25 Feb 2020

"ޝެޒާ ދެކެ." އަރްޝީގެ ލޮލާއި ކަޅި ހަމަކޮށްލާފައި ރަފްހާން ބުނެލިއެވެ. އަރްޝީގެ ދޫ ބަންދުވިއެވެ. އޭނާގެ މޫނުމަތީ ބާރު އެތިފަހަރެއް ވިހެލި ކަހަލައެވެ. ތޫނު ހަންޖަރަކުން އޭނާގެ މެއާއި އެ މޭގެ ކަށިތަކުގެ ނިވަލުގައި އޮތް ހިތްވެސް ފަޅާ ކުދިކުދިކޮށްލި ފަދައެވެ.

"އަހަރެން ބޭނުމީ އަރްޝީގެ އެހީތެރިކަން، އަހަންނަށް އެނގޭ ތިއީކަން ޝެޒާގެ ބެސްޓްފްރެންޑަކީ." ރަފްހާންއަށް އަރްޝީގެ ހިތަށް އަރާފައިބަމުން ދިޔަ އުދާސްތައް ނޭނގޭކަން ނަޞީބެވެ. އެތެރޭގައި މަޑުމަޑުން އުފެދެމުން އައި ރިހުމުގެ މައްޗަށް ގަދަވެގަންނަން މަސައްކަތްކުރަމުން ގޮސް ރަފްހާންގެ މޫނަށް އަރްޝީ ބަލައިލިއެވެ.

"ބައެއް ކަންތައްތަކަކީ އަމިއްލަ މީހާ ކޮށްގެން ހާސިލްވާ ކަންތައް، އަހަރެން ބޭނުމެއް ނޫން ދެމީހެއްގެ މެދުގައި މެސެޖު ދައުރުކުރާ މީހެއްގެ ރޯލް އަދާކުރާކަށް.." ހިތާމައިގެ ކުލަ ފޮރުވާލެވުނުއިރު އޭނާގެ މައްޗަށް ގަދަވެގަތީ ރުޅިއެވެ. ހަސަދައިގެ އަލިފާނުން އޭނާ އަދާ ހުލިވެގެންދާ ކަހަލައެވެ. ރަފްހާން މާޔޫސްވެ އެވާހަކަ އޭނާގެ ގާތުގައި ނުދެއްކުމުން އޭނާއަށް ފުދެއެވެ.

"އެގްޒެކްޓްލީ." ރަފްހާން ގެ ޖަވާބު އައީ އެއާއި އިނދިކޮޅަށެވެ. އެސްފިޔަޖަހަން ހަނދާންނެތިފައި އަރްޝީއަށް ހުރެވުނެވެ. އޭނާގެ އެހީތެރިކަން ބޭނުންވެގެން އުޅެނީ ކޮންކަމަކަށްކަމެއް ނޭނގިފައި އޭނާ ހައިރާންވިއެވެ.

"އަހަރެން ބުނާ ތަނަކަށް ޝެޒާ ގޮވައިގެން އާދެވިދާނެތަ؟ އަހަރެން ޝެޒާއަށް ހުށައަޅާނަން. ޔޫ ޑޯންޓް ހެވްޓު ސޭ އެނީތިން، އަހަރެން ޖަވާބު ބޭނުންވަނީ ޝެޒާގެ ފަރާތުން، " ރަފްހާން އުއްމީދުކުރަނީ އޭނާގެ ހިތަށް ޝެޒާ ރަހުމްކުރާނެކަމަށެވެ.

ޝެޒާ ރަފްހާން އާއި މެދު ދެކޭގޮތް އަރްޝީއަށް އެނގެއެވެ. ރަފްހާން އާއި ދިމާލަށް އޭނާ ރުހުމުގެ ލޮލުން ބަލައިނުލާނެކަން އެނގެއެވެ. އޭގެ ބަދަލުގައި ރަފްހާންގެ ފަރާތުން ފެންނަނީ ޝެޒާ އެއްބަސްވާނެކަމުގެ ޔަޤީންކަމުގައި ހުރިތަނެވެ. އާޚިރުގައި އެ ހިތް ކުދިވެ ހަލާކުވެދާނެކަމުގެ ބިރު އޮތީ އަރްޝީގެ ހިތުގައެވެ.

