15 Sep 2019

ލޯބި - ދުލަކުން ނުވާނޭ ބަޔާން

ލޯބި - ދުލަކުން ނުވާނޭ ބަޔާން

އެ މަންޒަރު ދެކެން އުނދަގޫވެގެން ތޫބާއަށް ގޭތެރެއާ ދިމާއަށް ދުއްވައިގަނެވުނީ ބޭއިޚްތިޔާރުގައެވެ. އެ ލޮލުގައި ކަރުނަ ނުވިޔަސް ރުޅިވެރިކަމާއި ނަފްރަތުން އެ ރީތި މޫނުމަތި ކިލަނބުވެފައި ވިއެވެ. އެއާއެކު އެމުނި ގެތެމުން އައި އޭނާގެ މާޒީގެ ހަނދާން ތަކާއެކު ގޮސް ކޮޓަރިއަށް ވަދެ އެނދުގައި ބަންޑުން އޭނާ އޮށޯވެލައިފިއެވެ.

***

ވަޒީފާގެ އިންޓަވިއުއަށްފަހު ގެއަށް އައިސް ވަތް އިރު، ތޫބާ ހުރީ މުޅިން ވަރުބަލިވެފައެވެ. މެންދުރުގެ އެހޫނުގައި ކާރެއް ނުލިބިގެން އެހާ ދުރަށް އޭނާ ދިޔައީ ހިނގާފައެވެ. އެވަރު ބަލިކަމާއި އިންޓަވިއުއަށްޓަކައި ކުރަން ޖެހުނު އިންތިޒާރުގެ ދިގުކަމުން ތޫބާގެ ހަށިގަނޑަށް ވަނީ ލޮޑުކަން އިހްސާސް ވެފައެވެ. ގެއަށް އައި ގޮތަށް އިތުރު އެއްވެސް ކަމެއް ކުރަން ނޫޅެ އެނދުގައި އޭނާ އޮށޯވެލީ އެހެން ވެގެންނެވެ. ނަސީބު ރަނގަޅުކަމުން އެހެން ދުވަސް ދުވަހު އޭނާ އަދާ ކުރާ ބަދިގޭގެ ޒިންމާތަކާ މިއަދު ލިލިއަން ހަވާލުވިއެވެ. ވެފައިހުރި ވަރު ބައްޔާއެކު އިސާހިތަކު ތޫބާގެ ދެލޮލަށް ނިދީގެ އަރާމުކަން ވެރިވެގަތެވެ. އެހިނދު ކުއްލިއަކަށް ފެރީއިން ފެނުނު ޒުވާނާ އޭނާގެ ލޮލު ކުރިމަތިން ތަސްވީރު ވެލައިފިއެވެ. އެވަގުތު ލަސްލަހުން ލެއްޕެމުން ދިޔަ އެދިގު އެސްފިޔަތައް ހުޅުވާލަމުން ތޫބާއަށް ކުއްލިއަކަށް އެނދުން ތެދުވެވުނެވެ. އެ ޒުވާނާ އެގޮތަށް އައިސް އޭނާގެ ސިކުނޑިއަށް ހިޞާރުވި ސަބަބު ނޭނގިފައި އިރުކޮޅަކު އޭނާއަށް އިނދެވުނެވެ.

އޭގެ ހަފްތާއެއްހާ ދުވަސް ފަހެވެ. ތަސްނީމްގެ އޭލެވެލް ނިމި ފެއަރވެލް ޕާޓީއަށް ތައްޔާރުވުމުގެ މަސައްކަތުގައި ތޫބާއާއި ލިލިއަންވެސް ބައިވެރިވިއެވެ. އެރޭގެ ޚާއްސަކަން ތަސްނީމް ދުވަހަކު ހަންދާން ނުނެތޭ ވަރަށް ފާހަގަކޮށްދޭން ތޫބާއާއި ލިލިއަންވެސް ތިބީ ތައްޔާރުވެގެންނެވެ. ސްކޫލް ދައުރުގެ ހަނދާންތަކާ ވަކިވެ، ހަޔާތުގެ އައު ޞަފްޙާއަށް ފަށާއިރު، އެ އުފާވެރި ހަނދާންތަކުން އެ ޙަޔާތަށް އަބަދުވެސް އުފާވެރިކަން ލިއްބަދިނުމަށް ތޫބާއާއި ލިލިއަން ވެސް އެދުނެވެ.

