30 Mar 2020

މަންޒިލް ތީއޭ

By: Mariyam Yasma

"އަދި ބައްޕަ ބުނަންތަ ދަރިފުޅަށް ނޭނގޭ ވާހަކައެއް...." ޖަންނަގެ ނަޒަރު ދޮރާއި ދިމާއިން އަނބުރާ ބައްޕަގެ މޫނަށް ބަދަލުކޮށްލި އެވެ. އެވަގުތު ބައްޕަ އިތުރަށް ބުނި އެއްޗަކުން މެއަށް ފިނިގަނޑު ވަދެގެން ދިޔަ އެވެ.

"ޔޫ މެޓް އިއާން؟ ކޮންއިރަކު ބައްޕަ އިއާންއާ ބައްދަލުކުރީ؟" ޖަންނައަށް އިށީނދެ އިންނަން އުދަނގޫވެގެން ކޮޅަށް ތެދުވެވުނެވެ.

"މީ އެންމެ ރަނގަޅު ވަގުތެއް ނޫންކަންނޭނގެ މިވާހަކަދައްކަން.." އަނީސްއަށް ބޮލުގައި އަތް ހާކައިލެވުނެވެ. ވިސްނާނުލައި އެހެން އެބުނެވުނީ އެންމެ ނުބައި ގަޑީގަ އެވެ.

"ނޫން ބައްޕާ ތިހިސާބަށް ބުނެފަ ދެން އަހަންނަށް ކިޔައިނުދީއެއް ނުވާނެ.." ޖަންނަ އަނެއްކާވެސް އެނބުރި ސާރިމް ކޮބައިތޯ ބަލައިލާފައި ތެދުވެގެން އައިސް ބައްޕަ ކައިރީ އިށީނދެ އެއަތުގައި ހިފައިލި އެވެ.

"ދަރިފުޅުގެ ކައިވެނީގެ ކުރިން. ބައްޕަ ބޭނުންވީ ބައްޕަގެ މިނިންމުމަކީ ރަނގަޅު ނިންމުމެއްކަން އަދިވެސް އެއްފަހަރު ޔަޤީންކުރަން. ބައްޕަ ބޭނުންވީ އިއާންއަށް ފުރުސަތެއް ދިނުމަކީ ބައްޕައަށް ކުރެވިދާނެ ކަމެއްތޯ ނުވަތަ ނޫންތޯ ބަލައިލަން. އެއީ ބައްޕަ ސާރިމްއާ ކިތަންމެ ރުހުނަސް ދަރިފުޅުގެ އުފާތައް ހަނދާން ނައްތައިލާފަ ބައްޕަ އެދޭގޮތަށް ކަންކޮށް ނިންމާލުމަކީ ކުރަން ބޭނުންވި ކަމެއް ނޫން... ބައްޕަ އެހެންވެ އިއާން ކައިރިއަށް ދިޔައީ ދަރިފުޅުގެ ކައިވެންޏަށް އެދިގެން...އެކަމަކު ޝަރުތަކާއި ލައިގެން. އެއީ އިއާންގެ އުޅުން އެއަށްވުރެ ރަނގަޅުކުރުން. އިއާން ބޭނުންނަމަ ވެދިޔަ ތަން ހަނދާން ނައްތާލލާފަ ކްލީން ސްލޭޓަކުން ފަށަން ބައްޕަ ހުށައެޅިން..." އަނީސް ވާހަކަދައްކަމުން އިސްޖަހާލައިފައި ދެއިނގިލިން ކުރިން ނޭފަތުގައި ހިފަހައްޓައިލި އެވެ.

"އިއާން ކީކޭ ބުނީ؟" ބައްޕަ އެއްޗެއް ނުބުނެ އެހެން އިންވަރަކަށް ޖަންނަގެ ހިތް އަވަސްވެގެން އައެވެ.

އަނީސް ދަރިފުޅަށްޓަކައި ހަމްދަރްދީވި އެވެ. ޖަންނަ އެހާ ކެތްމަދުވެފައި އަހަން އެއިށީންނީ އޭނަ އަހަން ބޭނުންވާނެ ފަހު ވާހަކަ އެވެ. އަނީސް އެއް އަތުން ޖަންނަގެ ކޯތާފަތުގައި ހިފާލައިފައި ތިރިކޮށްލަމުން ނިތުގައި ބޮސްދިނެވެ. ބައްޕަގެ މިހަރަކާތުން ޖަންނަގެ ދެލޯ ފެންކަޅިވި އެވެ.