"ސޮރީ" އަރްޝީ ދެކޮޅު ހެދީ އޭނާގެ ހާޟިރުގައި ރަފްހާންގެ ހިތް ހަލާކުވުމަށް ނޭދޭތީއެވެ. އެއީ ކީއްވެތޯ ރަފްހާން ސުވާލުކުރާނެކަން އެނގި ރަފްހާން އާއި ދިމާލަށް އޭނާ ބަލައިލީ ކަންބޮޑުވެހުރެއެވެ.

"ޝެޒާ މިދުވަސްކޮޅު ހުރީ މެންޓަލީ ވަރަށް ވީކުކޮށް، އޭނަ ދައްކަނީ މިތަނާއި ކިޔެވުން ދޫކޮށްފައި ދާ ވާހަކަ، އޭނައަށް ދިމާވެފައިވާ ކަންތައް ހައްލުކޮށްދެވޭނެ ގޮތެއް ނުވިސްނިފައި މިހުރީ، އައި ކާންޓް ޓެލް ޔޫ އެވްރިތިން، މިވަރަށް ބުނެވޭނި، ސޮރީ" އަރްޝީ ހިނގައިގަންނަން ގަސްތުކުރިއެވެ. އޭނާގެ ފަހަތުން ރަފްހާން ނާންނާނެކަމުގެ އުއްމީދުގައެވެ. އިތުރު ސުވާލުތަކާއި އޭނާއަށް ކުރިމަތިނުލެވޭނެކަން އެނގެއެވެ. ޝެޒާގެ އެއްވެސް ސިއްރެއް އެއްވެސް ފަރާތަކާއި ހިއްސާ ނުކުރުމަށް ވެވުނު ވައުދުގެ މަތިން ހަނދާންކުރަމުންނެވެ.

** **

ގެއަށް ދެވުމާއި އެކު އަރްޝީ ހޯދީ އޭނާގެ މަންމައެވެ. އަރްޝީގެ މޫނުމަތިން ހިތާމައިގެ އަސަރު ފެނިފައި މިޒްނާއަށް އެކަން ފާހަގަނުކޮށް ނުހުރެވުނެވެ. އަރްޝީ ދެރަވެފައިވާ ސަބަބު މަންމަ އާއި ހިއްސާކުރިއިރު އޭނާ ނަން ކުރީ ޝެޒާގެ ވާހަކަ އެކަންޏެވެ. ހަތަރު އަހަރުގެ ކިޔެވުން ބޭކާރުވެ ޝެޒާ މާލެ ދޫކޮށްފައިދަނީ ޝެޒާގެ ހިތާއި ދެކޮޅަށްކަން ބުނެދިނެވެ.

ޝެޒާ ހުންނަ ގެއަކީ އޭނާގެ ބައްޕަ އާއި ތިމާގެ މީހެއް ކުއްޔަށް ހިފާފައިވާ ތަނެކެވެ. އެ އާއިލާ ފިޔަވައި އިތުރަށ ހުރީ ޝެޒާއެވެ. ތަފާތުކުރުންތަކާއި ހިތްހަމަނުޖެހުމާއި އެކުގައިވެސް ޝެޒާ އެގޭގައި ހުންނަން މަސައްކަތްކުރިއެވެ. އެކަމަކު މި ފަހަކަށް އައިސް ބޭބެ ފަރާތުން ދިމާވަމުން އަންނަ ޖިންސީ ގޯނާތަކުގެ ސަބަބުން އެތަން ދޫކޮށްފައި ދާން ބޭނުންވަނީކަމުގައި ޝެޒާ އަރްޝީގެ ކައިރީ ބުންޏެވެ. އެގޭގައި ހުންނަން ބޭނުން ނުވާ ވާހަކަ ބައްޕަ ކައިރީ ބުނުމުން ބައްޕަ ބުނީ ކިޔެވުން ދޫކޮށްލާފައި އައުމަށެވެ.