ރޭގަނޑު ގަޑިން އަށެއް ޖެހުމާއެކު ތޫބާއާއި ލިލިއަން އަދި ތަސްނީމްވެސް ނިކުތީ ކުރިއަށް އޮތް ޕާޓީއަށްޓަކައި ކޮންމެހެން ގަންނަން ބޭނުންވާ އެއްޗެހި ގަތުމަށްޓަކައި ވިޔަފާރިކޮށްލާށެވެ. ފިހާރައަކަށް ފަހު ފިހާރަކަށް ވަންނަމުންގޮސް ގަޑިން ދިހައެއް ޖެހުމާ ގާތްވި އިރުވެސް އެމީހުން ގަންނަން ބޭނުންވި ކަހަލަ އެއްޗަކާ ދިމައެއް ނުވިއެވެ.

"ކޮންމެ ދެ ދޭތެރެއެއްގަ ފިހާރައެއް! އެކަމަކު ހޯދަން ބޭނުންވާ ކަހަލަ އެއްޗެއް ލިބޭކަން ހަރާން!..." ފަސްދެމުން ދިޔަ ފިހާރަތަކަށް ނުރުހުމުގެ ލޮލެއް ދެމުން ލިލިއަން އެހެން ބުނިއިރު، އެމޫނުމަތގައި ފޫހިކަން ވިއެވެ. ހަގީގަތުގައި ލިލިއަން އަކީ އޭނާ ގަންނަން ބޭނުންވާ އެތި ފުރަތަމަ ޖެހޭ ފިހާރައަކުން ގަންނަން އާދަވެފައިވާ ކުއްޖެކެވެ. ލިލިއަންގެ އެސިފައާ މުޅިން އިދިކޮޅު ސިފަ އެއް ލިބިފައިވަނީ ތަސްނީމް އަށެވެ. ތަސްނީމްއާއެކު ވިޔަފާރި ކުރަން ނިކުތުމަކީ ޗައިނާގެ ބޮޑުފާރު ފައިމަގުގައި ހުރަސް ކުރުންހާ ދަތި އުނދަގޫކަމެކެވެ. އައިސްފައިވާ ރުޅިގަނޑު ބަނޑަށް ހިންދާލައިގެން ކެތްތެރިކަމުގެ ސިކުންތުތައް ގުނާލަ ގުނާލަ ލިލިއަން އެހުރީ ހަމައެކަނި ތަސްނީމްއަށްޓަކައެވެ.

ތަސްލީމްއަށްޓަކައި އަންނަން އޮތް އުފާވެރިކަމާހެދި އޭނާގެ އެ ކުޑަކުޑަ ތަކްލީފްތައް މަތިން ހަނދާން ނައްތާލަން އޭނާ ހުރީ ތައްޔާރުވެގެންނެވެ. ތިންބެއިން ތަފާތު ވާހަކަތައް ދައްކަމުން އެންމެ ކައިރިއަށް ހުރި ފިހާރައަށް ވަނުމުގެ ކުރިން ތޫބާގެ ފޯނަށް މުނައްވަރު ގުޅިއެވެ. ލިލިއަންމެން އެތެރެއަށް ވަންނަން ބުނުމަށްފަހު ތޫބާ މުނައްވަރުއާ ވާހަކަ ދައްކަން ފިހާރަ ބޭރުގައި މަޑުކޮށްލިއެވެ.