ޖަންނަ އަދިވެސް ޖަވާބަކަށް ބަލަން އިންތަން ފެނުމުން މަޑުމަޑުން ދެފަރާތަށް ބޯ ހޫރުވައިލި އެވެ. އިއާންގެ ފުށުން ބައްޕަ ބޭނުންވިފަދަ ޖަވާބެއް ނުލިބުނުކަން ހާމަކުރީ މިފަދައިންނެވެ. ޖަންނައަށް މަޑުމަޑުން ކޮޅަށް ތެދުވެވުނެވެ.

ބައްޕަ އޭނަގެ ނަމުން ގޮވާލި ނަމަވެސް އެއަޑަށް އިޖާބަދިނުމެއް ނެތި ފުރަގަސްދީފައި ސިޑިއާ ދިމާއަށް ދުއްވައިގެންފި އެވެ. ބޭރުގައި ފޯނުގައި ހުރެފައި ވަދެގެން އައި ސާރިމްއަށް މިމަންޒަރު ފެނުނެވެ. ޖަންނަ އަރައިގެންދާތަން ބަލަން ހުރެފައި އެނބުރުނުއިރު އަނީސް ނިތުގައި ހިފާލައިގެން އިންގޮތުން ހީވީ ތަނެއްގައި ވޭން އަޅާތީ އިން ހެންނެވެ. ސާރިމް ކަންބޮޑުވެގެން އަނީސްއާ ގާތަށް ޖެހިލާފައި ތަނަކަށް ތަދުވަނީތޯ ސުވާލުކުރި އެވެ.

އަނީސް އެވަގުތު އަތް ތިރިކޮށްލާފައި ސާރިމްއާ ހަތަރުކަޅި ހަމަކޮށްލަމުން ނޫނެކޭ ބުނެލި އެވެ.

ކޮޓަރިއަށް ވަންގޮތަށް ޖަންނަ ގޮސް އިށީނދެލީ އެނދުގަ އެވެ. އަތް މުށްކަވާލައިފައި ގެނެސް އަނގަމަތީ ޖައްސާ ބާރުކޮށްލައިގެން އިންއިރު އަނެއް އަތުން ބެޑްޝީޓް ބޮނޑިކުރެވެމުން ދިޔަ އެވެ. އޭނަ ކުރި އާދޭހުގައި ކޮޅުފައިން ޖަހައިގެން އަދި އިއާންއަށް ފުދުނީއެއް ނޫނެވެ. ބައްޕަގެ އެދުންވެސް ބޮލާލައި ޖެހީ އެވެ. ބައްޕަ ބުނީ ތެދެކެވެ. އޭނަ އަކީ މޮޔައެކެވެ. އޭނަ ފަހަތުން ނޫޅޭ މީހަކާއި ހެދި ދުނިޔެ މޮޔަވެފައި ހުރި ހުރުމަކީ އޭގެ ހެއްކެކެވެ.

***

ދޮރުގައި ޓަކި ދިން އަޑާއެކު ޖަންނަ އަވަހަށް ދެލޯ ފުހެލި އެވެ. ސާރިމް އިރުކޮޅަކު މަޑުކޮށްލާފައި ދޮރު ހުޅުވިއިރު ޖަންނަ ތެދުވެ ރީތިވާ މޭޒު ކައިރީ ހުރީ ޓިޝޫއަކުން ނޭފަތް ފުހޭށެވެ. ސާރިމް މަޑުމަޑުން ދޮރު ލައްޕާލައިފައި އެތެރެއަށް ވަދެގެން ގޮސް ތަންކޮޅެއް ދުރުގައި ހުއްޓުނެވެ.

"ޔޫ އޯކޭ؟" ސާރިމް ޖަންނައަށް ބަލައިލަމުން އެހި އެވެ.

"ހޫމ..." ޖަންނަ ޖަވާބުދިން އަޑު އިވުނެވެ.

