23 Jul 2019

މި ދެ ހިތް ގުޅުނޭ

މިފަހަރު ދާނިޔާއަށް އެނދުން ވެސް ތެދުވެވުނެވެ.

"ކީކޭ؟" އަޔާމީންގެ ދުލުން ދެވަނަ ފަހަރަށް އެ ބަސް ތަކުރާރުކޮށް އަހާލަން ހިތް އެދުނެވެ. މި ދަންވަރު އޭނާއަށް ގުޅާފައި ސަމާސާއެއް ކުރަނީބާއޭވެސް ހިތަށް އެރިއެވެ. އެކަމަކު ސަމާސާގެ އަސަރެއް ނެތެވެ. އަޔާމީންގެ ހިތް އޮތް ގޮތް އެނގުމުން ދާނިޔާ ވާންވީ އުފާނޫންހޭ ހިތަށް އެރިއެވެ.

"ދާނިޔާ" އަޔާމީން ގޮވާލިއެވެ. މަޑުމަޑުން ހޫމް އެއް ލައްވާލިއިރު ދާނިޔާއަށް ހުރެވުނީ ހިނިތުންވެލައިގެންނެވެ. "އަހަންނަށް ދާނިޔާ ދެކެ ލޯބިވެވިއްޖެ، ރިންޒީ ބަލައިގަންނަން އުދަނގޫވެގެން މިއުޅެނީ އެހެންވެކަން ޔަޤީން، ދާނިޔާ ފަރާތުން ފެނުނު ކޮންމެ ރީތި ސިފައަކީ އަހަރެން ގަޔާވާ ސިފައެއް، މިހެންވެސް ބުނަން ބޭނުންވަނީ ދާނިޔާގެ ކުރިމަތީ ހުރެ، އަހަރެން ބޭނުން ދާނިޔާ ބުނަނީ ކީކޭތޯ ބަލަން، އަހަންނާއި މެދު ދާނިޔާ ދެކޭ ގޮތް އެނގެން އަހަރެން ބޭނުން. ހެވް ޔޫ އެވަރ ފެލްޓް ސޭމް؟ " އަޔާމީން އަހާލިއެވެ. އެއަޑުގައި ހިސާބެއްގެ މާޔޫސްކަން އެކުލެވިފައި ވެއެވެ. އޭނާ ކަންބޮޑުވީ ކަންނޭނގެއެވެ.

އަޔާމީން ހަޤީޤަތުގައިވެސް ކަންބޮޑުވިއެވެ. އަދި ދާނިޔާ ވިސްނަން ނެގި ކޮންމެ ސިކުންތެއްގެ ސަބަބުން ހިތް ނުތަނަވަސްކަން ވީ އިތުރެވެ. މީހުން ބުނެއެވެ. ގިނަ އެކުވެރިކަމުގެ ގުޅުންތައް ކެނޑެނީ އެއްފަރާތުން ޚިޔާނަތްތެރިވެގެންނެވެ. ކޮންމެވެސް އެއް ހިތެއްގައި އިޝްޤީ ޖަޒްބާތުތައް އުފެދެން ފަށާތީއެވެ. އެހާ ހިސާބުން އެ ގުޅުން ނިމިދަނީއެވެ. އެހެންވެދާނެ ކަމުގެ ބިރު އަޔާމީންގެ ހިތުގައި އުފެދުނީ އެވަގުތެވެ.

ފޯނު ކަންފަތުން ތިރިކޮށްލައިގެން ދާނިޔާ އަނެއްކާވެސް އެނދުގައި އިށީނެވެ. އަޔާމީންގެ ހިތުގައި އޭނާއަށް މަޤާމެއް ހުސްވުމުގެ މާކުރިން އޭނާގެ ހިތްވީ އަޔާމީންއަށް ދެވިފައެވެ. އެކުވެރިކަން ޤަބޫލުކުރީ އިސްވެ އެވާހަކަ ބުނަން ޖެހިލުންވި ވަރުންނެވެ. އެކުވެރިއެއްގެ ހައިސިއްޔަތުގައި ވިއަސް އެންމެ ދެކެން ބޭނުންވާ ސޫރަ ފެނުމުގެ ނަޞީބު ލިބޭނެތީ އެ ގުޅުން ޤަބޫލުކުރީއެވެ. އަޔާމީން ލޯބިވެދާނެކަމަށް އޭނާ ހިތް އެތައް ފަހަރަކު ދުޢާކުރިއެވެ. މިއީ އެ ނިކަމެތި ހިތުގެ ދުޢާ އިޖާބަކުރި ވަގުތެވެ.