"ބޫންސް" އަޅުވަމުން އައި ސައިކަލެއް އެހިނދު އޭނާގެ ފަހަތުން އައިސް ޕޭމަންޓާ ގާތްކޮށްލި އަޑަށް ސިހިފައި ޕޭމަންޓަށް އަރަން އެޅި ފުރަތަމަ ފިޔަވަޅާއެކު އަރައިގެން ހުރި ހީލް ކާނުގަނޑުގައި ތާށިވެއްޖެއެވެ. ފަހަތުން އެއައި މީހެއްގެ އެ ފަރުވާކުޑަ ޢަމަލާމެދު ކުދިކިޔަމުން ފަސް އެނބުރި ބަލައިލެވުމާއެކު ތޫބާއަށް ހިންދެމިލަމުން ދެއަތް އޭނާގެ ހިމަ އުނަގަނޑުގެ ދެ ފަރާތުގައި ވިއްދާލެވުނެވެ. ދެން ދެލޯ ހަނިކޮށްގެން ކުރިމަތީ ހަމަ އޭނާ ފަދައިން ހައިރާން ކަމުގައި އިން ޒުވާނާއަށް ފަރުވާތެރިކަމާއެކު އޭނާއަށް ބަލައިލެވިއްޖެއެވެ. ކުރިމަތީގައި ހުދު ކުލައިގެ އަތްދިގު ޓީޝާޓެއްގައި އިނީ ކުރިން ދުވަހު ފެރީއިން އޭނާއާ ދިމާވި ޒުވާނާއެވެ. އޭނާގެ ނަޒަރު ތޫބާގެ މޫނުން ފެށިގެން ފައިތިލައާ ހަމައަށް ހުއްޓާލިއިރު، އެ ތުންފަތުގައި ލާނެތް ހިނިތުންވުމެއް ދައުރުވަމުން ދާން ފަށައިފިއެވެ. އެހިނިތުން ވުމުން ތޫބާއަށް ނެގުނު މާނަ ނުބައެވެ.

"އަހަންނަށް ފާރަލަނީތަ؟ ހީނުކުރައްޗޭ ތިހެން އައިސް ފަހަތުން ދިމާކުރީމަ މަ ބިރުގަންނާނެ ކަމަށް!... މީ ތިހީކުރާހާ ފިނޑި އެއް ނޫން އިނގޭ..!" އެއްނޭވާއިން އެހުރިހާ އެއްޗެއް ބުނިއިރު، ތޫބާގެ ނިތް ކުރިން އޮއްދާ ހިތްލާލައިފިއެވެ. ހަގީގަތުގައި ޒުވާނާގެ އެ ކުއްލި ފެނިލުމުން އޭނާގެ ނަފްސަށް ހާސްކަން ވެރިކުރުވިއެވެ. މޫނުމަތިން ކިތައްމެ ހަރުދަނާކަން ފެނުނަސް މި ފިރިހެނުންނަކީ އިތުބާރުކުރަން ހެޔޮވާވަރުބައެއް ނޫންކަން އޭނާގެ ހިތް ތާއަބަދުމެ އޭނާއަށް ހަނދާންކޮށްދެމުން ދާތީއެވެ. ތޫބާއަށް އެއްވެސް ރައްދެއް ދިނުމެއް ނެތި ޒުވާނާ އެއިން ގޮތަށް ހެވިފައި ތޫބާއަށް ބަލަހައްޓައިގެން އިނެވެ. މަޅިއެއްގައި ޖެހި ކަސްތޮޅު ލެވިފައިވާ ރީތި ދޫންޏެއް ފަދައިން އަރައިގެން ހުރި އުސް ފައިވާން ކާނުގަނޑުން ނެއްޓުވޭތޯ ތޫބާ މަސައްކަތް ކުރަމުން ދިޔަ ގޮތުން އޭނާއަށް ނުހީ ނީނދެވުނީކަން ނޭނގެއެވެ. އިރުކޮޅަކު އެހެން އިނުމަށްފަހު ޒުވާނާ ސައިކަލު މަތިން ފައިބައިގެން އައިސް ތޫބާގެ ފައި ކައިރިން ތިރިވެލިއެވެ.

"ފައިވާން ބާލާ!.." ޒުވާނާގެ އަޑުގައި ހުރީ ހިމޭންކަމާއެއްވަރުގެ ސަމާސާކަމެކެވެ. އެއިންގޮތަށް އިނދެ ބޯ އުފުލާލައި ތޫބާގެ މޫނަށް އޭނާ ބަލައިލިގޮތުން ތޫބާއަށް ކުއްލިއަކަށް ފައިވާނުން ފައި ދަމައިގަނެވުނެވެ.