ސާރިމް އިރުކޮޅަކު ބަލަން ހުރެލާފައި ތުވާއްޔާއި އަންނައުނު ހިފައިގެން ގޮސް ފާޚާނާއަށް ފެންވަރަން ވަނެވެ. އޭނަ ނިކުތްއިރު ޖަންނަ އެނދަށް އަރައި ބާލީސްތަކުގައި ލެނގިލައިގެން އިނީ ފޯނަށް ބަލަހައްޓައިގެންނެވެ. ކަކުލާއި ހަމައަށް ހުރި މަޑުމަޑު ނޫކުލައިގެ ކުރުތާ އާއި ތިރިން ހިމަކޮށްހުރި އެކަމަކު ފަޔަށް ނުހިފާކަހަލަ ޖިންސްއެކެވެ. ދިގުމިން ހުރީ ސާރިމް ލާ އެހެން އެއްޗެއްސެކޭ އެއްގޮތަށް ފައިގެ ތަނބި ކަށްޓާއި ހަމައަށެވެ. ޖަންނައަށް ސާރިމްގެ ހަރަކާތްތަކަށް ބަލަން އިނދެވުނުކަން އެނގުނީ ސާރިމް އެދިމާއަށް ބަލައިލި ވަގުތު ދެމީހުންގެ ހަތަރުކަޅި ބައްދަލުވީމަ އެވެ.

"އަހަރެންދެކެ ރުޅިއާދޭތަ؟" ވަގުހިފުމުން ކަންބޮޑުވެގެން ޖަންނައަށް އަހައިލެވުނެވެ.

އަތުގައި ގަޑިއަޅަން ހުރެފައި ސާރިމް ޖަންނައަށް ބަލައިލި އެވެ.

"ކީއްވެ އަހަރެން ޖަންނަދެކެ ރުޅި އަންނަންވީ؟" ސާރިމް ވެސް ކޮށްލީ ސުވާލެކެވެ.

"ކީއްވެ ނާންނަންވީ؟ ސާރިމް ބޭނުވެގެނެއް ނޫނެއްނު އަހަންނާއި މެރީކުރީވެސް. އެހެންވެ ނާދޭތަ ރުޅިއެއް؟" ޖަންނަ އެހިސާބުން ފަސްނުޖެހެން ވެގެން އެހި އެވެ.

ސާރިމްގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވެލާފައި އިސްއުފުލައިލަންވާއިރަށް ފިލި އެވެ. ޖަންނައަށް އަތުގެ ކުޑަވައި އިނގިލީގައި ދަތް އަޅައިލެވުނެވެ. ތަޅުދަނޑިއާއި ފޯނު އަތަށް ނަގައިގެން ސާރިމް ޖަންނައާ ދިމާއަށް އެނބުރުނެވެ. ޖަންނަ އިނީ ސާރިމް ބުނަން އުޅޭ އެއްޗެއް އަހަންވެގެން އެމޫނަށް ބަލަހައްޓައިގެންނެވެ.

"އުހު. ނާދޭ ރުޅިއެއް. އެކަމަކު ތެދެއް ބުނެފާނަން. އަހަރެން ހިއެއްނުކުރަން ޖަންނަ ކަހަލަ... މިބުނީ މިނިވަންހިޔާލެއްގެ ކުއްޖަކު ބައްޕަގެ އެދުމަށް ކައިވެންޏެއް ކޮށްފާނެ ކަމަކަށް. އައި ރެސްޕެކްޓް ޔޫ ފޯ ދެޓް.." ސާރިމް އަތުގެ އިޝާރަތާއެކު ވާހަކަ ނިންމާލައިފައި އިސްޖަހައިލި އެވެ.

ޖަންނައަށް ލިބުނު ހައިރާންކަމާއެކު ތަކުރާރުކޮށް އެސްފިޔަ ޖަހާލައިފައި ބަލަން އިނދެވުނީ އެވެ. ސާރިމްގެ މޫނު ރަތްވީ ގޮތަކާއިމެދު ވިސްނަން އިންދާ ނިކުމެގެން ދިޔަ އެވެ. ފަހު ޖުމްލައަކީ ސާރިމް އޭނައަށްކޮށްލި ތައުރީފެއްކަން ޖަންނައަށް ނަގައިގަނެވުނީ އަދި އެހިސާބުންނެވެ.

"އޯއެމް ޖީ ހީ ވޯޒް ބްލަޝިން ލައިކް އެ ގާރލް. ދުވަހަކު އަންހެންކުއްޖަކަށް ތައުރީފްނުކުރަނީތަ؟" ޖަންނަ އަމިއްލަ ނަފްސަށް އެހެން ބުނެލީ ލޮލެއް ގޮތެއް ހަދައިލާފަ އެވެ. އެކަމަކު އެސުވާލާއިއެކު ދެން ތަނަށް ވެރިވެ އިތުރުވަމުން އައި ކޮންމެ ސިކުންތަކާއެކު އެއީ ތެދެއްކަން އޭނަގެ ސިކުނޑި އަންގައިދިނެވެ. އެކަން ޤަބޫލުކުރެވުމުން ޖަންނައަށް އަނގގަމަތީ އަތް އަޅައިލެވުނެވެ.