ކުއްޔަށް ކިޔަވާ ކުދިން ބަހައްޓާ ގޭގޭ ހުރެއެވެ. އެކަމަކު އެއިން ތަނަކު ބަހައްޓާ ފެންވަރެއް ޝެޒާގެ ބައްޕަގެ އަތަކު ނެތެވެ. އެގޭގައި ޝެޒާ ހުރީ ހިލެއެވެ. އެކަމަކު ގޭގެ މަސައްކަތްތައް ކުރާމަތިންނެވެ.

އަރްޝީ މަންމަ ކައިރީ އެދުނީ އެގޭގައި ޝެޒާ ބެހެއްޓުމުގެ ހުއްދަ އަށެވެ. ކޯސް ނިމެން އެންމެ ހަތަރު މަސްދުވަހަށްވާއިރު ހަތަރު އަހަރުގެ މަސައްކަތް ހުއްޓާލުމަކީ ޝެޒާއށް ލިބޭނެ ވަރަށް ބޮޑު ދެރައެކެވެ. މިޒްނާ ހީލާފައި އަރްޝީގެ އަތުގައި ހިފިއެވެ.

"ދަރިފުޅު ހުއްދަ ހޯދަންޖެހޭވަރުގެ ކަމެއް ނޫނޭ ތިއީ." މިޒްނާ ވިސްނައިދެންބޭނުންވީ މިގޭގައި އަރްޝީގެ ބާރުވެސް ހިނގާނެކަމެވެ. އޭނާ ބުނެފި ނަމަ މަންމަ ދެކޮޅު ނުހަދާނެކަމުގެ އިތުބާރު އޮތެވެ. އެހެންވިއަސް އެއްވެސް ކަމެއް މަންމަގެ އިޒުނަ އާއި ނުލައި ކުރުމަކީ އަރްޝީ ކުރާނެކަމެއް ނޫނެވެ.

ކޮޓަރި އާއި ދިމާލަށް ހިނގައިގެންއިރު އަރްޝީގެ ތުންފަތުގައި އުފާވެރި ހިނިތުންވުމެއް ވިއެވެ. އޭނާ އެންމެ އިސްކަން ދިނީ ޝެޒާއަށް ގުޅާށެވެ. އޭނާގެ ގޭގައި ހުރެވޭނެކަމަށާއި ވީ އެންމެ އަވަހަށް ޝެޒާ އެގެއަށް ބަދަލުވުމަށް އަރްޝީ ބުންޏެވެ. ޝެޒާ ބޭނުންނަމަ އޭނާއަށް ކާރުގައި ބަލާ ދެވިދާނެކަމަށް ބުނުމުން އެކަމަށް ޝެޒާ އިންކާރުކުރިއެވެ. ޓެކްސީގައި ދެވިދާނެކަމަށް ބުނެ އެ ފޯނު ކުރުކޮށްލެވުނެވެ.

** **

ޝެޒާ އެގެއަށް އައީ މަޣްރިބު ނަމާދަށް ގޮވަނިކޮށެވެ. ޝެޒާ ގެއިން ނިކުންނަމުން އެ ޚަބަރު ދިނުމާއި އެކު އަރްޝީ ހުރީ އޭނާގެ އިންތިޒާރުގައެވެ. މިޒްނާ ބަދިގޭގައި އުޅުނީ މިރޭގެ ކެއުން ތައްޔާރުކުރާއިރު އިތުރު އެއްޗެއް ހެދުމަށެވެ. އޮފީސް ނިންމާފައި އަކްރަމް އަދި ނާދެއެވެ. އެކަމަކު ޝެޒާ އަންނަކަން މިޒްނާ އަކްރަމް ކައިރީ ބުންޏެވެ. އަރްޝީއަށް އުދަނގޫ ނުވާނަމަ އެކޮޓަރީގައި ޝެޒާއަށް ހުރެވިދާނެކަމަށް އަކްރަމް ބުންޏެވެ، ނޫނީ ދެދުވަހެއްގެ ތެރޭގައި ހުސްކޮޓަރިއެއް ހަދައިދެވިދާނެކަމުގައި ބުންޏެވެ. އަރްޝީ ބޭނުންވީ އޭނާގެ އަމިއްލަ ކޮޓަރީގައި ބަހައްޓާށެވެ.