"މިއޮތީ މިކަން ވެފައެއްނު!" ކޮޅަށް ތެދުވެ ތޫބާގެ އަތަށް ފައިވާން ލައިދެމުން ޒުވާނާ އެހެން ބުނެލީ ހިނިތުންވެ ހުރެއެވެ. އެއިރު މިހުރިހާއިރު އެ ޒުވާނާއާ ދިމާއަށް ތޫބާ ގޮވި އެއްޗިއްސާއެކު ހިސާބަކަށް މަންޒަރު ބަލަން އެތަނުގައި މީހުން އެއްވެ ތިއްބެވެ. އެކަމަށް ފަރުބާ ބެހެއްޓުމެއްނެތި ޒުވާނާގޮސް ސައިކަލުމަތީ އަލުން އިށީނދެލިއެވެ. އެވަގުތު ގާތުގައި ހުރި ގެއިން ނުކުމެގެން އައި ޒުވާން ފިރިހެން ކުއްޖާއައިސް ސައިކަލު ފަހަތުގައި އިށީނދެލުމާއެކު ސައިކަލު ސްޓާޓް ކޮށްލައިފިއެވެ. ލިލިއަންއާއި ތަސްނީމް ފިހާރައިން ނިކުމެގެން އައި އިރު، ސައިކަލު ގޮސް ގެއްލުނު ދިމާއަށް ބަލަހައްޓައިގެން ތޫބާ ހުއްޓެވެ.

"ފައިވާން އަތަށް ނަގައިގެން ދޮންތަ ކީއްތިކުރަނީ؟!.." ތޫބާ ހުރިގޮތް ފެނިފައި ހައިރާން ވެގެން ލިލިއަން އަށް އެހުނެވެ. ވީގޮތް ބުނެދެމުން އަލުން ފައިވާނަށް އަރައި، ތޫބާ ލިލިއަންމެންނާއެކު ކުރިއަށް ހިނގައިގަތެވެ. މުޅިން އާދުވަހެކެވެ. ޖެހިގެން ހުރި ގޭގެ ގުރާ ކޮށިން ރީތި ރާގަކަށް "ކީ..ކީ..." ލައްވަމުން ދިޔަ ގުރާތަކުގެ އަޑު ރީތި މިއުޒިކެއްހެން މާހައުލު ހޭލައްވަމުން ދިޔައެވެ. ފަތިހު ފަތިސް ނަމާދުކޮށްގެން ހެނދުނަށް ސައި ތައްޔާރުކުރުމަށްފަހު އަލުން ތޫބާ އެނދުގައި އޮށޯވެލީ ފަހަރެއްގައިވެސް އިތުރަށް ނިދުމުގެ ގަސްދުގައެއް ނޫނެވެ. ގަޑި ބަލައލެވުނު އިރު، ގަޑިން ނުވައެއް ޖަހާ ބޮޑުވަނިއެވެ. އެނދުން ތެދުވެ ކޮޓަރިތެރެއަށް ނަޒަރު ހިންގާލިއިރު، ލިލިއަން އާއި ތަސްނީމްވެސް ކޮޓަރި ތެރެއަކު ނެތެވެ. އެމީހުން ވީ ތަނެއް ބެލުމަށް ފޯނުން ލިލިއަންއަށް ގުޅުމުން ބުނީ ބައްޕައާއެކު ލިލިއަންއާއި ތަސްނީމްވެސް ފިހާރައިގައި ތިބި ކަމުގައެވެ. ހަށިގަނޑަށް ވެރިވެފައިވާ ކަންނެތްކަމާއެކު އަލުން އެނދުގައި އޮށޯވެ ތޫބާއަށް ހަމަޖެހުމުގެ ނޭވާއެއް ބޭރުކޮށްލެވުނެވެ. ގާތުގައި އޮތް އޭނާގެ ފޯނު ރިންގުވީ އެވަގުތުއެވެ. ފޯނު ނަގައި ކަންފަތުގައި ޖެހުމަށްފަހު އެކޮޅުން ދެއްކި ވާހަކައަކުން އުފަލުން ތެޅިގަންނަމުން ތޫބާއަށް އަނެއްކާވެސް އެނދުން ތެދުވެ ވުނެވެ. ނުލިބޭނެ ކަމަށް އޭނާ ހީކޮށްގެން ހުރި ވަޒީފާ ހަމަޖެހުނުކަން އެނގުމުން އޭނާއަށް ބަޔާންކޮށްދޭފަދަ އުފާވެރިކަމެއް ލިބުނެވެ. އެންމެ ފުރަތަމަވެސް އެ އުފާވރި ޚަބަރު އޭނާ ދިނީ ބައްޕަ މުނައްވަރަށެވެ.