ކުޑައިރުކޮޅެއް ފަހުން ސާރިމް މެސެޖު ކުރީ އޭނަ އެދަނީ މަސައްކަތަށް ކަމަށާއި ކަމެއް ދިމާވެއްޖެނަމަ ފޯނު ކުރުމަށެވެ. އަދި ސާރިމް ގޭގައި ހުންނަން އުޅެނިކޮށް މަސައްކަތު ދާން ބާރު އެޅީ ވެސް ބައްޕަކަން ޖަންނައަށް އޮތީ އެނގިފަ އެވެ. އޯކޭ އޭ ބުނެ ޖަވާބު ފޮނުވާލައިފައި ޖަންނަ ފެންވަރައިގެން ބައްޕަގެ ޚިދުމަތުގައި ދުވަހުގެ ބާކީބައި ހޭދަކުރަން ތައްޔާރުވި އެވެ.

ޖަންނައާ ދެން ބައްދަލުވީއިރު މޫޑު ރަނގަޅުކަމަށް ފެނުމުން އަނީސް ކުރިން ވާހަކަދެއްކި މައުޟޫއަކަށް އިތުރަކަށް ނުދެ އެވެ. ބައްޕަގެ އެދުމުގެ މަތިން އެކޮޓަރީތެރޭ ހުރި ހަރުން ފޮތެއް ހޯދިއިރު ބައްޕައަށް އެކި ފަހަރު މަތިން އޮފީހުން ގުޅި އެވެ. ޖަންނަ ފޮތް ހިފައިގެން އައިއިރު ވެސް ބައްޕަ އިނީ ފޯނެއްގަ އެވެ.

"އޮފީހުންތަ؟" ބައްޕަ ފޯނު ބޭއްވުމުން ފޮތް ދެމުން ޖަންނަ އެހި އެވެ.

"ހަސަން..." އަނީސް ފޮތުގައި ހިފި އެވެ.

"ބައްޕަ ނުދިޔަސް ހަސަން ހުރިހާ ކަމެއް ރަނގަޅަށް މެނޭޖްކުރޭ ދޯ..؟" ހަސަންގެ ވާހަކަ ދެއްކިއިރު ޖަންނަގެ ތުންފަތަށް ހިނިތުންވުމެއްވެރިވި އެވެ. ބައްޕައާއެކު އެންމެ ގާތުގައި މަސައްކަތްކުރާ ހަސަންއަކީ ޖަންނަވެސް ނުހަނު އިޚުތިރާމްކުރާ އަދި ގަޔާވާ ޒުވާނެކެވެ.

"އެއީ ތެދެއް ސްޓެޕްމޯމް އަދިވެސް ލަންކާގަތަ؟ ބައްޕަ ނުބުނަންތަ އަންނާކަށް؟" ބައްޕަ ފޮތް ހުޅުވިފަހުން ބައްޕަގެ މަގަތުގައި އިނދެފައި ޖަންނަ އިރުކޮޅެއް ފަހުން އެހި އެވެ.

އަނީސްގެ އަތަށް ހުއްޓުމެއް އައީ އެސުވާލު އަހައިފަ އެވެ. ޖަންނައަށް އެކަން އެނގިފައި އޮންނާނީ ނޯކަރެއްގެ ފުށުންކަން އެނގޭތީ އެސުވާލެއް ނުކުރެ އެވެ. ފޮތް ކިޔަން ލޮލުގައި އެޅި އައިނު ނަގައި ފޮތްތެރޭ ބާއްވާފައި އަނީސް ދަރިފުޅުގެ މޫނަށް ބަލައިލި އެވެ.

