9 Jul 2020

By: Mariyam Yasma

ކައިގެ ޖަވާބަކަށް އިންތިޒާރު ކުރަމުން ދިޔައިރު ފުރަތަމަ ފަހަރަށް އޭނާ އެ މޫނަށް ބަލަމުންދިޔައީ ބިރުން ހުރެ އެވެ. ހަޤީޤަތުގައި ވެސް އޭނާ ކައިދެކެ ބިރުގެންފި އެވެ. ***

ޖޫޒަންމެން އެނބުރިއައިއިރު ބޮޑެތި މީހުން އެތެރެއަށް ހިނގައްޖެ އެވެ. ޔޫޝައު ފޯނަކުން ވާހަކަދައްކަމުން ތަންކޮޅެއް ދުރުގައި ހިނގާލަ ހިނގާލާ ހުރިއިރު އަޒީމް އިނީ ފޯނާއި ކުޅޭށެވެ. ރަމްޝާ ހީވަނީ އަމިއްލަ ދުނިޔެއަކަށް ގެއްލިފައި އިންނެވެ. އޭނަގެ ނަޒަރު ހުރީ ދުރަށެވެ. ކައި ގޮސް އިށީނުމާއެކު އަޒީމް ބުނީ އެކުވެރިންނަށް ގުޅައިގެން މިހާރު އަންނަން އުޅޭނެ ކަމުގަ އެވެ. އެނބުރި އައިސް ޖޫޒަން ވެސް އިނީ ފާޑަކަށް ހިމޭންވެފަ އެވެ. އޭނައަށް އިރުއިރުކޮޅާ ބަލައިލެވެނީ ކައި އަށެވެ.

ގިނައިރެއް ނުވެ އެވެ. މީހަކު ބާރަށް ހީގަތްއަޑު އިވިގެން އެންމެން އެނބުރުނުއިރު އަޒީމްގެ އެކުވެރިން ވަދެގެން އަންނަނީ އެވެ. މޯންޓީ އާއި ޒަކްވާން އާއި އާޔަން އެވެ. ހަމައެކަނި މަދީ އިލްޔާސް އެވެ. ޖޫޒަން ފެނުމުން ފަހަރަކު ޒުވާނަކު އުފަލާއެކު ހައި ފައިވްއަކުން ނޫނީ "ސައިޑް ހަގް" އަކުން ކަހަލަ ގޮތަކަށް ބައްދަލުކުރި އެވެ. އެކަމުގައިވެސް އެންމެ ކުރީގައި ހުރީ މޯންޓީ އެވެ. މޯންޓީ ގޮސް ޖޫޒަން އުރާލިގޮތަށް ބެހެއްޓީ ވަށައިގެން އަނބުރާލައިފަ އެވެ. ޖޫޒަން އޭރު ހެނީ އެވެ. ބިމުގައި ފައި ހަރުލުމާއެކު އޭނައަށް ފެނުނީ އެ މޫނަށް ހުއްޓިފައިވާ ކައިގެ ސީރިއަސް ނަޒަރެވެ.

ރަމްޝާ އޭރު ރަކިވެފައި އިނީ އިސްއުފުލައިލަންވެސް ނުކެރިފަ އެވެ. އެމޫނުވަނީ ރަތްވެފަ އެވެ. އެގޮތަށް ނުދަންނަބައެއްގެ ތެރޭގައި އިންނާކަށް އޭނަ ބޭނުމެއް ނުވި އެވެ. ޔޫޝައު ނައިސްގެން ބަލައިލާފައި ކަންބޮޑުވެފައި އިނދެގެން ފޯނަށް ނަޒަރު ހުއްޓައިލި އެވެ.

"މީ އަހަރެންގެ ފަހަރި. ޔޫޝައުގެ ވައިފް..." އަޒީމް އެޒުވާނުންނަށް ރަމްޝާ ތައާރަފްކޮށްދިނެވެ.