އަޔާމީން ދެފަހަރަކު ދާނިޔާއަށް ގޮވާލިއެވެ. ޖަވާބެއް ނައެވެ. އުނގުތެރޭ ފޯނު ބާއްވައިގެން ދާނިޔާ އިނީ ވިސްނުމެއްގެ ތެރޭގައެވެ. ބަނަ ދުވަސްތައް ފާއިތުވެގެން ގޮސް އުފާވެރިކަން އަތުވެއްޖެކަމަށް އަމިއްލަ ނަފްސުވެސް ޤަބޫލުކޮށްފިއެވެ. އަޔާމީން އަކީ އޯގާތެރިކަމާއި ކެތްތެރިކަމުގެ ނަމޫނާ ފިރިހެނެކެވެ.

ފޯނު ނަގައި ކަންފަތުގައި ޖައްސާލައި ޖަވާބެއް ދޭން ދޫ ހަރަކާތްކޮށްލުމުން އަރުތެރެ ހިކިފައިހުރިވަރު އިޙްޞާސްވިއެވެ.

"އަޔާ،.." ނަންވެސް ފުރިހަމަ ނުކުރެވި ދާނިޔާގެ އަޑު ކެނޑުނެވެ. ހިތް އަވަސްވެފައި ހުރިވަރުން ބުނެދެން ބޭނުންވާ ހުރިހާ އެއްޗެއް ފުނިޖެހިގެން ދިޔައެވެ. ހިތުގެ ސިއްރު ހާމަކުރުމަކީ ދާނިޔާ ޚިޔާލުކުރިވަރަށްވުރެ އުދަނގޫކަމަކަށް ވިއެވެ. ބަސްތައް އަތުރައި ރާވާލާނެ ގޮތް ނޭނގި ސިކުނޑި ހީވީ ހުސްވެގެން ދިޔަހެންނެވެ.

ދާނިޔާގެ އަޑު އިވިފައި އަޔާމީންގެ ހިތަށް ބުނެދެން ނޭނގޭ ހިތްހަމަޖެހުމެއް ލިބިގެން ދިޔައެވެ. އޭނާގެ ނަން ކުރުކޮށްލާފައި ގޮވާލީ އެއްވެސް މީހަކު އޭނާއާ މެދު މުޚާތަބުނުކުރާ ލޯބިންކަން ހިތަށް އެރުމުން އުފާވެރިކަން އިތުރުވެގެން ދިޔައެވެ.

"ބުނެބަލަ؟" އަޔާމީންގެ އަޑުގައިވީ ލޯތްބެވެ. ދާނިޔާގެ ހިތް ނުތަނަވަސްކަންވެސް ހީވީ އަޔާމީންއަށް އެނގުނީހެންނެވެ. މީހުން ބުނެއެވެ. ލޯތްބަކީ ބުނުމަކާއި ނުލައި އިޙްސާސްތައް އެނގުމެވެ. އަންނަ ބަދަލުތައް ނަގައިގަނެވުނެވެ. ކެއްތެރިވެ އަޑު އެހުމެވެ.

