހަޅޭކުގެ އަޑު އައީ އެކީގައެވެ. އަނިޔާއެއް ނުލިބި އެވަރުން ސަލާމަތްވީ ކާރު ދުއްވި މީހާގެ ރަނގަޅުކަމުންނެވެ. ކާރުން ފައިބާފައި އެމީހާ ހަޅެއްލަވައިގަތެވެ. މަގުމައްޗަށް މީހުން އެއްވާންފެށިއެވެ. ދެލޯ ފޮހެލާފައި ދާނިޔާ ސައިކަލުން ފޭބިއެވެ. އެމީހާ ބުނި އަގެއް ސަލާމަތްވެވިއްޖެއެވެ. އާދެވިފައިހުރ ހިސާބު ފެނުމުން ދާނިޔާ ހައިރާންވިއެވެ. އޮފީހާއި ދިމާލަށް ދާން އުޅުނު މީހާއަށް އާދެވިފައި މިހުރީ އޮފީހާއި ދުރަށެވެ. ވަރަށް ދުރަށެވެ.

އޮފީހަށް ދިއުމުގެ ބަދަލުގައި ދާނިޔާ އައީ ގެއަށެވެ. މިއަދު އިތުރު މަސައްކަތެއް ކުރެވޭވަރަށްވުރެ އޭނާގެ ތަބީއަތް ގޯހެވެ. އޮފީހަށް ގުޅާފައި ސަލާމް ހައްދާފައި ދާނިޔާ މަޑުކުރި ގޭގައެވެ. ކުދިން ބަލާ ސްކޫލު ދޮށަށް ދިއުމުގެކރިން ހަމަޖެހިލަން ބޭނުންވިއެވެ. ބަދިގެއަށް ވަދެ ކޮފީއެއް ގިރައިގެން ނިކުންތަނާއި ގޭގެ ދޮރުގައި ޓަކިދިން އަޑު އިވުނެވެ.

ކާކުބާއޭ ހިތަށް އަރައި ދޮރާއި ދިމާލަށް ދާން ޖެހިލުންވެފައި ހުރެވުނެވެ. އޭގެފަހުން އެ އަޑު ކެނޑުމުން ދާނިޔާ އައިސް އިށީނީ ސޯފާގައެވެ. ފޯނަށް މެސެޖެއް އައސްގެން ބަލާލިއިރު އެއީ އަޔާމީންގެ މެސެޖެކެވެ. ދޮރުގައި ޓަކިދިނީ އަޔާމީންއަށް އެނގުމުން ދާނިޔާގެ މޫނުމައްޗަށް ކޮންމެވެސްވަރެއްގެ އުފާވެރިކަމެއް ވެރިވިއެވެ.

"އަހަރެން ހީކުރީ ދެން މިގެއަށް ވަނުމުގެ ހުއްދަ ނެތީކަމަށް." ދޮރު ހުޅުވައިދިނުމުން އަޔާމީން ބުނެލިއެވެ. ދާނިޔާ ނޫނެކޭ ބުނުމުން ހިނިއައިސް ހުރެ އަޔާމީން އެތެރެއަށް ވަނެވެ. ދާނިޔާގެ ކުރިމަތިން ހުރަސްކޮށްލިއިރު ސެންޓުގެ މީރު ވަސް ނޭފަތުގައި ޖެހުނެވެ. އަޔާމީން ވަނުމުން ގޭގެ ދޮރު ލައްޕާފައި އެނބުރުނުއިރު އަޔާމީން ހުރީ އަތުގައި އޮތް ކޮތަޅު ދިއްކޮށްލައިގެންނެވެ.

"މިއީ ދެކުދިންނަށް އިނގޭ." ބޭރު ނުފެންނަ ކޮތަޅުގަނޑު ދެމުން އަޔާމީން ބުނެލިއެވެ. އޭގައި ހިފާ އެތެރެ ބަލާލިއިރު ހުރީ މެޓާކޮޅަކާއި ޗޮކްލެޓްކޮޅެކެވެ.