ރަމްޝާ އިސްއުފުލައިލި ވަގުތު އެއިން ކޮންމެ މީހަކުވެސް ހިނިތުންވުމެއް ދައްކައިލި އެވެ. ރަމްޝާވެސް ހިނިތުންވެލި އެވެ. އެހިސާބުން އެންމެން ކާއެއްޗިއްސާއި ދިމާކޮށްލައިފި އެވެ. ކުއްލިއަކަށް ވައިގަދަވާން ފެށިކަން ފާހަގަވެގެން އެންމެނަށްވެސް އުޑާއި ދިމާއަށް ބަލައިލެވުނެވެ. ޕޭޕަރ ލެންޓަންތައް އެކަތި އަނެކައްޖާއި ކޭއްތެމުން ނަށަމުންދިޔަ އެވެ. އުޑުގައި ކުރިން ފައުޅުވާން ހުރި ތަރިތައް ވަންހަނާވެފައިވާކަން އެންމެނަށްވެސް ފާހަގަވި އެވެ.

"ރަމް!" ޔޫޝައު ފޯނު ނިންމާފައި އައިސް ކައިރިވެފައި ގޮވާލި އެވެ.

ރަމްޝާ އަވަހަށް ތެދުވެގެން ގޮސް ޔޫޝައުގެ މުލައްދަނޑީގައި ހިފައިލީ އެތަނުން ދުރަށްދާން ބޭނުންވެފައެވެ. އެކަމަކު ހަމަ ހިފާލެވުމާއެކު ޖޫޒަންމަތިން ހަނދާންވެގެން ބަލައިލާފައި އަވަހަށް ދޫކޮށްލެވުނެވެ. ރަމްޝާގެ މިހަރަކާތާއެކު ޔޫޝައުގެ ނަޒަރުވެސް ޖޫޒަންއަށް ހުއްޓުނެވެ. ނަޒަރު ވަކިކޮށްލުމެއްނެތި އޭނަ ރަމްޝާ ދުރުކޮށްލި އަތްތިލައިފައި ހިފާ ބާރުކޮށްލައިފައި އެތެރެއަށް ދާން ހިނގައިގަތެވެ.

"ޔޫޝައު ތިކުރީ ރަނގަޅު ކަމެއް ނޫން..." ގެއަށް ވަދެވުމާއެކު ރަމްޝާ ޔޫޝައުގެ އަތުތެރޭން އަތްތިލަ ދަމައިގެންފައި ބުނެލި އެވެ.

"ޖޫއަށް ދައްކާކަށް އޭނަ ކުރިމަތީ އަހަރެންގެ އަތުގައި ހިފާނެ ކަމެއް ނެތް.." ޔޫޝައުއަށް ޖަވާބު ނުދެވެނީސް ދެވަނަ ޖުމްލަ ބުނެލާފައި އޭނަ ކުރީގައި ސިޑިއާ ދިމާއަށް ހިނގައިގަތެވެ.

ޔޫޝައު ފަހަތުގައި ހުރެފައި ކަންބޮޑުވުމާއެކު ދެއިނގިލި ކުރިން ނޭފަތު ކުރީގައި ހިފާ ބާރުކޮށްލެވުނެވެ. ރަމްޝާ ގޮސް ސިޑީގެ އެންމެ މަތީ ހަރުފަތަށް އެރިތަން ބަލަންހުރެފައި އޭނަވެސް ފަހަތުން ހިނގައިގެންފި އެވެ. ކޮޓަރިއަށް ވަންއިރު ރަމްޝާ ޝޯލް ބާލަން ހުރީ ޑްރެސިންޓޭބަލް ކުރިމަތީގަ އެވެ. ޕިންތައް ނައްޓާލައިފައި ބެހެއްޓުމަށްފަހު ޝޯލް ބާއްވާފައި ދެން ވަނީ ފާޚާނާއަށެވެ. ޔޫޝައު ޑްރެސިންޓޭބް ކައިރީ ހުރި ގޮނޑީގައި އިންނަތާ އިރުކޮޅަކުން ޓީޝާޓަކާއި ހަރުވާޅެއް ލައިގެން ރަމްޝާ ނިކުތްއިރު އިސްތަށިގަނޑުވެސް އޮތީ މިނިވަންކަމާއެކު ދޫކޮށްލެވިފަ އެވެ.