"އަހަރެންވެސް." ދާނިޔާ ލަދުގަތެވެ. ޒުވާން އުމުރުގައި އެހާ ލަދުނުގަތެވެ. ލީވާން އާއި އެކު ލޯބީގެ ގުޅުން ފެށިގެން އާއިރު އެ އިޙްޞާސް ހިތުގައި ނުވެސް ނެތެވެ. ޖެހިލުންވުމެއް ނެތެވެ. މިހާރު ކީއްވެ ހެއްޔެވެ؟ ޖަވާބެއް ނެތް ސުވާލަކަށް ވިއަސް ދާނިޔާ އެހެން ހިތަށް އެރިއެވެ. އެންމެ ލަފްޒެއްވެސް އަޔާމީންއަށް ފުދުނެވެ. އިންކާރުކުރުމަކާއި ނުލައި އިއުތިރާޟް ވުމުން އޭނާއަށް އުފާވެރިކަމާއި ހިތްހަމަޖެހުން ލިބިއްޖެއެވެ. ދާނިޔާ ފެންނަ ހިސާބުގައި ހުރި ނަމަ އުފަލުން ގެނެސް މޭގައި ޖައްސާލެވުނީހެވެ. ނޫނީ ބޮސްދީ އުފާވެރިކަން އަންގައިދިނީހެވެ. ނަޞީބު ހަނިކަމުން މިވަގުތު ހުރެވުނީ އެތައް މޭލެއް ދުރުގައެވެ. ހަމައެކަނި ދެތަނެއްގައި ހުރިކަމެވެ.

ދެހިތް ވަނީ އެކުގައެވެ. ހުވަފެންތައްވަނީ ގުޅިފައެވެ. ދެމީހުންނަށް އެކުގައި ހީލެވުނެވެ. އެކަކު އަނެކަކުގެ އުފާވެރިކަން އަޑު އެހީ އެކުއެކީގައެވެ. ދެމީހުންގެ ލޯވެސް ކަރުނުން ވިދާލިއެވެ. އަނެއްކާވެސް އައީ ހިމޭން ވަގުތުތަކެކެވެ. އެއަށްފަހު ފޯނު ކުރުކޮށްލީއެވެ. ފޯނު މޭމަތީ ބޭއްވިގޮތަށް އަޔާމީން ދެލޯ މަރާލިއެވެ. ލިބުނު ހިތްހަމަޖެހުމާއި އެކު ނިދީގެ އަރާމުގެ ތެރެއަށް އޭނާ ގެނބިގެން ދިޔައެވެ.

ދާނިޔާއަށްވެސް ވީ އެވަރެވެ. ދެލޮލުގެ ކަރުނަ ނުހިކޭހާ އަވަހަށް ނިދިއްޖެއެވެ. ބޮލުން ބޮޑު ބުރައެއް ނެގިގެން ދިޔަހެން ހީވެއެވެ. ހިތަށް ހަމަޖެހުން ލިބިއްޖެއެވެ. އަޔާމީން ބުނީ ތެދެކެވެ. އެ ދެހިތް ވަނީ ގުޅިފައެވެ.

***

ހޭލެވުނީ ޒޯހާ ގޮވާތީއެވެ. ކައިރީގައި އޮތް ފޯނު އެލާމްވަނީއެވެ. އެނދުން ތެދުވުމުގެ ކުރިން އެލާމް ނިއްވާލައި ގަޑި ބަލާލިއެވެ. އަލިވިލެން ކައިރިވީއެވެ. އަވަހަށް ނަމާދުކޮށްލައި ޒޯހާ ނަމާދަށް އަރުވާފައި ވަނީ ސައި ތައްޔާރުކުރާށެވެ. ސްކޫލަށް ގެންދަން ތައްޔާރުކޮށްފައި ދާނިޔާ ތައްޔާރުވެގެން ނިކުން ވަގުތު ސޯފާގައި ހަމަޖެހިލައިގެން އިން ލީވާން ފެނި އޭނާ އަށް ހީވީ އުފާވެރިކަން ފިލައި ދިޔަހެންނެވެ. އެގޭތެރެއަށް ލީވާންއަށް ވަދެވޭނީ ޒޯހާ ހުޅުވައިދީގެންކަން ދާނިޔާއަށް އެނގެއެވެ. ލީވާން އިނީ އިސްޖަހައިގެންނެވެ. ދާނިޔާގެ ހިލަންވުމުން ތެދުވެފައި ކަރުކެހިލިއިރު ހީވީ ބޮޑު ވާހަކައެއް ބުނަން އަޑު ސާފުކޮށްލީހެންނެވެ.