"ބަލީގެ ކަންތައް ފުރަތަމަ އެނގުނުއިރު ނާޒިރާ ގޮސް ހުރީ އޭނަގެ އާއިލާ ކައިރީ. ދަރިފުޅަށް ނޭނގުނަސް ފަހަކަށް އައިސް ނާޒިރާއާ ބައްޕަގެ ގުޅުން އެހާ ރަނގަޅެއް ނޫން. އެހާ ދުވަހު އިނދެގެން އުޅުނީމަ ދޫކޮށްލަން ނުކެރިފަ އުޅޭނެގޮތަކަށް އުޅެން ދޫކޮށްލާފަ ހުރީ. އެކަމަކު އެހިސާބުން ބައްޕަ އޭނައަށް ގުޅާފަ ބަލީގެ ވާހަކަ ކިޔައިދިނުމަށްފަހު ބޭނުމިއްޔޔާ ވަރިވެގެން ދާން ފުރުސަތު ދިނީ. އެއީ ބައްޕަ ބޭނުމެއް ނުވޭ ބަލި އެނދުގައި އޮންނަންޖެހޭ ދުވަހު އެއްވެސް މީހަކަށް އުދަނގުލެއް ޖައްސާކަށް. އަދި މަޖުބޫރު ކުރާކަށް ވެސް. ބަލި އެނދުގައި އޮންނަ މީހަކު ބެލުމަކީ ކުޑަކަމެއް ނޫން. " އަނީސްގެ ވާހަކަ ނިމުނުއިރު ޖަންނަ އިނީ އަނގަމަތީ އަތް އަޅައިލިގޮތަށެވެ.

އޭނައަށް އެކަމަށް ހިޔާލެއް ފައުޅު ނުކުރެވެނީސް ދޮރުގައި ޓަކިދިން އަޑު އައެވެ. ހުއްދަ ލިބުމުން ނޯކަރަކު ވަދެ ބުނީ ބައްޕައާ ބައްދަލުކުރަން ސާރިމްގެ މަންމަ އައިސް ހުރި ވާހަކަ އެވެ. ވަހީދާގެ ވާހަކަ ބުނުމުން ބައްޕަގެ މޫނަށް އުފާވެރިކަން ވެރިވެގެން އައިތަން ޖަންނަ ދުށްޓެވެ. ކިޔަން ގެންގުޅުނު ފޮތް ބާއްވާފައި ބައްޕަ ތެދުވީ އެކުވެރިޔާއާ ބައްދަލުކުރަން ދާށެވެ.

ބައްޕައާއެކު ޖަންނަވެސް ތިރިއަށް ފޭބި އެވެ. ރަނގަޅަށް ނުކެވެން ފެށުމުން ބަލިކަށިވެފައިވާ ބައްޕަގެ ފައި ކައްސައިލަފާނެތީ ނޫނީ ވަރުބަލިވެދާނެތީ ޖަންނަ ހުންނަނީ ވަރަށް ވިސްނައިގެންނެވެ. ތިރިން ކޮޓަރިއަކަށް ބަދަލުވާން ވެސް އޭނަ މިހާރު ލަފާދީފި އެވެ. މީގެ ކުރިން ތިރީގައި އުޅެފައި ބައްޕަ މަތީ ކޮޓަރިއަށް ބަދަލުވީ މަންމަގެ ހަނދާންތަކާއި އެތަނާއި ގުޅިފައިވާތީ ކަމުގައި ޖަންނައަށް ލަފާކުރެވެ އެވެ.

ޖަންނަމެން ފެނުމާއެކު މައިދައިތަ އަވަހަށް އިންތަނުން ތެދުވެގެން އައިސް އެމީހުންނާއި ބައްދަލުކުރި އެވެ. ޖަންނަ ފެނުމުން ފުންކޮށް ބަލައިލާފައި ބައްޕައަށް އަޅައިލަން އުޅުނަސް ގަޑިން ގަޑިއަށް ކައިގެން އަމިއްލަ ހަށިގަނޑަށް ވެސސް ބަލައިގެން އުޅުމަށް ނަސޭހަތްދިންއިރު ބައްޕަ ހިނިތުންވެފައި އެދެމީހުންނަށް ބަލަން ހުއްޓެވެ. ބައްޕަ ބަލިވެ އުޅޭތީ މައިދައިތަ އައީވެސް މީރު ބަތްޕެނެއް ކައްކައިގެން ހިފައިގެންނެވެ. އެމީހުން ކާންވެގެން ބަދިގެއަށް ދިއުމުން ޖަންނަ ދިޔައީ ލަމްޔާގެ މިސްކޯލެއް ފެނިގެން ގުޅާށެވެ.