"ނިދަންތަ ތިއުޅެނީ؟" ޔޫޝައު އެހި އެވެ.

"އެހެން ކަމަށް.." ރަމްޝާ ރަޖާގަނޑުގެ އެއްފަރާތުން ހިއްލާލައިފައި އެނދަށް އަރައި އޮށޯވެލި އެވެ. ދެން އަނެއްކާ ތެދުވެ އިށީނދެފައި ޔޫޝައުގެ މޫނަށް ބަލާލިއިރު ޔޫޝައު އަދިވެސް އިނީ ބަލަހައްޓައިގެންނެވެ.

"ކިހިނެތްވީ؟ ޑޫ ޔޫ ނީޑް އެނީތިން؟" ރަމްޝާ ހީކުރީ ޔޫޝައު ކޮންމެވެސް ކަމަކަށް ބޭނުންވީ ކަމަށެވެ.

ޔޫޝައު ގޮނޑިން ތެދުވެގެން އައިސް ރަމްޝާގެ މަގަތުގައި އެނދުގައި އިށީނެވެ. ރަމްޝާ ޖަވާބަކަށް އިންތިޒާރުކޮށްކޮށް އިނީ އެމޫން ނަޒަރު ވަކިކޮށްނުލަ އެވެ. ޔޫޝައު އެވަގުތު އަތް އުފުލާލައިފައި އޭނަގެ އިސްތަށިގަނޑުން ވަކިވެގެން ކޯތާފަތަށް ވެއްޓިފައިވާ އިސްތަށިކޮޅެއް ކަންފަތްކައިރިއަށް ލައްލާދިނެވެ. ކޯތާފަތުގައި ޔޫޝައުގެ އިނގިލިތައް ބީހުނުއިރަށް ރަމްޝާ ސިހުނެވެ. ނޭވާ ހިފަހައްޓާލެވުމާއެކު ފަހަތަށް ޖެހިލެވުނެވެ. ދެލޯ ބޮޑުކޮށްގެން ބަލަމުން ދިޔައިރު އެމޫނަށް ހުއްޓިފައިވާ ޔޫޝައުގެ ނަޒަރު ތަފާތުކަން އިހްސާސްވެގެން ހިތުގެ ތެޅުން އަވަސްވި އެވެ.

"ވަޓް އައި ނީޑް އިޒް.... ޔޫ" ޔޫޝައު ހާމަކުރި އެވެ.

ރަމްޝާއަށް ވާހަކައެއް ނުދެއްކުނެވެ. ނޭވާލެވުނުއިރު ހީވަނީ ކަރުތެރޭ އަޑު ތާށިވެފައިވާ ހެންނެވެ. ޔޫޝައު ތެދުވެ ނުނިދާ އިންނަން އަންގާފައި ފާޚާނާއަށް ވަދެ ގެއްލުނީމައިވެސް ހަމަޖެހިއެއްނުލެވުނެވެ. ހައްތަހާ ނުތަނަވަސްކަން އިތުރުވީ އެވެ. އަތްފައި ފިނިވެ ގަނޑުފެންކޮޅެއްފަދަ އެވެ. އެދެއަތް މުށްކަވާލައިފައި ގެނެސް ލޯމަތީ ޖައްސާ ބާރުކޮށްލައިގެން އިންދާ ފާޚާނާގެ ދޮރު ހުޅުވިއްޖެ އެވެ. އަވަހަށް ދެއަތް ތިރިކޮށްލާފައި ރަމްޝާ އިސްޖެހި އެވެ.