ދެބުމަ ދޭތެރެއަށް ރޫކޮޅެއް ގިނަކޮށްލެވުނުގޮތަށް ދާނިޔާއަށް ހުރެވުނެވެ. ލީވާންގެ މޫނަށް ބަލާފައި ބުނަން އުޅޭ އެއްޗެއް ނަގައިގަނެވޭތޯ މަސައްކަތް ކުރެވުނެވެ.

"މިއަދު ކުދިން ސްކޫލަށް އަހަރެން ގެންދަންތަ؟" ލީވާން އަހާލިއެވެ.

އެއްބަސްވާން ދާނިޔާގެ ހިތް ދެކޮޅު ހެދިއެވެ. އެކަމަކު ޒޯހާގެ މޫނަށް ބަލާލިއިރު ޒޯހާ ހުރީ ލީވާންގެ އަތުގައި ހިފަހައްޓާލައިގެން ބައްޕައާ އެކު ދާހިތުންނެވެ. މިއީ ޒޯހާ ލީވާން އާއި އެކު ސްކޫލަށް ދާ ފުރަތަމަ ދުވަހަށްވާނެއެވެ.

"އެންމެ ރަނގަޅު" ދާނިޔާ އެއްބަސްވީ ޒޯހާއަށްޓަކައިއެވެ.

"ފަސްޓް އެންޑް ލާސްޓް" ޒޯހާއަށް ފަހުމް ނުވާނެކަމަށް ނިންމައި ދާނިޔާ އެހެން ބުނެލީ ނިކަން އަވަހަށެވެ. ލީވާންގެ ފަރާތުން ފެންނަ ކޮންމެ ރަނގަޅު ސިފައެއް ދާނިޔާ ދުށީ ދެއްކުންތެރިކަމުގެ ގޮތުގައެވެ. ލީވާން ސާބިތުކޮށްދެން ބޭނުންވަނީ އެމީހުންނަށްޓަކައި ލީވާން ބަދަލުވެދާނެކަމެވެ. ދުލުން ބުނާ ބަހުގައި އެއްވެސް ޔަޤީންކަމެއް ނޯންނާނެއޭ މީހުން ބުނާ އަޑު ދާނިޔާވެސް އަހައެވެ. މިފަހަރު އަމަލުން ފެނުމުންވެސް އެއީ ހަޤީޤަތްކަން ޤަބޫލުކުރަން ހިތް ދެކޮޅު ހަދާ ސަބަބުތައް އޭނާގެ އަތުގެ އިނގިލިތަކުންވެސް ގުނާހާ ގިނައެވެ.

ހައިރާންވެފައި ލީވާން އިރުކޮޅަކު ބަލަން ހުއްޓެވެ. ދާނިޔާގެ ޝަރުތާއި ދެކޮޅު ހަދަން ލީވާން ގަސްތުނުކުރާ ކަހަލައެވެ. ބޯޖަހާލުމަކުން އާއެނކޭ ބުނެފައި ޒޯހާގެ އަތުގައި ހިފައިގެން ހިނގައިގަތެވެ. ޒާން ގޮވައިގެން ދާނިޔާ ނިކުންއިރު ލީވާން ދަނީއެވެ.

***

އަޔާމީންގެ ކޮޓަރި ތެރޭ މަންމަ ޤަމަރު އިނެވެ. އެނދުމަތީ މަތިޖަހާފައި ހުރި ފޮއްޓަށް ޤަމަރު ބަލަން އިނެވެ. ޤަމަރު ކައިރީ އަޒާން ހުއްޓެވެ. އަޔާމީން ފޯނެއް ނިންމާފައި ހުއްޓުމުން ޤަމަރު ބަލައިލިއެވެ.