"ޒާން ވަރަށް ލައިކުވާނެ ." އަޔާމީން އެބުނީ ތެދެކެވެ. އަޔާމީން ގެނެސްދޭތީ ޒާން ކާންފެށި ނަމަވެސް ފަހުން ޒާންއަށް އެންމެ ކަމުދާ ވައްތަރުކަން ދާނިޔާއަށްވެސް ފާހަގަވިއެވެ.

"ކުއްލިއަކަށް ޚިޔާލު ބަދަލުވީތަ؟" އަޔާމީން ކައިރީ އިށީންނަން ބުނެފައި ދާނިޔާ އަހާލިއެވެ. އެސުވާލަށް ޖަވާބުދޭން ވަގުތުކޮޅެއް ނެގިއެވެ.

"އެއީ އައިސް ހުރި ރުޅީގައި ނިންމުނު ގޮތެއް، ފަހުން ރިންޒީވެސް ބުނެފި ކޯސް ނިންމާފައި އަންނާށޭ، ރަށަށް ދާނީ މަންމަ އާއި ރިންޒީ، ދެން އަޒާން. އެކަމަކު ދެދުވަހަކަށް އެމީހުން ތިބޭނެ. މަންމަގެ ނަންބަރު އައިނު އާކޮށްލއިގެން އަދި ދެވޭނި އެހެންވެ، ދެން އަހަރެންނަށް ކޮޓަރި ނުބަހައްޓާ އެހެން މީހަކަށް ދިނަސް އެންމެ ރަނގަޅު، ހަފްތާއަކަށް އަހަރެން ހުންނާނީ މިހާރު މިހުރި ތަނުގައި، " ވާހަކަ ދައްކަމުން އަޔާމީން ވޮލެޓް ނަގައި ގޭގެ އަގު އަދާކުރިއެވެ. ދާނިޔާ ގުނާލާފައި އޭގެން އެއްބައި ވަކިކޮށްލިއެވެ. "މިބައި ބާއްވާ، އަޔާމީން ނުހުންނަ ދުވަސްތަކުގެ އަގު އަހަރެން ބޭނުމެއް ނޫން." ދާނިޔާ ދިއްކުރި ފައިސާގައި ނުހިފަން އަޔާމީން އުޅުނެވެ.

"އެކުވެރިކަމުގެ އަގު އަދާކުރަންޏާއި އެގޮތް އަހަންނަށް ކަމަކުނުދޭ." ދާނިޔާ އިތުރުކޮށްލިއެވެ. އަޔާމީން ހީލާފައި އެބައިގައި ހިފިއެވެ. ދާނިޔާ ކޮފީއެއް ބޯނަންހޭ އެހުމުން އަޔާމީން އެއްބަސްވިއެވެ. ބަދިގެއަށް އެނބުރި ގޮސް ދާނިޔާ އައީ ކޮފީތައްޓެއް ހިފައިގެންނެވެ.

"ހުރިހާ ކަމެއް ރަނގަޅުތަ؟" އަޔާމީން ޚިޔާލަކަށް ގެއްލިފައި އިންދާ ފެނި ދާނިޔާ އަތުން ހަނާއަޅާލައި ސަމާލުކަން ހޯދުމަށްފަހު އަހާލިއެވެ. "ދެން ރަނގަޅުވާނެކަމަށް މިބަލަނީ." ކޮފީތަށީގައި ހިފަމުން އަޔާމީން ބުނެލިއެވެ. އުއްމީދު ކުޑަގޮތަކަށް އެހެން ބުނީތީ ދާނިޔާ އަށް އިނދެވުނީ އިތުރު އެއްޗެއް ބުނޭތޯއެވެ.