ނިދާބޮތްކަށް ބަދަލުކޮށްލާފައި ޔޫޝައު އައިސް އޭނަ އޮންނަ ފަރާތުން އެނދަށް އަރައި ބާލީސްތަކުގައި ލެނގިލި އެވެ. ރަމްޝާގެ ކޮނޑުގައި އަތްޖައްސައިލުމުން އޭނަ އެނބުރި ބަލައިލުމާއެކު ބޮލުގެ އިޝާރާތުން ކައިރިއަށް އަންނަން އެދުނެވެ. ރަމްޝާ ފަހަތަށް ޖެހިލާފައި އޭނަ އިން ފަރާތުގައި ހުރި ބާލީސްތަކުގައި ލެނގިލަން އުޅެނިކޮށް ޔޫޝައު އޭނަގެ އަތަށް ދަމާލައިފައި ގެނެސް ބޭއްވީ އުނގުގަ އެވެ.

"އަހަރެން ބޭނުމެއް ނޫން އިތުރަށް މަޑުކުރާކަށް...އަންލެސް.." ޔޫޝައު ރަމްޝާގެ ކޯތާފަތުގައި ފިރުމާލަމުން ވާހަކަދެއްކި އެވެ.

ރަމްޝާއަށް ކުރެވުނު ކަމަކީ ހިންދިރުވައިލުމެވެ. ސުވާލު އުފައްދަން ބޭނުންވިއަސް ދޫ ހީވަނީ އަދިވެސް ތަޅެއްލެވިފައިވާ ހެންނެވެ.

"އަންލެސް އިފް ޔޫ ސްޓޮޕް މީ!" ޔޫޝައު ޖުމްލަ ފުރިހަމަކޮށްލާފައި ރަމްޝާ ވިސްނައިލާނެ ފުރުސަތެއްވެސް ނުދެ އެވެ. އޭނަގެ އަމަލު ހުރީ އެބުނިފަދައިންނެވެ. އޭނައަށް ފެނުނީ ޔޫޝައު ގުދުވެލިތަނެވެ. ދެން ރަމްޝާއަށް ލިބުނު ޝޮކް ފިލިއިރު އޭނަ ވީ އެމީރުކަމުގައި ބެހިގެންގޮސްފަ އެވެ. އިޚުތިޔާރެއް ނެތި ދެއަތް އުފުލާލެވި ޔޫޝައުގެ ކަނދުރާގެ ފަހަތުން ގުޅުވާލެވުނެވެ. ޔޫޝައު ފެށިއަސް ޔޫޝައުއެކޭ އެއްވަރަށް އޭނަ ވެސް ބައިވެރިވާން ފެށި އެވެ. އިތުރަށް ފަސްޖެހުމެއް ނެތެވެ. އިތުރަށް މަޑުކުރުމެއް ނެތެވެ.

***

ރަމްޝާއަށް ހޭލެވުނުއިރު އެނދުގައި ޔޫޝައު އޮންނަ ފަޅި އޮތީ ހުހަށެވެ. ގަޑި ބަލާލިއިރު އެއީ ޔޫޝައު ތެދުވާ ގަޑިއަށްވުރެ އަވަސްގަޑި އެކެވެ. ފާޚާނާއިން އަޑެއް އިވޭތޯ ވިސްނަން އިނދެލާފައި ތެދުވެގެން ގޮސް އަވަހަށް ފާޚާނާއަށް ވަނެވެ. ބޭނުންވި ހެން ޔޫޝައު އަންނަންވާއިރަށް ފެންވަރައިގެން ނިކުމެ ބެޑްޝީޓުވެސް ބަދަލުކޮށްލެވުނެވެ. ނަމާދުކޮށްލައިގެން ތެދުވެ އިސްތަށިގަނޑު ހިއްކަން ހެއަރ ޑްރަޔާ ޖައްސައިގެން އިންދާ ދޮރު ހުޅުވުނެވެ. ވަގުތުން ރަމްޝާގެ އަތަށް ހުއްޓުން އެރި އެވެ.

"ގުޑްމޯނިން...!" ޔޫޝައު އޭނަ ކައިރިންލާފައި ގޮސް ފާޚާނާއަށް ވަނީ ދަލުން ތެމިފޯވެފައި ހުރެގެންނެވެ. އެހާ ހެނދުނާ އެއައީ ދުވަންގޮސްފަ އެވެ.