ގޭތެރެއަށް ވަންނަމުން އެގޭގެ ކޮންމެ ކަނަކަށް ޝެޒާ ފަރުވާ ބެހެއްޓިއެވެ. ފާރުގައި ހުރި މޮޅު ލައިޓްތަކުން ފެށިގެން ކޮންމެ ފަރުނީޗަރަކަށް އޭނާ ބަލައިލީ ހައިރާންވެހުރެއެވެ. މީގެކުރިން އޭނާ އުޅުނީ ގުދަނެއްކަހަލަ ތަނެއްގައެވެ. މިގޭތެރޭގައި އޭނާއަށް ހަމަޖެހިލައިގެން ނޭވާ ލެވޭނެ ޖާގަ އެބައޮތެވެ.

އަރްޝީގެ ކޮޓަރިއަށް ވަނުމުން އެންމެ ފުރަތަމަ ޝެޒާގެ ނަޒަރު ހުއްޓުނީ ޑްރެސިން ޓޭބަލް އާއި ދިމާލަށެވެ. އޭގެ މަތީ ނެތް އެއްޗެއް އޭނާގެ ވިސްނުމަކު ނެތެވެ. ސެންޓްތަކާއި މޭކަޕްގެ ހުރިހާ ސާމާނެއް ހުއްޓެވެ. ލޯގަނޑާއި އިންވެގެން ހުރި ކުޑަ ކަނބަޑު ފުރިފައިވީ އަރްޝީގެ ގަހަނާތަކުންނެވެ. ގަހަނާ ފިހާރައެއްގައިވެސް އެހާ ސާމާނު ގިނަވާނެކަމެއް ނޭނގެއެވެ.

"ޝެޒް. އަހަރެން އެބަ އަންނަން މަންމަ ތައްޔާރުކުރާ އެއްޗެއް ބަލާލާފައި، ފޮށީގައި ހުރި އަންނައުނު އަލަމާރިތެރެއަށް ހުސްކޮށްލަންވީނު." އަރްޝީ ނިކުތުމުން ޝެޒާ ގޮސް އަލަމާރި ހުޅުވިއެވެ. ކޮނޑުގައި އަޅުވާފައި ހުރި ހެދުންތަކާއި ފަތްޖަހާފައި ހުރި ޖިންސްތަކާއި ފެނިފައި އޭނާގެ ތަލިން ކުޅު ހިކިގެން ދިޔައެވެ. އޭނާ އުމުރު ދުވަހު ލީ ހުރިހާ ހެދުމެއް އެއްކޮށްލައިފިނަމަ ކިރިޔާ ހަމަވާނީ އޭގެން ދެބައިކުޅަ އެއްބައިކަންނޭނގެއެވެ. އެންމެ ތިރީގައި ބަރިއަށް އަޅާފައި ހުރި ބޫޓްތަކަށް އޭނާ ބަލައިލިއެވެ. ދޮރާއި ދިމާލަށް ބަލާލާފައި އެ ބޫޓްތައް ހެޔޮވަރުތޯ ބަލައިލިއެވެ.