"އަޒާން ނެތްނަމަ އަހަރެން ރިންޒީއަށް އެއްވެސް ފުރުޞަތެއް ނުދޭނަން." އަޔާމީން ބުނެލިއެވެ. އެކުވެރިކަމުގެ ނަމުގައިތިބި ދެމީހުންނަށް އެކަކު އަނެކަކާއި ބެހޭގޮތުން އެނގެނީ މަދު މައުލޫމާތެކެވެ. ލޮލަށް ފެނުނު ހިތްދަތި ދެތިން މަންޒަރު ފިޔަވައި ދެމީހުންގެ ވާހަކަ އޮތީ އަދިވެސް ސިއްރެއްގެ ގޮތުގައެވެ.

"ދިރިއުޅުމުގެ ކަންކަން ނިންމުމަކީ ވަރަށް އުދަނގޫކަމެއް. އެއީ ކިޔައިދެންވެއްޖެ ނަމަ ވަކިން އުދަނގޫކަމެއް،" ދާނިޔާ ހާމަކުރިއެވެ. އެވާހަކައަށް އަޔާމީން އެއްބަހެވެ. ފިރިހެނަކަށްވިއަސް އަމިއްލަ ޒާތީ ކަންތައް ހިއްސާކުރުމުގެ ބަދަލުގައި ފަސޭހައީ ސިއްރުކުރާށެވެ. އެންމެ ފަސޭހައީ ކެތްތެރިވާށެވެ.

"މަންމަގެ ސުވާލުތަކުން އުދަނގޫވެފައިތަ ތި އިންނަނީ؟ ދާނިޔާ ނުގެންނަން އަހަރެން ވަރަށް ބަހަނާ ދެއްކިން، އެކަމަކު ރިންޒީ ބުނެގެންނާއި އެކު ގުޅަންޖެހުނީ، " ދާނިޔާ ގިނަވަގުތު އިސްޖަހައިގެން އިންނަތަން ފެނިފައި އަޔާމީން އަހާލިއެވެ.

"ނޫން، މަންމަ ވަރަށް ހިތްވަރުދިން، " ދާނިޔާ ކުރު ޖަވާބެއް ދީފައި ކޮފީ ތަށިން ކޯވަރެއް ބޯލިއެވެ. "އަހަރެން ހީކުރީ މޫޑް ގޯސްވެފައިހުރީ އެހެންވެކަމަށް." އަޔާމީންގެ މޫނަށް ދާނިޔާއަށް ބަލާލެވުނެވެ. އޭނާގެ މޫނުމަތިން ދެރަވެފައިކަން އެނގުނީތީ ކަންބޮޑުވިއެވެ. ލީވާންގެ ކަންތަކާއި ހެދި ދާނިޔާ މާބޮޑަށް ތަބީއަތް ގޯސްވެއްޖެއެވެ.

"ނޫން، " ސަބަބު ބުނަން ބޭނުންނުވާތީ ދާނިޔާ ތަފްސީލެއް ނުދެއެވެ. އެކަމަކު އަޔާމީން އިނީ އެވާހަކަ އަހާހިތުންނެވެ. ސުވާލުކުރަން ނުކެރުނީ ދާނިޔާއަށް އުދަނގޫވެދާނެތީއެވެ، ބަދަހިވަމުން އަންނަ އެކުވެރިކަން ހުއްޓިދާނެކަމުގެ ބިރުވެސް އޮތީމައެވެ. އެކަނިވެރިކަމާއި އެކު ފެންނާތީ އާއިލާ އާއި ގުޅޭގޮތުން ސުވާލުކުރަން ބޭނުންވެއެވެ.

"ދާނިޔާ ބުނާ ކޮންމެ ވާހަކައެއް އޮންނާނީ ސިއްރެއްގެ ގޮތުގައި އިނގޭ، "އަޔާމީން އޯގާތެރިކަމާއި އެކު ބުނެލިއެވެ. އަޔާމީންގެ ލޮލަށް ބަލާލެވުނުއިރު ދެލޮލުންވެސް ހީވީ އެވާހަކައަށް ހެކިވާހެންނެވެ. ދާނިޔާ ބޯޖަހާލިއެވެ. ކުރިންވެސް ބުނިހެން ހިއްސާކުރުމަކީ އެންމެ އުދަނގޫ އެއްކަމެވެ.