ޔޫޝައު ވަދެ ގެއްލުމާއެކު ހެއަރ ޑްރަޔާ ނިއްވާލައިފައި ދެއަތުން ކޯތާފަތުގައި ހިފާލަމުން ލޯގަނޑަށް ނަޒަރު ހުއްޓައިލެވުނެވެ. ލަދުން އެލޯގަނޑަށް ބަލަން އިންނަންވެސް އޭނައަށް އުދަނގޫވި އެވެ. އަދި އެވަރުން ޔޫޝައުއާ ކުރިމަތިލާނީ ކިހިނެތް ހެއްޔެވެ؟ ވިސްނަން އިނދެލާފައި ފާޚާނާ ދޮރަށް ނަޒަރެއް ދީފައި އަވަހަށް ބެލީ ކުޑަ ބުރުޤާއެއް ބޮލަށް ވައްޓާލައިގެން ނިކުމެވޭތޯ އެވެ. ރޫބީ ނޫން މީހަކު ފެންނަން ނެތުމުން ކޮފީއެއް ގިރާލައިގެން ނިކުތީ ކޮޓަރިތަކުގެ ކޮޅުން ނިކުމެވޭ މައި ބެލްކަންޏަށެވެ. އެތާގައި ޕޮޓްތަކުގައި ހެދިފައިވާ ގަސްގަހުގައިވާ މާތަކަށް މާބުރު އައިސް އުޅެއެވެ. އޭނަ އެމަންޒަރުން ހިތް އުފާކުރަމުން ކޮފީ ބޮމުން ދިޔަ ނަމަވެސް ހަނދާންކޮށް އިރުއިރުކޮޅާ ގަޑި ބަލައިލަ އެވެ. އުދަނގޫކަމެއް އިހްސާސްވަމުން ދިޔަނަމަވެސް އެއީ އަދި މަސައްކަތަށް ސަލާން ބުނަން އެކަށީގެންވާ ސަބަބެއް ކަމުގައެއް ޤަބޫލެއްނުކުރެވުނެވެ.

"ތިހުރީ އަހަންނަށް ފިލައިގެން އައިސްތަ؟" މީހަކު އައިކަމެއްވެސް ނޭނގި ކަންފަތްދޮށުން ޔޫޝައު ވާހަކަދެއްކި އަޑަށް ރަމްޝާ ދިޔައީ ސިއްސައިގެންނެވެ.

އޭނަ ހަޅޭތްލަވައިގެންފައި އަވަހަށް މަގަތަށް އެނބުރުނުއިރު މޭގަނޑު ނެގި ނެގިފައި ޖެހެމުންދިޔަ އެވެ. ކޮފީ ޖޯޑު ރެއިލިން ދަނގަޑުގެ ތިރިން ފާރުކޮޅުމަތީ ބެހެއްޓިފައި ހުރީ ނަސީބެވެ.

"ޔޫޝައު!!!" ރަމްޝާ މޭގައި އަތް އަޅާލައިގެން ހުރެ ނުރުހުން ފައުޅުކުރި އެވެ.

"މާ ބާރަށް ހިތް ތެޅެނީތަ؟ ލެޓް މީ ޗެކް...!" ޔޫޝައު ހިނި އައިސްފައި ހުރެ ރަމްޝާއާ ދިމާއަށް އަތް އުފުލައިލުމުން ރަމްޝާ އެއަތުގައި ޖަހާ ދުރަށް ޖައްސައިލި އެވެ.

"އޯލްރައިޓް ސޮރީ ސިއްސައިލެވުނީމަ..." ރަމްޝާ އަދިވެސް ހަމައަކަށް ނޭޅިހުރުމުން ޔޫޝައު އޭނަ ހިތްހަމަޖައްސައިދޭން ބުނެލި އެވެ. އެކަމަކު އެހެން ބުނިއިރުވެސް ތުންފަތަށް ވެރިވި ހިނިތުންވުމަކަށް ބަދަލެއް ނާދެ އެވެ.

