1 Apr 2020

ޓައިގާ ކިންގް: ޖޯ އެގްޒޯޓިކާ އެކު އެކަހެރިވާން ކެރޭނެތަ؟

ޓައިގާ ކިންގް: ޖޯ އެގްޒޯޓިކާ އެކު އެކަހެރިވާން ކެރޭނެތަ؟

By: Ahmed Nadym

ކޮރޯނާ ވައިރަހުގެ އެކަހެރިކަމުގައި މުނިފޫހިފިލުވުމުގެ ގަދަހިފުމަކަށް ދާން ވިސްނާ ނަމަ ނެޓްފްލިކްސްގެ "ޓައިގާ ކިންގަށް" ވުރެން ވަކި ސަޅި، އަޖާއިބުކުރުވަނިވި އިތުރު ދެވިހިފުމެއް މިވަގުތަކު ނެތެވެ. ވަކިން ހާއްސަކޮށް މި ޝޯގެ ޓައިޓްލް ކެރެކްޓާ ކަމުގައިވާ "ޖޯ އެގްޒޯޓިކް" އަކީ އެއްގޮތަކަށް ވެސް ނުބަލައި ދޫކޮށްލާވަރުގެ ކެރެކްޓާއެއް ނޫނެވެ. ނަމަވެސް އޭނާގެ ހަޔާތް އެފުށް މިފުށަށް ޖަހާލި ވާހަކަ ކިޔައިދޭ މި ޑޮކިއުމެންޓްރީ ސިލްސިލާ ބަލައި ނިންމުމަށް ފަހު ޖޯ އެގްޒޯޓިކާއި އޭނާގެ "ދެ ފިރިންނާއި" އެތައް ސަތޭކަ މިނިކާވަގު ޕެޓުންނާ އެކު އެކަހެރިވާން ހަމަ އެކަކަށް ވެސް ނުކެރޭނެކަން ޔަގީނެވެ.

ނެޓްފްލިކްސް އިން މާޗު މަހުގެ 20 ވަނަ ދުވަހު ޕްރިމިއާކުރި ހަތް އެޕިސޯޑްގެ "ޓައިގާ ކިންގް: މާޑާ، މޭހެމް އެންޑް މޭޑްނެސް" އަކީ ހަމަ އަސްލަށް ވެސް އޭގެ ޓައިޓްލްގައި އެބުނާ ވަރުގެ "މޭޑްނެސްއެކެވެ." ނެޓްފްލިކްސްގެ ޓްރޫ ކްރައިމް ޑޮކިއުމެންޓްރީ ސިލްސިލާތަކަށް ބަލަނީ ނަމަވެސް މިއީ އެއް ވަނަ ދަރަޖައިގައި ފާހަގަކޮށްލެވޭ އުފެއްދުމެކެވެ. ނެޓްފްލިކްސްގެ އެންމެ ކާމިޔާބު އެއް ކްރައިމް ޑޮކިއުމެންޓްރީ ކަމަށްވާ "މޭކިން އަ މާޑަރާ" ތަހުތުން ވައްޓާލުމުގެ ހުރިހާ ބާރެއް "ޓައިގާ ކިންގް" ގެ ވަކިތަކުގައި އެބަހުއްޓެވެ.