"ސޭމް ހިޔަރ." ދާނިޔާ އަވަހަށް ބުނެލިއެވެ.

އަޔާމީން ދައްކާ ވާހަކަ އަޑުއަހަން ޝައުޤުވެރިކަން ހުރިކަން ހާމަކުރުމުން އަޔާމީންވެސް ފަސްޖެހެވުނެވެ. ދާނިޔާ އާއި ހިއްސާކުރަން ވަކި ޚާއްސަކަމެއް ނެތެވެ. މިހާރު ދާނިޔާއަށް ހުންނާނީ ހުރިހާ ރިހުމެއް ފެނިފައިކަން ޔަޤީނެވެ. އަޔާމީން ހީކުރާ ގޮތުގައި އޭނާ ދަތުރުކުރަމުންދަނީ އަމާން މަންޒިލަކަށެވެ. ރިންޒީގެ ފަރާތުން އޭނާ ދެރަވާވަރުގެ ކަމެއް ދެން ދިމަލެއް ނުވާނެއެވެ. "ކިޔައިދެން ބޭނުންވާ ކިތަންމެ އެއްޗެއް އެބަހުރި، އެކަމަކު ކިޔައިދިނުމަކުން ނެތް ކުރާނެ ފައިދާއެއް، ހިތަށް އަރާ ކީއްވެބާއޭ އަޔާމީން އަހަންނާއި މެދު ވިސްނަނީ، އެއްވެސް ފިރިހެނަކު އަހަންނާއި އެދުމެއް ނެތި އަނގައަކުން ނުބުނޭ، އަހަރެން ހުސްކޮށް ހުރިކަން އެނގުމާއި އެކު ކޮންމެ މީހަކުވެސް ބަލަނީ އަހަރެންގެ ފަރާތުން ފައިދާއެއް ނެގޭތޯ." ދާނިޔާ ހިތަށް އެރިއެވެ. ސިއްރުން އަޔާމީންގެ މޫނަށް ބަލާލާފައި އެހާމެ އަވަހަށް އިސްޖަހާލައެވެ.

"މި ގުޅުމަށް އެކުވެރިކަން ނޫން ނަމެއް ދޭކަށް ބޭނުމެއް ނޫން، އަހަރެންގެ ހިތަށް މި ވަންނަނީ ކޮންކަހަލަ ޚިޔާލުތަކެއްތަ؟ ދާނިޔާ އާއިމެދު ފިކުރުކުރެވޭލެއް ގިނަވެއްޖެ، މިގެއިން ދާން ބޭނުން ނުވާހެން ހީވަނީ، ނޭނގެ ކީއްވެކަމެއް؟ އަޒާންއަށްވުރެ ޒޯހާ އާއި ޒާން ދެކެ ލޯބިވާހެންވެސް ހީވޭ، " ކޮފީތައްޓަށް ބަލަހައްޓައިގެން އިން އަޔާމީންގެ ހިތުގައިވީ އޭނާ ދުލުން ދުވަހަކުވެސް ބޭރުކުރަން ބޭނުން ނުވާ ފަދަ ޚިޔާލުތަކެކެވެ. އަމިއްލަ ހިތާއި މެދު ކަންބޮޑުވިއެވެ.

ސްކޫލު ދޮށުން ކުދިން ނެރޭ ގަޑި ޖެހުނުއިރު އެދެމެދުގައި މާގިނަ ވާހަކަތަކެއް ނުދެކެވުނެވެ. ގިނަވަގުތު ތިބެވުނީ ބަހެއް ނުބުނެއެވެ. ނިކުންނަމުން ބުނެވުނުހާވެސް އެއްޗަކީ އެއްހަފްތާ އަށް މަޑުކުރާއިރު ވީހާވެސް ގިނައިން އެގެއަށް އައުމަށެވެ.