** **

ރޭގަނޑުގެ ކެއުމުގައި އަކްރަމް ބައިވެރިވިއެވެ. އެގަޑިއަށް ޔުމާންވެސް ނިކުތެވެ. އެދެމީހުންނަށް ޝެޒާ ފެނިގެން ބަލައިލުމުން އަރްޝީ އެއީ ކާކުކަން ބުންޏެވެ. ޔުމާން އަށް އެންމެ ފަސޭހައިން ކާ އެއްޗެހި ދިރުނު ރެޔަކަށް މިރޭ ވިއެވެ. މޭޒުގައި ޝެޒާ އިނުމުން ބައްޕަގެ ފަރާތުން އޭނާއަށް އިވޭ ނަޞޭހަތެއް މިރޭ ނީވުނެވެ.

އަކްރަމް އާއި ޔުމާން ދިއުމުން މިޒްނާއަށް އެހީވާން އަރްޝީ މަޑުކޮށްލިއެވެ. އޭނަ އާއި އެކު ޝެޒާވެސް ބައިވެރިވީ އަމިއްލަ ރުހުމާއި އެކުގައެވެ. ޝެޒާ ކައިރީ ރަނގަޅުތޯ މިޒްނާ އަހާލިއެވެ. މަޑުމަޑުން ރަނގަޅޭ ބުނެލާފައި ޝެޒާ ސިންކާއި ކައިރިވެ ތަށިތައް ދޮންނަން ފެށިއެވެ.

"ދަރިފުޅު ޝެޒާ ގޮވައިގެން ކޮޓަރިއަށް ދާންވީނު، މަންމަ އެކަނި މިކަން ނިންމާލާނަން. ހެނދުނު ދާންވާއިރަށް ފޮތްތައް ކިޔާލަން މަޑުކުރޭ، އެއްޗެއް ބޭނުންވާނަމަ މަންމައަށް ގޮވާލާތި." ޝެޒާ ހުއްޓުވައި މިޒްނާ ބުނެލިއެވެ. އަރްޝީ ކުރަން ހުރި މަސައްކަތް ބަހައްޓާފައި ޝެޒާ ކައިރީ ދާން ބުނެލިއެވެ.

"މި ތަށިތައް ދޮވެލާފައި ދިޔަޔަސް ލަހެއް ނުވާނެ.، ފޮތް ކިޔަން ފަސޭހަވާނީ ދަންވަރު، އެންމެން ނިދައި ހިމޭންވީމައި." ޝެޒާ އަލުން ތަށިތައް ދޮންނަން ފެށުމުން މިންޒާ ހިނިއައިސް އޭނާގެ ކޮނޑުގައި އަތް ޖައްސާލިއެވެ.

"މިގޭގައި ދަންވަރެއް މެންދުރެއް ނޯވޭ، އަޑުގަދަކުރާނެ ބަޔަކު ނުތިބޭނެ، ދެންމެ މިތަނުން މި ފެނުނީ މިގޭގައި އުޅޭ ހަތަރު މީޙުން، ދެން ހުންނާނީ ޝެޒާ، އިތުރު މީހަކު ނޫޅޭ." މިޒްނާގެ މޫނަށް އަރްޝީ ބަލާލަމުން ހިނިތުންވިއެވެ. މަންމަ އެބުނީ ތެދެކޭ އޭނާ ބުނެލިއެވެ.

"އެންމެ ހަތަރެއް؟" އަތުގެ ހަތަރު އިނގިލި ދައްކާލާފައި ޝެޒާ އަހާލިއެވެ. މިޒްނާ ބޯޖަހާލުމުން ވަކިން ބޮޑަށް އޭނާ ހައިރާންވިތަން ފެނުނެވެ.

"އަހަރެން އުޅޭ ގޭގައި އުޅޭ ބާވީސް މީހުން، ކުޑަކުދިން ނުހިމަނައި، އެ އެންމެންގެ ހުރިހާ ކަމެއް އަހަރެން ކުރަން،" ޝެޒާ މަޑުމަޑުން ބުނެލިއެވެ.