ޖެހިގެން އައި ދުވަހަކީ ތޫބާ އޮފީހަށް ނުކުންނަން ހަމަ ޖެހުނު ދުވަސް ކަމަށްވާތީ ގަޑި ޖެހުމުގެ ދިހަ މިނިޓް ކުރިން އޭނާ އޮފީހަށް ދިޔައެވެ. އެހިސާބުން އެ އޮފީހުގެ އެންމެން ގެ ނަޒަރު އޭނާ އަށް ހުއްޓުނެވެ. ކުދިކުދިކޮސް އޮޅިފައިވާ ބުޅި ކަޅުކުލައިގެ އިސްތަށިގަނޑާއި އރީތި ދޮން މޫނުގެ ޖާދޫގައި ނުޖެހޭ އެކަކުވެސް އެ ހިނދުން ފެށިގެން އެ އޮފީހުގައި ނެތޭ ބުންޏަސް ހެޔޮވެދާނެއެވެ. ލައިގެން ހުރި މަޑުނޫކުލައިގެ ޓޮޕާއި އެ ޓޮޕާ ގުޅެގޮތަށް ކުރެވިފައިވާ ރީތި މޭކަޕުން އެ މޫނުމަތީގައި ވަނީ ބަލާ ފޫހިނުވާފަދަ ހިތްގައިމުކަމެކެވެ. ތޫބާގެ އެންމެންނާ ގުޅޭ މިޒާޖާއި އެރީތިކަން ވީ އޮފީހުގެ ފުރަތަމަ ދުވަހުވެސް ގާތް އެކުވެރިންތަކެއް ހޯދުމަށް އޭނާއަށް ފަސޭހަވި ސަބަބަކަށެވެ. ފުރަތަމަ ދުވަހު ކުރާނެ އެއްވެސް މަސައްކަތެއް ހަވާލުނުކުރާތީ ފޫހިވެފައި އިނުން ނޫންކަމެއް ތޫބާއަކަށް ނުކުރެވުނެވެ. ވެރިމީހާއާ ބައްދަލުވެ ކުރަނެ މަސައްކަތް ލިބޭނީ ތިނެއްގެ ފަހުން ބާއްވާ ބައްދަލު ވުމަށްފަހުގައި ކަމުގައި އެންގުމުން ތޫބާއަށް ޖެހުނީ ގެއަށް ދިއުމެއްނެތި އޮފީހުގައި މަޑުކުރާށެވެ.

