19 Aug 2017

ދިވެހިންގެ ތެރޭގައި ޕީނަޓް ބަޓަރުގެ އޮޅުންބޮޅުން

By: Asiya Abdul Raheem (Dietician)

ހަށިގަނޑުގެ ބަރުދަން ލުއިކުރުމަށް ޓަކައި، އަދި ހަކުރު ކޮންޓްރޯލް ކުރުމުގެ ގޮތުން މިހާރަކަށް އައިސް ޕީނަޓް ބަޓަރު ރާއްޖޭގައި އެބަ ބޭނުން ކުރެ އެވެ. މިއީ، މި ދެންނެވި ދެ ކަންތަކަށް ވެސް ރާއްޖޭގައި ބައެއް މީހުންގެ މެދުގައި މަޝްހޫރުވަމުން އަންނަ އެއްޗެކެވެ.

އެހެން ނަމަވެސް ޕީނަޓް ބަޓަރަކީ ހަށިގަނޑުން ހަކަތަ އަންދާ މިންވަރު އިތުރުކޮށްދޭ އެއްޗެއް ނޫނެވެ. ފިހާރަތަކަށް ވަދެލައި، އެ ފިހާރަތަކުގައި ހުރި ޕީނަޓް ބަޓަރު ފުޅިތަކުގެ އިންގްރީޑިއަންޓް ލޭބަލަށް ބަލައިލުމުން ވެސް މިފަދަ އެއްވެސް މާއްދާއެއް ހިމެނޭ ކަމަކަށް ނުފެނުނެވެ. އެހެންކަމުން މި ލިޔުމުގައި ރާއްޖޭގެ މާކެޓުގައި ހުރި ފަސް ވައްތަރެއްގެ ޕީނަޓް ބަޓަރުގައި ހުރި ނިޔުޓްރިއެންޓް ވެލިޔު ހިއްސާކޮށްލާނަމެވެ. (ވިޔަފާރީގެ މަސްލަހަތަށް ޓަކައި އެއީ ކޮން ބްރޭންޑްތަކެއްގެ ޕީނަޓް ބަޓަރު ކަމެއް މި ލިޔުމުގައި ވަނީ ސިއްރު ކުރެވިފަ އެވެ.)

- ކޮންމެ ބްރޭންޑަކުން މޭޒުމަތީ ދެ ސަމްސާ

ބްރޭންޑް – ހ

އެކުލެވެނީ: ބަދަން، ހަކުރު، ތެޔޮ، ލޮނު

7 ގްރާމް ކާބޮހައިޑްރޭޓް (1 ސައިސަމްސާ ހަކުރު)

8 ގްރާމް ޕްރޮޓީން

18 ގްރާމް ފެޓް (4 ސައިސަމްސާ ތެލާ އެއްފަދަ)

ބްރޭންޑް ށ

އެކުލެވެނީ: ބަދަން، ހަކުރު، ތެޔޮ، ލޮނު

7 ގްރާމް ކާބޮހައިޑްރޭޓް (1 ސައިސަމްސާ ހަކުރު)

8 ގްރާމް ޕްރޮޓީން

18 ގްރާމް ފެޓް (4 ސައިސަމްސާ ތެލާ އެއްފަދަ)

ބްރޭންޑް ނ

އެކުލެވެނީ: ބަދަން، ހަކުރު، ތެޔޮ، ލޮނު

8 ގްރާމް ކާބޮހައިޑްރޭޓް (1 ސައިސަމްސާ ހަކުރު)

9 ގްރާމް ޕްރޮޓީން

19 ގްރާމް ފެޓް (4 ސައިސަމްސާ ތެލާ އެއްފަދަ)

ބްރޭންޑް ރ

އެކުލެވެނީ: ބަދަން، ހަކުރު، ތެޔޮ، ލޮނު

8 ގްރާމް ކާބޮހައިޑްރޭޓް (1 ސައިސަމްސާ ހަކުރު)

9 ގްރާމް ޕްރޮޓީން

19 ގްރާމް ފެޓް (4 ސައިސަމްސާ ތެލާ އެއްފަދަ)

ބްރޭންޑް ބ

އެކުލެވެނީ: ބަދަން، ހަކުރު، ތެޔޮ، ލޮނު

7 ގްރާމް ކާބޮހައިޑްރޭޓް (1 ސައިސަމްސާ ހަކުރު)

8 ގްރާމް ޕްރޮޓީން

18 ގްރާމް ފެޓް (4 ސައިސަމްސާ ތެލާ އެއްފަދަ)

މިއިން އެނގެނީ ހުރިހާ ވައްތަރެއްގެ ޕީނަޓް ބަޓަރެއްގައި ވެސް އެންމެ ގިނައިން ހިމެނޭ މާއްދާއަކީ ބަދަން ކަމެވެ. ބަދަނަކީ ހަށިގަނޑަށް ފައިދާކުރާ ފެޓް ހިމެނޭ ބާވަތެކެވެ. ނަމަވެސް މިއީ ކެލަރީ ގިނަ ބާވަތަކަށް ވެފައި ދުވާލަކަށް މޭޒުމަތީ ދެ ސަމްސަލަށް ވުރެ ގިނައިން ކެއުން އެހާ ރަނގަޅެއް ނޫނެވެ.