"ޔޫއާ ނޮޓް ސޮރީ... ދެޓްސް ނޮޓް އެ ފޭސް އޮފް ސަމްވަން ހޫޒް ސޮރީ..." ރަމްޝާ ތުންއަނބުރާލައިފައި އެނބުރުނީ ރެއިލިންއާ ދިމާއަށެވެ.

"ތެދެއް. ނޮޓް ސޮރީ އެޓް އޯލް... ދެން ބުނެބަލަ އަހަންނަށް ފިލައިގެން ތިއުޅެނީ ކީއްވެކަން؟" ޔޫޝައު ގާތްވެލާފައި އެދެއަތުން ރަމްޝާ ވަށާލައިގެން ހުރެ ކަންފަތްދޮށުގައި ވާހަކަދެއްކި އެވެ.

"ނުފިލަން.." ރަމްޝާދެކޮޅުހެދި އެވެ. އެކަމަކު އޭނަ މޫނު ފެނިއްޖެނަމަ ހަޤީޤަތް ހުންނާނީ ފެންނާށެވެ.

"އަނގަ އޮތިއްޔާ ތިހެންވެސް ބުނެވިދާނެ..." ޔޫޝައު ރައްދުދީފައި ބުރުގާމަތިން ރަމްޝާގެ ކަންފަތުގައި ދަތްއެޅި އެވެ.

ރަމްޝާ ހަޅޭތްލަވައިގެންފައި އެއަތުތެރެއިން ސަލާމަތްވާން އުޅުމުން ޔޫޝައު އޭނަ ދޫކޮށްލައިފި އެވެ. ރުޅި އައި ކަމަށް ހެދިގެން ލޯ ހަނިކޮށްލާފައި އޭނަ އެތަނުން ދާން ހިނގައިގަތެވެ. ޔޫޝައު އޭނަ ފަހަތުގައި ޖައްސައިގެން ހުރެ ތަދުވިހޭ ކިޔާ ސުވާލުކޮށްލިއިރަށް އަނެއްކާ ލޯ އަޅާލި އެވެ. ކޮޓަރިއާ ހަމަވުމުން ޔޫޝައު އޭނަގެ އަތުގައި ހިފާ ހުއްޓުވާފައި ދޮރު ހުޅުވާލުމަށްފަހު ގޮވައިގެން އެތެރެއަށް ވަނެވެ. ރަމްޝާގެ ކުލަވަރު ބަދަލުވީ ދެނެވެ. އޭނަ ހާސްކަމާއެކު ވަށައިގެން ލޯ ހިންގާލައިފައި ހިންދިރުވައިލީ ޖެހިލުންވެގެންނެވެ.

"ޔޫޝައު ކީއްކުރަން....؟ ރަމްޝާއަށް ޖުމްލަ ފުރިހަމައެއްނުކުރެވުނެވެ.

"ވަޓް؟ ވޯނަ ޑޫ އިޓް އަގެއިން..؟" ޔޫޝައު ކައިރިވެލާއިރަށް ރަމްޝާ ފަހަތަށް ޖެހުނެވެ.

"ނޯ..." ރަމްޝާއަށް ތަންކޮޅެއް ބާރަށް ބުނެލެވުނެވެ.

"އެކީއްވެ؟ ޑިޑް ޔޫ ހޭޓް އިޓް؟" ޔޫޝައު ސީރިއަސްވިކަމަށް ހެދުނެވެ.

"ނޫން..." ރަމްޝާ ދެކޮޅު ހަދާފައި ގޮސް އެނދުގެ ކޮޅުގައި އިށީނދެލި އެވެ. އެވާހަކަ ބުނާނެ ގޮތެއް ނޭނގިގެން ވިސްނަމުން ކުޑަވައިއިނގިލީގައި ދަތް އަޅައިލެވުނެވެ. ޔޫޝައު ދުރުގައި ހަށަން ބަނދެލައިގެން ހުރެފައި އޭނަ ބަލައިލުމުން އެއްބުމަ އަރުވައިލި އެވެ. ޖަވާބު ނުދިނުމުން ޔޫޝައު އައިސް މަގަތުގައި އިށީނދެލި އެވެ.