އެނދުގައި ހަމަޖެހިލާފައި ވީޑިއޯ ކޯލްކުރަން ފެށުމާއެކު އެކޮޅުން ލަމްޔާ ފޯނު ނެގީ ފެންވަރައިގެން ނިކުމެ ތުވާލި އޮޅައިގެން ހުރެ އެވެ.

"ސާބަހޭ އަންހެނާ. މަށަށް ވީޑިއޯކޯލު ކުރާއިރު މިހާރު ތިއަށްވުރެ ވިސްނައިގެން އުޅެން ވެއްޖެ. މިތާ ސާރިމް ހުރިނަމަ ކިހިނެތްވާނީ؟: ޖަންނަ އަނގަމަތީ އަތް އަޅައިގެން ހޭން ފެށި އެވެ.

"މާރަނގަޅެއްނު..." ލަމްޔާ އެނދުގައި އިށީނދެފައި ފެށީ ފައިގައި ލޯޝަން ލާށެވެ.

ޖަންނަ ލޮލެއް ވައްތަރެއް ޖައްސައިލި އެވެ.

"ކީއްތަ ވީ؟ ޖަންނަ ތިއުޅެނީ އެހާ ރީތި އެހާ ޞާލިހް ފިރިހެނަކު ލިބުނީމަވެސް ކަމުނުގޮސްގެން. ކކޮބާތަ މިހާރު ޝެއިހް؟" ލަމްޔާ އޮޅުންފިލުވަދޭން އެދުނެވެ.

"އެޓް ވޯކް..." ޖަންނަ އެޖުމްލަ ބުނެލާފައި ސާރިމް ނިކުމެގެން ދިޔަގޮތް ހަނދާންވެގެން ހިނި އަންނަގޮތް ވެގެން އަނގަމަތީ އަތް އެޅި އެވެ. އޭނަ އެވަރުން އެހިނިތުން ފޮރުވާލަން އުޅުނީމަވެސް ލަމްޔާއަށް ސިއްރެއްނުވި އެވެ.

"ކީއްވެ ފާޑަކަށް ތި ބްލަޝްވަނީ؟ ބުނޭ އަހަރެން ކައިރީ؟ ޑިޑް ސަމްތިން ހެޕެން؟ ދެމީހުން ކިސްކުރީ ދޯ؟" ލަމްޔާ ލޯޝަންފުޅި ދޫކޮށްލާފައި ފޯނު އަތަށް ނަގައި މޫނާއި ކައިރިކޮށްލަމުން ބާރުލައިފައި ވާހަކަދެއްކި އެވެ.

"ނޯ އެން ނޯ...ލަމް ތިހެން ހިތަށްއެރީމަވެސް ހައިރާންވެއްޖެ. އައި މީން.. އަހަންނާއި އޭނަ... ސޯ އޮޕަސިޓް.." ޖަންނަ ބަހަނާތައް ދައްކަންފެށި އެވެ.

"ވައި ނޮޓް؟ ކިޔައެއްނު އޮޕަސިޓް އެޓްރެކްޓް ވާނެއޭ.. އެހެންނޫނަސް އެހާ އެޓްރެކްޓިވް މީހަކު އެހާ ކައިރީ އުޅެންޏާ ވަކި ވަރަކަށް ދޯ ކެތްވާނީ..." ލަމްޔާ ގެ ވާހަކަތައް އަހަން އިނދެގެން ޖަންނަ މަޑުމަޑުން ނިތުގައި ތެޅި އެވެ.

"މަށަށް ހީވަނީ މިވަރުން ދަންޏާ މަށާ އޭނަ ދުރުވާފަހުން ލަމްއާއި އޭނަ މެރީކޮށްފަ ހެން ހުއްޓާނީ. އެން އެފްވައިއައި...ނަތިން ހެޕެންޑް...ޖަންނަ އެހިސާބަށް ބުނެފައި ސާރިމް ލަދުގަނެގެން ދިޔަގޮތާއި ދެއްކި ވާހަކަ ލަމްޔާއަށް ކިޔައިދިނެވެ.