"ދަރިފުޅު އަދި އެއްފަހަރު ވިސްނާލުން ރަނގަޅުވާނެހެން މަންމައަށް ހީވަނީ. އަޒާން އާއި މެދު ވިސްނާފައިވެސް ތި ނިންމުން ބަދަލުކުރާނަމައޭ ހިތަށް އަރާ." ޤަމަރު ކަންބޮޑުވެފައި ބުނެލިއެވެ. އަޔާމީން އެނދުގައި އިށީނެވެ. މަންމަގެ އަތްތިލައިގައި ހިފާލިއެވެ. މަންމައަށް ވިސްނައިދޭން އޭނާ ބޭނުންވީ އޯގާތެރިކަމާއި އެކުގައެވެ. އަޔާމީންގެ ސަބަބުން މަންމަ ހިތާމަކުރަން އަޔާމީން ނޭދޭތީއެވެ.

"އެގޮތަށް ވިސްނީތީ އަހަންނަށް ހަމަޖެހުން ނުލިބި ހޭދަވި ހަތަރު ފަސް އަހަރު މިދިޔައީ، މަންމާ، ރިންޒީ އަކީ ނިމިދިޔަ ކަމެއް، ރިންޒީ ކައިރީ ބުނެދީ އިއްދަ ނިމެންދެން މިގޭގައި މަޑުކުރެވިދާނެކަން، ޚަރަދު ކުރާނަން އަހަރެން، އެކަމަކު ރިންޒީ ދިއުމަކުން އަހަރެން މައްސަލައެއް ނެތް" އަޔާމީން ބުނެލިއެވެ. އަޔާމީންގެ އަތަށް ފިއްތާލާފައި ޤަމަރު އިނީ މަޑުންނެވެ. އުމުރު ދޮށިވެ މުސްކުޅިވެފައިވިއަސް ދަރިންގެ ކަންތަކުގައި އެ މަންމަ ވަރުބަލިވިތަނެއް އަޔާމީން ނުދެކެއެވެ. އެކަމަކު އިތުރަށް ދެން މަންމައަށް ބުރަވިޔަ ދޭން އޭނާ ބޭނުމެއް ނޫނެވެ.

"މަންމަ ކަންބޮޑުވަނީ ރިންޒީ އާއި ދޭތެރެއަކު ނޫނޭ، އަޔާމީން އަޒާން ގޮވައިގެން ދާތީ، މަންމަ ކައިރީ އެކުއްޖާ ބަހައްޓަންވީނު، ދަރިފުޅަށް ކިހިނެއްތަ އެކުއްޖާ ބެލޭނި؟" ޤަމަރު ބުނެލިއެވެ. އެދެމައިންގެ ވާހަކަ އަޑުއަހަން ހުރި އަޒާން ފަހަރަކު މީހެއްގެ މޫނަށް ބަލަމުން ދިޔައިރު ހީވަނީ އެކަންތައް އޭނާއަށްވެސް އެނގެން ބޭނުންވާހެންނެވެ. ވާހަކަ ދައްކާ އުމުރަށް އެޅިފައިވިއަސް އަޒާންއަށް ޖުމްލައެއްގެ މިންވަރުވެސް ބުނަން ނޭނގެއެވެ.،

"އަޒާން ބެލޭނެ ވަރުގެ މީހެއްގެ ކައިރިއަށް މިދަނީ، މަންމަ ކަންބޮޑުނުވޭ، މަންމަ ހީނުކުރާ ކަހަލަ ޚަބަރެއް ވަރަށް އަވަހަށް އިވޭނެ" އަޔާމީން ބުނެލިއެވެ. އަޔާމީންގެ މޫނަށް ޤަމަރު ހައިރާންވެ ބަލާލިއެވެ. މާނަ ތިލަ ނުވިއަސް އޭނާގެ ތަޖުރިބާ ގިނަ ސިކުނޑިއަށް ނަގައިގަނެވުނެވެ.

