20 Jun 2018

އެންމެ ރީތީ ކޮން ޖާޒީއެއް؟

އެންމެ ރީތީ ކޮން ޖާޒީއެއް؟

By: Nurah Rasheed

ފުޓުބޯޅަ ބަލަން ފޯރި ނުހުންނަ މީހުން ވެސް ޓީމުތަކުގެ ޖާޒީގެ ސްޓައިލްތަކަށް ޝައުގުވެރިވެ އެވެ. ފެޝަނަށް ލޯބިކުރާ މީހުންނަށް މިއީ ވެސް ފެޝަން ޝޯއެކެވެ. މިފަހަރުވެސް ވޯލްޑް ކަޕްގައި ޓީމުތަކުން ބޭނުންކުރާ ޖާޒީތަކަށް ބަލާއިރު، އެ ޖާޒީތަކުގެ އަގުބޮޑު ބްރޭންޑްތަކުން އެންމެ ބޮޑަށް ބަލާފައި ވަނީ "ފެޝަން ފޯވާޑް" ކޮށް މިކަން ކުރެވޭތޯ އެވެ.

މިފަހަރުގެ ވޯލްޑް ކަޕްގައި ބައިވެރިވި ގިނަ ޓީމުތަކުގެ ޖޯޒީ ހަދާފައިވަނީ އެޑިޑަސް އިންނެވެ. ނައިކީ އިން 10 ގައުމެއްގެ ޖާޒީ ތައްޔާރުކޮށްދީފައި ވާއިރު ދެން ތިބި ގައުމުތަކުގެ ޖާޒީ ޑިޒައިންކޮށް ހަދާފައި ވަނީ ޕުމާ، ނިއު ބެލެންސް، އުމްބްރޯ، ހަމަލް، އެއްރިއާ އަދި ޔޫލްސްޕޯޓް އެވެ. އެގޮތުން މި 32 ޓީމުގެ ތެރެއިން ގިނަ މީހުންނަށް އެންމެ ކަމުދާ ނުވަތަ އެންމެ ކްރިއޭޓިވްކަމަށް ފާހަގަ ކުރެވިފައި ހުރި ޖޯޒީތައް މި ކިޔައިދެނީ އެވެ.

ނައިޖީރިއާ، ނައިކީ

މުޅި މުބާރާތުގައި ވެސް އެންމެ ގިނަ މީހުންގެ ލޯ އަމާޒުވީ މި ޖާޒީއަށެވެ. އެހެން ހުރިހާ ގައުމުތަކާ ތަފާތުކޮށް އެންމެ ބޯލްޑް އެއް ޖޯޒީ ޗޮއިސް އަކީ ވެސް މީ އެވެ. މި ކިޓުގެ އިންސްޕިރޭޝަން އައިސްފައި ވަނީ ޓީމުގެ ވަނަމުންނެވެ. "ސުޕަ އީގަލްސް"ގެ ނަން އޮންނަ ޓީމުން ލާ ޖޯޒީގެ އިންސްޕިރޭޝަނަކީ ނިއޯން ފެހި ކުލައިން ބާޒުގެ ފިޔަތަކުން ފެންނަ މަންޒަރެވެ. އެހެން ޖޯޒީތަކ އެންމެ ތަފާތު ޕެޓާން ފެންނަން ހުރި ކިޓަކީ މިއީ އެވެ. މީހުންގެ ލޮލުގައި އަޅައިގަތް އަދި އެންމެ ގިނަ މީހުން ގަންނަން ބޭނުންވި މި ކިޓުން ނައިޖީރިއާ މީހުންގެ އެޓިޓިއުޑް ވަރަށް ބޮޑަށް ފާޅުވެގެން ގޮސްފި އެވެ. މި ކިޓް އިސްތިހާރުކުރުމަށް ނަގައިފައި ފޮޓޯ ވެސް ހީވަނީ ސީދާ ފެޝަން ޝޫޓެއް ހެންނެވެ. އާޓިކަލްގެ މެއިން ފޮޓޯ އަކީ އެއީ އެވެ.

ޖަޕާން، އެޑިޑަސް

ޖަޕާންގައި ގެންގުޅޭ ފެހުމުގެ ގިނަ ދުވަސްވ އެއް ޓެކްނީކް މި ޖޯޒީއިން ފެނެ އެވެ. އެޑިޑަސް އިން އުފެއްދި އިންޑިގޯ ކުލައިގެ މި ޖޯޒީގައި ފަލަ ރޮދިތަކަކުން ދިގަށްވާ ގޮތަށް ހުދުކުލައިގެ ފަތިކެއް ހުރެ އެވެ. މިއަށް ކިޔައި އުޅެނީ ސަޝިކޯ ސްޓިޗިން ޓެކްނީކެވެ. ޖަޕާނުގެ ސަގާފަތާއި މޮޅު ޓެކްނީކް ދައްކާލަދޭ މި ޖޯޒީ އަކީ ސިންޕަލް އަދި ބަލައިލަން އެހާ ހިތްގައިމު ކިޓެކެވެ.

ފްރާންސް، ނައިކީ

ދެން ފެނުނު އެންމެ ބޯލްޑް އެއް ޖޯޒީ ޑިޒައިންއަކީ މިއީ އެވެ. ފްރާންސްގެ ދިދައިގައި ހުންނަ ތިން ކުލައަށް މޮޑާން ކަމެއް ގެނެސް ނައިކީ އިން ވަނީ މި ދިދަ އެތެރެއަށް ވާގޮތަށް ޖޯޒީގެ ފަހަތަށް ލައިފަ އެވެ. ދިދަ ކައިރީގައި "ނޮސް ޑިފަރެންސަސް ނޫ ޔުނިސެންޓް" މިހެން ލިއެފައި އިނދެއެވެ. އެބުނަނީ އެމީހުންގެ ތަފާތުތަކުން އެމީހުން އެކަތިގަނޑަކަށް ހަދައިދޭ ވާހަކަ އެވެ.

ޖާމަނީ، އެޑިޑަސް

އެޑިޑަސްގެ މި ޑިޒައިނަކީ 1990 ވަނަ އަހަރު ޖާމަނީ މީހުން ތިން ވަނަ ފަހަރަށް ވޯލްޑް ކަޕް ކާމިޔާބުކުރި އިރު ލައިގެން ތިބި ޖާޒީން އިންސްޕަޔާވެފައިވާ ކިޓެކެވެ. ކުރީގެ ޕްރިންޓަން އަޕްޑޭޓެއް ގެނެސް އޭގެ މޮނޮކްރޮމް އާ ވާޝަނެކެވެ. އެންމެ ފަހުގެ މުބާރާތުގައި ޖާމަނީ ކާމިޔާބު ކުރި ބެޖު ވެސް ރަން ކުލައިން ޖާޒީގެ މޭމަތީގައި ހަރުކޮށްފައި އިނދެ އެވެ.

ބޮޑެތި ބްރޭންޑުތަކުގެ ހިތްގައިމު ރީތި މޮޅު މަސަތްކަތްތަކަކާ އެކު ވޯލްޑްކަޕް ފެށިގެން އައި އިރު މީގެ އަހަރުތަކެއް ފަހުން ހަނދާން ހުންނާނީ މި ތަނުން ކޮން ޖާޒީއެއް ހެއްޔެވެ؟ އެންމެ ރީތީ ކޮން ޖާޒީއެއްހެއްޔެވެ؟

ފެޝަން

Popular