"ތިޔައީ ވަރަށް ހިތްވަރުގަދަ ކުއްޖެއް، އެހެން ނޫންނަމަ ކިޔަވަމުން އެހުރިހާ ކަމެއް ނުކުރެވޭނެ.." މިޒްނާގެ އަޑުގައިވީ އޯގާތެރިކަމެވެ. މިޒްނާގެ މޫނަށް ޝެޒާ ބަލާލިއިރު ދެލޮލަށް ޖަމާވެފައިވާ ކަރުނަތައް ބަންޑުންވަނީއެވެ. ކުއްލިއަކަށް މިޒްނާގެ ކަރުގައި ޝެޒާ ބައްދާލިއެވެ. އަދި ރޯންފެށި އަޑު މިޒްނާގެ ފުރަގަހުން އައިސް ހުއްޓުނު އަރްޝީއަށްވެސް އިވުނެވެ.

"ޝެޒް" އަރްޝީ ޝެޒާގެ ބޮލުގައި އަތްޖައްސާލިއެވެ. މިޒްނާގެ ކޮނޑުގައި މޫނު ފޮރުވާލަމުން ޝެޒާ ރުއިމުގެ އަޑު ސިއްރުކުރަން މަސައްކަތްކުރިއެވެ. އެދެމައިން ޝެޒާއަށް ގޮވާލާފައި ކަންބޮޑުވެ އެކަކު އަނެކަކަށް ބަލައިލިއެވެ.

** **

މުޅި އުޑު ފުރިފައިވަނީ ކުދި ކުދި ތަރިތަކުންނެވެ. ގުނާ އަދަދު ނުކުރެވޭހާ ގިނަ ތަރިތަކުގެ ވިދުމަށްވުރެ އުޑުގެ މެދުގައި ސާއްބަކަމާއި އެކު އިން ހަނދުގެ އަލި ފުރިހަމައެވެ. ޓެރަސްގެ ހޮޅިބުރީގެ އަލި ނުވިނަމަ މިރޭގެ ހަނދުވަރުގެ ފުރިހަމަކަން އިހްސާސްވާނެއެވެ.

މޫނުގައި ބީހެމުން ދިޔަ ފިނި ރޯޅީތަކަށް ކުރިމަތިލައިގެން ޝެޒާ ހުއްޓެވެ. އޭނާގެ ކައިރީ އަރްޝީ ހުއްޓުނެވެ. ޝެޒާގެ މޫނަށް އަރްޝީ ބަލައިލީ ކަންބޮޑުވެފައެވެ. މިރޭ ޝެޒާ ހުރީ ހިތުގައި ޖެހިފައިކަން އެނގެއެވެ. އޭނާގެ ދުލުން އެންމެ ބަހެއްވެސް ނުބުނެ މިޒްނާގެ ކޮނޑުމަތީ ވިއްސަކަށް މިނެޓް ރޮއި ހެދުމުން ހިތުގައި ރައްކާވެފައިވާ ޝަކުވާތަކުގެ އަދަދު ގިނަކަން އެނގެއެވެ.

"ޔޫ އާ ސޭފް ހިޔަރ." ރެއިލިންތކުގައި ހިފަހައްޓާލައިގެން ހުރި ޝެޒާގެ އަތްތިލަ މަތީ އަރްޝީ އަތް ޖައްސާލިއެވެ. ޝެޒާ ސިހިފައި އަރްޝީގެ މޫނަށް ބަލާލިއެވެ.

"އަހަރެން ކަންބޮޑުވަނީ އަހަރެންގެ ސޭފްޓީ އާއި މެދުގައެއް ނޫން، އެއަށްވުރެ ބޮޑަށް އަހަރެންގެ ބަސް ޤަބޫލުކުރާނެ އެއްވެސް ފަރާތެއް ނެތުމުން." ޝެޒާ ނޭފަތް ދަމާލިއެވެ. އޭނާގެ ދެލޮލަށް ގިނަވަމުން އައި ކަރުނަތައް މިފަހަރު އޭނާ ކޮންޓްރޯލްކުރިއެވެ.