މީހެއްގެ ހިޔަނިވިހެން ބަލާލިއިރު ދޮރުމަތީ ހުރީ ރިންޒީއެވެ. ޤަމަރު ތެދުވެ ނިކުންނަން ހިނގައިގަތެވެ. ރިންޒީ އެތެރެއަށް ވަންނަމުން އަޔާމީންގެ މޫނަށް ބަލައިލިއެވެ. އަޔާމީން ފުރައިގެން ދާން އުޅޭކަން އެނގުނީ ފޮށި ފެނިފައެވެ.

"ފުރަނީތަ؟" އަޔާމީން ކުރެ އަހާލިއެވެ.

"އަޒާންވެސް ގޮވައިގެން." އަޔާމީން ދިން ޖަވާބާއި އެކު ރިންޒީގެ ދެލޯ ބޮޑުވެގެން ދިޔަތަން އަޔާމީންއަށް ފެނުނެވެ. ރިންޒީ އެވަރަށް ކަންބޮޑުވާންވީ ސަބަބެއް ނެތެވެ.

"އަހަރެމެންގެ ކަންތައް ކިހިނެއް އޮތީ؟ " ރިންޒީ އަޑުގައިހުރި މަޑުމައިތިރިކަމަކީ މީގެކުރިން ހުންނަ އަސަރެއް ނޫނެވެ. ރިންޒީގެ މޫނު ހީވަނީ ދުޅަވެފައި ހުރިހެންނެވެ. އަދިވެސް މޫނުގައި ކަރުނައިގެ ތެތްކަން އެބަހުއްޓެވެ. އަމިއްލަ ރީތިކަމާއި މެދު ފަރުވާލެއް ނެތްކަން އެނގެއެވެ.

"ވަރި ސާބިތުކުރަން ފޯމު ލާނަން. އޭގެ އިތުރަށް އަހަރެން ކުރާނެ ކަމެއް ނެތް، އިއްދައިގެ ތެރޭގައި ޚަރަދުކުރާނަން، އިތުރަށް އަހަރެން ކުރަންވީ ކޮންކަމެއް؟ ރިންޒީ ހިތްހަމަޖެހޭ ތަނަކަށް ދިއުމުގެ ހުއްދަ އެބައޮތް،" އަޔާމީން ކޮޅަށް ތެދުވެ ހިނގައިގަތީ ކުޑަދޮރާއި ދިމާލަށެވެ. ރިންޒީގެ މޫނު ދެކެންވެސް ބޭނުންނުވާކަން އެނގެއެވެ.

"އަހަރެން ބޭނުމީ އަޔާމީންގެ ބެލުމުގެ ދަށުގައި ހުންނަން، އަޔާމީންއަށް ފެންނަ ހިސާބުގައި ހުންނަން." ރިންޒީ އަށް ރޮވެން އުޅޭހެން ހީވެއެވެ.

"ވަޓް އަ ޖޯކު؟" އަޔާމީންގެ ހިތަށް ކުޑަވެސް އަސަރެއް ނުކުރިއެވެ. ރިންޒީ އާއި ދިމާލަށް އަޔާމީން ބަލައިލި ގޮތުން އެކަނިވެސް ރިންޒީ ބުނާ އެއްވެސް އެއްޗެއްގެ އަގެއް ނެތްކަން އެނގެއެވެ.

"މި ޤަރުނުގައި އަހަންނަށް އިވުނު އެންމެ ބޮޑު ޖޯކަކަށްވާނެ ތިކަން، ރިންޒީ އަހަންނަށް ފެންނަ ހިސާބުގައި ހުރެގެން ސާބިތުކުރަން ބޭނުންވަނީ ކޮންކަމެއް؟ އަހަރެންނާއި ކައިވެނިކޮށްގެން އުޅުނުއިރު ވަފާތެރި ނުވެވުނު މީހަކަށް އަހަރެން އިތުބާރުކުރަންވީ ސަބަބެއް ނެތް، ރިންޒީގެ ފަރާތުން އަހަރެން އުއްމީދުކުރާ އެއްވެސް ކަމެއް ނެތް، އަހަރެންގެ ފަރާތުން ކަމަކަށް ރިންޒީވެސް އުއްމީދުނުކުރުން އެންމެ ރަނގަޅުގޮތަކީ، އަދި ކޯޓުގައިވެސް ރިންޒީ ވަކާލާތުކުރަންޖެހޭވަރުގެކަމެއް ނުހިނގާނެ، އަޒާން ބެލުމުގެ ޒިންމާ އަހަންނަށް ނެގޭނެ، " އަޔާމީންގެ ބަސްތައް އައީ ރުވާފައި ދޫކުރި ތީރުތަކެއް ފަދައިންނެވެ. ރިންޒީގެ ހިތަށް އަސަރުކުރިއެވެ.

