18 Mar 2018

ރޯ ބިހުން ސިއްހަތަށް ނުރައްކާ!

ރޯ ބިހުން ސިއްހަތަށް ނުރައްކާ!

By: Asiya Abdul Raheem (Dietician)

ބިހަކީ ތަފާތު ގޮތްގޮތަށް ތައްޔާރު ކޮށްލައިގެން ކައި އުޅޭ މައިގަނޑު އެކައްޗެވެ. އާންމު ކެއުމުގައި ބިސް ފޮޅިގަނޑު އަޅައިގެން ނުވަތަ ފެނުކައްކައިގެން ކެއުމުގެ އިތުރުން ބިސް ރިހަ، ޕުޑިން، ބިސްކީމިޔާ، ބިސް ކަޓްލަސް ފަދަ ހެދިކާ އަދި ތަފާތު ބާވަތްބާވަތުގެ ފޮނި ކާ ތަކެތި ތައްޔާރު ކުރުމަށް ވެސް ބޭނުން ކުރެއެވެ.

ޑައިޓީޝަންސް އޮފް ކެނެޑާ (2018) އަދި އޮސްޓްރޭލިއަން ހާޓް ފައިންޑޭޝަންގެ ރިކޮމެންޑޭޝަންސްގައިވާ ގޮތުން ދުވާލަކަށް އެއްބިސް ކެއުން ހުއްދަ ކަމުގައި ވިޔަސް އެލްޑީއެލް (ހަށިގަނޑަށް ގެއްލުންވާ ކޮލެސްޓްރޯލް) މައްޗަށް ދިޔުމުގެ ފުރުސަތު ބޮޑު މީހުން ގޮބޮޅިއާ އެކު މާ ގިނައިން ބިސް ކެއުން ރަނގަޅެއް ނޫނެވެ.

މިހެން މިކަން އޮތް ކަމުގައި ވިޔަސް ބޮޑީ ބިލްޑަރުން އަދި އެ ނޫނަސް އެހެން ބައެއް މީހުން ވަރަށް ގިނަ އަދަދަކަށް ބިސް ކައި އުޅެއެވެ. އަދި ބައްޔެއްގެ ސަބަބުން އަނގައިން ނުކެވި ކާންދޭ ހޮޅި ގުޅުމުން އޭގެތެރެއަށް އަޅާ ކާނާއެއްގެ ގޮތުގައި ވެސް ބިސް ހިމެނެ އެވެ. މިގޮތަށް ކާންދޭ ހޮޅި މެދުވެރިކޮށް ބިސް ކާ އިރު ބަލިމީހާ އަށް ގެއްލުން ވެދާނެ ބައެއް އާދަތައް އަޅުގަނޑުމެނަށް ބައެއްފަހަރު ގެންގުޅެވެއެވެ. ކާންދޭ ހޮޅިން ބިސް ކާން ދޭއިރު އަޅުގަނޑުމެނަށް ބައެއްފަހަރު ބިސް ރޮލާ ދެވެ އެވެ. މިގޮތަށް ބިސް ރޮލާ ދިނުމަކީ ސިއްހީ ގޮތުން އެހާ އެދެވޭ ކަމެއް ނޫނެވެ. އެއް ސަބަބަކީ ބިހުގެ ތޮށީގައި ބައެއް ފަހަރު ހުންނަ ސަލްމޮނެއްލާ ޓައިފިމިޔުރިއަމް އޭ ކިޔާ ޖަރާސީމެއްގެ ސަބަބުން ބޭރަށް ހިންގުމުގެ ފުރުސަތު އޮތީމަ އެވެ.

ރޯބިސް ކެއުމުން ސިއްހީ ގޮތުން ލިބޭ އަނެއް ގެއްލުމަކީ ބަޔޮޓިން މަދުވުމެވެ. ބަޔޮޓިން އަކީ ފެނަށް ގިރޭ ވިޓަމިންގެ ބާވަތްތަކުގެ ތެރެއިން ބަދަން، މާކަނަމަދު، ބިސް އަދި ކިރު ފަދަ ކާނާއިން ލިއްބައިދޭ ހަށިގަނޑުގައި ހަކަތަ އުފައްދައިދޭން ބޭނުންވާ އެއް މާއްދާ އެވެ. ބަޔޮޓިން މަދުވާކަމުގެ އަލާމާތެއް ގޮތުން ހަމުގެ ބައެއް ބަލި، އަދި އިސްތަށި ފޭބުން ފަދަ ކަންކަން ކުރިމަތިވެދާނެ އެވެ.

ހޮޅިން ކާން ދިނުމުގައި އެންމެ ރަނގަޅު ގޮތަކީ ޑައިޓީޝަނެއްގެ ލަފަޔާ އެކު ކާން ދިނުން ކަމުގައި ވިޔަސް ޑައިޓީޝަނެއްގެ ލަފާ ހޯދަން ދަތި ވެއްޖެ ހާލަތެއްގައި ވެސް ކާންދޭ ނަމަ ރޯބިސް ކެއުން ރައްކާތެރިއެއް ނޫނެވެ. ކާންދޭ ހޮޅިން ބިސް އަޅަން ކޮންމެހެން ބޭނުން ނަމަ ބިސް ބޭނުންކުރަން ވާނީ ރަނގަޅަށް ކައްކައިފަ އެވެ. އަދި ކާންދޭ ހޮޅިން އަޅަން ނޫނަސް ބޭހަކަށް ވިއަސް ކާން ރޯބިހަކީ ރައްކާތެރި އެއްޗެއް ނޫނެވެ.

މަޢުލޫމާތު ހޯދީ: ޑައިޓީޝަންސް އޮފް ކެނަޑާ (2018)ގެ ގައިޑްލައިން، އޮސްޓްރޭލިއަން ހާޓް ފައުންޑޭޝަން އަދި ޑައިޓީޝަންސް އެސޯސިއޭޝަން އޮފް އޮސްޓްރޭލިއާގެ ގައިޑްލައިންތަކަށް ބިނާކޮށް ރާއްޖޭގައި އަޅުގަނޑުމެންގެ ހުރި ބައެއް އާދަތަކަށް އަލި އަޅުވާލައިފައި.

ބިސް ދުޅަހެޔޮ ދިރިއުޅުން ފައިދާހުރި ކާނާ

Popular