By: Asima Nizar
ކެއްކުމަށް ހުންނަ ހާއްސަ ލޯތްބަކާއި ޝައުގެއްގެ ބޮޑުކަމުން ގާތް މީހުންނަށް ކާން ދިނުމަކީ އާމިނަތު ނުޒުހާ (ނުޒޫ) ގެ ބަހުން ނަމަ އޭނާގެ "ލަވް ލެންގުއެޖް" އެވެ. އާއިލާ އާއި އެކުވެރިންނަށް އޭނާގެ ހިތުގައި އޮންނަ ލޯބި ހާމަކޮށްދިން އެ "ކެއްކުންގަނޑު" ވަކި ހިސާބަކުން ބަދަލުވެ "ޑޯނަޓް ފެކްޓަރީ" އަކަށްވީ އެވެ.
ޓީވީ ޕްރެޒެންޓަރެއްގެ ގޮތުގައި ގިނަ ބަޔަކު ދަންނަ އަދި ފަހުން ބްރޯޑްކާސްޓިން ކޮމިޝަނުގެ މެންބަރުކަން ވެސް ކުރި ނުޒޫ މިހާރު ނުފެނުނަސް އޭނާގެ ލޯބި ބަސްތަކެއް ފަދަ ޑޯނަޓުން ކޮންމެ ދުވަހަކު އެތައް ބަޔަކަށް ފޮނިކަން ގެނެސްދެ އެވެ.
އެތައް އަހަރެއް ވަންދެން އުޅުނު ނޫސްވެރިކަން ދޫކޮށްލައި އޭނާގެ ކުޑަކުޑަ ބަދިގެ "ފެކްޓަރީ" އަކަށް ބަދަލުވި ވިޔަފާރީގައި އެޅި ފުރަތަމަ ފިޔަވަޅަކީ 2023 ވަނަ އަހަރު ބޭއްވި ފުޑް ފެސްޓިވަލެކެވެ. އޭނާ ބުނީ ފަސް ދުވަހަށް އޮތް އެ ފެސްޓިވަލްގައި ބައިވެރިވެގެން ރަނގަޅު އާމްދަނީއެއް ލިބުނު ކަމަށެވެ.
ޑޯނަޓް ފެކްޓްރީން ތައްޔާރުކުރި ޓަވަރެއް.
އެ ހިތްވަރުގައި ބަދިގެއިން އެކި އެއްޗެހި ވިއްކަން ފެށި އެވެ. ނަމަވެސް، ގިނަ ބައެއްގެ ތަރުހީބު ލިބުނީ އެ ކުޑަ ބަދިގެއިން އުފަންވި "ޑޯނަޓް ފެކްޓްރީ" ގެ ޑޯނަޓަށެވެ.
އޭނާ ބުނީ ޑޯނަޓް ހަދަން ފުރަތަމަ ދަސްކުރީ ވެސް ޔޫޓިއުބް ބަލައިގެން ކަމަށެވެ. އޭގެ ފަހުން، އަމިއްލައަށް ވެސް އެކި ޓެކްނިކްތަކާ އެކު، ޑޯނަޓް ފައްކާކޮށް ރައްޓެހިންނަށް ރަހަ ދެއްކުމުން އެންމެން ވެސް ވަރަށް ގަޔާވި އެވެ.
އެ ޑޯނަޓް ވިޔަފާރިއަކަށް ބަދަލުވީ ބަލި ކުއްޖަކަށް އެހީ ހޯދަން އޮގަސްޓް، 2023 ހިސާބުގައި އެ ވިއްކަން ފެށި ހިސާބުންނެވެ.
ނުޒޫ. އޭނާ ތައްޔާރުކުރާ ޑޯނަޓަށް ބޮޑު ތަރުހީބެއް ލިބޭ.
"އެހީއަށް ސޯޝަލް މީޑިއާގައި ޖަހާފައި އިން ޕޯސްޓެއް ފެނުނީ. އެ ނަމްބަރަށް ގުޅާފައި ބެލިއިރު ވަރަށް ސްޓްރަގްލް ކުރާ ބޭބީއެއް. އެހެންވެ، ފޭސްބުކްގައި މި ޖެހީ އެ ދުވަހުގެ ޑޯނަޓް ސޭލްސްގެ ހާފް ބޭބީއަށޭ، އަނެއް ހާފް އަޅުގަނޑަށޭ،" ނުޒޫ ބުންޏެވެ.