"އަހަންނަށް ކުރެވުނީ އަޔާމީން އުމުރުގެ ބާކީބައިގައިވެސް އަހަރެން ދެކެ ނަފްރަތުކުރާވަރުގެ ކުށެއްތަ؟ އެއީ އަހަރެންގެ މޮޔަކަން، އެކަމާއި މެދު އަހަރެން ހިތާމަކުރަން، އެއީ އަހަރެންގެ ހަޔާތުގައި ހިނގައި ދިޔަ އެންމެ ރެއެއްގެ ވާހަކަ، އޭގެ މާނައަކީ އަހަރެން އަބަދު އެހެން އުޅުމެއް ނޫން، އެކަމަކު އަހަންނަށް އެނގިއްޖެ އަޔާމީންގެ ދިރިއުޅުމުން އަހަރެން ނެރެ އެއްލާލައިފިކަން، އެ އަދަބަށް ވެސް އަހަރެން ރުހެން، އެކަމަކު އަޒާން އަހަންނަށް ނުފެންނަ ހިސާބަށް ނުގެންދޭ، އަހަރެން އަޒާން ބޭނުން." ރިންޒީ ގެ މޫނަށް ބަލަހައްޓައިގެން އަޔާމީން ހުއްޓެވެ. ރިންޒީގެ ދެލޮލުން ފޭދިގެން އައި ކަރުނަތައް އޭނާއަށް ފެނެއެވެ.

"މިހެން ބުނީމައި ރިންޒީއަށް ޤަބޫލުކުރަން އުދަނގޫވެދާނެ، ރިންޒީއަށް ވުރެ މާ ފުރިހަމައަށް އަޒާން ދެކެ ލޯބިވާނެ މީހެއްގެ ކައިރިއަށް އހަރެން އަޒާން މިގެންދަނީ، ބަނޑުއަޅައި ވިހޭ މައި މީހާއަށް ނުދެވުނު ވަރަށް އަޒާންއަށް ލޯބިދޭން އެނގޭނެ، އަހަރެން އިތުބާރުކުރާ މީހެއްގެ ކައިރިއަށް ނޫނީ އަޒާން ދޫކޮށެއް ނުލެވޭނެ. ރިންޒީ އަމިއްލަ ހާލައިގެން އުޅެވޭތޯ ބަލާ، އެންމެ ކުޑަމިން ދެން ލިބެން އުޅޭ ކުއްޖާ އާއި މެދު ފަރުވާކުޑަނުކުރެވޭތޯ ބަލާބަލަ، ފަހަރެއްގައި ތި ދަރިއަކީ ރިންޒީގެ ނަޞީބަށްވެސް ވެދާނެ" މިފަހަރު އަޔާމީންގެ ރާގު ތަފާތެވެ، މަލާމާތުގެ އަސަރެއް ނެތެވެ.

