1 Apr 2020

By: Ahmed Nadym

ކޯވިޑް-19ގެ ބަލިމަޑުކަމަށް ފިލަން ގެއަށް ވަދެ އެކަހެރިވެލައިގެން ފޫހިވެފައި ތިބި އާންމުންނަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިދިޔަ ހަފުތާގައި ވާހަކަ ފޮތްތަކެއް ސަޖެސްޓުކުރެއްވިއިރު އެ ބޭފުޅާގެ "ޕާސަނަލް ލައިބްރަރީ" ގެ އެ ކަލެކްޝަން ވެސް އެންމެ ބޮޑަށް ފަޅުވިލުވައި ދިން ހުނަރުވެރިޔަކީ އެފަދަ ދެވަނައެއް ނެތް ފޭން ފެވަރިޓު، ބިންމާ އިބްރާހިމް ވަހީދެވެ. -- މިއީ ވާހަކަ ލިޔުންތެރިއެއްގެ ގޮތުގައި ބިންމާ އިބްރާހިމް ވަހީދު ބްރޭންޑަކަށް ވުރެން ވެސް މައްޗަށް އަރައިގެން ގޮސްފައިވާ ކަމުގެ ސާފު ހެއްކެކެވެ. --ހަގީގަތަކީ، ބިންމާ، ދިވެހިންގެ ދިރިއުޅުމުގެ ބަޔަކަށް ބަދަލުވެ ނިމިފައިވާ ކަމެވެ. މި ބަލިމަޑުކަމުގައި ވެސް އެންމެ ގިނަ މީހުން ބިން "މަލަކަށް" ބިންމާވެފައި ވަނީ ސަބަބުތަކެއް ނެތިއެއް ނޫނެވެ.

އެކަހެރިވެ، ފޫހިވެފައި ތިބި ގިނަ އަދަދެއްގެ ބަޔަކު މުނިފޫހިފިލުވައި އެމީހުންގެ ސިކުނޑި ތާޒާކޮށް މުއްސަނދިކޮށް ދިނުމުގައި ބިންމާ މި ދުވަސްކޮޅު އުޅެނީ އަދި ވަކިން ބިޒީކޮށެވެ. އަނެއްކޮޅުން ބިންމާގެ ހާޑްކޯ ފޭނުންނަށް މި ދުވަސްކޮޅު ހީވަނީ އީދެއް އައިސްގެން އުޅޭހެންނެވެ. ސަބަބަކީ މި ބަލިމަޑުކަމުގެ ދުވަސްވަރު، ކޮންމެ ދުވަހަކު ވެސް، ކޮންމެ ވަގުތަކު ވެސް، ކިޔަން ބޭނުންވާ ވާހަކައެއް ބިންމާ އަށް ރިކްއެސްޓުކޮށްލުމާ އެކު އެ ވާހަކައެއް ވަގުތުން އިނގިލިކުރިއަށް އޭނާ ފޮނުވާލަ ދޭތީ އެވެ.

"އަޅުގަނޑު މިހަދާ ގޮތަކީ ކޮންމެ ދުވަހަކު ވެސް ކިޔުންތެރިންނަށް މި ދޫކޮށްލަނީ އެއް ވާހަކަ މުޅިން ހިލޭ. ކިޔުންތެރިން ބޭނުންވާ، އެމީހުން ރިކްއެސްޓްކުރާ ވާހަކަތައް ފްރީކޮށް އޮންލައިން ޑައުންލޯޑްކުރެވޭ ގޮތެއް މިހަދައިދެނީ،" ބިންމާގެ ރަސްމީ ފޭސްބުކް ޕޭޖު މެދުވެރިކޮށް ފޭނުންނަށް ދިން ސަޕްރައިޒްގެ ވާހަކަ ކިޔައިދެމުން ބިންމާ ބުންޏެވެ.