***

ސްކޫލުގެ އިވެންޓް އޮތް ދުވަހަކީ ދާނިޔާއަށް ނުތަނަވަސްކަން ލިބުނު ދުވަހެވެ. ޕްރޮގްރާމްތަކާއިބެހޭ މައުލޫމާތު ޒޯހާއަށް އެނގިފައިނުވިއަސް އެތަނަށް ދިއުމަށްފަހު ޒޯހާ ދެރަވާނެކަން އެނގެއެވެ. އެހެންކުދިންގެ މައިންބަފައިން އެކުގައި ތިބޭތަން ފެނި ޒޯހާ ޝަކުވާނުކޮށްފިއްޔާވީއެވެ. އިވެންޓަށް ނުގޮސް ގޭގައި ހުންނަންވެސް ހިތަށް އެރިއެވެ.

ޒޯހާ އާއި ޒާން އެއްކުލައިން ލައްވާފައި ދާނިޔާވެސް ހުރީ އެކުލައިގެ ކުރުތާ އަކާއި ޖިންސެއްލައިގެންނެވެ. ޒޯހާގެ ސްކޫލަށް ދެވޭތީ ޒާން ހުރީ އުފަލުންނެވެ. ގޭޓުންފެށިގެން މުޅި ހޯލްތެރެ އެއްކުލަ ކޮށްލާފައި ވާއިރު ސްކޫލު ކުލައިގެ ހަންތަކާއި ރިބަންތަކުން ވަނީ ޖަރީކޮށްފައެވެ. އެކި ސްޓޯލްތަކުގައި ކުޅިވަރުތައް ހުރިއިރު އާއިލާ އެކުގައި ކުޅެވޭކުޅިވަރުތައް ގިނައެވެ.

ދާނިޔާ ހުރީ ޒާން އުރާލައިގެންނެވެ. ޒޯހާ ހޯދަމުން ދިޔައީ ބައިވެރިވެވޭނެ ކުޅިވަރެކެވެ. ޒާން ދާނިޔާގެ ކޮނޑުގައި މޫނު ޖައްސާލުމުން ދާނިޔާ އަހައިލީ ކިހިނެއްވީތޯއެވެ. މީހުން ގިނަ ތަންތަނުގައި ޒާން އުޅޭނީ ބިރުންނެވެ. އަޑުގަދަނަމަ ދާނިޔާގެ އުރުން ނުވެސް ފައިބާނެއެވެ. ކުކުރާލަމުން ޒާން އަތްދިއްކޮށްލިއެވެ. އެ އިޝާރާތާއި އެކު ދާނިޔާ ބަލާލިއިރު ފެނުނީ އެދިމާލަށް ބަލަން ހުރި ލީވާން އެވެ. ދާނިޔާ ހައިރާންވީ ޒޯހާ އުރާލައިގެން ހުރިތަން ފެނިފައެވެ. ޒޯހާއަށް ކަމުދާ ސްޓޯލެއް ހޯދަމުން ގޮސް ލީވާން ހަނާ އަޅައިލީ ފޮޓޯނަގައިދޭން ހުރި މީހާއަށެވެ. ސެލްފީ ބޯޑު ގެނެސް ޒޯހާއަށް ދީފައި ލީވާން އައިސް ހުއްދައަށް އެދުނީ ހަތަރު މީހުން އެކުގައި ފޮޓޯއެއް ނެގިދާނެތޯއެވެ.