ރިންޒީގެ ހިތުގައި ޖެހުނެވެ. އިތުބާރަކީ އަލިމަހާއި ޖަވާހިރަށްވެސް ނުގަނެވޭ އެއްޗެކެވެ. އިތުބާރު ހޯދުމުގައި އުމުރު ހޭދަކުރާއިރު ގެއްލެން ނަގަނީ މަދު ވަގުތުކޮޅެކެވެ. ރިންޒީ އެނބުރުނީ އަޒާން އާއި ދިމާލަށެވެ. އަޒާން އާއި އެއްވަރަށް ތިރިވެފައި އަޒާން ގެނެސް މޭގައި ޖައްސާލިއެވެ. އަޒާން ހުރީ ޖެހި ބުދެއްހެންނެވެ. އެންމެ ކުޑަމިނުން މަންމަގެ ގައިގައި އަތްޖައްސާލަންވެސް ނޭނގެއެވެ. ރިންޒީ ކައިރިކޮށްލުމުން އަޒާންގެ މޫނުމަތިން އުފާވެރިކަމެއް ނުފެނެއެވެ. ރިންޒީ ދުރުވެލާފައި އަޒާންގެ މޫނުގައި ފިރުމާލިއެވެ. ބޮސްދިނެވެ. އަޒާން ނެތުމުން ދެރަވާނެކަމަށްވެސް ބުންޏެވެ. ރިންޒީގެ މޫނަށް އަޒާން ބަލަން ހުރީއެވެ. އެއީ އަޒާން އަލަށް ކުރި އިޙްޞާސެކެވެ. އަޒާން ނުފެނުމުން ދެރަވާނެކަމަށް ބުނުމުން އެ ޅަ ސިކުނޑިއަށްވެސް ޤަބޫލުނުކުރެވޭހެން ހީވެއެވެ. އަޒާން ކައިރީ ހީލާށޭ ރިންޒީ ބުނެލިއެވެ. އަޖައިބުވެފައި އަޒާން ބަލަން ހުރިގޮތުން ރިންޒީގެ ހިތް އިތުރަށްވީ ބަލިކައްޓެވެ. އެދެމައިންގެ ގުޅުމުގައި އެއްވެސް ބާރެއްނެތްކަން އެނގުމުން ވަކިން ބޮޑަށް ދެރަވިއެވެ.

***

ދާނިޔާ ގެއަށް އާއިރު ލީވާން ހުރީ ގޭބޭރުގައެވެ. އިންތިޒާރުގައެވެ. ދާނިޔާ އެތެރެއަށް ވަންނަމުން ލީވާން ކައިރީ ވަންނާށޭ ބުނެލިއެވެ. ދާނިޔާ އަށް ލީވާންގެ ބޭނުން އެނގެއެވެ. އިއްޔެ ލީވާން ކައިރީ ޖަވާބެއް ދޭނަމޭ އޭނާ ބުންޏެވެ. ވިސްނިވަރަކަށް ދާނިޔާގެ ހިތް ބުނެދިނީ އެންމެ ކަމެކެވެ.

"އަހަރެން ވިސްނައިފިން ލީވާން ދެއްކި ވާހަކަތަކާއި މެދު" ލީވާން އިށީނުމުން ދާނިޔާ ހުރީ ކޮޅަށެވެ. ލީވާންގެ މޫނު ފެންނަ ހިސާބުގައެވެ. ދާނިޔާގެ މޫނަށް ބަލާލަމުން ލީވާން ހިންދިރުވާލިއެވެ. ހީވަނީ ދާނިޔާ ދޭނެ ޖަވާބަކާއި މެދު ކަންބޮޑުވެފައިވާހެންނެވެ. އުއްމީދު ކުޑަގޮތަކަށް ލީވާން ބަލައިލިއެވެ. ދާނިޔާ ހަމަޖެހިލާފައި ދިން ޖަވާބުން ލީވާންއަށް ހީވީ މޫނުމަތީ އެތިފަހަރެއް އެޅިހންނެވެ.

"އަހަރެން މިއުޅެނީ އެހެން މީހަކާއި އިންނަން،." ދާނިޔާ އަށް ފެނުނީ ލީވާން ކުއްލިއަކަށް ތެދުވިތަނެވެ. މޫނުމަތިން ފެނުނީ ހައިރާންވިކަމެވެ. ސިހުން ލިބުނުކަމެވެ. -- ނުނިމޭ --

ދިގު ވާހަކަ

Popular