24 Mar 2023

ދޯ ރެސިޕީ: ރިހާކުރު-ހަވާދުލީ ބިސް

By: Aishath Mihna Nasih

ރޯދަ މަހެއް ފުރިހަމަވާނީ ހަވާދުލީ ބިހެއް ކެވިގެންނެވެ. ޒަމާނާ އެކު، އަހަރެމެންގެ "ފޭވަރިޓް" ހަވާދުލީ ބިސް ވެސް މިއޮތީ މޮޑާން ވެފަ އެވެ. ޓޮމާޓޯލީ ބިހުގެ ބަހުސަށް ފަހު، ޓިކްޓޮކާއި ސޯޝަލް މީޑިއާގައި ބަޓަ ޗިކަން ހަވާދުލީ ބިސް ވެސް ފެނިއްޖެ އެވެ. މިފަހަރު އަނެއްކާވެސް ތަފާތު ބިހެކެވެ. މަޝްހޫރު ކުކިން ބްލޮގް ފުޑްނަސްބައި ސާ އިން ދޯ އަށް، ރިހާކުރު ލީ ބިހުގެ ރެސިޕީއެއް މި އޮތީ ހިއްސާކޮށްފަ އެވެ.

- ބޭނުންވާ ތަކެތި (މަސްގަނޑު ތައްޔާރު ކުރުމަށް)

1 ބޮޑު ފިޔާ (ތުނިކޮށް ކޮށާފައި)، 1 ސަސިސަމުސާ އަސޭމިރުސް، 1 ލުނބޯގެ ހުތް. ½ ސައިސަމުސާ އިނގުުރު (ގާނާފައި)، 8 ހިކަނދިފަތް (ކުދިކޮށް ކޮށާފައި)، 1 ދަޅުމަސް، 2 ގިތެޔޮމިރުސް (ކުދިކޮށް ކޮށާފައި)، 200 ގުރާމު ވަޅޯމަސް، 1 ސައިސަމުސާ ލޮނު، ½ ޖޯޑު ހުނި

ބޭނުންވާ ތަކެތި (ފުށްގަނޑު ތައްޔާރު ކުރުމަށް)

2 ޖޯޑު ފުށް، 1 ޖޯޑު ފެން، 1 ސައިސަމުސާ ލޮނު، 2 މޭޒުމަތީ ސަމުސާ ތެޔޮ

ބޭނުންވާ ތަކެތި (ރިހާކުރު ސޯސް ތައްޔާރު ކުރުމަށް)

1 ބޮޑު ފިޔާ (ތުނިކޮށް ކޮށާފައި)، 1 ރާނބާފަތް (2 އިންޗި ދިގުމިނަށް ބުރިކޮށްފައި)، 1 ގިތެޔޮމިރުސް (ކުދިކޮށް ކޮށާފައި)، ½ ސައިސަމުސާ ދިރި، 8 ހިކަނދިފަތް، ½ ސައިސަމުސާ ލޮނުމިރުސް ހަވާދު، 2 މޭޒުމަތީ ސަމުސާ ޓޮމާޓޯ ޕޭސްޓު، ½ ސައިސަމުސާ އަސޭމިރުސް، 4 މޭޒުމަތީ ސަމުސާ ރިހާކުރު، 2 މޭޒުމަތީ ސަމުސާ ތެޔޮ

ބޭނުންވާ ތަކެތި (ބިސްކެއްކުމަށް)

8 ޖޯޑުފެން، 2 މޭޒުމަތީ ސަމުސާ ތެޔޮ

- ތައްޔާރު ކުރާނެގޮތް

* އެންމެ ފުރަތަމަ ބޯތައްޓެއްގައި މަސްގަނޑު ތައްޔާރުކުރުމަށް ހުރި ފިޔާ، ލުނބޯ ހުތް، ގިތެޔޮމިރުސް، ހިކަނދިފަތް، އިނގުރު، ލޮނު، އަސޭމިރުސް އެއްކޮށްލުމަށް މޮޑެލާށެވެ. އެއަށްފަހު ދަޅުމަހާއި ވަޅޯމަސް އަޅާ ރަނގަޅަށް މޮޑެލާށެވެ. ދެން ހުނިކޮޅު އަޅާފައި ރަނގަޅަށް އެއްކޮށްލުމަށް ފަހު ކުދިކޮށް ގުޅަ ވަށާށެވެ.

* ބޯތައްޓެއްގައި ފުށާއި ލޮނު އެއްކޮލުމަށް ފަހު، ތެޔޮ އަޅާށެވެ. އެއަށްފަހު، ހޫނުފެން މަޑުމަޑުން އެއްކުރަމުން ގޮސް ފުށްގަޑުން ގުޅަވެށޭވަރަށް މޮޑެލާށެވެ. ދެން ކުދިކޮށް ގުޅަވެށުމަށްފަހު ފުއްކޮޅު ތެރެއަށް މަސްގުޅަލައި ރަނގަޅަށް ވައިބޭރުވަންދެން ބައްދާލާށެވެ.

* ތެއްޔެއްގައި ފެން އުދުމަށް ފަހު ތެޔޮ އަޅާށެވެ. ފެންގަނޑު ކެކެންފެށީމައި ބައްދާފައިހުރި ބިސްތައް އެޅުމަށްފަހު ކައްކާލާށެވެ. ބިސްތައް ކެކުމުން ފެންކޮޅު އުކާލާށެވެ.

* ތެލީގައި ތެޔޮ ފޮދު ހޫނުކޮށްލުމަށް ފަހު ރިހާކުރު ސޯސް ތައްޔާރުކުރުމަށް ހުރި ފިޔާ. މިރުސް، ހިކަނދިފަތް، ރާނބާފަތް އެއްކޮށްލާށެވެ. އެއަށްފަހު ދިރި، ލޮނުމިރުސް ހަވާދު، އަސޭމިރުސް އެޅުމަށްފަހު މީރުކޮށްލާށެވެ. ދެން ޓޮމާޓޯ ޕޭސްޓާއި ރިހާކުރު އެޅުމަށް ފަހު ސޯސްގަނޑު ކައްކާލާށެވެ. ސޯސްގަނޑު ކެކުމުން އުނދުން ނިވާލުމަށް ފަހު ފެނުކެއްކިބިސްތަށް ސޯހާއި އެއްކޮށްލާށެވެ. އަދި ތެލީގެ މަތިޖަހާފައި ރަހަތައް ހަރުލައްވަން 10 މިނެޓު ބަހައްޓާށެވެ.

ރެސިޕީ

Popular