އެވާހަކަ އަހާފައި ލަމްޔާގެ ރައްދު އައީ ޖަންނަ ހަމަ ހީކުރިގޮތަށެވެ. ސާރިމްގެ ލަދުވެތިކަން ވީ ލަމްޔާއަށް ސާރިމް އިތުރަށް ކަމުދިޔަ ސިފައަކަށެވެ. ޖަންނަ އެމައުޟޫ ބަދަލުކުރަންވެގެން ނުޒޫއާ ފާތުންގެ ވާހަކަ ފަށައިގެން ނަސީބަކުން ސަލާމަތްވި އެވެ. އެދެމީހުން މަސައްކަތުން ހުސްވާ ގަޑިއެއް ބަލާފައި ޖަންނަ ކައިރިއަށް އެގެއަށް ދާން ޕްލޭންތައް ރާވަން ފެށި އެވެ. އިއާންއާ ބެހޭގޮތުން ބައްޕަ ދިން އާ މައުލޫމާތު މަތިން ޖަންނަ ހަނދާންވީ އެފޯނު ބޭއްވިފަހުންނެވެ.

އަލުން ގުޅަން ހިތަށް އަރާފައިވެސް ޖަންނަ އެހިޔާލު ހިތުންނެރެ އެއްލައިލި އެވެ. އިއާންގެ ޚަބަރެއް ވިތޯ ލަމްޔާ ކުރެން އަހަން އުޅެފައިވެސް މަޑުމަޑުން ދެފަރާތަށް ބޯ ހޫރާލުމަށްފަހު ތެދުވެގެން އަވަހަށް ބައްޕަ ކައިރިއަށް ދިޔައީ އަމިއްލަ ނަފްސް ނުހުއްޓުވިދާނެތީ އެވެ.

އެރޭ ޖަންނަ އާއި ސާރިމް ނިދާފައި ތިއްބާ ކޮންމެވެސް މީހަކު އެކޮޓަރި ދޮރުފަތުގައި ތަޅައިގަތެވެ. ޖަންނައަށް ލޯ ހުޅުވިގެން ތެދުވެ އިށީންއިރު ސާރިމް ގޮސް ދޮރު ހުޅުވަނީ އެވެ. ބޭރުގައި ހުރި މީހަކު ދެއްކި ވާހަކަ ސާފު ނުވި ނަމަވެސް ބައްޕައޭ ބުނިކަން ޖަންނައަށް ސާފުވި އެވެ. ސާރިމް އެނބުރި އައިއިރު ޖަންނަ ހުރީ ކޮޅަށް ތެދުވެ އެވެ.

"ހެދުން ބަދަލުކޮށްލައިގެން އާދޭ ބައްޕަ ކޮޓަރިއަށް.." ސާރިމް ޖަންނައަށް ބަލާލައިފައި އެހެން ބުނުމަށްފަހު އަނެއްކާވެސް ދޮރާއި ދިމާއަށް ހިނގައިގަތެވެ.

ޖަންނައަށް ދެވުނުއިރު ކޮޓަރިތެރޭގައި ޚާލިދާ އާއި މެއިޑު ތިއްބެވެ. ބައްޕަ ތެދުވެ އެނނދުގެ ފަޑީގައި ލައްކޮށްލެވިފައިވާ ބާލީސްތަކުގައި ލެނގިލައިގެން އިންއިރު ކަނާއަތް އޮތީ މެއާހިސާބުގައި ޖައްސާލެވިފަ އެވެ. ނިއްކުރިމަތިން ދާތިކިތައް ފެންނަމުންދިޔައިރު ބައްޕަގެ މޫނުމަތިން ވަރުބަލިކަން ފައުޅުވަމުން ދިޔަ އެވެ. ބައްޕަގެ މަގަތުގައި ސާރިމް އިނީ ބޭސްކާޑުތައް އަޅާފައިވާ ކުޑަ ފޮށި ހިފައިގެންނެވެ. އަތް ޖެހޭ ހިސާބުގައި މެދާކަށް ހަމައަށްގޮސްފައިވާ ފެންތައްޓެއް ވެސް ހުއްޓެވެ.

"ކިހިނެތްވީ ބައްޕާ؟ މޭގަ ރިއްސަނީތަ؟" ޖަންނަ ގޮސް އެނދުގެ އަނެއްފަރާތުން އަރައި އިށީނދެފައި ބައއްޕަގެ އަތުގައި ހިފައިލި އެވެ.

"މިހާރު ރަނގަޅު ދަރިފުޅާ..." ބައްޕަ ލުއި ހިނިތުންވުމަކާއެކު ޖަންނަގެ އަތަށް މަޑުމަޑުން ފިތައިލި އެވެ.