"އަހަރެން ސަމާސަކޮށްލީ... ހޮސްޕިޓަލަށްދާ ގަޑި ކައިރިވާތީ އެހެންވެ ރަމް ރެޑީވާން ހޯދަން މިދިޔައީ. ދެން ބުނެބަލަ އާ ޔޫ އޯކޭ؟" ޔޫޝައު އޮޅުންފިލުވަން ބޭނުންވި އެވެ. އެއަޑުގައިވި އޯގާތެރިކަމާއި ޔޫޝައުގެ ބެލުމުގައިވި ލޯބިވެތިކަން އޭނައަށް އެވާހަކަ ދެއްކުމުގެ ހިތްވަރު ހޯދައިދިނެވެ.

"ފައިން. ޖަސްޓް ލިޓްލް ސޯރ..." ރަމްޝާ އެންމެފަހުން ހާމަކުރި އެވެ.

***

ޖޫޒަން ޑިއުޓީއަށް ގޮސް ވަގުތުކޮޅެއް އޮތުމުން ކޮފީ ބޯން ޓީ ރޫމަށް ވަންއިރު ސަމާ އާއި ރަމްޝާ ކޮންމެވެސް އަމިއްލަ ވާހަކައެއްގައި ތިއްބެވެ. ޖޫޒަން ފެނުނުހާއިރުން ވާހަކަ ހުއްޓިއްޖެ އެވެ. ޖޫޒަން އެދެމީހުންނަށް އިވޭވަރަށް "މޯނިން" އޭ ބުނެލާފައި ގޮސް ޖޯޑެއް ނަގައިގެން ކޮފީ އަޅަން ކައިރިވި އެވެ. އޭނަ ޖޯޑު ހިފައިގެން އެނބުރެންވާއިރަށް ދޮރު ހުޅުވާލައިފައި އިތުރު މީހަކު ވަނެވެ. އެއީ އެތާ އުޅޭ މަސައްކަތު މީހެކެވެ. އެމީހާ ގޮސް ޖޫޒަންއަތަށް ދިނީ ކުޑަ ޕާރސަލެކެވެ. ޖޫޒަން އޭގައި ހިފުމާއެކު އެމީހާ ނިކުމެގެން ނައްޓައިލި އެވެ.

ޖޫޒަން ޖޯޑު ބެހެއްޓުމަށްފަހު ކަނޑައިގެން ބަލައިލި އެވެ. އެތެރޭ އޮތް އެއްޗެއް ފެނުމާއެކު އަތުން ދޫކޮށްލެވުނެވެ. ފޮށިގަނޑު ގޮސް ތިރީގައި ޖެހުނު އަޑަށް ސަމާ އާއި ރަމްޝާގެ ސަމާލުކަން ލިބުނެވެ. ރަމްޝާ ސަމާއަށް ނަޒަރެއްދީފައި ތެދުވެގެން ގޮސް ޖޫޒަން ކައިރިއަށް ހުއްޓުނެވެ. ދެން ގުދުވެލާފައި އެފޮށިގަނޑު ނަގައި އެތެރެ ބަލައިލި އެވެ. ދެން ކުއްލިއަކަށް ހަޅޭތްލަވައިގެންފައި ޖޫޒަން ފަދައިން ފޮށި ދުރަށް އެއްލާލައިފި އެވެ. އެވަގުތު އެފޮށިން ވެއްޓުނު ފަތްޖަހާލައިފައި އޮތް ކަރުދާސްކޮޅެއް އައިސް މަތަވީ ރަމްޝާގެ ފައިކައިރިއަށެވެ. ރަމްޝާ އެނަގާފައި ކިޔާލިއިރު ޖޫޒަންވެސް ކައިރީގައި ބަލަން ހުއްޓެވެ. -- ނުނިމޭ --

ދިގު ވާހަކަ

Popular