"އައި ޑޫ" އަރްޝީ އެއްއަތުން އަމިއްލަ މޭގައި ޖައްސާލިއެވެ. އޭނާ ހުރީ ޝެޒާ އާއި އެކުގައެވެ. ޝެޒާ ބުނި ކޮންމެ އެއްޗެއް އޭނާ ޤަބޫލުކުރީ އޭގައި އެއްވެސް ސުވާލެއް ނުއުފައްދައެވެ.

"އެހެންވެ އަހަރެން ބުނީ ރިޕޯރޓްކުރަން." އަރްޝީ ބުނެލިއެވެ. ޝެޒާގެ މޫނު އަނެއްފަރާތަށް އަނބުރައިލިއެވެ. އެކަމާއި އޭނާ ދެކޮޅުކަން ހާމަކުރީ އެފަދައިންނެވެ.

"ކުރެވިދާނެ. ބޭބެ ހައްޔަރުވެސް ކުރާނެ، ނޫސްތަކުގައި ލިޔާނީ އަހަރެންގެ ވާހަކަ، ދައުރުވާނީ އަހަރެންގެ ފޮޓޯ، އޭނަގެ ފޮޓޯވެސް ހިމަނާނެ، ދުވަސްކޮޅަކުން އެންމެން ހަނދާން ނެތޭނެ. އެކަމަކު އަހަރެން މަތިން އެކަކުވެސް ހަނދާނެއް ނުނެތޭނެ، އަހަރެން ބިރުގަނޭ އަހަރެންގެ މުސްތަގްބަލާއި މެދު، ކިޔަވައިގެން މޮޅު ސެޓްފިކެޓެއްލިބިދާނެ، އަބުރު ހޯދޭނެތަ؟ އަހަންނާއި އިންނާނެ މީހަކުވެސް ނުވާނެ." ޝެޒާ އަނގަމަތީ އަތް އަޅާލިއެވެ. އޭނާއަށް ރޮވުނެވެ. އަރްޝީ ދެއަތް ގެނެސް ވަށާލީ ޝެޒާގެ ކޮނޑުގައެވެ.

"ކަންތައްކުރާނީ ޝެޒާ ބޭނުންވާ ގޮތަށް. އަމިއްލަ ނަފްސާއި މެދު އޮންނަ އިތުބާރު ކުޑަނުކުރޭ، އެއްވެސް މީހަކަށް ފަހުން ވާނެ ގޮތެއް ނޭނގޭނެ، ޝެޒާއަށް ހުރި މޮޅެއް މިއަދު ނޭނގޭނެ، އެކަމަކު ކޮންމެ މީހަކަށްވެސް އެމީހެއްގެ ހައްޤު މިންވަރު ލިބޭނެ. އެމީހަކަށް ހުރި ރޯންޖެއް ބަންދެއް ނުވާނެ، ޝެޒާއަށް ނޭނގުނަސް ޝެޒާ ދެކެ ލޯބިވާ އެތައް ބަޔަކު އެބަތިބި." އަރްޝީ ހުއްޓައިލީ އޭނާގެ ހިތަށް ރަފްހާންގެ ނަން އެރުމުންނެވެ. އެވާހަކަ އޭނާގެ ދުލުން ބޭރުވާން އޭނާ ނޭދެއެވެ. ޝެޒާގެ ހިތަށް އަރްޝީގެ ބަސްތަކުން ހިތްވަރު ލިބުނުހެން ހިއެއް ނުވެއެވެ. އޭނާ ޚިޔާރުކުރީ ހިމޭންކަމެވެ.

"ހެއި،" ފަހަތުން ޒައިދަންގެ އަޑު އިވި އަރްޝީ ބަލައިލިއެވެ. ޒައިދަން ބޮލުގެ އިސްތަށިގަނޑު ރީތިކުރަމުން އައިސް ހުއްޓުނެވެ. ޝެޒާގެ މޫނަށް އޭނާ ބަލައިލީ ގުދުވެފައެވެ. ޝެޒާ އަނެއްކާވެސް ދުރަށް ބަލަން ފެށިއެވެ.