ގަޑިން އެކެއް ޖެހި އިރު ބަނޑުހައި ހޫނުކަން އިހްސާސް ވާން ފެށުމުން ތޫބާ އިށީނދެ އިން ގޮނޑިން ތެދުވެ ސައިކޮޓަރިއާ ދިމައަށް ހިނގައިގަތެވެ. މިތަނަށް އައުމާއެކު އެންމެ ބޮޑަށް ތަނުގެ މުވައްޒަފުން އޭނާއަށް ތަޢާރުފުކޮށް ދިންތަނަކީ އެއީއެވެ. ކޮފީމެޝިނުން ކަޅު ކޮފީ ތައްޓެއް ހިފައިގެން އައިސް ސައި ކޮޓަރިއަށް ވަންނަން ހުރި ދޮރުގައި ތޫބާ ލެނގިލިއެވެ. މި ކުޑަ ސައިކޮޓަރިން އެކަނިވެސް މި ޚާންދާނީ ވިޔަފާރިއަށް ނިސްބަތްއެވާ ޢާއިލާގެ މުއްސަނދިކަމާމެދު ތޫބާއަށް ފުންކޮށް ވިސްނާލެވުނެވެ. އެތަނުގައި ވަށައިގެން އެވާ ކޮންމެ އެއްޗަކީ ވެސް އެއިގެ އަގު އެތައްހާސް ރުފިޔާއަކުން ނޫނީ ނުކިރޭނެ އަގުބޮޑު ތަކެއްޗެވެ. ކާމޭޒާ ދިމާއިން ފަހަތުގައި ހުރި މަސްޓޭންކުން އެ ސައިކޮޓަރި އިތުރަށް ޒީނަތްތެރި ކުރުވާފައި ވެއެވެ. ސައިކޮޓަރީގެ ދޮރު ބޭރަށް ދަމާލުމާއެކު އެދޮރު ހުޅުވުނީ ތޫބާ ކޮފީތަށީގައި ތުންޖެހި ވަގުތުއެވެ. އަމިއްލަ ސަލާމަތަށް ޓަކައި ކަމެއް ނުވެގެން އުޅެނިކޮށް، ތޫބާ އަރިއަޅަލައިގެން ބިންމައްޗަށް ވެއްޓޭ ގޮތްވިއެވެ. ނަމަވެސް އެހިނދު ބާރު ގަދަ އަތެއްގެ ހިމާޔަތާއެކު ފުރަގަހުން ގޮސް އޭނާ ކޮންމެވެސް މީހެއްގެ މޭމަތީގައި ލައްވެލައިފިއެވެ. އަތުގައި ހުރި ކަޅު ކޮފީތަށި ބުރައިގެން ގޮސް ވާރޭގެ ތިކިތަކެއްފަދައިން އޮހޮރިގަތީ ތޫބާއާއި ފަހަތުން އޭނާގެ ގައިގައި ހިފަހައްޓަލައިގެން ހުރި މީހާގެ ބޯމައްޗަށެވެ. އެވަގުތު ލިބުނު ސިހުމުގައި އަތުން ދޫވި ހުދުކުލައިގެ ކޮފީ ޖޯޑު ބިންމައްޗަށް ޖެހި ކުދިކުދިވީ އަޑާއެކު އޮފީސް ތެރެއިން ދެތިން ކުއްޖަކު ނިކުމެގެން އައިސް އެތަނަށް ހުއްޓުނު އަޑު އިވުނެވެ. ކުއްލިއަކަަށް މިދިމާވި ކަމަކުން ހާސްވެފައި ހުރެ ތޫބާއަށް ކޮޅަށް ތެދުވެވުނެވެ. ދެން ފަސް އެނބުރި ބަލައިލެވުމާއެކު އޭނާއަށް ދެލޯ ބޮޑު ކޮށްލެވުނެވެ.

"ކަލޭތަ؟ މިތަނަށްވެސް އައީ؟!" ތޫބާގެ މޫނު މައްޗަށް ކުއްލިއަކަށް ނުރުހުން ތެރިކަން ވެރިވިއެވެ. ކުރިމަތީގައި ހުރީ އެއްކަލަ ޒުވާނާއެވެ. ލައިގެން ހުރި ގަދަ ނޫކުލައިގެ ޖިންސާއި މަޑު މުށިކުލައިގެ އަތްދިގު ޓީޝާޓާއެކު އެއީ މި އޮފީހުގައި މަސައްކަތްކުރާ މީހެއް ނޫން ކަމުގައި ތޫބާ ނިންމިއެވެ. ތޫބާގެ އެ ސުވާލުތަކާއެކު ކޮފީތަށިން ޚަރާބުވި މޫނު ސާފުކުރަމުން ޒުވާނާ ކުރިއަށް ހިނގައިގަތެވެ. އެމޫނުމަތިން ފާޅުވަމުން ދިޔަ ނުރުހުމާއެކު ގާތުގައި ތިބި މީހުންވެސް ތޫބާގެ މޫނަށް ބެލީ ހަމްދަރުދީގެ ނަޒަރަކުންނެވެ. އެއިރުވެސް ތޫބާ އަނގަހުއްޓާލުމެއްނެތި ހިތަށް އެރި އެއްޗެއް ވިއްޔާ އެ ޒުވާނާއާ ދިމާއަށް ގޮވަމުން ދިޔައެވެ. "އެނގޭތަ އެއީ ކާކު ކަން؟!..." ތޫބާގެ ކުރިމައްޗަށް ހުއްޓެމުން އެތަނުން އެކަކު އެހެން އެހުމާއެކު ތޫބާއަށް ކުއްލިއަކަށް ހިމޭންވެވުނެވެ.

ދެން ދެ އަތަކަށް ބޯ ހޫރާލަމުން ނޭނގެއޭ ބުނާކަހަލަ ގޮތަކަށް ގާތުގައި ތިބި އެންމެންގެ މޫނަށް ވަކިވަކިން އޭނާ ނަޒަރު ހިންގާލިއެވެ. --ނުނިމޭ---

ދިގު ވާހަކަ

Popular