ބައްޕަ ބުނިބަސް އިތުރަށް ޔަޤީންކުރުމަށްޓަކައި ޖަންނަ ބަލައިލީ ސާރިމްގެ މޫނަށެވެ. ސާރިމް ބޯޖަހައިލުމުން ޖަންނައަށް ހަމަޖެހުމުގެ ނޭވައެއްލެވުނެވެ. ޖަންނަ އެރޭ ދެން ނިދާނީ ބައްޕަ ކައިރީގައޭ ބުނެފައި ބައްޕަ އިންގޮތަށް ބބާލީސްތަކުގައި ލެނގިލައިގެން އިށީނދެފައި ބޯ އެޅީ ބައްޕަގެ ކޮނޑުގަ އެވެ. ސާރިމް އެވަގުތު ބޭސް ފޮށިގަނޑު އެހުންނަ ކަބަޑަށް ލައިފައި އެމީހުންނަށް ފުރުސަތު ދިނުމަށްފަހު ތެދުވެއްޖެ އެވެ. އޭނައާއެކު ނޯކަރުންވެސް އެތަނުން ނިކުންނަން މިސްރާބު ޖެހި އެވެ.

"ހިތަށް އަރާ އަހަންނަށް ބައްޕަގެ ތިވޭން ލުއިކޮށްދޭން ކުރެވޭނެ ކަމެއް އޮތް ނަމައޭ..." ފެންކަޅިވެފައި އޮވެ ޖަންނަ ވާހަކަދެއްކި އެވެ.

އަނީސްގެ ތުންފަތަށް ލުއި ހިނިތުންވުމެއްވެރިވި އެވެ.

"ދަރިފުޅަށް އެނގޭތަ މިފަދަ ބޮޑެތި ބަލި ބައްޔަކީވެސް ބައެއްފަހަރު ރަޚުމަތެއް.." ބައްޕަގެ ވާހަކަ އިވިގެން ޖަންނައަށް މޫނު އުފުލާލައިފައި ބަލައިލެވުނެވެ. އެލޮލުގައި ހައިރާންކަމެވެ. އެވަރުގެ ބޮޑު ބައްޔަކަށް ރަހުމަތެކޭ ބައްޕަ ބުނަންވީ ސަބަބެއް އޭނައަކަށް ދޭހައެއްނުވި އެވެ.

"މުދަލާއި ދުނިޔަވީ ތަނަވަސްކަމުގައި ޣާފިލުވެފައި ވަނިކޮށް ބައްޕަގެ ލޯ ހުޅުވައިދިނީ މިބަލި. ހެއްދެވިފަރާތުގެ މަގަށް ރުޖޫޢަވާން މެދުވެރިވި ކުރީ މިބަލި. އަދި ދަރިފުޅަށް އެނގޭތަ ބޮޑެތި ބަލި ބައްޔާއި އޭގެ ވޭން ތަހައްމަލު ކުރުމމަކީ ފާފަވެސް ފުހެވޭ ކަމެއް... ބައްޕަގެ ހަމައެކަނި ރިގްރެޓަކަށް ވާނީ ދަރިފުޅާއި ވަކިވުން. ދަރިފުޅު ދޫކޮށްފަ ދާން ޖެހުން. އެކަމަކު ސާރިމް މަތިން ހިތަށް އަރާ ކޮންމެފަހަރަކު އެހިތާމަ އެއީ ދާދި ކުޑަ ކުޑަ އެއްޗަކަށް ވެގެންދޭ...ބައްޕަ ނެތް ދުވަހަކުންވެސް ދަރިފުޅު ދުޢާކޮށްދޭތި ބައްޕަގެ ނުފުހެވި ހުރި ފާފަތައް ފުއްސަވައި ދެއްވުމަށް. ބައްޕަ އެދެނީ ސުވަރުގެއިން ބައްޕައާ ދަރިފުޅު ބައްދަލުވުން..." ޖަންނަ ރޯން ފެށުމުން އަނީސް ވާހަކަދެއްކުން ހުއްޓައިލި އެވެ.

***

ހެނދުނު ޖަންނަ ހޭލައިގެން ކޮޓަރިއަށް ދިޔައިރު ސާރިމް ނިދާފައި އޮތްވާ ފެނުމުން ކައިރިއަށް ހުއްޓި ބަލަން ހުރެވުނެވެ. އިރުކޮޅަކުން ފެނުނީ ސާރިމް ލޯ ހުޅުވައިލިތަނެވެ.

ނުނިމޭ

ދިގު ވާހަކަ ވާހަކަ: މަންޒިލް ތީއޭ

Popular