ޓައިގާ ކިންގޭ؟ އެއީ ކާކު؟ މިއީ ކިހިނެތްވާ ޝޯއެއް؟

މި ސިލްސިލާގެ ހަތް އެޕިސޯޑުގައި ދައްކުވައިދެނީ އެމެރިކާގެ ކެންސަސް ސިޓީއަށް ނިސްބަތްވާ، ޖޯސެފް އެލެން މެލްޑޯނާޑޯ-ޕެސޭޖު ނުވަތަ މަޝްހޫރު ނަމުން ނަމަ، ޖޯ އެގްޒޯޓިކްގެ ހަޔާތް އޭނާގެ އަގުބޮޑު ޕްރައިވެޓް ޒުލާއެކު އެފުށް މިފުށަށް ޖެހިގެންދާ ގޮތެވެ. ޕްރައިވެޓް ޒުލެއްގައި މިނިކާވަގާއި ސިންގާތައް އޮޅުކޮށްގެން ގެންގުޅެ އެ ޖަނަވާރުތައް ބްރީޑްކޮށް އޭގެ ދަރިންތަކުން ވަގުވިޔަފާރިކުރުމާއި ތަފާތު އެކި ކަހަލަ ވިޔަފާރިތަކަށް ވަންނަމުން ދިޔަ ޖޯ އެގްޒޯޓިކްގެ ހަޔާތަށް މައްސަލަތަކެއް ދިމާވަނީ ޕްރައިވެޓް ޒުލެއްގައި މިނިކާވަގާއި ސިންގާތައް ގެންގުޅޭ އެމެރިކާގެ އެހެން މީހަކު އޭނާއާ ވިއްދާލާ ހިސާބުންނެވެ. ޒުލުގައި މިނިކާވަގާއި ސިންގާ ގެންގުޅުން އަދި ބްރީޑްކުރުން ހުއްޓުމަކަށް ގެނައުމަށް ކެމްޕޭންކުރާ ކަމަށް ބުނާ މި އަންހެން މީހާގެ ނަމަކީ ކެރޯލް ބަސްކިން އެވެ.

ޓައިގާ ކިންގް ޓްރެއިލާ

ޑޮކިއުމެންޓްރީ އޭގެ އެޕިސޯޑަކަށް ފަހު އެޕިސޯޑަކުން ނިއުޅެމުން އެނބުރެމުންދާއިރު ޖޯ އެގްޒޯޓިކާއި ކެރޯލް ބަސްކިންގެ ވާދަވެރިކަމުގައި އަލިފާންރޯވެ މި އަލިފާންގަނޑުގެ ތެރެއަށް ޕްރައިވެޓް އެހެން ޒޫތަކާއި އެ ޒޫތަކުގެ އޯނަރުންގެ އާދަޔާހިލަފު ޝަހުސިއްޔަތުތައް ވެސް ވަދެގެންދެއެވެ. އެންމެފަހުން "ޓައިގާ ކިންގް" ގެ ތަހުތަށް ޖޯ އެގްޒޮޓިކް ހިންގާ ވަރަށް ޒާތީ ހަނގުރާމައެއްގެ ތެރެއިން ކެރޯލް ބަސްކިން މަރާލުމަށް އޭނާ ނިންމާ ހިސާބަކީ މި ސިލްސިލާ ރޯވެ އަނދައިގަންނަ ހިސާބެވެ.

މި ސިލްސިލާ އަކީ ޔަގީނަށް ވެސް އޭގެ އެއް އެޕިސޯޑުން ދެވިހިފާވަރުގެ އުފެއްދުމެކެވެ. ޝޯގެ އެންމެ ހާއްސަ ސިފަތަކަށް ބަލާއިރު އެންމެ ގިނަ ބައެއްގެ ސަމާލުކަން ދަމައިގެންފައި ވަނީ މި ޝޯއިން ފެނިގެންދިޔަ އަސްލު، އެކަމަކު އަސްލު ކަމަށް ގަބޫލުކުރަން ދަތި ރިއަލް ލައިފް ކެރެކްޓާތަކާއި އެމީހުންގެ އާދަޔާހިލާފު ލައިފްސްޓައިލްތަކަށެވެ.

މިއީ ކޮންމެހެން ވެސް ބަލަން ޖެހޭ ޝޯއެކެވެ. ކޮރޯނާ ވައިރަހުގެ އެކަހެރިކަމުގައި ނެޓްފްލިކްސް އަށް ބެލުންތެރިންގެ ސުނާމީއެއް އަރައިގެން އުޅޭއިރު މިވަގުތު ވެސް އެންމެ މަގްބޫލު ޝޯއަކީ "ޓައިގާ ކިންގް" އެވެ.

Popular