"ޕްލީޒް މަންމާ" ޒޯހާ އެދުމަށް ދާނިޔާ މިފަހަރު ދެކޮޅެއް ނުހެދިއެވެ. މިފަދަ ދުވަހެއް އަހަރު ދުވަހުން އަންނާނީ އެންމެ ފަހަރަކު ކަންނޭނގެއެވެ. ޒާން އުރާލައިގެން ދާނިޔާ ހުއްޓުނީ ލީވާންގެ ކައިރީގައެވެ. ފޮޓޯނަގަން ހުރި މީހާ ކެމެރާ ކައިރިކޮށްލާފައި ބަލާލިއެވެ. އަތުގެ އިޝާރާތުން އެދުނީ ލީވާން އާއި ދާނިޔާ ހުއްޓިގެން ހުރި ދުރުމިން އަދިވެސް ކުޑަކުރުމަށެވެ. ލީވާން އެއްއަތުން ދާނިޔާގެ ކޮނޑުގައި ހިފަހައްޓާލާ ކައިރިއަށް ދަމާލިއެވެ. ޒާން ހައިރާންވެފައި ދާނިޔާގެ މޫނަށް ބަލާލިއެވެ. ކެމެރާ ފެނުމުން ޒާން ބޯ ހިއްލާލާ އެކަމަށް ގަޔާވިހެން ހީވެއެވެ.

"ޗީޒް" ޒޯހާ ނިކަން ބާރަށް އެހެން ބުނުމުން ދާނިޔާގެ ގާތަށް ހިނި އައެވެ. ލީވާން ދާނިޔާގެ މޫނަށް ހިނި އައިސް ހުރެ ބަލާލިތަން ދާނިޔާއަށް ފެނުނެވެ. ދާނިޔާގެ މޫނަށް ބަލަން އިން ޒާންވެސް ހީލިއެވެ. ފޮޓޯގައި ނަމަ އެއީ އުފާވެރި އާއިލާއެކެވެ.

"ކިހާވަރެއް؟" ކެމެރާ ހިފައިގެން ހުރި މީހާ ކައިރީ ލީވާން އަހައިލީ ކެމެރާގެ އަލި ކެނޑުނުވަގުތެވެ. ފަނަރަ ރުފިޔާއަށްކަމަށް ބުނެފައި އެމީހާ ބުނެލީ ގަޑިއިރެއްހާއިރު ތެރޭ ފޮޓޯ ލިބޭނެކަމަށެވެ. އެވަގުތު ތެރޭ އެކި ސްޓޯލްތަކަށް ޒޯހާ އާއި އެކު ގޮސް ވަގުތު ދޔަގޮތްވެސް ނޭނގެއެވެ.

އިވެންޓް ނިމި ގެއަށް ދާންވީއިރަށް ލީވާން އައީ ފޮޓޯ ހިފައިގެންނެވެ، އިރުއޮއްސޭތީ ދާނިޔާ އެރީ ޓެކްސީއަކަށެވެ. ޒޯހާ އަތަށް ފޮޓޯ ދީފައި ލީވާން ދާން ހިނގައިގަތުމުން ދާނިޔާ ގޮވާލިއެވެ. އައީތީ ޝުކުރު އަދާކުރުމުން އޭގެ ރައްދު ނުދީ ލީވާން ހިނގައިގަތެވެ. ޓެކްސީއަށް އަރާފައި ސިޓީއުރަ ތެރެ ޒޯހާ ބަލައިލިއެވެ.

"މިފޮޓޯ މި އިނީ ވީދައިގެން ގޮސް" ފޮޓޯ ދައްކަމުން ޒޯހާ ބުނެލިއެވެ. ތަސްވީރުގައި ލީވާން އިން ބައި ވަނީ އިރާލާފައެވެ. ފެންނަން ހުރީ ތިންމައިންނެވެ. "ލީވާން، ތިހެން ކަންތައްކުރުމުގެ ބޭނުމަކީ ކޮބާ؟" ދާނިޔާ ހިތާއި ހިތުން އަހާލެވުނެވެ. -- ނުނިމޭ --

ދިގު ވާހަކަ

Popular