ނަމަވެސް ބަދަނުން ޕީނަޓް ބަޓަރު ހަދާއިރު އެ ހުންނަނީ އެހެން ބާވަތްތަކެއް ވެސް އެއްކޮށްފަ އެވެ. ވީމާ އެއްކޮށްފައިވާ އެހެން ބާވަތްތަކަށް ނުބަލައި ޕީނަޓް ބަޓަރަކީ ބަރުދަން ލުއިކޮށްދޭ އެއްޗަކަށް ނިންމުން ރަނގަޅެއް ނޫނެވެ.

ހުރިހާ ވައްތަރެއް ޕީނަޓް ބަޓަރެއްގައި ދެވަނަ އަށް އެންމެ ގިނަ ބާވަތަކަށް އެކުލެވިގެންވަނީ ހަކުރެވެ. ކޮންމެ މޭޒުމަތީ ސަމްސަލެއްގެ ޕީނަޓްބަޓަރުގައި ½ ސައިސަމްސާ ހަކުރު އެކުލެވޭއިރު ހަކުރަކީ ހަށިގަނޑުގެ ބަރުދަން އިތުރުވާ އަދި ހަކުރު މައްޗަށްދާ ބާވަތަކެވެ.

ތިންވަނަ އަށް އެންމެ ގިނަ މާއްދާއަކަށް ހުރިހާ ވައްތަރެއްގެ ޕީނަޓް ބަޓަރެއްގައި ވެސް ހިމެނެނީ ޕާމް ތެލެވެ. ޕާމް ތެލަކީ ހަށިގަނޑަށް ގެއްލުން ކުރުވާ އަދި ހިތުގެ ބަލިޖެހުމުގެ ފުރުސަތު އިތުރުކޮށްދޭ ސެޗުރޭޓަޑް ފެޓް ވަރަށް ގިނައިން ހިމެނޭ ބާވަތެކެވެ. މޭޒުމަތީ ސަމްސަލެއްގެ ޕީނަޓް ބަޓަރުގައި ދެ ސައިސަމްސާ ތެޔޮ ހިމެނޭއިރު ކޮންމެ ދުވަހަކު ޕީނަޓް ބަޓަރު ބޭނުންކުރާ ނަމަ ހަށިގަނޑުގެ ބަރުދަން އިތުރު ވުމުގެ އިތުރުން ހިތުގެ ބަލިޖެހުން ވަރަށް ގާތެވެ.

މި ދެންނެވުނު ހުރިހާ ވާހަކަތަކަށް ބަލައި، ޕީނަޓް ބަޓަރަކީ ހަށިގަނޑުގެ ބަރުދަން ލުއިކުރުމަށް ޓަކައި ނުވަތަ ހަކުރު އަދި ކޮލެސްޓްރޯލް ދަށްކުރުމަށް ޓަކައި ރަނގަޅު އެއްޗެއްތޯ އަމިއްލަ އަށް ވެސް ނިންމިދާނެ އެވެ. ކަން މިހެން އޮތް ނަމަވެސް، ރާއްޖޭގައި މަޝްހޫރުވެގެން އުޅޭ ބައެއް ޑައިޓްތަކުގައި ވެސް ޕީނަޓް ބަޓަރު ބޭނުންކުރަން ވަރަށް ބާރުއަޅަ އެވެ. ނަމަވެސް މި ޑައިޓްތަކަކީ ކޮން ބަޔަކު، ކިހިނެއް ހަދާފައި ހުރި ޑައިޓްތަކެއްތޯ ވިސްނާލުން ވެސް ރަނގަޅެވެ.

މި ދެންނެވީ ޕީނަޓް ބަޓަރަކީ އެއީ ކެއުން މުޅިން މަނާ އެއްޗެކޭ ނޫނެވެ. ނަމަވެސް ހިކެން ބޭނުން ކުރާ އެއްޗެއް ގޮތުގައި ކޮންމެ ދުވަހަކު ބޭނުންކުރުން ރަނގަޅު ނޫން ވާހަކަ އެވެ.

ދުޅަހެޔޮ ދިރިއުޅުން ފައިދާހުރި ކާނާ

Popular