ޑޯނަޓް ވިއްކަން ފެށީ އާދައިގެ ޗޮކްލެޓުގައި ނަމަވެސް، އަޕްގްރޭޑް ކުރަމުން ގިނަ ބައެއްގެ މެދުގައި މަގުބޫލު ބެލްޖިއަން ޗޮކްލެޓަށް ބަދަލުކޮށް، ފަހަރަކު ފްލޭވާއެއް އިތުރުކުރަން ފެށި އެވެ.
ނުޒޫ ބުނީ އެ ކުޑަ ފެކްޓްރީން މިހާރު ހަ ވައްތަރެއްގެ ޑޯނަޓު ތައްޔާރުކުރާ ކަމަށެވެ. އަދި ރިކުއެސްޓް ކޮށްފި ނަމަ ބިހާއި ހަކުރު ނާޅައި ވެސް ތައްޔާރުކޮށްދެ އެވެ.
"ވަރަށް ލޯބިން ހަދާ އެއްޗެއް މިއީ. އެހެންވެ އަސްލު އެ ތަފާތު އަންނަނީ،" އޭނާ ބުންޏެވެ.
މި މަސައްކަތް ފެށި ފުރަތަމަ ދުވަސްކޮޅު، މީޑިއާގެ ވަޒީފާގައި ބުރަކޮށް އުޅެމުން ވެސް ދުވާލަކު މަދުވެގެން ދެ ފަހަރު ޑޯނަޓު ހަދަން ޖެހެ އެވެ. އަދި އެކި މުނާސަބަތުތަކާއި ޕާޓީތަކަށް ގިނަ އޯޑަރުތައް ލިބެ އެވެ.
ނުޒޫގެ ވިޔަފާރީގެ ބައިވެރިޔަކީ ވެސް އޭނާގެ ހަޔާތު ވެސް ބައިވެރިޔާ އެވެ. ޑޯނަޓްތައް ޕެކްކޮށް ޑެލިވަރީ ކޮށްދެނީ ފިރިމީހާ އެވެ. މާލެ އާއި ހުޅުމާލޭގެ ބައެއް ފިހާރަތަކަށް ވެސް ނުޒޫގެ މި އުފެއްދުންތައް މިހާރު ސަޕްލައިކުރެ އެވެ.
"ޑަންކިން ޑޯނަޓަކީ ވަރަށް މީރު ޑޯނަޓެއް. އޭގެ ޑޯނަޓު ކައިފައި ކުއްޖަކު ބުނި ޑޯނަޓް ފެކްޓްރީގެ ޑޯނަޓު މާ މީރޭ. އެގޮތަށް ބޭރު ގައުމުތަކަށް ދާ ކުދިން ވެސް ވަރަށް ގިނައިން އޯޑަރުކުރާނެ،" ނުޒޫގެ މަސައްކަތުން ލިބޭ ހިތްހަޖެހުން ސިފަކޮށްދެމުން އޭނާ ބުންޏެވެ.
ބްރޯޑްކާސްޓިން ކޮމިޝަން އުވާލުމުން މިވަގުތު ވަޒީފާއެއް ވެސް އަދާ ނުކޮށް ނުޒޫ އެ ހުރީ ކިޔަވަން ވެސް ފަށާފައި ވާތީއާ އެކު އެކަމަށް ގިނަ ވަގުތު ހުސްކޮށް އަދި ވިޔަފާރި ވެސް ފުޅާކުރާށެވެ.
ނުޒޫ ބުނީ ޓީވީ ސްކްރީނުން ގެއްލުނަސް ޑޯނަޓުގެ މި ވިޔަފާރިއާ އެކު އެ ކުޑަ އާއިލާއަށް އިތުރު ދިރުމެއް އައިސްފައިވާ ކަމަށެވެ. މި ވަގުތު އާމްދަނީ ލިބޭ ހަމައެކަނި މަސައްކަތަކީ އެއީ އެވެ.
"މި ވަގުތު ފިރިމީހާއާ ދެ މީހުން ވެސް ކިޔަވަނީ. އެކަމަކު، މި ވިޔަފާރިން ލިބޭ އާމްދަނީއަކުން މި ދިރިއުޅެމުން އަންނަނީ،" މަސައްކަތުގައި ފިރިމީހާގެ ފަރާތުން ލިބޭ އެހީއަށް ޝުކުރުވެރިވަމުން ނުޒޫ ބުންޏެވެ.
"ޑޯނަޓް ފެކްޓްރީން ދިރިއުޅުމަށް އަސްލު ވެސް ބަދަލު ގެނެސްދީފި. މިހާރު ވެސް މި މަސައްކަތުން ލިބޭ އާމްދަނީން އެކަނި އަޅުގަނޑުމެން ދެމަފިރިންގެ ހަރަދާއި ދެ ކުދިން އަދި ގޭގެ ހަރަދުތައް މި ކުރަނީ."