ބިންމާގެ އާދަޔާހިލަފު ދިގު ކެރިއަރުގައި އޭނާ މިހާތަނަށް 23 ދިގުވާހަކަ ލިޔެ ޝާއިއުކޮށްފައިވާއިރު ކުރުވާހަކަތަކާ އެކު އެ އަދަދު މިހާރު އުޅެނީ ހާހަކާ ގާތުގައެވެ. ނަމަވެސް ބިންމާގެ މި ހިތްގައިމު ކަލެކްޝަނަކީ އެއްވެސް އިރެއްގައި މިހާ ފަސޭހައިން އަތުޖެހޭނެ ގޮތަކަށް ރައްކާކުރެވިފައިވީ ކަލެކްޝަނެއް ނޫނެވެ.

ނަމަވެސް ކޯވިޑް-19ގެ ބަލިމަޑުކަން މި ވަނީ ބިންމާގެ ވާހަކަފޮށި އަހަރެމެންގެ އުނގަށް ގެނެސްފައެވެ.

"މި ހަދާ ގޮތަކީ، ވާހަކަތައް ޕީޑީއެފްކޮށްފައި، ގޫގްލް ޑްރައިވް މެދުވެރިކޮށް ކޮންމެ މީހަކަށް ވެސް އޮންލައިންކޮށް ވާހަކަތައް ކިޔާލައި ޑައުންލޯޑްކުރެވޭނެ ގޮތް ހަދާފައި ވަނީ. އަޅުގަނޑުގެ ފޭސްބުކުގައި ޝާއިއުކުރާ ލިންކަށް ކޮންމެ މީހަކު ވެސް ފިތާލުމުން، އެ ވާހަކައެއް ވަގުތުން އަތުޖެހޭނެ،" ބިންމާ ކިޔައިދިނެވެ.

ބިންމާ ބުނީ އެގޮތަށް ވާހަކަކިޔަން ނުލިބޭ މީހުން އޭނާ އަށް ސީދާ މެސެޖެއް ކުރުމުން އެމީހުންނަށް ވަކިވަކިން ވެސް ވާހަކަ ފޮނުވައިދިނުމުގެ ހިލޭ ހިދުމަތް މި ދުވަސްކޮޅު އަމިއްލަ ގޭގައި ހުރެގެން އަމިއްލަ ކޮމްޕިއުޓަރުން ކުރަމުން އަންނަ ކަމަށެވެ.

"ވަރަށް ބޮޑު ތަރުހީބެއް އެބަ ލިބޭ މިކަމަށް. ބާރުބޮޑުވެގެން ގޮސް ކޮމްޕިއުޓަރު ވެސް އެއް ފަހަރަށް ޑައުންވެއްޖެ،" ސަމާސާއަކަށް ހަދާލާފައި ބިންމާ މިހެން ބުންޏަސް އޭނާ ބުނަނީ ފޭނުންގެ ރިކްއެސްޓުތަކަށް ޖަވާބުދާރީވުމުގައި އޭނާ އެއްކޮށް މިހާރު ބިޒީވެފައިވާ ކަމަށެވެ.

ނަމަވެސް އޭނާ ބުނަނީ މިއީ ހަމައެކަނި "ބިންމާ" ގެ ވާހަކައަކަށް އޮތް ޑިމާންޑެއް ނޫން ކަމަށެވެ.

"އެހެންވެގެންނެއް ނޫންކަން ނޭނގެ. ހީވަނީ މި ދަނޑިވަޅުގެ ގޮތުންހެން. ގޭގަ މިގޮތަށް ތިގެން ޖެހޭތީކަން ނޭނގެ. ކޮންމެ ވާހަކައެއް ވެސް ބޭނުންވާނެކަން ނޭނގެ އެހެން ލިބިއްޖެއްޔާމު ކިޔާލަން،" ބިންމާ ބުނެލިއެވެ.

ބިންމާގެ ވާހަކަތަކުގެ ކަވަރުތަކެއް.

ބިންމާ ދެން ގޭގައި ކީއްކުރަނީ މި ދުވަސްކޮޅު؟ އާ ވާހަކައެއް ނުލިޔަންތަ؟

އެންމެންގެ ބިންމާގެ ވާހަކަ ދުނިޔެ އަށް ވަދެ، ކޮރޯނާ ވައިރަހަށް ފިލާފައިވާއިރު ބިންމާ ބުނަނީ މި ދުވަސްކޮޅު އޭނާ އެންމެ ގިނައިން ކިޔަނީ ގުރުއާނުގެ ދިވެހި ތަރުޖަމާ ކަމަށެވެ.