"މިއީ ކާކު؟' ޒައިދަން އަހާލިއެވެ. ރައްޓެއްސެއްކމުގައި އަރްޝީ ބުނުމުން ޒައިދަން ޝެޒާ އަށް ބަލާލިއެވެ. ޝެޒާއަށް އުދަނގޫވެދާނެ އެއްޗެއް ޒައިދަން ބުނެފާނެކަމުގެ ބިރަށް އަރްޝީ އޭނާގެ އަތުގައި ހިފައިގެން ދުރަށް ގެންދިޔައެވެ.

"ޝީ އިޒް ބިއުޓިފުލް." ޒައިދަންގެ ކަޅި ޝެޒާގެ މޫނަކުން ނުނެއްޓެއެވެ. އަރްޝީ ޒައިދަންގެ ދަތްދޮޅީގައި ހިފާ އޭނަ އާއި ދިމާލަށް އަނބުރާލިއެވެ.

"ޔޫ އާ ގޯޖިއަސް." އަރްޝީގެ ދެލޮލަށް ބަލާލާފައި ޒައިދަން ބުނެލިއެވެ. އަރްޝީ އަށް ތުންހަދައިލެވުނީ ގަސްތަކާއި ނުލައެވެ. ޒައިދން ވަކިން ބޮޑަށް ހިނިއައިސް އަނެއްކާވެސް ޝެޒާއަށް ބަލައިލިއެވެ.

"ހަނދުގެ އަލި ހުއްޓާ ތަރިތަކުގެ ބޭނުމެއް ނެތް، އަހަރެން އެހެން ބުނީ އަރްޝީއަށް ވަނީ ކިހިނެއްތޯ ބަލަން، ޔޫ ގޮޓް ޖެލަސް، " ޒައިދަން ހީލިއިރު އޭނާގެ ހުދު ދަތްތައް ފެނުނެވެ. އަރްޝީ ނޫނެކޭ ބުނެފައި ޒައިދަންގެ މުލައްދަނޑީގައި ހިފިއެވެ. އަރްޝީގެ އަތާއި ދިމާލަށް ޒައިދަން ބަލާލިއެވެ. މި ނޫނީ ޒައިދަންގެ އަތުގައި އަރްޝީ ބީހިނުލައެވެ. އޭނާގެ ހިތަށް ފިނިކަން ލިބުނެވެ. އަރްޝީ ރުޅިއެރުވުމުގެ ޚިޔާލު އެއްފަރާތްކޮށްލެވުނެވެ. އޭނާއަށް އަރްޝީގެ މޫނަށް ބަލައިލެވުނެވެ.

"ޒައިދަން، ޝެޒާއަށް ޒައިދަންގެ އުދަނގޫ ޖެހިގެން ނުވާނެ؟" އަނެއް އަތުގެ ޝަހާދަތް ދިއްކޮށްލާފައި އަރްޝީ އަމުރުކުރިއެވެ. އެ އިނގިލީގައި ޒައދަން ހިފަހައްޓާލިއެވެ. އޭނާގެ މޫނަށްވުރެ އަރްޝީގެ އަތް ތިރިކޮށްލާފައި އަރްޝީގެ މޫނަށް ބަލާލިއެވެ.

"އިފް ޔޫ ސޭ ޔެސް." ޒައިދަން ޝަރުތުކުރިއެވެ. ޒައިދަން ގެ ކައިރީ އެއްވެސް ބަހެއް ނުބުނެ ހަނު ހުރެވުނުނަމަ ކިހާ ރަނގަޅުހެއްޔޭ ހިތަށް އެރިއެވެ.

(ނުނިމޭ)

ދިގު ވާހަކަ ވާހަކަ: ހުރީމޭ އިންތިޒާރުގައި

Popular