"އެއް ކަމަކަށް މިކުރާ ކަމަކީ ގޭގަ މިހެން އިނުން. ދެން އަނެއް ކަމަކީ ފޮތްކިޔުން. ފޮތޭ ބުންޏަސް ވާހަކަ ފޮތެއް ނޫން. ގުރުއާން ތަރުޖަމާ ކަހަލަ. ގުރުއާން ތަރުޖަމާގެ ވެސް އޮންނާނެ މަލިންގޭ ހުސެން ދީދީ ލިޔުއްވި ތަރުޖަމާ އާއި އޭގެ އިތުރު ތަފުސީލާ އެކު ނޮވެލްޓީން ޕަބްލިޝްކޮށްފައި އޮތް ބޮޑު ވޮލިއުމްއެއް އޮންނާނެ. އޭގެ 13 ވޮލިއުމް އެބައޮތް އަޅުގަނޑުގެ އަތުގައި،" ބިންމާ ކިޔައިދިނެވެ.

"ދެން އެންމެ ގިނައިން ކިޔެނީ، އެމެރިކާގެ ލިޔުންތެރިޔާ ނަޕޯލިއަން ހިލްގެ ލިޔުންތަކާއި އެމެރިކާގެ މަޝްހޫރު ލިޔުންތެރިޔާ އާލް ނައިޓިންގޭލްގެ ލިޔުންތައް. އެމީހުންގެ ލިޔުންތައް ކިޔުމުގެ ބަދަލުގައި މި ދުވަސްކޮޅު މި އަޑުއަހަނީ ބޮޑަށް އޯޑިއޯ ބުކްސް. ވަރަށް ހިތްގައިމު އެގޮތަށް އަޑުއަހާލަން"

"މީގެ އިތުރުން ނޫމާން އަލީ ޚާން އާއި ޔާސިރު ގާދީ، އުމަރު ސުލެއިމާން މި ތިން މީހުންގެ ދަރުސްތައް މިއީ ދެން ވަރަށް ގިނައިން އަޑުއަހާ އެއްޗެހިތަކެއް."

އެހެންވީމަ މި އޮތް ބޮޑު ޗުއްޓީގަ ވެސް އާ ވާހަކައެއް ލިޔުމުގެ ވިސްނުމެއް ނެތްތަ؟

ބިންމާ ބުނަނީ ގޭގައި އިންނަން ޖެހުނަސް މިއީ އެއްގޮތަކަށް ވެސް ޗުއްޓީއެއް ނޫން ކަމަށެވެ. މި އިންޓަވިއު އަށް ގުޅިއިރު ވެސް އޭނާ އުޅެނީ ކޮންމެ ހަފުތާއަކު ދެ ފަހަރަށް "މިހާރު" އޮންލައިންގައި ޝާއިއުކުރާ އޭނާގެ ސިލްސިލާ ވާހަކައިގެ އާ އެޕިސޯޑްތައް ނިންމުމުގެ މަސައްކަތުގައި އަވަދިނެތިއެވެ.

"ކޮންމެ ހަފުތާއަކު މިހާރުގައި ޝާއިއުކުރާ ދެ އެޕިސޯޑް މި ވަގުތު ލިޔަނީ. އެހެން ވާހަކައެއް ނުލިޔަކީ މިގޮތަށް ވާހަކައެއް ލިޔަމުންދާއިރު އަހަންނަކަށް އިތުރު ވާހަކައެއްގެ ތެރެޔަކު ނޫޅެވޭނެ. އޭރުން އޮޅުންބޮޅުންއަރާނެތީ. އެހެން ވާހަކައެއް ލިޔަން ފަށައިފިނަމަ މިހާރު މި ލިޔާ ވާހަކައިގެ ތެރެޔަކު ސަތޭކަ ޕަސެންޓް ނޫޅެވޭނެ."

Popular